"ކިޔާން ކީކޭތަކީ؟" ކުޑަހިނދުކޮޅަކަށް ހިމޭންވުމަށްފަހު ޔޫހާ ބުނެލި އެވެ.
"ހަޑިކޮށް އުޅުނު ބޭބެއެއް އައީއޯ، މަންމިއަށް ތަދުކޮއްލަން އުޅުނިއްޔޯ... އަދި ނުވިތާކަށް ކޮޓަރީގަ ހުރި އެއްޗެހި ހަލާކުކުރި ވާހަކަވެސް، އެ އުމުރުގެ ކުއްޖަކު ހަމަ ހުރެފަ މިފަދަ ވާހަކައެއް ނުދައްކާނެ ދޯ، އަހަންނަށް ޔަގީން އެސޮރަށް ކޮންމެވެސް މަންޒަރުތަކެއް ފެނިގެންކަން އެހެންބުނާނީ" މިހެން ބުނެލި ޝާއިންގެ އަޑުގައިވާ ހިތްހަމަނުޖެހުން ޔޫހާއަށް އިޙްސާސް ކުރެވުނެވެ.
"ޝާއިން ކައިރީތަ އެހެންބުނީ" ޔޫހާ މިހެން އަހާލީ މަޑުމައިތިރި ކަމާއިއެކު އެވެ.
"ދެން އެހެން ކާކު ކައިރީ، އޭނަ ދެކޭގޮތުގަ އަހަރެން ނޫނީ އޭނަގެ މަންމަ ސަލާމަތްކޮއްދެވޭނެވަރުގެ މީހަކުނެއް، ގޭގަ އިތުރު ފިރިހެނަކު އުޅެނީކީ ނޫން، ކިޔާން އަހަންނަށް ބައްޕަ ނުކިޔަސް އަހަންނަށް އެނގޭ އެސޮރު ހިމާޔަތަކަށް އެދި ބަލާނީ އަހަންނަށްކަން، އޭނަގެ މަންމައަށް ވެސް ހިމާޔަތްދެވޭނީ އަހަންނަށްކަން... އޭނަ ހުރީ ބިރުވެސް ގަނެފަ، ކިޔާން އަހަރެން ކައިރީ އަހަނީ އެއީ ކޮއްކޮ ނުކައި ދުވާތިވެގެން އައި ބޭބެއެއްހޯ، ދެން މަންމިގެ ބަސްއަހާނަމޯ... ޔޫހާ ވިސްނާލަބަލަ، އެ ކުއްޖާއަށް ތިހިނގި ކަމެއްގެ ސަބަބުން ކުރި އަސަރު.... ބުނެބަލަ އެއީ ކާކުތަ، ކީއްވެ އަހަރެންގެ ގެއަކަށް އޭނަ ވަންނަން ޖެހުނީ، ޔޫހާ ބުނެގެންތަ އޭނަ އައީ" ޝާއިން ބުނެލިއެވެ. އޭނަގެ ވާހަކަތަކުން ވެގެން އުޅޭގޮތެއް ހޯދުމަށް ކިހާ ކެތްތެރިކަން ކުޑަވެފައިކަންވަނީ ޔޫހާއަށް އެނގުނެވެ. އެހެންނަމަވެސް އެއްޗެއް ބުނަން އަނގަހުޅުވާލާފަވެސް ތިރީ ތުންފަތުގައި ދަތްއަޅާލަމުން ޔޫހާ ހިމޭންވި އެވެ. ގެއާއި ހަމައަށް އާދެވެންދެން ވެސް ޔޫހާ ބަހެއް ބުނެނުލާ ހިމޭނުން އިނީއެވެ. ޝާއިން ސުވާލުކުރުން ހުއްޓާލީ ޔޫހާ އަނގައިން ނުބުނާނެކަން ޔަގީންވުމުންނެވެ.

