ހައިރާންވެ ހުރެ އީލާކް އޭނަގެ ރަޙުމަތްތެރިންގެ ގާތަށް އައިހިނދު އެމީހުންވެސް އޮޅުން ފިލުވަން ބޭނުންވީ ޒައުލް އާއިއެކު ހުރީ ކޮން އަންހެން ކުއްޖެއްކަމެވެ.
"ވާވު، ވަރަށް ރީތި ދޯ..." ރޮޒޭން ބުނެލިއެވެ.
"ކިހިނެއް އެނގެނީ އެއީ ކާކުކަން، ދޮންބެ އެކަހަލަ ކަމެއް ކުރާކަން އަހަރުމެންނަށް އަންގާވެސް ނުލާ، ދުރު ދުރުން އުޅުނީ އަހަންނަށް ހީވަނީ މިކަމުގެ ޝައްކެއް އަހަންނަށް ވެދާނެތީ ކަންނޭގެ....އަސްލުވެސް ދޯ ރޯޒް، އޭނަ ހާދަ ރީއްޗޭ" އީލާކް ޝުދުފާގެ އަތުގައި ހިފާލަމުން އޭނަގެ ރަޙުމަތްތެރިނަށް ބުނެލިއެވެ.
އެމީހުންގެ ތެރޭ ރޮޒޭންގެ އުނަގަނޑުގައި ހިފާލައިގެން ހުރި ޝާއިންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައިވެއެވެ. އޭނަ ރޮޒޭން އާއި އޭނަގެ ރަޙުމަތްތެރިންގެ ވާހަކައިގ ެތެރެއަށް ވަނުމުުގެ ބަދަލު އެމީހުން ދައްކާ ވާހަަތައް ދިޔައީ އަޑުއަހަމުންނެވެ. ޝާއިންއަށް މާކުރިން ވެސް ޔޫހާ މިކައިވެނި ހަފްލާއަށް އަންނަކަން ވަނީ އެނގިފައެވެ. އަދި މިހަފްލާއަށް އައުމަށްޓަކައި ޒައުލް ޔޫހާ ތައްޔާރު ކުރަމުން ދިޔައިރު އެކަން އެންމެ ފުރަތަމަ ދުށްމީހަކީވެސް އޭނައެވެ. އެހެންހުރި އިރު ރޮޒޭންގެ ގާތުގައި ޔޫހާގެ ވާހަކަ ބުނަންވީބާއޭ އޭނަގެހިތަށް އަރަމުންދިޔަ އެވެ. ޝާއިން އެކަން ހާމަނުކޮށް ފަސްކޮއްލެވުނީ ރޮޒޭންއަށް ޒައުލް އާއި ޔޫހާގެ ގުޅުން ކަމުދިޔަނަމަވެސް ދެންތިބި ދެރަޙުމަތްތެރިންގެ ފާޑުކިޔުންތައް އަންނާނެ ގޮތެއް ނޭގޭތީއެވެ.

"ނާވަސްތަ..." ޒައުލް އެއްފަރާތެއްގައި ހުސްކޮށްހުރި މޭޒެއްގެ ދޮށުގައި އިށިންނަމުން ޔޫހާގެ ގާތުން އަހާލިއެވެ. ޔޫހާއަށް ފިނިވެފަ ހުރިވަރުން ބަހެއްބުނުމުގެ ކުރިން އޭނައަށް ބޯޖަހާލެވުނީ އާއެކޭ ބުނުމަށެވެ.
"ހަމަޖެހިލަބަލަ.....ޑްރިންކެއް ގެނެސްދެންތަ" ޒައުލްއަށް ޔޫހާގެ ހާސްކަމާއި ކަންބޮޑުވުންފެނި އޭނަ ހަމަޖެހެން ވަގުތުދޭން ބޭނުންވީއެވެ.
