"ނޯ އަފޫ... ނޯ... މަންމީ ބަލާ އަފޫ..." އަފްލީން ކިޔާންގެ ކޮލުން ދޮން ނަގަން ފެށުމުން އޭނަ ޔޫހާގެ އެހީއަށް އެދުނެވެ. އެތަން ބަލަންހުރި ޔޫހާ އެހީވުމުގެ ބަދަލުގައި ފެށީ ހޭށެވެ.
"މާލެ އައިދުވަހު އަހަރެން ހީކުރީ ޔޫހާ އަންނާނެ ކަމަށް، އެނގޭތަ ދޮންބެ ފާޑެއްގެ ކައްކާ މީހަކު ގެނެސްފަ ހުންނަނީ، އޭނައަށް ނޭނގޭ ޔޫހާ ރޮށި ފިހާ ގޮތަށް ރޮށި ފިހާކަށް ވެސް، އަދި އެންމެ ނުބައީ ރިހަ ކައްކާފަ ހުންނަ ގޮތް، އޭގަވާވަރަށް އޮންނަންނީ ހުސް ތެޔޮ… އިޔޫ... ހާދަ ނުބަޔޭ..." ކިޔާން ތިރީގައި ބަހައްޓަމުން އަފްލީން ޝަކުވާގެ ރާގެއްގައި ބުނެލި އެވެ. އަދި ކާއެއްޗެހީގެ ނުބައިކަން އޭނަގެ އަނގަޔަށް ޖައްސާލި ވައްތަރާއިއެކު ޔޫހާއަށް ވިސްނުނެވެ. 
"ސޮރީ...އެހެންހީވެގެންނޭ މިއައީ ހެދިކާ ހިފައިގެން، އެއްކަލަ ގޭން" ޔޫހާ އޭނަގެ ކޮނޑުގައި އަޅުވާލައިގެން ހުރި ބޮޑު ދަބަސް ކޮނޑުން ނައްޓާލަމުން ބުނެލި އެވެ.
"ސީރިއަސްކޮށްތަ، ހާދަ ރަނގަޅޭ ޔޫހާ...ގޭގަ ހުރި އެއްޗިއްސަވުރެ ތިހެދިކާވެސް މީރުވާނެކަން އެނގޭ، ޔަގީނުންވެސް ހިތްހަމަޖެހިލައިގެން މިއަދު ހަވީރު ސައިފޮދެއް ބޯލެވޭނެ... ހެ ހެ ހެ" އަފްލީން މިހެން ބުނެ ލާނެތް ގޮތަށް ހީނލިއެވެ. ކިޔާން އަވަސްވެގަތީ އެގޭގެ ހުރިހާ ކޮޓަރިތަކެއް ޗެކުކޮއްލުމަށެވެ. އޭނަ އުޅޭގޮތުން އެގޭގައި އޭނަ ހޭދަކުރި ކޮންމެ ވަގުތުކޮޅެއްގެ ހަނދާން އާލާކުރަން އޭނަ މަސައްކަތްކުރާ ކަހަލައެވެ. ޔޫހާ އޭނަގެ ދަބަހުން ނެގި ހެދިކާ ކޮތަޅު ހިފައިގެން ބަދިގެއާއި ދިމާލަށް ދިޔައެވެ.
ކާމޭޒުމަތީ ހެދިކާތައް ބަހައްޓާފައި އޭނަ ފެން ކައްކަން އުދިއެވެ. އަދި އައިސް ހެދިކާތައް ތައްޓަކަށް އަޅައި ފޮނި އެއްޗިއްސާއި ކުޅި އެއްޗެހި ވަކި ކޮއްލިއެވެ.
"އަފޫ، އައްޔަދުއަށް ކިހިނެއް އެނގުނީ އަހަރެން އިއްޔެކަން މާލެ އައީ" ޔޫހާ ވާހަކައެއް ފެށުމަށް މަސައްކަތްކުރިއެވެ.
"އަހަރެން ބުނީ..." ހީނލާފައި އަފްލީން ބުނެލި އެވެ.
"ހާދަހީވެޔޭ ތިޔަ ދެމީހުން ވަރަށް ގާތްވެއްޖެހެން...ބުނެބަލަ، އަނެއްކާ މީ ރަނގަޅު ހީއެއްތަ" ޔޫހާވެސް އަފްލީނަށް ބަލާލަމުން މިހެންބުނެ ހީނލީއެވެ. އެކަމަކު ޔޫހާގެ ހީނލުމުގައިވަނީ ލާނެތް ގޮތެކެވެ. އަފްލީނާއި ދިމާކުރާފަދަ ގޮތެކެވެ.
"ހޫމް... އަހަރުމެން ދެމީހުން ގިނައިން ފޯނުން ވާހަކަ ދައްކަނީ، އެކަމަކު އަޔާ ވަރަށް ގިނައިން ދައްކާ ޔޫހާ އާއި ޒައުލްގެ ވާހަކަ، ވަރަށް ގިނައިން އަހާނެ ޒައުލް ރަނގަޅު ހޯ ޔޫހާއަށް، ބައެއްފަހަރު ހީވޭ އޭނައަކީ ޔޫހާގެ ބޮޑީގާޑުހެންވެސް، އެހެންނުވާނީ އަޔާ ހީވަނީ ޒައުލް އާއި ހެދި އޮބްސެސްޑްވެފަ ހުންނަ މީހެއްހެން" އަފްލީން ކާމޭޒު ދޮށުގައި އިށީނެވެ. އެވަގުތު ޔޫހާ ކިޔާންއަށް ވަރަށް ބާރަށް ގޮވާލި އެވެ. ދުވަމުން އައި ކިޔާން އުފުލާލާފައި ކައިރީގައި ހުރިތަނުން ގޮނޑިއެއްގައި ބޭންދިއެވެ. އަދި ސައިބޯންވީ ކަމުގައި ޔޫހާ ބުނެލިއެވެ. ކިޔާން މޭޒުމަތީގައި ހުރި ތަށިން ހަނޑުލު ގުޅައެއްނަގާ އަނގަޔަށްލި އެވެ. އެއީ އޭނައަށް ވަކި ކެވޭނެތީއެއްނޫނެވެ. އަނގަޔަށް ލައިގެން ގިނައިރު އުޅެވޭނެ ހެދިކާއަކަށްވީމަ އެވެ.
