އައްޔަދު ބުނ ިއެއްޗަކާއިމެދު ޒަރާނާ ވިސްނާލިއެވެ. އެހެންނަމަވެސް އަދިވެސް އޭނަ އެނގެން ބޭނުންވާ ކަމެއް އެބައޮތެވެ. އައްޔަދުގެ ފަރާތުން އޭނައަށް އެކަން ޔަގީންވާންޖެހެއެވެ. އައްޔަދުފަދައިން ޒައުލްއަކީވެސް އޭނަގެ ދަރިއަކަށްވާތީއެވެ.
"ދަރިފުޅު ޔޫހާދެކެ އެއްވެސް ވަރަކަށް ލޯބިވޭތަ، އޭނައަށް ގުޅެން ނިންމި ނިންމުމަކީ ދަރިފުޅު ބޭނުންވެގެން ނިންމި ނިންމުމެއްތަ" ޒަރާނާގެ މޫނުމައްޗަށް އެތަށްކުލައެއް އަރާ ފައިބަމުންދިޔައެވެ.
"ނޫން... އަޅުގަނޑަށް ޔޫހާ ކަމުދިޔަ އޭނަ އާއި ވަރަށް ގަޔާވެވުނު، ކުރިން ލޯބިވެވެނީ ކަމުގައި ހީކުރެވުނަސް މިހާރު އެނގިއްޖެ އެއީ އަދި ލޯތްބެއް ނޫންކަން، ޔޫހާ ވެސް ބޭނުމެއް ނުވޭ ޒައުލް ނޫން މީހަކާ ގުޅޭކަށް، އެކަމާ އަޅުގަނޑު ފާޑުކިޔާކަށްނެތިން، ޔޫހާ އުފާވާ ކަމަކަށް ވަންޏާ އެކަމަކަށް ހުރަސް އެޅުމުގެ ބޭނުމެއްނެތް... މަންމާ... އަޅުގަނޑަށް ހީވަނީ ޔޫހާ ވަރަށް ވިސްނާފަހެން ޒައުލް އާއި ކައިވެނި ކުރަން އެނިންމީ، ޔޫހާގެ ވާހަކަތަކުން އަޅުގަނޑަށް އެނގުނު ގޮތުގައި އޭނަ ޒައުލްއަށް އިތުބާރުކުރޭ، ކީއްވެކަމެއް ނުވިސްނުނު، އެވަގުތު ގަބޫލުކުރަން ވެސް ދަތިވި..." މިހެންބުނެ އައްޔަދު ފުންނޭވާއެއް ބޭރުކޮށްލުމާއިއެކު އިސްޖަހާލި އެވެ.
"ޔޫހާގެ ދިރިއުޅުމުގެ ތެރެއަށް އަހަރުމެން ނުވަނުން އެންމެ ރަނގަޅުވާނީ... ދަރިފުޅާ، ކޮންމެވެސް އެއްޗެއް ކާލަންވީނު، މަންމަ ހުންނާނެ ދަރިފުޅަށް އެއްޗެހި ނަގާފަ" ޒަރާނާ އައްޔަދުގެ އަތުގައި އަތްޖައްސާލަމުން ބުނެލި އެވެ.

ކޮޓަރިތެރެއަށް ވަތް ޒައުލް އެނދުގައި ނިދާފައި އޮތް ކިޔާންއަށް ބަލާލި އެވެ. އަދި އެއްމިޔަކަނުން ހިނިތުންވެލެވުނީ އޭނަގެ ސިކުނޑީގައި އެދަރިފުޅުގެ ސަމާސާ ހަރަކާތްތައް ބިންވަޅުނެގިފައިވާތީ އެވެ. އެހެންނަމަވެސް އެނދުގައި އިށީނުމާއިއެކު އޭނަގެ މޫނުމައްޗަށް ހާސްކަންވެރިވެގެން ދިޔަތަން ޔޫހާއަށްވެސް ފެނުނެވެ.
