ކުލުނުން ފުރިގެންވި ބަލާލުމަކާއިއެކު ލޫލުއާއަށް ކިޔާންގެ މޫނުގައި ފިރުމާލެވުނެވެ. ކިޔާން ހިނިތުންވެލައިގެން ހުރީ ރަކިވެފަ ހުންނަފަދަ ގޮތަކަށެވެ. ލޫލުއާ ތެދުވެ ހާޒިމްއަށް ބަލާލި ގޮތުން އޭނަ ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެފައި ހުރިހެން ހީވިއެވެ.
"ލުއާ، ޒައުލް އެވަރުގެ ބޮޑު ދޮގެއް ހަދަންވީ ކީއްކުރަން..." ހާޒިމް ވާހަކަ ދައްކަން އުޅުނީ ޒައުލްގެ ދިފާއުގަ އެވެ.
"އަހަރެން ނުބުނަމެއްނު އެއީ ދޮގެކޭ، ޒައުލް ކޮއްކޮގެ ވާހަކަ އަހަރެން ދޮގު ކުރާނީ ކިހިނެއް، ކުރިމަތިން މިފެންނަނީ އޭނަގެ ޒެރޮކްސް ކޮޕީއެއް، ޒައުލް ކޮއްކޮ ކުޑައިރު ހުންނަނީ މިހެން، އެއްވެސް ތަފާތެއްނެތް... ލޮލަށް ފެންނަ ކަންތައްތައް ނުފެންނަ ކަމަކަށް ނުހެދޭނެ ދޯ، އަހަރެން ހިތަށް މިއަރަނީ މިކަން މިގޮތަށް އޮތްއިރު ކީއްވެހޭ ބައްޕަ އާއި މާމައަށް ޒައުލް ކޮއްކޮގެ ވާހަކަ ގަބޫލު ނުކުރެވެންވީ،" ލޫލުއާ ހާޒިމް އާއި ޒައުލްއަށް ބަލަމުން ވާހަކަ ދެއްކި އެވެ.
"މައްސަލައަކީ މާމަ ބޭނުންވާ ކަހަލަ އަންހެން ކުއްޖަކަށް ޔޫހާ ނުވުން، ދޮންތާ، އަޅުގަނޑުގެ ހަޔާތުގައި ކުށެއް ކުރެވުނު، އެކުށް ގަބޫލުކޮށް އެކަމުގެ ޒިންމާ ނަގަން އަޅުގަނޑު ބޭނުން ވުމުން އެކަމަށް މާމަ ހުރަސް އަޅަންވީ ކީއްވެ، އެތަށް ފަހަރަކު އަޅުގަނޑާއި ޔޫހާ ދެމެދު އޮންނަ ގުޅުމާއި ކިޔާން އަކީ އަޅުގަނޑުގެ ދަރިއެއްކަން ބުނެދޭން މަސައްކަތް ކުރެވިއްޖެ، މިގޮތަށް ކަންތައް ކުރުން ނޫން އިތުރު ގޮތެއް އަޅުގަނޑަށް ދެން ނެތް، ދޮންތާ... އަޅުގަނޑަށް... އަޅުގަނޑަށް ޔޫހާ އާއި ވަކިންނެއް ނޫޅެވޭނެ" އެހެން މީހުންގެ ކުރިމަތީ އަމިއްލަ އިޙްސާސްތައް ފާޅުކުރުމުގައި ފަސްޖެހޭ ޒައުލް ބުނެލި އެވެ. ލޫލުއާ އެމީހުންނާއި ތަންކޮޅެއް ދުރުގައި ހުރި ޔޫހާއަށް ބަލާލި އެވެ. އަދި މަޑުމަޑުން އައިސް ޔޫހާގެ ގާތުގައި ހުއްޓިލި އެވެ.
"ޔޫހާ...." ލޫލުއާ ގޮވާލުމާއިއެކު ޔޫހާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ.