"އަޔާއާ އަހަރެން ވާހަކައެއް ދައްކަން ބޭނުންވެފަ މިހުންނަނީ، ބުނިން މިގެއަށް އަންނަވާހަކަ... އަފޫ އޭނައަށް ގުޅާބަލަ، ބުނޭ އަހަރެން އައިސް އިން ވާހަކަ" ޔޫހާ ބުނެލި އެވެ. އަފްލީން ޔޫހާގެ އެދުމުގެ މަތިން އައްޔަދުއަށް ގުޅިއެވެ.

ލާއިގާ ދެފައި އެއްތާ ނުޖަހާ ސިޓިން ރޫމުތެރޭ ދެކޮޅަށް ހިނގަމުންދިޔައެވެ. ޔޫހާ ޒައުލްގެ ކާރުގައި ދިޔައީސުރެން އޭނައަށް ހަމަޖެހުމެއް ނުލިބެއެވެ. އިރުކޮޅަކު އެފަދަ ހާލެއްގައި އުޅުމަށްފަހު ސޯފާގެ ކުރިމަތީ ހުރި ބިއްލޫރި މޭޒުގެ މަތީގައި އޮތް އޭނަގެ ފޯނު ނެގިއެވެ. އޭނަ އުޅުނީ ޖަމާލްއަށް ގުޅަންށެވެ. އެހެންނަމަވެސް އޭނައަށް މިހާރު ޖަމާލްއަށްވެސް އިތުބާރެއް ނުކުރެވެއެވެ. އޭނައަށްވުރެ ޖަމާލް ޒައުލްއަށް ވަފާތެރިކަން ލާއިގާއަށްވަނީ އެނގިފައެވެ. އަނެއްކޮޅުން މަންސޫރު ޖަމާލްފަދަ ދުވަސްވީ ނޯކަރެއް ވަޒީފާއިން ވަތްކެއްވެސް ނުކުރާނެއެވެ. ޖަމާލުއަށް ޒައުލްގެ ހުރިހާ ކަމެއްގައި އެހީވުމަށް އަންގާފަވަނީވެސް ހުދު މަންސޫރެވެ. ލާއިގާ ފޯނަށް އަނެއްކާވެސް ބަލާލުމާއިއެކު ހަލުވި ހިނގުމުގައި ދިޔައީ ސިޑިންއަރައިގެން މަންސޫރުގެ ގާތަށް ދިއުމަށެވެ.

ލައިބްރަރީގައި ހުރި ބޮޑު މޭޒުގެ ދޮށުގައި ފޮތްކިޔަން އަޅާކަހަލަ އައިނެއް އަޅައިގެން ފައިލްތަކެއްގައި ހުރި ލިޔުންތަކެއް ބަލަން މަންސޫރު އިނެވެ. އަބަދުވެސް ހުޅުވާލާފައި ހުންނަ ލައިބްރަރީގެ ދޮރުން ވަދެގެން އައި ލާއިގާ މަންސޫރަށް ފެނުނީ މޭޒުގެ އަނެއްފަރާތުން އޭނަގެ ކުރިމަތީ ހުއްޓުމުންނެވެ.
"ޒައުލްގެ އަންހެނުން އެދިޔައީ، ޖަމާލްއަށް އެނގޭނެ އޭނަ ދިޔަތަނެއް، ނުކުމެގެންދަމުން އަހަންނަށް އަޑުއިވަންކަމެއް ނޭނގެ، ފޯނުން ޒައުލް އާއި ވާހަކަ ދެއްކި...ގެއަށް ދާވާހަކަ ދެއްކީ، މަންސޫރު، ޖަމާލްއަށް ގުޅާފަަ އަހާބަލަ ޒައުލްގެ އަންހެނުން ދިޔައީ ކޮންތާކަށްތޯ" ލާއިގާ މަންސޫރަށް ބާރުއެޅި އެވެ.
"މަންމާ، ޒައުލްއަށް މިކަން އެނގިއްޖެއްޔާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭނެ" މަންސޫރަށް ވިސްނުނު ގޮތުގައި ފިރިހެން ދަރިފުޅުގެ އަނބި މީހާއަށް ފާރަލުމަކީ އަދި އެންމެ ރަނގަޅުގޮތެއް ނޫނެވެ. އޭނަ ބޭނުންވަނީ ލާއިގާ ޔޫހާ އާއި ވާހަކަ ދައްކައިގެން އޭނައަށް ރަނގަޅުގޮތް ވިސްނައިދިނުމަށެވެ. ޒައުލްއަށް އެކައިވެންޏަކީ ކިހާ މުހިއްމު ކައިވެންޏެއްކަން ޔޫހާއަށް ވިސްނާދޭ މީހަކީ ލާއިގާ ކަމުގައި ވުމަށެވެ.
