އީލާކްގެ އަތުގައި ހަމައެކަނި އޮތް މަންމަގެ ހަނދާންވެސް ގެއްލުނީއެވެ. އެކަމާ ރޮއެރޮއެފައި ނިދީ ދެން ކުރެވޭނެ އެހެންކަމެއް ނެތީމައެވެ. ލާއިގާގެ އިތުރުން އެހެން އެންމެންގެ މޫނުމަތިން ވެސް އީލާކްއަށްޓަކައި ހަމްދަރުދީ ފާޅުވިއެވެ. އެހެންނަމަވެސް އެކަކަށް ވެސް އެފަށް ނެގީ ކާކުކަމެއް ބުނާކަށް ނޭގެއެވެ.

ނިދަން ކޮޓަރިއަށް ވަތް ޒައުލްގެ ސިކުނޑީގައިވަނީ ލާއިގާ އޭނަގެ ގާތުގައި ދެއްކި ވާހަކަތަކެވެ. އިރުކޮޅަކު ކުޑަދޮރުގެ ކައިރީ މަޑުކޮއްލައިގެން ހުރުމަށްފަހު އެނދުގެ އެއްފަރާތުގައި ހުރި ކުޑަމޭޒުމަތީ ޒައުލް ބޭއްވި ފޯނު ނެގިއެވެ. އަދި ޖަމާލްގެ ނަންބަރަށް ގުޅާލިއެވެ. ވަރަށް ގިނަ ވާހަކަތައް ދެއްކުމަށްފަހު ޒައުލް ފޯނު ކަނޑާލިއެވެ. ނަމަވެސް ތުންފަތުގައި ފޯނު ޖައްސާލައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ޒައުލްއަށް ހުރެވުނެވެ. 

ޖެހިގެން އައި ދުވެހެވެ. އީލާކްގެ މޫޑުވަނީ ގޯސްވެފަ އެވެ. ރަޙުމަތްތެރިން އައުމުން އިއްޔެގެ ކަންތަކާ ސުވާލު ކުރަން ހިތަށް އެރި ނަމަވެސް އެފަދަ ވާހަކައެއް ދެއްކުމީ އޭނަގެ ރަޙުމަތްތެރިންގެ ބޮލުގައި އިލްޒާމެއް އެޅުވުން ކަހަލަ ކަމަކަށްވެފައި އެއަށްވުރެ އޭނަގެ ރަޙުމަތްތެރިންނަށް އިތުބާރު ކުރާތީ އެކަން ހިތުގައި ފޮރުވާލިއެވެ. ގެއަށް ރަޙުމަތްތެރިން އައިއިރު ޝުދުފާއަކަށް އާދެވޭ ގޮތެއް ނުވިއެވެ. އެހެންނަމަވެސް ރޮޒޭން އާއި ނަހުލާ އައެވެ.

"އީކް، އަހަންނަށް އެނގޭ އެންމެފަހުވަގުތުކަން ވެސް މީ، ބަޓް އައި ނީޑްއަ ފޭވާރ..." އީލާކްއަށް އެހީތެރިވުމުގައި އުޅުނު ނަހުލާ ބުނެލި އެވެ.
"ކޮންކަހަލަ ފޭވާއެއް؟" އީލާކް އަނގަޔަށް ލައިގެން ހުރި ފިން ނަގަމުން އަހާލިއެވެ.
"އަހަރެން މިވިސްނަނީ އީކްގެ ހެދުންތައް ދައްކާލާއިރު އަހަރެންގެ ހެދުންތައް ވެސް ބައިވެރި ކުރަންކަމަށް... އެކަމަކު އެއީ އީކްގެ މައްސަލައެއް ނެތިއްޔާ، ދެމީހުންގެ ޑިޒައިންތައް އެއް ޝޯއިން ފެނިގެންދާނެއެއްނު" ނަހުލާ އީލާކް ފިން ޖަހަމުންގެންދިޔަ ފޮތިގަނޑު ހިފަހައްޓާދެމުން ބުނެލި އެވެ.
