މަންސޫރުގެ ސަބަބުން ޒައުލްއަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ. އޭނައަށް ލާއިގާ ނުގަބޫލުކަން އެނގޭއިރުވެސް ޔޫހާ ގޮވައިގެން އަމިއްލަ ގެއަށް އަންނަން ނިންމީ ވަރަށް ވިސްނާފަ އެވެ. އެންމެ ބޮޑު ބޭނުމަކީ ލާއިގާގެ ވިސްނުން ޔޫހާ އާއިމެދު ބަދަލުކޮށްލުމެވެ. އެ ދެމަފިރިންނަކީ ވެސް އެއާއިލާގެ ބައެއްކަމުގައި ހެދުމެވެ. ޒައުލް މަންސޫރަށް ބަލާލުމަށްފަހު ހިނިތުންވެލ ިއެވެ.

"ދަރިފުޅު ސައިބޯންވީނު" މަންސޫރު ޒައުލްއަށް ބަލާލާފައިބުނެލި އެވެ. އޭނަގެ އެއްވެސް ފަރުވާލެއް ޔޫހާއަކަށް ނެތެވެ. ލާއިގާއަށް ލިބުނު ހައިރާންކަމާއިއެކުވީ ފޫހިން ތުން އަނބުރާލި އެވެ. އަދި ޒައުލް ކަންތައްކުރާ ގޮތެއް ބަލަން އޭނަ އާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. ހީވަނީ ޒައުލް އެމޭޒުގެ ދޮށުގައި ޔޫހާ އާއިއެކު އިށީނދެއްޖެނަމަ އޭނަ އެތަނުން ނުކުންނަން ތައްޔާރަށް އިންހެނެވެ.
"ބައްޕާ މިއައީ ދިގު ދަތުރެއްކޮއްފައި، ޔޫހާ އެހުރީ ފެންވާރާލަނ ްވެސް ބޭނުންވެފަ، އެންމެ ރަނގަޅު ތޯ އަޅުގަނޑުމެން ތާޒާވެލައިގެން ސައި މޭޒުދޮށަށް އަޔަސް" ޒައުލް މަންސޫރާއި މުހާތަބުކުރީ އަދަބުވެރިކަމާއިއެކު އެވެ. މީގެ ކުރިން ވެސް އޭނަގެ ބައްޕަ އާއި ވާހަކަދައްކާ އުސޫލުންނެވެ. މަންސޫރަށް އެގޮތް ކަމުދިޔައެވެ. ޒައުލްއަށް ބަލަހައްޓައިގެން އިނދެ މަޑުމަޑުން ބޯޖަހާލި އެވެ.
"މާމާ، އެކުޑަކުއްޖާޔާ އެ އަންހެން މީހާ އުޅޭނީ ދެން މިގޭގަތަ، އަޅުގަނޑު ހީކުރީ ދޮންބެ އެއަންހެން މީހާޔާ މެރީކޮއްގެން އަޅުގަނޑުމެންނާ ވަކިވީކަމަށް،" ޒައުލްމެން ކާކޮޓަރިން ނުކުމެ ލޮލުކޮޅަށް އޮބާލުމާއިއެކު ކެތްތެރިކަން ކުޑަގޮތަކަށް އީލާކް އަހާލި އެވެ.
"ނޭނގެ އަހަންނަކަށް، އީލާކްގެ ބައްޕަ ކައިރިން އަހަންވީނު، މާމަގެ ބަހެއް މިހާރު މިގޭތެރޭގަ އަޑުއަހާނެ މީހަކު ނެތް،" ލާއިގާ ހިތްހަމަނުޖެހިފައި އިނދެ ނުސިދާ ގޮތަކަށް މަންސޫރަށް ބުނެލި އެވެ.
