ޔޫހާއަށް ޒައުލްގެ އަތުގައި ހިފާ ބާރުކޮއްލެވުނީ އިޙްތިޔާރަކާއިނުލަ އެވެ. އޭރު ހިނިއައިސްފައި ހުރި ޝަފަގު އައިސް ޔޫހާގެ ކުރިމައްޗަށް ހުއްޓެނީ އެވެ.
"ކޮއްކޮ ފެނުމުން ވަރަށް އުފާވެއްޖެ، އަވަހަށް އާދޭ އެތެރެއަށް" ޝަފަގުއަށް ލިބިފައިވާ ހައިރާންކަން މޫނުމަތިން ފިލުވާލަމުން ޔޫހާގެ އަތުގައި ހިފާލި އެވެ.
"މީނީ ކިޔާންދޯ، ހާދަ ބޮޑުވެއްޖެއޭ... ކޮއްކޮގެ ޚަބަރެއް ނުވެގެން މިހުންނަނީ ވަރަށް ކަންބޮޑުވެފަ" ގޯތިތެރެއަށް ވަދެގެން ދަމުން ޝަފަގު އަނެއްކާވެސް ވާހަކަ ދެއްކި އެވެ. ދެންވެސް ޔޫހާގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. ޔޫހާއަށް ހީވަނީ އޭނަގެ މަންމައަށް އޭނާގެ އަޑުއިވިއްޖެނަމަ އޭނަގެ ކުރިމަތީގައި ނުހުރެ ގެއިން ނުކުމެގެން ހިނގައިދާނެހެންނެވެ. މީގެ ކުރިންވެސް ޔޫހާ އެގޭގައި އުޅެފައިވަނީ އޭނަގެ މަންމައަށް ނުފެންނަ ހިސާބުގަ އެވެ.

"އަޅުގަނޑަށް ކިޔަނީ ޒައުލް، މީ ކިޔާން... އަޅުގަނޑުމީ ޔޫހާ ގެ ފިރިމީހާ، ކައިވެނި ކުރުމަށްފަހު ޔޫހާގެ މަންމަ އާއި ބައްދަލު ކޮއްލަން މިއައީ، ޔޫހާގެ ދައްތައަކީ ތީ ދޯ؟" ޒައުލް ޔޫހާއަށް ބަލާލުމަށްފަހު އަމިއްލައަށް ތައާރަފްވެލި އެވެ. ވަގުތުން ޝަފަގުގެ މޫނު މަތީގެ ކުލަވަރު ބަދަލުވެ އެމޫނުން އުފާވެރިކަން ފެންނަން ފެށިއެވެ.
"ހާދަ އުފާވެރި ޚަބަރެކޭ ތިދީ، އާދެ މިހެން ލާފަދާން، މަންމަ އެބައުޅޭ ހަވާދު ފުނޑަން ބަދިގެ ފަރާތުގަ" ޝަފަގު ޔޫހާގެ އަތުން ދޫކޮށްނުލާ ހުރެ ވާހަކަ ދެއްކި އެވެ. އަދި ގޯތީގެ އެއްފަރާތުން ގޭގެ ބިއްދޮށަށް ވަދެވެން އޮތް މަގުން ޝަފަގު އާއި ޔޫހާ ކުރީގައި ތިބެ ހިނގަމުން ދިޔައިރު ޒައުލް ކިޔާން އުރާލައިގެން ޔޫހާމެންގެ ފަހަތުން ދިޔައެވެ.

"ކޮންއެއްޗެއް ވެއްޓުނު އަޑުތަ އޭރުއެއިވުނީ..." ބަދިގެ ފަރާތުގައި ހުރި ފެންތާންގި އާއި ދިމާލުގައި ފަހީމާ ކޮޅަށްހުރެ ދާއިން ފުނޑަމުން ދަނިކޮށް މީހަކު އެފަރާތަށް އަންނަހެން ހީވެ ބުނެލި އެވެ. އެގަޑީގައި އޭނަ އާއި ޝަފަގު އާއިިިިި ނޫނީ އެގޭގައި ނޫޅޭނެކަން ފަހީމާއަށް ޔަގީންވާތީ އާއިއެކުއެވެ.