ގޭދޮރުމަތީ މަގުގެ އަނެއްފަރާތުގައި ސައިކަލު މަޑުކޮއްލުމާއިއެކު ޔޫހާ ފައިބައިފިއެވެ. ޝާއިން ސައިކަލު ޕާކުކޮއްލާފައި ހުންގާނު ތަޅުލުމާއިއެކު ހިނގައިގަތީ ގެއަށް ވަނުމަށެވެ. އޭނަ އާއިއެކު ޔޫހާވެސް މަޑުހިނގުމެއްގައި ހިނގައިގަނެއްޖެ އެވެ. އަފްލީން އާއި ކިޔާން އެކަނި ގޭގައިވުމުން ޝާއިން ދިޔައީ ގޭގެ ދޮރާށި ތަޅުލާފައެވެ. އެހެންވެ ޔޫހާ ގޮވައިގެން ގެއަށްވަނުމަށް ބޭރު ދޮރާށީގެ ތަޅުހުޅުވަން ޖެހުނެވެ.
"ޝާއިން..." ސިޓިން ރޫމު ދޮރުތަޅުލާފައި ކޮޓަރިއަށްވަންނަން ހިނގައިގަތް ޝާއިންއަށް ޔޫހާ ގޮވާލިއެވެ.
"އަހަންނަކަށް ނޭގެ ޔޫހާއަށް ވާހަކަދައްކަންވި ގޮތެއް" ޝާއިން އެނބުރި ސޯފާކައިރީގައި ހުއްޓިލައިގެން ހުރި ޔޫހާއަށް ބުނެލިއެވެ. ބުނެލިގޮތުން އޭނަގެ ހިތްހަމަނުޖެހުން އޭރުވެސް ފިލައިގެން ނުދާކަން އެނގުނެވެ.
"މިވާހަކަ ކިޔާދޭނެ ގޮތެއް އަހަންނަކަށް ނުވިސްނުނު، އަހަރެން ހިއެއްނުކުރަން މިހާވަރުވާނެއެކޭ، އޭނަ މިގެއަށް އަންނާނެއެކޭ" ޔޫހާ މަޑުމަޑުން ބުނެލި އެވެ.
"އެއީ ކާކުތަ، ޔޫހާ ރިލޭޝަންއެއް ފެށީތަ؟" ޝާއިން ސުވާލުގެ ނަޒަރަކުން އަހާލި އެވެ.
"ނޫން ނޫން، އެފަދަ ކަމަކާ އަހަރެން އަދި ނުވިސްނަން.... ސޮރީ ޝާއިން، އަހަންނަށް މާފުކުރޭ، އަހަންނަށް އެނގިގެންނެއް ނޫން އޭނަ މިގެއަށްވަނީ، އަހަރެން އެފަދަ މީހަކު ގެއަށް ވައްދާނެއޭ ހީވަނީތަ، ޝާއިންއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެންގެ ދަރިފުޅަކީ އަހަރެންގެ ހުރިހާ އެއްޗެއްކަން، އަދި އަހަރެންގެ މުޅި ދިރިއުޅުންވެސްމެ... މިވާހަކަ ދައްކާނީ ކިހިނެއްކަން ނޭގިގެން މިއުޅެނީ... އެހިތި މާޒީ އާއި ގުޅިފައިވާކަން ހުރިހާވެސް މައްސަލައަކީ، ޒަހަމްތައް ފަސޭހަކުރުމަށް އެޅި މަލަންގަނޑު ނައްޓާލީ ޒަހަމްކޮއްލި ރަހުމު ކުޑަ އަތުންކަމަށްވީތީ" ޔޫހާގެ މޭގައި ރިހުމެއް އުފެދިގެން ދިޔަހެން އިޙްސާސްކުރެވުނެވެ. އެއާއިއެކު ޖޯޑުކޮއްލި ދެ އަތް ގެނެސް މޭގައި ޖައްސާ ބާރުކޮއްލެވުނެވެ.
"ކީކޭ...." ޝާއިންއަށް ލިބުނު ހައިރާންކަމާއިއެކު ބުނެލި އެވެ.
