މުޅިން އާ ދުވަހެކެވެ. ދުނިޔެ އޮތީ އިރުގެ އަލިން ދޮންކޮށްލައިފަ އެވެ. އާދައިގެ މަތިން ޒައުލް އޭނަގެ އޮފީހަށް ދިޔައީ ނުވައެއް ވެސް ޖެހިފަހުންނެވެ. ނަމަވެސް އޮފީހަށް ވަދެވުމާއެކު އޭނަގެ ޒިންމާތަކަށް ހާއްޞަ ސަމާލުކަމެއް ދިނުމާއިއެކު މަސައްކަތްފެށީ އެންމެ ފުރިހަމަ ގޮތުގައެވެ. ގިނަ ކަންތައްތަކެއް ފޯނުން ވެސް ނިންމަމުން ދިޔައެވެ.

"މިއަދު ހާދަ ގިނަ ބަޔަކު އިން ވެއްޖެޔޭ ދޯ..." ޔޫހާ އޭނަ އާއިއެކު ޑިއުޓީގައި ހުރިކުއްޖާއަށް ބުނެލިއެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް ހެނދުނު ޑިއުޓީ ނަގަން ޖެހުނީ ރިޔާޝާ ނޫނީ މާޔާ އާއިއެކުއެއް ނޫނެވެ. އެރޭ ބާއްވަން ހަމަޖެހިފައިވާ ހަފްލާގައި ބައިވެރިވާ މުވައްޒަފުން ޑިއުޓީ ރޯސްޓާއިން ނެގުމަށްފަހު ދެންތިބި މީހުންގެ މައްޗަށް ޑިއުޓީތައްވަނީ ބަހާލެވިފައެވެ.

"ރޮޒޭން، މީ އީކް... މިއަދު މެންދުރުގެ ކެއުން އޮތީ އީކްގެ ފަރާތުން... މިގޭގަ" އީލާކް އޭނަގެ ރަޙުމަތްތެރިންނަށް ދައުވަތު އަރުވަމުން ދިޔައެވެ. އަދި އޭނަގެ ތަރުތީބު ގެއްލިފައިވާ ކޮޓަރި ސާފުކުރަމުން ދިޔައީ ގޭގައި ގެންގުޅޭ ކުއްޖާ، އާނާގެ އެހީގައެވެ. ކޮޓަރިއެއްހާ ބޮޑު އޭނަގެ އަލަމާރީގައި ތަފާތު މޮޅެތި ބްރޭންޑުތަކުގެ ހެދުމާއި އަތް ދަބަހާއި ފައިވާން ވެއެވެ. އީލާކްއަށް އެންމެބޮޑު ސަމާލުކަމެއްދެވޭ އެއްތަނަކީ އެއީއެވެ. ކޮޓަރީގެ ކަނެއްގައި ހުރި ފަހާފޮށިވެސް އާނާގެ ގާތުގައި ބުނެގެން އަލަމާރީގެ ތެރެއަށް ލިއެވެ. ރަޙުމަތްތެރިން އަންނަންވާ އިރަށް އޭނަ މާމަ ލާއިގާގެ ހިތް ރުއްސުމައްޓަކައި ކުރެވެން އޮތް ކަމެއް ކުރަން ހުރީ ތައްޔާރަށެވެ.

އެގާރަޖަހާލާކަން ހާއިރެވެ. އީލާކްގެ ތިން ރަޙުމަތްތެރިން ކަމަށްވާ ރޮޒޭން އާއި، ޝުދުފާ އާއި ނަޙުލާ، އެމީލީހިޔާގެ ގޭޓުން ވަދެގެން އަންނަތަން ބަލަން އީލާކް ހުއްޓެވެ. އެކުދިން ފެނުމުން ވީ އުފަލެއްގެ ބޮޑުކަމުން އަވަހަށް އައުމަށް އަތުން އިޝާރާތް ވެސް ކުރަމުންދިޔައެވެ. ތިން ކުދިން ފަރި ގޮތަކަށް ދުވެލާފައި އީލާކް އާއި ހަމައަށް ދިޔައެވެ.

