"ސަޕްރައިޒް... ސައިޕްރައިޒް... އަސްލު މާމަގެ ޕްލޭނެއްމީ، އޯ ދޮންތާ، ކޮންގްރާ..." އީލާކްގެ މޫނުމަތިން އާދަޔާއި ހިލާފު އުފާވެރިކަމެއް ފެންނަމުންދިޔައެވެ. އޭނަ ޒައުލް އާއި ލޫލުއާ އާއި އެއްފަހަރާހެން ވާހަކަދައްކަމުންދިޔައެވެ. ލާއިގާ އައިސް ޒައުލްގެ ކޮނޑުގައި ފިރުމާލީ ލޯބިންނެވެ. އަދި ލޫލުއާގެ ގާތުގައި ހުއްޓިލަމުން މާމަދަރިފުޅު ގާތްކޮއްލީ ލޯތްބާއިއެކުއެވެ.
"މާމަ ވަރަށް އުފާވެއްޖެ، ދަރިފުޅުގެ ކައިވެންޏަށް މާމަ ވަރަށް ފޮނި ހުވަފެންތަކެއް ދެކުނިން، މިއަދު އެހުވަފެންތައް ހަގީގަތަކަށްވާން ކައިރިވެއްޖެކަންވެސް އެނގިއްޖެ، ދަރިފުޅުގެ ހޮވުމާއި ދޭތެރޭ މާމަ ވަރަށް ހިތްހަމަޖެހޭ" ލާއިގާ އޭނަގެ އަތުގެތެރޭ ގާތްކޮއްލައިގެން ހުރި ލޫލުއާއަށް ބުނެލިއެވެ. މިވާހަކަތައް އަޑުއަހަން ހުރި ލޫލުއާގެ ދެކޯތާފަތަށް ލަދުވެތިކަމާއިއެކު ޖަންބުކުލަ އަރައިގެން ދިޔައެވެ. މިމަންޒަރުތައް ބަލަން ހުރި ޒައުލްގެ ސިކުނޑީގައި އެކިހިޔާލުތައް ކޮޅުކޮޅަށް އެނބުރެންފެށިކަހަލައެވެ. ލާއިގާ އައުމުން އޭނަގެ މުރާދުތައް ހާޞިލްކުރުމަށްވެސް އިތުރު ފަސޭހަކަމެއްވެގެން ދާނެކަން އެނގޭތީއެވެ. އެއްވެސް އެއްޗެއް ނުބުނެ ހިނިއައިސްފައި މަންސޫރު ހުރިހާ ކުދިންނަށް ބަލަންހުއްޓެވެ. މީހެއްކައިރީ އޭނަ ނުބުނި ކަމުގައިވިޔަސް މިފަދަ ވަގުތުތަކުގައި އޭނަގެ ކުދިންގެ މަންމަ މަތިން ހަނދާންވެއެވެ. އެއީ ހުދު އޭނައަށްވެސް ބަދަލު ކުރެވޭނެ ކަމަކަށްނުވާތީއެވެ. އޭނަގެ ކުދިންގެ މަންމައަށް ދެވުނު މަގާމު ދުވަހަކުވެސް އެހެން އަންހެނަކަށް ދޭކަށް އޭނަ ބޭނުމެއްނުވެއެވެ. މިހާ ދުވަސްވަންދެން އިތުރު ކައިވެންޏެއް ނުކޮށް ހުރީވެސް އެހެންވެއެވެ. ނަމަވެސް އޭނަގެ ހަޔާތަށް އަލުން އެނބުރި ޒަރާނާ ނާންނާނެކަން އޭނައަށް ޔަގީންވެއެވެ.

