"ކޮބާ އެންމެފަހުން ދެން ނުވާންވި ކަންތައްވެސް އެވަނީ.... ކޮންކަހަލަ އަންހެން ކުދިންނެއް ކަމެއްވެސް ނޭގެ އެތަންތަނުގަ އުޅެނީ، އައްޔަދު އެފަދަ ކުއްޖަކާ ގުޅެފިނަމަ އުޅެވޭނީ ކޮންމެވެސް ވިޔާނުދާ ގޮތަކަށް، އޭނަ ގެއަށްގެންނަން އުޅޭ، އާފާގު ބުނެގެން އައްޔަދު އެ ހޮޓެލުގަ މަޑުކުރަނީ" ޒަރާނާ އާފާގެ ތައްޓަށް ކާއެއްޗެހި އަޅާދެމުން ބުނެލިއެވެ. އޭނަ ކުޑަކޮށް ހިތްހަމަނުޖެހުނު ގޮތްވެސް އާފާގުއަށް ދައްކާލިއެވެ. 

ގޭތެރޭގައި ކިޔާންގެ ހަލަބޮލިކަން ފެނި ސުވާލު އުފެދިފައިވާ ޝާއިންއަށް އެނގުނުހާ ވެސް އެއްޗަކީ ކިޔާންގެ ބައްޕަ އެގެއަށް އައިކެމެވެ. އޭނަ ޔޫހާގެ ގާތުގައި ޑިއުޓީއަށް ދިއުމުގެ ކުރިން އޭނަ އާއި ވާހަކަ ދައްކާލަން ވަގުތުކޮޅެއް ހުސްކޮށް ދިނުމަށް އެދިފައިވެއެވެ. ޔޫހާ ކިޔާން ގޮވައިގެން ސްކޫލުން ގެއަށް އައިއްސުރެން ހުންނަނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އަފްލީންގެ ހިމޭނުން ނޯންނަ ދޫ ހަރަކާތްކުރާނީ ކޮން ވަގުތަކުކަމެއް ނޭގޭތީ އެވެ. ޝާއިންގެ ކައިރީ ބުނާ އެންމެ ލަފްޒަކުން ހުރިހާ ކަމެއް ބަދަލުވެގެން ހިނގައިދާނެ އެވެ. އަނެއްކޮޅުން އަފްލީން ކައިރީ ޒައުލް އައިވާހަކަ ޝާއިން ކައިރީ ނުބުނައްޗޭ ބުނެފިނަމަ ދެން ކުރާ ސުވާލުތައް މާ ގިނަވާނެ އެވެ. ހަދާނެ ގޮތެއް ނޭގި ވިސްނުމުގެ ތެރެއަށް ގެއްލިފައި ހުރެ ޝާއިންއަށް ކާންގޮވި އެވެ. ސިޓިން ރޫމުގައި ޓީވީ ބަލަން އިން ޝާއިން ކާން އަންނަމުން އަފްލީންގެ ކޮޓަރި އާއި ގާތްކޮއްލަމުން އޭނައަށްވެސް ކާން އައުމަށް ބުންޏެވެ.
"ރޭގަ ނޭގެ ކީއްވެކަމެއް، ދަންވަރު ހޭލެވުނީ ވަރަށް ބަނޑުހައިވެގެން..." ގޮނޑިއެއް ދަމާލާފައި ކާމޭޒު ކައިރީ އިށިންނަމުން ޝާއިން ބުނެލިއެވެ. އޭރު ފޯނުގެ ފިއްތަކަށް އޮބަމުން އަފްލީން ކާމޭޒުގެ ކައިރިއަށް ހުރެ އާދެ އެވެ.
"މިހާރު އަފޫ އަބަދު ފޯނުގަ ހުންނަތަން ފެންނަނީ، ކީއްވެތަ؟ ފިލާވަޅުތަކަށް ދޭންވާ ސަމާލުކަން ދެންތަ؟" ޝާއިން އަފްލީންއަށް ބުނެލި އެވެ.