"ކަމެއް ގޯސްވީތަ؟" އެނދުގައި އިން ޒައުލްގެ ކުރިމައްޗަށްވާ ގޮތަށް އޭނާ އާއި ދެ ތިން ފިޔަޅު ދުރުގައި ހުރި ޔޫހާ އަހާލި އެވެ.
"އެންމެން ބޭނުންވަނީ އަހަރެން އެސްތާ އާއި ކައިވެނިކުރަން، މާދަމާ ކޯޓަށް ދާން ވެސް ޖެހޭ، ދެ ދުވަހެއްގެ ތެރޭ އަހަރުމެންގެ ކައިވެނި ކުރެވޭނެ ކަމަށްވަނީ... ޔޫހާ... ކޮންމެ ހާލެއްގަވެސް އަހަންނާއިއެކު އުޅޭނަންތަ؟" ޒައުލް ޔޫހާއަށް ފުންނަޒަރަކުން ބަލާލި އެވެ. އާނއެކޭ ބުނުމުގެ ގޮތުން ޔޫހާ އަވަސް އަވަހަށް ބޯޖަހާލި އެވެ.
"ދެ އަންބަށްވިޔަސްތަ" ޔޫހާ ބޯޖަހާލުމާއިއެކު ޒައުލް ބުންޏެވެ. އެހިނދު ޔޫހާއަށް ހުއްޓުމެއް އައިއެވެ. މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނެވެ. ޔޫހާއަށް ބަލަހައްޓައިގެން އިން ޒައުލް ތެދުވެއްޖެ އެވެ. މަޑުމަޑުން ހިނގާލާފައި އައިސް ޔޫހާގެ ގާތުގައި މަޑުކޮއްލައިފ ިއެވެ. ޒައުލް ބުނި އެއްޗެއް ޔޫހާއަށް ސާފުކޮށް އިވުނެވެ. ނަމަވެސް ޒައުލް ޔޫހާއަށް ދެވަނަ އަންބެއްގެ މަގާމުދޭން ގަސްދުކޮއްފާނެއެކޭ އޭނަ ހިތަކަށް ނާރައެވެ. ދޭނެ ޖަވާބެއް އޭނައަކަށް ނޭނގުނެވެ. އެސްފިޔަތައް ތިރިކޮއްލުމާއިއެކު ޒައުލް އާއި ދުރަށް ޖެހިލުމަށް އޭނަ އެނބުރުނެވެ.
"ޔޫހާ، އަހަންނަށް ޖަވާބެއް ނުދޭނަންތަ" ޒައުލް ޔޫހާ އެނބުރުނު ދިމާލަށް ފިޔަވަޅެއް އަޅާލުމާއިއެކު ބުނެލިއެވެ. އޭނަ ބޭނުންވަނީ ޔޫހާ އޭނަ އާއި ކުރިމަތިލައިގެން ހުރެ ޖަވާބެއް ދިނުމަށެވެ.
"ޒައުލްއަށް ދެ އަނބިން ގެންގުޅެވޭނެތަ؟" އިސްއޮބާލައިގެން ހުރި ޔޫހާ ޖަވާބު ދިނުމުގެ ބަދަލުގައި ކުރީ ސުވާލެކެވެ.
"ކީއްވެ ނުބެލެންވީ، އަހަރެންގެ އަތުގަ ފައިސާ އެބަހުރި، ދެ އަނބިން ވެސް އުފަލުގަ ގެންގުޅެވިދާނެ" ޒައުލް ދެބުމަށް ކައިރިކޮށްލަމުން ކުރިއަށްވުރެ ވެސް ބޮޑަށް ޔޫހާގެ މޫނަށް ނަޒަރު ހިންގާލި އެވެ.
