"މާމާ..." ޒައުލް ލާއިގާއަށް ބަލާލަމުން ބުނެލިއެވެ. އަދި ތެދުވެ އިށީނެވެ.
"ދަރިފުޅު ނުތެދުވިޔަސް އެންމެ ރަނގަޅޭ، މާމަ މިތާ ތިރީގަ ވެސް އިށީނދެލަ ފާނަމޭ" ލާއިގާ މިހެން ބުނަމުން ބްލޭންކެޓްމަތީ އިށީނުމަށް އުޅުނެވެ. އެހިނދު ޒައުލް ލާއިގާ އިށީނުމަށް އެހީތެރިވުމުގެ ގޮތުން ލާއިގާގެ އަތުގައި ހިފާލިއެވެ.
"މާމައަށް އުނދަގުލެއް ނުވާނެތޯ މިތަނުގައި އިންނަން" ޒައުލް އަހާލި އެވެ.
"މިތަން ވެސް ހަމަ ރަނގަޅޭ، ދަރިފުޅު ކޮންކަމަކަށްތަ ގެއްލިފަ ތިއޮންނަނީ؟" ލާއިގާ އިށީނދެ ދެފައި ދަމާލަމުން ބުނެލި އެވެ. އޭރު ޒައުލް ލާއިގާގެ ކައިރިއަށް ބޯ ދަށަށް ލައްވަން ގެންގުޅުނު ކުޝަން ޖައްސާލަމުން އޮށޯވެލައިފި އެވެ.
"އަޅުގަނޑު ކަމަކާ ނުވިސްނަން... މާމަ ކޮންވާހަކައެއްތޯ ދައްކަން އުޅުނީ" ޒައުލްގެ ސިކުނޑިއާއި ލާއިގާ އާއިދެމެދު ފާރެއްލެވިގެން ދިޔައީ އެ ސިކުނޑީގައިވާ އެއްޗެއް ލާއިގާއަށް ނޭންގުމަށެވެ.
"ވަކި ޚާއްޞަ ވާހަކައެއްނެއް، ދެން ދަރިފުޅު މިހާރު އުޅޭ ގޮތުން... ގެއަށް އަޔަސް އަބަދުހެން ކޮޓަރީގަ، ދޮންތަ އާއި ކޮއްކޮ އީލާކް އާއި ވާހަކަ ދައްކާ އުޅޭތަނެއް ނުފެނޭ، ކޮންމެވެސް ކަމެއްވެއްޖެޔޭ މާމަގެ ހިތްބުނަނީ..." ލާއިގާ އޭނަގެ ދާދިގާތުގައި އޮތް ޒައުލްގެ އިސްތަށިގަނޑުގައި ފިރުމާލަމުން ބުނެލިއެވެ.
"ހޮޓެލްތަކުގެ ވިޔަފާރީގައި ތަންކޮޅެއް ބުރަކޮށް އުޅެން ޖެހޭތީ ވާގޮތެއްކަންނޭގެ، އަޅުގަނޑު ހާޒިމް އާއި އީއްކޮގެ ކަންތައްތައް ހަވާލުކޮއްފައި ހުއްޓަސް، ބަރާބަރަށް ބަލަމޭ ވާނުވާ... މިހެން އުޅެއުޅެފަ ގެއަށް އާދެވޭއިރު ހުންނަނީ ނުލާހިކު ވަރުބަލިވެފަ، ދެން އަވަހަށް ކޮޓަރިއަކަށްނުވަދެވޭނީ، މާމަ ކަންބޮޑުވެ ނުލައްވަބަލަ..." ޒައުލް ހިނި އައިސްފައި ބުނެލިއެވެ.
"މައްސަލައެއްނެއް ދަރިފުޅު ބުނީތީ މާމަ ގަބޫލު ކުރާނަން، އެކަމަކު މާމައަށް އެނގޭ ހޮޓެލްތަކުގެ މަސައްކަތްތައް ތިބުނާހާ ބުރައެއް ނޫންކަން، އަނެއްކާ ދަރިފުޅު އެހެންކަމަކާ ވިސްނަނީތަ... މިބުނީ އަންހެން ކުއްޖަކާމެދު..." ލާއިގާ ނާހަން ހުރެވެސް އަހާލެވުނެވެ.
