ސޯފާއިން ތެދުވި ޔޫހާ ކުޑަކޮށް ސިހޭ ގޮތްވީ އޭނަގެ އަތް ދަބަހުގައި އޮތް ފޯނު ރިންގުވި އަޑަށެވެ. ފޯނުގެ ރިންގުގެ އަޑުން ވެސް އޭނައަށް ގުޅީ ޒައުލްކަން އެނގުނެވެ. ހަމައެވަގުތު އައްޔަދުގެ އަތުން ވީއްލިގެން ކިޔާން ދުވެފައި އައިސް ޔޫހާގެ ފައިގާ ބައްދާލައިފި އެވެ. އަދި އައްޔަދު އާއިއެކު ބަލާފައި އައި ކާޓޫނު ފިލްމުގެ ވާހަކަ ކިޔާދޭންފެށި އެވެ. ޔޫހާ ކިޔާންއަށް ހިނިތުންވެލަމުން އޭނަގެ ވާހަކަތައް އަޑުއަހާކަން ބޮލުގެ އިޝާރާތުން އަންގާލަމުން އަތްދަބަހުގައި އޮތް ފޯނުނެގިއެވެ.
"ހެލޯ..." ޔޫހާ އޭނަގެ ވަށައިގެން ތިބިމީހުންނަށް އަވަސް ނަޒަރެއްދެމުން މަޑުމަޑުން ބުނެލި އެވެ.
"ކޮންތާކު..." ޒައުލްގެ އަޑު ފޯނުން އިވުނީ ވަރަށް ވެސް ބާރަށެވެ. ޔޫހާގެ ތުންފަތަށްވެރިވެފައިވާ ހިނިތުންވުން ގެއްލި ކަންބޮޑުވުމާއެކު އެންމެ ގާތުގައި ހުރި ޒަރާނާއަށް ބަލާލެވިއްޖެ އެވެ. އަދި ޒަރާނާ އާއި ކުޑަކޮށް އެއްފަރާތްވެލަމުން ފޯނަށް ޖަވާބުދިނެވެ.
"ރައްޓެއްސެއްގެ ގޭގަ" ޔޫހާ ސިއްރުން ކަހަލަގޮތަކަށް ބުނެލި އެވެ.
"ކޮންއިރަކުން ގެއަށް އަންނަނީ، އަހަރެން ބުނީމެއްނު އޮފީހުގެ ކަންތައްތައް ނިންމާލާފަ ޔޫހާގެ ގާތަށް ދާނަމޭ، އެހެންނޫނަސް އެމީހެއްގެ ގެއަށްދާވަރުގެ އެއީ ކޮންރައްޓެއްސެއް..." ޒައުލްގެ އަޑުގައިވާ ހިތްހަމަނުޖެހުމާ ރުޅިވެރިކަން ޔޫހާއަށް އިޙްސާސްކުރެވިގެންދިޔަ އެވެ. ޒައުލް ރުޅިއައިސްފަހުރި ސަބަބު ނޭނގުނު ކަމުގައިވިޔަސް އޭނައަކީ ރުޅި ކޮންޓްރޯލު ކުރަން އުނދަގޫ މީހެއްކަން ޔޫހާއަށް އެނގެއެވެ. އެކަމާ ޔޫހާ ކަންބޮޑުވެފައިހުރެ ކުރިއެކޭ އެއްގޮތަށް ސިއްރުން ވާހަކަ ދެއްކިއެވެ.
"އަހަރެން މިދަނީ... ގެއަށްގޮއްސަ ވާހަކަ ދައްކާނީ، އިހަށްބާވަނީ..." ޔޫހާ އިތުރަށް ވާހަކަ ދައްކަން ބޭނުންނުވެހުރެ ބުނެލި އެވެ. ޒައުލް ޔޫހާގެ ވާހަކަތައް އަޑުއެހުމެއްނެތި ބާރަށް ވާހަކަ ދައްކަމުންދިޔަ އެވެ. ޔޫހާއަށް އައްޔަދުގެމެންގޭތެރޭ ހުރެ ފޯނުން ޒައުލް އާއި ބޭނުންވާހަކައެއް ނުދެއްކޭނަކަން އެނގޭތީވެ އޭނައަށް މަޖުބޫރުވީ ޒައުލް ވާހަކަ ދައްކަ ދައްކާ ހުއްޓަ ފޯނު ކަނޑާލާށެވެ. 
