ކާން ހެދުމަށް ޔޫހާ ކޮޓަރިން ނުކުތްއިރު ސިޓިން ރޫމުގައި އޭރުވެސް ޝާއިން އާއި އަފްލީންއިނެވެ. ޔޫހާއަށް ކޮޓަރި ދޮރުމަތީ ހުއްޓެވުމާއިއެކު ޝާއިންނާއި އަފްލީނަށް ބަލާލެވުނެވެ.
"ކާން ހަދަންވީ ދޯ..." ޔޫހާ ބުނެލި އެވެ. ޝާއިން ހިނިތުންވެލަމުން މަޑުމަޑުން ބޯޖަހާލ އެވެ.
"އަހަރެން ހެލްޕްވާނަން..." އަފްލީން ކުއްލިއަކަށް ތެދުވެ އަވަސް އަވަހަށް ބުނެލައިފި އެވެ. އެކަމަށް ޔޫހާ ވަކިި އެއްޗެއް ނުބުނެ ބަދިގެއާއި ދިމާލަށް ހިނގައިގަނެއްޖެ އެވެ.
"ޒައުލް ކޮންކަމަކާތަ އެހާ ރުޅިއެއް އެއައީ" ބަދިގޭގައި ޔޫހާ އާއިއެކު އެކަނިވެވުމުން އަފްލީންގެ ހިތުގައި ފޮރުވައިގެން އެތަށްއިރަކު ހުރި ސުވާލުކޮއްފި އެވެ.
"ނޭނގެ، އެކަމަކު ރުޅިއަންނަވަރުގެ ކަމެއްވީމަތާ ރުޅި އަންނާނީ..." ޔޫހާއަށް ބުނެވުނީ ފަރުވާ ކުޑަގޮތަކަށެވެ. އެކަމަކު އެއީ އޭނަ ގަސްދުގައި އެހެން ބުނަން ބޭނުންވެގެނެއް ނޫނެވެ. ތަށިތައް އަތުރަމުން މާބޮޑު ހިޔާލަކާއި ފިކުރެއްނެތި އެފަދަ ގޮތަކަށް ބުނެލެވުނީ އާމުކޮށް ޒައުލް ވަރަށް ކޫސަނިކަންތައްތައްކާ ވެސް ރުޅި އަންނާތީ އެވެ.
"ހާދަ ފާޑަކަށް، ޔޫހާ އޯކޭތަ... ޒައުލް އެހެން ހެދީމަ ރުޅިއައިސްފަ ދޯ ތިހުރީ" އަފްލީން ކާމޭޒުގެ ގޮނޑިއެއްގައި ދެއަތް އަޅުވާލަމުން ޔޫހާގެ މޫނަށް ބަލާލާފައި ބުނެލި އެވެ.
"ނޫން އެހެނެއްނޫން... ވީކަމެއް ނުވާކަމަކަށް ނުހެދޭނެތާ ދޯ، ބައެއް ފަހަރު ރުޅި އައީމަ އެކަހަލަ ކަންތައްތައް ވެސް ވާނެ... ދެން އެކަމާ އަޅާނުލާ، އެވާހަކަ ނުދައްކާ" ޔޫހާ އަފްލީންއަށް ހިނިތުންވެލަމުން ބުނެލި އެވެ.
"އެކަމަކު... ޒައުލް އެއުޅުނު ވައްތަރެއް، އަހަރެން ބިރުންވެސް ނެތް ގޮތެއް، ހީވީ ޔޫހާގެ ގައިގާ ތަޅައިގަނެދާނެހެން، އަޔާ މަންމަ ބަލަންހުރީމަ ކަންނޭގެ އަޔާ ގައިގަ ނުޖެހީ... ރުޅިއަޔަސް އެވަރުވާކަށްނުވާނެ ދޯ، އަނެއްކާ ޔޫހާއަށް ވެސް ކޮންމެވެސް ވަރެއްގެ ގަދަރެއް ކުރަންޖެހޭނެކަންނޭގެ... އެނީވޭސް، މީ އަހަރެން ވިސްނި ގޮތް... އެވީ ކަމަކުން ހިތަށްއަރަނީ ކިޔާންގެ ބައްޕައަށް ޒައުލްވީތީއޭ ކިޔާފަ ޔޫހާ ޒައުލް އާއި މެރީކުރުން އެއީ ރަނގަޅު ނިންމުމެއްބާއޭ..." އަފްލީން މެޔާ ދިމާލުން ދެއަތް ހުރަސްކޮއްލާފައި ފުން ވިސްނުމެއްގައި ހުންނަފަދަ ގޮތަކަށްހުރެ ބުނެލި އެވެ.