"އަހަންނަށް ޔޫހާގެ އެއްވެސް އައިބެއް ނުފެނޭ، އެއާ ހިލާފަށް އަހަންނަށް މިހާރު މިފެންނަނީ ކުޑަކުޑަ އުފާވެރި އާއިލާއެއް، ޔޫހާ، މި އާއިލާއަށް އަހަރެންގެ ކޮއްކޮ އާއި ކައިވެނި ކޮއްގެން އައީތީ އެކަމުގެ މަރުހަބާ ކިޔަން، އަހަންނަށް ކިޔަނީ ލޫލުއާ، އެހެރީ ހާޒިމް، އަހަރެންގެ ފިރިމީހާ، އެނގޭތަ، ދުވަހަކުވެސް ހިތަކަށް ނާރާ ޒައުލް ކޮއްކޮގެ ދިރިއުޅުމަށް ތިހާ އާދައިގެ އަންހެން ކުއްޖެއް އައިސްދާނެ ކަމަށް، އެކަމަކު އޭނަ ޔޫހާ ދެކެ ވަރަށް ލޯބިވާކަން މިއަދު އަހަންނަށް އެނގިއްޖެ، އަހަންނަކީ ހުރިހާ ކުދިންގެވެސް ދޮންތަ، އެއްވެސް ކަމަކާ ދެރަވާނެ ކަމެއްނެތް... ދޮންތަ މަސައްކަތްކުރާނަން މާމަ އާއި ބައްޕައަށް ވިސްނާދެވޭތޯ... ކާން ދިއުމުގެ ކުރިން އެންމެ ފުރަތަމަވެސް މިއައީ ޒައުލް ކޮއްކޮގެ އަންހެނުން ދެކިލަން، ބުނެވޭނީ އިސްކޮޅުން ކިތަންމެ ކުރަސް ވަރަށް ރީއްޗޭ، ވަރަށް ނަލައޭ... ހެ ހެ ހެ ހެ...." ލޫލުއާ ލުއި ހީނލުމަކާއިއެކު ޔޫހާގެ ކޮނޑުގައި ވަށާލިއަތުން އޭނަގެނެސް ގަޔާ ކައިރިކޮއްލި އެވެ. ޒައުލްގެ މޫނުމަތިން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ފެނިގެންދިޔަ އެވެ. އެވަގުތު ހާޒިމް ޒައުލްގެ ކޮނޑުގައި ޖަހާލި އެވެ.

އައްޔަދު އަފްލީނާއި ވާހަކަ ދައްކަމުންދިޔަ އެވެ. އޭނަގެ އެންމެ ބޮޑު ސުވާލަކީ ޔޫހާ އެގެއަށް އަންނާނެ އިރެއް އޮޅުންފިލުވުމެވެ. އޭނަ ޔޫހާ އާއި ބައްދަލުކޮއް ހުރިހާ ވާހަކައެއް ކިޔާދޭން ނިންމީއެވެ. އެހުންނޫނީ އޭނަގެ މަންމަ ކުރިމަތިލީ ހިތްދަތި ދުވަސްތަކާއި އޭނަގެ މަންމަގެ ކެތްތެރިކަމާއިއެކު ދަރިންނާއި ބައްދަލުވާނެ ކަމުގައި ކުރި އިންތިޒާރު ވެގެންދާނީ ނިމުމެއްނެތް ކަމެއްކަމުގައެވެ.
"އަޔާ، އަހަރެން ޔޫހާއަށް ގުޅިން، އޭނަ އިނީ ޒައުލްމެންގޭގަ، މިއަދު އަންނާނެ ކަމެއް ނޭނގެ، އަޔާ ގުޅަންވީނު ޔޫހާއަށް، އޭރުން ޔޫހާގެ ހާލު އޮޅުން ފިލާނެއެއްނު" އަފްލީން އޭނަގެ ހިޔާލު ފާޅުކުރި އެވެ. އެކަމާ އައްޔަދު ވަކިއެއްޗެއް ނުބުނި ކަމުގައިވިޔަސް އޭނައަށްވެސް އެ ހިޔާލު ކަމުދިޔައެވެ. އެހެންނަމަވެސް ޔޫހާ އޭނަގެ ފޯނު ކޯލަށް ޖަވާބު ދޭނެބާއޭ އޭނަގެ ހިތަށްއަރަމުންދިޔަ އެވެ. 