"ވަޓް އަ ސަޕްރައިޒް..." ޝުދުފާ އިލާކްގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
"އަހަރެންގެ ދުވަސްވީ ރަޙުމަތްތެރިންނަށް މިފަދަ ދަޢުވަތެއް ދޭން ބޭނުންވެފަ ހުންނަތާ ދުވަސްކޮޅެއް ވެއްޖެ، ފައިނަލީ މާމަ ރެޑީވެއްޖެ އަހަރެންގެ އެންމެ ގާތް ތިން ރަޙުމަތްތެރިންނާއި ބައްދަލު ކުރަން..." އީލާކް އޭނަގެ ރަޙުމަތްތެރިން ގޮވައިގެން ގޭތެރެއަށް ވަންނަމުން ވާހަކަދެއްކިއެވެ.

އީލާކް އޭނަގެ ތިން ރަޙުމަތްތެރިންނާއި ވެސް ދިމާވީ ރާއްޖޭން ބޭރުގައި ކިޔަވަން އުޅުނު ދުވަސްވަރުއެވެ. އީލާކްގެ އާއިލާހާ ނަން މަންޝޫރު ނުވިއަސް އެ ތިންކުދިން ވެސް އައިސްފައިވަނީ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ އާއިލާތަކުންނެވެ. މުއްސަނދި ކަމަކީ ކޮބައިކަން އެ ކުދިންނަށް އެނގެއެވެ. ނަމަވެސް ނަޙުލާގެ ނަޒަރު އެގޭގެ އެއްޗިއްސަށް ހުއްޓެމުން ދިޔައީ އާޝޯހުވީ ވަރުންނެވެ. ތިން ކުދިން ވެސް އެންމެ ގަޔާވެ އަޖައިބުވީ އީލާކްގެ އަލަމާރި ފެނިފައެވެ. މަޑުފިޔާތޮށި ކުލަ އާއި ހުދުކުލައިން ފާރުތައް ޒީނަތްތެރިކުރެވިފައިވާ އީލާކްގެ ކޮޓަރިއަށް އެތަކެއް ތައުރީފެއް ތިން ކުދިންގެ ދުލުން ހުއްޓުމެއްނެތި އޮހެމުން ދިޔައެވެ.

މެންދުރުގެ ކެއުމަށް އާއިލާގެ ހުރިހާ މެންބަރުން ސުފުރާ މައްޗަށް އެރީ އީލާކް އާއި އޭނަގެ ރަޙުމަތްތެރިންނަށް މަރުހަބާ ކިޔަމުންނެވެ. އީލާކްގެ އުފާވެރިކަން ފާހަގަކުރެވުނީ ހަމައެކަނި ލާއިގާއަކަށް ނޫނެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް ސުފުރާމަތީ ތަންކޮޅެއް އަޑުގަދަވިއެވެ. އީލާކްގެ ރަޙުމަތްތެރިންތިބީ އޭނަގެ ޑޮކްޓަރު ދައްތަ އާއި ޒުވާން ރީތި ބޭބެ ޒައުލްއާއި ބައްދަލުވެވުނީތީ އުފަލުންނެވެ. ޙާއްސަކޮށް ޝުދުފާގެ ނަޒަރު ޒައުލް އާއި ވަކިނުވެއެވެ. ނަޙްލާގެ ނަޒަރު ގޭގެ ޒީނަތްތެރިކަމަށް ގެއްލިފައިވާއިރު ރޮޒޭން ތައުރީފު ކުރަމުންދިޔައީ މާމަ ލާއިގާގެ ކުޅަދާނަ ކަމަށެވެ. ކައްކާފައި ހުރި އެއްޗެހީގެ ރަހަތައް ފުރިހަމަވެފައި މީރުކަމުން ބުނާނެ އެއްޗެއް ނޭގިފައިވާ ކަމެވެ.