"އަޅުގަނޑު އަންހެން ކުއްޖަކާމެދު ވިސްނާވަރެއް އަދިވެސް ނުވޭތަ މާމާ" ޒައުލް ލުއިގޮތަކަށް ހީލާފައި ބުނެލިއެވެ.
"ނޫނޭ، މާމަ އެހެނެއް ނުބުނަމެއްނު، ދެން ރަނގަޅުތާ ކޮންމެވެސް އެއް ކުއްޖަކު ތިކަހަލަ ހިޔާލެއް ގެންގުޅޭކަން ވެސް، މާމަ މިހުންނަނީ ދޮންތަ އާއިހެދި ވެސް ނުލާހިކު ކަންބޮޑުވެފަ، އެދަރި މީހަކާ އިންނާނީ ކޮންއިރަކުން ބާއޭ ހިތަށް އަރާ؟ ޒައުލް، ދޮންތަ އާއި ގުޅޭނެ ރަނގަޅު ކުއްޖަކު ނެއްތަ؟ ދެން މިހާރު އަހަރުމެން އެކަމާ ވިސްނަންވެއްޖެ ކަންނޭގެ" ލާއިގާ އޭނަގެ އާދައިގެ މަތިން ކަންބޮޑުވާ ކަންތަކުގެ ވާހަކަފެށި އެވެ.
"މާމާ، ދޮންތަވެސް މީހަކާ އިންނާނެއޭ ވަގުތު ޖެހުނީމަ..." ޒައުލް ބުނެލި އެވެ.
"ހޫން، ދޮންތަގެ ވާހަކަ ބާއްވާފަ ދެން ބުނެބަލަ... އެއީ ކޮންކުއްޖެއްތަ؟" ލާއިގާ ހިނި އައިސްފައި ކުރިއަށްވުރެ ޒައުލްގެ ވާހަކަ އާއި ގަޔާވެލިގޮތް ދެއްކިއެވެ.
"ކޮބާތަ؟" ޒައުލް ނޭގޭ ކަމަށް ހަދާލި އެވެ.
"މިހާރު ތިއުޅެނީ މާމަ ގާތު ނުބުނަންވެގެން..." ލާއިގާ ޒައުލްގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ބުނެލި އެވެ.
"އެއީ އަޅުގަނޑު އެހެން ބުނި އެއްޗެއް ނޫނޭ، އަޅުގަނޑު އެހެން ބުނެލީ މާމަގެ ހިޔާލެއް ހޯދާލަން ވެގެން، މާމަ ގަބޫލު ވާނެތޯ އަޅުގަނޑު އަންހެން ކުއްޖަކާ ގުޅުނަސް" ޒައުލް ބުނެލި އެވެ.
"މާމަ ދަރިފުޅުގެ އެއްވެސް ކަމަކާ ނުގަބޫލުވީންތަ؟ އެހެންނޫނަސް ކޮންމެވެސް ދުވަހަކުން ދިރިއުޅުމެއް ފަށަން ޖެހޭނެތާ؟ އެކަމާ ހުރަސް އަޅަންވީ ކީއްކުރަން" ލާއިގާ އޯގާތެރިކަމާއިއެކު ބުނެލިއެވެ.
"މާމާ، އަޅުގަނޑު ވާހަކައެއް އަހާލަންތޯ" ޒައުލް ކުރުއަތް މައްޗަށް އޮވެ ލާއިގާއަށް ބަލާލަމުން ބުނެލިއެވެ.
"ހޫމް... އަހާލަބަލަ" ހިނިއައިސްފައި އިން ލާއިގާ ބުނެލިއެވެ. އެހެންކުދިންނަށްވުރެ ބޮޑަށް ލޯބިވާ ޒައުލްގެ ހިތުގައިވާ އެއްޗެއް އޮޅުން ފިލުވުމަކީ އެހާ ފަސޭހަކަމެއް ނޫންކަން ހުދު ލާއިގާއަށްވެސް އެނގެއެވެ. ވެގެން އުޅޭގޮތެއް އޮޅުން ފިލުވޭނި މިކަހަލަ ގޮތަކަށްކަން ލާއިގާއަށް އެނގެއެވެ. ޒައުލް ކުޑައިރުވެސް ކަމަކާމެދު ހާސްވެ ކަންބޮޑުވިޔަސް، ދެރަވިޔަސް އެއްވެސް މީހަކަށް އެކަމެއް ނުދައްކާނެ އެވެ. ލާއިގާ އެކަމެއް އޮޅުން ފިލުވަން ޖެހެނީ ޒައުލް އާއި އެތައް ވާހަކައެއް ދައްކައިގެންނެވެ. މިހާރުވެސް އޭނަ އެކުރަނީ އެކަމެވެ. ޒައުލްގެ ހިތާ ސިކުނޑި ހުޅުވާލުމަށް އެހީތެރިވަނީއެވެ.