އައްޔަދުގެ ފޯންކޯލަށް ޖަވާބުދިނުމަށް ފޯނުނަގާ ޔޫހާގެ ކަންފަތުގައި ޖައްސާލިއެވެ. އޭނަގެ ތުންފަތަށް ވަގުތުން ހިިނިތުންވުމެއް ވެރިވެގެންދިޔައެވެ. ޔޫހާއަށް ނޭގުނު ކަމުގައިވިޔަސް އައްޔަދުގެ އެދުމެއްވެއެވެ. މީގެ ކުރިން އޭނަ ބޭނުންވީ ޔޫހާ އާއިއެކު ގާތްގުޅުމެއް އުފައްދާށެވެ. ދިރިއުޅުމުގައި ޙިއްޞާކުރާށެވެ. ނަމަވެސް މިހާރު އޭނަގެ ބޭނުންވަނީ މަންސޫރުގެ ފިރިހެން ދަރިފުޅު ޒައުލް އާއި ދެކޮޅަށް ހިއްލާލާ ހަތިޔާރެއްގެ ގޮތުގައި ޔޫހާ މުހުތާދުކުރާށެވެ. ޒައުލްއަށްވުރެވެސް ޔޫހާ ގާތްކުރަމުންނެވެ. ކޮންމެފަދަ މިންގަނޑެއް ފަހަނައަޅާ ދާންޖެހުނު ކަމުގައި ވިޔަސްއެވެ. ހަގީގަތަކީ އޭނަގެ ދިރިއުޅުމަށް ވަންނަން ޔޫހާގެ އެއްވެސް ޝައުގުވެރިކަމެއްނެތީމައެވެ. ފައުޒީ ދައްކާ ހުރިހާ ވާހަކައެއް ތެދުކަމުގައި ނުވިޔަސް އޭނަ ބޭނުންވަނީ މަންސޫރުގެ ވިޔަފާރި ވައްޓާލުމަށެވެ. ފައުޒީއަށް އޭނަގެ ބައްޕަގެ ގާތުގައި އެދިގެން ވަޒީފާވަނީ ހަމަޖައްސާދެވިފައެވެ. ޒައުލް އާއި ދެކޮޅަށް އައްޔަދު ހުރުންވީ ފައުޒީއަށްވެސް ބަދަލު ހިފުމަށް ލިބުނު އިތުރު ހިތްވަރަކާއި ބާރަކަށެވެ.
"ޔޫހާއަށް އެނގޭތަ، އަހަރެންގެ މަންމަ އުޅެނީ ޔޫހާ ދެކިލާ ހިތުން، ބުނި ކޮންދުވަހަކުންހޯ މިގެއަށް ގެންނާނީ، އަދި ބުނި ޔޫހާގެ ދަރިފުޅުވެސް ގޮވައިގެން އައުމަށް" އައްޔަދު ޖޯޝުއެކުލެވިގެންވި ރާގެއްގައި ބުނެލިއެވެ.
"ސުބްޚާނައްﷲ...ނުކެރޭނެ، ތިގެއަށް ކީއްކުރަންތަ އަހަރެން ގެންދަނީކީ، އައްޔަދު ގޭމީހުން ކައިރީ އަަހަރެންގެ ވާހަކަ ދައްކަނީ ކީއްކުރަންތަ" ޔޫހާ ބުނެލިއެވެ.
"އެވަރުކަމެއްތަ އެއީ، އަހަރެންގެ މަންމަ އާއި ބައްޕަ ވަރަށް ކޫލްވާނެ، އަސްލު މަންމަ ހީކޮއްގެން އުޅެނީ އަހަރެން ކުއްޖަކާ ރައްޓެގިވެގެންނޭ އުޅެނީ، އެހެންވެ އެއީ ކުއްހީއެއްކަން ސާބިތުކޮއްދޭންވެގެން ތެދަށް ހުރިހާ ވާހަކައެއް ކިޔާދިނީ، ޔޫހާއަކީ އަހަރެންގެ ހުރި ހަމައެކަނި ގާތް ރަޙުމަތްތެރިޔާކަން ބުނެދިނީ....ދެން މަންމަ އެދުނީ ޔޫހާ އެއްދުވަހަކުން ގެއަށް ގެނައުމަށް، އޭގަ އަހަރެން ކީއްކުރާނީ، އެކަމަކު ޔޫހާ ވާނެ އަންނަން، މަގޭ މަންމަ ބުނީމަ ވާނެއެއްނު އިންވިޓޭޝަން ގަބޫލުކުރަން....ޕްލީޒް..." އައްޔަދު އާދޭސްކޮއްލިއެވެ.
