ޒައުލް އާއި ޔޫހާގެ މަޝްވަރާ އެމީހުން ތިބި ކޮޓަރީގައި ކުރިއަށްދިޔައިރު ގޯތީތެރޭގައި ހުރި ލަކުޑި އަށިމަތީގައި ފަހީމާ މުރަނގަފަތް އަޅާފައިވާ ދޮލަނގެއް އުނގުމަތީ ބަހައްޓައިގެން އިނެވެ. ކުދިކުދި ފަތްތައް ވަކިވަކި ކުރަމުން ދިޔައިރު އޭނަގެ ނަޒަރު ގިނަ ފަހަރަށް ހުއްޓެމުން ދިޔައީ ގޯތިތެރޭގައި އޮތް ހުސްތަނުގައި އަތްލާ ކުޅެން އުޅުނު މާމަ ދެދަރިންގެ ތެރެއިން ކިޔާނަށެވެ. އެކުއްޖާ ނުފެންނަތާ އެތަށް އަހަރެއްވެއްޖެ އެވެ. ކިޔާންގެ ސަކަ މިޒާޖާ އެކުއްޖާގެ މައުސޫމު ކަމާއިއެކު ފަހީމާ އެތަށް ފަހަރު އެކުއްޖާ ގެނެސް އަތުގެތެރެއަށްލުމަށް އޭނަގެ ހިތަށްއެރ ިއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު އޭނައަށް ފަސްޖެހެވެނީ އެންމެ ސަބަބަކާއިހުރެ އެވެ. އެހަނދާންތައް އޭނަގެ ސިކުނޑީގައިވަނީ ބިންވަޅުނެގިފަ އެވެ. ލޮލުގެ ކޮއެފަދައިން، އެހާ ލޯބިދެމުން އައި ދަރިފުޅުވަނީ އޭނަގެ ދިރިއުޅުމުގެ ހަމަޖެހުން ނަގާލާފަ އެވެ. ނަމަވެސް މިއަދު އޭނަ ދެރަވަނީވެސް އެކަމާއެވެ. އެދުވަހު އެދަރިފުޅަށް ހިތްވަރުދީ އޯގާތެރިކަމާއިއެކު މަގުދައްކަންވީ ދުވަހު ފަހީމާއަށް ކަންތައްކުރެވުނީ ވަރަށްވެސް ގޯސްކޮށެވެ. އެކަނިހާލައިގެން އެދަރިފުޅު ގޭން ނުކުމެގެން ދިޔައިރު ވެސް ފަހީމާއަށް އެކަންވެސް ނުހުއްޓުވުނެވެ. އެދުވަހު ހުއްޓުވަންވެސް ބޭނުންނުވީ އެވެ. ދުނިޔެ ދޫކޮއްފައިވާ ލޯބިވާ ފިރިމީހާއަށް ރަށު ރައްޔިތުން ކުރަމުން އައިގަދަރު ވެއްޔާ މޮޑެވިގެން ދާތަން ބަލަން ފަހީމާއަށް ކެތްނުކުރެވުނީ އެވެ. އެތަށް އަހަރަކަށް ފަހު ޔޫހާ އެނބުރި އެއައީ ފަހީމާ ދުވަހަކުވެސް ނުވާނެއޭ ބުނި ކަންތައްކޮއްގެންނެވެ. އެތަށް ބަދުބަހެއް ޔޫހާ އާއި ދިމާލަށް ފަހީމާއަށް ބުނެވުނުއިރު އެބަސްތައް ހުދު އޭނަގެ ސިކުނޑީގައި ހަރުލާފައިވާ ފަދައިން ޔޫހާވެސް އެހަނދާން ނުނެތޭނެކަން ފަހީމާ ޔަގީންކުރެ އެވެ. ފަހީމާއަށް ދެލޯ މަރާލެވުނީ ސިކުނޑިއަށް ބަރުވެގެންނެވެ.