"އަފޫ، ތިވަރަށް ނުވިސްނަބަލަ، އަހަންނަށް ޒައުލް އެނގޭހެން އެހެން މީހުންނަކަށް އޭނައެއް ނޭނގޭނެ، އަހަރެން ގަބޫލުކުރަން އޭނަ ރުޅިއައިސްގެން އެހެން ހެދިކަން... އެކަމަކު މިހާރު އޭނަ ހުރީ އެކަމާ ވަރަށް ދެރަވެފަ، އޭނައޭ ކިޔާންގެ ރުއިން ހުއްޓުވާލީ، ކިޔާންއަށް ނިދެންދެން ކައިރީގަ އޮތް، ކުށެއް ކުރެވުނަސް އެކަން ދެނެގަތުން ވަރަށް މުހިއްމު، އެހެން ނޫނަސް ހުރިހާ އެންމެންނަކީ އެއް ފިކުރެއްގެ ބައެއްނޫން، ޕްލީޒް އަފޫ، ޒައުލްގެ ވާހަކަ ހުއްޓާލާ" ޔޫހާ މާބޮޑަށް ޒައުލްގެ ވާހަކަތައް އަފްލީން އާއި ޚިއްޞާކުރާކަށް ބޭނުމެއް ނުވިއެވެ. ކާން ތައްޔާރު ކުރެވުމުން އަފްލީން ގާތު ޝާއިން އާއި ޒައުލްއަށް ކާން ގޮވުމަށް ބުނުމުން އެކަމުން އަފްލީން އަމިއްލައަށް މަނާވެގަތަވެ. އަދި އަތުން ކޮއްލި އިޝާރާތުން އޭނައަށް އެކަން ކުރާކަށް ނުކެރޭނެޔޭ ބުނެލިކަހަލަ އެވެ. ޔޫހާ ކުޑަކޮށް ހިނިތުންވެލަމުން ދެފަރާތަށް ބޯހޫރުވާލާފައި ސިޓިންރޫމުގައި ތިބި ޝާއިން އާއި ޒައުލްގެ ގާތުގައި ކާންއައުމަށް ބުންޏެވެ.

"މަންސޫރު، ޒައުލްއަށް ގުޅާބަލަ؟ މިއަދު ގޭން ނުކުމެގެން ދިޔައީ ވަރަށް ހިނި އައިސްފައިހުރެ، އެކަމަކު އަދިވެސް ގެއަށް ނާދޭ، އަހަރެން މިހާރު ބޭނުންވަނީ އޭނަ ގިނަވަގުތު ގޭގަ އުޅެން، ދަރިފުޅު ކީއްވެތަ މިކަމާ ގުޅޭގޮތުން ޒައުލް އާއި އެއްވެސް ވާހަކައެއް ނުދައްކަން ތިއުޅެނީ، ނިކަން ޒައުލްއަށް ވިސްނާދީބަލަ އޭނަ ކުރަން އެއުޅޭ ކަމަކީ ރަނގަޅު ކަމެއް ނޫންކަން، ދަރިފުޅު ބޭނުންވަނީތަ ހުރި ހަމައެކަނި ފިރިހެން ދަރި އެކަހަލަ އަންހަނެއްގެ އަތްދަށުވެ ހަލާކުވެގެންދާން، އަމިއްލަ ދިރިއުޅުމަށް ވީގޮތް ވިސްނާލާފަ ވެސް ފިޔަވަޅެއް އަޅަންވެއްޖެއެއްނު، ބަލާ އަހަރުމެންގެ ލޫލުއާ، އެކުއްޖާއަށް އަހަރުމެން މިހޯދާދިނީ ކިހާ ރަނގަޅު ދިރިއުޅުމެއް، ޒައުލް ކީއްވެތަ އެކަން ގަބޫލު ނުކުރަންވީ، އަހަރުމެންނަކީ ދުޝްމަނުންކަމުގައި އެއަންހެން މީހާ ޒައުލްގެ ބޮލަށް އެރެނީ" މިހެންބުނެ ލާއިގާ ތުން އަނބުރާލުމާއިއެކު ހުއް ލައްވާލިއެވެ. ދެންވެސް މަންސޫރުއިނީ ބަހެއްވެސް ނުބުނެއެވެ. އެކަމަކު އޭނަދިޔައީ ވިސްނަމުންނެވެ. އޭނަގެ އަމިއްލަ ދިރިއުޅުމަކީ ކުރެވުނު މޮޔަކަމެއްކަމުގައި ލާއިގާ ބުންޏެއްކަމަކު އޭނަގެ ޒަމީރު ޖަވާބުދެނީ އެހެންނެއް ނޫނެވެ.