"ކަމޯން ދޮންބޭ، އެފްބީއަށް ވަދެލިއްޔޭ... މިފަހަރުވެސް ރިޒަލްޓް ހިފައިގެން އަންނަ ދުވަހު ދޮންބެ އާއި ޔޫހާ ހުރޭ އަހަންނަށް ގިފްޓްދޭން ތައްޔާރަށް، ތިއެއް ނޫނޭ.... މިހާރު މިގޭތެރޭގަ ހާދަ ކަންތަކެއް ހިނގައޭ ދޯ" އަފްލީން ޝާއިން އަށާއި ޔޫހާއަށް ބަލާލަމުން ބުނެލިއެވެ. ޔޫހާވެސް އެމީހުންނާއިއެކު ކެއުމުގައި ބައިވެރިވަމުންދިޔަ އެވެ.
"ހޫމް ހޫމް... މައުލޫބަދަލުކޮއްލަނީ ދޯ، އަވަހަށް ކައިގެން ދޭ ފިލާވަޅު ދަސްކުރަން، އަވަހަށް ނިދާތި، އެފްބީއަށް ވަދެ ނޯންނާތި" ޝާއިން އަނގަ ފުރިފައިވިއެއްކަމަކު ބުނެލި އެވެ. އަފްލީން ހީލާފައި ކާންފެށި އެވެ.
"ކިޔާންގެ ބައްޕަ މިއަދު އައި މިގެއަށް" އިސްޖަހާލައިގެން ކާންއިން އަފްލީން ކުއްލިއަކަށް ބުނެލި އެވެ. ޝާއިންއަށްވެސް އަވަސް ނަޒަރެއް ހުއްޓާލެވުނީ ޔޫހާއަށެވެ. އޭނަ އެއްވެސް އެއްޗެއް ނުބުނެ ކެއުން ކުރިއަށް ގެންދިއުމުން އަފްލީން އަނެއްކާވެސް ވާހަކަދެއްކި އެވެ.
"ކާކުގެ ފޯންކޯލެއްތަ ދޮންބެއަށް މިހާރު އެ އަންނަނީ، އަނެއްކާ ދޮންބެ ވެސް ގާލްފްރެންޑެއް ހޯދީތަ؟ އެހާ ސްޕެޝަލް ފޯންކޯލެއްވީމަތަ ދޮންބެ ސިޓިންރޫމުގަ އިނދެފަ ކޮޓަރިއަށް ދަނީ، ކީއްވެތަ އެކަކުވެސް އަހަރެން ކައިރީ އެއްވެސް ވާހަކައެއް ނުބުނަނީ، އައިމް އޯލްސޯ ފެމިލީއެއްނު، އެކަމަކު ބުނާނެ އަފޫ ފެމިލީއާ ހުރިހާ ކަމެއް ޝެއަރ ކުރަންވާނެއޭ...." އަފްލީން ބުނެލި އެވެ.
"ނުބުނާކަށް ނޫޅެއޭ އެކަކުވެސް، ދޯ ޔޫހާ... އަސްލު އެވާހަކަ ވެސް ދައްކަން ބޭނުންވެފަ މިހުރީ، މިވީ ގޮތުން ދެން އެވާހަކަ ދައްކަންވެސް އެބަޖެހޭ، ޔޫހާ، އަފޫ... އަހަރެން އުޅެނީ ކުއްޖަކާ ރައްޓެހިވެގެން، އެހާ ދުވަހެއް އަދިނުވޭ، އެކަމަކު އަހަރެން އަދި ބޭނުމެއްނުވޭ އޭނަ މިގެއަށް ގެންނާކަށް" ޝާއިން ހިނިއައިސްފައި އިނދެ ބުނެލި އެވެ.
"އެއީ ކީއްވެ، އަހަރުމެންނަށް ކަމުނުގޮސްދާނެތީތަ؟" އަފްލީން ހިނި އައިސްފައި އިތުރަށް ސުވާލުކުރަން ބޭނުންވިއެވެ.