މެންދުރުގެ ކެއުމަށްފަހު ގޭގެ އެކި ތަންތަން އީލާކް އޭނަގެ ރަޙުމަތްތެރިންނަށް ދައްކާލީ އެކުދިންގެ އެދުމުގެ މަތިންނެވެ. އެހެންނަމަވެސް ނިދާކޮޓަރިތަކަކަށް އީލާކް ނުވަދެއެވެ. އެނބުރި ކޮޓަރިއަށް ވަނުމާއިއެކު ތިން ކުދިންވެސް އީލާކްގެ ހެނދުންތައް ހާވަންފެށިއެވެ. ނަޙުލާ އީލާކްގެ ގަހަނާތަށް އަޅާފައިވާ ފޮށިތައް ބަލަމުން ދިޔައެވެ. އަދި ރީތިވާ މޭޒުމަތީ ހުރި ލަކުޑި ގަހުގެ ގޮފިތަކުގައި އެކި ކަހަލަ ކަރުގައި އަޅާ ފަށްތައް އަޅުވައިފައި ހުއްޓެވެ. ރޮޒޭން އެކޮޓަރީގައި ހުރި އިސްކޮޅުވަރުގެ ލޯގަނޑު ކުރިމަތީ އީލާކްގެ އަލަމާރިން އޭނައަށް ރީތިހެން ހީވާ ހެދުމެއްވެއްޖެޔާ ހިފައިގެން އައިސް ފަރިބަލަމުން ދިޔައެވެ. ޝުދުފާ އީލާކްގެ ކޮޓަރީގައި ހުރި ސޯފާގައި ބަންޑުން ދެއުޅަންބޮށި ސޯފާގައި ޖައްސާލައިގެން އޮތެވެ. އޭނަ އިރުއިރުކޮޅާ އީލާކްގެ ގާތުން ޒައުލްގެ ކޮންމެވެސް ވާހަކައެއް އަހާލާނެއެވެ. ހަމައެގޮތަށް އީލާކް ޒައުލްއަކީ އަންހެން ކުދިންނަށް ޝައުގުވެރިވާ މީހެއް ނޫންކަމުގައި ބުނެ އެފަދަ ހިޔާލެއް އޭނަގެ ބޭބެ އާއިމެދު ނުކުރުމަށް އެދެއެވެ.

"ޝާއިން... ކިހާއިރަކުތަ ފަންކްޝަންއޮތީ، ޕްރެސް ވެސް އާދޭތަ؟" ބޭރުން ވަދެގެން އައި ޝާއިންގެ ގާތު ޔޫހާ އަހާލިއެވެ.
"ނޫން، އަންނަ ކަމަކަށް ނެތް... ތަންކޮޅެއް ޕްރައިވެޓްކޮށް ދާތީ ޕްރެސް އިންވޯލްވު ނުކުރަނީހެން ބޮޑަށް ހީވަނީ" ޝާއިން ކައުންޓަރުގެ ކައިރީ މަޑުކޮއްލަމުން ޔޫހާގެ ގާތުގައި ހުރި ކުއްޖާއަށް ނިތް އަރުވާލަމުން ހިނިތުންވެލިއެވެ.