މެންދުރުގެ ކެއުން ނިމިގެންދިޔައީ ހަމަހިމޭންކަމާއިއެކުއެވެ. އެކަކުވެސް އެއްޗެއް ނުބުނެއެވެ. ލޫލުއާ ވިސްނީ އެންމެންގެ ތެރޭގައި ލާއިގާ އާއި މަންސޫރާއި ވާހަކަ ދެއްކުމަށްވުރެ ވަކިވަކިން ދެމީހުންނާ ބައްދަލުކޮއްފައި ޒައުލްގެ ވާހަކަ ދެއްކުން މާރަނގަޅުވާނެކަމުގައެވެ. ލޫލުއާގެ ދެމަފިރިން ފެނުމުން ލާއިގާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ފެންނަމުންދިޔަ އެވެ.

"ޔޫހާ، ކީއްވެތަ ކޮޓަރިއަށް ތިއައީ... ހިނގާބަލަ ތިރީ ސިޓިން ރޫމުގައި ތިބެލަން، ނޫނީ ޓެރެސްއަށް ވެސް ދެވިދާނެ، އެތަނަށް ދޯ ދާނީ، އެތަންމާ ހިތްފަސޭހަވާނެ" ޒައުލް ބުނެލިއެވެ. މެންދުރުގެ ކެއުމަށްފަހު ޔޫހާ ކިޔާން ގޮވައިގެން އައިސްވަނީ ކޮޓަރިއަށެވެ. އޭރު ކިޔާން އަވަސް އަރުވާލާފައި ހުރީ ޒައުލްގެ ލެޕްޓޮޕް ހުޅުވާލުމަށެވެ.
"އަހަންނަކަށް ނުކެރޭނެ ނުކުމެ އުޅޭކަށް" ޔޫހާ ހަގީގަތް ހާމަކުރިއެވެ.
"މާމަ ކޮންމެ އެއްޗެއް ކީނަމަވެސް ޔޫހާ އެއަށްވުރެ ހިތްވަރުގަދަވާނެކަން އަހަންނަށް އެނގޭ، ކުޑަ ދުވަސްކޮޅަކަށް ކެތްކޮއްލާ، އަހަރެން ބޭނުންވަނީ މާމަ އާއި ބައްޕައަށް ޔޫހާއަކީ އެމީހުން ހީކުރާ ކަހަލަ ވިޔާނުދާ ގޮތެއްނެތް އަންހެން ކުއްޖެއް ނޫންކަން ދައްކަން، ޔޫހާ އަބަދު ކޮޓަރީގައި އިނުމުން އެމީހުންނަށް ޔޫހާގެ ގޮތެއް ނޭނގޭނެ، ޔޫހާވެސް ވާނެ އެމީހުންނާ ވާހަކަ ދައްކަން މަސައްކަތް ކުރަން، ޕްލީޒް... އަހަންނަށްޓަކައި، ބައްޕަ އާއި ވަކިވެގެން ދާކަށް އަހަރެން ބޭނުމެއ ްނޫން، އެކަމަކު އެމީހުން ޔޫހާ އާއި ކިޔާން ބަލައ ިނުގަންނަންޏާ އަހަނަށް ޖެހޭނީ އެކަންވެސް ކުރަން، މިގެ ދޫކޮއްލާފަ ދާން..." ޒައުލް ޔޫހާގެ އުނަގަނޑުގައި ހިފާލާފައި އޭނަ އާއި ގާތަށް ޖައްސާލިއެވެ.