އަވަސް އަވަހަށް ކާލައިގެން ކޮޓަރިއަށް ދިޔަ އީލާކް އޮތީ އެނދުގައި އޭނަގެ މޯބައިލް ފޯނުން ވާހަކަ ދައްކާށެވެ. އެންމެ ގާތް ދެއެކުވެރިންކަމަށްވާ ރޮޒޭން އާއި ޝުދުފާ އާއި ކޮންޕަރެންސް ކޯލް ހަދައިގެން އެނދުގައި އޮވެ ދައްކަމުންދިޔައީ އޭނަގެ ދޮންބެ ޒައުލް ކޮއްގެން އުޅޭކަންތައްތަކުގެ ވާހަކައެވެ. ކައިވެނި ކުރަންށޭ ކިޔާ އެގެޔަށް ގެނައި އަންހެން ކުއްޖާގެ ވާހަކަތަކެވެ. ހޫނު ކަމާއި ތާޒާ ކަމާއިއެކު ހުރިހާ ވާހަކަތަކެއް އީލާކް އެމީހުންނާ ޚިއްޞާ ކުރަމުންދިޔަ އެވެ. އަދި އެކަމަށް އޭނަގެ އަމިއްލަ ޚިޔާލުވެސް ފާޅުކުރަމުންނެވެ. އޭނަ ވާހަކަތައް ހުރިގޮތުން އޭނަވެސް ޒައުލްގެ ނިންމުމާއިމެދު މާބޮޑަށް ގަޔާވާހެނެއްހިއެއްނުވެ އެވެ.

ކައިނިމި ތަށިތައްނަގާފައި ޔޫހާ އައިސްވަނީ އޭނަގެ ކޮޓަރިއަށެވެ. ޒައުލްވެސް އޭރު ކިޔާންގެ ގާތުގައި އެނދުގައި އުއްޑުން އޯށޯވެލައިގެން ދެއަތް ބޯދަށަށް ލައިގެން އޮތެވެ. ޔޫހާ އަންނާނެ އިރަކަށް މަޑުކޮއްލައިގެންނެވެ. ޒައުލްއަށް ޔޫހާ ކޮޓަރި ދޮރުންވަދެ އޭނަގެ ފަހަތުން ދޮރުލައްޕާލިތަން ފެނުމާއިއެކު ވަގުތުން އެނދުގައި ތެދުވެ އިށީނދެއްޖެ އެވެ. އަދި އޭނައަށް އަޑުއިވިފައިވާ ވާހަކަތައް ޔޫހާގެ ކަންފަތަށް އަޑުއަހަން އެންމެ ފަސޭހަވާނެގޮތާއިމެދު ވިސްނަމުންދިޔައީ އިސްޖަހާލައިގެން އިނދެ ކަކުލުގައި ދެއަތްވިއްދާލައިގެން އިނދެ ދެއަތްތިލަ ޖޯޑުކުރަމުންނެވެ.
"ހޫމް، މިއައީ... ޒައުލް ރުޅިނައިސް ތިދައްކަން ބޭނުން ވާހަކައެއް އަހަންނާ ދައްކަބަލަ" ޔޫހާވެސް އެނދުގައި އިށިންނަމުންބުނެލި އެވެ. ޒައުލް އިނީ އެނދުގެ އެއްފަރާތެއްގައި ކަމަށްވީތީ ޔޫހާ އިށީނީ އެނދުގެ ފައިލާކޮޅުގަ އެވެ. ޒައުލްއަށް ކުޑަކޮށް ފުރަގަސްދީގެންނެވެ.
"ޔޫހާ އެގެއަށް ދާކަށް އަހަރެން އެއްގޮތަކަށްވެސް ހިތްހަމައެއްނުޖެހޭ، ކީއްކުރަން އެގެއަށް ދިޔައީ" ޒައުލް ހިތްހަމަނުޖެހުމަށްވުރެ ބޮޑަށް އެސުވާލުގެ ޖަވާބު އެނގެން ބޭނުންވެފަ އިންހެން ޔޫހާއަށް ހީވިއެވެ.
"އެއީ އަޔާމެންގެ ގެ... އަޔާއަކީ އަހަރެން ހޮޓެލުގަ އުޅުނުއިރުގެ ރައްޓެއްސެއްކަން ޒައުލްއަށް އެނގޭނެ..." ޔޫހާ މަޑުމައިތިރި ކަމާއިއެކު ބުނެލި އެވެ.