"އީލާކް، މީ ހުރިހާ ކުދިންގެވެސް ގެ، ދޮންބެ ވަކި ކޮންތާކަށް ދާނީ، އެހެންވީމަ މީހަކާ އިނދެގެން ވެސް އުޅޭނީ މިގޭގައެންނު، ދަރިފުޅުވެސް ގޭތެރޭގައި އުޅޭއިރު އެހެން މީހުންނަށް އުނދަގޫ ނުވާނޭހެން އުޅެންވާނީ،" މަންސޫރު އީލާކްއަށް ވިސްނާދޭފަދަ ގޮތަކަށް މިހެން ބުނެލަމުން ހިނިތުންވެލި އެވެ. އަދި ހެނދުނުގެ ނާސްތާ ކުރިއަށް ގެންދިޔައެވެ.

ޒައުލްގެ ބޮޑު ކޮޓަރިއަށް ޔޫހާ ވަނުމާއިއެކު ހީވި ކުޑަވަރެއްގެ ގަނޑުވަރަކަށް ވަދެވުނުހެންނެވެ. ކޮޓަރީގެ ބޮޑުކަމާއި އެކޮޓަރީގައި ހުރި ފަރުނީޗަރާއި ކޮޓަރީގައި ބަހައްޓާފައިވާ ކޮންމެ އެއްޗެއްގައިވެސް ވަނީ މުއްސަނދިކަމެވެ. ދިމާލަކަށްވެސް ގުޑިލަން ނުކެރިފައި ޔޫހާ ހުރީ އޭނަގެ ސަބަބުން އެއިން އެއްޗަކަށް އުނިކަމެއް އަތުވެދާނެއެ ހިތާއެވެ.
"ކިހިނެއްވެފަ ތިހިރީ، ވިސްނަނީ ދޯ، ކަމޯން ޔޫހާ، މާމަ އެހެން އެއްޗެހި ބުންޏަސް މާބޮޑު ފަރުވާލެއް އެކަމަށް ބަހައްޓާނެ ކަމެއްނެތް، ކުރީގަ ބައްޕަވެސް މިކައިވެންޏާ ދެކޮޅު، އެކަމަކު މިހާރު ވާހަކަ ހުރި ގޮތުން ހީވަނީ ބައްޕަ އަހަރެންގެ ނިންމުމާއިމެދު ފާޑުކިޔަން އިތުރަށް ބޭނުންނުވާހެން، އަހަރެންގެ މި ނިންމުން ގަބޫލުކޮއްފިހެން، މާމަވެސް އެކަން ގަބޫލު ކުރާނެ، ޔޫހާ ވާނެ މާމައަށް ވަގުތުދޭން، އެހާ ފަސޭހައިން މާމަގެ ހިތެއް އަތެއް ނުލެވޭނެ،" ޒައުލް އޭނަގެ ދަބަހާއި ފޮއްޓާ އެއްޗެހި ބަހައްޓާލުމަށްފަހު ގަބުވެފައި ހުރި ޔޫހާގެ ގާތަށް އައިސް އޭނަގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ޔޫހާ ޒައުލްއަށް ބަލާލަމުން ހިނިތުންވެލި އެވެ. އެ ހިނިތުންވުމުން ޒައުލްއަށް އޭނަ ބޭނުންވި ޖަވާބު ލިބުނު ކަހަލައެވެ. އޭނަވެސް ހިނިތުންވެލީ އެވެ. އެދެމެދަށް އައިސް ވަނީ ކުޑަކުޑަ ކިޔާނެވެ. އޭނަ ޒައުލް އާއި އެކިއެކި ސުވާލުތަން ކުރަންފެށި އެވެ. ކޮޓަރި އާއި ގުޅިގެންނެވެ.
ޒައުލްމެންގެ ގޭގައި ޔޫހާގެ ފުރަތަމަ ދުވަސް ކަމަށް ވާތީ ޒައުލް ނިންމީ މުޅި ދުވަހު ޔޫހާގެ ގާތުގައި ވަގުތު ހޭދަ ކުރުމަށެވެ. ގޭގެ އެކިއެކި އުސޫލުތަކާއި ގޭގައި އުޅޭ މީހުންގެ ޠަބީޢަތް ހުންނަ ގޮތް ކިޔައި ދިނުމަށެވެ. އެމީހުންނަށް ހެނދުނުގެ ސައިގައި ބައިވެރި ވުމަށް ކާމޭޒުދޮށަށް ދެވުނުއިރު އެހެންމީހުން ސައިބޮއިގެން ހިނގައްޖެ އެވެ. ނަމަވެސް ޒައުލް އެކަމާ އަޅައެއްނުލި އެވެ. އޭނަ އާއިއެކު ޔޫހާ އާއި ކިޔާން އިނުމުން އޭނަގެ އެކަނިވެރިކަން ވަނީ ފިލައިގެން ގޮސްފައެވެ. ކިޔާންގެ ވާހަކަތަކުން ސައި މޭޒު ކައިރީ އެހީތެރިވުމުގައި އުޅޭ ގެންގުޅޭކުއްޖާވެސް ހުރީ ހިނިއައިސްފަ އެވެ.

