"މީ އަހަރެން އަމިއްލައަށް ހޯދައިގަތް ރީތިކަމެއްނޫނޭ، އަހަންނައްތާ އެނގޭނީ މިކަމުގެ ސަބަބުން އަހަރެންނަށް އުނދަގޫވާވަރު...ރީތިކަމަކީ އަހަރެންނަށް ނަގާފައި ދެވޭވަރުގެ އެއްޗެއްނަމަ، މިހާރު ކަލޭމެނަށް އެދޭނެތާ ކޮންދުވަހެއް..." ޝާއިން ހޮޓެލްގެ ތެރެއިން ބޭރަށް ނުކުތުމާއިއެކު، ޔޫހާ އޭނަގެ ކައިރީ ހުރި ރިޔާޝާ ބުނި އެއްޗަކަށް ޖަވާބުދިނެވެ.
"އެއީ ރިޔާޝާ އެހެންބުނި އެއްޗެއް ނޫނޭ، އެނގޭތަ، އަހަންނަށް އަދިވެސް ގަބޫލު ނުކުރެވޭ ޝާއިން ހުރީ ހުހަށޭ ބުނީމަ" އިށީނދެގެން އިން ޔޫހާ އާއި ދިމާލަށް ގޮނޑި އަނބުރާލަމުން މާޔާ ބުނެލިއެވެ.
"އޭނަ ހުހީ މިހާރުއޭ، ކުރިން އުޅުނީ ފާޑެއްގެ ކުއްޖަކާ ރައްޓެހިވެގެން ދޯ ޔޫހާ، މި ޔޫހާއަށް އެކަންތައް ރަނގަޅަށް އެނގޭނީ" ރިޔާޝާ ބުނެލިއެވެ. 
"ސާބަސް، މިތާ ތިބެގެން މީހުންގެ ވާހަކަދެއްކުން ނޫންކަމެއް އެބަކުރެވޭތަ..." ދެފަރާތުގައި ތިބި ދެރަޙުމަތްތެރިންގެ ވާހަކައިގައި ބައިވެރިވަމުން ޔޫހާދިޔައެވެ. އެހެންނަމަވެސް އޭނަ ގަޑިއަށްވެސް ސަމާލުކަން ދެމުންދިޔައެވެ. ހީވާގޮތުން އޭނަ ގަޑިއަށް ކުރަންޖެހޭ ކޮންމެވެސް ކަމެއް އޮތީކަންނޭގެއެވެ.
"މާމާ ޕްލީޒް، އަޅުގަނޑު ލަހެއްނުވާނެއޭ، މިދިޔައީ މިއައީ...އެހާވެސް އަވަސްވާނެ" އީލާކް އާދޭހުގެ ރާގަކަށް ބުނަމުންދިޔައެވެ.
"އީލާކްއަށް މާމަ ބުނިއެއްޗެއް އަޑެއްނީވޭތަ، އެއްފަހަރު ބުނީމަ ގަބޫލުކުރަން އާދަކޮއްބަލަ...ކޮންވައްތަރަކަށްތަ ތިއުޅެނީ، ތީ އަންހެން ކުދިން އުޅެންވާނެ ގޮތެއްނޫނޭ" ލާއިގާގެ ރާގުގައި ހަރުކަށިކަން އެކުލެވިފައިވިއެވެ. އީލާކްއަށް އިތުރަށް ބަހެއްބުނާކަށް ނުކެރުނެވެ. އެހެންނަމަވެސް އޭނަ ކާމޭޒުކައިރިން ތެދުވެގެން ދިޔައީ ހިތްހަމަނުޖެހިފަ ހުރިކަން ލާއިގާއަށް އެންގުމަށެވެ.
"އީލާކް...ކޮއްކޯ...އީލާކް..." ލޫލުއާ ގޮވާލިއެވެ.
