ލާއިގާގެ ސުވާލުތަކުން ޔޫހާއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ލާއިގާ ދައްކާނެ ވާހަކައެއް ދައްކަންދެން ހިމޭނުން އިސްޖަހާލައިގެން ޔޫހާއިނެވެ. މަންސޫރު ދެފަރާތަށް ބޯހޫރުވާލާފައި ސޯފާއިންތެދުވެގެން ދިޔައެވެ. އެއާއިއެކު ލާއިގާ ސިއްރުގޮތަކަށް މަޑުމަޑުން ވާހަކަދައްކަންފެށިއެވެ.
"އަރާމު ދިރިއުޅުމެއް ބޭނުންވަނީ....އެހެންނު، އެކަމަކު ބުނަން، އަހަންނަށް ތިކަމާ ގަބޫލެއްނުވެވޭނެ...ހިތަށް އަރާ ޒައުލްއަށް ކިހިނެއްވެފަބާއޭ ހުރީ، ރީތި ސިފައެއްލިބުނެއްކަމަކު ކޮންމެވެސް ވަރެއްގެ ފެންވަރެއްވެސް ހުންނަންޖެހޭނެ، އަހަރެން ކޮންމެހެން ޔޫހާ އާއި ޒާތީގޮތުން އެއްޗެއްބުނަނީކީ ނޫން، ޒައުލްއަކީ އަހަރެންގެ ދަރިއެއް، އެދަރިފުޅަށް ރަނގަޅު މުސްތަޤްބަލެއް ހޯދާދިނުމަކީ އަހަރެންގެ ޒިންމާއެއް، އަހަރެން ގަބޫލެއްނުކުރަން ޔޫހާ އާއި ކައިވެނިކޮއްގެން އަހަރެން އޭނައަށް ހޯދަދޭން ބޭނުންވާ އެއްވެސް ކަމެއް ހާޞިލްވެދާނެކަމަކަށް... އަދި އަމުދުން ދަރިއެއް ހުރިމީހަކާއި އިންނާކަށް އަހަންނަކަށް ގަބޫލެއް ނުވެވޭނެ، އަހަންނަކަށް ނޭގެ ޔޫހާ ކުޅެން ތިއުޅެނީ ކޮންކަހަލަ ނުބައި ކުޅިގަނޑެއްކަމެއް، އެކަމަކު މިއާއިލާއަށް ފާވަން ގަސްދުނުކުރޭ... ރަނގަޅުވާނީ ޒައުލްގެ މަތިން ހަނދާންނައްތާލިއްޔާ، އަހަރެން އެދޭ އެއްވެސް ކަމެއްގަ ޒައުލް ދެކޮޅެއް ނުހަދާނެ، ވީއިރު ޒައުލްގެ ފަރާތުން ދެންލިބޭނެ ޖަވާބު މިހާރު އެނގޭނެކަންނޭގެ......އިތުރަށް އަހަރެން ދައްކާނެ ވާހަކައެއްނެތް، އަހަރެންވެސް މިއަދަށްފަހު ހަނދާންނައްތާލާނަން މިގެއަށް ޔޫހާ ޒައުލް ގެނައިކަންވެސް، އެގޮތަށް ޔޫހާވެސް ރަނގަޅުވާނީ މިހުރިހާ ކަމެއް ހަނދާންނައްތާލިއްޔާ....އޭރުން މިކަން ބޮޑު މައްސަލައަކަށްނުވެ ނިމިދާނެ، ކުރިލިބެންނެތް ކަމަކާ އިތުރަށް ވިސްނުމަކީ ބޭކާރުކަމެއް، އެހެންވީމަ މިބުނިގޮތަށް ގަބޫލުކޮއްލައިގެން މިގެއިން ނުކުންނަންވާނީ" ލާއިގާ ކުއްލިއަކަށް ތެދުވިއެވެ. އަދި އެއްފަރާތުގައި ފެންނަން ހުރި ސިޑިއާއި ދިމާލަށް ގޮސް ގޭގައި ގެންގުޅޭ ކުއްޖަކަށް ގޮވާލިއެވެ.
