މަންސޫރަށް އަމިއްލަ ބޮލުގައި އަތްހާކާލުމާއިއެކު ފޯނަށް ބަލަހައްޓައިގެން ހުރެ އެނދުގައި އިށީނދެވުނެވެ. ދުވަހަކުވެސް ޒައުލްއަކީ ގޭތެރޭގައި އުޅޭ އުޅުމުގައިވެސް ބާރަށް އެއްޗެއް ބުނާ ޒުވާނެއ ްނޫނެވެ. ވީއިރު މިހާ ބޮޑު ބަދަލެއް އައިސްފާނެކަމަށް މަންސޫރަށް ވެސް ގަބޫލުކުރަން ދަތިވީ އެވެ. މަންސޫރު ސައިޑް ޓޭބަލްގެ މަތީ ފޯނު ބާއްވާލުމަށްފަހު އެނދުގައި ހަށިގަނޑު ދަމާލައިގެން އޮށޯވެލި އެވެ. ވިސްނުމާ ފިކުރުގެ ތެރެއަށް މީހާ ގެނބެމުންދިއުމާއިއެކު އެއްވެސް އިޙްތިޔާރަކާއިނުލާ އެއް އަތް ނަގާ ނިތުގައި ބާއްވާލެވިއްޖެ އެވެ. އޭނަ މިވަގުތަށް އެންމެ ކަންބޮޑުވެފައިވަނީ ޒައުލް އާއިލާ އާއި ދުރަށް ދިއުމުގެ ވިސްނުމެއް ގެންގުޅެފާނެތީ އެވެ. އެކަމާ ލާއިގާ އާއި އެއްވެސް މަޝްވަރާއެއް ކުރިކަމުގައިވިޔަސް ހައްލެއް ނުފެންނާނެކަން ގައިމެވެ.

ހަފްތާއެއްހާ ދުވަސް ޔޫހާގެ ރަށުގައި ހޭދަކޮއްފައި މާލެ އަންނަންވިއިރު ޔޫހާގެ އާއިލާއަށް ޒައުލްގެ ހުރިހާ ވާހަކައެއް ވަނީ އޮޅުންފިލުވައިދެވފަ އެވެ. ޒައުލް ފަހީމާއަށް "ޔޫހާގެ މަންމަ" މިނަމުން ކިޔުންވެސް ހުއްޓާލައިފައި "މަންމަ" ކިޔަން ފަށައިފި އެވެ. އެއީ ފަހީމާގެ އެދުމުގެ މަތިންނެވެ. ޒައުލްއަށް "މަންމަ" މި ލަފްޒު ކިޔަން ކިތަންމެ އުނދަގޫ ނަމަވެސް ފަހީމާގެ ހިތްހަމަޖެހުމަށް އިސްކަން ދިނެވެ.
"ދަރިފުޅުމެން މިކޮޅުގައި މަޑުކުރިޔަސް މަންމަގެ އެއްވެސް މައްސަލައެއްނެތް، މިހަފްތާ ދިޔަ ގޮތްވެސް ނޭނގުނު، ދުވަސްތައް މާކުރުވެފައި ވަގުތު ދިޔައީ ކިހިނެއްކަންވެސް ނޭނގުނީ ދަރިފުޅުމެން ތިބީމަ، މަންމަ ވަރަށް ދެރަވޭ އަނެއްކާވެސް ޔޫހާ މާލެ ދާތީވެ، ކިޔާންވެސް ދެން ނުފެންނާނެ، އެސޮރަށް މާމަޖައެއްނު މިކޮޅު، އޭނަވެސް ހުންނަން ބޭނުންވަނީ މާމަ ކައިރީ މިރަށުގައޭ ދޯ ދަރިފުޅާ" ފަހީމާ ޒައުލްގެ އުނގަށްވަދެހުރި ކިޔާންގެ އަތުގައި ހިފާގެނެސް ބުރަކަށީގައި ފިރުމާލުމާއިއެކު ގަޔާ ކައިރިކޮއްލި އެވެ.
"މަންމާ، މިކޮޅުގަ ކިހިނެއްތިބޭނީ، އަޅުގަނޑުގެ މަސައްކަތްތައް ކުރިއަށްދާނީ މާލޭގަ، އެހެންވީމަ ކޮންމެ ގޮތެއް ހަދާފަވެސް އެކޮޅަށް ދާން އެބަޖެހޭ، ޔޫހާ އާއި ކިޔާން މަންމަ ގާތުގައި ބެހެއްޓޭކަށްވެސްނެތް، އަޅުގަނޑަށް ފަސޭހައެއްނުވާނެ އެމީހުނާ ދުރުގައި އުޅޭކަށް، އަނެއްކާ ކިޔާންގެ ކިޔެވުންވެސް ފެށިފައި އެވަނީ މާލޭގައި... އެކަމަކު... މަންމަ ދެރަވާނެކަމެއްނެތް، އިރާދަކުރެއްވިއްޔާ އަޅުގަނޑު ލިބޭ ބަންދުތަކުގައި ޔޫހާ ގޮވައިގެން މިރަށަށް އަންނާނަން" ޒައުލް ބުނެލި އެވެ.