މެންދުރުފަހު ތިނެއް ޖެހިއިރު ޑިއުޓީ ނިންމާފަ ޔޫހާ ގެއަށް ދިޔައީ ޝާއިންގެ ސައިކަލު ފަހަތުގައެވެ. ދިޔަ މަގުމަތީ ފިހާރައަކަށްވަދެ ކިޔާންއަށް ކުޅޭކުޅޭ ކާރެއް ގަތެވެ. އެކާރު ފެނުމުން ކިޔާން އުފާވާނެވަރު ޔޫހާއަށް އެނގޭތީއެވެ. ޔޫހާ ޝާއިން އާއިއެކު ގޭތެރެއަށް ރަނގަޅަށް ނުވަދެވެނީސް ކިޔާން އައިގޮތަށް އައިސް ޔޫހާގެ ފަޔާ ހިސާބުގައި ބައްދާލައިފި އެވެ.
"ކޮއްކޮގެ ޕްރެޒެންޓެއް" ކިޔާންއަށް ޔޫހާގެ އަތުގައި އޮތް ކޮތަޅު ފެނުމާއިއެކު ބުނެލިއެވެ. ޝާއިން ކިޔާން އުފުލާލަމުން ޔޫހާ އާއި ދުރުކޮއްލިއެވެ. އަދި ކިޔާންއާއި ސަމާސާ ކުރަންފެށިއެވެ.
"ނޫން، އެއީ ޝައިން ބޭބެގެ ޕްރެޒެންޓެއް..." ޝާއިން ކިޔާން އުރާލައިގެން ހުރެ ބުނެލިއެވެ. އަދި އެ ކުޑަކުޑަ މޫނުން ދޮން ނަގަމުން ދިޔައެވެ. ކިޔާން ޝާއިންގެ މޫނު ދުރަށްލުމަށް ދެއަތުން މަސައްކަތްކުރަމުން ދިޔައެވެ.
"މަންމީ...މަންމީ..." ކިޔާން ގޮވަންފެށިއެވެ.
"އަވަހަށް އާދޭ މަންމަ ދަރިފުޅު، މީ ޝައިން ބޭބެގެ ޕްރެޒެންޓެއް ނޫނޭ، މީ މަންމިގެ ކިޔާންއަށް ގެނައި ޕްރެޒެންޓެއެއް..." ޔޫހާ ޝާއިންގެ އަތުން ކިޔާން އަތުލަމުން ބުނެލިއެވެ. ހަތަރު އަހަރުގެ ކިޔާން އޭނަގެ މަންމަގެ ކަރުގައި ދެއަތް އަޅުވާލަމުން ބައްދާލީ ލޯތްބާ އެކުގައެވެ. ޔޫހާގެ ހުރިހާ ވެސް މީހަކީ މިހާރު އެއީއެވެ. އޭނަގެ ދަރިފުޅު ކިޔާންއެވެ. އެދަރިފުޅަށް ރަނގަޅު ތަޢުލީމު ދީ ހެޔޮ ގޮތުގައި ބޮޑުކުރުމަށް އޭނަ ނުހަނު ބޭނުންވެއެވެ. އޭނަގެ ދިރިއުޅުމުގައި ޝާއިން އާއި އޭނަގެ ކޮއްކޮ އަފްލީންގެ ރޯލުވެސް ކުޑައެއްނޫނެވެ. ގްރޭޑް ބާރައިގައި ކިޔަވަމުން ކިޔާންގެ ކަންތައްތައް އޭނަ ބަލަހައްޓާދެނީ އުފަލާއިއެކުއެވެ. އެއްވެސް ބުރަކަމެއްނެތިއެވެ. އަފްލީންއަކީވެސް ޝާއިންފަދަ މާތް އިންސާނެކެވެ. އަގަކާއި ނުލާ މިޒަމާނުގައި މީހަކު ކަމެއްކޮއްދޭނެ ހެއްޔެވެ.

ރޭގަނޑު ހަތެއްޖެހިއިރު ޝާއިން ތައްޔާރުވަމުންދިޔައީ ހޮޓެލަށް ދިއުމަށެވެ. ޔޫހާ އާއި އަފްލީން އޭނަގެ ޖެކެޓު ރަނގަޅު ކޮއްދިނުމާއި ކަރުގައި އަޅާފައިވާ ބޯޓައި ރީތިކޮއްދެމުން ދިޔައެވެ.

"ވާއޮ...މިއަދު އަހަރެންގެ ދޮންބެ ވެސް ސްމާޓްކަން އެނގިއްޖެ، ހާދަ ސަޅިއޭ... މަޑުކުރައްޗޭ" އަފްލީން ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިއަށް ގޮސް ވަނެވެ. އަދި ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ ކެމެރާ ހިފައިގެން އައެވެ. އަފްލީން ޝާއިން ދިއުމުގެ ކުރިން އޭނަގެ ފޮޓޯތައް ހަނދާނެއްގެ ގޮތުގައި ފޮރުވުމަށްޓަކައި ނަގަމުންދިޔަ އެވެ.

