ދެއާއިލާގެ މެދުގައި ސަލާންގަލާން ބަދަލުކުރެވި އެގޭގެ ބޮޑު ސިޓިން ރޫމުގައި ހުރި މަހުމާ ސޯފާތަކުގައި އެންމެން އިށީނދެ ހަމަޖެހިއްޖެއެވެ. އިސްވެ ވާހަކަދައްކާތަން ފެންނަނީ ލާއިގާ އާއި ސަމަދުއެވެ. ދެން ބައެއްފަހަރު ސަމަދުގެ ސުވާލުތަކުގައި ބައިވެރިވާ އޭނަގެ ބޭބެ ހިލްމީއެވެ. ކައިވެނި ކުރިއަށްގެންދަން ބޭނުންވާގޮތް ލާއިގާ ސަމަދު އާއި އޭނަގެ އާއިލާއަށް ވަރަށް ތަފްޞީލުކޮށް ކިޔާދިނެވެ. އަދި ކައިވެނީގެ ފޯމު ފުރުމުގެ ކަންތައްތައް ހަވާލު ކުރެވިފައިވާ ފަރާތަށް އެމަސައްކަތް ފެށުމަށް ސަމަދު އިޝާރާތްކުރިއެވެ. އެއާއިއެކު އެތަނުގައި ތިބި ހުރިހާ މެންބަރުންނެއްހެން ތެދުވިއެވެ. އަދި ލިޔެކިޔުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނޭފަދަ ގޮތަކަށް ތައްޔާރުކޮއްފައި ހުރި މޭޒުގެ ދޮށުގައި ފޯމް ފުރާ މީހާ އާއި އޭނަގެ އެހީތެރިޔާ އާއި އޭގެ އިތުރުން ލޫލުއާއި ހާޒިމްވެސް އިށީނެވެ. ދެއާއިލާގެ އިސްބައެއްގެ ގޮތުގައި އެމޭޒުގެ ކައިރީ އިށީނީ ކައިވެނި ކުރާ ދެމެންބަރުންގެ ބައްޕައިންނެވެ. އަދި ހާޒިމްގެ ބޮޑުބޭބެއެވެ. ލާއިގާ އާއި އެހެން އަންހެން ވެރިންނާ ގޭގެ ޅަކުދިން ކަންވާގޮތެއް ބަލަން އެމޭޒަށް ނަޒަރު ހުއްޓާލައިގެން ތިއްބެވެ. އޭރު ފޮޓޯ ނަގާ ދެމީހަކު ކައިވެނި ފޯމް ފުރާ މޭޒުގެ ދޮށުގައި ހިނގަމުންދާކަންތައްތައް ފޮޓޯތަކުގައި ހައްޔަރުކުރަމުންދިޔައެވެ. ނުފިލާނޭ ފަދަ ގޮތަކަށް އެއުފާވެރި ވަގުތުތައް ހަނދާންތަކަކަށް ހެދުމަށްޓަކައެވެ.