"ހިނގާ ދަމާ..." ޔޫހާ ކިޔާންގެ އަތުގައި ހިފާލަމުން ބުނެލި އެވެ. އަދި ގަދަކަމުން ހިނިތުންވެލާފަދަ ގޮތަކަށް އައްޔަދު އަށާއި ޒަރާނާއަށް ބަލާލަމުން ހިނިތުންވެލި އެވެ. ޒަރާނާ ވަރަށް އަވަހަށް އެބައަންނަންކަމުގައި ބުނެ އެތެރެއަށް ހިނގައިގަތެވެ. 
"މަންމާ، ބޭރުގަ މަޑުކޮއްލައިގެން މިތިބީ..." އައްޔަދު ހީނލާފައި މިހެންބުނެ ގޭން ނުކުންނަން ހިނގައިގަތެވެ. ޔޫހާ ވެސް ކިޔާންގެ އަތުގައި ހިފައިގެން ސިޓިންރޫމު ދޮރާ ދިމާލަށް ހިނގައިގަންނަމުން އަފްލީންއަށް ބަލާލިއެވެ. އޭރު އަފްލީންވެސް އެމީހުންގެ ފަހަތުން ނުކުތުމަށް ހިނގައިގެންފިއެވެ.

ގޭގެ ދޮރުމަތީގައި މަޑުކޮއްލައިގެން ހުރިއިރު ޔޫހާގެ އަތުގައި އޮތް ފޯނު ދެތިން ފަހަރަށް ރިންގުވެއްޖެ އެވެ. ހަމަކޮންމެ ފަހަރަކު ޔޫހާ ފޯނަށް ބަލާލަމުން ރިންގު ކަނޑާލަނީ އެވެ. އޭނަގެ ހަރަކާތް އަވަސްވެފައިވާކަން އަފްލީންއަށް ވެސް ފާހަގަ ކުރެވުނެވެ. ޔޫހާ ދޭތެރެއަކުން ތުންފިއްތާލަމުން ދޮރޯށިން އެތެރެއަށް ބަލާލަނީ ޒަރާނާ އަންނާނެ އިރަކަށެވެ. އައްޔަދު އަފްލީން އާއި ޔޫހާ އާއި ވާހަކ ަދައްކަމުން ކިޔާން އުރާލި އެވެ. އަދި ކިޔާން އާއި ސަމާސާ ކޮއްލުމާއިއެކު ޔޫހާގެ ކޮނޑުގައި ޖެހިލާފައި އެއްޗެއް ބުނެލި އެވެ. ހާސްވެފަހުރިވަރުން އައްޔަދު ބުނީ ކީކޭކަން ނޭނގުނުކަމުގައި ވިޔަސް ޔޫހާ ހިނިތުންވެލި އެވެ. އެއާއިއެކު އައްޔަދު ޔޫހާގެ ކޮނޑުގައި ހިފާލަމުން އޭނަ އާއި ގާތްކޮއްލި އެވެ. އެހިނދު ޔޫހާ ބޭރަށްލަމުންދިޔަ ނޭވާވެސް ހުއްޓުނުފަދ ައެވެ. އަވަސްއަވަހަށް އައްޔަދު އާއި ދުރަށް ޖެހިލަން އުޅުނެވެ. އެކަން އައްޔަދުއަށް ފާހަގަވި ހެނެއް ހިއެއްނުވެއެވެ. އޭނަ ޔޫހާގެ ކޮނޑުން ދޫކޮއްލާކަށް ނޫޅުނެވެ. ޔޫހާއަށް ވެސް މަގުމަތީގައި ހުރެ އެކަން މާބޮޑުކަމަކަށް ހަދާލަން ނުކެރުނީ އެވެ. އިރުކޮޅަކުން ވާހަކައިގައިހުރެ އައްޔަދު ޔޫހާގެ އުނަގަނޑުގައި ހިފާލި އެވެ. އަފްލީނަށް ފެންނަ މަންޒަރުތަކުން އޭނަވެސް ހުރީ ހައިރާންވެފަ އެވެ. އައްޔަދު