ހޮޓެލްގެ ރޫމުތައް އެތުރިފައިވާ ގޮތް ޔޫހާއަށް ކިތަންމެ ރަނގަޅަކަށް ވެސް އެނގެއެވެ. ދެވަނަފަހަރަށް ވެސް އަތުގައި އޮތް ކަރުދާސްކޮޅަށް ބަލާލެވުނީ ސިކުނޑީގައި އުފެދިގެން ދިޔަ ނުބައި ހިޔާލު ތަކުންނެވެ. އޭނަ ގެއަށް ދާގަޑި ވެސް ޖެހިއްޖެއެވެ. އަނެއްކޮޅުން ދާދި ދެންމެއަކު ރިސެޕްޝަން ފޯނަށް ޔޫހާ ހޯދަން މީހަކު ގުޅަން ވެސް ގުޅައިފި އެވެ. އެމީހާގެ ކޮޓަރީގެ ނަންބަރަށް ނޫނީ ނުވާނެކަން ޔޫހާ ޔަގީންކުރި އެވެ. ދެހިޔާލެއްގައި ހުރެވެސް ލޮބީގައިވާ ލިފްޓާއި ދިމާލަށް ޔޫހާ ހިނގައިގަތެވެ. ކުރެވޭ ހިޔާލުތަކާއި ހީވާ ހީވުންތައް ދޮގަކަށް ވެދާނެކަމުގައި ސިކުނޑިއަށް ވިސްނައި ދެމުންނެވެ. ލިފްޓުގައި ހުރެ ހާސްކަން ވެރިވަމުންދިޔަ ވަރަކަށް ޔޫހާއަށް އޭނަގެ ބުޅި އިސްތަށިތަކުން އިސްތަށިކޮޅެއް އިނގިޔަށް އޮޅާލެވެމުންދިޔައެވެ. އަދި ތިރީ ތުންފަތުގެ އެއްފަރާތުގައި މަޑުމަޑުން ދަތްއަޅާލެވެ އެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ލިފްޓު ހުޅުވުނު އަޑާއިއެކު ޔޫހާ ދިޔައީ ސިހިގެންނެވެ. އޭނަ ކަންބޮޑުވަނީ ކޮންކަމަކާކަމެއް ނޭގެއެވެ. ލިފްޓުން ނުކުމެ ދެކޮޅުބަލާލި އެވެ. ފަނޑު އަލިކަމާއިއެކު ދެފ ަރާތައްވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ފަޅުވެފައެވެ. ޔޫހާގެ ހިތަށް ވެރިވީ ބިރުވެރި ކަމެވެ. މީހަކު ފެންނަން ނެތުމުން ޔޫހާ ޖެހިލުންވާގޮތްވި އެވެ. އެނބުރި ލިފްޓަށް އަރަން ތައްޔާރުވެފަ ވެސް އޭނައަށް ހިނގައިގަނެވުނީ ކަރުދާސްކޮޅުގައި ލިޔެފައިން ނަންބަރުގެ ކޮޓަރި ހޯދުމަށެވެ.

"ވަދޭ..." ޔޫހާ ދޮރުގައި ޓަކި ޖަހާލުމާއިއެކު ފިރިހެނަކު ބުނެލި އަޑު އިވުނެވެ.
"އާދޭ މިކޮޅަށް..." ޔޫހާ ނުފެނި ކުޑަކުޑަ ހިނދުކޮޅެއްވުމާއެކުހެން ޒައުލްގެ އަޑުއިވުނެވެ. ދޮރުމަތީ މަޑުކޮއްލައިގެން ހުރި ޔޫހާ އެއަޑު އައިދިމާލަށް ހިނގައިގަތެވެ.