"ތި އަޔާއަކު ދަންނަންފެށީ ކިހިނެއް، އޭނަ އާއި އެގެއާ ހުރި ގުޅުމަކީ ކޮބާ؟" ޒައުލް ދެންވެސް ކުރީ ސުވާލެވެ.
"ޒައުލް، އަހަންނާ އަޔާ އާއިމެދުގަ ނޭދެވޭ އެއްވެސްކަމެއް ނުހިނގާ، އަހަރެން ހަމަހޭގަ ހުރެގެން އެކަހަލަ ކަމެއްވިޔަވެސް ނުދޭނެކަން ޒައުލްއަށް މިހާރު އެނގެންވާނެ، އަދި އަމުދުން ކައިވެންޏަށް ރަންކިޔާފަތަ އެހެން އުޅެންވީ، ޒައުލް އަހަންނާއި ދޭތެރޭ ދެކެނީ ތިގޮތައްތަ... އަޔާ އާއިމެދު އަހަރެން ދެކުނީ ހަމައެކަނި ރައްޓެއްސެއްގެ ގޮތުގަ، އަހަރެން މިބުނަނީ ތެދުކަން ޒައުލްއަށް ގަބޫލު ނުކުރެވުނަސް އޭގަ އަހަންނަށް ކުރެވޭނެ ކަމެއްނެތް، އަހަރެން މިބުނަނީ ޙައްޤު ތެދު، ޒައުލް ހެކި ދައްކަން ބުންޏަސް އަހަރެން ދައްކާނެ ހެއްކެއްވެސް ނެތް، ގައިމުވެސް އަހަރެން އެފަދަ ގޮތަކަށް އުޅެން ބޭނުންނަމަ އަފޫ ގޮވައިގެން އެގެއަށްދާންވީ ކީއްކުރަން، އަހަރެންގެ ކޮއްކޮއެއްފަދަ ކުއްޖަކާ އަހަރެންގެ ދަރިފުޅުގެ ކުރިމަތީގަތަ އެފަދަ ވިޔާނުދާ ޢަމަލެއް ހިންގާނީ... މީގަ އެންމެ ގަބޫލު ކުރަން އަހަންނަށް އުނދަގޫވި ކަމަކީ އެވަގުތު ޒައުލް އެތަނަށް ދާންޖެހުނު ގޮތެއް، އެއީ ކީއްވެކަމެއް އަދި ކޮން ސަބަބަކާއި ހުރެކަމެއް އަދިވެސް އަހަންނަކަށް ނުވިސްނޭ" ޔޫހާ އިސް ޖަހާލައިގެން އިނދެ ދެފާރަތައް މަޑުމަޑުން ބޯހޫރުވާލި އެވެ. ހުރިހާކަމެއް ހިނގީ ކަމަކާ ވިސްނާލެވޭ ވަރަށްވުރެ މާއަވަހަށްކަމަށްވީތީ އެވެ.
"އަހަރެން ކުރި ސުވާލަށް ޔޫހާއަކަށް ޖަވާބެއް ނުދެވެއެއްނު، އެހަށް އަހަރެން ކުރި ސުވާލަށް ޖަވާބުދީ، ތިބުނާ އަޔާއަކާއި ދިމާވި ގޮތާ އެގެއަށް ދާންޖެހުނު ގޮތަކާ، އެގެއާ އޭނަ އާއި ހުރި ގުޅުމަކީ ކޮބާކަން އަހަންނަށް ކިޔާދީބަލަ" ޒައުލް މިހެން ބުނެ އިންތަނުން ކުޑަކޮއް ތެދުވެލާފައި ޔޫހާގެ ގާތަށް މަޑުމަޑުން ޖެހިލާފައި އިށީނެވެ. ޔޫހާ ފުން ނޭވާއެއްލާފައި އައްޔަދު އާއި ދިމާވިގޮތް ކިޔާދިނެވެ. އެންމެ ފުރަތަމަ ހޮޓެލުން ދިމާވި ދިމާވުމުން ފެށިގެން އެގެއަށް ދާންޖެހުނު ގޮތެވެ. އަދި މިއަދު އޭނަ އެގެއަށް ދާންޖެހުނު ގޮތަކީ ވެސް އިއްތިފާގެއްކަމުގައި ބުންޏެވެ. ވާހަކަތައް އަޑުއަހަން އިން ޒައުލްއަށް އެނދުން ތެދުވެވުނެވެ. އޭނަގެ ސިކުނޑީގައި ޔޫހާއަށް ނޭނގޭ ކަންތައްގަނޑެއް ހިނގާކަން ޔޫހާއަށް އެނގުނީ ކޮޓަރީގައި ދެކޮޅަށް ޒައުލް ހިނގަން ފެށުމުންނެވެ.