"މަންމާ، މިއޮށް އައީ ކޮންބައެއްކަން ބަލާލަބަލަ؟" ޝަފަގުގެ އަޑާއިއެކު ފަހީމާ ފުނޑަން ހުރި ފަހީމާ އެދިމާލަށް ކަޅިއެއް އެއްލި އެވެ. އެފަދަ ގޮތަކަށް ފަހީމާއަށް ބަލާލެވުނީ ރަށު މީހަކު އައީކަމަށް ހީކޮއްފަ އެވެ. ފަހީމާއަށް ޔޫހާ ފެނުމާއިއެކު އެމީހުނާއި ދިމާލަށް އެނބުރެވިއްޖެ އެވެ. ލޮލަށް ފެންނަ މަންޒަރު ގަބޫލު ނުކުރެވޭފަދަ ގޮތަކަށް ފަހީމާ ބަލަހައްޓައިގެން ހުއްޓެވެ. ޝަފަގު އަވަސް ހިނގުމުގައި ގޮސް ފަހީމާގެ ކޮނޑުގައި އެއްއަތުން ހިފާލުމާއިއެކު ޔޫހާގެ ކައިވެނީގެ ޚަބަރު ދިނެވެ. އަދި ކައިރީގައި ހުރި ޒައުލް އާއި އޭނަގެ އަތުގެތެރޭގައި އެވަނީ ކިޔާންކަން ވެސް ފަހީމާއަށް އޮޅުންފިލުވައިދިނެވެ. އެއާއިއެކު ފަހީމާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ފެށުމުން ވަގުތުން އެނބުރި އޭނަ ކުރަންހުރި މަސައްކަތް ކުރަން ފަށައިފި އެވެ. އެތަން ފެނި ޔޫހާއަށް ޒައުލް އާއި ދިމާލަށް ބަލާލެވުނެވެ. ޒައުލްއަށް ވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. ދެންވެސް އެމީހުނައިގެން އުޅުނީ ޝަފަގު އެވެ.
"ހިނގާ އެތެރެއަށް، ސައިބޯންވީނު...ކިޔާން އާދެބަލަ ދައްތަ ކައިރިއަށް، މިހާރު ހަނދާނެއް ވެސް ނެތްދޯ ދައްތަ މަތިން" ޝަފަގު ޔޫހާގެ ބުރަކަށީގައި ފިރުމާލުމާއިއެކު އ ެދެމަފިރިންނަށް ގޭގެ ބިއްދޮއް ފަރާތުން ގޭތެެރެއަށް ވަދެވެން ހުރި ދޮރާދިމާލަށް އިޝާރާތްކޮއްލުމާއިއެކު ބުނެލި އެވެ. އަދި ކިޔާން އުރާލުމަށް އުޅުމުން ޒައުލް ވެސް ޝަފަގުގެ އަތަށް ކިޔާން ދިއްކޮއްލި އެވެ. އެކުޑަކުޑަ މޫނުގެ މަތީގައިވަނީ ހައިރާން ކަމެވެ. މިވަނީ ކިހިނެއްކަން ނޭނގުމާއިއެކު، އެގެއަކީ އެކުއްޖާއަށް ދުރު ހަނދާންތަކެއްކަމުގައި ވާތީއެވެ. ބޮޑުވަމުން އައިވަރަކަށް އޭނަގެ ފަހަތުން ދުވާތަން ފެންނަނީ ޝާއިން އާއި އަފްލީނެވެ. އެހެންވެ އޭނަގެ އާއިލާ ކަމުގައި ގަބޫލު ކުރެވެމުންވެސް ދިޔައީ އެމީހުންނެވެ.

"ދައްތާ، މަޑުކޮއްބަލަ، އަޅުގަނޑު ޔޫހާ ގޮވައިގެން މިރަށް އައުމުގެ އެންމެ ބޮޑު ބޭނުމަކީ ޔޫހާގެ މަންމަގެ ގާތުން މާފަށްއެދުން، އަޅުގަނޑުގެ އާއިލާއަކީ ވެސް މިހާރު އެމީހުން، ކަންތައްތައް ހިނގައިދިޔަ ގޮތް ކިޔާދޭން ބޭނުން... ފަހަރެއްގަވެސް އަޅުގަނޑުމެންގެ ބޭނުމަކީ އިތުރު މައްސަލަތަކެއް އުފެއްދުމެއ ްނޫން، ބޭނުންވަނީ މަންމަ އާއި ވާހަކަ ދައްކާލަން" ޝަފަގުގެ އަތަށް ކިޔާން ދިއްކޮއްލުމާއިއެކު ޒައުލް ހުއްޓި ވާހަކ ަދެއްކި އެވެ. އެއަޑު ފަހީމާއަށް ވެސް އިވުނެވެ. ނަމަވެސް އޭނަގެ ހަރަކާތްތަކަށް ކުޑަވެސް ބަދަލެއް ނުގެނެއެވެ.