"އެކަމަކު... ނަހޫ އަދި ތައްޔާރެއް ވެސް ނުވަމެއްނު، ދެން ކިހިނެއް..." އީލާކްގެ ވާހަކަ ނުނިމެނީސް ނަހުލާ ވާހަކަ ދައްކަން ފެށުމުން އީލާކް ދައްކަ ދައްކާ ހުރި ވާހަކަ މެދުކަނޑާލި އެވެ.
"ނޫނޭ، އަހަރެން ތައްޔާރުވާން ފަށައިފިން ވަރަށް ކުރިން، އެކަމަކު ޝޯއެއް ބާއްވާނެ ރަނގަޅު ވަގުތަކަށް އިންތިޒާރު ކޮށްކޮށް ހުރީ، ދެން މިހާރު މިހިތަށް އަރަނީ އީކް އާއިއެކު ބައިވެރިވުން އެއީ އަހަންނަށް ލިބޭނެ އެންމެ ބޮޑު އުފަލޭ" ނަހުލާ ބުނި އެއްޗަކަށް އީލާކް ވިސްނާލި އެވެ.
"އަންނަ މަންތު ފޯޓީންގަ އަހަރެން ޝޯ ބާއްވަން ހަމަޖެއްސީ، އެހާތަނަށް ނަހޫގެ ޑިޒައިންތައް ނިމެންޏާ އަހަރެންގެ މައްސަލައެއް ނެއް، އެތަށް ދުވަހަކަށްފަހު ނަހޫގެ ޑިޒައިންތައް ވެސް އޭރުން ފެންނާނެތާ ދޯ... އިޓްސް ގޮއިންޓުބީއަށް ބިގް ކޮމްޕެޓިޝަން ދޯ، އަހަރުމެން ދެމީހުންގެ ޑިޒައިންތަކުން މީހުން ބޮޑަށް ބަލައިގަންނާނީ ކާކުގެ ޑިޒައިންތަކެއްކަން އޭރުން އެނގޭނެ" އީލާކް ކުރިއްސުރެ އެ މަންޒަރުތައް ފެންނަމުންދާހެން ހިޔާލުތަކަށް ގެއްލިފައި ހުރެ ބުނެލި އެވެ.
"ތެންކިއު... ތެންކިއު... އަހަރެންވެސް އެހެންވީމަ މިއަދުން ފެށިގެން ޝޯއަށް މިތައްޔާރުވަނީ" ނަހުލާ އުފާވެލާފައި ބުނެލިއެވެ.

"ހާދަ އުފަލުން..." އެކުގައި މަސައްކަތްކުރާ ކުއްޖަކަށް ހީލަމުން ލިފްޓުގެ ތެރެއަށްވަތް ޔޫހާއަށް ޒައުލް ބުނެލިއެވެ. އެއް ފަރާތުގައި މަޑުކޮއްލައިގެން ހުރި ޒައުލް ޔޫހާއަށް ފެނުނީ އެވަގުތު އެވެ. ހަމަ ފެނުމާއިއެކު މޫނުމަތީގައިވި ހިނިތުންވުން ފިލާ ގޮސް ހިންދިރުވާލެވުނެވެ. އޭނައަށް ޒައުލް ފެނުމުންވާ ގޮތެއް ނޭގެއެވެ. ގަންނަނީ ބިރެއް ކަމެއް ނޫނީ އޭނަގެ ކުރިމަތީ އަމިއްލަ ނިކަމެތިކަން އިހްސާސްކުރެވިގެންދަނީ ކަމެއް ނޭގެއެވެ.
"ކިތަށް މީހުން ކައިރީ މިހާރު ކިޔައިފިން ކިޔާންއަކީ މަގޭ ދަރިއެކޭ" ޒައުލް ބުނެލިއެވެ. އޭގެ ޖަވާބު އޭނައަށް އެނގޭއިރުވެސް އެހީއެވެ. ކިތަންމެ ރީތިކޮށް ވާހަކަދައްކަން އުޅުނަސް އޭނަގެ އަނގައިން ބަސްތައް ނުކުންނައިރު ހުންނަނީ ހަރުކަށިވެފައެވެ.