"މަންމާ..." ދާދިގާތުން ޝަފަގުގެ އަޑުއިވުމާއިއެކު އިސްޖަހާލައިގެން ދެލޯ މަރާލައިގެން އިން ފަހީމާ އަވަސް އަވަހަށް ލޯހުޅުވާލި އެވެ. އޭރު ޝަފަގު އިނީ އޭނަގެ އެއްފަރާތުގައި އިށީނދެ އެވެ. ފަހީމާ އޭނަގެ ސަމާލުކަން ދޮލަނގުގައި ހުރި މުރަނގަފަތްތަކަށް ހުއްޓާލަން މަސައްކަތްކުރި އެވެ.
"މަންމާ، ކޮއްކޮ އެއައީ މަންމަ އާއި ބައްދަލު ކުރަން، އޭގެ މާނައަކީ... ވީކަމެއްވެ ނިމިއްޖެޔޭ، އެކަން މާޒީއަށް ދޫކޮއްލާފައި މުސްތަގުބަލާ ކުރިމަތިލުމަށް ކޮއްކޮވެސް ބޭނުންވެޔޭ، އެކަމަކު މަންމަގެ ހިތްވަރަށް އޭނަ ބޭނުންވޭ، ދިރިއުޅުމެއް ފެށި ދުވަހު ކޮއްކޮއަށް މަންމަ މުހިއްމުވީމަތާ މިރަށް އެއައީ، ޒައުލްއަކީ ރަނގަޅު ކުއްޖެއް، ބައެއް ފަހަރު އަހަންނަށް ހީވޭ އޭނަގެ ސަބަބުންނޭ ވެސް ކޮއްކޮ މިރަށަށް އެއައީ... ކީއްވެތަ މަންމަ އެމީހުންނާ ވާހަކަ ނުދައްކަން ތިހުންނަނީ، އަދިވެސް މާފުކުރާކަށް ނުވޭތަ، ކިހާ ދުވަހަކުތަ މަންމަ ތިގޮތަށް ހިތްހަރު ކަންމަތީގައި ހުންނާނީ..." ޝަފަގު ވާހަކަ ދައްކަމުން ފަހީމާގެ ކޮނޑުގައި އަތްޖައްސާލި އެވެ. ދެންވެސް ފަހީމާ އެއްވެސް އެއްޗެއް ނުބުންޏެވެ. ޝަފަގު އެތައް ވާހަކައެއް ދެއްކުމުންވެސް ފަހީމާއަށް އެއްވެސް އަސަރެއް ނުކުރިހެން ހީވެ އެތަނުން ތެދުވެގެން ދިޔައެވެ.

ދޮރުގައި ޓަކިޖަހާލި އަޑާއިއެކު ޒައުލްއަށް ފިނިކޮށްދިނުމައްޓަކައި ބޯކަރުދާސްގަނޑަކުން ވިހެލަވިހެލާ އިން ޔޫހާ ތެދުވެގެން އައިސް ކޮޓަރީގެ ދޮރުހުޅުވާލި އެވެ. އެއާއިއެކު ދޮރުމަތީގައި ހުރި ޝަފަގު ދެފަރާތަށް ބޯހޫރުވާލުމާއިއެކު ހުއްޓުމެއްނެތި ކޮޓަރިއަށްވަދެއްޖެ އެވެ. އެތަންފެނި އެނދުގައި ބަންޑުން އޮށޯވެލައިގެން އޮތް ޒައުލް އަވަސް އަވަހަށް ތެދުވިތަން ޝަފަގަށް ފެނުނީ ދެނެވެ.
"މާފުކުރޭ... ފަހުން އަންނަންވީދޯ" ޝަފަގަށް ޒައުލްއަށް ވީގޮތް ފެނުމުން އަވަހަށް ބުނެލެވުނެވެ. ޔޫހާ އަވަސް އަވަހަށް ކޮނޑުގައި އަޅުވައިފައި ހުރި ޓީޝާޓް ޒައުލްއަށް ދެމުން އެވަގުތު ރަނގަޅުކަމުގައި ބުންޏެވެ. އަދި ޝަފަގު އެހާ ހާސްވެފައި އައި ސަބަބެއް އަހާ އޮޅުންފިލުވި އެވެ.