އޭނަ ހީވެސް ނުކުރާހާ ގާތްކޮށް ޔޫހާ އާއިމެދު ކަންތައްކުރާތީ އެވެ. އައްޔަދު ކިޔާން އުރާލައިގެން ޔޫހާގެ އުނަގަނޑުގައި ހިފާ އޭނަ އާއި އެހާ ގާތްކޮއްލައިގެން ހުރިއިރު އެދެ މީހުންނަކީ ދެރަޙުމަތްތެރިން ހެންނެއް އަފްލީންއަކަށް ވެސް ގަބޫލެއް ނުކުރެވެއެވެ. އެހެންނަމަވެސް ޔޫހާގެ މޫނުމަތިން އޭނާ ހުރީ އައްޔަދުގެ އެހަރަކާތްތަކުގެ ސަބަބުން އުނދަގޫވެފަކަން އެނގެނީވެސް ހަމައެކަނި އަފްލީންއަށެވެ. ޒަރާނާ ގޭތެރެއިން ގޮވާލި އަޑުއިވުމާއިއެކު އައްޔަދު ކިޔާން ތިރީގައި ބެހެއްޓިއެވެ. އެއާއިއެކު ހަމަޖެހުމުގެ ނޭވާއެއް ޔޫހާއަށް ލެވުމާއިއެކު އަވަސް އަވަހަށް އައްޔަދު އާއި ދެތިން ފިޔަވަޅު ދުރަށް ޖެހިލެވުނެވެ.
"އަހަރުމެން ހިނގާލާފަ ދާނީ، ދޯ އަފޫ..." ޔޫހާ އަފްލީންއަށް ބަލާލަމުން އަވަސް އަރުވާލާފަ ބުނެލި އެވެ. ޔޫހާގެ އެބަލާލުމުން އޭނަ އަވަހަށް ދާން ބޭނުންވެފަ ހުރިކަން އަފްލީންއަށް ވެސް އެނގުނެވެ. އެހެންވެ މިފަހަރު އޭނަވެސް ޔޫހާ އާއި އެއްބަސްވި އެވެ. ގޭތެރޭގައި ހުރި ޒަރާނާ ކިޔާންއަށް ގޮވާލުމަށްފަހު އޭނަ އާއި އެއްހަމައަކަށް ތިރިވެލަމުން އަތުގައި އޮތް ކޮތަޅު ދިއްކޮއްލި އެވެ. ދެންވީ ގޮތެއް އެކަކަށްވެސް ނޭނގުނެވެ. ފެނުނީ ކުއްލިއަކަށް ޔޫހާގެ އަތުގެ މުލައްދަނޑީގައި ހިފާ މީހަކު ދަމައިގަތްތަނެވެ. ޔޫހާވެސް ސިހިގެން ގޮސް ބަލާލެވުނުއިރު އޭނައަށް އެންމެ ފުރަތަމަވެސް ފެނުނީ ރުޅިއައިސް ރަތްވެފައި ހުރި ޒައުލްގެ މޫނެވެ. ޒައުލް ދަމައިގަތް ގޮތުން ޔޫހާ ނުވެއްޓުނީ ކިރިޔާއެވެ. އެތަންފެނި އަފްލީންއަށް ޔޫހާގެ އަތުގައި ހިފުމަށް ކުއްލިއަކަށް އަތް ދިއްކޮއްލެވުނެވެ.
"ކޮންމެހެން މިކަން ކުރަން ބޭނުންވަންޏާ އިންނަން ރަންކީ ކީއްކުރަންތަ؟ ރީތިކޮއް އަހަރެން ކައިރީ ބުނިނަމަ..." ޒައުލް ޔޫހާގެ އަތުގައި ހިފާ ދަމަމުން އައްޔަދު އާއި ދުރަށް ގެންދިޔަ އެވެ. 
"ޒައުލް..." ދެ ލޯ ބޮޑުކޮއްލައިގެން ހަދާނެ ގޮތެއް ނޭނގިފައިހުރި އަފްލީންއަށް ބާރަށް ބުނެވުނެވެ.