"އާދެބަލަ..." ޝަފަގު ޒައުލްއަށް ބުނެލިއެވެ. ޔޫހާ އާއި ޒައުލް ޝަފަގު ފަހަތުން ގޭތެރެއަށްވަނެވެ. ޔޫހާއަށް ގޭތެރެއަށް ވަދެވުމާއިއެކު ވަށައިގެން ނަޒަރު ހިންގާލެވުނެވެ. ހީވަނީ އަދިވެސް އޭނަ ދޫކޮށްފަ ދިޔަގެއަށް އެނބުރި އައިސް ވަދެވުނު ހެންނެވެ. ވޭތުވެގެން ދިޔަ އަހަރުތަކާއިއެކު އެގެއަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ފެންޑާގައި ހުރި ލަކުޑި ދިގު ގޮނޑި އާއި ދެ ސަރަންފީ އެވެ. އެއް ފަރާތެއްގައި ބަރިއަކަށް މަތިމައްޗަށް ޖަހާފައިހުރި ޕްލާސްޓިކް ހަތަރުގޮނޑި އެވެ. ފެންޑާގެ ކަނެއްގައި ޖެހިގެން ހުރިގޭ ދިޔާނާގެ ފިރިމީހާ ހަމީދު މާލެން ގެނެސްދިން ފަހާފޮށި އަދިވެސް އެހުރީ އެތަނުގައި ބަހައްޓާފަ އެވެ. ރީތިކޮއްފޮތިގަނޑެއް އަޅާފަ އެވެ.
"އިށީނދޭ... ޖޫސްތައްޓެއް ގެނެސްދެންތަ، ވަރަށް ހޫނު ގަދައެއްނު" ޝަފަގު ހިނިތުންވުމާއިއެކު ބުނެލި އެވެ.
"ބޮޑުދައިތާ" ފުރަތަމަ ފަހަރަށް އެރަށް ފޭބީއްސުރެން އަނގައިން ނުބުނެ ހުރި ޔޫހާ ޝަފަގުއަށް ގޮވާލި އެވެ. އެއަޑުގައި ކަންބޮޑުވުން އެކުލެވިފައިވެއެވެ.
"ދައްތައަށް ވިސްނެޔޭ، މަންމަ އެހެން ހެދުމުން ދެރަވާނެކަމެއްނެތް، އަސްލު މަންމަވެސް ވަރަށް ދެރަވެފަ އެ ހުންނަނީ، ޔޫހާއާ ކިޔާންގެ މަތިން މަންމަ ހަނދާން ކުރާކަން އަހަންނަށް އެނގޭ، ރަޝީދުބޭ އުޅުނު އެފަރާތު ކޮޓަރީގެ ދޮރު ގޯޅިގަނޑަށް ކަނޑާފަ މިރަށު ޓީޗަރަކަށް ކުއްޔަށް ދޫކުރަންވެސް، އެކަމަކު އެކަން ނުކޮށްބަހައްޓާފަ އެހުންނަނީ މަންމަ ގަބޫލު ނުވެގެން، އަހަންނަށް އެނގޭ މަންމަ ގަބޫލު ނުވީ ކީއްވެކަންވެސް، އެއީ ކޮއްކޮ އުޅުނު ކޮޓަރިއަށްވާތީ، މަންމައަށް ކުޑަވަގުތުކޮޅެއް ދީ، ރަނގަޅު ވަގުތެއް ހޯދާލާފަ މަންމަ އާއި ވާހަކަ ދައްކާނީ، ކޮއްކޮގެ ކޮޓަރި ހުންނާނީ ސާފުކޮއްފަ، ޖެހޭނީ ބެޑްޝީޓު ބަދަލުކޮއްލަން، ޒައުލް، ކޮޓަރިއަށް ފޮށިގެންގޮސް ލާންވީނު" ޝަފަގު ޔޫހާ އާއި ޒައުލްގެ ކުރިމަތީ ކިޔާން އުރާލައިގެން ހުރެ ބުނެލިއެވެ.