"އަނެއްކާ ޒައުލް އާއި އަޔާއަކީ ކުރީގެ ދެރަޙުމަތްތެރިންބާ، ނޫން ނޫން، އަޔާ މާބޮޑަށް ވެސް ހަގުވާނެ ޒައުލްއަށް ވުރެން...ކިހިނެއްބާ މިވަނީ... އެގެޔާ އަޔާ އާއި ހުރިގުޅުން އެނގުން ޒައުލްއަށް އެހާ މުހިއްމީ ކީއްވެބާ..." ޔޫހާގެ ކުރިމަތިން ކޮޓަރިތެރޭ ދެކޮޅަށް ހިނގަމުންދިޔަ ޒައުލްއަށް ބަލަހައްޓައިގެން އިން ޔޫހާގެ ހިތަށް އެރިއެވެ.
"ޔޫހާއަށް ޔަގީންތަ އެތާނގަ ހުރި އަންހެން މީހާއަކީ އޭނަގެ މަންމަކަން" ޒައުލް ތިންވަނަ ފަހަރަށް ވެސް ސުވާލު ތަކުރާރުކޮއްލި އެވެ. މިފަހަރުވެސް ޔޫހާގެ ޖަވާބު އައީ ކުރިން ދެފަހަރުވެސް ބުނި ގޮތަށެވެ.
"އަޔާ ބުނި އެއީ އޭނަގެ މަންމައޭ، އަޔާ އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވައެއް ނުލާނެއެއްނު، އަނެއްކާ އެއަންހެން މީހާވެސް އަޔާ އާއި ވާހަކ ަދައްކަނީ ދަރިފުޅު ކިޔައިގެން، މިބުނާހެން އެގޭގަ އުޅެނީ ހަމައެކަނި އަޔާގެ މަންމަ އާއި ބައްޕަ އެކަންޏޭ، ކޮބާތަ މައްސަލައަކީ... އަހަރެން ކައިރީ ވެސް ބުނީމަދޯ އެނގޭނީ... ޒައުލް..." ޔޫހާވެސް އެންމެ ފަހުން އެނދުން ތެދުވެއްޖެ އެވެ.
"އަހަރެން ބޭނުމެއް ނޫން ޔޫހާ އަޔާ އާއި އިތުރަށް ވާހަކަ ދައްކާކަށް ވެސް، އަދި އެގެއަށް މީގެފަހުން ދާކަށްވެސް، އަހަރެން އެއްގޮތަކަށް ވެސް އަޔާއަށް އިތުބާރެއް ނުކުރަން، އަހަންނަށް ފެނުނޭ އޭނަ ޔޫހާގެ ކޮނޑުގަޔާ އުނަގަނޑުގަޔާ ތަންތަނުގައި ހިފައިގެން ހުރިއިރު ޔޫހާވެސް އޭނަގެ ގައިގާ ޖެހިގެން ހުރިތަން... ކީއްވެތަ ނުބުނެވުނީ އެހެން ނުހަދާށޭ، ނޫނީ ޔޫހާ ހުރީ މީހަކާ އިންނަން ރަން ކިޔައިގެންނޭ، ތީ އަހަރެންގެ ޙައްޤެކޭ، ކީއްވެތަ އެހެން ނުބުނީ، ދެން އަނެއްކާ އަހަންނަށް ނުދަންނަ ނަންބަރަކުން އައި ފޯންކޯލު، ކާކުގެ ނަންބަރެއްތޯ ބެލިއިރު ރާއްޖޭ މީހެއްގެ ނަންމަތީގަ ނަގާފައޮތް ނަންބަރެއް ވެސް ނޫން، އެކަމަކު އެ ނަންބަރުން އަހަންނަށް ގުޅައިގެން ވާހަކަ ދެއްކީ ދިވެހި ފިރިހެނެއްކަން އަހަންނަށް އެނގޭ، އެމީހަކު އަހަންނަށް ޔޫހާގެ ހަގީގަތް ދައްކަން ބޭނުންވަނީއޯ، ޔޫހާގެ ހުރިހާވެސް މަޤްޞަދަކީ އަހަރެންގެ ވިޔަފާރި އެ އަޔާއަކަށް ހޯދާދިނުމޯ، ޔޫހާގެ ހަގީގީ ލޯބިވެރިޔަކީ އަޔާކަމުގަ، އަދި އެކަން އޭނަ ދެއްކުމަށްޓަކައި އަހަރެން އެގޭ ދޮށަށް ފޮނުވީ، އޭނަ ބުނި ގޮތުން އަޔާ އާއި ޔޫހާގެ އެފަދަ ބައްދަލުވުން ތަކަކީ އާމުކަމެއްކަމަށްވަނީ... ޔޫހާއަށް އެނގޭނެ، އަހަރެން ރުޅި އަންނާނެކަން އެހެން ފިރިހެނަކު އެގޮތަށް ޔޫހާގެ ގައިގާ އަތްލާނަމަ، ތީ މިހާރު އަހަރެންގެ ޙައްޤެއް ނޫންތަ؟" ޒައުލް ޔޫހާގެ ކުރިމަތީ ހުއްޓިލަމުން ވާހަކަދެއްކ އެވެ.