"ހޫން...ދެން ނޭގޭ، އަހަރެން ވިސްނާލަން ވަގުތުކޮޅެއް ދީ" ޔޫހާ އަވަަސް އަވަހަށް ޖަވާބުދިނީ ހަދާނެގޮތެއް ނޭގިހުރެއެވެ. އެކުވެރިކަމަށްވެސް ފުރުޞަތުދޭން ޖެހިލުންވާ ޔޫހާގެ ދިރިއުޅުން މަޑުމަޑުން ބަދަލުވަމުންދާކަން އޭނައަށްވެސް ފާހަގަކުރެވުނެވެ. ބައެއްފަހަރު އޭނަ އެފަދަ ފުރުޞަތުތަކަށް އަމިއްލަ ދިރިއުޅުމުގައި ޖާހަގަ ހުސްކުރަމުންދަނީ އަބަދު ފިލާނީދެވޭނެކަން އެނގޭތީކަންނޭގެއެވެ. ނޫނީ ދިރިހުރުމުގެ ފުރިހަމަ އުފަލާ ހިތްހަމަޖެހުން އިޙްސާސްކޮއްލުމަށް ބޭނުންވަނީއެވެ. މާޒީގެ ސަބަބުން ލިބިފައިވާ ހިތްދަތިކަމާ ދުރުވެ އަލުން އޭނަގެ ހިތަށް އާރޯކަންވެރިކުރުވަން މަސައްކަތްކުރަނީއެވެ. ޒައުލްގެ ފަރާތުން ލިބެމުންދިޔަ އުއްމީދުގެ ހުޅުކޮޅަށް ދިރުންލިބިގެންދިޔަފަދައިންނެވެ. މީހުންގެ ތެރޭގައި ފޮރުވުންތެރިކަމެއްނަތި ހިނިތުންވެލުމަށް އޭނަ ބޭނުންވަނީއެވެ.

"މަންމީ، ޑެޑީ ބުނި މިއަދު އަންނާނަމޭ، ކާރު ދުއްވާލަން ދާން" ކިޔާން ބުނެލިއެވެ. އޭރު ބަދިގޭގައި ޔޫހާ ކައްކަން ހުއްޓެވެ.
"މިގަޑީގަ ޑެޑީވާނީ އޮފީހުގަ ކަންނޭގެ، އެހެންނޫނަސް ކާރުދުއްވާލަން ދާނީ ހަވީރު ހިޔާއެރީމައެއްނު" ޔޫހާ މަސައްކަތުގައި ހުރެވެސް ކިޔާންއަށް ޖަވާބުދިނެވެ.
"އެއީ ގަޑިން ކިތަކެއް ޖެހީމަތަ" ކިޔާން އޭނައަށް ޒައުލް ގަނެދިން ގަޑިއެއް އަތުކުރީގައި އަޅާލައިގެން ހުރެ އެއަށް ބަލާލާފައި އަހާލިއެވެ. އެމަންޒަރު ފެނި ޔޫހާގެ ގާތަށް ހިނިއައެވެ.
"ފައިވް އަ ކްލޮކްވީމަ" ޔޫހާ ހިނިއައިސްފައި ހުރެ ބުނެލިއެވެ. ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭ ކިޔާން ޒައުލް އާއި ވަރަށް ގާތްވެއްޖަކަން ޔޫހާއަށް ފާހަގަ ކުރެވެއެވެ. ކިޔާން ޒައުލް އާއިއެކު ވަގުތު ހޭދަކުރަން ބޭނުންވެއެވެ. އެންމެ ދުވަހަކު ނުފެނުނު ކަމުގައިވިޔަސް ޒައުލްއަށް ގުޅާދިނުމަށް އޭނަ މިހާރު ޔޫހާގެ ކައިރިން އެދެއެވެ. ޝާއިން އާއި ކުރިން އޮތް ގާތްކަން އޭނަ ޒައުލްއަށް ދޭކަންވެސް ޔޫހާއަށް އެނގުނެވެ. އެއީ ކީއްވެކަންވެސް ޔޫހާއަށް އެނގެއެވެ.