"ޑެޑީ..." ޒަރާނާ ދިން ކޮތަޅުގައި ހިފި ކިޔާން ޔޫހާ އާއި ޒައުލް އާއި ދިމާލަށް ދުއްވައިގަތެވެ. އައްޔަދު ދެޖީބަށް އަތްޖަހާލައިގެން ހުރި ފިޔަވަޅުމަތީ ހުރީއެވެ. ޒަރާނާއަށް މަގުމަތިން ފިރިހެނަކު އަޑު ގަދަ ކުރާއަޑުއިވުމާއިއެކު ކިޔާންގެ ދުލުން ޑެޑީއޭ ބުނިއަޑު ވެސް އިވުނެވެ. އެއީ ކާކުތޯ ބަލާލުމުގެ ޝައުގުވެރިކަމާއިއެކު ތެދުވެ ގޭތެރެއިން މަގުމައްޗަށް ނުކުތެވެ. އެއްލި ކަޅިއަކުން އައްޔަދުގެ ތުންފަތަށްވެރިވެފައިވާ މަލާމާތުގެ ހިނިތުންވުން ޒައުލަށް ފެނުމާއިއެކު ހީވީ އޭނަގެ ލޮލުން ކަނި ބުރައިގެނ ްދިޔަހެނެވެ. ޔޫހާގެ އަތްފޮޅުވާލުމާއިއެކު އެދިޔަގޮތަށް ގޮސް އައްޔަދުގެ މޭގައި ދެއަތްއަޅާ ފަހަތަށް ކޮއްޕާލި އެވެ. އަދި އިތުރަށް ޒައުލް އައްޔަދު ފާރ ާދިމާލަށް ކޮއްޕާލުމަށް ނެގި އަތާއިއެކު ދޮރޯށި ކުރިމަތީ ހުރި ޒަރާނާ ފެނުމުން އޭނައަށްވެސް ހުއްޓުން އެރި އެވެ. އެހެންނަމަވެސް ދެ ބުމަގޮއްޖަހާލުމާއިއެކު ހިއްލާލެވިފައި ހުރި އަތްތިލަ މުއްކަވާލަމުން ޒަރާނާއަށް މޫނު އަނބުރާލާފައި ދާންއުޅެފަ ވެސް އައްޔަދު އާއި ދިމާލަށް އެނބުރިލަމުން ޝަހާދަތް އިނގިލި ދައްކާލި އެވެ. 
"އެއީ މަގޭ ދަރިއެއް... ކަލެއަށް ވެސް އެކަމެއް ބަދަލެއް ނުކުރެވޭނެ..." ޒައުލް ރުޅިވެރިކަމާއިއެކު ދަތްތައް ބާރުކޮއްލަމުން ޝަހާދަތް އިނގިލި އައްޔަދުއަށް ދިއްކޮއްލައިގެން ހުރެ ބުނެލި އެވެ. ޒަރާނާ ހުރީ ބުނާނެ އެއްޗެއް ނޭނގި ޒައުލްގެ މޫނަށް ބަލަހައްޓައިގެން ހުއްޓުން އަރާފަ އެވެ. އޭނަގެ ހިތްބުނީ ދޮގެއް ނޫންކަން މިއަދު އޭނައަށް އެނގިއްޖެ އެވެ. ކިޔާން އާއި އޭނަގެ ލެޔާ ގުޅުމެއްވާކަން ޔަގީންވެއްޖެ އެވެ. ޒައުލް އެއްއަތުން ކިޔާން އުފުލާލުމާއިއެކު އޭނަގެ އަތުގައި އޮތް ޒަރާނާދިން ހަދިޔާ ވެއްޓުމުން އެ ނެގުމަށް އުޅުނެވެ. ޒައުލް އައިސްފަހުރި ގަދަ ރުޅީގައި ކިޔާން އާއި ދިމާލަށް ވެސް ހަޅޭލަވައިގަތެވެ. އެހިނދު ކިޔާން ތުންފިއްތާލާފައި ޔޫހާ އާއި ދިމާލަށް ބަލާލަމުން ރޯން ފެށި އެވެ. މިނޫނީ ދުވަހަކު ވެސް ޒައުލް ރުޅިއައިސްފަ ހުރެ އެހާބާރަށް ކިޔާން އާއި ވާހަކަ ދައްކާފައެއް ނުވެއެވެ.