"ޒައުލް ބޭނުންވަނީ އެންމެން އެކުގައި ގުޅިގެން އުޅެންކަން އެނގޭ، އެކަމަށް އަހަރެން ހުރަސް އަޅާކަށް ނެތިން، އަހަރެން މާމަ އާއި ވާހަކ ަދައްކަން މަސައްކަތް ކުރާނަން... ޒައުލްއަށްޓަކާ... އެންމެ ރަނގަޅެއްނު..." ޔޫހާ ޒައުލްގެ މޭގައި މޫނު ޖައްސާލަމުން ބުނެލި އެވެ.

ޒައުލް ގޭގައި ހުރެވެސް ހޮޓެލްތަކުގެ އެންމެފަހުގެ ކަންތައްތައް ޝާއިންއަށް ގުޅައިގެން އޮޅުންފިލުވި އެވެ. އަދި ޝާއިން ޔޫހާގެ ރަށަށް ދިއުމުން ހިނގި ކަންތައްތަކުގެ ތަފްޞީލު އެހުމާއިއެކު އެކަންވީގޮތް ވެސް ޒައުލް ކިޔާދިނެވެ. ޒައުލް ޖެހިގެން އޮތް ދުވަހު އޮފީހަށް ނުކުންނާނެކަމަށް ވެސް ބުންޏެވެ. ޔޫހާ ޒައުލްމެންގެ ގެއަށް ފުރަތަމަ ދުވަސްކަމަށްވާތީ އިތުރު އެއްވެސް ތަނަކަށް ނުދާ ގޮތަށް ނިންމީކަމަށްވެސް ޒައުލް ބުންޏެވެ. ނަމަވެސް ޖެހިގެން އަންނަ ދުވަހު ޒައުލްއަށް ނުދެވުނަސް ޔޫހާ ހަވީރުން ޝާއިންމެންގެއަށް ފޮނުވާނަން ކަމަށް ބުންޏެވެ. އަދި ގޭތެރޭގެ ހާލަތު ޝާއިންއަށް އޮޅުންފިލުވާދިނެވެ. ޒައުލްއަށް ޝާއިން އާއިމެދު ދެކެވެނީ މިހާރު އޭނަގެ ހުރި އެންމެ ގާތް ރަޙުމަތްތެރިޔާ ކަމުގައެވެ. ކަމަކާ މަޝްވަރާ ކުރަން ބޭނުންވިޔަސް އެންމެ ފުރަތަމަ ޒައުލްގެ ސިކުނޑިއަށް އަރާ ނަމަކީ ޝާއިންނެވެ. 

"ދަރިފުޅާ، ޔޫހާގެ ޚަބަރެއް ހަމަނުވަނީތަ، ޒައުލް އާއި ދެކުދިން ކައިވެނި ކޮއްފިތަ މިހާރު؟ ކީއްވެތަ ދަރިފުޅު މިހާރު ޔޫހާގެ ވާހަކަ ނުދައްކަނީ" ގޭގެ ބިއްދޮށުގައި ހުރި ދަނގަޑު އުނދޯލީގައި ހެއްލާލަ ހެއްލާލައިން ޒަރާނާ ވާހަކަ ދެއްކީ އޭނަގެ ކުރިމައްޗަށްވާ ގޮތަށް ހުރި ގޮނޑީގައި އިށީނދެ އިން އައްޔަދު އާއިއެވެ.
"ޔޫހާވެސް ނުގުޅާ، އެހެންވެ" އައްޔަދު އޭނަގެ ކައިރީގައި ހުރި މޭޒުގެ މަތީ ހުރި ތަބަކުގެ ތެރެއިން ފޯއް ފޮއްޗެއް ނަގާ އަނގަޔަށް ލަމުން ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ.
"އެކަމަކު މަންމަގެ ހިތް ބުނަނީ ދަރިފުޅަށް އެނގޭނެޔޭ، ދެން ބުނެބަލަ... ހަމަ ނޭނގޭތަ" ޒަރާނާ އަނެއްކާވެސް އަހާލިއެވެ.