"އަހަންނެއް ނުކިޔަން އެއްވެސް އެއްޗެއް އެއްވެސް މީހެއް ކައިރީ" ޔޫހާ ތުންފިއްތާލަމުން ޒައުލްއަށް ނުބަލަންހުރެ ބުނެލި އެވެ. އެތަން ފެނުނު ޒައުލްގެ ތުންފަތަށް ކުޑަނަމަވެސް ހިނިތުންވުމެއް ވެރިކުރުވި އެވެ.
"ޔޫހާ ކަސްރަތު ކުރަނީތަ ހަށިގަނޑު ތިހާ ރީތިކޮށް ތިހުންނަނީ" ކުއްލިއަކަށް ޒައުލް ކުރި ސުވާލުން ޔޫހާގެ އަނގަ ހުޅުވިގެންދިޔަ އެވެ. ހަމައެހާ އަވަހަށް ތުން އަނބުރާލަމުން ލޮލުގެ ހިމަކޮޅުން ޒައުލްއަށް ބަލާލަމުން މެޔާއި ދިމާލުން ދެއަތް ހުރަސްކޮށްލި އެވެ. ޒައުލް އޭނަގެ ހަށިގަނޑަށް ބަލަނީކަން އޭނައަށް ޔަގީންވިއެވެ. އެކަމާ އުނދަގޫވެގެން އިރުއިރުކޮޅާ ޔޫހާއަށް ލައިގެން ހުރި ޖެކެޓަށާއި ސްކާޓަށް ދަމާލެވެއެވެ. އަދި ލިފްޓުގެ ކަނަކަށް ވަދެ ކުރިއަށްވުރެ ކުޑަވެލަން މަސައްކަތްކުރި އެވެ.
"ކީއްވެތަ ތިބަލަނީ؟" ޔޫހާއަށް ކެތްނުވެގެން ބުނެލެވުނެވެ.
"އަހަރެންގެ ދެލޯ ވީއިރު އަހަރެން ބޭނުންކޮންމެ ތަނެއް ބެލިޔަސް އެކަމާ ޔޫހާއާއި ކޮންކަމެއް" ޒައުލް ލާނެއް ރާގަކަށް ބުނެލި އެވެ.
"އެހެންވިޔަސް ހެވޭ، އަހަންނާ ދިމާލަށް ކޮންމެހެން ތިހެން ބަލާނެ ކަމެއްނެއް" ޔޫހާ ދެލޯއަޅާލަމުން ބުނެލިއެވެ.
"އަހަރެން ނުބެލިއްޔާ ކޮންމެވެސް އެހެން ފިރިހެނަކު ހަމަ މިހެން ބަލާނެކަން ގައިމު" ޒައުލް ބުނެލި އެވެ.
"ކަލޭމެން ފިރިހެނުން ހީކުރަނީ..." ޔޫހާ އައިރުޅީގައި ބުނަން އުޅުނު ޖުމްލަ ފުރިހަމަކުރާކަށް ވެސް ބޭނުމެއްނުވި އެވެ. އަވަސް އަވަހަށް ލިފްޓުގެ ފިއްތަކަށް އޮބަން ފެށީ އެންމެ އަވަހަށް ޖެހޭ ފްލޯއަކަށް ނުކުތުމަށެވެ. ލިފްޓުގެ ފިތްބަރި ކައިރީ ހުއްޓިލައިގެން ހުރި ޒައުލް ދުރަށް އެންމެ ފިޔަވަޅެއް ވެސް ޖެހިނުލިއެވެ. އޭގެ އިތުރުން އޭނަ ޔޫހާއާއި ގާތްވެލީއެވެ. އެހިނދު ކަރަންޓުގެ ޝޮކެއްޖެހި މީހާ ވިއްސައިގެން ދާފަދައިން ޔޫހާ ދުރަށް ޖެހުނެވެ.
