"ހެލޯ..." ޔޫހާ މަޑު މަޑުން ބުނެލިއެވެ.
"އެއްވެސް ޖަވާބެއް ނައީމަ މިގުޅާލީ..." ޒައުލް ފޯނުން ޔޫހާއަށް ބުނެލިއެވެ.
"ޖަވާބު...ކޮންކަމަކަށް..." ކުޑަކޮށް ހާސްވެފައި ހުރެ ޔޫހާ ބުނެލިއެވެ. އެވަގުތު ޒައުލް ގުޅާނެކަމަކަށް ޔޫހާ ހިއެއ ްނުކުރެއެވެ. ރަނގަޅަށް ކޮންބައެއްކަން ނޭގޭ ބައެއްގެ ކައިރީ ހުރެ ފޯނުން ވާހަކަދައްކަން ޔޫހާއަށް އުދަނގޫވިއެވެ. ޒައުލް އެހ ިއެއްޗަކަށްވުރެ ޔޫހާއަށް ބެލެނީ ޒަރާނާ އޭނަ އާއި ދިމާލަށް ބަލާތޯއެވެ.
"ޖަމާލު ގެންގޮސްނުދޭތަ" ޒައުލް އަހާލިއެވެ.
"އޯ އޭގެ ވާހަކަދޯ... ވަރަށް ރީތި ހުރިހާ އެއްޗެއްވެސް.... ޝުކުރިއްޔާ..." ޔޫހާ ބުނެލިއެވެ.
"ހަވީރު ޔޫހާ ބަލާދެވޭނެ ކަމެއްނޭގެ، ގާޑަންވިއުގަ ވަރަށް ގިނަ މަސައްކަތްތައް އެބަހުރި ނިންމަންވެފަ، އެކަމަކު އަހަރެން ގެއަށްދާނަން ޔޫހާ ދާންވާއިރަށް، މާމަ އާއި ޔޫހާ އެކަނި ކުރިމަތިލާކަށް ނުޖެހޭނެ... ޔޫހާ...ޖަމާލު ގެންގޮސްދިން ފޮށީގައި ހުރި އެއްޗެހި ބޭނުންކުރާނެކަމަށް ހީކުރަން" ޒައުލް ބުނެލިއެވެ.
"ހޫމް...މިހާރު ފޯނު ބާއްވާލިޔަސް އެންމެ ރަނގަޅުތަ، މާގިނައިރު ވާހަކަދައްކަން ހުރެވޭކަށްނެތް" ޔޫހާ މިހެން ބުނެލުމާއިއެކު ޒައުލް އާނއެކޭ ބުނެފޯނު ކަނޑާލައިފިއެވެ. ޔޫހާ ފޯނަށް ބަލާލާފައި އެނބުރި އޭނަ ކުރިންވެސް އިންގޮނޑި އާއި ދިމާލަށް ހިނގައިގަތެވެ.
ޒަރާނާ ވަރަށް ރަނގަޅަށް ކިޔާންއަށް ބެލިއެވެ. އަދި ކިޔާންގެ ގާތު އޭނަގެ ބައްޕަ ކޮބާތޯ ސުވާލުކުރިއެވެ. ކިޔާންއަށް ޒައުލް އާއި ބެހޭ ގޮތުން މާގިނަ ވާހަކަތަކެއް ކިޔާދޭކަށް ނޭގުނެވެ. ޒަރާނާއަށް ކިޔާންގެ ފަރާތުން އެނގުނުހާވެސް އެއްޗަކީ ޔޫހާ އާއި ކިޔާންގެ ބައްޕަ އުޅެނީ ވަކިން ކަމެވެ. ނަމަވެސް ކިޔާން އާއި އޭނަގެ ބައްޕަ އާއި ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނަކަމެވެ. އެހެންވިޔަސް ޔޫހާގެ ގާތުގައި އޭނަ ހުންނަނީ ވަރިކޮއްފަތޯ އަހާލަން ޒަރާނާއަކަށް ނުކެރުނެވެ. އޭނަގެ ހިތުގައި ޔޫހާއަށް ޚާއްޞަކަމެއްދެވުނެވެ. އެކަމުގެ ހަގީގަތަކީ ކިޔާންއަށް އޭނަގެ ހިތުގައި އުފެދުނު މަތިވެރި ލޯތްބެވެ. އެކުއްޖާ ފެނުމުން އޭނަގެ ހިތަށް ބުނެދޭން ނޭނގޭ ހިތްހަމަޖެހުމަކާއި ފިނިކަމެއް އިޙްސާސްކުރެވިގެންދިޔަ އެވެ. އެކަން އޭނަ އެކަކާވެސް ޙިއްޞާ ނުކުރީ އެއީ އޭނަގެ މާޒީ އާއި ގުޅިފައިވާ ކަމަކަށްވީމައެވެ.