"މިވަގުތަށް މިވަރުން ފުދޭނެ، ހެ ހެ ހެ...." މިހެން ބުނެ ޝާއިން ހޭންފެށި އެވެ. ޔޫހާ ބަހެއް ވެސް ނުބުނެ ހިނި އައިސްފައި އިނީ އަފްލީން ޒައުލްގެ ވާހަކަ ފަށާފާނެތީ އެވެ. އޭނަ އެއްޗެއް ބުނުންކަން ލަސްވާނީ ހުދު އޭނައަށް ވެސް އެނގެއެވެ. ނަމަވެސް އަފްލީންގެ ދުލުން ޒައުލްގެ ނަން ނުކުމެއްޖެ އެވެ. ޝާއިން ބޯންނެގި ފެންތަށި ވެސް އަލުން މޭޒުގައި އޭނަ ބެހެއްޓި އެވެ.
"ކިޔާން ކީއްވެތަ ޒައުލްއަށް ޑެޑީ ކިޔަނީ، އޭނަ އުޅެނީ ޔޫހާ އާއި ހެދި ދޯ... މައި ގޯޑް، އަހަންނަށް ގަބޫލެއް ވެސް ނުކުރެވުނު ގެއަށް އައިއިރު އޭނަ އިންތަން ފެނުމުން، ދޮންބޭ، ޒައުލް ސަޅި ދޯ..." އަފްލީންގެ އަޑުގައިވަނީ އުފާވެރި ކަމެވެ. ޒައުލް ފަދަ މީހެއްގެ ދިރިއުޅުމަށް ޔޫހާފަދަ އަންހެން ކުއްޖަކު ގެންނަން ބޭނުންވުމީ އެކަމެއްގައި ސިއްރުތަކެއް ވާނެ ކަމެއްކަން އަފްލީން ގަބޫލުކުރެވެ އެވެ. އޭނަ ކެތްތެރިކަން ކުޑަވެފައިވަނީ ޒައުލް އެހާ ގާތްކޮށް ޔޫހާ އާއިމެދު ދެކެނީ ހަގީގަތުގަ ވެސް ކިޔާންއަކީ ޒައުލްގެ ދަރިއަކަށްވީމަތޯ އޮޅުންފިލުވުމަށެވެ. އެ ސިއްރުގެ ހަގީގަތް ކޮންމެގޮތަކުން ވެސް ހޯދުމުގެ ޝައުގުވެރިކަން އޭނަގެ ހިތުގައި އުފެދިފައިވެއެވެ.
"ޕްލީޒް އަފޫ، މިހާރަކު ނޫން... ފަހުން އެވާހަކަ ދައްކާނީ" ޔޫހާއަށް ޝާއިންގެ ހައިރާންކަމުން ފުރިގެންވި ބަލާލުން ފާހަގަކުރެވި ގަދަކަމުން ހިނިތުންވެލާފައި އަފްލީންއަށް ބުނެލިއެވެ. ޝާއިންވެސް ޔޫހާވެސް ބެލީ އަވަސް އަވަހަށް ކާލައިގެން އެތަނުން ދެވޭތޯއެވެ.

އިރުއިރުކޮޅާ ފޯނަށް ބަލާލަ ބަލާލަ ހުރި ޒައުލްގެ ތުންފަތަށްވަނީ ހިނިތުންވުމެއްވެރިވެފަ އެވެ. ކައި ނިމެގެން ޓެރެސްއަށް އޭނައައީ އެކަނިވެލާށެވެ. ފުރިހަމަ ހަނދުވަރުގެ ރީތިކަމުގައި އޭނަ ބައިވެރިވަމުން ދިޔައީ އަނދިރީގައި ހުރެއެވެ. އުޑުގައިވާ ތަރިތަކުގެ ވިދުންވެސް މިރޭ ހަނދުވަރުގެ އަލި ފަނޑުކޮއްލާފައިވާ ކަހަލައެވެ. ޒައުލް އެހަނދާ އަޅާކިޔަމުން ދިޔައީ އޭނަގެ ހިތުގެ ރާނީ އާއެވެ. އޭނަގެ ފަލަކުގައި އަލިކަންފަތުރަމުންދާ ޔޫހާ އާއިއެވެ. ޓެރެސްގައި އޭނަ މަޑުކޮއްލައިގެން ހުރީ ޔޫހާއަށް ގުޅާލަން ހިތަށް އަރައިގެންނެވެ. އެހެންނަމަވެސް ޔޫހާއަށް ގުޅާފަ ދައްކާނީ ކޮންވާހަކައެއް ކަމެއް ނޭގޭތީ އާއި އަދި އޭނަ ގުޅުމުން ޔޫހާ އޭނަ އާއި ވާހަކަދައްކާނެބާއޭ ހިތަށް އަރާފައި ފަސްޖެހެވެނީ އެވެ.