"ކުޑަ ސާހަބްވީ މަތީ ޓެރެސްގަ ކަންނޭގެ، ބުނޭ އެކުޑަކުއްޖާ ގޮވައިގެން އަންނާށޭ" ލާއިގާ ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ. އޭރު ޔޫހާވެސް ސޯފާއިން ތެދުވެ ލާއިގާއަށް ބަލަހައްޓައިގެން ހުއްޓެވެ. ލާއިގާ އޭނައަށް ބަލާލުމާއިއެކު އަވަސް އަވަހަށް އިސްޖަހާލިއެވެ. ކުރިންވެސް އޭނައަށް ޒައުލްގެ އާއިލާގެ ފަރާތުން ލިބޭނީ އެފަދަ ޖަވާބެއްކަން އެނގެއެވެ. އެހެންނަމަވެސް އޮޅުވާލުމެއްނެތި ލާއިގާއަށާއި މަންސޫރަށް އޭނަގެ ހާލަތު އޮޅުންފިލުވާދެވުމުން ކުޑަކުޑަ ހިތްހަމަޖެހުމެއް އެކަމުން ލިބުނެވެ.

ގިނައިރެއްނުވެ ޒައުލް ކިޔާން އުރާލައިގެން ސިޑިންފައިބާތަން ޔޫހާއަށް ފެނުނެވެ. އެއީ ބަލާލަން ހިތްގައިމު މަންޒަރެއްކަމުގައި ޔޫހާއަށް ވިއެވެ. އެކަމަކު އެމަންޒަރަކީ ޔޫހާއަށް ފެންނަ ހުވަފެނެއްފަދައެވެ. މިހާރުވެސް މީހަކު އޭނައަށް އެހުވަފެނުން ހޭލުމަށް ގޮވާލައިފިއެވެ. އަދި އެގޮތަށް ކަންތައް ކުރަން އޭނަގެ އަމިއްލަ ނަފްސަށް މަޖުބޫރުކުރަން ޖެހިފައިވެއެވެ. ޒައުލް ސިޑިންފައިބައި ކިޔާން ތިރީގައި ބެހެއްޓިއެވެ. އެއާއިއެކު ކިޔާން ދުވެފައި އައިސް ޔޫހާގެ ގައިގާ އޮޅުލައިގަތެވެ.
"މަންމީ، ޑެޑީގެ ބޮޑު ބޮޑު ހައުސްއެއް އޮންނަނީ، ޑެޑީ ބުނީ ކޮއްކޮ އާއި މަންމި މިހައުސްއަށް ވަރަށް އަވަހަށް ގެންނާނަމޯ...ކޮއްކޮ ބޭނުންވަނީ ޑެޑީ އާއިއެކު މި ބޮޑު ހައުސްގަ އުޅެން، މަންމިއަށް އެނގޭތަ، ޑެޑީގެ ކޮޓަރީގަ ބޮޑު ބޮޑު ޓީވީއެއް ހުރޭ...." ކިޔާން އުފަލުން ހީވަނީ އުއްދުއްސައިގަނެދާނެހެންނެވެ. ޔޫހާ ކިޔާން އުރާލުމާއިއެކު އެމައުސޫމު މޫނުގެ ދެކޮލުގައި ބޮސްދިނެވެ.
"މިހާރު އެއޮތްގެން ރޭގަނޑުވަނީ، ދެން ހިނގާ ގެއަށްދަމާ" ޔޫހާ އާމުކޮއް ކިޔާނާއި ވާހަކަދައްކާ އޯގާތެރި ރާގުގައި ބުނެލިއެވެ. އެއްވެސް ބަދަލެއް އައިސްފައި ހުރިކަމެއް ޒައުލްއަށްވެސް ފާހަގައެއް ނުކުރެވުނެވެ. ޒައުލް ހިނިތުންވެލަމުން ޔޫހާއަށް ބަލާލާފައި ލާއިގާއަށް ބަލާލިއެވެ.