"ނޫން އެއްވެސް އެއްޗެއް ބޭނުމެއްނޫން، ހަމަޖެހޭށޭ ބުނާއިރު ޒައުލްއަކަށް ނޭގޭނެ އަހަންނަށް އިޙްސާސް ކުރެވެމުން މިދާ ކަމެއް، މީ ޒައުލްގެ ދިރިއުޅުމުގައި ޒައުލްގެ އާދަކާދަ އާއި ގުޅިފައިވާކަމެއް، އެކަމަކު މިފަދަ ބޮޑު ހަފްލާއަކަށް، އެވެސް ބޮޑެތި ފައިސާވެރިންގެ މެދުގައި ބޭއްވޭ ހަފްލާތަކަކީ އަހަރުމެން ކަހަލަ އާދައިގެ އަންހެން ކުއްޖަކަށް ކިހާވަރެއްގެ ކަމެއްކަން ޒައުލްއަށް އެނގެއެއްނު.... ތެދެއް ބުނަންޏާ މިދުނިޔެއަކީ އަހަންނަށް އުޅެން އެހާ ފަސޭހަ ތަނެއް ނޫން، އެކަމަކު އަހަރެން ޒައުލް...." ޔޫހާ ބުނަން އުޅުނު އެއްޗެއް މެދުކަނޑާލާފައި މޭޒުމަތީގައި އެއްއަތް ބާއްވާލައިގެން އިން ޒައުލްގެ އަތުގައި ޔޫހާ ހިފާލިއެވެ.
"ޔޫހާ ކަންބޮޑުވަނީ މާމަ އާއި އަހަރެންގެ އާއި ޔޫހާ ގަބޫލުނުކޮށް ފާނެތީތަ، އެހެނެއްނުވާނެ، މިރޭ ހަމައެކަނިވެސް އެތައް ބައެއްގެ ސަމާލުކަން ޔޫހާ ހޯދައިފި... ޔޫހާ ފެނުމުން މާމައަށް ބަދަލުތަކެއް އައިކަން އަހަންނަށްވެސް ފާހަގަ ކުރެވުނު، އެކަމަކު އެއީ ރަނގަޅު ބަދަލުތަކެއް...މާމާވެސް ހައިރާންވީ ކަންނޭގެ އަހަރެން އަންހެން ކުއްޖަކާއިއެކު ފެނުނީމަ....އެނގޭތަ މިރޭ ހަމައަސްލުވެސް ޔޫހާ ވަރަށް ރީތި، އަހަރެން ހިތަށް އަރާ އެހެރެތަނުގައި މެހެމާނުންނާ ސަލާމްކުރަން އަހަރުމެން ދެމީހުން ތިބިނަމޭ، އޭރުން ޔަގީނުންވެސް މިރޭ ގެއަށްދާނީ އަހަރެންގެ އަންބެއްގެ ގޮތުގައި ޔޫހާ ހުރެގެން" ޒައުލް އޭނަގެ އަތުގައި ހިފާލި ޔޫހާގެ އަތްތިލައިގެ މަތީ އަނެއްއަތްވެސް ބާއްވާލަމުން ލުއިގޮތަކަށް ހީލިއެވެ.
"ޒައުލް...." ޔޫހާއަށް ދުރުން އ ެމޭޒާދޮށަށް ހިނގަމުން އަންނަށް އަންހެން ކުއްޖާ ފެނުމުން ޒައުލްގެ އަތާ އަތް ވަކިކޮއްލަމުން ލޮލުގެ އިޝާރާތުންނާއިއެކު ޒައުލްއަށް އެއަންހެން ކުއްޖާ ދައްކާލިއެވެ.
"ހާއި...ޒައުލް..." ތުއިގޮތަކަށް ހިނގާލާފައި އައިސް ޒައުލްގެ ކައިރިއަށް މަޑުކޮއްލި އިރު އެއަންހެން ކުއްޖާ ހީވަނީ މޮޑެލްއެއްހެންނެވެ. ދިގު އިސްކޮޅަކާއި ބައްޓަންތައް ފުރިހަމަ ހަށިގަނޑެކެވެ. ލާފައިހުރި ކުރު ހެދުމުން ވަކިން އެއަންހެން ކުއްޖާގެ ދިގު ދެފައި ފާހަގަކުރެވިގެންދިޔައެވެ. ޔޫހާއަށް އެއަންހެން ކުއްޖަކީ ޔަގީނުންވެސް ޒައުލް އާއި ވަރަށް ގާތް މީހެއްހެން ހީކުރެވުނީ އޭނަ ޒައުލްއަށް ހަނާއަޅާލުމާއިއެކު އައިސް ކައިރީގައި ހުއްޓިލިގޮތުންނެވެ.