ފޯމުގައި ފުރިހަމަ ކުރުމަށް ބޭނުންވާ މަޢުލޫމާތު އަހަމުންދިޔައިރު ލޫލުއާގެ ދެއަތްތިލަވަނީ ފިނިވެފައެވެ. މޭގައި ފިލާއޮތް ހިތް ތެޅެމުންދިޔައީ ކިތަންމެވެ އަވަސްކޮއްނަމަވެސް އޭގެ އަސްލު އެނގޭމީހަކު ހުދު އޭނަ ނޫނީ ނެތެވެ. އެންމެންގެ މޫނުމަތިން ފެންނަމުންދާ ހިނިތުންވުން ކޮޅުނެއްހާ އުފާވެރިކަން އެމީހުންނަށް ލިބިފައިވާކަން ކަށަވަރުކޮއްދެއެވެ. މިއަދު ހުދު އޭނަވެސް އެހުރީ ވަރަށް އުފަލުންނެވެ. ނަމަވެސް ހިތްބާރަށް ތެޅެމުންދަނީ ކީއްވެކަމެއް ބުނެދޭކަށް ފަސޭހައެއްނުވިއެވެ. އުނގުގައި ބާއްވާލާފައި އޮތްދެއަތްތިލަ މޮޑެމުންދިޔައީ ލިބިފައިވާ ހިތްއަވަސްކަން މައިތިރިކުރަން ބޭނުންވެގެންނެވެ. އެކަމަކުގެ ސަބަބުން ދޫއޮޅޭގޮތްވެ އެހެންމީހުންގެ ކުރިމަތީ ލަދުގަންނަގޮތްވެދާނެތީވެސް އޭނަ އިނީ ކަންބޮޑުވެފައެވެ. މީ ކައިވެންޏަށް ތައްޔާރުވާ ކޮންމެ މީހެއްގެވެސް އާދަބާއޭ ލޫލުއާގެ ޒަމީރާ ސުވާލުކުރަމުން ދިޔައެވެ. ނަސީބަކުން މާގިނައިރެއްނުވެ ފޯމު ފުރުމުގެ ކަންތައްތައް ނިމި ލާއިގާގެ ނިވަލަށް ވަނުމުގެ ފުރުޞަތު ލޫލުއާއަށް ލިބިގެންދިޔައެވެ.

ޑިއުޓީ ނިންމާފައި އައިސް ގެއަށްވަތް ޔޫހާ އޭނަ އަރައިގެން ހުރި ފައިވަން ނަގާ ފައިވާން ހަރުގަނޑުގައި ބެހެއްޓުމަށްފަހު ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ. ރޭގަނޑެއް ކަމަކު އޭނަ ގެއަށް އައި އިރު ހުރީ ވަރަށް ކަރުހިއްކައިގަނެފައެވެ. އަދި ބަނޑުހައިވެގެން ކުކުރާފަދަ ގޮތަކަށް ބަނޑުން އަޑުއަޑު ލައްވަމުންދެއެވެ. މެންދުރު ކޭގޮތަށް އެއްޗެއް ކާހިތްނެތިފައި ޔޫހާ ހުރުމުގެ ނަތީޖާ ފެންނަންފެށީއެވެ. ކިޔާން އޮންނާނީ ނިދާފައިކަން ޔަގީންވާތީ އާއިއެކު ޔޫހާ އޭނަގެ ކޮޓަރިއަށް އެހާ އަވަހަށް ވަނުމުގެ ޝައުގުވެރިކަމެއްނެތެވެ. އޭނަގެ ހަރަކާތް އަވަސްކޮއްލާފައިވަނީ ހޫނުފެންކެއްކުމަށެވެ. ހިތުގައި ކޮފީތައްޓެއް ބޯލުމުގެ އެދުންވާތީއެވެ.

ހުނުމުގެ އަޑާއި ތަފާތު ހިޔާލުތަކުގެ މަޝްވަރާތައް ކުރެވެމުންދިޔަ އަޑު ސުފުރާމަތީ އެއްއަޑަކަށްވެފައިވެއެވެ. ޒައުލްގެ ހިމޭންކަން ލާއިގާއަށް ފާހަގަ ކުރެވެން މާގިނައިރެއް ނުނެގިއެވެ. ލާއިގާ އެއްފަހަރު ސިއްރުން ކިހިނެއްވެފަތޯ ސުވާލުކުރިއެވެ. ނަމަވެސް އެދެވޭ ޖަވާބެއް އޭނައަކަށް ނުލިބުނެވެ. ލާއިގާ މެންނަށް ހާޒިމްގެ އާއިލާ އާއި ވެކިވެގެން ގެއަށް އާދެވުނީ ބާރަވެސް ޖަހާ ބޮޑުވިފަހުންނެވެ. ލޫލުއާ އާއި އިލާކް އެމީހުންގެ ކޮޓަރި އާއި ދިމާލަށް ހިނގައިގަތް ހިނދު ޒައުލްވެސް އޭނަގެ ކޮޓަރިއަށް ދިއުމުގެ ހުއްދައަކަށް ލާއިގާގެ ގާތުން އެދުނެވެ. ލާއިގާ ހިނިތުންވުމަކާއިއެކު ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. އެހެނީ އޭނައަށްވެސް ވަނީ ވަރުބަލިކަމެއް އިޙްސާސް ކުރެވިފައެވެ. އޭގެ އިތުރުން ބޭނުންވިގޮތަށް ހުރިހާ ކަމެއް ވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއްވަނީ ލިބިފައެވެ.