"ޔޫހާ، މަންމަ ވާހަކައެއް ނުދައްކާނެ، ހެޔޮނުވާނެ، އެހެނޭ ކިޔާފަ ކޮއްކޮ އެހެން ނުހަދާ، ގޮސް މަންމަ އާއި އެއްފަހަރުވިޔަސް އަނގައިން ބުނެބަލަ، ބޮޑުދައިތަގެ ބޯގޮވައިފި، މަންމަވެސް ގޮތްދޫކުރާކަށް ބޭނުމެއްނުވޭ، ކޮއްކޮވެސް ތިހުންނަނީ ކޮއްކޮގެ ގޮތުގަ، އެކަމަކު ތި ދެމައިންގެ މެދުގައިވަނީ ހީކުރާވަރަށްވުރެ ވަރުގަދަ ގުޅުމެއްކަން ބޮޑުދައިތައަށް އެނގޭ، ވީއިރު މިގުޅުން މިގޮތަށް އޮވެ އަލުން ކޮއްކޮ ފުރައިގެން ދާކަށް ބޮޑުދައިތަ އެއްގޮތަކަށްވެސް ބޭނުމެއް ނޫން" ޝަފަގު ޒައުލް އާއި ޔޫހާއަށް ވަކިވަކިން ބަލާލ ިއެވެ.
"ދައްތާ، ޔޫހާގެ މަންމަ އާއި އަޅުގަނޑުމެން ވާހަކަ ދައްކާފަ ނޫނީ ފުރައިގެން ނުދާނަން، ހަގީގަތުގައި ވާހަކަ ދައްކަންވީ އަޅުގަނޑު ކަންނޭގެ، މިހުރިހާ ކަމެއްގެ އަސްލަކީ އަޅުގަނޑު، އަޅުގަނޑުގެ އިހުމާލުންވީ ކަމެއް އެއީ..." ޒައުލް އެނދުން ތެދުވެގެން އައިސް ޝަފަގުގެ ކުރިމަތީ ހުއްޓުނެވެ. ޔޫހާ ޒައުލްއަށް ބަލާލި ގޮތަށް ހުއްޓުން އަރާފައި ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިގެންނެވެ.
"ޒައުލް، ކީކޭތަ ތިކިޔަނީ، ކޮންކަމަކާ އިހުމާލުވެވުނު ވާހަކައެއްތަ ތިދައްކަނީ... ޔޫހާ، ކޮބާތަ މައްސަލައަކީ؟" ޝަފަގު އެއްފަހަރު ޒައުލްއަށް ބަލާލަފައި އަނެއްފަހަރު ޔޫހާއަށް ބަލާލިއެވެ.
"ދައްތާ، ކިޔާންއަކީ އަޅުގަނޑުގެ ދަރިއެއް" ޒައުލް ޖެހިލުންވެފައިހުރެ ވެސް ބުނެލި އެވެ.
"ޔޫހާ..." ޝަފަގުއަށް ސުވާލުގެ ނަޒަރަކުން ބަލާލެވުނީ ޔޫހާއަށެވެ. އޭނަގެ ދެލޯބޮޑުވެ އަނގަހުޅުވިފައި ހުއްޓެވެ.
"މީ ކިޔާންގެ ބައްޕަ، ބޮޑުދައްތަ އަހަންނާ ސުވާލެއް ނުކުރަންތަ، އެތައް ފަހަރަކު ދަރިފުޅުގެ ބައްޕައަކީ ކާކުތޯ އޭނަ ކޮބާތާ އެހީމެންނު، މީ އެމީހަކީ... ޒައުލްއަކީ ކިޔާންގެ ބައްޕަ" ޔޫހާ އައިސް ޒައުލްގެ އަތުގައި ހިފާލުމާއިއެކު ޝަފަގުއަށް ބުނެލި އެވެ.