"ޔޫހާ އާއި ޒައުލް ކައިވެނިކޮއްފި، މިދޭތެރޭން ޔޫހާގެ ރަށަށް އޭނައާއިއެކު ޒައުލް ގޮސްފަ މިހާރު އައިސް އެބައުޅޭ، އަފޫ ބުނި ޔޫހާ އުޅެނީ ޒައުލްމެންގެ ގޭގައޭ..." އައްޔަދު ބުނެލިއެވެ.
"އެމީހުން ގަބޫލުވީތަ، މިބުނީ ޒައުލްގެ މާމަގެ ވާހަކަ" ޒަރާނާ ހައިރާންކަމާއިއެކު ސުވާލުކުރިއެވެ. އައްޔަދު އޭނަގެ މަންމަ އެކަމުގެ ތެރެއަށް ވައްދަން ބޭނުން ނުވާނަމަވެސް ޒަރާނާ އޮޅުންފިލުވަން ބޭނުންވާތީ ޔޫހާ އާއި ޒައުލްގެ ކައިވެނީގެ ވާހަކަ ކިޔާދިނެވެ. އަފްލީންވަނީ ޔޫހާގެ ކައިވެނީގެ ރޭ ހިނގާދިޔަ ހުރިހާ ކަމެއް އައްޔަދުއަށް ކިޔާދީފައެވެ. އެދެމީހުންވެސް ހިތްހަމަނުޖެހުނީ އެއް ކަމަކާއެވެ. ލާއިގާ އެވަރުކުރުމުންވެސް ޒައުލް ޔޫހާ ގޮވައިގެން އެގެއަށް ދިއުމުންނެވެ.
"ޔާރައްބީ، ހަމަތެދެއްތަ، އެކުއްޖާގެ ދުވަސް ދުއްވާލަންތަ އެއުޅެނީ، ޔޫހާގެ ދަރިއެއްހުއްޓަސް އޭނަ ވަރަށް ޅަ، ލާއިގާ އޭނަގެ މަޅި އެކުއްޖާގެ ކަރަށް މަހާލާ ގޮތްވެސް ނޭނގޭނޭ، އެނގުންވާއިރު މާލަސްވެދާނެ... އޭރުން އޮންނާނީ ކަރަށް ބާރުވެފަ، އެހީވާނެ މީހަކުވެސް ނެތިފަ، ލާއިގާ އަކީ އޭނަ ބުނާ ބަހުގައި ހިފަހައްޓާ މީހެއް، އޭނަ ހަމަނޭވާ ނުލާނެ ޔޫހާއަށް ބޮނޑިއެއް ދީފަ ނޫނީ..." ޒަރާނާގެ ދެލޯ ބޮޑުވުމާއިއެކު އުނދޯލީގެ ހެއްލުން ހުއްޓުމަކަށް އައެއެވެ. އޭނަގެ ހިތުގައި ޔޫހާ އާއިމެދު ބިރުވެރިކަމެއްވަނީ އުފެދިފައެވެ. އެކުއްޖާ ލާއިގާގެ އަތްދަށުން ސަލާމަތްކުރަން އޭނަ ބޭނުމެވެ. އޭނަގެ އާއިލާ ރޫޅާލީވެސް ހަމަ ލާއިގާއެވެ. މިހާރު އޭނަގެ ޒައުލްގެ ހަޔާތްވެސް ބަރުބާދުކޮއްލުމަށް ލާއިގާ އެވަނީ އަތްކުރި އޮޅާލާފައެވެ.