"މާމާ، އަޅުގަނޑު ޔޫހާ ގެއަށްލާފަ އެބަ އަންނަން..." ޒައުލް ސިޑިކައިރީ ހުރި ލާއިގާއަށް ބުނެލިއެވެ.
"ނޫނޭ، ރަނގަޅުވާނެ ޒައުލް ނަޔަސް...." ޖެހިލުންވެފައި ހުރެ ޒައުލް އަށާއި ލާއިގާއަށް ޔޫހާ ބަލާލަމުން ހިނިތުންވެލާފައި ބުނެލިއެވެ. ޒައުލް އެގޮތެއް ގަބޫލެއް ނުކުރިޔެވެ. އެވަގުތު ކިޔާންވެސް ޒައުލް އާއިއެކު ކާރުގައި ދާން އެދެންފެށިއެވެ.
"ތީ މަންމަގެ ބަސްއަހާ ކުއްޖެއްނު، މަންމަ އާއި ދަރިފުޅު އައީ ޑެޑީގެ ކާރުގައެއް ނޫނެއްނު، ގެއަށްދާންވާނީވެސް އެހެންކާރެއްގަ... މަންމަ ބުނީމަ ގަބޫލުކޮއްބަލަ، ތީ މަންމަގެ ބެސްޓު ދަރިފުޅެއްނު، ޑެޑީގެ މާމަ އެހުންނެވީ ކިޔާން ބޮޑާހާކާތަން ބަލަން، އަވަހަށް ބަސްއަހާ....އޭރުން ޑެޑީވެސް އުފާވާނީ" ކިޔާން ކިޔަންފެށި އެއްޗެއް ނުހުއްޓުމުން ޔޫހާ އޭނަގެ ކަންފަތްކައިރީ ސިއްރު ސިއްރުން ބުނެލިއެވެ. އެއާއިއެކު ވަގުތުން ކިޔާން ޔޫހާގެ ބަސްއަހައިފިއެވެ. އަދި މަޑުމަޑުން އެއީ މިހާރު ބަސްއަހާ ކުއްޖެއް ކަމަށް ބުނެލިއެވެ. ޒައުލް އޭނަގެ ޖިންސުގެ ދެޖީބަށް އަތްޖަހާލައިގެން ހުއްޓެވެ. ޔޫހާ އާއި ވާދަކިޔަން ބޭނުންނުވާތީ އޭނަ ބޭނުންވިގޮތަށް އެކަނި ގެއަށް ދިއުމަށް ޒައުލް ދޫކޮއްލީއެވެ. ނަމަވެސް އޭނަ ޔޫހާ އާއިއެކު ބޭރު ގޭޓާއި ހަމައަށް ދިއުމަށް ބޭނުންވިއެވެ. އެހެންވެ ޔޫހާގެ ފަހަތުން ސިޓިން ރޫމުން ބޭރަށް ހިނގައިގަތެވެ. ދޮރުން ނުނިކުމެވެނިސް ލާއިގާ ޒައުލްއަށް ގޮވާލިއެވެ. އެހިނދު ސިޓިން ރޫމު ދޮރުން ނުކުތް ޔޫހާއަށްވެސް ބަލާލެވުނެވެ.
"މިދަނީ ގޭޓު ކައިރީ މަޑުކޮއްލާ..." ޒައުލް ޔޫހާއަށް މިހެން ބުނެލަމުން ލާއިގާއަށް ކުރިމަތިލިއެވެ.