ފަނޑު އަލިކަމުގެ ތެރެއިން ޒައުލްއަށް ޔޫހާފެނުނު ހިނދު ބުނެދޭން ނޭނގޭ ގޮތްތަކެއްވެގެންދިޔަ އެވެ. މުޅި ހަށިގަނޑަށް ވެސް ނޭގޭ ބާރެއް އިޙްސާސްކުރެވި ހަރުކަށިވެގެން ދިޔަކަހަލަ އެވެ. ޔޫހާގެ ލޮލާ ލޯ އަމާޒުވި ހިނދު ޒައުލްއަށް ފެނިގެން ދިޔައީ މީގެ ހައަހަރު ކުރީގެ ޔޫހާ އެވެ. އަދިވެސް އެރީތިކަމާއި ހަންގަނޑުގެ އޮމާންކަމާއި، ރީތި ވަނާތަކެވެ. ޒައުލްގެ ދުނިޔޭގައި އުޅޭފަދަ އަންހެން ކުދިންނާއި އެތަށްހާސް ތަފާތުކަމެއް އެކުލެވިފައިވި އެވެ. ސުވެޓާ ފާޑުގެ ގަޔަށްދޫ ޓޮޕުކޮޅާއި ޖިންސުގައި ހުރިއިރު އޭނަގެ ހެނދުން އެޅުމުގެ ވައްޓަފާޅިއެއް ނެތެވެ. ކޮއްފާއިހުރި މޭކަޕްގެ އަސަރުވަނީ ފިލާފައެވެ. އެހެންނަމަވެސް ޔޫހާގެ އަންހެން ވަންތައްކަން އެންމެ ތަންކޮޅެއްވެސް ކުޑައެއްނޫނެވެ. އެއީ ސިހުރުވެރި އަންހެންކުއްޖަކީ އެވެ. ޒައުލް ޔޫހާގެ ބޮލުން ފެށިގެން ތިރިއަށް ބަލާލުމާއިއެކު ، ޔޫހާ އަވަސް އަވަހަށް އިސްޖަހާލި އެވެ.

"މިތަނަށް އަހަރެން ގެނައުމުގެ ބޭނުމަކީ ކޮބާ؟" ޔޫހާ ހިތްހަމަ ނުޖެހޭގޮތް ދައްކާލަމުން ވާހަކަ ދެއްކި އެވެ. ހަގީގަތުގައި އޭނައަށް ވެސް އޭނަގެ އަމިއްލަ އިޙްސާސްތައް ކޮންޓްރޯލެއް ނުކުރެވެ އެވެ. މުޅި އުމުރުގައި އެންމެ ލޯބިވި މީހާ ކުރިމަތީގައި ހުރިއިރު އޭނަގެ ހިތް ރަހުމެއްނެތި ކުދިކުދި ކޮއްލީވެސް ހަމައެޒުވާނާ އެވެ. އެހެންނަމަވެސް ހިތުގައި ކުއްލިއަކަށް ރޯވެގެންދިޔަ ހުޅުކޮޅު އެ ހަށިގަނޑުގައި އުފައްދަނީ ކޮންފަދަ ހޫނެއް ކަމެއް ނޭނގެއެވެ. އޭނަ ހުރީ ޒައުލްގެ މަތިން ހަނދާން ނައްތާލައިގެންނެވެ. ދުވަހަކު ވެސް ފެންނާނެކަމުގެ އުއްމީދެއް ނެތީމައާއިއެކުއެވެ. އެހެންނަމަވެސް ޒައުލް ފެނުމާއިއެކު އެހިތާ ރޫހުގައި އަދިވެސް ޒައުލްއަށްޓަކައި އިޙްސާސްތަކެއް ވާކަމުގެ އެނގުންވެއްޖެ އެވެ.
"ދަނީ..." ޒައުލްގެ ބެލުންތަކުން އޭނަ ވިރިގެން ހިނގައިދާނެހެން ހީވުމާއިއެކު އެނބުރިލީ ވަތްދޮރުން ނުކުތަމަށެވެ.
"އިހަށް މަޑުކޮއްބަލަ... އަހަރެން ވާހަކައެއް ބުނަންވެގެން" ޔޫހާ ނުކުތުމަށް އެނބުރިލުމާއެކު ޒައުލް ސިހިފައި ކުރިއަށް ފިޔަވަޅެއް އަޅާލަމުން ބުނެލި އެވެ. ޔޫހާ ނުކުމެގެން ދާކަށް އޭނަ ބޭނުމެއް ނުވިއެވެ.
"އިތުރަށް ދައްކާނެ ވާހަކައެއްނެތް، ވޭތުވެދިޔަ ދުވަހެއް އަނބުރައެއް ނާންނާނެ، އެހެންނޫނަސް ވަރަށް ލަސްވެއްޖެ، ދިގު ދުވަހެއް ނިންމާލެވުމުން އަހަރެން ބޭނުންވަނީ މިހާރު ގެއަށްދާން..." ޔޫހާ ޒައުލްއަށް ބަލާލަމުން ބުނެލި އެވެ.