އެއްޗެއް ނުބުނެ ދެމީހުންގެ މޫނަށް ބަލަން އިރުކޮޅަކު ހުރެފައި ޝަފަގު އެކޮޓަރިން ނުކުތީ އެވެ. އޭނައަށްވެސް އިތުރަށް ކުރާނެކަމެއް ބުނާނެ އެއްޗެއް ނޭނގުނީ އެވެ. މިމަންޒަރު ބަލަންހުރި ޒައުލް ޔޫހާގެ ކޮނޑުގައި ހިފާ ގަޔާކައިރިކޮއްލަމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެއޭ ބުނެލި އެވެ.

ހަވީރު ހިޔާ އެރުމުން ޝަފަގުގެ ފިރިމީހާ ރަޝީދު އާއިއެކު ޔޫހާ އާއި ޒައުލް ކިޔާން އާއި ނާއިލް ގޮވައިގެން ރަށުތެރޭގައި ހިނގާލަން ނުކުތެވެ. އެކަމުގައިވެސް ކުރިއަށްހުރީ ޒައުލް އެވެ. އޭނަގެ ސަބަބުން ޔޫހާއަށްވެސް ރަށުތެރެއަށް ނުކުންނަން މަޖުބޫރުވީ އެވެ. އެވަގުތަކީ ޖެހިގެން ހުރިގޭ ދިޔާނާ ވެސް ވައިޖައްސާލަން ގޭބޭރުގައި ހުރި ސިމެންތި އަށިމަތީ ރައްޓެއްސަކާއިއެކު މަޑުކޮއްލައިގެން އިންވަގުތެވެ. އެންމެ ފުރަތަމަވެސް އޭނަގެ ލޮލުގައި އަޅައިގަތީ ޒައުލް އެވެ. އެރަށު ފިރިހެން ކުއްޖެއް ނޫންކަން އޭނައަށް ވަގުތުން ނަގައިގަނެވުނެވެ. އެއާއިއެކު ޒައުލްގެ އަތުގައި ހިފާލައިގެން ދިޔަ ކުޑަފިރިހެން ކުއްޖާ އާއި ޔޫހާއަށް ސަމާލުކަން ދެވުނެވެ. ކުއްލިއަކަށް ތެދުވެފައި ކައިރީގައި އިން ރަޙުމަތްތެރިޔާއަށް ވަރަށް އަވަހަށް އެބައަންނަމޭ ކިޔާ ހަލުވިކަމާއިއެކު ގޮސް ފަހީމާމެންގެއަށް ވަނެވެ.

"ކޮބާތަ މަންމަ" ދިޔާނާއަށް ފެންޑާގައި އިން ޝަފަގު ފެނުމާއިއެކު އަހާލި އެވެ.
"ކޮޓަރީގައި އެބައުޅޭ، ގޮވާލަންވީތަ" ޝަފަގުބުނެލި އެވެ. އެއާއިއެކު ދިޔާނާ އަވަސް އަވަހަށް ބޯޖަހާލަމުން އާއެކޭ ބުނެލި އެވެ. ޝަފަގު ތެދުވެގެން ގޮސް ކޮޓަރީގައި އޮށޯވެލައިގެން ފިކުރެއްގައި އޮތް ފަހީމާއަށް ގޮވާލާފައި ދިޔާނާ އައިސްހުރި ވާހަކަ ބުންޏެވެ. ވަގުތުން ދިޔާނާ އެއައީ ކޮން ބޭނުމެއްގައިކަން ފަހީމާއަށް ވިސްނައިގަނެވުނެވެ. އެހެންވެ ނުކުންނަން ބޭނުން ނުވެފައި އޮވެވެސް ފަހީމާ ކޮޓަރިން ނުކުތެވެ. އަދި ދިޔާނާ އާއި ދެމީހުން ފެންޑާއިން ބޭރަށް ނުކުމެލި އެވެ.
"ފަހީމާގެ ހަގު މަންޖެތަ މިކޮޅަށް އައިސްގެން އެއުޅެނީ، މަށަށް ދެންމެ އެމަންޖެ ފެނުނުހެން ހީވެގެން މިއާދެވުނީ" ދިޔާނާ އަވަހަށް އަހާލި އެވެ.