ޕާކްވިއު ސެވެންސްޓާ ހޮޓެލް ދިއްލާލާފައިވާއިރު އެތައް ބައެއްގެ ސަމާލުކަން އެ އިމާރާތް ހޯދަމުން ދިޔައެވެ. އެތެރެއަށް ވަންނަ ކޮންމެ މީހަކަށް ހުވަފެނީ ކުލަވަރު ޖެހިގެންދާނެކަން ޔަގީނެވެ. ހޮޓެލްގެ ލޮބީގައި ބަހައްޓާފައިވާ އަރާމު ސޯފާތަކާއި އެކިވަރުވަރުގެ މާ ޓުކުރިތަކުން ވެސް އެތަނުގެ ހިތްގައިމުކަން އިތުރުވެއެވެ. ހަފްލާގެ ހުރިހާކަމެއް އެންމެ ފަހުފަހަރަށް ބަލާ ޗެކު ކުރުމުގައި މުވައްޒަފުންތައް ހާސް ކަމާއިއެކު އުޅެމުންދެއެވެ. ލޮބީގެ ދެފަރާތުގައި މައްޗަށް އެރުމަށް ހާއްސަކުރެވިފައިވާ ސިޑީގައިވަނީ ރަންކުލަ އާއި ކަޅުކުލައިގެ ފުޅާ ބޯޑަރު ދެފަރާތުގައި ލާފައިވާ ދޫލައެއް އަޅާފައެވެ. ފެންނަ ފެނުމަށްހީވަނީ އެރެއަށް ޙާއްޞަކުރިވެގެން އަޅާފައިވާ ދޫލައެއްހެންނެވެ.

ކުއްލިއަކަށް ހުރިހާ ކަމެއް ބަލަހައްޓަމުންދިޔަ ފައުޒީ ހުރިހާ އެޗްއާރް ޑިޕާޓްމެންޓުގެ ހެޑުންނަށް ބައްދަލުވުމަކަށް ގޮވާލިއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ޝާއިންއަށް އެނގުނެވެ. މެހެމާނުން ތިބުމަށް ހަމަޖެހިފައިވާ ބޯލްރޫމުގެ އެއްފަރާތުގައި ހުރި ފައުޒީގެ ގާތަށް މީހުން ޖަމާވާންފެށިއެވެ.

"ބައެއްކުދިން އަދިވެސް ނާދޭ، އަޅުގަނޑުގެ އެސިސްޓެންޓު މިކޮޅުން އެ ސްޓާފުންނާއި ގުޅޭތޯވެސް ބަލައިފިން، މިއޮތީ ލިސްޓު، ކޮންމެ ޑިޕާޓްމެންޓު ހެޑެއް ލިސްޓު ބަލައްވާ ލައްވާފަ ނާންނަ ސްޓާފަކީ އެބޭފުޅެއްގެ ބެލުމުގެ ދަށުގައިވާ ސްޓާފެއްނަމަ، ވީހާވެސް އަވަހަކަށް ވެގެން އުޅޭގޮތެއް ބައްލަވާ ގާބިލް ސްޓާފަކު ހަމަޖެއްސުން ވަރަށް މުހިއްމު، ބޮސްއަށް މިކަން އެނގުމުގެ ކުރިން އަޅުގަނޑުމެންގެ ވަޒީފާ ސަލާމަތް ކުރުން މުހިއްމުކަންނޭގެ..." ފައުޒީގެ އެޙަބަރުން އެންމެންވެސް ކަންބޮޑުވާގޮތްވިއެވެ. ވަގުތު މިހާ ކުޑަތަންވެފައިވަނިކޮށް އަލުން އާ ސްޓާފަކަށް ހުރިހާ އެއްޗެއް ކިޔާދޭނެ ގޮތަކާއިމެދުވެސް އެންމެން ތިބީ ހާސްވެފައެވެ.
ޝާއިންގެ ލިސްޓުން ވެސް އެއްކުއްޖަކު މަދުވެއެވެ. އޭނަގެ އަމިއްލަ ފޯނުން އެސްޓާފާއި ގުޅޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ކަންދިމާވީ ވަރަށްވެސް ދެރަގޮތަކަށެވެ. ސްޓާފްއަށް ގުޅުނެއްކަމަކު އޭނަވަނީ ރޭއްސުރެން ހޮސްޕިޓަލުގައެވެ. މާލޭގެ ކޮންމެވެސް ތަނަކުން ނުގުޅޭ އެއްޗެއް އަޅާފައިވާ ހުރި ކާއެއްޗެއް ކެއުމުގެ ސަބަބުން ވިހަވެގެން އެޑްމިޓް ކުރެވިފައެވެ. ޝާއިން ހަދާނެގޮތަކާއިމެދު ވިސްނަމުން ލިސްޓު ހިފަހައްޓައިގެން ހުރެ ދެކޮޅަށް ހިނގާލެވުނެވެ. އޭނަގެ ސިކުނޑިއަށް އެންމެ ފުރަތަމަވެސް އައީ ޔޫހާގެ ނަމެވެ. ޔޫހާގެ ވިސްނުން ތޫނު ކަމާއި އޭނައަކީ އަވަހަށް ކަންތައްތައް ނަގައިގަންނަށް ފަރާތެއްކަން ޝާއިން ޔޫހާއަށް ވަޒީފާ ދިންއިރު ވެސް އެނގެއެވެ. މިވަގުތު އޭނަގެ ވަޒީފާ ސަލާމަތްކޮއްދީ އިތުބާރު ކުރެވޭވަރުގެ މީހަކަށް ހުރީ ހަމައެކަނި ޔޫހާއެވެ.