މެންދުރުވާންވިއިރު ލޫލުއާ އާއި ހަމައަށްވެސް ޒައުލް ގެއަށް އައި ޚަބަރު ފޯރައިފި އެވެ. އެދެމަފިރިން މެންދުރުގެ ކެއުމުގައި ބައިވެރިވުމަށް ލޫލުއާގެ ގެއަށް އައެވެ. ޒައުލްގެ އަނބިމީހާ ބަލާލުމުގެ ޝައުގުވެރިކަން ލޫލުއާ އާއ ހާޒިމްގެ ހިތުގައިވެސް ވެއެވެ.
"ލުއާ، އަހަރެން ވަރަށް ލޯބިވޭ ލުއާދެކެ" ހާޒިމް ކާރުގައި އިނދެ ލޫލުއާގެ އުނގުގައި ބާއްވާލެވިފައި އޮތް އަތްތިލާގައި އޭނަގެ އަތްޖައްސާލަމުން ބުނެލިއެވެ.
"ހެ ހެ ހެ.... އަހަރެންވެސް ވަރަށް ލޯބިވޭ ހާޒިމްދެކެ، ކުއްލިއަކަށް ތިހެން ތިބުނީ ކީއްވެތަ، މާލެ އައިފަހުން ކޮޓަރިން ބޭރުގައި ތިހެން ބުނި މީ ފުރަތަމަ ފަހަރު" ލޫލުއާ ފާހަގަކޮއްލި އެވެ. ހާޒިމް ލުއި ގޮތަކަށް ހީނލިއެވެ.
"އަހަރެން މިވިސްނަނީ، ލޯތްބަކީ ފާޑެއްގެ އެއްޗެކޭ، އަހަރެން ދެކޭގޮތުގައި ލޯބީގައި ތަފާތު ކުރުމެއް ނުވޭ، މިބުނީ މުއްސަނދި މީހާއަށްވެސް، ފަގީރު މީހާއަށްވެސް ލޯބިވުމުގެ ހައްގު ލިބިގެންވޭ..." ހާޒިމް ދުރަށް ވިސްނުން ހިންގަމުން ވާހަކަ ދެއްކި އެވެ.
"ޒައުލް ކޮއްކޮގެ ވާހަކަ ބުނަންތަ ތިއުޅެނީ؟" ލޫލުއާއަށް ހީވެގެން އަހާލިއެވެ.
"އަހަރުމެންނަށް ހަގީގަތެއް ނޭނގޭ، ޒައުލް އެއަންހެން ކުއްޖާދެކެ ހަގީގީ ލޯބިވާތީ އެހިސާބަށް ކަންތައްތައް ގެންގޮސްގެން އެއުޅެނީ، އަހަންނަށް ޒައުލް އާއިއެކު ހޭދަކުރެވުނު ކުޑަދުވަސްކޮޅުގެ ތެރޭގައިވެސް އޭނައަކީ ދުރުވިސްނޭ މީހެއްކަން އަހަންނަށް އެނގުނު، އަނެއްކާ އޭނަ ކުރަން ނިންމައިފި ކަމެއް އޭނަ ކުރާން، އަހަރެން ކައިރީ ދުވަހަކުވެސް ނެތް ދޮގެއް ހަދާފައެއް، އަނެއްކާ ތިގޭތެރޭގައި އޭނަ އުޅޭތަންވެސް އަހަންނަށް ފެނުނު، އޭނައަކީ ބަސްމަދު ފިރިހެނެއް، އެކަމަކު އާއިލާ ދެކެ ވަރަށް ލޯބިވާ ޒުވާނެއް... ލުއާ، ޒައުލްގެ ނިންމުން ގޯސްވާނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ، މިކަމާ ވަރަށް ގިނަ ގޮތްގޮތަށް ވިސްނިއްޖެ، އެކަމަކު ހިތާ ސިކުނޑ ވެސް އެއްބަސްވަނީ އެއްކަމަކަށް... މިބުނާހެން، ޒައުލް ގޯސް ނިންމުމެއް ނުނިންމާނެކަން" ހާޒިމް ބުނެލިއެވެ. 