"މާމާ، ލޯބިވީމަ ކިހިނެއްތަ އެނގޭނީ؟ ނޫނީ އަނެކާ ލޯބިވާކަން ދެނެގަންނާނީ ކިހިނެއްތަ؟" ޒައުލްގެ ސުވާލު ތަކުން ލާއިގާއަށް ވަރަށް ބޮޑު ހައިރާންކަމެއް ވެރިވެގެން ދިޔައެވެ. ހަމައެއާއިއެކު ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެސް ވެރިވިއެވެ.
"ތިސުވާލަށް ޖަވާބު ދޭނެގޮތެއް ވެސް މާމައަކަށް ނޭގެ، އެހެންނު ވާނީ މިހާތަނަށް އައިއިރުވެސް، އެތަށް ގަރުނެއްވެގެން ދިޔައިރުވެސް ލޯތްބަކީ ކޮބާކަންވެސް ދެމީހަކަށް އެއްގޮތަކަށް ބުނެދެވިފައެއްނެއް، މާމަގެ ހިޔާލަކަށް ދަރިފުޅު އެދުނީތީ ބުނެދާނަން... ކޮންމެ މީހަކު ބުނިކަމުގައި ވިޔަސް ލޯބިވުމުން އޮޅުވައެއް ނުލެވޭނެކަން ގައިމު، އެލޯބި ފާޅުވާން ގިނަ ދުވަސް ނެގިއަސް ފާޅުނުވެއެއް ނުދާނެކަން ޔަގީން...." ލާއިގާ ޒައުލް ބޭނުންވި ސުވާލުގެ ޖަވާބުދޭން މަސައްކަތްކުރިއެވެ.

"އާނާ...އާނާ...ކޮބާތަ އޭނަ؟ ދޮންތާ... ދޮންތާ..." އީލާކް އަޑުގެ ކޮޅަށް ގޮވަމުންދިޔައިރު ހީވަނީ ބިރެއް ފެނިގެން އުޅޭހެންނެވެ. އޭނަ ދުވަމުން ކަހަލަ ގޮތަކަށް ގޮސް ލޫލުއާގެ ކޮޓަރިއަށް ވަނެވެ. އޭރު ޑިއުޓީއަށް ދިއުމަށް ތައްޔާރުވަމުން ދިޔަ ލޫލުއާ ހުރީ ރީތިވާ މޭޒުގެ ކުރިމަތީގައެވެ.
"ރޯވީތަ ތަނެއްގަ..." ލޫލުއާއަށް ގޮވަމުން އައިސް އެކޮޓަރިއަށް ވަތް އީލާކްއަށް އޭނަ ބުނެލިއެވެ.
" އަޅުގަނޑުގެ ނެކްލެސް..." އެހެން ބުނިއިރު އީލާކްގެ މޫނުމަތިން ފެނިގެން ދިޔައީ ދުވަހަކުވެސް ފެނިފައިނުވާ ފަދަ ކަންބޮޑުވުމަކާއި ހާސްކަމެވެ.
"ކޮން ނެކްލަސް އެއް، ޝޯއަށް ގެނައިތަނުން ނެކްލެސް އެއް ހަލާކުވީތަ؟" ލޫލުއާ އޭނަގެ އިސްތަށިގަނޑަށް ކިލިޕެއް ޖަހާލުމާއިއެކު އަވަސް އަވަހަށް އެނބުރި އަހާލިއެވެ.
"ނޫނެކޭ ދޮންތާ..." މިހެން ބުނެލަމުން އީލާކް ލޫލުއާގެ ކޮޓަރިން ނުކުތެވެ.