"މަންމާ، ކަންބޮޑުނުވެބަލަ، ޔޫހާއަށް އެހީވާން އަހަރެން މިހުރީނު، ޒައުލްއަކަށް ނުކެރޭނެ ޔޫހާއަށް ދެރައެއްދޭކަށް، އަނެއްކާ އަފްލީންމެންވެސް އެތިބީނު، އޭނަގެ ދޮންބެ ޝާއިން މިހުރިހާ ދުވަހު ޔޫހާ އާއި ކިޔާން ގެންގުޅެމުން އައީ، އެމީހުންވެސް ޔޫހާއަށް ދެރަގޮތެއް ވިޔަކަށް ނުދޭނެ" އައްޔަދު ޒަރާނާގެ ހިތްހަމަޖައްސާލަދޭން މަސައްކަތްކުރިއެވެ. ޒަރާނާ ހޫން ލައްވާލަމުން އައްޔަދުއަށް ހިނިތުންވެލިއެއްކަމަކު އޭނަގެ ހިތާ ސިކުނޑި އެކަމަކަށް އެއްބަހެއް ނުވެއެވެ. ލާއިގާ މާ ހުޝިޔާރުވާނެއެވެ. 

ލާއިގާ އާއި ވާހަކަދެއްކުންވީ ބޭކާރު ކަމަކަށެވެ. އެންމެ ފަހުން ލޫލުއާވެސް ލާއިގާ އާއިމެދު ހިތްހަމަނުޖެހުނީއެވެ. ލާއިގާގެ ވިސްނުން ބަދަލުުކުރަންވެއްޖެ ކަމުގައި ލޫލުއާ ބުނެ އެކޮޓަރިން ނުކުތެވެ. އޭނަ ހުންނާނީ ޒައުލް އާއި އެއްކޮޅަށް ކަމަށް ލާއިގާގެ ގާތުގައި ބުންޏެވެ. ޔޫހާއަކީ އެމީހުން ފަދަ ފައިސާވެރިއަކަށް ނުވިޔަސް ލޫލުއާއަށް ޔޫހާ ކަމުދާކަމަށް ވެސް ބުންޏެވެ. ލާއިގާގެ ރުޅިވަނީ އިހުނަށްވުރެ ގަދަވެފައެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ. މިހާދުވަހު އޭނަ އާއި ދެކޮޅަށް އެއްޗެއް ނުބުނެ ހުރި އޭނަގެ ހަމައެކަނި ދަރިފުޅު މަންސޫރު އޭނައަށް އަމުރުކުރަން ޖެހުނީ ޔޫހާ އާއިހެދިގެންނެވެ. ދެން އޭނަދެކެ އެންމެ ލޯބިވާ އޭނަގެ ކޮންމެ ނިންމުމަކަށް ކިޔަމަންވަމުން އައި ލޫލުއާވެސް މިއަދު އެދިޔައީ އޭނަގެ ވިސްނުން ގޯސްކަމުގައި ބުނެފައެވެ. މިހާދުވަހު އެކުދިންނަށް ތަރުބިއްޔަތު ދިނީ ހުދު އޭނައެއް ނޫންހެއްޔެވެ. ހުރިހާ ކަމަކަށްވުރެ ބޮޑަށް އޭނަ ރުޅިއަންނަނީ އޭނަ އެންމެ ލޯބިވާ މާމަ ދަރިފުޅު އޭނަ އާއި ދެކޮޅުވުމުންނެވެ. އެއީ ޒައުލްއެވެ. އެވެސް ޔޫހާގެ ސަބަބުންނެވެ. ދެ އަތްދެއަތާ މޮޑެމުން ރުޅިއައިސް ރަތްވެފައި ހުރެ ލާއިގާ ކޮޓަރިތެރޭ ދެކޮޅަށް ހިނގަމުންދިޔައެވެ.