"ހާޒިމްގެ ހިތާ ސިކުނޑި ބުނަނީ ހަމަ ތިހެންތަ؟" ލޫލުއާ ޔަގީންކޮއްލުމަށް ހާޒިމް ބުނި އެއްޗެއް ތަކުރާރުކޮއްލިއެވެ. އެއާއިއެކު ހާޒިމް ހޫންލައްވާލަމުން ބޯޖަހާލި އެވެ.
"އެހެންވެއްޖެއްޔާ އަހަރެން ހާޒިމްގެ ވާހަކަ ގަބޫލުކުރަން، ޒައުލް ކޮއްކޮ އަހަރުމެންގެ އާއިލާގެ ރެސްޕެކްޓް ގެއްލޭފަދަ ކަމެއް ނުކުރާނެއޭ އަހަރެންގެ ހިތްވެސް ބުނަނީ، މާމަ އެކިޔާހާ އެއްޗެހިހެން އަހަންނަށް ރަނގަޅުގޮތް ނޭގިފަ މިހުންނަނީ، އެކަމަކު ޒައުލް ކޮއްކޮ އާއި މިއަދު ދިމާވާނެތާ، ހުރިހާ ކަމެއް އޮޅުން ފިލުވާފަ ނޫނީ ގުޑިވެސް ނުލާނަން" ލޫލުއާ ބުނެލިއެވެ. އަދި ސަމާސާ ގޮތަކަށް ހީނލިއެވެ.

ކިޔާންއާއެކު ޒައުލް ސިޓިން ރޫމުން ބޭރަށް ނުކުތްވަގުތެވެ. ޔޫހާވެސް ދިޔައީ އެމީހުންގެ ފަހަތުން ދިއުމަށެވެ. އެވަގުތު ނަސީބަކުން ސިޓިން ރޫމުގައި އެކަކުވެސް ފެންނާކަށްނެތެވެ. ހަމަޖެހިލައިގެން ޒައުލްއަށް ގޮވާލާފައި އެމީހުންގެ ފަހަތުން ނުކުންނަން ދިޔަ ޔޫހާގެ ލޮލުގައި އެއްފަރާތު ފާރުގައި ހަރުކޮއްފައި ހުރި ބޮޑު ފޮޓޯގައި އަޅައިގަތީ ދެނެވެ. ވަގުތުން މީހާ ހީވީ ގަނޑުވިހެންނެވެ. މީގެ ކުރިން އޭނައަށް އެފޮޓޯގައި އަޅައިނުގަތީ ކީއްވެބާއޭ ޒަމީރާ ސުވާލުކޮއްލެވުނެވެ.