"ކިހިނެއްވީ؟" އީލާކް ހޯދަމުން އައި އާނާއަށް އީލާކްފ ެނުމުން އަވަސް އަވަހަށް ސުވާލުކުރި އެވެ.
"އަހަރެންގެ ނެކްލެސް ދެކުނިންތަ؟" އަނެއްކާވެސް އީލާކް ސުވާލުކުރީ އޭނަގެ ކަރުގައި އަޅަން ގެންގުޅޭ ފަށާއިމެދުއެވެ.
"ކޮން ނެކެލެސް އެއް، ކޮއްކޮ ނެކްލެސް އަޅުވާ އެތީގަ އިންނާނެއެއްނު... ބެލިންތަ" އާނާ އީލާކްއަށް ހަނދާންކޮއްދޭ ފަދަ ގޮތަކަށް ބުނެލިއެވެ.
"މަގޭ ބަޓަފްލައި ނެކްލެސް... ނެތޭ މިހާރު އެތާކު، އާނާ ސާފުކުރިއިރު ދެކުނިންތަ؟ އާދެބަލަ އޭތި ހޯދަދޭން..." އީލާކްގެ ފަހަތުން ކޮޓަރިން ނުކުތް ލޫލުއަށް ވެސް އީލާކް އާނާ އާއި ދެއްކި ވާހަކަ އަޑުއިވުނެވެ.
"އީއްކޮ ހަނދާންނެތިގެން ދޯ ތިއުޅެނީ... ތިވާނީ ކޮންމެވެސް ތަނެއްގަ ބޭއްވުނީ ކަމަށް؟" ލޫލުއާ ބުނެލިއެވެ.
އީލާކްގެ ކޮޓަރިއަށް އޭނަ އާއިއެކު ގޭގައި ގެންގުޅޭ ކުއްޖާ އާނާ އާއި ދައްތަ ލޫލުއާ ވަނެވެ. ތަރުތީބު ކުރެވިފައިވާ އެކޮޓަރީގައި އެއްޗެއް ނުފެނިގެން އުޅޭހާއެއް ނުވެއެވެ. އެހެންނަމަވެސް އީލާކްގެ އެދުމަށް ލޫލުއާއި އާއި އާނާވެސް އެފަށް ފެނޭތޯ މަސައްކަތް ކުރިއެވެ. ކޮޓަރީގައި ހުރި ހުރިހާ ސާމާނެއް އެފުށް މިފުށަށް ޖެހިއިރުވެސް އީލާކްގެ ފަށެއް ނުފެނުނެވެ.
"މާމަ ބުނުއްވި އެ ބަޓަރޕްލައި އަކީ މަންމަގެ ޖުވެލަރީ ބޮކްސްއިން ފެނުނު އެއްޗެއްކަމަށް، އަޅުގަނޑު ނުލާހިކު ބަލައިގެން ގެންގުޅުނީ... މިއޮއް ހުރިހާ ދުވަސް ވީއިރުވެސް ނުގެއްލޭ... ދެން ކީއްވެ މިހާރު އޭތި ގެއްލެންވީ، އަޅުގަނޑު ހަނދާންއެބަހުރި ހަމަ މިތަނުގަ އެ ނެކްލެސް އަޅުވާފަ ބޭންދީ... އަޅުގަނޑު ބުނަންވެސް ބުނިން ރޯޒް އާއި ޝުދުފާ އާއި ނަހުލާ ކައިރީ ފެޝެން ޝޯ ބާއްވާ ދުވަހަކު އަޅުގަނޑު އެފަށް އަޅައިގެންނޭ ހުންނާނީ... ދެން ކިހިނެއް އެފަށް ހޯދާނީ... އިޓްސް ސޯ ސްޕެޝަލް ޓުމީ" ކަރުއެލުވާލަމުން އެނދުގައި އިށިން އީލާކް ބުނެލިއެވެ. އޭނަގެ އަޑުގައިވި ހިތާމަވެރިކަން ލޫލުއާއަށް ނަގައިގަނެވުނެވެ.
"އަދި ދުވަހަކުވެސް މިގެއިން އެއްވެސް އެއްޗެއް ނުގެއްލޭ، އީއްކޮގެ އެފަށް ވެސް އަދި ފެންނާނެ... ދެރަނުވޭ" ލޫލުއާ ގޮސް އިލާކްގެ ކައިރީ އެނދުގައި އިށިންނަމުން ބުނެލިއެވެ.