"ހޫމް" ބަސްމަދުވެފައިވާ ފަހީމާއަށް ހޫންލައްވާލެވުނެވެ.
"ކޮން ފިރިހެނަކާއިއެކުތަ އެއުޅެނީ، ގައިމު މިރަށުން އޭނަ ދިޔަ ވާހަކަ ފަހީމާބުނި، އޭނަގެ ސަބަބުން ތިދެމައިންނަށް ލިބުނީ ކިހާ ބޮޑު ހިތްދަތިކަމެއް، އަނެއް ފަހަރު މިކޮޅަށް މި އައީ ކީއްކުރަންށޯ، އަދިއެވެސް ފިރިހެނަކާއެކު..." ދިޔާނާގެ ވާހަކަ ދެއްކުމުގެ ރާގު ހުރިގޮތުން ފަހީމާއަށް ހިތްހަމަ ނުޖެހެވުނެވެ.
"ދިޔާނާ، ތިބުނީނު މަގޭ ހަގު މަންޖެޔޭ، ވީއިރު އޭނަ އަންނާނީ މިތަނަކަށްނޫންތަ، މީއެއްނު އޭނަގެ މީހުން ތިބިތަނަކީ، އޭނައަކީ މީހެއްގެ އަންބެއް، ތިފެނުނު ފިރިހެން ސޮރަކީ ޔޫހާގެ ފިރިމީހާ، އަހަރެން ދަނީ، އަލުން ފަށަފަށައިގެން އެވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން، އަހަންނަށް ދިޔާނާއާ ތިކަމާ ވާހަކަ ދައްކާކަށް ވަގުތެއްނެތް" ފަހީމާ މިހެން ބުނެ ދިޔާނާ ބުނާނެ އެއްޗަކަށް އިންތިޒާރު ކުރުމެއްވެސްނެތި ގޭތެރެއަށް ވަދެގެން ހިނގައްޖެ އެވެ. ދިޔާނާ މޫނުމައްޗަށް ވައްތަރެއް ޖައްސާލުމާއިއެކު ތުންފަތް އެއްފަރާތަކަށް ދަމާލަމުން އެގެއިން ނުކުންނަން ހިނގައިގަތެވެ.

ރޭގަނޑުގެ ކެއުން ކައި ނިމުމާއިއެކު ޒައުލް އާއި ޔޫހާވެސް ފެންޑާގައި މަޑުކޮއްލައިގެން ތިބީ ފަހީމާ ބަދިގެ ލައްޕާފައި އަންނާނެ އިރަކަށެވެ. އޭރު ޝަފަގު ވެސް ފެންޑާގައި އިނެވެ. އޭނަ ޒައުލް އާއި ވާހަކަ ދެއްކި އެވެ. ޒައުލް އޭނައަށް ކުރެވުނު ކުށް ގަބޫލު ކުރަންތޯ އެވެ. އަދި އޭނަ މިއަދު ވަރަށް އުފާވާކަމެވެ. ޔޫހާއަށް އިތުބާރުކޮށް އޭނަ އާއި ކައިވެނި ކުރުމުންނެވެ. އެމީހުންގެ ވާހަކަ ހުއްޓުމަކަށް އައީ ފަހީމާ ފެނުމުންނެވެ. ޒައުލް ތެދުވެ ފަހީމާ އާއި ކުރިމަތިލި އެވެ.
"ޔޫހާގެ މަންމާ، އަޅުގަނޑަކީ ކާކުތޯ ނާހާނަންތަ، ކިޔާންގެ ބައްޕައަކީ... ޔޫހާއަށް ކިޔާން ލިބެން މެދުވެރިވީ ކާކުގެ ސަބަބުންކަމެއް އެނގޭކަށް ބޭނުމެއްނޫންތަ..." ފުރަތަމަ ފަހަރަށް ފަހީމާގެ ސަމާލުކަން ޒައުލް އާއި ޔޫހާއަށް ހުއްޓިގެންދިޔަ އެވެ. އެވެސް ޚާއްޞަކޮށް ޒައުލްއަށެވެ. އެ މަންޒަރު ބަލަމުންދިޔަ ޝަފަގު އިނީ ހާސްވެ ކަންބޮޑުވެފަ އެވެ. ފަހީމާ ބުނާނެ އެއްޗަކާއިމެދު ޝައުގުވެރި ވެސް ވެފަ އެވެ.