"މިނޫނީ ޔޫހާ އިސްއުފުލާ ބަލާލައިފިންތަ މިގޭގެ އެއްވެސް ތަނަކަށް..." އޭނަގެ އަމިއްލަ ޒަމީރުގެ އަޑުއިވިގެންދިޔައެވެ. އެއީ ތެދެކެވެ. އެގެއަށް އޭނަ ވަނުމަށްފަހު އެވާ ގޮތެއް ނޭނގެއެވެ. އިސް އޮބާލުމާއިއެކު ބޭނުންވަނީ ދެލޯވެސް މަރާށެވެ. އެއްވެސް ދިމާލަކަށް ބަލާލުމުގެ ޝައުގެއް ނުހުރެއެވެ. އެހެންވީމަ ތާއެވެ. އެގެއަށް ފުރަތަމަ އައި ދުވަހުވެސް ލޮލުގައި އަޅައެއް ނުގަތެވެ. މިއަދު ހެނދުނު އެގެއަށް ވަދެގެން އައިއިރުވެސް އެފޮޓޯ އެތަނުގައި ހުއްޓެވެ. ނަމަވެސް ޔޫހާގެ ލޮލުގައި އަޅައިނުގަތީއެވެ. ހަގީގަތުގައި ފޮޓޮއެއް އިންކަން ޔޫހާއަށް އެނގެއެވެ. އެހެންނަމަވެސް އެފޮޓޯގައި ތިބީ ކޮންބައެއްކަން އޭނައަށް ފާހަގަ ނުކުރެވުނީއެވެ. އެމީހުންގެ މޫނުތަށް ވަކިވާ ވަރަށް އިސްއުފުލާ ބަލާނުލެވެނީ އެވެ. ޔޫހާއަށް އެތަށް އިރަކު އެފޮޓޮއަށް ބަލަހައްޓައިގެން ހުރެވުނެވެ. ކުއްލިއަކަށް ޒައުލް ގޮވާލި އަޑުއިވުމާއިއެކު ޔޫހާ ސިހިގެންދިޔައެވެ. އަދި ތުރުތުރު އަޅަ އަޅާއޮތް އަޑަކާއިއެކު މިއަންނަނީއޭ ބުނެލިއެވެ. ޔޫހާގެ ސިކުނޑި ތެރޭގައި އެތަށް ކަމެއް އެއްފަހަރާ އެނބުރިގަތްކަހަލަ އެވެ. އޭނަގެ ވިސްނުން އެކިކޮޅު ކޮޅަށް ހިންގަންފަށައިފިއެވެ. ޒައުލްގެ ކައިރީގައި އައިސް ހުއްޓިލަމުން މާނައެއް ނެތްގޮތެއްގައި ދެއްކުންތެރިކަމުގެ ހިނިތުންވުމެއް ދިނެވެ. ބޭނުމަކަށްވީ ޒައުލްއަށް އޭނަގެ ސިކުނޑީގައިވާ އެއްޗެއް ސިއްރު ކުރުމެވެ.

ގޭޓުން ވަދެގެން އައި ލޫލުއާ އަވަސްވެގަތީ ޒައުލް ހުރި ހިސާބެއް އޮޅުން ފިލުވުމަށެވެ. އޭރު ކޮނޑުކެނޑިއަކާއި ސޯޓެއްލައިގެން ޒައުލްގެ ކާރު ދޮންނަން ޖަމާލު އުޅެއެވެ. އޭނަގެ ފަރާތުން ޒައުލް ހުރި ހިސާބެއް ލޫލުއާ އާއި ހާޒިމްއަށް އޮޅުންފިލި އެވެ.
ޒައުލްގެ ކޮޓަރީގައި މީހަކު ވަރަށް އަވަސް އަވަހަށް ޓަކިޖަހަންފެށުމުން އޭނަ އައިސް ހުޅުވިއެވެ. އޭރު އޭނަ ހުރީ ފެންވަރައިގެން ނުކުތްގޮތަށް އުނުގައި އަނދެލައިގެން ހުރި ތުވާއްޔާއިއެކުގައެވެ. ދޮރުމަތީ ހުރި ލޫލުއާ އާއި ހާޒިމް ފެނުމުން އެމީހުންނެކޭ އެއްގޮތަކަށް ޒައުލްގެ ތުންފަތަށްވެސް އުފާވެރިކަމުގެ ހިނިތުންވުމެއްވެރިގެންދިޔަ އެވެ.