"ޔޫހާ، ވަރަށް ބޮޑުކަމަކު މިގުޅީ، އަހަރެންގެ ވަޒީފާ ސަލާމަތްކޮއްދެން ބޭނުންނަމަ އަވަހަށް ޓެކްސީއެއް ނަގައިގެން ޕާކްވިއު ހޮޓެލްއަށް އައިސްދީބަލަ..." ޝާއިން ވާހަކަދެއްކީ ވަރަށް އަވަހަށެވެ.
"ކީކޭ...އެކަމަކު...އަނެއްކާ ކިހިނެތްވީ؟" ޔޫހާއަށް ކުރެވުނީ އިތުރު ސުވާލުތަކެކެވެ.
"މިއުޅެނީ ސްޓާފުން ޝޯޓޭޖްވެގެން، ދެން އައީމަ ހުރިހާ ވާހަކައެއް ކިޔާދޭނަން، މިކޮޅުން ޔުނިފޯމްއެއް އަހަރެން ހަމަޖައްސާ ދޭނަން، އަވަހަށް ޓެކްސީއެއް ހޯދައިގެން އާދެބަލަ" ޝާއިންގެ ހާސްކަން ޔޫހާއަށް ވިސްނުނީކަން ނޭގެއެވެ. އޭނަ މިދަނީ ކަމުގައި ބުނެ ފޯނުބޭއްވިއެވެ. އަދި ބޮޑުދަބަހަކަށް އޭނަ ބޭނުންވާނެ ހުރިހާ އެއްޗެއް އަޅާލުމަށްފަހު ކިޔާންގެ ގައިގާ ބައްދާލަމުން އަފްލީންއަށް ޝާއިންގެ ހާލަތު ކިޔާދިނެވެ. އަފްލީން އަވަސްވެ ގަތީ ޔޫހާއަށް ޓެކްސީއެއް ހޯދުމަށެވެ.

ޕާކްވޭ ހޮޓެލްގެ ލޮބީގައިހުރި ޝާއިންއަށް ޔޫހާ ފެނުމާއިއެކު އަވަސް ހިނގުމުގައި އޭނަގެ ގާތަށް ދިޔައެވެ. ޔޫހާ ކުޑަކޮށް ދުވަމުން ކަހަލަ ގޮތަކަށް ޝާއިންގެ ބޮޑެތި އަވަސް ފިޔަވަޅުތަކާއި އެއްވަރުކުރަމުން ދިޔައެވެ. އޭނަ ޝާއިން ދައްކަމުންދިޔަ ވާހަކަތަށް ކަނުލާ އަޑުއަހަމުން ދިޔައެވެ. ދޭތެރެއަކުން ސުވާލުކޮއްލައެވެ. ކަވަރު އަޅުވާފައިވާ ޔުނީފޯމްތައް ޝާއިން ބަލަންފެށިއެވެ. އަދި ޔޫހާގެ ޔުނީފޯމް ސައިޒު އަހާލިއެވެ. އޭނަ ޔޫހާ ބުނި ސައިޒުގެ ޔުނީފޯމެއްނަގައި ދިއްކޮއްލިއެވެ.