"ބައްޕަ އަޅުގަނޑުމެން ކުދިންދެކެ ކިހާ ލޯބިވާކަން އަޅުގަނޑަށް އެނގޭ، ހާއްޞަކޮށް ޒައުލްކޮއްކޮދެކެ، ބައްޕަ ކީއްވެތޯ ޒައުލް ކޮއްކޮ ބުނާ އެއްޗެއް ގަބޫލު ނުކުރަނީ، އަޅުގަނޑަށް ކިޔާން ފެންނަ ކޮންމެ ފަހަރަކު ހީވަނީ ޒައުލްކޮއްކޮގެ މޫނު ފެންނަހެން، ބައްޕާ، އެއީ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު، ބައްޕަ އެކުއްޖާ އާއި ދިމާލަށް ނުބަލަނީ ކީއްވެތޯ..." ލޫލުއާ ބުނެލިއެވެ. ލޫލުއާ ލާއިގާގެ ކޮޓަރިން ނުކުތް ގޮތަށް ގޮސްވަނީ މަންސޫރުގެ ކޮޓަރިއަށެވެ. އޭރު ކޮޓަރީގައި ހުރި ކުޑަދޮރުގެ ކައިރީ މަންސޫރު ހުއްޓިލައިގެން ދުރަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. ލޫލުއާ ދެއްކި ވާހަކަތަކަށް އޭނަ އެއްވެސް ޖަވާބެއް ނުދިނެވެ. އެހެންނަމަވެސް އޭނަ ލޫލުއާ ދެއްކި ވާހަކަތަކާއިމެދު ވިސްނަމުންދިޔައެވެ. ކިޔާން ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް އޭނަގެ ހިތުން އެކުޑަކުއްޖާވަނީ ޖާގައެއްހޯދާފަ އެވެ. މީހަކަށް ނޭނގުނު ކަމުގައި ވިޔަސް އޭނަ ޒައުލްގެ ގާތުގައި ކިޔާން އުޅޭގޮތް ސިއްރުން ބަލައެވެ. އެހިތަށް ހަމަޖެހުން ގެނުވާ މަންޒަރެއްކަމުގައި އެ މަންޒަރު ވެގެންދެއެވެ. ނަމަވެސް ލާއިގާއަކީ މުސްކުޅިވެފައިވާ އޭނަގެ މަންމައެވެ. އަނބިމީހާގެ ބޭވަފާތެރިކަމަށްފަހު އެކުދިންގެ މަންމައަށްވީ ހުދު ލާއިގާއެވެ. އޭނަ އެކަނިނަމަ އެދުވަހު އެކުދިން ރަނގަޅު ގޮތުގައި ބޮޑުނުކުރެވުނީސްކަން ޔަގީނެވެ.
"ދަރިފުޅާ، ބައްޕަ ޒައުލް އާއިމެދު ހިތްހަމަނުޖެހެނީކީނޫން، އެކަމަކު ތިކުދިން މީހުންނަށް ހެދީ ބައްޕައަށްވުރެ ތިކުދިންގެ މާމަ، މިއަދު މުސްކުޅިވި ދުވަހު އެމާމަ އާއި ދެކޮޅަށް ތެދުވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންދޯ، އަނެއްކާ އަހަރުމެންގެ އާއިލާއަކީ ކުޑަނަމަވެސް މުޅި މާލޭގަވެސް އެއާއިލާއެއްގެ ވާހަކަދެކެވޭ އާއިލާއެއް، ދަރިފުޅުމެން އަދި މާ ޅަވާނެ" މަންސޫރު ލޫލުއާއަށް ބަލާލަމުން ބުނެލިއެވެ.