"ލޫލުއާ...ކައިނިމިގެން ސުފުރާދޫކޮށް ދާނީ" ތެދުވެގެން އީލާކްގެ ފަހަތުންދާން އުޅުނު ލޫލުއާއަށް ލާއިގާގެ ޖުމްލަ އަޑުއިވިފައި އިށީނެވެ. އޭނަ ދެން ބަލާލީ ބައްޕަ މަންސޫރު އާއި ދިމާލަށެވެ. މަންސޫރު ލޯމަރާލަމުން ބޯޖަހާލީ ލާއިގާގެ ބަސްގަބޫލުކުރާށޭ ބުނާފަދަ ގޮތަކަށެވެ.
ލޫލުއާ އާއި އީލާކް އަކީ މަންސޫރުގެ ދެއަންހެންދަރިންނެވެ. އާއިލާގައި އެންމެ ދޮށީ ލޫލުއާއެވެ. މެދަށް ޒައުލް ލިބުނުއިރު އެންމެ ހަގީ އީލާކްއެވެ. މިޒާޖުގެ ގޮތުންވެސް އެންމެ ތަފާތު ކުއްޖަކަށްވީ ހަގުދަރިފުޅު އީލާކްއެވެ. ލާއިގާގެ ކަންކަމަށް ފާޑުކިޔަން ކެރޭ ކުއްޖަކަށްވެސް އާއިލާގައި ހުރީ އީލާކް އެކަންޏެވެ.
"ދަރިފުޅު މިއަދު އޮޕަރޭޝަނެއް ކުރަން އޮތްވާހަކަ ބުނީމެއްނު، ކިހިނެތްތައް އެކަންތައްތައް ދިޔައީ، ކާމިޔާބުވިތަ؟" ވެރިވެފައިވާ ހަމަހިމޭންކަން ނައްތާލަމުން މަންސޫރު ލޫލުއާ އާއި ވާހަކަދެއްކިއެވެ. ލޫލުއާއަކީ ރާއްޖޭގައި ތިބި މޮޅު އޮޕަރޭޝަން ޑޮކްޓަރުންގެ ތެރެއިން ނަންކިޔާލެވޭ ފަރާތެކެވެ. ނާރުގެ ޙާއްސަ ޑޮކްޓަރެކެވެ. އޭނަގެ މުޅި ދުވަސް ދިޔަގޮތް މަންސޫރަށް ކިޔާދެމުންދިޔަވެ. އެންމެންގެ ތެރޭ ބަސްމަދުވެފައި އިނީ ޒައުލްއެވެ. އޭނަ ކައިނިމުމާއިއެކު ލާއިގާގެ ގާތުން ކާމޭޒުކައިރިން ދުރަށް ޖެހިލުމުގެ އިޒްނައަށް އެދުނެވެ. ލާއިގާ ހިނިތުންވެލަމުން ބޯޖަހާލިއެވެ.
"އީލާކް...ދޮރުހުޅުވަބަލަ" ޒައުލް އީލާކްގެ ކޮޓަރި ދޮރުމަތީ ހުރެ ބުނެލިއެވެ. އޭނަ ކާމޭޒުކައިރިން ތެދުވެގެން އަވަސްވެގަތީ އީލާކްގެ ގާތަށް އައުމަށެވެ.
"ނޫޅެން، އަޅުގަނޑު އެއްވެސް ކުއްޖަކާ ވާހަކަދައްކާކަށް ބޭނުމެއްނޫން، ސްޕެޝަލީ މާމަ އާއި، އީއްކޮ ދެން ނުވެސް ނުކުންނާނަން ކޮޓަރިން، މިތާގަ އެއްކޮށް އުޅޭނީ" އީލާކް ކުޑަކުޑަ ކުއްޖެއްފަދައިން ވާހަކަދައްކަމުން ދިޔައިރު އޭނަ ހުރީ ދޮރުކައިރީކަން ޒައުލްއަށް އެނގުނެވެ.