"މިނޫން ގޮތަކަށް އެނގޭނެތަ، އޭނަ އަހަރުމެންނަށް އަންގައިގެން ކަމެއް ކުރާނެތަ، އެއަށްވުރެ އޭނަމާ ހުޝިޔާރުވެފަ މަކަރު ގަދަވާނެ، ޒައުލް ކުޑަމިނުން އޭނައަށް ޝައްކެއްވެސް ކޮއްނުލާނެ، ޖަމާލްއަށް ނުކެރޭނެ މަންސޫރު އަހައިފިއްޔާ ދޮގެއް ހަދާކަށް، ނިކަން ގުޅާބަލަ، މަންސޫރެއްނު ބުނީ އޭނަ މިއަދު މީހަކާ ބައްދަލު ކުރަން ދާން އުޅޭ ވާހަކަވެސް" ލާއިގާ ހިތްހަމަނުޖެހިފައި ބުނެލި އެވެ. މަންސޫރު އަތުގައި އޮތް ކަރުދާސް ބާއްވާލަމުން އެއްފަރާތެއްގައި އޮތް އޭނަގެ ފޯނު ނަގާ ޖަމާލްއަށް ގުޅިއެވެ. މަންސޫރަކީ ދުވަހަކުވެސް ދަރިންގެ އަމިއްލަ ކަންތައްތަކާ ފާޑުކިޔާ އެކުދިންގެ ދިރިއުޅުމުގައި ހިނގާ ކަންތައްތަކާއި ބެހޭ ގޮތުން ސުވާލުކޮށް އުޅޭމީހަކަށް ނުވާތީ ޖަމާލްގެ ކައިރިން އެފަދަ ވާހަކައެއް އޮޅުން ފިލުވަން ޖެހިލުންވެފައި އޭނައިނެވެ. އެހެންނަމަވެސް ލާއިގާ އޮޅުން ފިލުވަން ބޭނުންވި ކަންތައް މަންސޫރު ޖަމާލުގެ ފަރާތުން އޮޅުންފިލުވި އެވެ.
"އޭނަގެ ގެއަށް ގެންގޮސްދިނީ" މަންސޫރަށް ކުރެވުނު ކަންތަކުން އުނދަގޫވެފައި އިންހެން އޭނަ ލާއިގާ އާއި ވާހަކަ ދެއްކިއިރު ހީވެއެވެ.
"ހިނގާ އަހަންނާއިއެކު..." ލާއިގާގެ ޖުމްލަ ފުރިހަމަ ނުވަނިސް މަންސޫރު އަވަސްއަވަހަށް ކޮންތާކައްތޯ ސުވާލުކުރި އެވެ.
"އެގެޔަށް، ކިހިނެއް އެނގެނީ އެގެޔަށް ދިޔަކަމެއް ނޫނީ އޭނަގެ ހުރިހާކަމެއް ކުރިއަށް ގެންދަނީ އެގޭގަ ނޫން ކަމެއްވެސް، މިފަހަރު ތިމަންޒަރުތަކެއް ފެންނާނީ ހަމައެކަނި އަހަންނަކަށް ނޫން، ދަރިފުޅަށްވެސް ފެންނާނެ އެންނު..." ލާއިގާގެ ވާހަކަ ކުރިއަށް ގެންދިޔަކަ މަންސޫރު ނުދިނެވެ.
"މަންމާ، އަޅުގަނޑަކަށް ނުކެރޭނެ އެގެއަށްގޮސް ވަންނާކަށް، ޒައުލް އެގޭގަ އުޅެނިކޮށްވެސް ދެވިދާނެއެއްނު، އަނެއްކާ މައްސަލައެއް އުފެދޭފަދަ ގޮތަކަށް ކަންތައްކުރާކަށް ނުވާނެއެއްނު، އަހަރުމެންގެ އަގުދޯ ވެއްޓޭނީ އެފަދަ ކަމެއް ކޮއްފިއްޔާ... އަޅުގަނޑުމެން ހީކުރާފަދަ މަންޒަރެއް ނުފެނިއްޖެއްޔާ ދެންވާނީ ކިހިނެއް" މަންސޫރު ލާއިގާގެ ވިސްނުން ހުރިގޮތް އަދި ރަނގަޅު ނޫންކަން ވިސްނައިދޭން އުޅުނެވެ.
"މައްސަލައެއްނެތޭ ދަރިފުޅު އެގެއަށް ވަންނަން ބޭނުންނޫނިއްޔާ ނުވަނަސް، އެކަމަކު ކާރުގަ އިނދެވިދާނެއެއްނު، އަހަރެން އެގެއަށް ވަދެފާނަން، ކަމެއް ނުފެނިއްޖެއްޔާ އަހަރެން ކޮންމެވެސް އެއްޗެއް ބުނެ ހަމަޖައްސާލަފާނަން" ލާއިގާގެ ވާހަކައިގައި ހުރި ޔަގީންކަން މަންސޫރަށް ފާހަގަވިއެވެ. އޭނަ ދާން ބޭނުންނުވެ ހުރެވެސް މޭޒުގެ ދޮށުން ތެދުވެއްޖެއެވެ.

ހެވިދިލިފައިހުރެ ވަދެގެން އައި އައްޔަދު އައިސްވަނީ ގޭގެ އެންމެ އެތެރެއަށެވެ. ސައިބޯން ތިބި ޔޫހާ އާއި އަފްލީނަށްވެސް ހިނިއައިސްފައި ބަލަން އިނދެވުނީ އެވެ. ހަތަރު މީހުންނަށް އިށީނދެވޭ ކާމޭޒުގެ ހުސްކޮށް ހުރި ގޮނޑި ދަމާލާފައި އައްޔަދު އިށީންނަމުން އަފްލީންގެ ކޮނޑުގައި ޖަހާލާފައި މާނަފުން ހިނިތުންވުމެއް ބަދަލުކޮއްލިއެވެ. އެތަން ފެނި ތުނބުން ސައިތަށި ނައްޓާލި ޔޫހާ ކަރުކެހިލިއެވެ.