"އަހަންނަށް އެނގޭ ޒައުލްއަށް ފައިސާ ހަރަދު ކުރެވިދާނެކަން، އަހަރެން އެނގެން ބޭނުންވަނީ ޒައުލްއަށް ދެ އަނބިންނަށް އެއްވަރަށް ލޯބިދެވިދާނެތޯ، ޒައުލް އަހަންނާ ކައިވެނި ކުރާއިރު އަހަރެންގެ ދަރިއަކު ވެސް އެބަހުރި، އެދަރިފުޅަށް ބައްޕައެއްގެ ލޯބިވެސް ދޭންޖެހޭނެ... އެންމެ ޒިންމާއެއްނޫން ޒައުލްގެ ބޮލުގައި އޭރުން އެއެޅެނީކީ... ބުނެބަލަ، ޒައުލް އާއިއެކު އުޅެން ދެ އަނބިން ގަބޫލު ނުވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް؟" ޔޫހާ އޭނަގެ ހިތާ ސިކުނޑިއަށް ވެރިވަމުންދިޔަ އިޙްސާސްތައް ކޮންޓްރޯލު ކުރާ ހާލުގައި ބުނެލިއެވެ.
"އަހަރެން ދެ އަނބިންނަށް ވެސް ހަމަހަމައަށް ލޯބިދޭނަން، އަދި ކިޔާންއަކީ ހަމައެކަނި ޔޫހާގެ ދަރިއެއް ނޫން، އެއީ އަހަރެންގެ ވެސް ދަރިއެއް، ދެއަނބިން ހިތްހަމަނުޖެހުނަސް ދެމީހުން ޖެހޭނީ އެކުގައި އުޅެން މަސައްކަތް ކުރަން، އަހަންނަށް ޔަގީންވޭ ޔޫހާ އާއި މައްސަލައެއް ނުޖެހޭނެކަން އެހެން އަންހެނަކާ، އަމިއްލަ ނަފްސަށްވުރެ ވެސް ބޮޑަށް އެހެންމީހުންނާއިމެދު ވިސްނާމީހެއްތީ، މީހަކު ނުބުންޏަސް އަހަންނަށް އެކަން އެނގޭ... ދެންކީއްވެ މައްސަލަޖެހެންވީ، ޔޫހާ އަހަރެން ކައިރީ ބުނެދެންވީ ޔޫހާގެ ޖަވާބަކީ ކޮބާކަން މިކަމަށް، ދެއަންބަށް ވެސް އިންނާނަންތޯ" ޒައުލް ޔޫހާގެ ދެއަތުގެ މުލައްދަނޑީގައި ހިފާލަމުން ބުނެލި އެވެ.
"ހޫމް..." ޔޫހާ މަޑުމަޑުން ބޯޖަހާލަމުން ހޫންލައްވާލި އެވެ. އެއާއިއެކު ޒައުލް ޔާހާ ގެނެސް އޭނަގެ މޭގައި ބޮނޑިކޮއްލައިފި އެވެ. ކުޑަހިނދުކޮޅޭއްގެ ތެރޭ ކޮޓަރިތެރެއަށް ޒައުލްގެ މަޑުހުނުމުގެ އަޑުފެތުރިގެންދިޔަ އެވެ. ޔޫހާއަށް ހައިރާންކަން ލިބިގެންދިޔަ އެވެ. އެހެންނަމަވެސް ޒައުލް އޭނަގެ އަތުގެތެރޭން ޔޫހާ ދޫކޮއްލާ ހިޔާލެއް ނުކުރިއެވެ.
"ޒައުލް..." ޔޫހާ މަޑުމަޑުން ބުނެލިއެވެ. އެހިނދު ޒައުލް ޔޫހާ ގަޔާދުރުކޮއްލަމުން ވާހަކ ަދައްކަން ފެށިއެވެ.