"ޝާއިން، އަހަރެންނަށް ހަދާނެގޮތް ހުސްވެއްޖެ، ކިހާ ދުވަހަކު މިކަމަކާ ކުރިމަތި ލާންޖެހޭނެބާއޭ ހިތަށް އަރާ" ޔޫހާ އިސްޖަހާލަމުން ބުނެލިއެވެ.
"ޔޫހާ.... އޭނަ.... އޭނަ އައީތަ، ނިކަން ސާފުކޮއް ކިޔާދީބަލަ" ޝާއިން ޔޫހާގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ބުނެލީ ހާސްވައިހުރެ އެވެ.
"އާން، އޭނަ އައީ، މިހާރު އަހަންނާ ދިމާވިތާ ފުދޭވަރަކަށް ދުވަސްވެއްޖެ، އަހަރެންގެ މޮޔަކަމުން ބުނެވުނީ ކިޔާން އެއީ އޭނަގެ ދަރިއެކޭ... ޝާއިން، އޭނައަކީ އާދައިގެ މީހެއްނޫން، އަހަންނަށް ބޮޑު އޮޅުވާލުމަކުންވަނީ އޮޅުވާލާފަ... އަހަރެން ކިހާ ލޯބިވީން އޭނަދެކެ، އެކަނިމާ އެކަނިވިޔަސް މިދަރިފުޅު މިދުނިޔެއަށް އުފަންކުރަން ނިންމިއިރުވެސް މިހާރު ހިތުގަމިއަޅާފަދަ ވޭނެއް ނާޅާ، އެހާ ހިތްވަރުވެސް ހުރި، އެކަމަކު އޭނަ އަހަރެން ބަލިކަށި އަންހެނަކަށް ހަދައިލައިފި... ކީއްވެތަ އަލުން ދިމާވާންވީ" ޔޫހާ ހިފަހައްޓަން މަސައްކަތްކުރިއަސް އެދެލޮލުން ކަރުނައިގެ އަސަރުފާޅުވެގެންދިޔަ އެވެ.
"ޔޫހާ...ޔޫހާ... އާދޭ މިތާ އިށިންނަން" ޔޫހާއަށް ރޮވެންފެށުމުން ޝާއިން އޭނަ ގެނެސް ސޯފައިގައި ބޭންދިއެވެ.
"އޭނަ މިހާރު އެ އުޅެނީ ކޮންކަމެއް ބޭނުންވެގެންތަ، ޔޫހާ އާއި ގުޅެން ބޭނުންވަނީތަ" ޝާއިން ޔޫހާގެ ދެއަތުގައި ހިފާލައިގެން އިނދެ ވާހަކަ ދެއްކިއެވެ. އެވަގުތު ޔޫހާގެ ކޮޓަރި ދޮރުހުޅުވާލާފައި އަފްލީން ނުކުތެވެ. ސިޓިން ރޫމުގެ ފަނޑުއަލިކަމުގެ ތެރޭ ޔޫހާ އާއި ޝާއިން އިންގޮތުން އޭނަ ހައިރާންވި އެވެ. އެހެންވިޔަސް ޔޫހާ ނޭފަތް ދަމާލަމުން އަވަސް އަވަހަށް ލޯފޮހެލި މަންޒަރު ފެނުމާއިއެކު އޭނަގެ ޝައްކު ފިލައިގެން ހިނގައްޖެ އެވެ.
"އަފޫ، ކިހިނެއްވީ؟" ޝާއިން އަވަސް އަވަހަށް އަހާލިއެވެ.