"އެސްތާ.... ކޮންއިރަކު މާލެ އައީ" ޒައުލްއަށް އޭނަގެ ކައިރީ އެވަގުތު ހުރީ ކާކުކަން އެނގުނެވެ.
"ދ ދުވަހެއްވަރުވެއްޖެ، ހައު އަރ ޔޫ، ޚަބަރެއްވެސް ނުވޭ، މީކޮން ކުއްޖެއްތަ" އެސްތާ އަހާލިއެވެ. ޔޫހާ އެއްވެސް އެއްޗެއް ނުބުނެ އެސްތާގެ ހަރަކާތަކަށް ބަލަން އިނީ ފޫހިގޮތަކަށެވެ. އޭނަ އެސްތާގެ މާގޮތްބޮޑުވީއެވެ. ވާހަކަދައްކާއިރު ޒައުލްގެ އަތުގައި އަތްލުމާއި އަދި ދެބަސްބުނެލާފަ އެއޮށް ލޮލަށް ހަދާލާގޮތެކެވެ.
"މްމްމް.... ޝީޒް މައި ގާލް..." ޒައުލް ވަރަށް ހިނިއައިސްފައި މިހެން ބުނެލީ އޭނަ ފަޙުރުވެރިވާކަން އެސްތާއަށް އަންގާލާފަދަ ގޮތަކަށެވެ. ޒައުލް އެގޮތަށް ހީލިތަން ޔޫހާ މީގެ ކުރިން ދެކުނީ އެދެމީހުން އެންމެ ފުރަތަމަ ރައްޓެހިވެގެން އުޅުނުއިރުއެވެ. އެތަކެއް އަހަރުތަކަކަށްފަހު ބައްދަލުވި ޒައުލްއަކީ އަޑުވީއްލާ ހީ ސަމާސާކޮށް ހަދާމީހެއް ނޫނެވެ. ނަމަވެސް އެސްތާ އާއި ވާހަކަ ދައްކާއިރު އެދެމެދުގައި ކޮންމެވެސް ކަހަލަގެ ބާރެއްވާކަން ޔޫހާއަށް އިޙްސާސް ކުރެވުނެވެ.
"ރިއަލީ.... ނޫން ދޯ...ދެން ދޮގު ނުހަދަބަލަ، އިޓްސް ނޮޓް ފަނީ...ޒައުލްގެ ގާލްފްރެންޑެއް ނުހުންނާނެ" އެސްތާ އިތުރަށް ތުއިކަން ދައްކަމުން ބުނެލިއެވެ.
"އެސްތާ ގަބޫލު ނުކުރުން އެއީ އަހަރެންގެ މައްސަލައެއްނޫން، އެއީ ކާކުހޭ އެހީމަ މިބުނެދިނީ އެއީ ކާކުކަން" ޒައުލްއަށްވެސް އެސްތާ އޭނަ އާއި މާގާތްކޮށް އުޅޭހެން ހީވާންފެށިއެވެ. އެސްތާ ޒައުލްގެ ވާހަކައީ ތެދެއްތޯ އަހާލީ ޔޫހާގެ ކައިރިންނެވެ. ޔޫހާއަށް ބުނާނެ އެއްޗެއް ނޭގުނެވެ.