"އަޅުގަނޑުމެން ތިބެން މިރަށުން ގެއަށްވާނީ ހިފާފައި، ޔޫހާގެ މަންމަގެ ހުއްދަ އަކާއި ނުލާ މިގޭގައި މަޑުކުރުން އެއީ ރަނގަޅު ގޮތެއ ްނޫން" ޒައުލް އޭނަގެ ވިސްނުން ހުރިގޮތް ހާމަކުރި އެވެ.

ފަހީމާ ހަވާދުކޮޅު ތައްޓަކަށް ނެގުމަށްފަހު ބަދިގޭ ތިރިފާރުކޮޅުމަތީ ތަށި ބެހެއްޓި އެވެ. ތިރީގައި ފެން އަޅާފައި ހުރި ބާލިދީގައި އޮތް ޖޯޑުން ފެންނަގާ ފުނޑި ދައި ރީތިކޮއް ދޮވެލައިފިއެވެ. އޭނަގެ މަސައްކަތަށް ބަދަލެއްނަޔަސް އޭނަގެ ސިކުނޑީގައިވަނީ އެތަށް އެތައް ސުވާލެއް އުފެދިފައެވެ. އަދިވެސް އޭނައަށް ޔޫހާ އާއި ދިމާލަށް ކިޔުނު ހުރިހާ އެއްޗެއް ހަނދާން އެބަހުއްޓެވެ. އެދަރިފުޅު ދިއުމުން ފަހީމާގެ ހިތަށް ލިބުނު ފަޅުކަން އޭނަ ސިއްރުކުރިއެވެ. މީހުންގެ ލޯތަކަށް އެކަން އެވީ ވާންވީ ގޮތަށްކަމުގައި ބުނަމުންނެވެ. ގޮތެއްފޮތެއް ނެތުނީމަ ދަރިން ދޫކޮއްލުން އެއީ އެންމެ ރަނގަޅުގޮތްކަމުގައި މީހުންގެ ގާތު ބުނަމުންނެވެ. ޔޫހާގެ ސަބަބުން ލިބުނު ބަދުނާމާ ގެއްލިގެންދިޔަ އެގޭގެ ރީތިނަން އަނބުރާ ހޯދަން ބޭނުންވެފައި ހުރިވަރުންނެވެ. ރަށުގައި މިހާރު އެވާހަކަ ދައްކާ ބަޔަކު ނެތެވެ. އެކަމަކު ފަހީމާއަށް ލިބުނު ހިތްދަތިކަން ފިލައިގެނެއްނުމެ ދިޔައެވެ. އަމިއްލަޔަށް ދަރިފުޅު ގޭން ނެރެލީކަމުގައި އޭނަގެ ޒަމީރު ބުނެއެވެ. ޝަފަގުގެ ފަރާތުން ޔޫހާގެ ވާހަކަތައް އަޑުއިވޭ ކޮންމެ ފަހަރަކު އެދަރިފުޅު ހާލު ކިހިނެއްތޯ އަހާލާ ހިތުން މޭގައިވާ ހިތް ތެޅިފޮޅިގަނެވެ. އެހާ ހަރު ހިތެއްގެ ވެރި މީހަކަށް ފަހީމާވީ ކޮންއިރަކު ބާއޭ އޭނަގެ ހިތަށްވެސް އަރައެވެ.
"މަންމާ، ދަނީ..." ނުކެރިފައިހުރެ ޔޫހާ ބުނެލިއަޑު ހަވާދުތަށި ހިފައިގެން ބަދިގެއަށް ވަންނަން ދިޔަ ފަހީމާއަށް އިވުމުން ހުއްޓެވުނެވެ. އަދި އޭނަގެ ޒަމީރު ބާރު އަޑުން ވާހަކ ަދައްކަންފެށި ކަހަލައެވެ. 
" އެތަށް އަހަރަކަށްފަހު ދަރިފުޅު އެނބުރި އައީ މަންމަ ދެކިލުމަށެވެ. ފަހީމާ މިއަދު އެދަރިފުޅު ދިޔަނުދޭށެވެ. ދަރިފުޅު ދެކިލާހިތުން އެހިތް ކެތްމަދުވެފައިވާވަރު ބުނާށެވެ. ފަހީމާއެވެ. ވަގުތަކީ އެއްވެސް މީހަކަށްޓަކައި އިންތިޒާރު ކުރާ އެއްޗެއް ނޫނެވެ. އަވަހަށް ބުނާށެވެ. ދަރިފުޅު ގާތު ހިތުގައިވާ ހުރިހާ އެއްޗެއް ބަންޑުންކޮއްލާށެވެ." ފަހީމާގެ ސިކުނޑީގައި އޭނަގެ ޒަމީރުގެ އަޑުހަރުލާފައިވެއެވެ.