ހޮޓެލްގެ ސްޓާފުންގެ ފާހާނާއަށް ޔޫހާވަނެވެ. އޭނަގެ ދަބަސް ހުޅުވާލުމަށްފަހު މޫނު ދޮންނަ ފުޅި އާއި މޭކަޕްގެ އެކި ސާމަނުތައް ނެގިއެވެ. ޝާއިން އެހާ ހާސްވެފައި ހުރިތަން ފެނުމުން ޔޫހާއަށްވެސް ހަމަޖެހުމެއް ނުލިބެއެވެ. އަނެއްކޮޅުން އޭނައަދި މިކަހަލަ ކަންތައްތަކަށް ވަރަށް އަލެވެ. ދަބަހުގެ ތެރެއިންނެގި ދަތްބޮޑު ފުނަލުން އޭނަގެ ނިއުޅާލެވިފައިވާ ބުޅި އިސްތަށިގަނޑު މައްޗަށް ނަގާ އޮޅާލަމުން ހަރުކޮއްލިއެވެ. މޫނުމައްޗަށް އެއްވެސް އިސްތައްޓެއް ނުވެއްޓޭނޭ ގޮތަށެވެ. ރީތިވެ ނިމުމާއިއެކު ލޯގަނޑު ކުރިމަތީ ހުރެ މެހެމާނުންނާއި ކުރިމަތިލާނެ ގޮތް ކުޑަކޮށް ޕްރެކްޓިސްކޮއްލި އެވެ. އަދި އޭނަ ގެންގުޅުނު ދަބަހާއި އައިއިރު ލައިގެން ހުރި ހެދުން ސްޓާފް ލޮކަރުތަކުން އޭނަ ބޭނުންކުރުމަށް އެރެއަށް ޙާއްސަކޮށް ދީފައިވާ ލޮކަރުގެ ތެރެއަށް ލިއެވެ.

ޔޫހާ ފެނުމާއިއެކު ޝާއިންއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެންދިޔައެވެ. އެހެން ސްޓާފުނާއިއެކު ޔޫހާ ބައިވެރިވިއެވެ. އަދި މެހެމާނުން އަންނަ ގަޑިޖެހިފައިވުމާއިއެކު ކޮންމެ ސްޓާފަކުވެސް އެމީހެއް ހުންނަންޖެހޭ ތަނެއްގައި ބުދުތަކެއްހެން މަޑުކޮއްލައިގެން ތިއްބެވެ. ޔޫހާ ހުރީ ބޯލްރޫމުގެ ތެރޭގައެވެ. އަންނަ މެހެމާނުންނަށް އެމީހުން ތިބުމަށް ހާއްސަކުރެވިފައިވާ މޭޒުތަކަށް ގެންގޮސްދިނުމަށް އެހީތެރިވުމަށެވެ. އަދި އެމީހުން ބޭނުންވެއްޖެ ކޮންމެ ކަމެއް ކޮއްދިނުމަށް ތައްޔާރުވެއެވެ. ލޮބީގައި މަޑުކޮއްލައިގެން ހުރި މަންސޫރުގެ އެއްފަރާތުގައި ޒައުލްވެސް ހުއްޓެވެ. ލައިގެން ހުރި ކަޅު ސޫޓާއިއެކު ރަތްކުލައިގެ ގަމީހެކެވެ. އޭނަގެ ޒުވާންކަން އަންހެން ކުދިންގެ ހިތްތަށް ދީވާނާ ކުރުވާހާވެއެވެ. އަންނަމުންދިޔަ މެހެމާނުންނަށް އޭނަ ދެމުންދިޔަ ފިރިހެންވަންތަކަމުން ފުރިގެންވި ލުއި ހިނިތުންވުމާއިއެކު އޭނަގެ ވަރުގަދަ ޝަހުސިއްޔަތު ފެނިގެންދެއެވެ. ފެންނަފެނުމަށް އޭނަގެ ވަނީ ބޮޑާކަމެވެ. ދެއްކުންތެރިކަމެވެ.

ކޮމެންޓް 0