އެމީލީ ހިޔާގޭ ގޭޓުން ބޭރަށް ނުކުމެވުމުން ޔޫހާއަށް ފުންނޭވާއެއް ބޭރުކޮއްލުމާއިއެކު ދެލޯ މަރާލެވުނެވެ. ބަންދު ހޮހަޅައެއްގެ ތެރެއިން ނުކުމެވުނު ހެން އޭނައަށް ހީވީއެވެ. އެއީ އިންނަންޖެހުނު ތަނުގެ ކުޑަކަމަކުންނެއްނޫނެވެ. އެހެންނަމަވެސް ލާއިގާގެ ފިއްތުންތަކާއި ކުރިމަތިލާންޖެހުނު ބަހުގެ ހަމަލާތަކުންނެވެ. އޭނަގެ ހިތަށް ތަދުވިކަމުގެ އިޙްސާސް ކުރެވުނީ ދެނެވެ. އަވަސް އަވަހަށް ކިޔާންގެ އަތުގައި ހިފާލައިގެން ޔޫހާ ހިނގައިގަތެވެ. ދުރުދުރުގައި އަޅަމުން ދިޔަ ފިޔަވަޅުތަކުގެ ސަބަބުން ކިޔާންއަށް ދާންޖެހުނީ ދުވަމުންކަހަލަ ގޮތަކަށެވެ. ވަކި ހިސާބަކުން ޔޫހާ ކިޔާން އުރާލައިފިއެވެ. އަދި ހިނގުން ބާރުކޮއްލުމާއިއެކު ގޮސް އެންމެ ފުރަތަމައަށް ލަނބާލެވެން އޮތް މަގަށް ވަދެއްޖެއެވެ. އޭނަ ބޭނުންވީ ޒައުލްއަށް ނުފެނި ގެއާއި ހަމައަށް ދާށެވެ. އެކަން އޭނައަށް ކާމިޔާބުވިއެވެ. ބާރުހިނގުމުގައި ކިޔާން އުރާލައިގެން ހުރެ އައިސް ގެއަށްވަތް ޔޫހާވަނީ ދާހިތްލުމާއިއެކު މާނޭވާލެވިފައެވެ. ގެއަށްވަދެގެން އައިގޮތަށް ކޮޓަރިއަށްވަދެ ދޮރުލައްޕާ ތަޅުލުމަށްފަހު ކިޔާން ބެހެއްޓިއެވެ. އެހާގިނައިރު ކިޔާން އުރައިގެން އުޅުމުގެ ސަބަބުން އޭނަގެ އަތުގަވެސް ރިއްސާކަން އިޙްސާސްކުރެވުނީ ކިޔާން ތިރީގައި ބެހެއްޓިފަހުންނެވެ. އޭރު އޭނައަށް ޒައުލް ދެތިން ފަހަރު ގުޅައިފިއެވެ. އެހެންނަމަވެސް އެފޯންކޯލަށް ޖަވާބުދޭން އޭނަ އަދިގަސްދެއް ނުކުރެއެވެ. ލާއިގާ އޭނަގެ ގާތުގައި ދެއްކި ހުރިހާ ވާހަކަތަކެއް ޒައުލްގެ ގާތު ބުނާނެ ގޮތަކާއިމެދު އޭނަ ވިސްނިއެވެ. ޔޫހާ އޭނަގެ މޫނުގައި ދެއަތްތިލަ އަޅާބާރުކޮއްލިއެވެ. ޔޫހާ އުޅޭގޮތުން ކަންބޮޑުވެފައި ހުރި ގޮތަކަށް ކިޔާން ގޮވާލިއެވެ. އަދި ކިހިނެއްވީތޯ ސުވާލުކުރަން ފެށިއެވެ.
"މަންމަ ވަރުބަލިވިއްޔޭ، ދަރިފުޅު އުރާލައިގެން މަންމަ ނުހިނގާތާ ވަރަށް ދުވަސްވެއްޖެއެއްނު ދޯ....ދަރިފުޅު ދޭބަލަ އަފޫދައްތަ ގޭގަ އެބައުޅޭތޯ ބަލާލަން، އަފޫދައްތަ ފޫހިވެފަކަންނޭގެ އިންނާނީ ދަރިފުޅު ގޭގަ ނެތީމަ" ޔޫހާ ކިޔާންގެ ހިތްހަމަޖައްސާލަދިނެވެ. އަދި ދޮރުހުޅުވާލަދިނުމާއިއެކު ކިޔާން ދުވެފައި ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ޔޫހާ އައިސް އެނދުގައި އިށީންނަމުން އަދިވެސް ގޮނޑުގައި އަޅުވާލެވިފައި ހުރި އަތްދަބަސްނެގިއެވެ. އޭގެން ޒައުލް އޭނައަށް ދިން ފޯނު ނަގާ ބަލާލިއެވެ.

ކޮންމެވެސް ކަމެއްވެއްޖެކަން ޒައުލްއަށް ހީވާންފެށިއެވެ. އޭނަ ޔޫހާ ގާތު ގޭޓުކައިރީ މަޑުކޮއްލުމަށް ބުނެފަ އައިއިރު ޔޫހާ ގޮސްފިއެވެ. ގުޅާ ގުޅާ ފޯނެއްވެސް ނުނެގިއެވެ. އޭނަވެސް ހުރީ ލާއިގާ ޔޫހާގެ ގާތުގައި ދެއްކި ވާހަކައެއް އޮޅުންފިލުވަން ބޭނުންވެފައެވެ. ޔޫހާ އޭނަ އާއި ކުރިމަތިލާން ބޭނުންނުވެގެން އެއުޅެނީ ސަބަބެއް ނެތިއެއްނޫންކަން އޭނައަށް ވިސްނެއެވެ. ލާއިގާއާއި މިވީހާތަނުގަ އެއްވެސްކަމާއި ގުޅިގެން ޒައުލް ސުވާލުކޮއްފައެއްނުވާނެއެވެ. އެހެންވެ އޭނައަށް އޮތް ހަމައެކަނި ގޮތަކީ ޔޫހާ އާއި ވާހަކަދައްކައިގެން ވީގޮތެއް އޮޅުން ފިލުވުމެވެ. ވަގުތު ބޭކާރު ނުކޮށް އޭނަގެ ކާރަށް އަރާދުއްވާލިއެވެ. 

އިރުއޮއްސި އަނދިރިވަމުންދިޔަ ވަގުތެވެ. ޒައުލް އައިސް ޔޫހާމެންގެއަށް ވަތްއިރު ޝާއިންވެސް ގޭގައި އުޅެއެވެ. ޒައުލް ފެނުމާއިއެކު ޔޫހާގެ ކޮޓަރިއަށް އިޝާރާތްކޮއްލާފައި ކޮޓަރީގައި އެބައުޅޭކަމަށް ޝާއިން ބުންޏެވެ. މިފަހަރު ޝާއިން ޔޫހާއަށް ގޮވާކަށް ނުހަދައެވެ. އޭގެ ބަދަލުގައި އޭނަ އިޝާރާތްކޮއްލި ގޮތުން ޒައުލްއަށް މަނާކުރުމެއްނުވާކަން އެނގިގެންދިޔައެވެ. އަރައިގެން ހުރި ބޫޓު ބޭރުގައި ބަހައްޓާލަމުން ޒައުލް އަވަސް ހިނގުމުގައި ވަދެގެން އައިސް ޔޫހާގެ ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު އެތެރެއަށްވަނެވެ. މުޅި ދުވަހަކު ކަހަލަ ގޮތަކަށް ބޭރުގައި އުޅުމުން ކިޔާން ވަރުބަލިވެގެން ނިދަން އުޅޭތީ ޔޫހާ ހުރީ ފާހާނާގައި ކިޔާން ނިދަންބޭއްވުމުގެ ކުރިން ގައިދޮއްވާލުމަށެވެ.