ނުވަގަޑީގެ ޖޫހާ ލުއިކާނާއަކަށްފަހު ލާއިގާ އާއި ހުރިހާ ކުދިންވަނީ އޭނަގެ ކޮޓަރިއަށެވެ. ޒައުލް އެނބުރި ހޮޓެލަށް ދިއުމުގެ ހުއްދައަކަށް އެދުމުންވެސް އެކަން ލާއިގާ މަނާކުރީއެވެ. އެހަށް އާއިލާ އާއިއެކު މަޑުކޮއްލުމަށް އެދެމުންނެވެ. ލާއިގާގެ ކޮޓަރީގައި ހުރިި ސޯފާގޮނޑީގައި އޭނަ އިށީނދެލައިގެން އިނދެ ފޮށި ހުޅުވާލީ ކުދިންނަށް ގެނައި ހަދިޔާތައް ހަވާލުކުރުމަށެވެ. އަދި ޚާއްޞަކޮއް ލޫލުއާގެ ކައިވެންޏަށް ގެނައި ހެނދުމާ ގަހަނާތައް ދައްކާލުމަށެވެ. ކެތްތެރިކަން ކުޑަވެފައި އިން ލޫލުއާގެ ހިތް އަވަސްވެފައިވަނީ މާމަ އޭނަގެ ކައިވެންޏަށް ހަރަދުކޮއްފައިވާވަރު މިފަހަރު ފެނިގެންދާނެކަން އެނގޭތީއެވެ. ޔަގީނުންވެސް މާމަގެ ހޮވުންތައް ގޯހެއްނުވާނެކަން ޔަގީންވާތީއެވެ. ލޫލުއާ ލާއިގާގެ ގާތުގައި ސޯފާއި އިށީނދެލައިގެން އިންއިރު އީލާކް ހުޅުވާލެވިފައިވާ ފޮށީގެ ކައިރީ ކާޕެޓުމަތީ އިށީނދެލައިގެން އިނެވެ. ދެޖީބަށް އަތްޖަހާލައިގެން އެއްފަރާތެއްގައި ޒައުލް އާއި މަންސޫރު ހުއްޓިލައިގެން ހުއްޓެވެ. ލާއިގާގެ ސަމާލުކަން ބޮޑަށް ދެވިފައިވަނީ ލޫލުއާއަށެވެ. އޭނަގެ ވާހަކަތައް ގުޅިފައިވަނީ ލޫލުއާގެ ކައިވެންޏާއެވެ. އީލާކް އާދައިގެ މަތިން އޭނަގެ އެކިއެކި ހިޔާލުތައް ފާޅުކުރަމުންދިޔައެވެ.

މެންދުރުފަހުގެ ޑިއުޓީގައި ޔޫހާ އުޅުނުއިރުވެސް ހޮޓެލްގައި ޒައުލް އުޅޭކަމުގެ އެއްވެސް އިޝާރާތެއްނުވިއެވެ. އަނެއްކޮޅުން އޭނަގެ ފޯނު ކޯލެއްވެސް އޭނައަށް ނާދެއެވެ. ފޯނަށް އިރުއިރުކޮޅާ ބަލާލެވެނީ ކީއްވެކަމެއްނޭގެއެވެ. އަނެއްކޮޅުން ހަވީރު ކިޔާން ތައްޔާރު ކުރުމަށްވެސް ޔޫހާ ވަނީ އަފްލީން ގާތުގައި ބުނެފައެވެ. ދެހިޔާލެއްގައި އިނދެވެސް ޔޫހާ ޒައުލް ދީފައިވާ ފޯނުން އޭނައަށް ގުޅާލިއެވެ.

ގާޑަންވިއުއަށް ބޭނުންވާ ސްޓާފުން ހަމަވަންދެން އެކަމުގެ މަސައްކަތް ރަމީޒު އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ޒައުލްވަނީ ޝާއިން އާއި ހަވާލުކޮއްފައެވެ. ކުރިއާއި ހިލާފަށް އޭނައަށް ވަރަށް ބޮޑު މިނިވަންކަމެއްވަނީ ލިބިފައެވެ. ގާޑަންވިއު ރަސްމީގޮތެއްގައި ހުޅުވެންދެން އޭނައަށް ޑިއުޓީ ގަޑިއެއްވަނީ ހަމަނުޖެހިއެވެ. ރޮޒޭން އާއި ކޮންމެ ގަޑިއަކުމެ އޭނައަށް ވާހަކަދައްކާ ލެވޭތީ ހުންނަނީ އުފަލުންނެވެ. އޭނައަށް އެންމެ ފަހުން ރޮޒޭންގެ ފަރާތުން ލިބުނު ޚަބަރަކީ ރޮޒޭން ވަޒީފާއަކަށް ދާން އުޅޭކަމުގެ ޚަބަރެވެ. އާއިލާ އެކަމަށް ގަބޫލު ނުވިއެއްކަމަކު ރޮޒޭންގެ ހިޔާލު ވަރަށް ތަފާތެވެ. އޭނަ ބޭނުންވަނީ ދިރިއުޅުމެއް ފަށާ ހިސާބަށް ދާއިރު އޭނައަކީ އަމިއްލަ މަސައްކަތެއް ކުރާ މީހަކަށް ވުމެވެ. އޭނަގެ ޢާއިލާއިން ވަނީ މީހެއްގެ ކައިރިއަށް މަސައްކަތް ކުރުމަށް ދިއުން މަނާކޮއްފައެވެ. ރޮޒޭން ބޭނުންވާނަމަ އާއިލާގެ ވިޔަފާރިން ރޮޒޭން ކުރަންބޭނުންކަމަކަށް ފައިސާ އިންވެސްކޮއްދީފާނަން ކަމުގައި ދޮށީ ބޭބެ ބުނެފައިވެއެވެ. އެކަމާ އާއިލާގެ ދެންތިބި ކުދިންވެސް އެއްބަސްވެފައިވެއެވެ. އޭނަ ބޭނުންވަނީ ޝާއިންގެ ހިޔާލަކަށެވެ. ޝާއިން އެކަމާ ހިޔާލު ބަދަލުކޮއްލުމަށާއި ރޮޒޭން އާއިއެކު ވަގުތު ހޭދަކޮއްލުމަށް ރަނގަޅު ތަނެއް ހިޔާރުކުރިއެވެ.