ކޮޓަރިއަށް ވަތް ލޫލުއާ އަވަސްވެގަތީ ނިދަން އޮށޯތުމުގެ ކުރިން ތާޒާވެލާށެވެ. ނަމަވެސް ފާހާނާގައި ހަމަޖެހިލައިގެން ހުރެ ގައިދޮވެލާނެ ފުރުޞަތެއް ނުދިނީ އޭނަ ގެންގުޅޭ މޯބައިލް ފޯނެވެ. އެނދުގެ ފައިލޯކޮޅުގައި ހުރި ދިގު ގޮނޑީގެ މަތީ ބާއްވާލެވިފައި އޮތް ކްލަޗްގެ ތެރެއިން ފޯނުގެ ރިންގުގެ އަޑު ފާހާނާގައި ހުރި ލޫލުއާއަށް އިވުނީ ކިތަންމެ ފަނޑުކޮއްނަމަވެސް އެއަޑަށް އޭނަގެ ކަންފަތް ސަމާލުވިއެވެ. އަދި އަވަސް އަވަސް ކޮއްލައިގެން ފާހާނާއިން ނުކުތީ އެކޯލުގެ އިންތިޒާރުގައި ހުރި މީހަކު ފަދައިންނެވެ. ފޯނާ ހަމައަށް ނުދެވެނިސް ފޯނުގެ ރިންގު ކެނޑިއްޖެއެވެ. ތުވާލިކޮޅު އޮޅާލައިގެން ހުރި ލޫލުއާ ކްލަޗްގެ ތެރެއިން ފޯނު ނެގުމަށްފަހު ބަލާލީ ހާޒިމްކަން ގުޅީ ޔަގީންވާފަދަ ނަޒަރަކުންނެވެ. އަވަސް އަވަހަށް ސްޕީީޑް ޑަޔަލްއަށް ލެވިފައިވާ ހާޒިމްގެ ނަންބަރަށް އޮބާލިއެވެ.

ރީތިވާ މޭޒުގައި ދެއަތްވިއްދާލައިގެން އިސްޖެހިފައިހުރި ޒައުލް އިސްއުފުލާލަމުން ލޯގަނޑަށް ބަލާލިއެވެ. އެމޫނުމަތިން ހީވަނީ ކޮންމެވެސް ކަމަކާ ފިކުރު ބޮޑުވެފައިވާހެނެވެ. ވެދާނެއެވެ. ޔޫހާ އާއި އޭނަގެ އާއިލާ އާއި ބައްދަލުކުރުން އޭނަ ހީކުރިހާ ފަސޭހަކަމަކަށް ނުވީމަކަންނޭގެއެވެ. ނޫނީ މީގެ ކުރިން ދުވަހަކުވެސް ގާތްމީހުންނަށް ދޮގު ހަދާ އޮޅުވާނުލިޔަސް މިހާރު އެކަންވެސް ކުރެވެންފެށީމަ ކަންނޭގެއެވެ. ފުންނޭވާއެއް ބޭރުކޮއްލުމަށްފަހު އަތުކުރީގައި އޮތް ގަޑި ނައްޓާލުމަށްފަހު ރީތިވާ މޭޒުގެ މަތީ ބާއްވާލިއެވެ. އަދި ލައިގެން ހުރި ގަމީހުގެ މަތިންފެށިގެން ދެތިން ގޮއްނައްޓާލުމާއިއެކު ޖީބަށް ކޮއްޕާލި އެއްއަތުން އޭނަގެ ފޯނު ނަގާ އޭގެ ސްކީރީން ދިއްލާލިއެވެ. ދެމިސްކޯލު އިންކަން އޭނައަށް އެނގުނީ އަދިކިރިޔާއެވެ. ފޯނު ސައިލެންޓަށް ލާފައި އޮތުމުން ކުރިން ނޭގުނީއެވެ. އޭނައަށް ގުޅާފައި އޮތީ ކާކުތޯ ބަލާލީ ހިތުން ޔޫހާއަށް ވާނެނަމޭ ބުނަމުންނެވެ. ނަމަވެސް ވީ އެހެނެއްނޫނެވެ. ގުޅާފައި އޮތީ ޝާއިންނެވެ. އޭގެ ފަހުން މިހާރު ހަތަރުވަރަކަށް ގަޑިއިރު ފާއިތުވެ ހިނގައްޖެއެވެ. އެހެންވެ ޒައުލް ނިންމީ ހެނދުނުން ޝާއިންއަށް ގުޅާލާނީ ކަމުގައެވެ.