"ކަމެއްނުވޭ، ޔޫހާ އައިތޯ ބަލާލަން މިނުކުތީ... އޯކޭ، ޔޫހާ ނިދަންވަދެފަ އަހަންނަށް ގޮވާލާ އެނގޭ" އަފްލީން ބުނެލިއެވެ. ޔޫހާ ރޯންވީ ކީއްވެބާއޭ އޭނަގެ ހިތަށް އެރިނަމަވެސް ޝާއިން ޔޫހާގެ ގާތުގައި އިނުމުން އެކަމުގެ ތެރެއަށް ނުވަނުންކަން އެންމެ ރަނގަޅުވާނީ އަފްލީންގެ ހިތްބުންޏެވެ. އެހެންވެ އަފްލީން އެނބުރި ޔޫހާގެ ކޮޓަރިއަށްވަދެ ދޮރުލައްޕައިފި އެވެ.
"އޭނަ ބޭނުންވެގެން އުޅޭ ކަމެއް އަހަންނަށްވެސް ނޭގެ، ޝާއިން، އިތުރަށް މިވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނޫން.... އަފޫވެސް އެނިކުތީ، އޭނަ ފަހުން ސުވާލު ކުރާނެ، މިހުރިހާ ކަމެއް އޭނައަށް އެނގޭކަށް އަހަރެން ބޭނުމެއް ނޫން، ޕްލީޒް" ޔޫހާ ޝާއިންއަށް ބަލާލަމުން ބުނެލިއެވެ.
"އަދިއަދަށްވެސް އެއީ ކޮންނަމެއް ކިޔާ ކާކުކަންވެސް ޔޫހާ އަހަރެން ގާތު ނުބުނޭ، މުޅިންވެސް ބުނަނީ ކިޔާންގެ ބައްޕައޭ... އޭނަގެ ނަން ތި ދުލުން ކިޔާލިއަޑެއް ނާހަން، ކިތަންމެ އެނގެން ބޭނުންވިޔަސް ޔޫހާއަށް މަޖުބޫރުކުރުމެއްނެއް، ދެން ދޭ ނިދާލަން، އެކަމަކު ބުނަން، އޭނަ އެގޮތަށް އައިސް މިގެއަށް ވަންނަންޏާ އަހަންނަށްވެސް ބަލާކަށް ނުހުރެވޭނެ... ތިދެމައިންނަކީވެސް އަހަރެންގެ އާއިލާ ކަމުގައި އަހަރެން ދެކެނީ، އެހެންވެ މިހެން މިބުނީ" ޝާއިން ކަކުލުގައި ދެއަތް އަޅުވާލަމުން ކުޑަކޮށް ގުދުވެލައިގެން އިނދެ ބުނެލިއެވެ.

ނިންޖަކީ މިހާރު ޒައުލްގެ ލޮލާ ދުރުއެއްޗެއް ކަމުގައިވަނީ ވެފައެވެ. ފަހަކަށް އައިސް ކޮންމެ ރެއަކުހެން އޭނަ އުޅެންޖެހެނީ ނިދި ނައިސްގެންނެވެ. ކުރެވޭ ފިކުރަކީ ޔޫހާ އާއި ކިޔާންގެ ފިކުރެވެ. ޔޫހާމެން ގޭތެރޭގައި ހިނގާދިޔަ ކަންތައްގަނޑެވެ.
"އެއީ ހެދުނު ގޯހެއް... އެގޮތަށް ޔޫހާގެ އެއްޗިއްސަށް ގެއްލުން ދޭކަށް ނުވާނެ، އަހަރެން ބޭނުންވި ގޮތެއް ނޫން އެއީ، ކިޔާން.... ކިޔާން އެއީ އަހަރެންގެ ދަރިއެއް، ޔޫހާ އެވަރުން އަހަރެންނާއި ކިޔާން ދުރުކުރަން އެއުޅެނީ އެހެންވެ... އެހެންވިޔަސް އަހަރެން ޓެސްޓު ހަދާނަން، އަހަރެންގެ ދަރިފުޅު އަހަންނަށް ނަފުރަތު ކުރާކަށް ބޭނުމެއްނޫން... ދެން ހަދާނީ ކިހިނެއް، ޔޫހާ..." ޒައުލް އެނދުން ތެދުވެ ބޯހޫރާލަމުން ބުނެލިއެވެ. އޭނަ ކޮޓަރި ތެރޭ ދެކޮޅަށް ހިނގަންފެށިއެވެ. ދޭތެރެއަކުން ހާސްކަން އިތުރުވާއިރަށް ބޮލުގައި އަތްހާކާލާނެއެވެ. ނޫނީ ދަތްދޮޅީގައި އަތް ހާކާލާނެއެވެ. އިރުގަނޑަކު މިހާލުގައި އުޅުމަށްފަހު އެނދުގައި އިށީނދެއްޖެއެވެ. އަދި އެނދުގެ އެއްފަރާތުގައި ހުރި ކުޑަމޭޒުގެ މަތީ ހުރި ބިއްލޫރި ފެންޖަގުން ދެތިން ފެންތަށި ބޯލުމަށްފަހު ލޯ މަރާލިއެވެ.