"ކީއްވެތަ ގުޅަން ނުކުރިގެން ތިއުޅެނީ، ފޯނު ދިނީވެސް އަމިއްލައަށް، ޔޫހާއަށް އެނގޭނެއެއްނު ޒައުލް ގުޅަން ވެގެންކަން ފޯނެއްދިނީ، ކިހިނެއް އެނގެނީ އޭނަވެސް ހުރީ ޒައުލް ގުޅާނެއިރެއްގެ އިންތިޒާރުގަ ނޫންކަމެއްވެސް" ޒައުލްގެ ނަފްސު އޭނަގެ ކައިރީ ބުނެލިކަހަލައެވެ. އެ ހިތްވަރާއިއެކު ޔޫހާގެ ނަންބަރަށް ގުޅާލިއެވެ. ފޯނު ރިންގުވާ އަޑުއިވުމުން ޒައުލްގެ ހިތް އަވަސްވާ ގޮތްވެ މޭގައި އަތް ހާކާލެވުނެވެ. އެރިންގު ކެނޑިގެން ދިޔައިރުވެސް ޔޫހާ ފޯނެއް ނުނެގިއެވެ. ވަގުތުން އަނެއްކާވެސް ޔޫހާއަށް ގުޅުނެވެ. އެގޮތަށް ތިންވަނަ ފަހަރަށް ގުޅަންވިއިރު އޭނަގެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލި ނިތްކުރިއަށް ރޫއަރާ ދެބުމަށް ގުޅިއްޖެއެވެ. ދަތްކުނޑިވިކާލެވުމާއިއެކު އަތުގެތެރޭގައި އޮތް ފޯނު މުށުގެތެރޭ ބާރުކޮއްލި އެވެ.
"ވަޓް ޑޫ ޔޫ ވޯންޓް ފްރޮމް މީ ޔޫހާ..." ޒައުލް އޭނަގެ ކުރިމަތީގައިވާ ރެއިލިންގައި އަތުން ބާރަށް ޖެހިއެވެ.
"ކިހިނެއްވީ، ކަމެއްގޯސްވީތަ، ޔޫހާ އެއީ ކާކުތަ؟ ދަރިފުޅު ޓެރެސްގައި ހުރެދާނެއޭ ހިތާ މިއައީވެސް" ޓެރެސްއަށް ވެރިވެފައިވާ ހަނދުވަރުގެ އަލީގައި އެތަނުގައި މަޑުކޮއްލައިގެން ހުރި ޒައުލްގެ އަޑު މަންސޫރަށް އިވުނެވެ. އެހެންނަމަވެސް މަންސޫރަށް ޒައުލް ބުނި އެއްޗެއް އެއްކޮށް ސާފެއްނުވިއެވެ. ޒައުލްގެ އަތުގައި އޮތް ފޯނުގެ ސްކްރީން ހަލާކުވެފައިވިއެއްކަމަކު އޭނަ ފޯނު ޖީބަށް ލަމުން މަންސޫރު އާއި ވާހަކަ ދެއްކުމަށް އެނބުރިލިއެވެ. މޫނުމަތީގައިވާ ރުޅިވެރިކަން ހިންދާލަމުންނެވެ. މަންސޫރު ޓެރެސްގައިވާ ސޯފާގައި އިށީނުމާއިއެކު ޒައުލްވެސް ވަކިންއިން ސޯފާގައި އިށީނދެއްޖެއެވެ. މަންސޫރު ޒައުލް އާއި ކުރިއަށްގެންދިޔަ މަޝްވަރާއެއްކަމުގައިވީ ލޫލުއާ އާއި ހާޒިމްގެ ކައިވެނީގެ ވާހަކައެވެ. މަންސޫރުގެ ވާހަކައަށް ހޫން ލައްވަމުން ބޯޖަހަމުންދިޔަ ޒައުލްއަށް ވާހަކައާއި ގަޔާވެވޭގޮތެއް ނުވިއެވެ. އެއަށްވުރެ އޭނަގެ ސިކުނޑީގައިވަނީ އެހެން ސުވާލެއް އުފެދިފައެވެ. އޭނަ ގުޅުމުން ޔޫހާ ފޯނު ނުނަގަންވީ ސަބަބެވެ. އަނެއް ކޮޅުން ބައްޕަ ދައްކަވަމުންދިޔައީ ކައިވެނީގެ ވާހަކައަށްވެފައި އޭނަވެސް ޔޫހާ އާއި ކައިވެނި ކުރަން ބޭނުންވެއެވެ. ވީހާވެސް އަވަހަކަށެވެ. ނަމަވެސް ޔޫހާ އޭނަ އާއި ކައިވެނި ކުރަން ބޭނުން ކަމެއް އަދި ނޭގެއެވެ. އެ ސުވާލުގެ ޖަވާބުވެސް ޒައުލް ބޭނުންވެފައިވެ އެވެ. އިންތިޒާރު ކުރުމަކީ އޭނައަށް ވާނެ ކަމެއް ނޫނެވެ. ކުރަން ބޭނުންކަމުގައި ވިޔަސް ސިކުނޑީގައި އުފެދޭ ތަފާތު ހިޔާލުތަކުގެ ސަބަބުން އޭނަގެ ގާތަށް އަންނަނީ ރުޅިއެވެ.

"ހެލޯ، އަނެއްކާވެސް ގުޅީތަ" ރީތިވާ މޭޒުގެ މަތީގައި އޮތް ޒައުލްގެ ފޯނު ނަގަން އުޅެނިކޮށް ޔޫހާގެ ފޯނު ރިންގުވުމުން ހިނި އައިސްފައި ފޯނުނަގާ ކަންފަތާގާތްކޮއްލަމުން ބުނެލިއެވެ.
"އަނެއްކާއޭ ތިބުނީ މީކާކުކަން އެނގިގެންތަ؟" އައްޔަދު ވެސް ހިނިއައިސްފައި ވާހަކަދެއްކި އެވެ.
"މި ފޯނަށް މިއަދު އިރުއިރުކޮޅާ ގުޅާ ދެވަނަ މީހަކު ނެއް އަޔާ ނޫނީ، ދައްކާނެ ވާހަކަ ހުހެއްނުވޭތަ ތިވަރަށް ތިގުޅަނީ، އަހަރެން ފްރީއެއް ނޫނޭ" ޔޫހާ ބުނެލި އެވެ.
"އަހަރެން ގުޅާނެ އެހެންމީހަކު ނެތޭ، އެހެންވީމަ އިރުއިރުކޮޅާ ގުޅިޔަސް ގުޅަން ހުންނާނީ ހަމަ ޔޫހާއެއްނު، ޔޫހާ، މިރޭ ބްރޭކް ގަޑީގަ އަހަންނާއިއެކު ކޮފީ ބޯން ދާނަންތޯ ރެސްޓޯރެންޓަށް... ދަންވަރު ޑިއުޓީއެއްނު، މަވެސް އުޅޭނީ ހޭލާ، ނިދާލާފަ މިތެދުވީ، ސޯ ޓެލް މީ، ވިލް ޔޫ ގޯ" އައްޔަދު ބުނެލިއެވެ.