"އެމީހަކު ތިހެދީ ދޮގެއް، ޒައުލް އަހަންނަށް އިތުބާރުކޮއްބަލަ... އަހަރެން ޒައުލް އާއި ކައިވެނި ކުރަން ބޭނުން..." ޔޫހާ ޒައުލްގެ ދެ އަތްތިލާގައި ހިފާލަމުން އޭނައަށްވުރެ އިސްކޮޅުން ދިގު ޒައުލްގެ އެ ފުނ ްދެލޮލަށް ބަލާލި އެވެ. އެލޮލުން އޭނަ ބީވެދާނެކަމުގެ ބިރު ޔޫހާއަށް ފުރަތަމަ ފަހަރަށް ފެނިގެންދިޔަ އެވެ. ޖަޒުބާތުން ފުރިގެންވި ބަލާލުމަކާއިއެކު ޒައުލް ޔޫހާގެނެސް އެމޭގައި ޖައްސާލި އެވެ.
"ވަޢުދުވޭ... އަހަންނަށް ވަޢުދުވޭ ދެން އަޔާ އާއި ބައްދަލު ނުކުރާނަން ކަމަށް، ޕްލީޒް، އަހަންނަށްޓަކައި...ޕްލީޒް ޔޫހާ... ބުނޭދެން އެގެއަކަށް ނުދާނަމޭ، އަޔާ އާއި ބައްދަލެއް ނުކުރާނަމޭ... އަހަރެންގެ ނަން މަތީގައި ހުރި ކޮންމެ އެއްޗަކީ ޔޫހާގެ އެއްޗެއްކަމުގައި އަހަރެން ހަދައިދޭނަން... ދެން އަހަންނާ ދުރުވާން މަސައްކަތް ނުކުރައްޗޭ، އަހަންނަށް ކެތެއްނުވާނެ ޔޫހާ އެހެންމީހަކާ ކައިވެނި ކުރާތަން ބަލާކަށް" ޒައުލްގެ އަތުގެ ތެރޭ ހިފަހައްޓާލައިގެން ހުރި ޔޫހާއަށް އޭނަ ބުނެލިއެވެ. އެއްވެސް އެއްޗެއް ނުބުނިކަމުގައި ވިޔަސް ހޫނ ްލައްވާލަމުން ޔޫހާ އަވަސް އަވަހަށް ބޯޖަހާލި އެވެ. އަދި އެ ދެލޯ މަރާލެވުނީ އޭނަގެ ބޮލުގައި ޒައުލްގެ އެފިރިހެންވަންތަ ތުންފަތުން ބޮސްދިންފަދަ އިޙްސާސްއެއް ވުމުންނެވެ.
"އަހަރެން ޒައުލް އާއި ކައިވެނި ކުރަނީ ބަދަލުގައި ހަމައެންމެ އެއްޗެއް ބޭނުންވެގެން، އަހަރެން އެއެއްޗަކަށް ދަހިވެތިވެފައިވާ ހަމައެކަނި އެއްޗަކީ އެއީ... ޒައުލް އަހަންނަށް ލޯބި ދޭނަންތަ" ޔޫހާ ދެ ލޯމަރާލައިގެން ހުރެބުނެލި އެވެ. ޒައުލް ޔޫހާގެ މޫނުގައި ދެއަތުން ހިފާލަމުން އޭނަ އާއި ދިމާލަށް އުފުލާލާފައި ހިނިތުންވެލަމުން އާއެކޭ ބުނެ ބޯޖަހާލި އެވެ.