"ޔަގީންތަ؟ އަހަރެން ކައިރީ މިތާ މަޑުކޮއްލުމަކުން މައްސަލައެއް ނެތެއްނު؟" ޒައުލްގެ ވާހަކައިން ޔޫހާ ހައިރާންވިއެވެ. ޔޫހާ ގާތަށް ރުޅިއައިކަމަކު ހުދު އޭނައަށްވެސް ޔަގީނެއް ނޫނެވެ. ޒައުލްގެ ގާތުގައި ހުންނަންވީކަމެއް ނޫނީ އެތަނުން އަވަހަށް ނުކުމެގެން ދާންވީކަމެވެ.
"ކީކޭ ކިޔަންތަ ޒައުލް ތިއުޅެނީ، ކީކޭ ކަމައްތަ ހީކުރަނީ، އަހަރެން ނުޖެހޭނެ ޒައުލް ބުނިހާ ގޮތެއް ހެދިގެން ހުންނާކަށް، ޒައުލް ދުވަހަކު ވެސް އަހަންނާއި ބައްދަލުވާކަށް ނޭދޭނެކަން އަހަންނަށް އެނގޭ" ޔޫހާ ބުނެލިއެވެ. އޭނަ ރުޅިއަށްވުރެ ބޮޑަށް ދެރަވީއެވެ.
"ފަހަރެއްގަ ތީތެދަކަށްވެސް ވެދާނެ، އެކަމަކު މިފަހަރު މިގެނައީ ބައްދަލުކުރަން ބޭނުންވެގެންނެއްނު" ޒައުލް ވަގުތުން ބުނެލި އެވެ. އޭނަގެ ގޮތުގައި ހުރި ފިޔަވަޅުމަތީ ދެ ޖީބަށް އަތްޖަހާލައިގެން ހުއްޓެވެ.
"ދެން ހެޔޮ ޒައުލް، އިތުރު ދޮގުތަކެއް ނުހެއްދިއްޔާ އެންމެ ރަނގަޅުވާނީ..." ޔޫހާއަށް ކުރި އަސަރާއެކު ދޮރާ ދިމާލަށް ހިނގައިގަނެވުނެވެ.
"ކޮންމެ ތަނެއްގަވެސް ސްޓޭންޑަޑްތަކެއް ހުންނާނެ، ވަޒީފާއަށް ކުރިމަތިލާއިރު ފެންވަރެއްވެސް ހުންނަންޖެހޭނެ... އޭގެ އިތުރުން ކޮންމެވެސް ވަރެއްގެ ތަޖުރިބާވެސް ހުންނަން ޖެހޭނެ... އަހަރެން ހިތަށް އަރާ ޔޫހާއަށް މިތަނުން ވަޒީފާ ދިނީ ކާކުބާއޭ... ޔަގީނުންވެސް އެމީހެއްގެ ވަޒީފާ އާއިމެދު ވިސްނާނުލާ ކުރިކަމެއް އެއީ، އަހަންނަށް މާދަމާ ވެސް ޔޫހާ މިތަނަށް ގެނެވިދާނެ، މެނޭޖަރު ކައިރީ ބުނެލުން ލަސްވާނީ، އޭނަ ދެކޮޅެއް ނުހަދާނެ، ނޫނީ ރިސެޕްޝަނަށް ގުޅާލާފަވެސް ބުނެލެވިދާނެ... މިރޫމަކީ އަހަރެންނަށް ޙާއްޞަކުރެވިފައިވާ ތަނެއް... މިތަނަށް އަހަރެން ޔޫހާ ގެނެސްގެން ކުރަނީ ކީއްކަމެއް އެމީހުންނަށް އެނގުން އެހާ މުހިއްމެއް ނޫން..." ޒައުލްގެ ވިހަގަދަ ބަސްތައް ޔޫހާގެ ކަންފަތަށް އިވުނު ހިނދު ހީވީ ތިމަރަވިރުވާފައި ކަންފަތަށް އޮއްސާލިހެނެވެ. ޔޫހާގެ ދެ ލޯ ބޮޑުވިއެވެ. އޭނައަށް ވަޒީފާ ދިނީ ޝާއިންއެވެ. ޒައުލް އެހެން ހަދާފާނެ ބާއެވެ. އާއެކެވެ. އޭނަ އެހެން ހަދާފާނެއެވެ. މިވަގުތު ޝާއިންއަށްޓަކައިވިޔަސް އޭނައަށް މަޖުބޫރުވެފައިވަނީ ޒައުލް ބުނިގޮތެއް ހެދުމަށްޓަކައި މަޑު ކުރުމެވެ. ހޮޓެލްގެ ތެރޭގައި ބަދުނާމުވާނީ އޭނަގެ ނަމެވެ. ޒައުލްއަކީ ވެރިޔާއެވެ. އޭނަ އާއި ދިމާލަށް އެއްޗެއް ބުނަން ކޮންމެ މީހަކުވެސް ޖެހިލުންވާނެ އެވެ.