ހުޅުވިގެން ދިޔަ ލިފްޓުގެ ދޮރާއެކީ ޔޫހާ ހަލުވިކަމާއިއެކު ނުކުތެވެ. ޒައުލް ހިނިއައިސްފައި ޔޫހާ ނުކުތްތަން ބަލަންހުރީ އެވެ. ލިފްޓުގެ ދޮރުލެއްޕުނު އަޑުއިވުމުން އެނބުރި އެދިމާލަށް ޔޫހާ ބަލާލިއެވެ. އެހެންނަމަވެސް އޭނަ އަވަސްވެގަތީ ސިޑީގެ ހަރުފަތްތަކާއި ދިމާލަށެވެ. ކުދިކިޔަމުންނެވެ.

ތިން ދުވަސްފަހެވެ. ކިޔާން ގޮވައިގެން ސްކޫލް ދޮށުން އައި ޝާއިންއަށް އެގޭ މަގުގައި އޮތް ކަޅު ޖަގުވާ ކާރު ފާހަގަވެއްޖެއެވެ. އެއީ ކިޔާންގެ ހާލު ބޮޑުވިރޭ ޔޫހާ އައި ކާރު ކަހަލަގެ ކާރެކެވެ. އެހެންނަމަވެސް އެއީ ކާކުގެ ކާރެއްކަން ޝާއިންއަކަށް ނޭގެއެވެ. އެ ސުވާލު ފަސްކޮއްލެވުނު ގޮތަށް ފަސްލެވިފައިއޮތީ އެވެ. ޔޫހާގެ އުޅުމަށް އެދުވަސްކޮޅު ބަދަލެއް އައިކަމުގައި ވިޔަސް މިހާރު އެއްވެސް ތަފާތު ކަމެއް ޝާއިންއަށް ފާހަގައެއް ނުކުރެވެއެވެ.
"އަފޫ، މިމަގުކޮޅުގަ ޕާކުކޮއްފައި އޮންނަ ބޮޑު ކާރު ދެކުނިންތަ؟ މިހާރު ދެތިން ދުވަސްވެއްޖެ މިމަގުގައި އޮންނަތާ... ކަންމަތީގޭ މީހުން ކާރެއްގަތީތަ؟" ޝާއިން ކިޔާން ގޮވައިގެން ގޭތެރެއަށް ވަންނަމުން ސޯފާގައި އިން އަފްލީންއަށް ބުނެލިއެވެ.
"ހޫން ޖަގުވާއެއް ދޯ... އަޅުގަނޑަށްވެސް ފާހަގަ ކުރެވުނޭ، ނޭގެ އެގޭ މީހުން ކާރެއް ގަތްކަމެއް، ގަނެވެސްދާނެ، އެގޭ މަރީނާމެންނަކީ ނުލާހިކު ލިބޭ ބައެއްނު، އަނެއްކާ އެހާ ފޮނިވެސް ވާނެ.... ގަރާޖަށް ނުލާ އެތަނުގަ ބާއްވާފަ އެއޮއްނަނީ މިހެން ހިނގާ މީހުންނަށް ދައްކަންވެގެންކަންނޭގެ" އަފްލީން ކިޔާންގެ އަތުގައި ހިފާލަމުން ވާހަކަދެއްކިއެވެ. ޔޫހާ ވީ ޑިއުޓީގައި ކަމަށްވާތީ ކިޔާންގެ ކަންތައްތައް ކޮއްދިނުމަށް އަފްލީން އަވަސްވެގަތެވެ.
"ވެދާނެ ތިހެންވެސް، އެންމެ ރަނގަޅުވާނީ އެކަމާ އަޅާނުލިއްޔާ" ޝާއިން އޭނައަށް ވިސްނުނު އެންމެ ރަނގަޅުގޮތް ބުނެލިއެވެ. ކުރިން ހީކުރެވުނު ކަންތައްތަކާއި ހިޔާލު ދުރަށް ގެންދިޔައީ އަފްލީން ދެއްކި ވާހަކައިންނެވެ. ޔޫހާ އާއިއެއްވެސް ސުވާލެއް ކުރުމުގެ ބޭނުމެއް ނެތުނީ އެހެންވެއެވެ.