"އަހަރެން ބޭނުންވި ޖަވާބު ޔޫހާގެ ފަރާތުން ލިބުނީ، ވަރަށް އުފާވި އެޖަވާބު އަޑުއިވިފަ... ތެދަށް ބުނަންތަ، އަހަރެން ޔޫހާ ނޫން މީހަކާ ކައިވެންޏެއް ނުކުރާނަން، މާމަ އާއި ބައްޕަ ކިތަންމެ ބޭނުންވިޔަސް އަހަރެން އެސްތާ އާއި ކައިވެނިކުރާކަށް ބޭނުމެއް ނޫން، އަހަންނަށް ޔޫހާ ނޫން މީހަކުދެކެ ލޯތްބެއް ނުވެވޭނެ، އަހަރެން ބޭނުންވީ ޔޫހާ އަހަރެންދެކެ އަދިވެސް ލޯބިވޭތޯ ބަލާލަން..." ޒައުލް ހިނިއައިސްފައި ހުރެ ބުނެލިއެވެ.
"އެހެން ބުނެގެންތަ ލޯބިވާކަން އެނގެނީ... އަހަރެން ލޯތްބެއް ނުވޭ ޒައުލްދެކެ..." ޔޫހާ ލޯއަޅާލަމުން ތުން އަނބުރާލި އެވެ. އަދި މެޔާއިދިމާލުން އަތްހުރަސްކޮއްލާފައި އެއްފަރާތަކަށް އެނބުރުނެވެ. ޒައުލްއަށް އެރުޅިވެރި މޫނުގެ އަނެއްފަރާތުގައިވާ ލޯބި އެހަރަކާތުންވެސް ފެނިގެންދިޔަ އެވެ.
"އެކަމަކު އަހަރެން ވަރަށް ލޯބިވޭ، އަހަންނަށް އެނގޭ ޔޫހާވެސް އަހަރެން ނޫން މީހެއްދެކެ ލޯބިނުވާކަން... އޯކޭ ނުބުންޏަސް..." ޒައުލް ޔޫހާގެ ފުރަގަހުން އޭނަގެ ގައިގާ ބައްދާލި އެވެ. އަދި ލުއި ހީނލުމަކުން އޭނަގެ ފިރިހެންވަންތަ ބަރުއަޑުން ހީނލިއަޑުއިވުނެވެ. ރުޅިމޫނު ދައްކަން މަސައްކަތްކުރި ޔޫހާގެ ތުންފަތުގައިވެސް ލޯބިިވެތި ހިނިތުންވުމެއް އެވަގުތު ދުވެލިއެވެ.
"ކައިވެނި ކުރަން ހަމަޖެހިފަ އޮތީ ޕާކްވިއު ހޮޓެލްގަ ހުންނަ އަހަރެންގެ ކޮޓަރީގަ، ޝާއިން އާއި އަފޫގެ އިތުރުން އެހެންމީހަކު އެތާ ހުންނަން ޔޫހާ ބޭނުންތަ" ޒައުލް ބޯއަރިކޮއްލަމުން ޔޫހާއަށް ބަލާލިއެވެ.
"ނޫން، ދެންކާކު ހުންނާނީ" އެހެންބުނިއިރު ޔޫހާގެ އަޑުގައިވި އަސަރު ޒައުލްއަށް ނަގައިގަނެވުނެވެ.
"އަހަރެން ހީކުރީ ޔޫހާގެ މަންމަމެންގެ ވާހަކަ ބުނާނެ ކަމަށް، އެކަމަކު ކައިވެނި ކުރަން ދެ ދުވަހަށް ވީއިރުވެސް ޔޫހާގެ މަންމަމެންގެ ހިޔާލު ހުރިގޮތުގެ ވާހަކައެއް އަހަންނަށް ކިޔައެއްނުދޭ، އެނގޭ ޔޫހާ އެމީހުންނާ ވާހަކަ ދައްކަން ބޭނުން ނުވަނީކަން، އެކަމަކު އަހަރެން ބޭނުން އެމީހުންނާ ބައްދަލުކުރަން... އަހަރެން ބޭނުން ޔޫހާއަށް ކިޔާން ދިންމީހަކީ އަހަރެންކަން އެމީހުންނަށް އެނގެން، އާފެށުމަކުން ފެށުމަކީ އެއީ، އަހަރުމެންގެ ގާތް ހުރިހާ އެންމެނަށް ހަގީގަތް އެނގިފަ އޮތުން، އަހަރެން ޔޫހާއަށް އެންގުމަކާއި ނުލާ ނިންމުމެއް ނިންމައިފިން، އެކަމަކު އެކަންވެސް ލަހެއްނުވެ އެނގޭނެ، ކައިވެނި ކުރުމަށްފަހު" ޒައުލް ބުނެލިއެވެ.