"ހާދަ ޗޭންޖޭ ދޯ..." އައްޔަދު ޔޫހާ އާއި ދިމާކޮއްލުމުގެ ގޮތުން ބުނެލި އެވެ. އަދި ގާތުގައި އިން ކިޔާންގެ ކޮލުގައި ކޮއްޓާލިއެވެ.
"އަހަރެންތަ ނޫނީ އަޔާތަ" ޔޫހާވެސް ދުލެއް ނުކުރިއެވެ. ތިންމީހުންގެ ވާހަކަ ފެށުމާއިއެކު އެތަނުގައި އިން ކިޔާން ފޫހިވެއްޖެ އެވެ. އޭނަ ބޯންއިން މައިލޯ ޕެކެޓު ހުސްކޮއްލުމާއިއެކު ޔޫހާގެ އެހީގައި ގޮނޑިން ފައިބާ ސިޓިން ރޫމާ ދިމާލަށް ދުއްވައިގަތެވެ. އައްޔަދުއަށް ސައިހެދުމަށް ޔޫހާ އަފްލީންގެ ގާތުގައި ބުންޏެވެ. އޭނަ އުފަލުން އެކަމަށް އަވަސްވެގަތެވެ. ޔޫހާއަށް އަފްލީންގެ ހިތުގައިވާ އެއްޗެއް ދެނެގަންނަން ގިނައިރެއްނުނެގިއެވެ. ހަމައެގޮތަށް ކުރިންނުފެންނަ ސަމާސާ ކުރުންތަކެއް އައްޔަދު އާއި އަފްލީންގެ މެދުގައި ފެނުނެވެ.

ތިންމީހުން އެކުގައި ސިޓިން ރޫމުގައި ހަމަޖެހިލި ވަގުތެވެ. ޔޫހާ އޭނަ އައްޔަދު އާއި ބައްދަލު ކުރަން އައި ބޭނުން ހާމަކުރި އެވެ. އެކަމަކު ބޭނުންވީ އޭނަ އާއި ވަކިން ވާހަކަ ދައްކާ ލުމަށެވެ. ޔޫހާ އޭނަގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށްވަނެވެ. އޭނަގެ ފަހަތުން އައްޔަދު ވަދެ އެކޮޓަރީގައި ހުރި އެނދުގައި އިށީނެވެ. ކޮޓަރީގެ ދޮރު ކައިރިކޮއްލާފައި ހުރިއިރު އެދެމީހުން ދައްކާ ވާހަކަ އެތާކައިރީގައި މީހަކު ހުއްޓިއްޖެނަމަ އަޑުއިވޭނ ެއެވެ. އެހެންނަމަވެސް އަފްލީންގެ އެދެމީހުން ދައްކާ ވާހަކަ އަޑުއެހުމުގެ ޝައުގުވެރިކަމެއް ނެތެވެ. ޔޫހާ ރީތިވާ މޭޒުގެ ދަށުގައި ހުރި ގޮނޑި ބޭރަށް ދަމާލަމުން އޭގައި އިށީނެވެ.
"ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން މިއުޅެނީ، ހިތަށް އަރަނީ މިވާހަކަ ދައްކަންވީ އަޔާގެ މަންމަ އާއިބާއޭ ނޫނީ އަޔާ އާއިބާއޭ...އެނގޭތަ، އަހަރެން ތިގެއަށް ދިޔަ ދުވަހެއްގަ އަޔާގެ މަންމަވަނީ އަހަންނަށް ވާހަކައެއް ކިޔާދީފަ، އަޔާގެ މަންމަގެ ކުރީގެ ދިރިއުޅުމާބެހޭ ގޮތުން، މިބުނީ ކުރީގެ ކައިވެންޏާ ބެހޭގޮތުން... އަހަންނަށް... އަހަންނަށް ޒައުލް މެންގޭން ވަރަށް ބޮޑު ފޮޓޮއެއް ދެކުނިން، އޭގެން އަހަންނަށް ފެނުނީ އަޔާގެ މަންމަ، އެކަމަކު އަޔާގެ މަންމަ އާއިއެކު ތިބި ކުދިންނަކީ ޒައުލް އާއި އޭނަގެ ދައްތަ އާއި އޭނަގެ ކޮއްކޮ... އަޔާ..." ޔޫހާ އަޅައިގަންނަމުން އޭނައަށް ފެނުނު ފޮޓޯގެ ހަގީގަތް ހާމަކުރަން މަސައްކަތްކުރި އެވެ. އޭނަގެ ބަސްހުއްޓުނީ އައްޔަދުގެ ލުއި ހީނލުން އަޑުއިވުމުންނެވެ.
"އަހަރެން އެއްގޮތަކަށްވެސް ހީނުކުރަން ޔޫހާއަށް ތިކަން އެނގިދާނެ ކަމަކަށް، އެވެސް އެގޭތެރެއިން...އެކަމަކު ބުނަން، އަހަރެންގެ ހިތަށް އެއްވެސް ހަމަޖެހުމެއް ތިކަމަކުން ނުލިބޭ..." ޔޫހާ އައްޔަދުގެ ވާހަކަ މެދުކަނޑާލުމަށްފަހު ވާހަކަދެއްކިއެވެ.
"އައްޔަދުއަށް އެކަން އެނގޭތަ، ޒައުލްމެންގެ ގެއިން އަޔާގެ މަންމަގެ ފޮޓޮއެއް ފެނިދާނެކަން" ހައިރާންކަމާއިއެކު ޔޫހާ ސުވާލުކުރިއެވެ.