"ސީ... ދޮގެއްކަން އަހަންނަށް އެނގުނޭ އޭރުވެސް، އުފަލެއްނުވޭތަ އަހަރެން ފެނުމުން، އަދި ބުނަންތަ މިކޮޅަށް މިއައީ ދެން އެނބުރި ނުދާގޮތަށް، އަހަރެންހުރީ މިކަންތައްތަކަށްފަހު ޒައުލް އާއި ބައްދަލުކުރަންވެގެން، ލާއިގާ މާމަ އާއި ބައްޕަ އާއިވެސް ދިމާވި މިތަނުން" އެސްތާ އޭނަގެ ވާހަކަތައް މެދުކަނޑާލާފައި ދާކަހަލަ ހިޔާލެއް ނުކުރިއެވެ.
"އެސްތާއަށް ކިހިނެއް މިހަފްލާގައި ބައިވެރިވުމަށް ދައުވަތު ލިބުނީ" ޒައުލް އެތަނުން އެސްތާ އާއި ދިމާންޖެހުނު ސަބަބެއް އޮޅުން ފިލުވަން ބޭނުންވިއެވެ.
"ގްރޫމްގެ ފަރާތުން، ހާޒިމްގެ ކޮއްކޮއެއް ދައުވަތު ދިނީ، އެހެންނޫނަސް ދިމާވާންތިބި ދެމީހުން ދިވާނެދޯ ކޮންމެވެސް ގޮތަކުން... އައި މިސްޑް ޔޫ" ކުޑަ ހިނދުކޮޅަކަށް ވާހަކަ މެދުކަނޑާލާފައި ދެން އެނބުނި އެއްޗަކުން ޔޫހާވެސް ހައިރާންވިއެވެ. އޭނައަށް އެސްތާގެ މޫނުމަތިން ފެނިގެން އެދިޔަ މަންޒަރުތަކުން ހިންދިރުވާލެވުނެވެ. އަދި އެސްތާއަކީ ޒައުލްގެ އާދައިގެ ރަޙުމަތްތެރިއެއް ނޫންކަން ޔޫހާއަށް ޔަގީންވިއެވެ. ޒައުލް އަވަސް އަވަހަށް އޭނަގެ އަތާއި އެސްތާގެ އަތް ދުރުކޮއްލަމުން ޔޫހާއަށް ބަލާލިއެވެ.
"ފަހުން ބައްދަލުކޮއްލާނީ ދޯ، ސީ ޔޫ...އަހަރެންގެ ޑޭޓް މިހާރު އެއިނީ ފޫހިވެފަ، އެހެންނޫނަސް އެއީ ރަނގަޅުގޮތެއް ނޫނެއްނު އޭނަ ބާކީ ކޮއްލާފަ އަހަރުމެން ވާހަކައިގައި ތިބެން" ޒައުލް ބޭނުންވީ ވީހާވެސް އަވަހަކަށް އެސްތާގެ ކައިރިން ދުރަށް ދާށެވެ.
"އަހަރެން އަތުގަ ޒައުލްގެ ނަންބަރެއްނެތޭ، ދެން ކިހެނެއް ފަހުން ބައްދަލުވެވޭނީ" އެސްތާ ބޯޖަހާލީ ޒައުލްގެ ވާހަކައަށް އެއްބަސްވަމޭ ބުނަމުންނެވެ. އަދި ދާން އުޅެފަވެސް އެނބުރި ޒައުލްގެ ކައިރިން ފޯނު ނަންބަރު އަހާލިއެވެ.
"ގްރޫމް ނޯސް މައި ނަންބަރ" ޒައުލް އޭނަގެ ފޯނު ނަންބަރު އެސްތާއަށް ދޭން ބޭނުން ނުވާފަދަގޮތަކަށް ބުނެލިއެވެ.

"ކޮބާ ދިމާވެއްޖެތަ" މަންސޫރުގެ ކައިރީ އިށިން އެސްތާއަށް ބުނެލިއެވެ.
"ލައްބަ، ބޭބޭ....ޒައުލް ވަރަށް ބަދަލުވެއްޖެ ދޯ" އެސްތާ ހިޔާލުތަކެއްގެ ތެރެއަށް ގެއްލި އިނދެ އަހާލިއެވެ.