"ގެއިންތަ ގުޅީ" ޔޫހާ އައިސް ގޮނޑީގައި އިށީނުމާއިއެކު ޒަރާނާ އަހާލިއެވެ. ޔޫހާ އަވަސް އަވަހަށް ބޯޖަހާލަމުން އާއެކޭ ބުނެލީ އިތުރު ސުވާލެއް ޒާރާނާ ކޮއްފާނެތީއެވެ.
"އަދިވާނެ މިގެއަށް އަންނަން، މިހާރުދެން މި ރައްޓެހިވީނު ދޯ..." ޒަރާނާ ބުނެލިއެވެ. ޔޫހާ އެކަމަށް ވަކި ޖަވާބެއް ނުދީ ހިނިތުންވެލީ އެވެ. އޭނަ އަނގައިން ނުބުނިކަމުގައިވިޔަސް ފަޅުކަމެއް ނުވެއެވެ. އެކަން ކިޔާންގެ ވާހަކަތަކުން ފޫބެއްދެއެވެެ. ޒަރާނާވެސް ކޮންމެހެން ޔޫހާ ލައްވާ ވާހަކަތަކެއް ދައްކުވާކަށް ނޫޅެއެވެ. އަދި އޭނަ ކަމެއް އޮޅުފިލުވާކަށްވެސް ނޫޅެއެވެ. އޭނަގެ އަމިއްލަ ދިރިއުޅުން މަތިން ޔޫހާ ފެނުމުން ހަނދާންވަނީއެވެ. ޔޫހާ އާއި އޭނަގެ ދަރިފުޅާ ދުރުނުކުރެއްވުމަށް ހިތާ ހިތާ ދުޢާކޮއްލެވުނީ އޭނަފަދަ ނަސީބުދެރަ މީހަކަށް ޔޫހާ ވެދާނެތީއެވެ. ފިރިމީހާ ގެއްލި ދަރިފުޅުވެސް ގެއްލިދާނެތީ އެވެ.
"އަޔާ ހާދަ ލަސްވެއްޖެޔޭ" ޔޫހާ ބުނެލިއެވެ.
"މިހާރު އަންނަން އުޅޭނެ، ވެދާނެ މިތާކައިރިން ރަނގަޅު އެއްޗެއް ނުލިބުނީކަމަށް" ޒަރާނާ އޭނައަށް ހީވާގޮތް ބުނެލިއެވެ.
އޭގެ ފަހުން ގިނައިރުތަކެއް ނުވެ އައްޔަދު ހަރުކޮއްހިނގާލާފައި އައިސް ޒަރާނާ އިށީނދެގެން އިން އުނދޯލީގެ އެއްފަރާތުގައި ހުއްޓިއްޖެއެވެ. އަދި އަތުގައި އޮތް ކޮތަޅު ޒަރާނާއަށް ދިއްކޮއްލިއެވެ.