"ޒައުލް ބޭނުންވަނީ ކޮންކަމެއް؟" ޔޫހާގެ އަޑުގައި ފިނިކަމެއް އެކުލެވިގެންދިޔަ އެވެ. އެހެނީ އެއަޑުގައި އެއްވެސް އަސެއްރެއް ނެތް މަޑުމައިތިރިކަމެއް އެކުލެވިފައިވީ ކަމެވެ.
"އަހަރެން ކުރިންވެސް ބުނީމެއްނު... އަހަރެން ބޭނުންވީ ޔޫހާ އާއި ބައްދަލު ކޮއްލަންށޭ، އާދޭ މިތާ އިށީންނަން" މިހެން ބުނެލަމުން ޒައުލް އޭނަގެ އެބޮޑު ކޮޓަރީގައި އިށީނުމަށް ޚާއްޞަކުރެވިފައިވާ ބައިގައި ހުރި ސޯފާ ގޮނޑިތަކާއި ދިމާލަށް އިޝާރާތް ކޮއްލިއެވެ. ޔޫހާ އަންނާނެ ކަމުގެ ޔަގީންކަމެއް އޭނަގެ ނެތެވެ. އެހެންނަމަވެސް އެތަނުގައި އޮތް މާބްލްސް ތަޅުމުގެ މަތީގައި އަޅާފައިއޮތް އާސާރީ ފާޑުގެ ރަނާ ރީނދޫ ކުލައިގެ ދޫލަމަތިން ޔޫހާ ހިނގާލާފައިގޮސް އިޝާރާތްކުރި ދިމާލުގައި ހުރި ސޯފާގޮނޑީގައި އިށީދެއްޖެ އެވެ. އެވަގުތު ސޯފާގެ އަރިމަތީގައި ހުރި ކުޑަވައްމޭޒުގެ މަތީ ދިއްލާފައި ހުރި މޭޒުމަތީބޮކީގެ އަލިން ޔޫހާގެ މޫނަށް އަލިވެގެންދިޔަ އެވެ. ޒައުލްއަށް އެ ކޮޓަރީގައި ހުރި ފަނޑުއަލިކަމުގެ ތެރެއިން ޔޫހާގެ މޫނު ފެނުނު ވަރަށްވުރެ ބޮޑަށް މިހާރު އެމޫނު ހާމަވެގެން ދިޔައެވެ. އަދި ކުރިން ފާހަގަނުވި ޔޫހާގެ ހާސްކަން އޭނަގެ އެ ރީތި ތުންފަތަށް ވެސް ވެރިކުރުވާފައިވާކަން ފެނުނެވެ. އެ މޫނުމަތިން ވަރުބަލިކަން ފާޅުވެއެވެ. ޔޫހާ ބުނިހެން ވަރަށް ލަސްވެއްޖެއެވެ. އޭނަ ބޭނުންނަމަ އެހެން ވަގުތަކަށްވެސް މިކަން ލަސްކުރެވުނީހެވެ. އެހެންނަމަވެސް އޭނަގެ ހިތުގައިވެސް ހައިޖާނެއް އުފެދިފައިވާކަހަލައެވެ. ޔޫހާ އާއި ބައްދަލުވުމުން ނޫނީ ހިތައް ހަމަޖެހުމެއް ލިބެން ނެތްކަން އެނގޭތީ ހަމަ މިރޭ އެގޮތަށް ކަންތައްކުރީ އެވެ. އޭނައަށް ޖަވާބު ނޭގޭ އެތަށް ސުވާލެއް ޔޫހާ އާއި ގުޅިފައި ވެއެވެ.