"ފެނަންޔާ މިހާރު ފެންނަންވީނު، އަޅުގަނޑު އަތުގަ އޮތް ހަމައެކަނި މަންމަގެ ހަނދާނަކީ އެއީ" އީލާކްގެ އަޑުން އޭނައަށް ރޮވެން އުޅޭކަމުގެ އަސަރު ލޫލުއާއަށް އެނގުނެވެ.
"އާނާ... ކޮބާތަ މާމަ؟" ލޫލުއާ ލާއިގާ ހޯދަން ބޭނުންވިއެވެ.
"މެޑަމް މަތީ ޓެރެސްއަށް ދުރުވީ، ގޮވާލަންވީތޯ" އާނާވެސް ކަންބޮޑުވާ ގޮތްވެއްޖެއެވެ.
"ނޫން، އާނާ މަޑުކުރޭ އަހަރެން އެބައަންނަން މާމަގާތު މިވާހަކަ ބުނެފަ" މިހެން ބުނެފައި ތެދުވި ލޫލުއާގެ އަތުގައި އީލާކް ހިފިއެވެ.
"ނޫން ދޮންތާ، އޭރުން މާމަ ބުނާނީ އަޅުގަނޑު ފަރުވާކުޑައީ އޭ" ލޫލުއާއަށް ބަލާލި އީލާކްގެ ލޮލުގައި ކަރުނަ ފާއްދާލި އެވެ.
"މާމަ އަންޑަސްޓޭންޑުވާނެ... އެހެންވިޔަސް ގެއްލިއްޖެޔާ ތީ މައްސަލައެއްނު، މިއޮއް ހުރިހާ ދުވަހު މިގެއިން އެއްޗެއް ނުގެއްލިހުރެފަ މިހާރު ގެއްލުން އެއީ މައްސަލައެއްނު، ކޮންމެ ގޮތެއްވިޔަސް މާމަ ގާތު ބުނަންޖެހޭނެ" ލޫލުއާ ވިސްނާދެމުން ބުނެލިއެވެ. އަދި އޭނަ އެކޮޓަރިން ނުކުމެގެން ޓެރެސްއަށް ދިޔައެވެ.
"މާމާ...މާމާ...ކޮއްކޮ އީލާކް" ސިޑިން ދުވަމުން އެރި ލޫލުއާ ޓެރެސްއަށް އާދެވުނު އިރު ހުރީ މާނޭވާލެވިފަ އެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ލާއިގާ އާއި ޒައުލްއަށް އެނގުނެވެ. ފުއްމައިގެން ތެދުވި ޒައުލް އަވަސް އަވަހަށް މާމަ ލާއިގާ ތެދުވުމަށް އެހީތެރިވިއެވެ.
"ވަރެއްގެ ދަރިއެއް އެއީ، މިހާރު ކީއްކުރީ" ޒައުލްގެ އެހީގައި ތެދުވަމުން ލާއިގާ ލޫލުއާ އަށް ބުނެލިއެވެ.
"ބަޑިފަޅައިގެންދާން އެއުޅެނީ..." ލޫލުއާ އުކުޅުވަޅާދިމާލުގައި ދެފަރާތުން އަތް އަޅުވާލާފައި ފުން ނޭވާތަކެއް ލަމުން ބުނެލިއެވެ.
"ރޮނީތަ، ކިހިނެއްވީ އޯ، ބޭނުންވާ ގޮތަށް ކަމެއްނުވީ ދޯ" ޒައުލް އަހާލިއެވެ.
"ނޫން، މާމާ، އެކައްލަ ކޮކާ ފަށުފޫލާފައި އިން ފަށް ގެއްލިގެން އުޅެނީ، އަޅުގަނޑަށް ހީވަނީ ކޮއްކޮއަށް ލެވުނު ތަނެއް ނޭގިގެންހެން އެއުޅެނީ، އެކަމަކު ބާރު ލާފަ އެބަ ބުނޭ އެފަށް މިއަދު ވެސް ދެކުނު ވާހަކަ... މާމަ ގާތުވެސް ނުބުނަން ހުރީ، އޭރުން މާމަ ކޮއްކޮ އާއި ދިމާލަށް ފަރުވާކުޑަކަމުންނޭ ބުނެދާނެތީއޯ، ދެންމެ ދެންމެ ރޯންފަށާފާނެހެން ހީވަނީ" ލޫލުއާ ކުޑަގޮތަކަށް ވެގެން އުޅޭގޮތް ލާއިގާ އަށާއި ޒައުލްއަށް އޮޅުންފިލުވާދިނެވެ.