ފާހާނާއަށްވަދެ ތާޒާވެލައިގެން ނުކުތް ޒައުލް ބޮލުގެ އިސްތަށިގަނޑު ހިއްކާލުމާއިއެކު އަތުންވެސް ފޮޅާލިއެވެ. އަދި ނިދަން ތައްޔާރުވެލައިފަވެސް ކޮޓަރިން ބޭރަށް ބޯދިއްކޮއްލިއެވެ. މީހެއްގެ ހިލަމެއްނުވުމުން އޭނަ ހިނގައިގަތީ ޓެރެސްއަށް އަރަން ހުރި ސިޑިއާއި ދިމާލަށެވެ.
ރެއިލިންގައި ހިފަހައްޓާލުމާއިއެކު އުޑަމައްޗަށް ޒައުލް ބަލާލިއެވެ. ހަނދުވަރުގެ އަލިކަމެއްނެއްތަނުގައި ތަރިތަކުގެ ވިދުންވެސް ފަނޑުކަމަށް ދައްކައެވެ. އެގޮތަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު އޭނަގެ ފޯނު ނަގާ ޔޫހާއަށް ގުޅާލީ އެއްވެސް ވިސްނުމަކާއިނުލައެވެ.
"ހެލޯ..." ގަދަ ލޮއެވިރުވާލާފަދަ ޖާޒުބީ އަޑަކުން ޔޫހާ ބުނެލިއަޑު ޒައުލްއަށް އިވުނެވެ. ކުޑަނަމަވެސް ހިނިތުންވުމަކާއިއެކު ޒައުލްއަށް ދެލޯ މަރާލެވުނީ ހިތަށް ފިނިކަން ލިބިގެން ދިއުމުންނެވެ.
"ނިދަނީތަ" ޒައުލް އަހާލިއެވެ.
"ނޫން..." ޔޫހާ މަޑުމައިތިރި ރާއްގެއްގައި ބުނެލިއެވެ.
"ކިޔާން ނިދީތަ؟" ޒައުލްއަށް މިހާއިރު ކިޔާން އޮންނާނީ ނިދާފަކަން ޔަގީންވާއިރުވެސް އަހާލިއެވެ. ހަގީގަތުގައި އޭނަ ބޭނުންވަނީ ޔޫހާ ގެނެސް އެއަތުގެތެރެއަށް ލާ ބާރުކޮއްލުމަށެވެ. އަދި އޭނަ އާއި ޔޫހާ ކުޑަ ހިނދުކޮޅަކަށްވެސް ދުރަށް ނުދިއުމެވެ. ލޯބިވާވަރު އެދުލުން އެހުރިހާ ވަގުތަކު ހާމަކުރުމަށް ޒައުލްގެ ހިތް ބޭނުންވެއެވެ. ނަމަވެސް އެއިން އެއްވެސް ލަފްޒެއް ދުލުން ހާމަކުރުމަކީ ފަސޭހަކަމަށް އޭނައަކަށް ނުވެއެވެ. ހުދު ޔޫހާގެ ހާލަކީވެސް އެއީއެވެ. ޔޫހާވެސް އަދިވެސް ޒައުލްނޫން މީހަކަށް އިންތިޒާރެއް ނުކުރެއެވެ. ޒައުލްގެ އަންބަކަށް ވާނެ ދުވަހުގެ އިންތިޒާރެވެ. މިހާރު އެހިތްރޯނަމަ ރޮނީ އުފަލުންގޮހެވެ. ގެއްލިގެންދިޔަ ލޯބި އަނބުރާ ލިބުމުގެ އުފަލުގައެވެ. މިދުނިޔޭގައި އެމީހެއްގެ އަންބަކަށް ވާން ބޭނުންވި އިންސާނާގެ ބައިވެރިޔާއަށް ވުމުގެ ހުވަފެން ހަގީގަތަކަށް ވާން އުޅޭކަމުގެ އުފާވެރި ޚަބަރުންނެވެ.