ޒައުލް އޭނަގެ ގެއަށްގޮސްވަނީ މެންދަމު ބާރަޖެހި ފަހުންނެވެ. އޭގެކުރިން އޭނަ އުޅުނީ ޔޫހާގެ ގާތުގައި އެގޭގައެވެ. ގެއަށް އައިސް ވަންނަންވެގެން ބަލާލިއިރު ދޮރުހުރީ ލައްޕާފަ އެވެ. އެހެންވެ މައިދޮރުގެ ތަޅުގެ އަތްގަނޑުގައި ހިފާލާފައި އެތެރެއަށް ކޮއްޕާލުމާއިއެކު އަޑެއް ކިޔައިގެން ދިޔައީ ދޮރުތަޅުލާފައި ހުރުމުންނެވެ. ޒައުލް އަތްގަނޑުން އަތް ނެގުމަށްފަހު ޖީބުގައި އޮތް ތަޅުދަނޑިފަތި ނަގާ ތަޅުހުޅުވާލާފައި އެތެރެއަށްވަނީ ސިއްރުވެރި ގޮތަކަށެވެ. މަޑުމަޑުން އަޑެއް ލައްވާނުލާ ދޮރުތަޅުލަން އުޅުނެއް ކަމަކު އެކަމެއްނުވިއެވެ. އެހެންނަމަވެސް އަވަސް އަވަހަށް ދޮރު ތަޅުލެވުމާއިއެކު ސިއްރުސިއްރުން ފިޔަވަޅު އަޅަމުން އޭނަގެ ކޮޓަރިއަށް ދިއުމަށް ދިޔައެވެ. ހީވާގޮތުން ހުރިހާ އެންމެންވެސް ތިބީ އެގަޑީގައި ނިދާފައެވެ. ވަށައިގެން ގޭތެރެއަށްވެރިވެފައިވަނީ ފަނޑު އަލިކަމެކެވެ.

"ޒައުލް އަދިވެސް ހުރިހާ ވާހަކައެއް ކިޔައެއްނުދޭ، އަނެއްކޮޅުން އަހަރެންގެ ކަމެއްވެސް ދެރައެއްނޫންތާ، ކައިވެންޏަށް ރަންވެސް ކިއިއްޖެ، އެކަމަކު އަދިވެސް އަހަރެންގެ އާއިލާގެ މީހަކަށް، މަންމައަކަށް ބޮޑުދައްތައަކަށް ވެސް ނާންގަން... މިވާހަކަތައް ބުނާނެ ގޮތެއް އަހަންނަކަށް ނުވިސްނޭ، އަހަންނަށް ޔަގީން މަންމަވެސް އެންމެ ފުރަތަމަ ނަގާނީ އަހަންނާ ޒައުލް އާއި ދެމެދު ހުރި ފަރަގު...ކިޔާންގެ ބައްޕައަކީ އެއީކަން އެނގުނަސް މަންމަގެ ރުޅިގަދަވާނެކަން ޔަގީން، ދެން ކިހިނެއްހަދާނީ..." އެނދުގައި އޮތް ޔޫހާ ވިސްނަމުންދިޔައެ އެވެ. ދޭތެރެއަކުން ނިތުގައި ބާއްވާލެވިފައި އޮތް އަތުން ނިތްކުރިއަށް ބާރުކޮއްލަ އެވެ.

ފެންވަރާލައިގެން ނުކުމެ އެނދުމައްޗަށް ވެއްޓުނު ޒައުލް ދެފަރާތަކަށް ފުރޮޅިތަނާހެން ނިދިއްޖެއެވެ. އަރާމު ފުންނިދީގެ ތެރެއަށް ގެބެމުން ދިޔަވަރަކަށް އޭނަގެ ތުންފަތަށް ވެރިވި ހިނިތުންވުމާއިއެކު ގައިދަށުގައި ކަހަލަގޮތަކަށް އޮތް ބާލީހުގައި ބާރަށް ބައްދާލެވުނީ ހުވެފެނީ ކުލަޖެހިފައިވާ ޔޫހާގެ ރީތި ސޫރަސިފަވަމުން ދިއުމުންނެވެ.