"ބައްޕާ، އަޅުގަނޑަށްވެސް އެނގޭ މާމަ މުސްކުޅިވިދުވަހު މާމަ އާއި ޖަދަލުކުރާކަށް ނުވާނެކަން، އެކަމަކު މާމަ ޔޫހާ އާއިމެދު އެދެކެނީ ރަނގަޅަކަށް ނޫން، ޔޫހާއަކީ ވިޔާނުދާ ކުއްޖެކޭ ބުނާއިރު އަޅުގަނޑުމެންގެ ކޮއްކޮވެސް ވިޔާނުދާވީމަތާ އެފަދަ ކަމެއް ހިނގާފަ އެއޮތީ، އެކަން ސިއްރު ނުވާންވެގެންކަންނޭގެ ކިޔާންއަށް ޒައުލް ކޮއްކޮގެ ސިފަ ލިބިފަ އެހުރީ، އެވަރުންވެސް މާމަ ގަބޫލުކުރަން ބޭނުމެއްނުވޭ، ޔޫހާއަކީ ވިޔާނުދާ ކުއްޖެއް ވެސް ނޫން އަދި އޭނަގެ ކުށެއް ނޫން އެއީ އޭނަ ފަގީރަކަށްވުން، އަޅުގަނޑުމެންވެސް މިހާ މުއްސަންޖެއްނޫން ކުރީގަ، ބައްޕަގެ މިންނަތް މަސައްކަތަކުން ނޫންތޯ މިއަދު މިހިސާބަށް މިއާދެވުނީ، މި މުއްސަނދިކަން ދަމަހައްޓަން އެންމެ ބޮޑު މަސައްކަތެއް ކުރަމުން އެދަނީ ޒައުލް ކޮއްކޮ، ބައްޕަގެ ހުރިހާ ޒިންމާއެއް މިއަދު އޭނަ އުފުލަމުން އެދަނީ، އެއްފަހަރުވެސް ކޮއްކޮ ނުބުނޭ އޭނައަށް ނުވާނެއެކޭ، އެއީވެސް މާމަ ދެކެން ބޭނުންވި ހުވަފެނެއް، ކޮއްކޮއަކީ ދޮގު ހަދާ މީހުންދެކެ ރުޅިއަންނަ، އިންސާފަށް ކަންތައްތައް ކުރަން ލޯބިކުރާ ޒުވާނެއް، ބައްޕަ އާއި މާމަ ފަހުރުވެރިވާފަދަ ދަރިއެއް، އެކަމަކު މިއަދު އެދަރިފުޅު އުފާ މިއާއިލާގެ އެކަކަށްވެސް މުހިއްމެ ނޫން... މަންމަ ހުރި ނަމަ..." ލޫލުއާ ދެރަވެގެންގޮސް އެންމެފަހުން ނުބުނަން ހުރި ލަފްޒުވެސް ދުލުން ބޭރުވީއެވެ. މަންސޫރަށް ސިހުން ލިބިގެންދިޔަ އެވެ. ޒަރާނާ އެގެއިން ނުކުމެގެންދިޔަ ފަހުން މިނޫނީ ދުވަހަކުވެސް ލޫލުއާ ޒަރާނާގެ ވާހަކަ ދައްކާފައެއް ނުވެއެވެ. އެންމެ ކުޑަމިނުން ޒަރާނާ ނުކުމެގެންދިޔަ ދުވަހުވެސް އޭނަ އެކަކު ގާތުވެސް ޒަރާނާ ދިޔައީ ކޮންތާކަށްތޯ ވެސް ނާހައެވެ. މަންސޫރުގެ ހިތަށް ވަރަށް އަސަރުކުރިއެވެ.
"ބައްޕަ ތިއިން އެއްވެސް ކުއްޖަކު ވަކިވެގެންދާކަށް ބޭނުމެއްނޫން، ބައްޕަ ބޭނުން ޒައުލްވެސް އޭނަގެ އަންހެނުންނާއިއެކު މިގޭގައި އުޅެން... ދަރިފުޅާ، ލޫލުއާ..." މަންސޫރަށް ދުރުގައެއް ނުހުރެވުނެވެ. އޭނަގެ އެންމެ ދޮށީދަރިފުޅު ގެނެސް ގައިގާ ޖައްސާލަމުން ބޮލުގައި ބޮސްދިނެވެ. އިތުރަށް އޭނައަށް ބުނާނެ އެއްޗެއް ނޭނގުނީއެވެ. ޒަރާނާގެ ހަގީގަތް އެކުދިންނަށް އެނގެން މަންސޫރު ބޭނުމެއްނޫނެވެ.

ކޮމެންޓް 0