"އެނގިއްޖެ...." ޒައުލް ކުޑަކޮށް ހިނިތުންވެލަމުން ބުނެލިއެވެ. އަދި ލިބުނު ހިތްހަމަޖެހުމާއިއެކު އެނދުގައި ދެއަތް ފުޅާކޮއްލާފައި އުއްޑުން އޮށޯވެއްޖެ އެވެ. އެހެންވިޔަސް އޭނަގެ ހިތާ ސިކުނޑިއާއި ޔޫހާގެ ހިޔާލުތަކެއް ދުރެއްނުވެ އެވެ.

ޖެހިގެން އައިދުވަހެވެ. ޔޫހާ ހަމަ ތެޅިފޮޅެނީއެވެ. ލަހުން ހޭލެވުނީތީ ޝާއިން އޮފީހަށް ދާންވާއިރަށް ސައި ނުހެދިގެންނެވެ. ޕާނެއްހާ ހިސާބުވެސް އެވަގުތު ގޭގައި ނެތުމުން އަވަހަށް ގޭމަގުގައި ހުރި ފިހާރަށް ދިޔައީ ޕާނެއް ހޯދާށެވެ. އެގަނެގެން ގެއަށް އައިސް ވަތްއިރު ޝާއިން ސިޓިން ރޫމުން އޮފީހަށްދާން ނުކުންނަނީ އެވެ.
"އަޅޭ، ސޮރީ... މާ ލަސްވީ، މިއަދު ސައިވެސް ނުލިބުނު ދޯ" ޔޫހާ ޝާއިން ނުކުތުމަށް ތަން ދައްކަމުން ބުނެލިއެވެ.
"ރަނގަޅުވާނެ، އަހަރެން އެކޮޅުން ސައިބޯލަ ފާނަން...." މިހެން ބުނެ ޝާއިން ނުކުމެގެން ހިނގައްޖެ އެވެ.

މަންސޫރު އާއިލާގެ ދުވަސް ފެށުނީ އެހެން ދުވަސް ތަކެކޭވެސް އެއްގޮތަށެވެ. ކޮންމެ ކަމެއްވެސް ގަޑިން ގަޑިއަށް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ކުރިއަށް ދިޔައެވެ. ޒައުލް ޕާރކްވިއުއަށް ދިޔައީ ދިހައެއް ޖަހާލާކަން ހާއިރުއެވެ. އޭނަގެ ކެބިންއަށް ނުވަދެވެނިސް ފައުޒީ ފައިލެއް ހިފައިގެން އޭނަގެ ގާތަށް އަތުވެއްޖެއެވެ.
"މީ ކޮންފައިލެއް" ޒައުލް ފައުޒީ ދިއްކޮއްލި ފައިލުގައި ހިފަމުން ބުނެލިއެވެ. އަދި ކެބިންގެ ތެރެއަށް ވަދެ އޭނަގެ މޭޒުގެ ކައިރީ އިށީނުމަށް ދިޔައެވެ.
"ފަރުވާކުޑަ މުވައްޒަފުންގެ ރެކޯރޑްސްތައް" ފައުޒީ ބުނެލި އެވެ.