"ސައިތައްޓެއްތަ، ނޫނީ ކޮފީއެއްތަ؟" ޒައުލް އަހާލިއެވެ.
"އެއްވެސް އެއްޗެއް ބޭނުމެއް ނޫން..." ޔޫހާ މަޑުމައިތިރި ކަމާއިއެކު ބުނެލި އެވެ. އެއާއިއެކު ޒައުލް އޭނައަށް ކޮފީތައްޓެއް ހަދައިގެން އައިސް ޔޫހާގެ ކުރިމައްޗަށްވާ ގޮތަށް ހުރި ސޯފާގޮނޑީގައި އިށީނެވެ. އަދި މަޑުމަޑުން ހޫނު ކޮފީތަށިން އެތިފޮދު ބޮމުން ދިޔައެވެ. ޔޫހާ ޒައުލްގެ ހަރަކާތްތަކަށް ބަލަން އިނެވެ. ޒައުލްގެ ދެ ލޮލުގައި ކަޅުހިޔަންޏެއްހެންވި ބޯއެސްފިޔަތަށް ތިރިކޮއްލީ ޔޫހާއަށް އެ ދެލޮލުގައިވާ އެއްޗެއް ނަގައިގަނެވިދާނެތީ ކަންނޭގެއެވެ. އޭނަގެ ސިކުނޑިގައިވާ އެއްޗެއް އެނގެން ބޭނުންނުވާ ކަހަލައެވެ.

"އަހަންނަށް އައިސްފަ ހުރި ބަދަލުންތައް ތިވަރަށް ތިބަލަނީ؟ ސޫޓްސް ގަ ހުއްޓަ ދުވަހަކުވެސް ނުފެންނާތީ ދޯ... އަހަންނާ ގުޅޭތަ؟" ޒައުލް ސިއްރުވެރި ގޮތަކަށް ޔޫހާއަށް ބަލަން އިނދެ ބުނެލިއެވެ.
"އަހަރެން ގެނައީ ޒައުލްގެ ރީތިކަން ހާމަކުރަންތަ؟" ޔޫހާ އަވަސް އަވަހަށް އިސް ޖަހާލަމުން ބުނެލި އެވެ. އޭނަގެ ހިތުގައިވާ އިޙްސާސްތަކެއް ބަދަލެއް ނުކުރެވުނެވެ. ޒައުލް ކޯޓު ފަޓުލޫނުގައި ހުންނައިރު ނުހަނު ހިތްގައިމެވެ. ހިތް އެދޭފަދަ ގޮތެއް ހުރެއެވެ. ހީވާގޮތުން އެއައީ ކޮންމެވެސް ހަފްލާއަކަށް ގޮއްސަ އެވެ. ޒައުލްގެ ކިތަންމެ ކުޑަކުޑަ ހަރަކާތެއްވިޔަސް އެކަމެއްގައި ވައްޓަފާޅިއެއް އެކުލެވިފައިވެއެވެ. އެހެންމީހުންނާއި ތަފާތެވެ. ނަމަވެސް އޭނަގެ ކުރިމަތީގައި އިން ޒައުލްއަކީ އޭނަ އާއި އެންމެ ފުރަތަމަ ދިމާވިއިރުގެ ޒައުލްއެއް ނޫނެވެ. އޭރަށްވުރެ ޒައުލްގެ ހިތްވަނީ ކަޅުވެ އަނދިރިވެފައިކަން ޔޫހާއަށް އެނގެއެވެ. އޭނަގެ ކުރިމަތީގައި އިން ޒައުލްގެ ޝަހުސިއްޔަތާއި ފަންވަރު އެކުލެވިފައިވެއެވެ. މުއްސަނދި ކަމާއި ބޮޑާ ކަމެވެ.
"އެހެނެ އްނޫން، ޔޫހާ ތިވަރަށް އަހަންނަށް ބަލާނީ ކޮންމެވެސް ކަމެއްވެގެންނު... ދެން ބުނެބަލަ، ކޮންކަމަކާ ތިވިސްނަނީ؟" ޒައުލް އަހާލި އެވެ.