ދޮރު ހުޅުވާ ލައްޕާލިއަޑު އިވުމުން މާބޮޑު ސަމާލުކަމެއް ނުދިނީ ޝާއިން ނޫނީ އަފްލީންއަށް ވެދާނެތީއެވެ. ގިނަފަހަރަށް އެގަޑީގައި ވަދެއުޅޭނީ އަފްލީންއަށް ވާތީ ޔޫހާ ހޭންޑް ޝަވަރު އަޅުވާލަމުން އެނދުމަތީ ހަނދާންނެތިގެން ބާއްވާފައި ވަދެވުނު ތުވާލި ދިއްކޮލުމަށް އަފްލީންއަށް ބުނެލިއެވެ. ނަމަވެސް އެނބުރި ތުވާލީގައި ޔޫހާ ހިފުމާއިއެކު މީހާ ހީވީ ގަނޑުވިހެންނެވެ. ކިޔާން ނިދީގެ އަސަރާއިއެކު ކުސްތަޅަންފެށުމުން ޔޫހާ އޭނަގެ ގައިގާ ތުވާލި އޮޅާލައިގެން ފާހާނާއިން ނުކުތެވެ. އަދި ކިޔާން ނިދަން ތައްޔާރުކޮށް އެނދުގައި ބޭއްވުމަށްފަހު ކައިރީގައި އޮށޯވެއްޖެއެވެ. އެހުރިހާ އިރު ޒައުލް އާއި ޔޫހާ އާއި ދެމީހުން އެކަކު އަނެކަކާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ކުޑަމިނުން އެއްވެސް އިޝާރާތެއްވެސް ކޮއްނުލައެވެ. ކިޔާންއަށް ޒައުލް ފެނުމާއިއެކު އުފަލުން ހުރެ އޭނަ އާއި ވާހަކަދައްކަމުން ދިޔައެވެ. އަދި ޔޫހާ އެނދުގައި ކިޔާން ބޭއްވުމާއިއެކު އޭނަގެ ގާތުގައި އޮށޯތުމަށް ޒައުލްގެ ގާތުން އެދުނެވެ. ޒައުލް ބަހެއްވެސް ނުބުނެ އައިސް ކިޔާންގެ ގާތުގައި އޮށޯތުމާއިއެކު ކިޔާން ދެއަތުން ދެފަރާތުގައިއޮތް ޔޫހާ އާއި ޒައުލްގެ އަތުގައި ހިފާލާފައި ހިތްހަމަޖެހުމާއިއެކު ދެލޯމަރާލިއެވެ.

އެކޮޓަރިއަށް ޒައުލްވަތްކަން އެނގުނުފަހުން ފުރަތަމަ ފަހަރަށް ޔޫހާ އެނދުގައި އޮވެ ޒައުލްއަށް ބަލާލިއެވެ. އޭރު ޒައުލް އޮތީ ޔޫހާގެ މޫނަށް ބަލަންށެވެ. މިފަހަރު ޔޫހާ ބޭނުންވިއެއްކަމަކު އެފުންދެލޮލާ ލޯ ވަކިކޮއްލެވޭގޮތެއްނުވިއެވެ. ވަރަށް ލޯބިވެޔޭ ބުނެ އޭނަ އާއި ޔޫހާ ވަކިކޮއްނުލުމަށް އެދި އާދޭސްކުރަން ޔޫހާގެ ހިތަށްއެރިއެވެ. އެހެންނަމަވެސް މިހާރު އެހިތަށް އަރާހާއެއްޗެއް އެދުލުން ބޭރެއް ނުކުރާނެއެވެ. އެހެން އުޅުނު ދުވަސް ފާއިތުވެ ހިނގައްޖެއެވެ. އޭނަގެ އަމިއްލަ ދިރިއުޅުމަށްޓަކައި ހަނގުރާމަކުރި ދުވަސްތައްވެސް ހިނގައްޖެއެވެ. އަލުން އެފަދަކަމަކާ ކުރިމަތިލާން އޭނަ ބޭނުންނުވަނީއެވެ.