"އަހަރުމެން ކައިވެނި ކުރުމަށްފަހު އުޅޭނީ ކޮންތާކު" ފަހަކަށް އައިސް ޔޫހާގެ ހިތަށް އަބަދުހެން އަރާ ސުވާލެއް އޭނަ ޒައުލް އާއި ކުރިއެވެ.
"ހޮޓެލުގަ..." ޒައުލް ވަރަށް ފަސޭހައިން ބުނެލި އެވެ. އެއާއިއެކު ޔޫހާ ވަގުތުން އިސްއުފުލާލަމުން އޭނައަށްވުރެ އިސްކޮޅުން ދިގު ޒައުލްގެ މޫނަށް ބަލާލި އެވެ. ޒައުލް ހުރީ އޭނަގެ ފަހަތުގައި ކަމަށްވާތީ ޒައުލްގެ މޫނަށް ބެލުން ޔޫހާއަށް އުނދަގޫ ކަމަކަށް ވެ ދުރަށް ޖެހިލަން އުޅުނެވެ.
"ހޮޓެލަކު ނޫނޭ... ދުރަށް ނުދޭބަލަ، ކައިވެނި ކުރެވެންދެން މަޑުކޮށްބަލަ، އޭރުން ޔޫހާއަށް އެނގޭނެ އަހަރެން ޔޫހާ ގެންދަނީ ކޮންތާކަށްކަން، ހުރިހާ ކަމެއްވެސް އަހަރެންވާނީ ރާވާ ނިންމާފަ" ޒައުލް ވާހަކަ ދެއްކީ ވަރަށް ހަމަޖެހިލާފައެވެ. ޒައުލްގެ މޫނުމަތިން އޭނަ އެކޮޓަރިއަށް ވަންއިރު ފެނުނު ނުތަނަވަސްކަމެއް މިހާރަކު ނެތެވެ.
"މައްސަލައެއްނެތް، ޒައުލް ނިންމާގޮތެއް އަހަންނަށް އެންމެ ރަނގަޅު، ދެން ބުނެބަލަ، މިރޭ އައިގޮތުން ހީވީ ކޮންމެވެސް ކަމަކާ ވަރަށް ހާސްވެފަ ހުރިހެން" ޔޫހާ ބުންޏެވެ.