"އަހަރެން ހިތަށްއަރާ އައްޔަދުއަށް ގޮތް ދޫނުކުރުން ދަސްވީ ކިހިނެއްބާއޭ، ތިހާ ސްޓަބަންވާކަށް ނުވާނެ، އެނގެއެއްނު އަހަރެން ކޮފީ ބޯން ބްރޭކް ގަޑީގަ ނުދާނެކަން، މީހުންނަށް ފެނުނީމަ އެހާ ރަނގަޅެއްނުވާނެ، އަހަންނަކީ ވަރަށް އަމާން އޮމާން ހިމޭން ދިރިއުޅުމަކަށް ލޯބިކުރާ މީހަކީމު، މިހާރުވެސް ހޮޓެލްތެރޭގަ އެކިއެކި ސްޓާފުންނޭ ކިޔައިގެން ދެއްކޭ ވާހަކަތައް މަދެއް ނޫން، އައްޔަދު ރިޝްފާ ގޮވައިގެން ދާންވީނު، އޭނަ ވަރަށް ދާހިތްވާނެ، ފަހުންވެސް ބުނި އައްޔަދު ވަރަށް ސްމާޓް ވާހަކަ...." ޔޫހާ ޖެއްސުމުގެ ގޮތަކަށް ބުނެލި އެވެ.
"އޯ ނޯ... އޭރުން ކަމަކުނުދާނެ، ޔޫހާ ގެންދަންވެގެންނު މިއެހީ، ދެން މައްސަލައެއްނެއް، ޔޫހާ އެކަނި ދާން ބޭނުންނުވަންޏާ ތިދެމީހުން ކޮފީއަށް ދާނީ" އައްޔަދު ބުނެލިއެވެ.
"ދެން ނޫން، އޯކޭ ފަހުން ދޯ އެބަ ގޮވާ ގޭ ކުއްޖަކު، ބާއްވާލަނީ" ޝާއިން ގޮވާލި އަޑުއިވުމާއިއެކު ބާއްވަނީއޭ ބުނެ ޔޫހާ ފޯނު ކަނޑާލިއެވެ. އަދި ރީތިވާ މޭޒުގެ މަތީ ފޯނު ބޭއްވުމަށްފަހު ކޮޓަރިން ނުކުތެވެ. ޝާއިންގެ ކޮޓަރީގެ ދޮރު ހުޅުވާލާފައިވެއެވެ. ކޮޓަރީގެ ތެރޭގައި ހުރި ޝާއިން ފެނުމުން ޔޫހާ އެކޮޓަރިއަށް ވަނެވެ. ކުޑަ ހިނދުކޮޅަކަށް ދިރިއުޅުމުގެ ހާސްކަމުން މިންޖުވެވުނު ފަދަ އިޙްސާސްއެއް ޔޫހާއަށް ކުރެވިފައިވެސް އެކަން ހިނގައްޖެއެވެ. ޝާއިން ގޮވާލީ ކީއްވެކަން އޭނައަށް އެނގެއެވެ.
"ދޮރު ލައްޕާލަބަލަ..." ދޮރާ ދިމާލަށް އެނބުރިލި ޝާއިންއަށް ކޮޓަރިއަށް ވަތް ޔޫހާ ފެނުމުން ބުނެލި އެވެ.
"ޔޫހާ، އަފޫ ދެއްކި ވާހަކައަށް އަހަރެން އެއްޗެއް ނުބުނި ކަމުގައި ވިޔަސް އަހަންނަށް އަޑުއިވުނު، އެކަމާ އެއްޗެއް ބުނުމުގެ ކުރިން އަހާލަން ބޭނުންވަނީ ޒައުލް ހަގީގަތުގަވެސް މިގެއަށް އައީތޯ، އޭނަ ފައުޒީގެ ވާހަކައެއް ޔޫހާ ކައިރީ ދެއްކިތޯ..." ޝާއިންގެ ވާހަކަ ޔޫހާ މެދުކަނޑާލި އެވެ.
"ޝާއިންތަ އޭނަގެ ކައިރީ ފައުޒީގެ ވާހަކަދެއްކީ، ކީއްވެ.... އޭނަ އާ ޝާއިން އެއްވެސް ވާހަކައެއް ދައްކާކަށް ނުޖެހޭނެ، އޭނައަށް އެއްވެސް ކަމެއް އެނގޭކަށްވެސް ނުޖެހޭނެ، ޝާއިންއަށް ނޭގުނީތަ އޭނަ ނޫން މީހެއް ކައިރީ އެވާހަކަ ދައްކަން" ޔޫހާއަށް ހައިރާންކަމާއިއެކު އަހާލެވުނެވެ. ކުއްލިއަކަށް ޒައުލްއަށް ބަދަލުތަކެއް އެއައީ ޝާއިން އޭނަގެ ކައިރީ ވާހަކަތަކެއް ދައްކައިގެންހެން ޔޫހާއަށް ހީވީއެވެ.