ޒައުލް އޭނަގެ ކޮޓަރިއަށް ވަދެ ތާޒާވެލުމަށް އުޅުނެއެވެ. އޭރު އޭނަހުރީ މެންދުރު ނުވެސް ކައިކަމަށްވާތީ ކޮޓަރީގައި ހުރި ފޯނުން މެންދުރުގެ ކެއުން އެކޮޓަރިއަށް ގެނެސްދިނުމަށް އެދުނެވެ. ފެންވަރާ ތާޒާވެލައިގެން ޒައުލް ނުކުތްއިރު ކާންހުރީ ގެނެސްފައެވެ. ނަމަވެސް ކާއެއްޗެއްގައި އަތްލުމުގެ ކުރިން އޭނަ ޖަމާލްއަށް ގުޅިއެވެ.

"ހެލޯ..." ލޫލުއާ ފޯނުނަގާ ކަންފަތުގައި ޖައްސާލަމުން ބުނެލިއެވެ.
"ހާލުކިހިނެއްތަ؟ އަނެއްކާ އުނދަގޫވާ ކަހަލަ ގަޑިއެއްގަތަ މިގުޅުނީ" ހާޒިމްގެ އަޑު ފޯނުން ލޫލުއާ އާއި ހަމައަށް ފޯރިއެވެ.
"ހާލުވެސް ވަރަށް ރަނގަޅު ބިޒީއެއްވެސް ނޫން، މިކުޑަކޮށް އީއްކޮއަށް ހެލްޕްވެލަނީ، މިއަދު ނާންނަންތަ މިކޮޅަށް" ލޫލުއާ ސިއްރު ސިއްރުން ވާހަކަ ދެއްކި އެވެ.
"އާން، މިއަދު ނެތޭ ތިކޮޅަށް ދާކަހަލަ ކަމެއް، މިގުޅީ ކަމަކަށް އެދެންވެގެން، ކޮއްދޭނަންތަ؟" ހާޒިމް އަހާލިއެވެ.
"ކޮންކަމެއް؟ އަހަންނަށް ކޮއްދެވޭވަރުގެ ކަމެއްނަމަ ކޮއްދޭނަން" ލޫލުއާ މަޑުމަޑުން ދުރަށް ދަމުންގޮސް އީލާކްގެ މަސައްކަތްތައް ކުރިއަށް ދިޔަ ކޮޓަރިން ނުކުމެއްޖެ އެވެ.
"އަހަންނާއިއެކު މިރޭގެ ޑިނާގައި ބައިވެރިވެދާނަންތޯ" ހާޒިމް އަހާލި އެވެ.
"ހެ ހެ ހެ... ހޫމް، އުފަލާއިއެކު ތިދަޢުވަތު ގަބޫލުކޮއްފިން" ލުއި ހިނިތުންވުމަކާއިއެކު ލޫލުއާ ބުނެލި އެވެ.

ރޭގަނޑު ބާރަޖެހިފަހުން ޑިއުޓީ ނިންމާފައި ޔޫހާ ގެއަށް ދިއުމަށް ހޮޓަލުން ނުކުތެވެ. މީހުން މަދުވެފައި މަގުތަކަށްވަނީ ކޮންމެވެސް ވަރަކަށް ފަޅުވެފައެވެ. ދޭތެރެއަކުން މަދުފަހަރަކު ބޫން އަޅުވާފައި ބާރު ދުވެލީގައި ދާ ސައިކަލެއް ފެނިދާނެއެވެ. އެހެންނޫނީ ވަރަށް ވެސް އަމާނެވެ. ޝާއިން ބަލާ އަންނަން ގުޅީމަވެސް އެކަމާ އެއްބަސްނުވީ ވެސް ޔޫހާ އަމިއްލައަށެވެ. އެހެނީ މިހާރު ވެސް އޭނައަށް ޝާއިންގެ ފަރާތުން ލިބޭ ހެޔޮކަމާއި އޭނަގެ ދީލަތި އެހީތަށް މަދެއް ނޫނެވެ. އަބަދު ޝާއިންގެ ސައިކަލު ފަހަތުގައި ޔޫހާ ދާންވެއްޖެނަމަ މީހުން ހީކޮއްފާނެ އެއްޗަކަށްވެސް ޔޫހާ ވިސްނައެވެ. ދާދި ކައިރިން ކާރެއްގެ ބަރުގޮނުގެ އަޑަށް ދުވާރުމަތިން ހިނގަމުންދިޔަ ޔޫހާ ސިހިފައި އަތުގައި އޮތް ދަބަސް މެޔާއި ކައިރިކޮއްލި އެވެ.