"މައްސަލައެއްނެތް، މިދަނީ ކޮޓަރިއަށް، މިފަހަރު ސެމިނަރއަށް ގޮއްސަ ގެނައި ހަދިޔާ މީނީ ދޮރުމަތީގަ، މާގިނައިރު ކުރަންޏާ މާމަ ހަދިޔާ ގެންދަވާނެކަން ހަދާންކުރާތި...މާމަ ހިތްހަމަޖެހިއެއްނުލައްވާނެ ދޮރުމަތީގަ އެއްޗެހި ބަހައްޓާފަ ހުރީމަ..." ޒައުލް ކުޑަކޮށް ހިނިއައިސްފައިހުރެ ބުނެލިއެވެ. އަދި ތިރީހަކަށް މިނެޓުވަންދެން އީލާކްގެ ކޮޓަރި ދޮރުމަތީ މަޑުކޮއްލައިގެން ހުއްޓެވެ.
މަޑުމަޑުން އީލާކްގެ ކޮޓަރި ދޮރުހުޅުވުމާއިއެކު ހަތަރެސްފައި ޖަހައިގެން އޮތް އީލާކް ދޮރުން ބޭރަށް ބޯދިއްކޮއްލިއެވެ. އެއާއިއެކު ފާރުކައިރީ ދޮރުގެ އެއްފަރާތުގައި ހުރި ޒައުލް ފެނުމާއިއެކު އޭނަ ދިޔައީ ސިއްސައިގެންނެވެ. ޒައުލް މަޑުމަޑުން ހޭންފެށިއެވެ. ގޭތެރޭގައި ބާރަށް ހުނުމަކީ ލާއިގާ މާގަޔާވާކަމެއްނޫނެވެ. އީލާކްގެ ގާތަށްވެސް ހިނިއައެވެ. ޒައުލް ނިތްއަރުވާލަމުން އޭނައަށް ކާމިޔާބު ލިބިއްޖެކަން އިޝާރާތުން އަންގާލިއެވެ. އޭރު ދޮރުން ބޭރަށް ބޯދިއްކޮށްގެން އޮތް އީލާކް ތެދުވަމުން އެކޮޓަރިއަށް ޒައުލްވަނުމަށް ތަންދެއްކިއެވެ.
"އޯ މައިގޯޑް...މީ ނިދާ ކޮޓަރިއެއްތަ؟ އީއްކޮ ނިދަނީ ކޮންތަންކޮޅެއްގަ؟ މިހެންވެގެންދޯ މާމަ މިކޮޓަރިއަށް ނުވައްދާން ތިއުޅެނީ..." ޒައުލްއަށް އީލާކްގެ ކޮޓަރި އޮތްގޮތް ފެނުމާއިއެކު ބުނެލެވުނެވެ.
"މާމަ ބުނުއްވާގޮތަށް ހުރިހާކަމެއް ނުކުރެވޭނެ، އަޅުގަނޑުގެ އަމިއްލަ ގޮތެއްވެސް ހުންނަންވާނެއެއްނު، ދޮންބެއަށްވެސް އެނގިލައްވާނެ އަޅުގަނޑު އަބަދުވެސް ވާންބޭނުންވަނީ ފެޝަން ޑިޒައިނަރަކަށްކަން...ކުރިއަށްމިދަނީވެސް އެދާއިރާއިން، އިރާދަކުރެއްވިއްޔާ ގްރެޑުއޭޝަންއަށްފަހު މިހާރު ކުރަހާފަ ހުރި ޑިޒައިންތަކުގެ މަސައްކަތް ފައްޓާނަން، މިރޭ ބޭރަށް ދާންވެސް އުޅުނީ އެކަމާ އަޅުގަނޑުގެ ރަޙުމަތްތެރިންނާއި މަޝްވަރާކޮއްލަންވެގެން، އަދި އެހާ ލަހެއްވެސް ނުވޭ، އަޅުގަނޑުގެ ރަޙުމަތްތެރިންނާއިއެކު ބޭރަށް ދިއުން އެއީ މައްސަލައެއްނޫނެއްނު، މާމަ އަދިވެސް އުޅެނީ އަޅުގަނޑު ކުޑަކުއްޖަކަށް ހަދައިގެން، މިއަހަރު އަޅުގަނޑުގެ ކިޔެވުން އެއްކޮށް ނިމޭނެ، ބައްޕަ ގާތު އެދިލައްވައިގެން އަވަހަށް ބޭރަށް ފުރަންވީ، ގްރެޑުއޭޝަން އާއި ދޭތެރޭ މިއޮތްދުވަސްކޮޅުވެސް މިކޮޅުގަ ހުންނާކަށް ބޭނުމެއްނޫން...އޭރުން މާމަގެ ކިބައިން ސަލާމަތްވާނީވެސް..." އީލާކް އެނދުމަތީގައި ހުރި ބައެއްހެދުންތައް ނަގާ އެއްފަރާތުގައި އިން ސޯފާގޮނޑިއަށް އަޅާލަމުން ވާހަކަދެއްކިއެވެ.