ޒައުލް ޔޫހާގެ މަންމައަށް ހަގީގަތް ހާމަކުރިއެވެ. އެއްޗެއް ނުބުނެ ޒައުލް އާއި ދިމާލަށް އެސްފިޔަ ޖަހާލުމެއްނެތި ބަލަހައްޓައިގެން ހުރި ފަހީމާގެ މޫނުމަތިން ހިތާމަވެރިކަން ފާޅުވެގެންދިޔަ އެވެ. ދެން ފެނުނީ ކުއްލިއަކަށް ޒައުލްގެ މޫނުގައި ޖެހިތަނެވެ. އެއްފަހަރަކު ނޫނެވެ. ޔޫހާ އަވަސް އަވަހަށް އައިސް ފަހީމާ އާއި ޒައުލްގެ ދޭތެރެއަށްވަދެ ފަހީމާގެ އަތުގައި ހިފެހެއްޓި އެވެ.
"އޭނަގެ މުޅި ދިރިއުޅުން ނަގާލި މީހަކީ ތީ..." މިހެން ބުނުމާއެކު އެތައް އަހަރެއްވަންދެން ދެލޮލުގައި ފޮރުވަމުން ސިއްރު ކުރަމުން އައި ކަރުނަތައް ސާލެއް ފަދައިން ފަހީމާގެ ދެކޯތާފަތުން ފައިބައިގަތެވެ. އެއާއިއެކުހެން އަރިއަޅާލި ފަހީމާގެ ގައިގާ ޒައުލް ހިފެހެއްޓި އެވެ. އަދި ފެންޑާގައި ހުރި ސަރަންފީގައި ފަހީމާ ގެނެސް ބޭންދި އެވެ. އޭނައަށް މޫނުގައި ދެއަތްއަޅާ ފޮރުވާލުމާއިއެކު ރޮވެނީ އެވެ.
"މަންމާ...މަންމާ..." ޔޫހާއަށް ފަހީމާގެ ގާތުގައި އިށީނުމާއިއެކު އޭނަގެ ދެއަތް ފަހީމާގެ ގައިގަ ވަށާލެވުނެވެ. އަދި ފަހީމާއަށް ދެތިން ފަހަރަށް ގޮވާލި އެވެ.
"މަންމާ، ހުރިހާ ކަމެއްވެސްވާނީ އެންމެ ރަނގަޅަށް ކަމުގައި ހީކުރޭ، އަހަރެން ޒައުލް އާއިއެކު މިހިރީ އުފަލުން، އަހަރުމެން ދެމީހުންނަށް މާފުކޮށް ނުދޭނަންތަ މަންމާ!" ފަހީމާގެ ބޮލުގައި ބޯޖައްސާލައިގެން އިނދެ ރޮވިފައިވާ އަޑަކުން ޔޫހާ ވާހަކަ ދެއްކި އެވެ. ފަހީމާއަށް ޔޫހާގެ ގައިގާ އޮޅުލައިގަނެވުނެވެ. ތަންކޮޅެއް ދުރުގައި ހުރި ޝަފަގު ވެސް އޭނަގެ ދެލޯ ފޮހެލިއިރު ޒައުލްގެ ތުންފަތަށްވަނީ ހިނިތުންވުމެއްވެރިފަ އެވެ. ފަހީމާ ރޮއެރޮއެފައި ޔޫހާއާ ވާހަކަ ދެއްކި އެވެ. އޭނަގެ ދުލުން ޔޫހާއަށް ކިޔުނު އެއްޗެހިތަށް އަނބުރާ ގެންދެވޭނެނަމަ އެކަންކުރަން އޭނަ ބޭނުންވާ ކަމަށް ބުންޏެވެ. ޔޫހާ އެގެއިން ނިކުމެގެން ދިއުމަށް ދޫކޮއްލެވުނީތީ އެކަމާ އެތަށް ފަހަރަކު މާފަށް އެދުނެވެ. ޔޫހާ ފަހީމާގެ ބޮލުގައި ފިރުފިރުމާފައި ނުރޮއެ ހުއްޓާލުމަށް އެދެމުންދިޔަ އެވެ. ފަހީމާ އޭނަގެ ލޯބިވާ ދަރިފުޅުގެ ދެ އަތްތިލަޔާ ނިތްކުރީގައި ބޮސްދިނެވެ. އަދި ދަރިފުޅުގެ ކައިވެނީގައި ބަރަކާތްލެއްވުމަށާއި އެ ދެމަފިރިންގެ ގުޅުން ގިނަ ދުވަހަށް ދަންމަވާދެއްވުމަށްއެދި މާތްﷲއަށް ދުޢާކުރި އެވެ.