"ދޮންތާ، މަޑުކޮއްލާ، ފައިވް މިނެޓްސް... ނުދައްޗ،ޭ" ޒައުލް ބުނެލި ގޮތުން ހީވީ އޭނަވެސް އެހުރީ އެމީހުންގެ އިންތިޒާރުގައި ހެންނެވެ. ހިނިއައިސްފައި ހުރި ލޫލުއާ އަވަސް އަވަހަށް ބޯޖަހާލި އެވެ. ޒައުލް މެންދުރުގެ ކެއުން ކާންދާންވާއިރަށް ފެންވަރާ ރީތިވެލީ އެވެ. އޭނަ ލޫލުއާމެން އައިސްތިބިކަން ޔޫހާއަށް އަންގާލި އެވެ. އޭރު ޔޫހާވެސް ހުރީ ރީތިވެލައިގެން ކިޔާން ރީތި ކުރުމަށެވެ. ޒައުލް ހަލުވިކޮށްގޮސް އަވަހަށް ކޮޓަރީގެ ދޮރު ހުޅުވާލި އެވެ. އެތެރެއަށް ވަދެގެން އައި ހާޒިމް އާއި ލޫލުއާއަށް ޔޫހާ އާއި ކިޔާން ފެނުމުން ހުއްޓެވުނެވެ.
"ޑެޑީ...ކޮއްކޮ އެއްޗެހި ނުލާ މިހިރީ،" ކުއްލިއަކަށް ބަޔަކު ވަނުމުން ޖަންގިޔާކޮޅުގައި ހުރި ކިޔާން ޔޫހާގެ ގައިގާ ބައްދައިގަންނަމުން ބުނެލިއެވެ. އެތަންފެނި ލޫލުއާ އާއި ހާޒިމް ހޭންފެށި އެވެ. ޒައުލް އެއީ އެވަރު ކަމެއްނޫންކަމުގައި ކިޔާންއަށް ވިސްނާދޭން އުޅުނެވެ. ޔޫހާ އަވަސް އަވަހަށް ކިޔާން ލައްވަން ތައްޔާރުކޮއްފައި ހުރި ޓީޝާޓުކޮޅާއި ޖިންސު ލެއްވިއެވެ. ލޫލުއާއަށް ކިޔާން ފެނުނީ ދެނެވެ. އޭނަގެ މޫނުމަތީގެ ކުލައެއްކޮށް ފަނޑުވެގެންދިޔައީ ލިބުނު ހައިރާންކަމާއިއެކުއެވެ. އޭނަ އާއިއެކު ބޮޑުވި ފިރިހެން ކޮއްކޮގެ ކުޑައިރުގެ ހަނދާންތައް އާލާވެގެންދިޔަ ކަހަލައެވެ.
"ދޮންތާ، އެއީ އަހަރެންގެއޭ ބުނީމަ ދޮންތަވެސް ގަބޫލެއް ނުކުރާނަންތަ؟" ޒައުލްއަށް ލޫލުއާގެ މޫނަށް އަރާފައިބައިގެންދިޔަ ކުލަވަރު ފެނި ބުނެލި އެވެ. ހާޒިމްއަށް ވާނުވާ ނޭނގިފައި ހުރިފަދަ ގޮތަކަށް އެއްފަހަރު ލޫލުއާގެ މޫނަށް އަނެއްފަހަރު ޒައުލްގެ މޫނަށް ބަލާލެވެއެވެ. ޒައުލް ކިޔާނަށް އަތްދިއްކޮލުމަށްފަހު އަންނާށޭ ބުނެ އިޝާރާތްކޮއްލ ިއެވެ. ކިޔާން ލަދުން ހުންނަ ފަދަ ގޮތަކަށް މަޑުމަޑުން އެނދުމަތިން ފައިބައިގެން ޒައުލްގެ ގާތަށް ދިޔައެވެ.
"މީ ދަރިފުޅުގެ އާންޓް އެނގޭ" ޒައުލް ކިޔާން އާއި އެއްހަމައަށް ތިރިވެލަމުން ބުނެލިއެވެ.
"ހެލޯ...ގުޑް އާޕްޓަނޫން، ތެންކިއު..." ކިޔާން ލޫލުއާގެ އަތުގައި ސަލާމްކޮއްލުމަށް ހިފާލުމާއިއެކު އޭނައަށް ދަސްވެފައިވާ އިނގިރޭސި ބަސްތައް ބޭނުންކޮއްލިއެވެ. ހާޒިމް އާއި ދެންތިބި އެންމެންގެ ގާތަށް ހިނިއައިއިރު ލޫލުއާއަށް ކިޔާން އާއި އެއްހަމަޔަށް ތިރިވެވިއްޖެ އެވެ.

ކޮމެންޓް 0