"ކޮއްކޯ އީލާކް، މާމަ އަހަރުމެން ހުރިހާ ކުދިންދެކެވެސް ލޯބިވޭ...އަހަރުމެންނަށް ދެރައެއްލިބޭކަށް މާމަ އެދިއެއްނުލައްވާނެ، ތިހެން އަބަދު މާމަ އާއި ދެބަސްނުވާށޭ ދޮންބެ ބުނަންދޯ، އެހުރިހާ ވާހަކައަކީވެސް ހަމަ ރަނގަޅު ވާހަކައޭ، ބަލާބަލަ މިކޮޓަރި، ހުރިހާ ތަނެއްގަ މިވަނީ އަންނައުތައް އުކާލެވިފަ، ކާޕެޓުމަތީގަ އާއި ސޯފާގަވެސް އަރަންގެންގުޅޭ ފައިވާނާ ބޫޓު ފަދަ ތަކެތި، އަނެއްކާ ތިއޮއްފާރެއްގަ ހިއްޕާފަ ހުރި ޕޯސްޓަރު ތަކެއްވާ ދޯ...ދޮންބެގެ ބޮލުގަ ރިއްސާވަރުވޭ، އަދި މާމައަށް ކިހާވަރެއްވާނެ..." ޒައުލްގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ.
"ދޮންބެވެސް ލެކްޗަރއެއް ދެއްވަނީތަ، އޭރު ހަދިޔާއެއްގެ ވާހަކަ ބުނި، ކޮބާ ހަދިޔާ؟ އަޅުގަނޑަށް ހަދިޔާއެއް ނުގެނެސްދެއްވަންތަ؟" އީލާކް ވާހަކަ ބަދަލުކޮއްލަން އުޅުނެވެ. އެކަމާ ޒައުލް ސަމާލުކަމެއްނުދިނެވެ.
"ނޫނޭ ހަދިޔާގެ މަތިން އިރާދަކުރެއްވިއްޔާ ހަނދާނެއްނުނެތޭނެ، އެކަމަކު އަދި އޮތީ ފޮށީގަ" ޒައުލް އީލާކްއަށް ބަލާލަމުންބުނެލިއެވެ. ލޫލުއާ އެކޮޓަރިއަށްވަނީ އެވަގުތުއެވެ. އޭނަ އަވަސް އަވަހަށް އައިސް އީލާކްގެ ގާތުގައި އިށީނެވެ. ނުކައި ކާމޭޒުދޫކޮށް އައުމުން ކުޑަކޮށް ހިތްހަމަނުޖެހިފަ ހުރިގޮތް ދައްކާލިއެވެ.
އަމިއްލަ ކަންތައްތަކަށްވުރެ އެހެންމީހުންގެ ކަންކަމުގައި އިސްވެއުޅެވޭ ޒައުލް އިނީ މަންސޫރާއި ވާހަކަދެއްކުމަށް ލައިބްރަރީގައި ހުރި ބޮޑުމޭޒުގެ ކައިރީ އިށީނދެއެވެ. އޭރު ރޭގަނޑު ނުވައެއްވެސް ޖަހައިފިއެވެ. ވިޔަފާރީގެ މުހިންމު ކަމެއް ނިންމުމުގައި ދެބަފައިން މަޝްވަރާ ކުރަމުންދަނީއެވެ. ބަނގުރޫޓުވަމުންދާ ހޮޓެލްތައް ގަނެ އަލުން ފައިދާކުރުވަނިވި ތަނަކަށް އެތަންތަން ހެދުމަކީ މިފަހަކަށް އައިސް މަންސޫރާއި ޒައުލްގެ ވިސްނުންހުރިގޮތެވެ. ނިންމުމަކާއި ހަމައަށް އާދެވި ޒައުލްއަށް ނިދަން ދެވުނު އިރު ބާރަޖަހަނީއެވެ. އަރާމުތަންމަތީގައި ޖެހުނުލެއް ލަސްވީއެވެ. ޒައުލްގެ ލޯމެރި ފުން ނިންޖެއްގެ ތެރެއަށް އޭނަ ގަރަގުވެގެންދިޔައެވެ.