"މީ ކިޔާންއަށް މާމަދޭ ހަދިޔާއެއް، މިއަދުން ފެށިގެން މިވެސް މާމައެއް އެނގޭ" ޒަރާނާ ބުނެލިއެވެ. އޭނަ ކިޔާންގެ ދުލުން އޭނައަށް މާމަ ކިޔަން ބޭނުންވީއެވެ. އެކަމުންވެސް އޭނައަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެން ދާނެތީއެވެ. ޔޫހާ ހިނިތުންވެލައިގެން ޒަރާނާއަށް ބަލަހައްޓައިގެން ހުރީ ސުވާލުން ފުރިގެންވި ގޮތަކަށެވެ. ޒަރާނާ ކިޔާންލައްވާ އޭނައަށް މާމަ ކިޔުއްވީ ކީއްވެބާއޭ ހިތަށް އަރާފައެވެ. އަނެއްކާ ޒަރާނާ ހީކުރަނީ އައްޔަދު އާއި އޭނަ އާއި ދެމެދު ގާތް ގުޅުމެއް އޮންނަކަމަށް ބާއޭ ޔޫހާގެ ހިތަށް އެރިއެވެ. އެމާނައިގައި ޒަރާނާ ބުނިކަމުގައި ވަނީނަމަ އެއީ ގޯހެކެވެ.
"އަޔާބެއަށް އެނގޭ ކިޔާންއަށް އެންމެ ކަމުދަނީ އައިސްކްރީމްކަން، އެހެންވެ އައިސްކްރީމް ގެނެސްދިނީ" ޒަރާނާ ކިޔާންގެ އަތަށް ކޮތަޅު ދިނުމުން އައްޔަދު ކިޔާނަށް ގޮވާލައިފައި ބުނެލިއެވެ. ޔޫހާ ގޮނޑިން ތެދުވީ ދެންދާންވީއޭ ބުނާފަދަ ގޮތަކަށެވެ. ބަހެއ ްނުބުނި ކަމުގައިވިޔަސް އައްޔަދުއަށް ޔޫހާ ތެދުވެ ބަލާލިގޮތުން އެނގުނެވެ. ގޭގެ ދޮރުން އައްޔަދު އާއިއެކު ޔޫހާ އާއި ކިޔާން ނުކުތްއިރު ޒަރާނާވެސް ދޮރުމަތީ ހުއްޓެވެ. އެންމެ ފަހުވަގުތުވެސް ކިޔާން ދޮރުން ނުކުތުމުގެ ކުރިން އެކުއްޖާގެ ދެކޮލުގަ އާއި ނިތުގައި ޒަރާނާ ބޮސްދިނެވެ. އަދި އެގެއަށް އަންނަންވާނެކަމަށް ކިޔާން ގާތު އާއި ޔޫހާ ގާތު އެތަށް ފަހަރެއްގެ މަތިން ޒަރާނާ އެދުނެވެ.
"އަޔާ މަންމަ ވަރަށް ރަނގަޅު ދޯ" ޔޫހާ އައްޔަދުގެ ކާރަށް އަރާ އުނގުގައި ކިޔާން ބައިންދާލުމާއިއެކު ބުނެލިއެވެ.
"އަހަރެން ބުނީމެއްނު މަންމަ ވަރަށް ކޫލް ވާނެއޭ، މަންމައަށް ޔޫހާ ވަރަށް ކަމުގޮސްފި، އެހެންނޫންނަމަ ނުބުނާނެ އަދި އެހެންފަހަރަކުން ގެއަށް އަންނަންވާނެއޭ، އަހަރެން ލައިކްވާ ކުއްޖެއްދެކެ މަންމަވެސް ލައިކްވާނެކަން އޭރުވެސް އަހަންނަށް އެނގޭ..." އައްޔަދު ކާރު ދުއްވަމުން ޔޫހާއަށް ބުނެލިއެވެ.
"އެހެންތަ" ޔޫހާ ހީނލާފައި ބުނެލިއެވެ.