"ނިދާފަ އޮތީ" ޔޫހާ ބުނެލިއެވެ.
"ކީއްކުރަނީ" ޒައުލް އަހާލިއެވެ.
"ކޮފީއެއް ބޮނީ" ޔޫހާ ޖަވާބުދެމުންދިޔައީ ޒައުލް ކުރާ ސުވާލުތަކަށެވެ.
"ކޮންތާކު، އަދިވެސް ޑިއުޓީ ނިންނާމަ ގެއަށް ނާންނަންތަ؟" ޒައުލްގެ އަޑު ބަދަލުވެގެންދިޔަވެ.
"ނޫން ނޫން، ބޭރުގައެއްނޫން، ގޭގަ މިހުރީ" ޔޫހާ އަވަސް އަވަހަށް ބުނެލިއެވެ.
"އަހަރެން ވާހަކައެއް ބުނަންތަ" ޒައުލް އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ބުނެލިއެވެ.
"ހޫމް" ޔޫހާ ހޫން ލައްވާލުމާއިއެކު ޒައުލް ވާހަކަދައްކަން ފެށިއެވެ.
"ކުރިން އަހަރެން ބޭނުމެއްނޫން ޔޫހާގެ އެއްވެސް ކަމަކަށް ހުރަސް އަޅާކަށް....އެކަމަކު، އަހަރެން ކަމަކަށް އެދެފިއްޔާ އެކަން ކޮއްދޭނަންތަ؟" ޒައުލް ވަރަށް ވިސްނާފައި ވާހަކަދެއްކީ ލަސްލަހުންނެވެ.
"ކީއްވެ މިހާރު ކަމަކަށް ތިއެދެނީ، ޒައުލްގެ ހިޔާލު ބަދަލުވީ ދޯ..." ޔޫހާގެ އަޑަށްވެސް ތަފާތުކަމެއް އަތުވެއްޖެކަން ޒައުލްއަށް ނަގައިގެނެވުނެވެ.
"އަހަރެން އަދިވެސް ޔޫހާ އާއި ގުޅެން ބޭނުންވޭ، އެކަމަކު...ޔޫހާއަށް އެނގޭނެ އަހަންނަކީ ކާކުކަން އަދި އަހަރެންގެ އާއިލާއަކީ ކިހާވަރެއްގެ ކޮންބައެއްކަން، ޔަގީނުންވެސް އަހަރެންގެ ބައްޕަގެ ނަން އެތަށް ފަހަރަކު ޔޫހާއަށް އަޑުއިވިފަ އޮންނާނީ...." ޒައުލްގެ ވާހަކަ ޔޫހާ މެދުކަނޑާލިއެވެ.