އާދުވަހަކަށް އިރުއަރައިފިއެވެ. ޒައުލް ދިހައެއް ޖަހާލާކަންހާއިރު އޭނަގެ ޙާއްޞަ ހޮޓެލްގައި ހަދާފައިވާ އޭނަގެ އޮފީހުގައި ލިޔުންތަކެއް ބަލަމުންދިޔައެވެ. އޭރު އޭނަގެ ގާތުގައި އަންހެން ކުއްޖަކު ފައިލްއެއް ހިފައިގެން މަޑުކޮއްލައިގެން ހުއްޓެވެ. އަދަބުވެރިކަމާއިއެކު ޒައުލްއާއި ވާހަކަދައްކަމުންދިޔައެވެ. މަންސޫރުގެ ނަންމަތީ އެތަށް ހޮޓަލެއް ވާއިރު އެހުރިހާ ހޮޓަލަކަށް ޒައުލް ގޮހެއް ނުހަދައެވެ. އޭނަ ކުރަންޖެހޭ މުހިއްމު ކަންތައްތައް ނިންމަނީ ފޯނުގެ އެހީގައެވެ. ނޫނީ ވެބްކެމް މެދުވެރިކޮށެވެ. ކޮންޓްރެކްޓު ފަދަ ލިޔުމެއްގައި ސޮއެ ކުރަންވެއްޖެނަމަ އޭނަގެ ޙާއްޞަ ހޮޓެލްގައި ވާ އޮފީހަށް އައުމަށް މީހުންނަށް ދައުވަތު އަރުވައެވެ. މަންސޫރުގެ ކުންފުނީގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ލަގްޒަރީ ހޮޓެލް އާއި ގުޅިގެން ބާއްވަން ހަމަޖެހުނު ހަފްލާއަށް އެކިމަގާމުތަކުގެ އިސްވެރިންނަށް ދައުވަތުއެރުވިއެވެ. ޒައުލް ހޮޓެލްތަކުގެ އެކި ޑިޕާރޓުމެންޓް ހެޑުންނާއި އެކު ބައްދަލުވުމެއް ބޭވުމަށްފަހު ކަންތައްކުރަންވީގޮތް ކިޔާދިނެވެ. ބޭރުގެ ފެންވަރަށް ބާއްވަން ހަމަޖެހުނު ހަފްލާގައި ރާއްޖޭން ބޭރުގެ ބައެއްފަރާތްތައްވެސް ބައިވެރިވެ ލައްވާނެކަމުގައި އިއުލާންކުރިއެވެ. ހުރިހާ ކަމެއް ހަމަޖެހުމާއިއެކު މީޑިއާއަށް ފުރަތަމަ ފަހަރަށް މަންސޫރު ކުންފީނީގެ އާމޫނުކަމުގައި ޒައުލް ފެނިގެންދިޔައެވެ. އަދި ބާއްވަން އުޅޭ ކުލަގަދަ ހަފްލާގެ ރަސްމިއްޔާތާ ބެހޭގޮތުން މީޑީއާގެ އެކިފަރާތްތަކާއިއެކު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ.
"ކިޔާން، އަވަހަށް އާދޭ އަފޫ ދައްތައާއިއެކު އެތިކޮޅެއް ކާލަން" އަފްލީން ސިޓިން ރޫމުގައި ދުވެދުވެފައި އުޅޭ ހަތަރު އަހަރުގެ ކިޔާންއަށް ބުނެލިއެވެ.