"ގަބޫލު ނުކުރެވެނީތަ... އަސްލު ޔޫހާ ފެންނަ ކޮންމެ މީހަކަށްވެސް އެހެންވާނެ ދޯ...ތީ ވަރަށް ޚާއްޞަ ސިފަތަކެއްލިބިފައިވާ އަންހެން ކުއްޖެއް" އައްޔަދު ބުނެލިއެވެ.
"ސާބަސް، އައްޔަދުއަށްވުރެ އަހަރެން ބޮޑުވާނެކަން ޔަގީން، އަނެއްކޮޅުން އަހަރެންގެ ދަރިއަކުވެސް އެބަހުރި، އެއީތަ ތިބުނާ ޚާއްޞަ ކަމަކީ" ޔޫހާ ގަބޫލުނުކުރާފަދަ ގޮތަކަށްބުނެލިއެވެ.
"އެމީހަކު އަމިއްލައަށް އޭނައަށް ޙާއްޞަ ސިފަތަކެއްލިބިފައިވާކަން ދެނެގަންނަން އުނދަގޫވާނެ، ނޫނީ ބައެއްފަހަރަށް އަމިއްލަ ނަފްސަށް އަމިއްލައަށް ތައުރީފްކުރުމަކީ ވަރަށް މަދުމީހުން ކުރާކަމެއް، އެމީހުންގެ ތެރޭގައި ޔޫހާ ނުހުމެނޭކަން ޔަގީން، އެހެންވެ ޔޫހާގެ ޚާއްޞަކަން ފާހަގަ ނުކުރެވިގެން ތިއުޅެނީ، އަހަރެން ބުނީމަ ގަބޫލުކުރޭ" އައްޔަދު ބުނެލިއެވެ.
އައްޔަދުގެ ކާރު ޔޫހާގެ ގޭގެ ދޮރުމައްޗަށް މަޑުކޮއްލުމާއިއެކު ޔޫހާ ކިޔާން އުރާލައިގެން ކަހަލަ ގޮތަކަށް ކާރުން ފޭބިއެވެ. އަދި ދެމައިން އެކުގައި އައްޔަދުއަށް ސަލާމްކޮއްލުމަށްފަހު ދަނީއޭ ބުނެ ގޭތެރެއަށް ވަދެ ދޮރޯށިލެއްޕި އެވެ. ސިޓިން ރޫމަށްވަތްއިރު އަފްލީން ގޭގައި އުޅެއެވެ. ކިޔާން ފެނުމާއިއެކު ކޮންތާކަށް ގޮއްސަތޯ އައީ ސުވާލުކުރަންފެށިއެވެ. ޔޫހާއަށް އެއްވެސް ކަމެއް އޮޅުންފިލުވާދޭކަށް ނުޖެހުނެވެ. ކިޔާން ފެށީނުއްސުރެން ނިމެންދެން ހިނގި ހުރިހާ ކަމެއްގެ ވާހަކަ ކިޔާލައިފިއެވެ. ޔޫހާ ޒަރާނާމެންގޭން ކިޔާންއަށް ދިން ހަދިޔާ ކޮތަޅު ބަލާލިއެވެ. އޭގައި ހުރީ ޗޮކުލެޓާއި މެދުސައިޒުގެ އައިސްކްރީމު ތައްޓެކެވެ. ހުރިހާ އެއްޗެއް ނަގާ އައިސް އަލަމާރިއަށް ލިއެވެ. ކިޔާން ހަމައެވަގުތު އައިސްކްރީމް ބޯން ބޭނުންވިއެވެ. ޔޫހާ ނުދޭން އުޅުމުން ކުޑަކޮށް ބޮޑާހާކާލިއެވެ. ޔޫހާ ކިޔާންއަށް އޭނަ ބޭނުންވާގޮތް ހަދާދީފައި ކޮޓަރިއަށްވަދެ އެއްޗެހި ބަދަލުކޮއްލައިގެން އެނދުގައި ޖައްސާލިއެވެ. ވަރުބަލިވެގެންނެއް ނޫނެވެ. އެހެންނަމަވެސް އޭނަގެ ސިކުނޑީގައި ވަރަށް ގިނަކަންތައްތައް ހިނގަމުންއެބަދެއެވެ. ޒައުލްމެންގެއަށް ދާއިރު އޭނަ ލައިގެން ދާނެ ހެދުމަކާއި އަދި ޢަމަލްތައް ބަހައްޓަންޖެހޭނެ ގޮތަކާއިމެދު އޭނަ ވިސްނަމުންދިޔައެވެ. ކިޔާން ގޮވައިގެން ދާނީބާއޭ ނޫނީ ޒައުލް އެދިފައިވާ ގޮތަށް ޔޫހާ އެކަނި ދާންވީބާއޭ އޭނަގެ ހިތަށް އަރަމުންދިޔައެވެ. އެވެސް ހައްލުނުވެފައިވާ ކަމެކެވެ.