"ޒައުލް އޭނަގެ މަންމަ އާއި ބެހޭގޮތުން ޔޫހާގެ ގާތުގައި ބުނެފައިވަނީ ކީކޭ" އައްޔަދުވެސް ކުރީ ސުވާލެކެވެ.
"އޭނަ ދުވަހަކުވެސް އޭނަގެ މަންމަގެ ވާހަކައެއް އަހަރެން ކައިރީ ނުދައްކާ، އަހަރެން ހީކުރަނީ އޭނަގެ މަންމަވީ މަރުވެފައިކަމަށް، އެކަމަކު އަހަންނަށް އަޔާގެ މަންމައެއް ނޯޅޭނެއެއްނު، ކިޔާން އާއި ހެދި އެހާވަރުން އުޅެނީ، ދެން އެހެންވީރު އަޔާގެ މަންމަ ފުރަތަމަ ކައިވެނި ކުރީ ޒައުލްގެ ބައްޕަޔާތަ، އަޔާގެ މަންމައަކީ ޒައުލްގެވެސް މަންމަތަ" ޔޫހާއަށް އިންތަނުން ތެދުވެވުނެވެ. އައްޔަދު އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމާއިއެކު ޒަރާނާގެ ވާހަކަތައް ކިޔާދިނެވެ. ޔޫހާއަށްވެސް ޒަރާނާގެ ހިތި މާޒީގެ ވާހަކަ އެނގެއެވެ. އެހެންނަމަވެސް ޒަރާނާއީ ޒައުލްގެ މަންމަކަމަށް ވެދާނެއެކޭ އޭނަ އެއްފަހަރުވެސް ހީނުކުރެއެވެ. ޒަރާނާގެ ވާހަކަ ދުވަހަކުވެސް ޒައުލް ނުދައްކައެވެ. އެހެންވެ ޒައުލްގެ ގާތުގައި އޭނަގެ މަންމަ އާއި ބެހޭގޮތުން އެއްވެސް ސުވާލެއް ކުރަން ޔޫހާ ބޭނުންނުވީއެވެ. އެތަށް އިރަކު އައްޔަދު އާއި ޔޫހާ މަޝްވަރާކުރުމުގައި އެކޮޓަރިތެރޭގައި ތިއްބެވެ. ދެކެވެމުންދިޔަ ވާހަކައިގެ ހޫނުކަމާއިއެކު ދެމީހުންނަށްވެސް ތިބެވުނީ ކޮޅަށެވެ. ދެމީހުން ސިހިގެންދިޔައީ އަފްލީންގެ އަޑާއިއެކު އިތުރުމީހެއްގެ އަޑުއިވިގެން ދިއުމުންނެވެ. ދެން ފެނުނީ އެކޮޓަރީގެ ކައިރިކޮއްލެވިފައި ހުރި ދޮރު ތަންމިނަށް ހުޅުވާލިތަނެވެ.
"މާމަ..." ޔޫހާ އައްޔަދުއަށް ބަލާލީ ބިރުގެންފައި ހުރި ގޮތަކަށެވެ. އައްޔަދު އާއި ޔޫހާ އެއްޗެއް ނުބުނެ ތިބީ ލާއިގާއަކީ ކާކުކަން އެނގޭތީވެ އޭނައާއި ދިމާލަށް އެއްޗެއް ބުނުމަކީ އޭނައަށް ކުރާ ގަދަރުކުޑަކޮއްލުން ކަމަށްވާނެތީއެވެ. ލާއިގާ ހަޅޭލަވަމުންދިޔައީ ޔޫހާ އާއި އައްޔަދުގެ ފަރާތުން ފެނިގެން ނުވާނޭފަދަ ކަމެއް ފެނިގެން އުޅޭހެންނެވެ. ޔޫހާ އައްޔަދުއަށް ބަލާލުމަށްފަހު ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
"ގަންނާނެހާ ގަނޑެއް ގަނެނިމުނީދޯ، އިނދެގެން ގެންދިޔައީމަވެސް ފިރިމީހާގެ ގޭގަ ނީނދެވިގެން މިގެއަށް ތިޔައީ މިކަން ކުރަންވެގެންދޯ، ކަލޭގެ އަސްލު ސިފަ ޒައުލްއަށް މިއަދު ފެންނާނެ، މަންސޫރު... މަންސޫރު..."ލާއިގާގެ ދުލުން މަންސޫރުގެ ނަން އަޑުއިވުމާއިއެކު ޔޫހާއަށް ހުއްޓުން އެރިއެވެ. ދޮރުން ނުކުންނަން އުޅެފަވެސް އޭނައަށް އިތުރަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ.
"އަޅުގަނޑުމެން ދެމީހުންގެ ދޭތެރޭގަ ތިހީކުރާފަދަ ގުޅުމެއް ނުހިނގާ، މީ ޔޫހާ އުޅުނުގެ، މިގޭ މީހުންނަކީ އޭނަގެ އެއްބަނޑު އެއްބަފާ ކުދިންނަށް ނުވިޔަސް، އެމީހުން އޭނަދެކެ ލޯބިވަނީ އެފަދައިން، ތިހެން ހީކުރުމަކީ ގޯހެއް، އަޅުގަނޑަށް މިހާރު އޭނަ އާއި ދިމާލަށް ތިދެކޭފަދަ ނަޒަރަކުން ބަލާލުމަކީވެސް ހުއްދަކަމެއްނޫން، ޔޫހާއަކީ ޒައުލްގެ ހައްގެއް، ޒައުލްގެ ހައްގަކަށް އަޅުގަނޑު ދުވަހަކުވެސް އަތްގަދައެއް ނުކުރާނަން..." އައްޔަދުއަށް ޔޫހާއަށް ވީގޮތް ފެނުމާއިއެކު އޭނަގެ ދިފާއުގައި ވާހަކަދެއްކި އެވެ.