"އާން، ހަވީރު ގެއަށް ދާން ބޭނުންނުވެފަ ހުރެ ގެއަށް ދިޔައީވެސް، ގެއަށްވަތްއިރު މާމަގެ ކުރިމަައްޗަށް އަހަންނަށް ވަދެވުނީ، ދެން އެނގެއެއްނު މާމަ ދައްކާނީ ކޮން ވާހަކައެއްކަން، އަހަރެން ނުގަބޫލަސް އެސްތާގެ އާއިލާ މީހުންނާ އަހަރުމެން ދެމީހުންގެ ކައިވެނީގެ ވާހަކަ ދައްކާނަމޯ ބުނީ، ބައްޕަ ހޯދާ ވާހަކަ ބުނީމަ ބައްޕަގެ ގާތަށް ދެންދިޔައީ، ބުނީ މާމަ އާއި ދެބަސް ނުވާށޯ، މާމަ ގޯސް ނިންމުމެއް ނުނިންމާނެއޯ، އެކަމަކު މީ އަހަރެންގެ ދިރިއުޅުމެއްނޫންތަ، އަހަރެން ބުނިން މާމަ އާއި ބައްޕަ އަހަންނަށް ކޮއްދިން ހުރިހާކަމެއް ހަނދާނެއް ނުނެތެއޭ، އަދި ނުވެސްނެތޭނެއޭ... އެކަމަކު ލޯބިނުވާ މީހަކާ އިނދެގެނެއް ނޫޅެވޭނެޔޭޭ، ޔޫހާ ދުނިޔޭގެ ހުރިހާ ދުވަހަކު އަހަންނަށް އެހެން އަންހެނަކާ ދިމާލަށް ބަލައެއްނުލެވޭނެ... ޔޫ އާ މައި އެވްރިތިންގް... ހިތަށްއަރާ އެމީހުންނަށް ނުވިސްނެނީ ކީއްވެބާއޭ، ކިޔާންއަކީ އަހަރެންގެ ދަރިއެއްކަން ގަބޫލުކުރަން އެމީހުންނަށް އެންމެ ފަސޭހަވާނީވެސް" ޒައުލް ފުންނޭވާއެއް ބޭރުކޮއްލީ ސިކުނޑިން އެހިޔާލުތައް ނެރެލަން ބޭނުންވިފަދަ ގޮތަކަށެވެ.
"އިރާދަކުރެއްވިއްޔާ އަދި ވިސްނޭނެ ދުވަސްވެސް އަންނާނެ" ޔޫހާ ބުނެލިއެވެ.
"ހޫމް އެހެންވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު... އަހަރެން ވަންއިރު ސިޓިން ރޫމުގައި ޝާއިން އާއިއެކު އެއިނީ ކޮންއަންހެން ކުއްޖެއް" ޒައުލް އަހާލިއެވެ. ޔޫހާ އޭނައަށް ރޮޒޭންގެ ޚަބަރު އޮޅުން ފިލުވާދިނެވެ. ދެމީހުން އެކި ވާހަކަތައް ދެއްކުމުގައި ކޮޓަރިތެރޭ ތިއްބެވެ. އެހެންތިބިއިރު ޔޫހާ ޒައުލްގެ ކޮންމެ ހަރަކާތަކަށް ޚާއްޞަކަމެއް ދެމުންދިޔައެވެ. ލޯތްބާއިއެކުއެވެ. ހިތުގައި އުފެދެމުންދިޔަ ލޯބީގެ އޮއެވަރުގައި ޖެހި ނަފްސުގެ މައްޗަށް އޮތްބާރު ގެއްލިދާނެތީ ބިރުން އިނދެއެވެ. ނަމަވެސް ޒައުލްގެ ކޮންމެ އަދާއެއް އޭނައަށް ސިހުރުޖައްސާފަދަ އެވެ. އެކަމާ އަޅާނުލާ ދޫކޮށްލުމުގެ ބާރުވަނީ އޭނަގެ އަތަކުނޫނެވެ. މޭގައިވާ ހިތް އޭނަގެ ސިކުނޑިއަށް ކިޔަމަނެއްނުވެ އެވެ. ޒައުލްވެސް އޭނަގެ ހިތަށް ކުދިކުދި އުފާހޯދާދިނެވެ. ވާހަކައިގައި ތިބެ ޔޫހާގެ ބުޅިއިސްތަށިތަކާއި އިނގިލިތަކުން ކުޅެލައެވެ. ކަމަކާނުލާ ޔޫހާގެ އަތުގައި ފިރުމާލާނެއެވެ. ކުދިކުދި ބީހުންތަކެވެ. ނަމަވެސް ދެހިތުގެ ވިންދު އަވަސްކުރުވައެވެ. ލޭހޫނުވެ ނޭވާއަސްވެ އަމިއްލަ ނޭވާގެ ހޫނުކަން ދެމީހުންނަށް ވެސް އިޙްސާސްކުރެވެއެވެ.

ކޮމެންޓް 0