އީލާކް ފޯނަށް ބަލަހައްޓައިގެން ޓެރެސްގައި ހުއްޓެވެ. ވިސްނަ ވިސްނާފަވެސް ފޯނުން އޭނަގެ އެންމެ ގާތް ދެރަޙުމަތްތެރިންނަށް ގުޅާލާފައި މާލޭގައި ހުރިވާހަކަ ބުނެލިއެވެ. ޝުދުފާ އާއި ރޮޒޭންގެ އުފަލުން އުއްދުއްސައި ނުގަތީ ކިރިއާއެވެ. އެމީހުން އީލާކް އާއި ބައްދަލުކޮއްލުމަށް ވަގުތުން ބޭނުންވިއެވެ. އީލާކް ލާއިގާގެ ހުއްދައަކާއިއެކު އެދެއެކުވެރިން ގެއަށް އައުމަށް ހުއްދަދޭނަން ކަމުގައި ބުންޏެވެ. މާލެ އަންނަން ކިތަންމެ ފޫހިވެފައި އީލާކްވިއެއްކަމަކު މިވީ ދުވަސްތަކުގެތެރޭގައި މީޑިއާގައި ފެތުރުނު ޚަބަރުގެ އަޑު ހިނދިގެން ދިޔަގޮތެއް އެނގެން އޭނަވެސް ބޭނުންވެފައިވެއެވެ. އީލާކްގެ ކައިރީ ސާފު ސީދާކަމާއެކު ތެދުހާމަ ކުރާނެ ހަމައެކަނި ދެމީހުންނަކީ ޝުދުފާ އާއި ރޮޒޭންއެވެ.

ފަހެއްޖެހިފަހުން ޔޫހާ ވަގުތެއް ހޯދާލައިގެން ގެއަށް ގުޅިއެވެ. ކިޔާން ކޮބާތޯ އަފްލީން އާއި ސުވާލުކުރިއިރު ޒައުލް ވަނީ އޭނަ ގެންގޮސްފައެވެ. ވަރަށް ބޮޑު ހައިރާންކަމެއް ޔޫހާއަށް ލިބިގެންދިޔައެވެ. ޔަގީންނުވިއެއްކަމަކު އޭނަގެ ހިތަށް ތަދުވިކަހަލައެވެ. ޒައުލް އޭނައަށް ގުޅާވެސް ނުލައެވެ. އެކަމަކު އަފްލީން އެބުނީ އޭނަ ކިޔާން ބަލާ އައީކަމުގައެވެ. ޒައުލް ޔޫހާ އާއި ވާހަކަދައްކަން ބޭނުންނުވަނީބާއެވެ. އެކަމަކު އެފަދަކަމެއް އެދެމީހުންގެ މެދުގައި ނުހިނގައެވެ. ވޭތުވެގެންދިޔަ ދެތިންދުވަހުގެ ތެރޭގައި ޒައުލް ޔޫހާއަށް އެތަށް ފަހަރަކުވަނީ ގުޅާފައެވެ. އެއްވެސް ކަމަކާއި ބޭނުމަކާއި ނުލައެވެ. ހަމައެކަނި އޭނަގެ އަޑުއަހާލުމަށް ބޭނުންވެއެވެ. އެތަކެއް ސުވާލެއް އެއްފަހަރާހެން ޔޫހާގެ ސިކުނޑީގައި ޖަމާވެގެންދިޔައެވެ.