"ޒައުލް..." ޔޫހާ އޭނަ އާއިއެއްވަރަށް ދުއްވަމުން ދިޔަ ކާރަށް ބަލާލުމާއިއެކު ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮއްލިއިރު އޭގައި ދުއްވަން އިނީ ޒައުލްއެވެ.
"އަހަރެން ގެއަށް ގެންގޮސްދީފާނަމޭ" ޒައުލް މަގު މައްޗަށާއި ޔޫހާއަށް ބަލަމުން ކާރުދުއްވަމުން ބުނެލި އެވެ. ޔޫހާ އެކާރަށް ބަލާލިއެވެ. އެކާރު މީގެ ކުރިން ފެނިފައެއް ނުވެއެވެ. ގަދަ ރަތްކުލައަކާއި ކަޅުކުލައިގެ ކުޑަ ކާރެކެވެ. ކާރުދުއްވަން ޑްރައިވަރަކު ނެތެވެ. ހަނދާނަށް އައީ ޒައުލް އާއި އޭނަ އާއި ފުރަތަމަ ދިމާވި ދުވަސްތައް މަތިންނެވެ.
"ޔޫހާ... އަހަރެން ގެއަށް ގެންގޮސްދީފާނަމޭ، މިގަޑީގަ އެކަނި ދާނެ ކަމެއްނެއް" ޒައުލް ދެވަނަ ފަހަރަށް ބުނެލިއެވެ.
"ކިހާދެރަކަމެއް ޒައުލް، މީ މަގުމައްޗޭ... އަހަރެން އެއްޗެއް ނުބުނީ ތިކާރަށް އަރަން ބޭނުން ނޫންވީމަ، ދެން ތިދާ ތަނަކަށް ދާންވީނު" ޔޫހާ ދަތްކުނޑިވިކާލަމުން ބުނެލި އެވެ.
"އަހަންނަށް ވެސް އެނގެއޭ މަގުމަތިކަން، އަހަރެން މަގުމަތީގެ ހުރުމަތް ކެނޑޭވަރުގެ ކަމެއްނުކުރަން... އަހަރެން ދާކަށް ވަކިތަނެއްނެއް، ޔޫހާ އާއި ވާހަކައެއް ދައްކާލަން ކަމަށް، ޔޫހާ ކާރަށް އެރީމަކަންނޭގެ މިކަން ވެސް އަވަސްވާނީ، އަހަންނެއް ނޫޅެމޭ ކޮންމެހެން ޔޫހާއަށް ލިފްޓެއް ދޭހިތަކުން..." ޒައުލް އޭނަގެ އަޑުބަދަލުކޮއްލި އެވެ. ހަގީގަތުގައި އޭނަ ޔޫހާ އާއި ދައްކާނެ އެއްވެސް ވާހަކައެއް ނެތެވެ. އެހެންނަމަވެސް ޔޫހާ އެކަނި ގެއަށް ދާތަންބަލަން އޭނަ ބޭނުން ނުވަނީއެވެ. ހޮޓެލްގައި ޔޫހާ ނުކުމެގެން ދިޔަތަން ބަލަންހުރެފައި ޒައުލް ކާރުގައި ނައްޓާލީ ޔޫހާ ބަލާއެކަކުވެސް ނައުމުންނެވެ. އޭނަ ބޭނުންވާ ގޮތަށް ޔޫހާ ކަންތައް ނުކުރާނެކަން ވެސް ޒައުލްއަށް އެނގިހުރެ އެވެ.

ކޮމެންޓް 0