އީލާކްގެ ކޮޓަރިއަށް ވަދެގެން އައި ލާއިގާގެ ފަހަތުގައި ޒައުލް އާއި ލޫލުއާ ވެސް ހުއްޓެވެ. ލާއިގާ ފެނުމާއިއެކު އީލާކްއަށް ނުހިފެއްޓުނެވެ. އޭނަ ރޯންފެށީ އެވެ.
"މާމާ އަޅުގަނޑު މިބުނީ ހަމަތެދެކޭ، އަޅުގަނޑު ފަރުވާކުޑައެއް ނުކުރަމޭ، މިތާ އަޅުވާފަ އަބަދުވެސް އިންނާނީ" އެނދުން ތެދުވެހުރެ އީލާކް ލާއިގާއަށް ރީތިވާ މޭޒުމަތީ އެހެން ފައްތަށް އަޅުވާފައިވާ އެތިދައްކާލި އެވެ.
"އާނާ، ކޮންއިރަކު ސާފުކުރީ؟ އޭރު އެފަށް އެތަނުގައި އިންތަ؟" ލާއިގާ އާނާ އާއި ސުވާލުކުރި އެވެ. ހީވީ ކުއްލިއަކަށް ތަހުގީގީ މަރުހަލާއެއް ފެށިގެން ދިޔަހެންނެވެ. އެހެނީ އެފަށް އެކުދިންގެ މަންމަ ޒަރާނާގެ ހަނދާންތަކާއި ގުޅިފައިވުމުންނެވެ.
"މެޑަމް އަޅުގަނޑު ނުނަގަން، އަޅުގަނޑު ސާފުކުރީމަ ކޮއްކޮ ފުރެންޑްސް ގޮވައިގެން ކޮޓަރިއަށް އައީ" ހާސްކަމާއިއެކު އާނާ ބުނެލިއެވެ. ހީވަނީ އޭނަހުރީ ބިރުންހެންނެވެ.
"ތެދެއް އީލާކް، އޭރުގަ ފަށް އިންކަން އެނގޭތަ؟" ލާއިގާ ދެން ސުވާލުކުރީ އީލާކް އާއިއެވެ.
"ލައްބަ މާމާ، އަޅުގަނޑު އެވަގުތު ދެކުނިން، އެގަޑީގަ އަޅުގަނޑު ބުނީވެސް ފެޝަން ޝޯގައި އަޅުގަނޑު އެފަށް ބޭނުން ކުރާނެވާހަކަ... ފަށް ނެއްކަން އެނގުނީ ކައިގެން އަޅުގަނޑު ކޮޓަރިއަށް އައިފަހުން" ރޮވިފައި ހުރެ އީލާކް ވާހަކަދެއްކިއެވެ.
"ދެން ކީކޭ ބުނާނީ، އެންމެފަހުން އީލާކްގެ ކޮޓަރިން ނުކުތީ އީލާކް އާއި އީލާކްގެ ރަޙުމަތްތެރިން..." ލާއިގާ މިހެން ބުނެނުނިމެނިސް އީލާކް ވާހަކަދެއްކިއެވެ.
"މާމާ، ދެން ތިބުނުއްވަނީ އަޅުގަނޑެ ރަޙުމަތްތެރިން ކުރިކަމޭކޭތޯ... އެކަމަކު... މާމާ، ކިހިނެއް އެނގެނީ ފަހުން މިކޮޓަރިއަށް މީހަކު ނުވަންނަ ކަމެއްވެސް" އީލާކް އޭނަގެ ރަޙުމަތްތެރިންގެ ބޮލުގައި އެޅެން އުޅުނު އިލްޒާމުގެ ދިފާއުގައި ބުނެލިއެވެ.

ކޮމެންޓް 0