އާދުވަހަކަށް އިރުއެރީ އުފާވެރިކަމާއި ބާއްޖަވެރިކަން ޔޫހާގެ އާއިލާއަށް ގެނެސްދެމުންނެވެ. ލެއްވި ނަސީބުގެ ނޫރުން އެންމެންގެ ހިތްތަށް އަލިވެ ސާފުވެފައިވެ އެވެ. ހެނދުނު ފަހީމާ އާއިއެކު ތެދުވެ ސައިހެދުމުގައި ޔޫހާ އާއި ޝަފަގު މަސްއޫލުވެ އުޅުނެވެ. ބަދިގެ ފަރާތުގައި އޮތް ހުސްތަނުގައި ޕްލާސްޓިކު ގޮނޑިއެއްގައި ޒައުލް އިންއިރު އޭނަގެ ގާތުގައި ރަޝީދު އިނދެ ގޭގެ އަންހެން ވެރިންނަށް ތަފާތު ބަސްތަކުން ދިމާކުރަމުންދިޔަ އެވެ.

މަންސޫރަށް ޒައުލްގެ ޚަބަރެއް ނުވުމުން އޭނައަށް ލިބިފައިވާ ހާސްކަން އިތުރުވަމުންދިޔަ އެވެ. އަނެއްކޮޅުން ލާއިގާ ހީވަނީ ގޭގައި ހުޅުޖަހާފާނެހެންނެވެ. ޒައުލްއަށް ގުޅާ ގުޅާ އޭނަ ވަރުބަލިވެއްޖެ އެވެ. ފޯނު ނަގަން ހިތަށްވެސް ނާރައެވެ. ނޫނީ ފޯނު އޮންނަނީ ގުޅާއިރު ނިއްވާލާފަ އެވެ. ރޭގަނޑު ނިދަން ކޮޓަރިއަށްވަދެ ސައިޑް ޓޭބަލް މަތީގައި އޮތް ފޯނަށް އަދިވެސް އެއްފަހަރު ބަލާލަން މަންސޫރުގެ ހިތަށް އެރިއެވެ. ބަލާލެވުނީ ނަސީބެކޭ އޭނަގެ ހިތަށް ކުއްލިއަކަށް އެރިއެވެ.
"ބައްޕާ، އަޅުގަނޑު ކުޑަދުވަސްކޮޅަކަށްފަހު އެނބުރި ބައްޕަގެ ގާތަށް ދާނަން، އަޅުގަނޑާއި ޔޫހާއާ އަޅުގަނޑުމެންގެ ދަރިފުޅުގެ ހާލުވެސް ރަނގަޅު، ބައްޕަ ކަންބޮޑުވާންވީ ކަމެއްނެތް!" މަންސޫރަށް އައި މެސެޖުގައި އިނގިރޭސިން ލިޔެފައިވެއެވެ.

ކޮމެންޓް 0