"ޚާއްޞަ ކަމަކާއެއް ނޫން، އަހަރެން ވަރަށް ވަރުބަލިވެފަ މިހިރީ ގެއަށްދާން ބޭނުންވަނީ، މާދަމާ މެންދުރުފަހުގެ ޑިއުޓީއަށް އަންނަންވާއިރަށް އަހަރެން ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް ހުންނާނެ، ޑިއުޓީއަށް އަންނަންވަންދެން ނިދަން އޮތުމަކީ އަހަރެންގެ ފެންވަރެއް ނޫން... ޕްލީޒް..." ޔޫހާ ޒައުލްއަށް ބަލާލަމުން ބުނެލި އެވެ. ޒައުލް އޭނަގެ އަތުކުރީގައި އޮތް ގަނޑިއަށް ބަލާލި އެވެ.
"އެންމެ ރަނގަޅު، މާދަމާ ރޭ ތަންކޮޅެއް ކުރިން ޔޫހާގެ ޑިއުޓީ އޮފްކޮއްދޭނަން، އަހަރެންގެ މިކޮޓަރިއަށް ޔޫހާ އަންނާނެ އިރަކަށް އިންތިޒާރު ކުރާނަން..." ޒައުލް ކޮފީތަށި ކުރިމަތީހުރި މޭޒުމަތީ ބަހައްޓަމުން ބުނެލި އެވެ. އަދި ޔޫހާއަށް ފުން ނަޒަރަކުން ބަލާލީ އޭނަ ދޭނެ ޖަވާބެއް ނޭނގޭތީ އެވެ.
"އެކަމަކު އޭރުން.... އެހެން ނުހެދިޔަސް އަހަރެން އައިސްދާނަން... ޒައުލް ބުނި ގޮތަކަށް ކަންތައްކުރުން ނޫން އެހެންގޮތެއް އަހަންނަށް އެބައޮތްތަ؟" ޔޫހާ އޭނަ އާއިއެކު މަސައްކަތް ކުރާ އެހެން ސްޓާފުންނަށް އެއްވެސް ވަރަކަށް ޝައްކުވާން ބޭނުން ނުވަނީއެވެ. ޔޫހާ ދާންވެގެން ތެދުވިއެވެ.
"އަދި އެއްކަންތައް؟ އަހަރެންގެ ޚާއްޞަ ޑްރައިވަރު ދާނީ ޔޫހާ ގެއަށް ލާދެން... އެގޮތާ ގަބޫލުވެގެން ދާންވާނީ" ޒައުލްގެ އަޑުގައި ހުންނަ އަމުރުވެރި ގޮތް ޔޫހާގެ ހިތަށް ތަދުކުރުވައެވެ. އަދި ހިތުގައި ރުޅިވެރިކަން ވެސް އުފެދެއެވެ.
"ހޫމް... މައްސަލައެއްނެތް" އެންމެ ފަސޭހަވާނީ ޒައުލް ބުނިގޮތް ހެދުންކަމުގައި ޔޫހާއަށް ވިސްނުނެވެ. އެހެންވެ އާނއެކޭ ބުނެލިއެވެ. ހަމައެވަގުތު ޒައުލް އޭނަގެ ފަޓުލޫނު ޖީބުގައި އޮތް ފޯނުނަގާ ޖަމާލްއަށް ގުޅާލިއެވެ. ހޮޓެލްގައި ޒައުލް ހޭދަކުރާ ރޭތަކުގައި ޖަމާލްވެސް ނިދަނާނީ ހޮޓެލްގައެވެ. އެހެންވެ ނިދަން ތައްޔާރުވެފައިވިއެއްކަމަކުވެސް ޖަމާލްއަށް ޒައުލް ގުޅާލުމަކުން އުނދަގުލަކަށް ނުވިއެވެ. އޭނަ އަވަސް އަވަހަށް އައިސް ޒައުލްގެ ކޮޓަރީގައި ޓަކިދީފައި އެތެރެއަށް ވަދެއްޖެއެވެ.
"އޯ....މާފުކުރައްވާ ކުޑަސާހިބް..." ޖަމާލްއަށް އެކޮޓަރީގައި ހުރި ޔޫހާ ފެނުމާއިއެކު އިސްޖަހާލަމުން ބުނެލި އެވެ.
"މީ އަހަރެންގެ ޚާއްޞަ މެހެމާނެއް، ގެއަށް ގެންގޮސްދީ" ޒައުލް ޖަމާލްއަށް ބުނެލިއެވެ.