"އޯ ބުރަކަށީގަ ރިއްސާހެންވެސް އެބަހީވޭ، ކީއްކުރާނީ މިވަގުތަށް އަހަންނަށް ހިތްހަމަޖެހުންލިބޭ ދެކަމުންތުރެން އެއްކަންތައް ރިސެޕްޝަނިސްޓެއްގެ ވިޔަސް ވަޒީފާއެއް އަހަންނަށް ލިބި އެތަނަށް ދިއުން، އަފޫ...ގެނޭ އަހަރެން ކާންދޭނަން" ހެދުން ބަދަލުކޮއްލައިގެން ކޮޓަރިން ނުކުތް ޔޫހާ ބުނެލިއެވެ.
"ކިޔާން އަފޫ ދައްތަ އަތުންނޭ ކާނީ ދޯ، ޔޫހާ އެއްޗެހި ދޮންނަނީނު، މީދެން އެވަރުކަމެއްވެސް ނޫން، އަހަރެން ކިޔާން އާއިއެކު ވަގުތު ހޭދަކުރަން ބޭނުންވާވަރު ޔޫހާއަށް އެނގޭނެ..." އަފޫ ހިނިއައިސްފައި ކިޔާންއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.
މެންދުރުފަސް ޑިއުޓީގަޑި ޖެހުމުގެ އެއްގަޑިއިރު ކުރިން ޔޫހާއަށް ހޮޓެލްއަށް ދާންޖެހުނެވެ. ޙާއްޞަ ބައްދަލުވުމެއް އޮވެގެންނެވެ. ބޮޑުމީހާ ބާއްވަން އުޅޭ ހަފްލާއަށް ކޮންމެ ހޮޓެލަކުންވެސް ވަކިއަދަދަކަށް ކުދިން ހޮވުމަށް ނިންމާފައިވާކަން އެންގިއެވެ. އަދި އެމީހުން އިއުލާންކޮއްފާއިވާ ލިސްޓުގައި ޔޫހާގެ ނަންނެތުމުން އޭނަގެ އަނގައިގާވާ ހުރިހާ ދަތެއްކަހަލަ ގޮތަކަށް ފެނިގެންދިޔައެވެ. އޭނައަށް އެއީ ކިހިނެތްވީކަމެއްކަން ވަގުތުން ނަގައިގަނެވުނެވެ. ބައްދަލުވުން ނިންމާފައި ރިސެޕްޝަނިސްޓުން އެމީހުންގެ ކައުންޓަރު ކައިރިއަށް އާދެވުމާއިއެކު ޔޫހާ ފޯނުގެ އަތްގަނޑު ނެގުމަށްފަހު ކޯޑު ނަންބަރެއް ޖަހާލިއެވެ.
"ހެލޯ، މީ ޔޫހާ..." ޔޫހާ ވާހަކަދެއްކިއެވެ.
"ހެ ހެ ހެ ހެ...އަހަންނަށް އޭރުވެސް ހީވި ޔޫހާ އަހަންނަށް ގުޅާނެހެން، ޝުކުރިއްޔާއޭ ބުނުމުގެ ކުރިން އަހަރެން ގަބޫލުކޮއްފީމޭ މިބުނަނީ...އަހަންނަށް އެނގޭ ޔޫހާއަށް ގޭގައި ހުރުން މުހިއްމުވާވަރު" ހޮޓެލްގެ އެޗް.އާރް މެނޭޖަރ ޝާއިން ބުނެލިއެވެ.
"އަސްލުވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ، ޔޫ އާރ މައި ބެސްޓް ބެސްޓު ފުރެންޑް، ހާދަ ރަނގަޅޭ ޝާ...އޫފްސް، ނަމެއް ނުބުނާނަން...ބާއްވަނީ އެނގޭ، ސުޕަރވައިޒަރަށް ފެނިއްޖެއްޔާ މައްސަލައެއް ޖެހިދާނެ" ޔޫހާ ހިނިއައިސްފައި ހުރެ އަވަސް އަވަހަށް ރިސެޕްޝަން ފޯނު ބޭއްވިއެވެ.

ކޮމެންޓް 0