"ދެމީހުން އެކީގަ ކޮޓަރިއެއްގެ ތެރޭގައި ތިއްބަ ފެނުނީނަމަވެސް... ހެ ހެ ހެ... އަހަރެން ހިތަށްއަރާ ފިރިހެނުންނަށްވެފަ މިތިބެނީ ކިހިނެއްބާއޭ، މިކަހަލަ އަންހެނުންނަށްޓަކައި މަރުދޭންވެސް ތައްޔާރަށް، ގަދަރުވެރި އާއިލާއެއްގައި ހުރި ހަމައެކަނި ފިރިހެން ދަރީގެ އަންބަކަށް ވީމަވެސް މީނައަށް ނުފުދުނު، އެހެން ފިރިހެނުންނާ ބައްދަލުކުރަން މިއަންނަނީ ގެއަށް، އަހަރެން ބުނީމެއްނު ގިނަދުވަހަކު މިކުޅިވަރެއް ނުކުޅެވޭނެޔޭ" ލާއިގާ ޔޫހާގެ ކޮނޑުގައި އަޅާކޮއްޕާލުމާއިއެކު ބުނެލިއެވެ. އައްޔަދު ޔޫހާގެ އަތުގައި ހިފައިގެން ކޮޓަރިން ބޭރަށް ނުކުތީ ރުޅިގަދަވެގެންނެވެ. ސިޓިން ރޫމު ދޮރުމަތީ ހުރި މަންސޫރު ޔޫހާއަށް ފެނުނީ އެވަގުތު އެވެ. ވަގުތުން އައްޔަދުގެ އަތްފޮޅުވާލާފައި އަފްލީންގެ ގާތުގައި ބިރުގެންފައި ހުރިފަދަ ގޮތަކަށް ލާއިގާ އާއި ދިމާލަށް ބަލަންހުރި ކިޔާން އުރާލަމުން އެގޭން ނުކުމެގެން ދިޔައެވެ. އަފްލީން ގޮވުމުންވެސް މަޑުކުރުމެއްނެތެވެ. އައްޔަދު ޔޫހާގެ ފަހަތުން ދާން އުޅެފަވެސް ހުއްޓުނީ މިވަގުތަށް އެއީ އެންމެ ރަނގަޅުގޮތްކަމަށް ނުވެދާނެއޭ އޭނަގެ ޒަމީރު ބުނުމުންނެވެ. މަންސޫރުވެސް އަވަސް އަވަހަށް އެގެއިން ނުކުމެގެން ގޮސް ކާރަށް އަރައިފިއެވެ. ލާއިގާވެސް މަންސޫރުގެ ފަހަތުން ގޮސް ކާރަށް އެރިއެވެ. އަފްލީނަށް ސޯފާކުރިމަތީ ހުރި ކުޑަމޭޒުގެ މަތީގައި އޮތް ޔޫހާގެ ދަބަސްފެނުނީ ދެނެވެ.
"އޯނޯ...ދަބަސްވެސް ބާއްވާފަ އެދިޔައީ، ފޯނުވެސް މިއޮތީ... ޒައުލްއަށް ގުޅަންތަ" އަފްލީން ކަންބޮޑުވުމާއިއެކު ޔޫހާގެ ދަބަހާއި އޭގެމަތީގައި އޮތް ފޯނުނަގަމުން ބުނެލިއެވެ.
"ނޫން، ޒައުލްއަށްވުރެ މާރަނގަޅުވާނެ އެހަށް އަފޫގެ ދޮންބެއަށް ގުޅާފަ ހުރިހާ ވާހަކައެއް ކިޔާދޭން، އަފޫ ބުނަމެއްނު ޒައުލް ޝާއިންގެ އަޑު އަހާވާހަކަ" އައްޔަދު އޭނައަށް ފެންނަގޮތް ހާމަކުރިއެވެ.

ހިނގަމުން ހިނގަމުންގޮސް ޔޫހާވަނީ ކުޑަކުދިންގެ ބަގީޗާތެރެއަށެވެ. އެންމެ ފުރަތަމަވެސް އޭނަގެ ހިތްބޭނުންވީ ކިޔާންއަށް ހަމަޖެހުމެއް ދިނުމަށެވެ. ދުވެދުވެފައި އުޅޭ ކުޑަކުދިންތަކާއި އެތަނުގައި އެކުދިންނާއިއެކު އުޅޭ ބޮޑެތިމީހުންގެ ނިވަލަށްވަދެ ޔޫހާ އޭނަގެ އަމިއްލަ ހިޔާލުތަކުގެ ތެރެއަށް ގެއްލިފައިހުއްޓެވެ. ކިޔާން ހުރީ ވަރަށް އުފަލުންނެވެ. އޭނަ އާއިއެކު ދުވެލާނެ ދެކުއްޖަކުވެސް އޭނަ ހޯދީ ކިހިނެއްކަމެއްވެސް ޔޫހާއަށް ނޭނގެއެވެ. ދޭތެރެއަކުން މަންމީއޭ ކިޔާން ގޮވާލުމުން ޔޫހާ ހިތުންވެލައެވެ. އޭނަގެ ސިކުނޑީގައި ދެހިޔާލެއް ބުރު ޖަހަމުންދިޔައެވެ. ލާއިގާގެ ސަބަބުން ޒައުލްއަށް ދޭނީ ކޮންޖަވާބެއް ކަމާއި އައްޔަދު އޭނައަށް ދިން މަޝްވަރާގެ މަތިން އެދެމީހުން ރޭވި ރޭވުން ކާމިޔާބު ކުރާނެ ގޮތަކާއިމެދުގައެވެ.