"ދުރުވޭ..." ޖަމާލް ޔޫހާއަށް މުޚާޠިބުކުރި އެވެ. ޔޫހާއަށް އިތުރު ހައިރާންކަންވެރި ކުރުވިއެވެ. ޒައުލްގެ ޚާއްސަ ހާދިމުންވެސް ތިބީތީއެވެ. އޭނަ ބުނެލާ ކޮންމެ ކަމެއް ކުރަން ތައްޔާރަށެވެ. ކޮނޑުގައި އަޅުވާލާފައިވާ އަތް ދަބަސް މޭގާއި ޖައްސާ ބާރުކޮއްލަމުން ޔޫހާ އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އޭނަގެ ފަހަތުން ޖަމާލް ހިނގައިގަތެވެ.

"މިހާރު ކޮންއިރެއް ގުޅާތާ... އޮފީހުގަ ކޮންކަމެއް ޖެހިގެންތަ މަޑުކުރަން ޖެހުނީ..." ދޮރުންވަތް ޔޫހާ ފެނުމުން ކަންބޮޑުވެފައި އިން ޝާއިން ވަގުތުން ވާހަކަދެއްކި އެވެ.
"ފައުޒީ ބުނެގެން ލިޔުންތަކެއް ހަމަޖެއްސީ..." ޔޫހާގެ ސިކުނޑިވަނީ ޒައުލް ކަންތައްކުރި ގޮތުން ހާސްވެ ހަނދާނެގޮތް ހުސްވެފަ އެވެ. އެހާސްކަމުގެ ތެރޭ ޝާއިންގެ ސުވާލުތައް ކުރިމަތިވުމުން އިތަރަށް އޭނަގެ ބޮލުގައި ރިއްސަން ފެށިއެވެ.
"މީދެން ކޮންގަޑިއެއް އެކަހަލަ ކަމެއް ކުރުވަން، އެނގެންޖޭހެނެ އެއްނު އަންހެން ކުއްޖަކު މިފަދަ ގަޑިއެއްގައި ފޮނުވާލާއިރު... އަނެއްކާ ކިހިނެއް އައީ، ކާރުގަތަ؟ ފޯނަށް ކިހިނެއް ހަދައިގެންތަ ތިއުޅެނީ، ގުޅާ ކޮންމެ ފަހަރަކު ބުނަނީ ނިއްވާލަފައޭ" ޝާއިންގެ ވާހަކަތައް ހުރީ ހުއްޓާލާފަދަ ގޮތަކަށް ނޫނެވެ.
"ބެޓްރި ޗާޖު ހުސްވެގެން ފޯނު ނިވުނީ، ޑިއުޓީ ނިންމާފަ ނުކުންނަން އުޅެނިކޮށް އެމަސައްކަތް ޖެހުނީ، އެހެންވެ ފޯނުވެސް ޗާޖުކުރަން ނޫޅެވުނީ... ދެން އެހާ ހާސްނުވެބަލަ، ހެނދުނުން ހޭލަންވެސް ޖެހޭނެ... މިދަނީ ނިދަން، ޝާއިން ވެސް ދޭ އަވަހަށް ނިދަން، ކޮބާ ކިޔާން" ޔޫހާ މާބޮޑު ކަމަކަށް ނުހަދާ ބުނެލި އެވެ.
"އެބައޮތް އަފޫ އާއިއެކު އެކޮޓަރީގަ، ދެންމެ ބަލާލިއިރުވެސް ދެމީހުން ތިބީ ގަދަ ނިދީގަ، ކިޔާން ގެނެސްދެންތަ" ޝާއިން އޭނަގެ ކޮޓަރިއަށް ވަންނަން ހިނގައިގަންނަމުން ބުނެލިއެވެ.
"ނޫން، މިރޭ ކިޔާން އަފޫކައިރީ ބާއްވާލާ..." ޔޫހާ މިނޫނީ ދުވަހަކު ވެސް އެހެން ނުބުނެއެވެ. ކޮންމެވެސް ކަމެއް ވެއްޖެހެން ޝާއިންއަށް ހީވިއެވެ. ނަމަވެސް ސުވާލުކުރުމެއް ނެތި އޭނަވެސް ވަނީ އޭނަގެ ކޮޓަރިއަށެވެ.

ކޮމެންޓް 0