"ޝަފަގު، އެމީހުން ކައިރީ ބުނޭ މެންދުރު ކައިގެން ދާން މަޑުކުރާށޭ" ފަހީމާ މިހެން ބުނެލުމާއިއެކު ބަދިގ ތެރެއަށް ވަދެގެން ހިނގައްޖެ އެވެ. ނުތަނަވަސްކަން ލިބިފައިހުރި ޝަފަގުއަށް ހިތްހަމަޖެހުން ލިބުނެވެ. ފަހީމާގެ އަޑު ޔޫހާ އާއި ޒައުލްއަށ ްވެސް އިވުނެވެ.
"އާދޭ، ކޮއްކޮގެ ކޮޓަރިއަށްވަދެ އަރާމުކޮއްލާ، ފެންވަރާލައިގެން މެންދުރު ކާން ނުކުންނަންވާއިރު މަންމަ ހުންނާނީ ހަމަޖެހިފަ، އޭރުވެސް ދައްތައަށް އެނގުނު މަންމަ ކިތަންމެ އަޅާނުލަން މަސައްކަތްކުރިޔަސް ކޮއްކޮދެކެ އަދިވެސް ވަރަށް ލޯބިވާކަން" ޝަފަގު އެނބުރި ޔޫހާމެން ގޮވައިގެން ގޭތެރެއަށް ވަންނަމުން ބުނެލިއެވެ.

މެންދުރުގެ ކެއުމަށްފަހުވެސް ފަހީމާ އާއި ވާހަކަދައްކާލާށެ ފުރުޞަތެއް ޒައުލްއަކަށް ނުލިބުނެވެ. އެހެންނަމަވެސް މެންދުރުގެ ކެއުން ނިމި އެގެއިން ނުކުންނަން އުޅުނު ވަގުތު އަނެއްކާވެސް ފަހީމާ ޝަފަގުއަށް ގޮވާލާފައި ޔޫހާގެ ކޮޓަރި އެމީހުން ތިބުމަށް ނުފުދެންޏާ ދިޔަޔަސް ހެވޭ ބުންޏެވެ. މިފަހަރުވެސް އެހެންބުނީ ޔޫހާ އާއި ޒައުލްއަށް އަޑު އިވޭވަރަށެވެ. ޒައުލްގެ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. އެހެންނަމަވެސް އޭނައަށް ޔޫހާގެ މަންމަގެ އެފަދަ އިޝާރާތްތަކުން ފެންނަމުންދާ ލޯބި ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ.
"އަޅުގަނޑުމެން ތިބޭނީ މިގޭގަ" ޒައުލް މިހެން ބުނީ ޝަފަގު އާއި ދިމާލަށް އެނބުރިހުރެއެއްކަމަކު އޭނަގެ ބޭނުމަކަށްވީ ފަހީމާއަށް އެއަޑު އިއްވާލުމެވެ.

ޔޫހާގެ ދެމަފިރިން އެމީހުންގެ ކޮޓަރީގައި ތިއްބެވެ. މާބޮޑު ނޫނަސް އާދައިގެ ކޮޓަރިއެކެވެ. އޮމާންކޮށް ސިމެންތި ޖަހާފައިވާ ފާރުތަކުގައި ލާފައި ހުރީ ހުދުކުލަ އެވެ. ކޮޓަރީގައި ހުރި ޒައުލްއަށް ކުޑަވިނަމަވެސް އެކަމާ އޭނަ ޝަކުވާއެއް ނުކުރެއެވެ. އެގޭތެރޭގެ ކަންތައްތައް ހުރިގޮތުން އެ އާއިލާއަކީ ވަރަށް އާދައިގެ އާއިލާއެއްކަން ޒައުލްއަށް ވެސް އެނގެއެވެ. ޝަފަގުގެ ފިރިމީހާ ރަޝީދު އާއި އެމީހުންގެ ދަރިފުޅު ނާއިލް އާއި ކިޔާން ރައްޓެހިވާކަށް މާގިނައިރެއް ނުނެގިއެވެ. މެންދުރު ކައިގެން ޔޫހާމެން ކޮޓަރިއަށްވަތްއިރު އ ެދެކުދިން ގޯތިތެރޭގައި ދުވެދުވެފައި އުޅެއެވެ. އެގޭގައި ދުވާނެ ތަން އޮތުމާއިއެކު ކިޔާންއަށް އެކަންވީ ރަނުގެ ފުރުޞަތަކަށެވެ.