ޒައުލް އާއި ކައިވެނި ކުރުމަށް ޔޫހާ ރަންކިޔާފައިވާކަން އެނގެނީ ހަމައެކަނި ޝާއިން އާއި އަފްލީނަށެވެ. އެކަން އެނގެންޖެހޭ އިތުރު މީހަކު ހުރިކަމުގައި ޒައުލް ނުދެކެއެވެ. އަދި ޚާއްޞަކޮށް އޭނަގެ އާއިލާގެ މީހުންނަށް އެންގުން އެއީ ބޭކާރު ކަމެއްކަމުގައި އޭނަދެކެއެވެ. ދެ ދުވަސް ހޭދަވެގެންދިޔައިރު ކައިވެނި ކުރަން ލީފޯމުގެ ޚަބަރެއް ނުލިބެއެވެ. ޒައުލް އެކަނިވާ ވަގުތުތަކުގައި ލާއިގާ ޔޫހާއަށް ދިން ޗެކަށް އެތައް އިރަކު ބަލަން އިނދެއެވެ. އަދި މިހާރު އޭނަގެ ސިކުނޑީގައި އިތުރު ފިކުރެއް ކުރެވެމުންދިޔައެވެ. އެކަމުގެ އަސްލަކަށްވަނީ އައްޔަދު އާއި ޒަރާނާއެވެ. އޭނަގެ މަންމައެވެ. ޒައުލްގެ މަންމަގެ އިތުރު ކުއްޖަކު ހުންނަނީ ބާއޭ ހިތަށް އަރާވަރުން އަބަދުމެވިސްނެނީ އެކަމާއެވެ. އެކަން އޮޅުން ފިލުވާ ޔަގީން ކުރާނެ ގޮތެއްވެސް އޭނައަކަށް ނޭނގެއެވެ. އަނެއްކޮޅުން އައްޔަދުގެ ނިޔަތް ރަނގަޅު ނޫންކަން ޒައުލްއަށް ވަނީ އެދެމީހުން ކުރިމަތިލާންޖެހުނު ވަގުތުން ފެށިގެން އެނގިފައެވެ. އެހެންވެ އެފަދަ މީހެއްގެ ކުރިމައްޗަށް އަރާކަށް އޭނަ ބޭނުމެއް ނޫނެވެ.

ފޫހިކަމާއިއެކު ލިބޭ ހާސް ކަމާއި ފިކުރުތަކާއި ދުރުވުމަށް ގެންގުޅޭފަދަ ކުޑަބޯޅައެއް ހިފައިގެން އެނދުގައި އައްޔަދު އޮތެވެ. ދޭތެރެއަކުން އެބޯޅަ މައްޗަށް އެއްލާފައި ހިފައެވެ. އޭނަ ޔޫހާއަށް ގުޅާތާ ދެދުވަސްވީ އެވެ. ކޮންމެ ފަހަރަކުވެސް ފޯނު ކަނޑާލަނީ އެވެ. ތިރީސް އެސްއެމްއެސް ޔޫހާގެ ފޯނަށް މިހާރު އޭނަ ފޮނުވައިފި އެވެ. އެހެނަސް އެއްވެސް ޖަވާބެއް ޔޫހާގެ ފަރާތުން ނުލިބުނެވެ. އެގޮތަށް އޭނައަކަށް ކެތެއް ނުވާނެކަން އޭނައަށް އެނގެއެވެ. އޭނަގެ ޒަމީރު ވެސް އޭރު އެދެމުންދިޔައީ ޔޫހާ ހޯދަން އެގެއަށް ދިއުމަށެވެ. ކުރެވުނު ކަމަކުން އޭނަ އާއި ޔޫހާ އާއި އޮތް ގުޅުން ގެއްލިގެން ހިނގައިދާނެކަން މިހާރު އޭނައަށްވަނީ ޔަގީންވެފަ އެވެ. އަނެއްކޮޅުން ޒަރާނާ ވާހަކަދައްކަން އުޅުމުންވެސް އައްޔަދު އެއަޑުއަހަން ތައްޔާރެއް ނޫނެވެ. އެހެން އެދުވަހު ކަންތައްދިމާވާން ޖެހުނު ސަބަބަކީ އައްޔަދުކަން އޭނަގެ މައިންބަފައިންނަށް އެނގެން އަދި ބޭނުން ނުވަނީއެވެ. ފައުޒީ ހިޔާލެއް ހޯދާކަށްވެސް އޭނަ އިތުރަށް ބޭނުމެއް ނުވިއެވެ.
"ޔޫހާ ބޭނުންނުވިޔަސް އަހަރެން ޔޫހާ އާއި ބައްދަލު ކުރާނަން، އަހަރެން ޔޫހާ އާއި ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުން، އެހެންވެ މިބުނީ ބައްދަލު ކުރަން ބޭނުންވަނީ، އަހަންނަށް މާފުކުރޭ ޔޫހާ" އައްޔަދު އޭނަގެ ކައިރީ އެނދުމަތީ އޮތް ފޯނުނަގާ މެސެޖުލިޔެލާފައި ޔޫހާގެ ނަންބަރަށް ފޮނުވާލި އެވެ.

ކޮމެންޓް 0