ލާއިގާ ހަވީރުގެ ސައިތައްޔާރު ކުރީ އެހެން ދުވަސް ދުވަހާއި ހިލާފަށް ތަފާތު ވައްތަރުތައް ސުފުރާމަތީ ގިނަކޮއްލާފަ އެވެ. ގެއަށް މެހެމާނެއް އަންނަން އުޅޭކަން އީލާކްއަށް ވަގުތުން ނަގައިގަނެވުނެވެ. އަދި އެކަމާ ލާއިގާގެ ގާތުގައި ސުވާލުކުރިއެވެ.
"ދަރިފުޅު ދޮންބެގެ ރައްޓިހި ކުއްޖެއް އަންނާތީ" ލާއިގާ ސުފުރާމަތީ ގޭގައި ގެންގުޅޭ ކުއްޖާ ތަށިތައް އަތުރާފައި ވަނީ ރަނގަޅަށްތޯ ބަލަންހުރެ ބުނެލިއެވެ.
"ހަމަތެދެއްތޯ މާމާ، ދޮންބެގެ ގާލްފްރެންޑް އަންނަނީތޯ" ކުއްލި އުފާވެރިކަމެއް އިލާކްއަށް ލިބުނުފަދަ ގޮތަކަށް ބުނެލިއެވެ.
"އެކަމަކު ބުނަން، ދަރިފުޅު މާ އަނގަގަދަ ނުވައްޗޭ މިއަދު، އެއީ ދޮންބެގެ ގާލްފްރެންޑެއް ނޫނޭ، އެހެން ދެން ނުކިޔާތި... މެހެމާނުން ތިބޭ ގަޑީގައި ބޭކާރު ވާހަކަދައްކާކަށް ނުވާނެ" ލާއިގާ އީލާކަށް ބުނެލިއެވެ.
"ލައްބަ، މާމާ...ދޮންތަ ނެތީމަ ހީވަނީ އެހެންގޮތެއްހެން، އަޅުގަނޑު ފޫހިވެގެން މިއުޅެނީ...އެންމެ ރަނގަޅުތޯ މިރޭ އަޅުގަނޑުގެ ރަޙުމަތްތެރިންނާއިއެކު ބޭރަށް ގޮސްލިޔަސް" އީލާކް ފޫހިކަން އެކުލެވޭފަދަ ރާގެއްގައި ބުނެލިއެވެ. އީލާކްއަށް ލާއިގާގެ ފަރާތުން ޖަވާބެއް ލިބުނީ އިރުކޮޅެއްފަހުންނެވެ.

ގޭތެރެއަށް ވަދެގެން އައި ޒައުލް އޭނަގެ ކޮޓަރި އާއި ދިމާލަށް ދިޔައިރު ކަރުގައި އަޅާފައި އޮތް ޓައީ އޮތީ އޭނަގެ އަތުގައެވެ. އަވަހަށް ކޮޓަރިއަށްވަދެ ދޮރުލެއްޕި ގޮތަށް ފާހާނާއަށް ވަނުމަށް ތައްޔާރުވިއެވެ. އަތުކުރީގައި އޮތް ގަޑި ރީތިވާ މޭޒުގެ މަތީ ބާއްވަމުން ގަޑިންވީއިރެއް ބަލާލިއެވެ. އޭރު ފަހެއްޖަހަން ފަނަރަ މިނެޓަށްވެއްޖެއެވެ.