"އެއީ ބަދަލުވުމެއް ނޫނެއްނު، ކުރީގަ ހުރި ޅަގޮތް ކެނޑިފަ އެހެރީ، ކޮން އަންހެން ކުއްޖެތަ ގޮވައިގެން އެއުޅެނީ" މަންސޫރު ބޭނުންވީ ޒައުލް އާއިއެކު އުޅޭ އަންހެން ކުއްޖާގެ ހަގީގަތް ހޯދުމަށެވެ.
"ހެ ހެ ހެ...އެކަމާ ބޭބެ ހާސްވެނުލައްވާ، އެއީ ޒައުލް ޕާޓީއަށް ގެނައި ޑޭޭޓެއް، ނަތިންގް މޯ....އަދި އަޅުގަނޑު ހައްދަންވެގެން ބުންޏޭ ގާލްފްރެންޑް އޯ މީ، އެކަމަކު އެއަންހެން ކުއްޖާ ފާޑަކަށް އިނީ އެހެންބުނީމަ ބަލަހައްޓައިގެން، ދެން އެނގުނު ޒައުލް ދޮގު ހެދީކަން" ހިނިއައިސްފައި އިނދެ އެސްތާ ކިޔާދިނެވެ.
"އެސްތާވާނެ ބޭބެ މެންގެއަށް އަންނަން، ކިހާ ދުވަހެއްކޮއްފަ ތިދެކުދިން ތި ދިމާވީ، ދެން ބުނެބަލަ، ކޮބާތަ މަންމަ އާއި ބޮޑު ދައިތަ، އެމީހުންގެ ހާލު ރަނގަޅުތަ" މަންސޫރުވެސް އެސްތާ ބުނިއެއްޗަކަށް ހިނިއައިސްފައި އިނދެ ވާހަކަދެއްކިއެވެ.

ޔޫހާ އެއްވެސް އެއްޗެއް ނުބުނެ އިންނަން ފެށުމުން ޒައުލްއަށް އެގޮތަށް ކަމަކު ނުދިޔައެވެ. އެސްތާގެ ސަބަބުން ޔޫހާ ހިތްހަމަ ނުޖެހިފައި ހުރެދާނެއޭ ޒައުލްއަށް ހީވަނީއެވެ. މަޑުމަޑުން އިނެއްކަމަކު މިކަމާ ވިސްނިވަރަކަށް އޭނަ ހާސްވަމުންދިޔައެވެ. އެއްފައި ތަޅުވާލަ ތަޅުވާލަ އިނީ އެސްތާގެ ވާހަކަ ކިޔާދެންވީއޭ ހިތަށް އަރާފައެވެ.
"ޒައުލް، މިތަނުން ބޭރަށް އަހަރެން ނުކުމެލަން ބޭނުން" ޔޫހާއަށްވެސް އެތަނުގައި އިތުރަށް މަޑުކުރަން އުނދަގޫވީއެވެ. ޒައުލް އަވަސް އަވަހަށް ބޯޖަހާލަމުން ތެދުވެ ވަށައިގެން ހޯދާލިއެވެ. އަދި ޔޫހާއަށް ދިއްކޮއްލި އަތުގައި އޭނަ ހިފުމުން ގަޔާ ކައިރި ކޮއްލައިގެން ހުރެ އެ ހޯލްގެ ދޮރަކުން ބޭރަށް ނުކުތެވެ. ވަށައިގެންވި މާހައުލުވަނީ އެކިކަހަލަ ލައިޓްތަކުން ދިއްލާލާފައެވެ. ގާޑަންވިއުގެ ރީތި ބަގީޗާގެ ތެރޭގައި ޔޫހާ ޒައުލްގެ އަތުގައި ހިފާލައިގެން ހުރެ ހިނގަމުންދިޔަ އެވެ. ތިރިތިރިކޮށް ވަށައިގެން ހައްދާފައިވާ ފިނިފެންމާ ގަސްތަކުގެ މެދުގައި ހުރި ފެންއަރުވާވަޑާމަށް އެކިކުލައިގެ އަލިތައް އެޅެމުން ދިޔައިރު ނުހަނު