ޝާއިން އާއިއެކު އެގެއަށް ޒައުލް އައީ ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. އޭރު އައްޔަދު އެގެއިން ނުކުމެގެން ހިނގައްޖެއެވެ. ޒައުލްއަށް އޭނަ ފެނުމުން އިތުރަށް އޭނަގެ ލޭ ވެސް ހޫނުވާނީކަން އައްޔަދުއަށް އެނގޭތީވެއެވެ. އަފްލީން އަވަސް އަވަހަށް ވާހަކ ަދެއްކިއެވެ. ޝާއިން އާއި ޒައުލް ކާރުގައި މާލޭގެ އެކިމަގުތަކުގައި ޔޫހާ ހޯދުމަށް ދުއްވިއެވެ. ޒައުލްމެންގެ ގެއަށް ޔޫހާ ނުދާނެކަން އޭނައަށް ޔަގީންވެ އެވެ. ކުރިހުރިހާ މަސައްކަތެއް ބޭކާރު ވުމުން ޒައުލްއަށް ލިބުނު ހާސްކަންވީ އިތުރެވެ. ޒައުލްގެ ހިތުގައި އުފެދެމުންދިޔަ މާޔޫސްކަމާއި ރުޅިވެރިކަން އޭނަ ބޭނުންވީ ގެއަށްގޮސް މާމައަށް އަމާޒު ކުރުމަށެވެ. އެކަން ޝާއިންއަށް އެނގުނީކަންނޭގެއެވެ. އެހާލުގައި އޭނަ ގެޔަށް ދިއުމަށް ޝާއިން އެއްގޮތަކަށްވެސް ގަބޫލެއްނުވިއެވެ.

އިރުއޮއްސި އަނދިރިވުމާއިއެކު ޔޫހާ މަޑުމަޑުން ކިޔާންގެ އަތުގައި ހިފާލައިގެން ހިނގާފައި އައީ ޝާއިންމެންގެ ގެއަށެވެ. އައި މަގުމަތީގައި އޭނަގެ ސިކުނޑީގައި ހުރިހާ ކަމެއް ރާވާލ ިއެވެ. އަދި ޝާއިންމެންގެއަށް ގޮސް އޭނަގެ ފޯނު ނަގައިގެން ޒައުލް އަށް ގުޅުމަށްވެސްމެއެވެ. ނަމަވެސް އެގޭ ދޮރޯށިން ވަދެގެން އައިސް ސިޓިން ރޫމު ދޮރުމައްޗަށް ހުއްޓުމާއިއެކު ޔޫހާގެ އަތުގައި ހިފައިގެން ހުރި ކިޔާން ޑެޑީއޭ ބުނެލަމުން ދުވެފައި އެތެރެއަށް ވަދެގެން އައިސް ޒައުލްގެ ގައިގާ ބައްދައިގަނެފި އެވެ. ޔޫހާއަށް ޒައުލްއަށް ބަލާލެވުނީ ކުއްވެރިޔަކު ފަދައިންނެވެ.
"ހިނގާ ދަމާ" ޒައުލް ކިޔާން އުރާލުމާއިއެކު ސޯފާއިން ތެދުވަމުން ބުނެލިއެވެ. އޭނަގެ މޫނުމަތިން ޔޫހާއަށް އެއްވެސް ޖަޒުބާތެއް ފާޅުވެގެން ނުދިޔަ އެވެ. އެކަމާވެސް ޔޫހާ އިތުރަށް ކަންބޮޑުވާގޮތްވި އެވެ. އެހެންނަމަވެސް ޒައުލްގެ ފަހަތުން އަފްލީން ދިއްކޮއްލި އޭނަގެ އަތްދަބަހާއި ފޯނު ހިފައިގެން ނުކުތެވެ.
"މަންމާ، ކަންތައް ވަރަށް ގޯސްވެއްޖެ..." ހާސްކަމާއިއެކު ދެކޮޅަށް ހިނގަމުންދިޔަ އައްޔަދު ޒަރާނާ އާއި ވާހަކަ ދެއްކިއެވެ. އަދި ޔޫހާއަށް ކަންތައް ދިމާވިގޮތާއި ޒައުލްގެ ގެއިން ފެނުނު ޒަރާނާގެ ފޮޓޯގެ ވާހަކަވެސް އޭނަ ކިޔާދިނެވެ.
"މަންމައަށް އޭރުވެސް އެނގޭ ޒައުލްގެ މާމަ ގަބޫލެއް ނުވާނެކަން، އޭނަ ޒައުލް އާއި ޔޫހާ އެކުގައި އުޅުނުކަ ނުދޭނެ..." ޒަރާނާއަށް އައްޔަދުގެ ވާހަކައަޑުއިވިފަ ވަރަށް ބޮޑަށް މާޔޫސްވިއެވެ.
"މަންމާ، ޒައުލްގެ ރުޅި ހުންނަގޮތް އެނގެއެއްނު... ޒައުލް ނުބުނޭ އަހަރުމެން ދެމީހުންގެ މަންމައަކީވެސް ތީކަން، ޔޫހާ ހީކުރަނީ ޒައުލް އޭނަގެ މަންމަގެ ވާހަކަ ނުދައްކަނީ ނިޔާވެފައިވުމުންކަމަށް، އަޅުގަނޑު ވަރަށް ހައިރާންވޭ މިހާ ދުވަސްވީއިރު އެމީހުން މަންމަ އެގެއިން ނެރެފަ އެކަމަކު އެގޭގައި މަންމަގެ އެހާ ބޮޑު ތަސްވީރެއް ބަހައްޓައިފައި ހުރިވާހަކަ އެނގުމުން" އައްޔަދު ބުންޏެވެ. އެކަމާ ޒަރާނާ އެއްވެސް އެއްޗެއް ނުބުންޏެވެ.