"ޒައުލް، ޕްލީޒް... މަގުމަތީގަ ތިހެން ނުހަދާ، ކިޔާން އަހަރެންގެ އަތަށްދީ، ޕްލީޒް ޒައުލް... އަމިއްލަ މީހާ އާއިމެދު ނިކަން ވިސްނާލަބަލަ އެއްފަހަރުވެސް ... ޒައުލް، އަޑ ުއަހާބަލަ..." ޔޫހާ އާދޭސް ކުރަމުން ޒައުލްގެ އަތުން ކިޔާން އަތުލުމަށް އުޅުނެވެ. ޒައުލް ޔޫހާގެ އަތުގައި ހިފިގޮތަށް އެއްފަރާތަކަށް ދަމައިގަންނަމުން އޭނަގެ ކާރ ާދިމާލަށް ދިޔައެވެ.
"އޭ...ޒައުލް...ކަލޭގެ އަޅެއްތަ ތިގެންދަނީ ތިގޮތަށް، އަހަންނަށް އެނގިފަ އޮތްގޮތުގަ ޔޫހާއަކީ ފުރިހަމަ މިނިވަނެއް، އޭނަ ބޭނުން މީހަކާ ވާހަކަ ދެއްކުމުގެ ހުއްދަ އޭނައަށް ލިބިގެންވޭ، ކިޔާންއަކީ ކަލޭގެ ދަރިއެއްކަމަކު ޔޫހާއަކީ ކަލޭގެ އަންބެއްނޫން..." އަވަސް ފިޔަވަޅުގައި ޒައުލް އާއި ދިމާލަށް އައި އައްޔަދު ބުނެލި އެވެ. އޭނަގެ ފަހަތުން ކުޑަކޮށް ދުވަމުން ކަހަލަ ގޮތަކަށް ޒަރާނާ އައެވެ.
"އަޔާ ޕްލީޒް، އެއްޗެކޭ ނުބުނެ ހުރެފާނަންތަ..." ޔޫހާއަށް ޒައުލްގެ ގޮތް ރަނގަޅަށް އެނގޭތީ އައްޔަދުއަށް ބުނެލި އެވެ. އައްޔަދު ޔޫހާއަށް ހެޔޮ އެދިގެން ބުނިއެއްޗެއް ކަމުގައިވިޔަސް އައްޔަދުގެ ކޮންމެ ޖުމްލައެކޭ ޒައުލްގެ ހުޅުގަނޑަށް އުކޭ ތެލެކޭ އެއްވަރެވެ. އޭނަގެ ރުޅި ހައްތަހާވަނީ ގަދައެވެ.
"އައްޔަދު، ބަލަ އައްޔަދު، ދަރިފުޅު ހުއްޓާލަ ބަލަ، އާދޭ މަންމަ އާއިއެކު..." ޒަރާނާ އައްޔަދުގެ އަތުގައި ހިފާ ދަމަންފެށި އެވެ.
"މަންމަ ބަލަން ހުއްޓައެއްނު އޭނަ ޔޫހާއަށް އެހެން އެހަދަނީ، އެއައީ ގޮތަކަށް އެނބުރި ދިޔައީމަ ނިމުނީނު، ޔޫހާ އަހަންނާއިއެކު ހުރީ އޭނައަށް މަޖުބޫރު ކޮށްގެނެއް ނޫންވިއްޔާ..." އައްޔަދު މިހެން ބުނުމާއިއެކު ޔޫހާ އޭނައާއި ދިމާލަށް ހަޅޭލަވައިގަތެވެ.