"އޯ ނޯ....ޔޫހާ...." މިހެން ބުނެލާފައި ގޮސް ފާހާނާއަށްވަދެއްޖ ެއެވެ. އަވަސް އަވަހަށް ފެންވަރާލައިގެން ނުކުމެ ހެދުންތައްލާފައި ހުރި ބޮޑުއަލަމާރީގެ ދޮރުފަތް ކަހާލިއެވެ. ތެތްކަން އެކުލެވިފައިވާ އިސްތަށިގަނޑުގައި އަތްހާކާލެވުނީ ލާނެ އެއްޗެއް ނޭގިގެންނެވެ. ގަމީހެއްކަމެއް ޓީޝާޓެއްކަމެއް ލާނީ ޒައުލްއަށް ނޭގުނެވެ. އޭގެ އިތުރުން ލާނީ ކޮންކުލައެއްކަމެއްވެސް ނޭގުނެވެ. ވަގުތު ނެތިގެން އުޅޭމީހަކުހެން އޭނަ ހާސްވެގެން ދެކޮޅަށް އެނބުރެންފެށިއެވެ. އެންމެ ފަހުން ގަމީސްބައި ލައްޕާލާފައި ޓީޝާޓުތައް އަޅުވާފައި ހުރިބައިން ޓީޝާޓެއް ނެގިއެވެ. ގަމީސްލުމުން އޭނަގެ ގައިގާ މާރަސްމީ ވައްތަރު ޖަހާފާނެތީއެވެ. ގަދަކުލައެއްގެ ޓީޝާޓުގައި ހުރި ޒައުލް އެންމެ ފަހުކަމެއްގެ ގޮތުގައި އަތުކުރީގައި އޮންނަ ގަޑިއަޅާލިއެވެ. އަދި ފުންނޭވާއެއް ބޭރުކޮއްލުމަށްފަހު ފޯނުވީ ހިސާބެއް ހޯދާލުމަށް ހުއްޓުހުރި ލޯގަނޑަށް ފުރަގަސްދިނެވެ. ހަމައެވަގުތު އޭނަގެ ފޯނު ރިންގުވެއްޖެއެވެ. ފޯނަށްވުރެ ކުރިން އަތުކުރީ އޮތް ގަޑިއަށް ބަލާލެވުނެވެ. ގަޑިން ފަހެއްޖެހީއެވެ. ތުންފަތަށް ލުއިލުއި ހިނިތުންވުމެއްވެރިވުމާއިއެކު ޒައުލް ބޭލި ފަޓުލޫނު ޖީބުގައި އޮތް ފޯނުނަގާ ބަލާލިއެވެ. އޭނައަށް ހީވީ ރަނގަޅަށެވެ. ގުޅީ ޔޫހާއެވެ.
"ހެލޯ..." ޒައުލް އަވަސް އަވަހަށް ބުނެލިއެވެ. އަދި ކޮޓަރިން ބޭރަށް ނުކުތެވެ.