"އިރާދަކުރެއްވިއްޔާ ޔޫހާވާނީ ޒައުލްގެ އަންބަކަށް، ކިޔާންއަކީ އެދެމީހުންގެ ދަރިއެއްކަން އަހަރެން ގަބޫލު ކުރަން، މިފަހަރު ލާއިގާއަށްވެސް ޖެހޭނީ އެ ދެކުދިން ގަބޫލުކުރަން... ޒައުލްގެ މަންމަ އަދި ދުނިޔޭގައި އެބަހުރި، ޔޫހާއަކީ އަހަރެންގެ ޅީދަރިއެއް، އަހަރެންގެ ދޮށީ ފިރިހެން ދަރިފުޅުގެ އަންހެނުން" ހިޔާލު ތަކުގެތެރެއަށް ގެއްލިފައި އިން ޒަރާނާ ބުންޏެވެ. އަދި އޭނަގެ ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ނުހިފެއްޓޭނެހެން ހީވުމާއިއެކު އައްޔަދުގެ ކޮޓަރިން ނުކުމެގެންގޮސް އޭނަގެ ކޮޓަރިއަށްވަނެވެ.

ޒައުލްގެ ދެމަފިރިން އައިސް ގެއަށް ވަންތަން ސިޓިންރޫމުގައި ތިބި ލާއިގާ އާއި މަންސޫރަށް ފެނުނެެވެ. މަންސޫރު ސޯފާއިން ތެދުވެ ޒައުލްއަށް ގޮވާލާފައި މަޑުކޮއްލަ ދިނުމަށްއެދުނެވެ.
"ޔޫހާ ދޭ ކޮޓަރި، ކިޔާން ނިދަން ތައްޔާރުކުރޭ..." އެއްވެސް އަސަރެއްނެތް ގޮތަކަށް ޒައުލް ބުނެލި އެވެ. ޔޫހާ ކިޔަމަންތެރިކަމާއިއެކު ބޯޖަހާލާފައި ކިޔާން ގޮވައިގެން ސިޑިއާއި ދިމާލަށް ދިޔައެވެ. ކިޔާން ނިންދަވަން އަދި މާއަވަސްކަން އެނގޭއިރުވެސް ޒައުލް އާއި ދެކޮޅު ހަދަން ބޭނުން ނުވީއެވެ.

މަންސޫރު ބުނެގެން ޒައުލް އައިސް ސޯފާގައި އިށީނެވެ. ނަމަވެސް ހުރިހާ ވާހަކައެއް ދެއްކީ ލާއިގާއެވެ. ޔޫހާގެ ވިޔާނުދާ އުޅުމޭ ކިޔައިގެން ލާއިގާ އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް ޒައުލް އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް އޭނަގެ ހިތަށް އަސަރު ކުރީ އެހުރިހާ ކަމެއް މިހާރު މަންސޫރަށްވެސް ގަބޫލު ކުރެވެޔޭ އޭނަ ބުނީމައެވެ.
"ބައްޕަވެސްތަ... މާމާ، އަޅުގަނޑު ބޭނުންވަނީ އެންމެ ފުރަތަމަ ޔޫހާ އާއި ތިކަމާ ބެހޭގޮތުން ވާހަކަ ދައްކަން، ދެން އިތުރަށް ކިޔާނެ އެއްޗެއް ނެތްނަމަ އަޅުގަނޑު މިދަނީ އަޅުގަނޑުގެ އަންހެނުން ގާތަށް" ޒައުލް ސޯފާއިން ތެދުވިއެވެ.

އިޝާ ނަމާދުން ފޭބި ޒަރާނާ އެނދުގައި އޮށޯވެލައިގެން އޮތެވެ. އޭނަގެ ސިކުނޑީގައިވަނީ އެތަށް އަހަރުތަކެއްގެ ކުރީގެ ހަނދާންތަކެކެވެ. މަރާލި ލޮލާއިއެކު ހީވީ އެއަޑު ކަންފަތް ކައިރިން އިވުނުހެންނެވެ.
"އަހަރެން މިވަރަށް ލޯބިވާ ދެވަނަ ފަރާތެއް މިދުނިޔޭގަވެސް ނުހުންނާނެ، ޒަރާ...މިފާރުން މިފޮޓާ ފެންނަ ކޮންމެ މީހަކަށް އަހަރުމެންގެ އާއިލާގެ ފުރިހަމަކަން ފެނިގެންދާނެ، ޒަރާގެ ރީތިކަން މިފޮޓޮޔަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ... މިހާ ބޮޑުކޮަށް މިފޮޓޯ ހެދީ ކީއްވެކަން އެނގޭތަ، އޭރުން އަހަރެން ގެއަށްވަންނަ ކޮންމެ ފަހަރަކު އެންމެ ފުރަތަމަވެސް ބަލާލެވޭނީ ޒަރާގެ މޫނަށް ކަމަށްވާތީ، މިފޮޓޮޔަށް ބަލާލުމުން ހީވަނީ ދެންމެ ދެންމެ ޒަރާ ނުކުމެގެން އަހަރެންގެ އަތުގެތެރެއަށް އައިސްދާނެހެން..." މަންސޫރު ބުންޏެވެ.

ކޮމެންޓް 0