"އަހަންނަކީ ރާއްޖެތެރެއަށް އުފަން ނިކަމެތި އަންހެން ކުއްޖެއް، އަހަރެންގެ ބައްޕަނެއް ދަރިއަކު ހުރޭ...ދިރިއުޅެނީ އެއްވެސް ގުޅުމެއްނެއް ހިލޭ ފިރިހެނަކާއިއެކު އޭނަގެ އާއިލާއަކީ އަހަރެންގެ އާއިލާ ކަމުގައި ދެކިގެން....ޒައުލް އަހަންނާ ގުޅެން ބޭނުންވާއިރު މިކަންތައްތައްވެސް އެނގޭނެ ކަންނޭގެ، އަހަރެން ދުވަހަކުވެސް ޒައުލްއަށް ކަމެއް އޮޅުވައެއްނުލަން، ކުރިންވެސް އެނގުނު ޒައުލް ބޭނުންވިޔަސް އަހަންނާ ގުޅުމަކީ ވާނެކަމެއްނޫންކަން....ދަރަޖައިގެ ތަފާތުކަން..." ޔޫހާގެ މޮޅިވެރިއަޑާއިއެކު ލީ ފުންނޭވާ ޒައުލްގެ ހިތަށް އުނދަގޫކުރުވިއެވެ. ކައިރީގައި ޔޫހާ އިންނަމަ އެރީތި މޫނުގައި އެވަގުތު ޒައުލް ބޮސްދޭނެކަން ގައިމެވެ.
"ތީ އަހަރެން ގަބޫލުކުރާ ވާހަކައެއްނޫން، އެކަމަކު އެހެންމީހުންނަށް އެކަމެއް ނުވިސްނޭނެ...އަހަރެން ނުބުނަމެއްނު އެއްފަހަރުވެސް ޔޫހާ އާއި ގުޅެން ބޭނުންނުވެގެނޭ މިއުޅެނީ، އަހަރެން ބޭނުންވާގޮތެއްނޫން އެއީ ޔޫހާ މީހުންގެ ލޮލުގައި އަޅައިގަތުން، އަހަރުމެން ދެމީހުންގެ ގުޅުމުގެ ސަބަބުން ގިނަބައެއްގެ ސަމާލުކަން ޔޫހާއަށް ހުއްޓޭކަށް އަހަރެން ބޭނުމެއްނޫން، އޭރުން ތަފާތު ވާހަކަތައް ދެކެވެން ފަށާނެ، އިވޭކޮންމެ ވާހަކައަކީ ތެދަކަށްނުވިޔަސް އަޑުއަހަން އެހާ ފަސޭހައެއްނުވާނެ، އަހަރެން ބޭނުމެއްނޫން އެފަދަ އަޑުތަކާއިހެދި ޔޫހާ ދެރަވެގެން އުޅޭކަށް...އަހަރެން ބޭނުންވަނީ....ޔޫހާ....ޔޫހާ ޑިއުޓީއަށް ދިއުން ހުއްޓާލަން، އަހަރެން ހަރަދު ކުރާނަމޭ ޔޫހާއަށާ ކިޔާންއަށް..." ޒައުލް އެންމެ ފަހު ޖުމްލަ ބުނެލީ ޖެހިލުންވެފައި ހުރެއެވެ.
"ޒައުލް....ކީކޭތަ ތިކިޔަނީ، އަހަރެންގެ ވަޒީފާ ދޫކޮއްލަންވީއޭ....އެކަމަކު އޭރުން..." ޔޫހާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އޭނަ ވަޒީފާއިން ވަކިވާކަށް ބޭނުމެއްނޫނެވެ. ޒައުލް ކުރިން އޭނަގެ ކައިރީ ދެއްކި ވާހަކަ އާއި މިހާރު އެދެއްކާ ވާހަކަ ބަދަލުވެއްޖެއެވެ.
"ޕްލީޒް ޔޫހާ، ޓްރައި ޓު އަންޑަސްޓޭންޑް...އަހަރެން ބޭނުމެއްނޫން ޔޫހާއޭ ކިޔައިގެން މީހުން ދައްކާ ވާހަކަ އެއްގޮތަކަށްވެސް އަޑުއަހާކަށް...ޕްލީޒް ޔޫހާ، މިކަމާ ގަބޫލުވޭ، އަހަރެން ތިދެމައިންނަށް އެއްވެސް ކަމެއް އުނިވިޔަކަ ނުދޭނަން" ޒައުލް އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

ކޮމެންޓް 0