ހިތްގައިމެވެ. އެހިސާބުގައި ކޮންމެވެސް ވަރަކަށް ޖޯޑު ޖޯޑަށް ޅަކުދިން ވާހަކައިގައި ތިބިތަންވެސް ޔޫހާ މެންނަށް ފެނުނެވެ. ދިގުކޮށް ހައްދާފައިވާ އެބަގީޗާގެ އެތެރެއަށް ހިނގަމުން ގޮސް މީހުން މަދުވެ ހޯލްގައި ޖަހަމުންދިޔަ ރީތި ހިތްގައިމު މިއުޒުގެ އަޑު ނޫނީ ނުއިވޭ ހިސާބަށް ޒައުލް އާއިއެކު ޔޫހާ ދިޔައެވެ. އެތަނުގައި ތަންތަންކޮޅުގައި ޖަހާފައި ހުރި ދަނގަޑު ގޮނޑިތަކުން ގޮނޑިއެއްގައި އިށީނުމަށް ޒައުލް ހިޔާލު ފާޅުކުރީ ދެނެވެ. ޔޫހާ ދެކޮޅު ހެދުމެއްނެތި އިށީނެވެ. އެހެންނަމަވެސް އޭނަ އިށީނީ ޒައުލްގެ ކައިރިއަކު ނޫނެވެ. އެދެމެދުގައި އިތުރު މީހަކަށް އިށީނދެވޭނެހާ ޖާގަ ހުއްޓެވެ. މިކަމުގެ ސަބަބުން ޒައުލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.
"އެސްތާ އެއީ ކާކުތޯ ނާހާނަންތަ" ޒައުލްއަށް ނާހާ ނީދެވިގެން އެންމެ ފަހުން ބުންޏެވެ.
"އަހަންނަށް އެނގުން މުހިއްމު މީހެއްތަ އެއީ" ޔޫހާވެ ޖަވާބު އައީ ސުވާލެއްހެންނެވެ.
"ޔޫހާ ކަންބޮޑުވާންޖެހޭވަރުގެ މީހެއް ނޫން އެއީ، އެކަމަކު އެސްތާ އުޅުނު އަހަރެން ހީކުރީ ޔޫހާ ހިތްހަމަ ނުޖެހުނީކަމަށް... އަހަންނަށްވެސް ނޭގޭ އެސްތާ އައިސް އުޅޭކަމެއް" ޒައުލް ބުނެލިއެވެ.
"އެސްތާއަކީ ޒައުލްގެ ގާތްމީހެއްކަން އަހަންނަށް އޭނަ އުޅުނު ގޮތުންވެސް އެނގޭ، އެކަމަކު އެކަމާ އަހަރެން ހާހެއްނުވޭ" ޔޫހާ ދޮގެއް ހަދާލިއެވެ. އޭނަގެ އަމިއްލަ ހިތަށްވެސް އޮޅުވާލަން މަސައްކަތް ކުރީއެވެ. ހަގީގަތަކީ އެސްތާ ޒައުލްގެ ގައިގާ އަތްލާ ކޮންމެ ފަހަރަކު އޭނަގެ ހިތަށް ތަދުވިކަމެވެ. އެސްތާދެކެ ފޫހިވެ ރުޅި އާދެވުނުކަމެވެ. ނަމަވެސް އެކަން އޭނަ ޒައުލްއަށް ހާމަ ކުރަން ބޭނުންނުވީއެވެ.
"އެހެންތަ، އެހެން އަންހެނުން އައިސް އަހަންނާ އެހާ ގާތްކޮށް އުޅުނަސް ޔޫހާ އެކަން މަނައެއ ްނުކުރާނަންތަ... އެކަމަކު އަހަންނަށް ކެތެއްނުވާނެ އެހެންމީހަކު ޔޫހާގެ ގައިގަ މާގިނައިން އަތްލާތަނެއް ބަލާކަށް..." މިހެން ބުނެ ޒައުލް ޔޫހާގެ އަތުގައި އިނގިއްޔަކުން ފިރުމާލިއެވެ.

ކޮމެންޓް 0