"މިހިރީ ގޭޓު ކައިރީ... ވަންނަންވީތަ" ޔޫހާ އަހާލިއެވެ. އޭނަގެ އަޑުންވެސް ނުކެރިފައި ހުރިހެން ޒައުލްއަށް ހީވިއެވެ. ޔޫހާ ގާތު އެތެރެއަށް ވަދެގެން އައުމަށް ބުނަމުން ޒައުލްވެސް ހިނގައިގަތީ ޔޫހާ އާއި ބައްދަލު ކުރުމަށެވެ. ގޭން ބޭރަށް ނުކުތުމުގެ ކުރިން ކާކޮޓަރީގައި ހުރި ލާއިގާއަށް ޔޫހާ އަތުވެއްޖެކަން ޒައުލް އަންގާލިއެވެ. އަދި ބޭރަށް ނުކުތްއިރު ޔޫހާ އެތެރެއަށް ވަދެގެން އަންނަނީއެވެ. ޔޫހާ ފެނިފަ ޒައުލްއަށް ހުއްޓުންއެރިއެވެ. އޭނަގެ ދެލޯބޮޑުވެ އަވަސް އަވަހަށް ފަހަތަށް ސިޓިން ރޫމު ދޮރާ ދިމާލަށް ބަލާލެވުނެވެ. އެއާއިއެކު ޔޫހާގެ ގާތަށް އޭނަ ދިޔަގޮތްވެސް ނޭގުނެވެ. އައިގޮތަށް އައިސް ޔޫހާގެ އަތުގެ މުލައްދަނޑީގައި ހިފާ ދެބުމަށް ގޮއްޖަހާލަމުން ޔޫހާއަށް ބަލާލިއެވެ.
"ޑެޑީ... މީ ޑެޑީގެ ގެތަ" ކިޔާން ވަށައިގެން ހޯދަމުން މަންހާގެ ދާދިގާތުގައި ހުރި ޒައުލްއަށް ބުނެލިއެވެ. ޒައުލް އެއްޗެއް ބުނަންވެގެން އުޅެފަވެސް ކިޔާންއަށް ބަލާލާފައި އޭނަ ހުއްޓުނެވެ. އަދި ދެދަތްޕިލާ ޖައްސާ ބާރުކޮއްލަމުން ފުންނޭވާއެއް ބޭރުކޮއްލުމާއިއެކު ނިތްކުރީގައި ހިފަހައްޓާލެވުނެވެ.
"އަހަރެން ޔޫހާ ކައިރީ ބުނިއެއްޗެއް ނޭގުނީތަ، ނޫނީ ރަނގަޅަށް ސާފުނުވާފަދަ ގޮތަކަށްތަ އަހަންނަށް ބުނެވުނީ..." ޒައުލް ދެދަތްޕިލާ ޖައްސާ ބާރުކޮއްގެން ހުރެ ސިއްރު ސިއްރުން ބުންޏެވެ. ޔޫހާ އޭނަގެ ނިންމުން އެގޮތަށް ނިންމީ ކީއްވެކަން ޒައުލްއަށް ވިސްނައިދޭން އަނގަހުޅުވާލިތަނާހެން އީލާކް ޒައުލްއަށް ގޮވާލިއަޑުއިވުނެވެ. އެއަޑަށް ޒައުލް ޔޫހާގެ އަތުން ދޫކޮއްލާފައި އެނބުރި އީލާކްއަށް ބަލާލަމުން ގަދަކަމުން ހިނިތުންވެލިއެވެ. އަދި ޔޫހާއަށް އަތުގެ އިޝާރާތުން އޭނައާއިއެކު ކުރިއަށް ދިއުމަށް އަންގާލަމުން ހިނގައިގަތެވެ.
"ޕްލީޒް...މިވަގުތަކީ މިހުރިހާކަމެއްގެ ވާހަކަ ދައްކަންވީ ވަގުތެއް ނޫން... ޔޫހާ ވިސްނާފަ ނޫނީ އެއްޗެއް ނުބުނާނެކަމަށް އަހަރެން ހީކުރަން" ސިޓީން ރޫމު ދޮރުން ވަދެވަދެ ހުރި ޔޫހާގެ އުނަގަނޑުގެ ފަހަތުން ޒައުލް އަތްޖައްސާލަމުން އޭނަގެ ކަންފަތްކައިރީ ސިއްރުން ބުނެލިއެވެ. އޭރު ހިނިތުންވެލައިގެން ސިޓިން ރޫމުތެރޭ އެއްފަރާތެއްގައި ހުއްޓިލައިގެން ލާއިގާ ހުރިތަން ޔޫހާއަށް ފެނެއެވެ.

ކޮމެންޓް 0