"ޔޫހާ މަންމައާ ވާހަކަ ދައްކާތޯ ކަންނޭގެ މަންމަ އެއްޗެއް ނުބުނެ އެ ހުންނަނީ، މަންމަ ބުނެފިދޯ ނުދާށޭވެސް، އަހަންނަށް ފެންނަނީ ޔޫހާ މަންމަ އާއި ވާހަކަ ދައްކަނ،ް" އެނދުގައި އިށީނުމާއިއެކު ހޫނުވެފައި ހުރުމުން ލައިގެން ހުރި ޓީޝާޓު ބާލާފަ ޔޫހާގެ އަތަށް ދިއްކޮއްލަމުން ޒައުލް ބުނެލި އެވެ.
"މަންމަ އަހަރެންގެ ވާހަކަ އަޑުއަހާނެތަ، އަހަރެން ފެނުމުން މަންމަ އެއްވެސް އުފަލެއް ނުވި، ކިޔާންއަކީ ނާއިލްފަދައިން މަންމަގެ މާމަ ދަރިއެއްނު، އަހަންނަށް ދަރިފުޅާއޭ ގޮވާނުލިޔަސް އެކުއްޖާއަށް ގޮވާލިނަމަ، މަންމަ އަހަންނަށް އަދިވެސް މާފެއް ނުކުރޭ... މާފު ކުރިނަމަ އަހަރެން ފެނުމާއިއެކު މަންމަ އަހަރެންގެ ގާތަށް އަންނާނެ، އަހަރެންގެ ހާލު އޮޅުން ފިލުވާނެ..." ޔޫހާ އެ ކޮޓަރީގައި ހުރި އަލަމާރިން ކޮނޑެއް ނަގާ ޒައުލްގެ ޓީޝާޓް އަޅުވާލާފައި އަލަމާރި ދޮރުފަތުގެ އަތްގަނޑުގައި އެކޮނޑު އަޅުވާލުމާއިއެކު އައިސް ޒައުލް ގެ ގާތުގައި އެއްފައި އެނދަށް އަރުވާލައިގެން އިށީނެވެ.
"އެކި މީހުން ލޯބިވާކަމާ، ކެއާ ކުރާކަން ފާޅު ކުރާނީ އެކިގޮތަށް، ޔޫހާގެ މަންމަ އެކަންތައްތައް ނުދެއްކިކަމުގައި ވިޔަސް ޔޫހާ އާއި ކިޔާންދެކެ ވަރަށް ލޯބިވޭ، އަހަންނަށް އެކަން އެނގޭ، ކީއްވެތަ ޔޫހާއަށް އެކަންތައްތައް ފާހަގަ ނުކުރެވިގެން ތިއުޅެނީ، އަހަންނައްޓަކާ ޔުހާ މަންމަ އާއި އިސްނަގާ ނިކަން ވާހަކަ ދައްކަބަލަ، އޭރުން މިއޮތް ދުރުކަން ފިލައިގެން ހިނގައިދާނެ... އެކަމަކުވާ ހާދަ ހޫނެދޯ މިތަން" ޒައުލް އެންމެފަހުން ބުނެލި އެއްޗަކުން ޔޫހާގެ ގާތަށް ހިނިއައެވެ.
"އަބަދު އޭސީގަ އުޅޭ މީހުންނަކަށް މިގޮތަށް ރަށްރަށަށް އައިހެން ނޫޅެވޭނެ، މީ އަހަރުމެންގެ ދިރިއުޅުން، އޭސީ ކުރި ކޮޓަރި އާއި ހަތަރެސް ފަޔަށް ނޯކަރުންނެއް ނުތިބޭނެ..." ޔޫހާ ޒައުލް އާއި ދިމާކޮއްލި އެވެ. އަދި ހަރުގަނޑުގައި އަޅުވާފައި ހުރި ތުވާލި ހިފައިިގެން އައިސް ޒައުލްގެ ބުރަކަށި ފޮހެދޭން ފެށި އެވެ.

ކޮމެންޓް 0