"އޯކޭ، ފަހުން އަހަރެން ބަލާލާފަ އަންގާނަން ވަކިގޮތެއް، އެންމެ ރަނގަޅު ދެންދިޔަޔަސް" ޒައުލް ފައިލްގެ އެތެރެއަށް އަވަސް ނަޒަރެއް ދީފައި ބުނެލި އެވެ. ފައުޒީ އަދަބުވެރި ކަމާއިއެކު ނުކުމެގެން ދިޔައެވެ. ޒައުލް ގޮނޑީގައި ހަމަޖެހިލުމަށްފަހު އޭނަ ވިސްނަންފެށި އެވެ. ރޭގައި އޭނަ ރޭވި ކަންތައްތައް ކުރިއަށް ގެންދާނެ ގޮތަކާއިމެދުއެވެ. އޭނަ ޔޫހާގެ ޑިއުޓީ އޮތް ގަޑިއެއް ޔަގީން ކުރިއެވެ.
"ޖަމާލް، ކާރު ރެޑީކޮއްލާ، އަހަރެން މި ފައިބަނީ" ޒައުލް އޮފީހަށް އައީ ދެންމެ ކަމުގައިވިޔަސް އޭނަ ޖަމާލްއަށް ފޯނުން ގުޅާލުމަށްފަހު އޭނަގެ ކެބިންއިން ނުކުތެވެ.
ކާރުގައި ޖަމާލްއާއިއެކު ޒައުލް ނުކުތީ ދުވަހަކު ވެސް މީގެ ކުރިން ނުކުރާފަދަ އާ ތަޖުރިބާތަކެއް ކުރުމަށެވެ. މާވިއްކާ ފިހާރައަކަށް އޭނަ ވަނުމަށްފަހު އަމިއްލަށް ހިޔާލާ އެއްގޮތަށް ބޮޑު މާބޮޑިއެއް ތައްޔާރުކުރިއެވެ. މާބޮނޑިބޮޑުކަމުން އެ ތައްޔާރުކޮއްދިން ކުއްޖާވެސް ހުރީ އަޖައިބުވެ އަންތަރީސްވެފަ އެވެ. ދެންއޭނަގެ މަންޒިލަކަށްވީ ސެންޓުގެ ދުނިޔެއެވެ. އެތަނުގައި ތިބި ކުދިންގެ އެހީގައި އޭނަގެ ހިތްހަމަޖެހޭ ވަރަށް ވިޔަފާރިކުރިއެވެ. އޭގެ އިތުރުންވެސް ތަފާތު ވިޔަފާރިކުރުމުގައި އޭނަ ވަގުތު ހޭދަކުރިއެވެ. އެހެންދުވަސް ދުވަހާއި ހިލާފު ހިނިތުންވުމެއް މިއަދު ޒައުލްގެ ތުންފަތަށް ވެރިވެފައިވެ އެވެ. ކުރެވެމުންދިޔަ އާތަޖުރިބާއިން އޭނައަށް ހިތްހަމަޖެހުން ލިބެމުންދިޔައެވެ. އެހެނީ އޭނަގެ އެމިނަތްމަސައްކަތް ގުޅިފައިވަނީ ޔޫހާއާއި ކަމަށްވީތީ އެވެ.
"ޖަމާލް، ހިނގާ ޔޫހާ މެންގެއަށް" ޒައުލްގެ ދެއަތުން ހިފާލެވޭވަރުގެ ބޮޑު ޕާރުސަލެއް ކާރުގެ ފަހަތު ސީޓަށް އެރުވުމަށްފަހު ބުނެލިއެވެ. އަދި އޭނަ ކާރުގެ ކުރީ ސީޓުގައި އިށީނދެއްޖެއެވެ. ޖަމާލް ކާރު ދުއްވާލީ ޔޫހާ މެންގެއަށް ދިއުމަށެވެ.

ކޮމެންޓް 0