"ބުނެބަލަ، ކީއްވެތަ ތި ސިއްރުކުރަނީ...." ޒައުލް ކުއްލިއަކަށް ވަރަށް މަޑުން އަހާލިއެވެ. އެހިނދު ޒައުލް އާއި ނަޒަރުވަކިކޮއްލަމުން ޔޫހާއަށް ބަލާލެވުނީ ގާތުގައި އޮތް ކިޔާންއަށް އޮތީ ނިދިފަތޯއެވެ. އޭރު ޔޫހާގެ އަތުގައި ހިފާލައިގެން އޮތް ކިޔާންގެ އަތްވަނީ ދޫވެގެން އެއްފަރާތަކަށް ވެއްޓިފައެވެ. މަޑުމަޑުން ޔޫހާ އެނދުން ތެދުވިިއެވެ. ޒައުލްވެސް ޔޫހާ އާއި އެކުއެކީހެން ތެދުވިއެވެ. ކިޔާން ގެއަށްއައިސް ނަގާފައި ހުރި ބައެއް ކުޅޭސާމާނުތައް ޔޫހާ ނަގަންފެށިއެވެ. ދެންވެސް ޒައުލް ސުވާލުކުރިއެވެ. ޔޫހާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އެކަމާ ހިތްހަމަނުޖެހުނު ޒައުލް ކުއްލިއަކަށް ޔޫހާގެ އަތުގައި ހިފައި އޭނަ އާއި ދިމާލަށް އަނބުރާލިއެވެ.

"މާމަ ޔޫހާ ގާތު ބުނީ ކީކޭހޭ އަަހަރެން މިއަހަނީ" ޒައުލް ޔޫހާގެ ކޮނޑުގައި ހިފާ ތަޅުވައިގަންނަމުން އެހިއެވެ.
"އަހަރެން ދޮގެއް ނަހަދަން، އެކަމަކު ތެދު އަޑުއަހަން އެހާ ފަސޭހައެއްނުވި، އަހަންނަށް އެނގޭ ޒައުލްއަކީ ކޮންފެންވަރެއްގެ ކިހާވަރެއްގެ އާއިލާއަކުން އައިސްފައިވާ މީހެއްކަން... އަހަރެންގެ ދަރިއަކު ހުރިކަން، އަދި އަހަންނަކީ ރާއްޖެތެރޭ އަންހެން ކުއްޖެއްކަން....އެއްވެސް ކަމެއް ހަނދާނެއްނުނެތޭ... އަހަރެންގެ ދަރިފުޅުގެ ބައްޕަ ކޮބާހޭ އަހާއިރު މިދުނިޔެވަނީ ހެކިވެފަ އެކުއްޖާއަކީ ބައްޕަނެތް ކުއްޖެއް ކަމުގަ... ވީއުރު އަހަރެންފަދަ މީހެއްގެ ދުލުން އެކުއްޖާގެ ބައްޕައަކީ ކާކުކަން ބުނުމުން ގަބޫލު ކުރާނީ ކާކު....ފައިސާ ބޭނުންނުވާނެ މީހަކު މިދުނިޔެއަކު ނޫޅޭނެ، އެކަމަކު އަހަރެން އެއަށް ދަހިވެއްޗެއްނުވޭ... ޒައުލްގެ މާމަ އެބުނަނީ ދޮގުވާހަކައެއްނޫން، އަހަރެންކަހަލަ މީހަކާ އިނދެގެން ޒައުލްއަށް ކުރާނެ އެއްވެސް ފައިދާއެއްނޯންނާނެ..." ޔޫހާގެ ވާހަކަމެދުކެނޑުނީ ޒައުލްގެ ފޯނު ރިންގުވިއަޑަށެވެ. ޔޫހާގެ ދެކޮނޑުން އަތްދޫކޮއްލުމާއިއެކު ފޯނު ނަގާ ޒައުލް ބަލާލިއެވެ. އޭނައަށް ގުޅަނީ ލާއިގާއެވެ.
"ހެލޯ... ދަރިފުޅު ރޭގަނޑު ކާންވާއިރަށް ގެއަށް އަންނައްޗޭ، ވަރަށް ޚާއްޞަ މެހެމާނަކު މިރޭގެ ކެއުމުގައި ބައިވެރިވާނެ، އެހެންވެ" ލާއިގާ ފޯނުން ބުނެލިއަޑުއިވުނެވެ.
"ލައްބަ މާމާ..." ޔޫހާއަށް ބަލަހައްޓައިގެން ހުރެ ޒައުލް ވާހަކަދެއްކިއެވެ.

ކޮމެންޓް 0