"ޔޫހާ... ހަމަޖެހިބަލަ، އަހަރެން ޒައުލް ކައިރީ ކޮން ވާހަކައެއް ދައްކައިގެންތަ، ފައުޒީއޭ ކިޔާފަ އަހަރެން އޭނަ ކައިރީ އެއްވެސް އެއްޗެއް ނުބުނަން، އެކަމަކު އަހަރެން ރައްޓެހި އަންހެން ކުއްޖެއްލައްވާ ފައުޒީއަށް ގުޅުވާފަ ޔަގީން ކުރީ އޭނަތޯ، އަދި އަހަރެން އޭނަގެ ކެބިންއަށް ދިޔަވަގުތާ ޒައުލް ނުކުމެގެން ދިޔަވަގުތާ އިއްތިފާގަކުން އެއްގަޑިއަކަށްވީ، ހިޔެއް ނުކުރަން ޒައުލް އެނބުރި ފައުޒީގެ ކެބިންއަށް އަންނާނެއެކޭ، އަހަރެން ފައުޒީ އާއި ދިމާލަށް އެއްޗެހި ކިޔާފަ އޭނަ ބިރުގަންނަވާލަން އުޅުނީ އެކަމަކު ޒައުލް އެކެބިންގެ ދޮރުމަތީ ހުއްޓަދެން ފެނުނީ، އޭނަ ވަގުތުން ބޭނުންވެއްޖެ ކަންވީގޮތް އޮޅުންފިލުވަން، ފައުޒީ ޔޫހާއަށް ގުޅާ ފޯނުވެސް އޭނަ ފައުޒީގެ އަތުން އަތުލި... އަހަރެން ހުރީ ޔޫހާގެ ކައިރީ މިވާހަކަތައް ކިޔާދޭންވެގެން، އެކަމަކު ތިބުނީވިއްޔަ ޒައުލް އަށް އެކަން އެނގުނުކަން އޭނަ އައިސް ބުނެފިޔޭ، އޭނަ އެވާހަކަ ބުނަން މިގެއަށް އައީމަ އަހަންނަށް ގަބޫލު ނުކުރެވެނީ، ދެން އަހަންނަށް ގަބޫލު ނުކުރެވެނީ އެއީ ކިޔާންގެ ބައްޕައަށް ވެދާނެކަމާމެދު، އެހެންވިޔަސް މީ ފުރަތަމަ ފަހަރެއް ނޫންދޯ ޒައުލް މިގެއަށް އަންނަ.... އަނެއްކާ ޒައުލް އާއި ޔޫހާ ގުޅުމެއް ހިންގަނީތަ؟" ޝާއިން އެންމެ ފަހުން ކޮއްލި ސުވާލާއިއެކު ޔޫހާގެ މޫނުމައްޗަށް އަރައިގެންދިޔަ ކުލަވަރު އޭނައަށް ފެނިގެންދިޔައެވެ.
"އަހަރެން މިވާހަކަ ޝާއިންއަށް ކިޔާދޭނީ ކިހިނެއް ކަމެއްނޭގެ، ޒައުލް އާއި އަހަންނާމެދު އޮންނަ ގުޅުމަށް ދޭނެ ޖަވާބެއްވެސް އަހަންނަކަށް ނޭގެ..." ޔޫހާ ހާސްކަމާއިއެކު ދެއަތްދެއަތާ ޖޯޑުކުރަމުން ކަހަލަގޮތަކަށް ވާހަކަދައްކަންފެށިއެވެ.
"އެހެންވީމަ ތިބުނަނީ ޔޫހާ އުޅެނީ ޒައުލް އާއި ރައްޓެހިވެގެންނޭތަ؟" ޝާއިން ކުރިއަށްވުރެވެސް ބޮޑަށް ހައިރާންވިއެވެ.

ކޮމެންޓް 0