"އައްޔަދު...ހެޔޮނުވާނެ..." ޔޫހާ ރުޅިވެރިކަމާއިއެކު އައްޔަދުއަށް ބަލާލި އެވެ. އަނެއްކޮޅުން ޒަރާނާގެ ކުރިމަތީގައި އޭނަ ވަރަށް ލަދުވެސް ގަނެއްޖެ އެވެ. ޔޫހާ ބަހެއް ނުބުނެ ހިމޭންވުމާއިއެކު އަފްލީންއަށް އަތް ދިއްކޮއްލި އެވެ. އަފްލީން ދުވެފައި އައިސް ޔޫހާގެ އަތުގައި ހިފާލިއެވެ. ޒައުލް އޭނަގެ ކާރާ އަރާ ހަމަވުމާއިއެކު ޔޫހާގެ އަތުން ދޫކޮއްލާފައި ކާރުގެ ފަހަތު ސީޓުގެ ދޮރު ހުޅުވާލި އެވެ. އަފްލީން ކާރުގެތެރެއަށް ދެމިގަތް ހިނދު އޭނަގެ ފަހަތުން ޔޫހާވެސް ބަހެއް ނުބުނެ ކާރަށް އަރައިފި އެވެ. ޒައުލް ގުދުވެލަމުން އޭނަގެ އަތުގެތެރޭގައި އޮތް ކިޔާން ޔޫހާގެ އުނގަށް ލާދިނެވެ. އޭރު ރަނގަޅަށް ވެސް ކިޔާންއަށް ރޮވެނީ އެވެ. ޒައުލް ކާރުގެ ކުރީ ސީޓުގައި އިށީނދެވުމާއިއެކު ކާރުގެ ދޮރުފަތް ވަރަށް ބާރަށް ޖެހިއެވެ. ފަހަތުގައި އިން ޔޫހާ ނޭވާ ހިފަހައްޓާލަމުން ދެލޯމަރާލި އެވެ. ޒައުލް އާއިމެދު ހިތްހަމަނުޖެހުނަސް އަފްލީންގެ ކުރިމަތީ އެއްޗެއް ނުބުނުމަށް ޔޫހާ އިނީ ނިންމައިގެންނެވެ. ޒައުލް ކާރުގައި އައީ އެކަނި ކަމަކަށްވާތީ ކާރު ދުއްވަން އިނީވެސް އޭނަ އެވެ. ކުއްލިގޮތަކަށް ޒައުލް އައްޔަދުމެންގޭ ދޮށަށް އަންނަން ޖެހުނު ސަބަބެއް ޔޫހާއަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. އެންމެ ފުރަތަމަވެސް އޭނަގެ ހިތަށް އެރީ ލާއިގާ އެވެ. އަނެއްކާ ލާއިގާގެ ރޭވުމުގެ ދަށުން ކަމެއް ހިނގަނީބާ އެވެ. ސިކުނޑި ހާސްވަމުންދިޔައެއްކަމަކު އޭނަގެ ގައިގާ ބައްދާލައިގެން ގިސްލެވިފައި އޮވެ ރޮމުންދިޔަ ކިޔާން މަސަލަސްކުރެވޭތޯ އޭނަ މަސައްކަތްކުރަންފެށި އެވެ.

އައްޔަދު ޔޫހާގެ ފަހަތުން ދާން އުޅެން ފެށުމުން ޒަރާނާ އޭނަގެ އަތުގައި ދެއަތުން ހިފާ ހުއްޓުވި އެވެ. އަދި ޒައުލްގެ ކާރު ދުއްވާލަންދެން ބަލަހައްޓައިގެން ހުރުމަށްފަހު އައްޔަދުގެ އަތުގައި ހިފައިގެން ގެއަށްވަނުމަށް ދިޔައެވެ. ދޮރޯށި ކައިރީ ވެއްޓިފައި އޮތް ކޮތަޅާއި އޭގެތެރެއިން ފެންނަން އޮތް ފާރުސަލް ޒަރާނާގެ ލޮލުގައި އަޅައިގަތެވެ. މަޑުމަޑުން ކޮތަޅު ނަގާ މޭގައި ޖައްސާލައިގެން ހުރެ ޒަރާނާ ގޭތެރެއަށްވަނެވެ. އައްޔަދު ވަދެގެން އެދިޔަގޮތަށް ދިޔައީ އޭނަގެ ކޮޓަރިއަށެވެ. ޒަރާނާއަށް ވެސް އައިސް ވަދެވުނީ އޭނަގެ ކޮޓަރިއަށެވެ. އަދިވެސް ލިބިނު ސިހުމުގެ އަސަރު ނުކެނޑެއެވެ. ގަބުވެފައިމާ މީހަކުހެން އެނދުގައި އިށީނދެލައިގެން އިނދެވުނީއެވެ.