ކާރުދުއްވަމުންދިޔައީ ހުދު ޒައުލް އަމިއްލައަށެވެ. އޭނަ ކިޔާން އާއިއެކު ހޭދަކުރާ އެވަގުތުކޮޅުގައި ޖަމާލް ބައިވެރިކުރަން ބޭނުންނުވީއެވެ. ޖެހިގެން އިން ސީޓުގައި ކިޔާން ހެވިފައި އިނދެ އެއިން ކޮންމެ ވަގުތުކޮޅެއްގެ އުފާ ހާސިލްކުރަމުންދިޔައެވެ. ޒައުލްގެ ހިތަށް ކިޔާން ހުއްޓުމެއްނެތި ދައްކަމުންދިޔަ ވާހަކަތަކުން ހިތްހަމަޖެހުން ގެނުވިއެވެ. އޭނައަށް ހަނދާންވަމުންދިޔައީ ޔޫހާ އާއި އޭނަގެ ގުޅުމުގެ ފުރަތަމަ ދުވަސްކޮޅެވެ. އޭނަވެސް އެގޮތަށް ހުއްޓުމެއްނެތި ޒައުލް އާއި ވާހަކަދައްކާނެއެވެ. ޒައުލްގެ ޖަވާބެއް ނުލިބުނު ކަމުގައިވިޔަސްއެވެ. އޭނައަށް ޔޫހާއަށް ގުޅާލާނެހާ ވަގުތެއް ނުލިބުނެވެ. ލާއިގާގެ އެދުމާއިއެކު މުޅި ދުވަހު ޒައުލްއަށްވަނީ އާއިލާ އާއިއެކު ވަގުތު ހޭދަކުރަންޖެހިފައެވެ. އޭނަވެސް ޔޫހާގެ އަޑުއަހާލާ އެރީތި ކުޑަކުޑަ މޫނު ދެކިލަން ބޭނުންވެއެވެ. އެހެންނަމަވެސް ލާއިގާވަނީ ލޫލުއާގެ ކައިވެންޏަށް އޭނަގެ ހުރިހާ ސަމާލުކަމެއް ހުސްކޮއްލާފައިކަން ޒައުލްއަށް އެނގޭތީ މިފަދަ ވަގުތެއްގައި ޔޫހާގެ ނަން ހާމަ ކުރުން ރަނގަޅު ނުވާނެކަން އޭނައަށްވެސް ވިސްނެއެވެ. ކިޔާންގެ އިސްތަށިގަނޑާއި ކުޅެލަމުން ކާރު މަޑުކޮއްލީ އައިސްކްރީމް ވިއްކާތަނެއްގެ ކައިރިއަށްއަށެވެ. ކާރު ޕާކުކޮއްލުމަށްފަހު ޒައުލް އެއްއަތުން ކިޔާން އުފުލާލައިގެން ކާރުން ފޭބިއެވެ. އަދި މަގުގެ ދެފަރާތަށް ބަލާލަމުން ކިޔާން ގޮވައިގެން އައިސްކްރީމް ވިއްކާތަނުގެ ކައުންޓަރާއި ދިމާލަށް ހިނގައިގަތެވެ. ރެސްޓޯރެންޓެއް ގޮތަށް ހަދާފައިވާ އެތަނުގެ އެތެރޭގައި ވަރަށް ގިނަ ކުޑަކުދިން އުޅޭތަންފެނެއެވެ. ޒައުލްވެސް ކިޔާން ތިރިކޮއްލަމުން އޭނަގެ އަތުގައި ހިފައިގެންވަނީ އެތެރެއަށެވެ. އަދި ހުސްމޭޒެއް ހޯދާލުމަށްފަހު އެތަނުގައި އިށީނދެއްޖެއެވެ. ކިޔާންއަށް އައިސްކްރީމް ތައްޓެއް ގެނެސްދިނުމަށްފަހު އޭނަގެ ފޯނު ނަގާ ޔޫހާއަށް ގުޅާލިއެވެ.
"މަންމަ ގާތު ބުނަންވާނެއެއްނު އައިސްކްރީމް ބޯ ވާހަކަ ދޯ...އަން މިއޮތީ މަންމައަށް ގުޅާފަ، ވާހަކަދައްކާ އަވަހަށް" ޒައުލް އޭނަގެ ގާތުގައި އިން ކިޔާންގެ ކަންފަތުގައި ފޯނު ޖައްސާލަމުން ބުނެލިއެވެ. ކިޔާން ހިނިއައިސްފައި ބޯޖަހާލަމުން ހެލޯ އޭ ބުނެލިއެވެ.

ކޮމެންޓް 0