"ޔޫހާ....ޒައުލް...ކިޔާން...ޒައުލްގެ ދަރިއެއް....އައްޔަދު....ޔޫހާ..." ކިޔޭ އެއްޗެއް ހަމަނުޖެހުނެއް ކަމަކު މަޑުމަޑުން ޒަރާނާ އިނދެގެން ފަހަރަކު މީހެއްގެ ނަން ކިޔަމުންދިޔަ އެވެ. އޭނަގެ ސިކުނޑި އެކިއެކި ފިކުރުތަކުން ބަރުވަމުންދިޔަ އެވެ. ދެފަރާތަށް ބޯހޫރުވާލުމާއިއެކު ނިތްކުރީގައި ހިފަހައްޓާލެވުނެވެ. ކުޑަހިނދުކޮޅެއްގެތެރޭގައި ފެނުނީ ޒަރާނާގެ ކޯތާފަތް ކަރުނައިގެ ތިކިތަކުން ތެތްމަމުންދިޔަ ތަނެވެ.

ގޭކައިރީ ޒައުލް ކާރު ޕާކުކޮއްލުމާއިއެކު ޔޫހާ ކިޔާން އުރާލައިގެން ހުރެ ކާރުންފޭބި އެވެ. އޭނަގެ ފަހަތުން އަފްލީން ފޭބިއެވެ. އޭރުވެސް ކިޔާން ރޮނީ އެވެ. އަފްލީން އަވަސް ފިޔަވަޅު ގޮަސް ގެއަށްވަނެވެ. ޔޫހާ އާއި ޒައުލް ވެސް ގޭތެރެއަށްވަދެގެން އައިސް ޔޫހާގެ ކޮޓަރިއަށްވަނީ އެވެ. އޭރު ޝާއިން އޭނަގެ ކޮޓަރީގައި އުޅެއެވެ. އޭނައަށް ކަމެއް ވެގެން އުޅޭކަމުގެ ހިލަމެއްވީ އަފްލީން އޭނަގެ ކޮޓަރީގައި ޓަކި ޖެހިފަހުންނެވެ. އަފްލީންއަށް ފެނުނު ކަންތައްތައް އޭނަ ޝާއިންއަށް ކިޔާދިނެވެ.
"ޔޫހާގެ ބޭނުމަކީ ކޮބާތަ؟ އަދިވެސް އަހަރެންގެ ކިބައިން ބަދަލު ހިފަން ބޭނުންވަނީތަ..." ޒައުލް ރުޅިވެރިކަމާއިއެކު ބުނެލި އެވެ.
"ދެންހެޔޮ، ޒައުލްއަށް އެނގޭތަ މިއަދު ކިޔާން އާއިމެދު ކަންތައްކުރެވުނީ ކިހިނެއްކަން، އަހަރެންް ބޭނުމެއް ނޫން ޒައުލްގެ ތިސިފަ ކިޔާންއަށް ފެންނާކަށް، އޭނަ ބިރުގެންފައި ހުރިވަރު ޒައުލްއަށް ނޭނގޭތަ، ރޯއަޑު ވެސް ތިކަންތައް ނީވެނީ ދޯ، މަގޭ ދަރިއެކޭ ބުނީމަ އެނިމުނީތަ... ދަރިއަކާއިމެދު ކަންތައްކުރާގޮތްތައް ތީ.... ބުނަން އަހަންނަށް މިވަގުތު ކިޔާންއަށްވުރެ މުހިއްމު އެހެންއެއްވެސް ކަމެއްނެތް، ޒައުލް ވެސް ވާހަކަދައްކަން ބޭނުންނަމަ އަހަރެން ކިޔާން ނިންދަވަންދެން މަޑުކުރޭ، މާބާރަށް ހަޅޭލަވާ އަޑުގަދަކުރަން ހަދާނެ ކަމެއްނެތް... އަހަންނަކީ ބީރު މީހެއްނޫން، ހިސާބުގަނޑު މީހުން އެއްވާވަރަށް ހަޅޭނުލެވިޔަސް އަހަރެން ޒައުލްގެ ސުވާލުތަކަށް ޖަވާބު ދޭނަން..." ޔޫހާގެ ރަތްވެފައިވާ މޫނުމަތިން ރުޅިވެރިކަން ފާޅުވަމުންދިޔަ އެވެ.

ކޮމެންޓް 0