"މިހުރިހާ ކަމެއް ހިނގާ ދިޔައިރު ބައްޕަ ކީއްވެތޯ އަޅުގަނޑަށް ގުޅާނުލީ؟" ލޫލުއާ އާއި ހާޒިމް ޓެރެސްގައި ތިބެ މަންސޫރު އާއި ވާހަކަ ދައްކަމުން ބުނެލި އެވެ.
"ދަރިފުޅާ ހުރިހާ ކަމެއް ހިނގާދިޔައީ ވަރަށް އަވަހަށް، ޒައުލް އެއްވެސް ކަމެއް އާއިލާ އާއި ޙިއްސާކުރުމެއްނެތި އެފަދަ ބޮޑު ފިޔަވަޅެއް އެނެގީ" މަންސޫރު ލޫލު އާއި ހާޒިމްއަށް ފުރަގަސްދީގެން ޓެރެސްގެ ރެއިލިންގައި ހިފަހައްޓާލައިގެން ހުރެ ބުނެލި އެވެ.
"އެކަމަކު... ޒައުލް ކޮއްކޮ އެހެން ހަދާފާނެއޭ ވަރަށް ގަބޫލު ނުކުރެވޭ، މާމައަށް ނޭނގި ޒައުލް ކޮއްކޮ ކަމެއް ނުކުރާނެ، އަޅުގަނޑަކަށް ހިޔެއްނުވޭ މިގޭ އެއްކުއްޖަކަށް ވެސް މާމަ އާއި ދެކޮޅަށް ކަމެއްކުރަން ކެރޭނެހެނެއް، އަނެއްކޮޅުން މާމައަށް ނޭނގި އެއްވެސް ކަމެއް ނުހިނގާނެ، އަޅުގަނޑަށް ހީވަނީ މާމަ އާއިހެން މިކަމާ ވާހަކަ ދައްކަންވީ، މާމަ ޒައުލް ކޮއްކޮ އާއި ވާހަކަ ދައްކަނިކޮށް މިކަން ހައްލުވެދާނެކަން ނޭނގެ" ޒައުލްގެ ކަންތައްތައް ނޭނގިހުރެ ލޫލުއާ ބުނެލިއެވެ. 

މަންސޫރު ވަގުތުން އެކަމަށް މަނާކުރިއެވެ. ލާއިގާ އާއި އެއްވެސް ވާހަކައެއް ނުދެއްކުމަށްބުނެ ކަންތައްތައް ފެށުނީއްސުރެން މަންސޫރަށް އެނގިފައިވާ މިންވަރަށް ޔޫހާގެ ވާހަކަތައް ކިޔާދީފިއެވެ. ލޫލުއާގެ ބުމަ މާޔޫސްކަމާއިއެކު އަރުވާލަމުން ކައިރީގައި ހުރި ހާޒިމްއަށް ބަލާލެވުނެވެ. އޭނަ އެއްވެސް އެއްޗެކޭ ނުބުނެ މަޑުން ހުރީއެވެ. ކައިވެނީ ފުރަތަމަ ދުވަސްތައް ރާއްޖެން ބޭރުގައި ހޭދަކޮއްލުމަށްފަހު މާލެ އައުމާއިއެކު ލޫލުއާއަށް މިލިބުނީ ނުބައި ޚަބަރެކެވެ. މަޑުމަޑުން އޭނަގެ ހަނދާނަށް ޒައުލްގެ ވާހަކަތައް އަންނަން ފެށީދެނެވެ. އޭނަގެ ކައިވެނި ކުރެވުމުގެ ކުރިންވެސް ޒައުލްއަށް ބަދަލުތަކެއް އަންނަމުން ދިޔައެވެ. ލޫލުއާގެ ގާތުގައިވެސް އޭނަވަނީ ޑީއެންއޭ ޓެސްޓުހެދުމާއި ބެހޭ ގޮތުން މައުލޫމަތު ހޯދާފަ އެވެ.
"ލޫލުއާ، ދަރިފުޅަށް އެނގޭތަ، ބައްޕަ އެންމެ ކަންބޮޑުވަނީ ޒައުލް މިގެއިން ނުކުމެގެން ހިނގައިދާނެތީވެ، މިވަގުތު ޒައުލް ހުރިތަނެއްވެސް ބައްޕައަކަށް ނޭނގެ" މަންސޫރު އެނބުރިލަމުން ލޫލުއާއަށް ބަލާލި އެވެ. ދުވަހަކުވެސް މަންސޫރުގެ މޫނުމަތިން އެފަދަ ހާސްކަމަކާ ކަންބޮޑުވުމެއް ލޫލުއާ ނުދެކެވެ.
"ބައްޕާ، ޒައުލް ކޮއްކޮއަށް އަދިވެސް ގުޅޭތޯ އަޅުގަނޑު މަސައްކަތްކުރާނަން، އަޅުގަނޑު އޭނާޔާ ވާހަކަ ދައްކާނަން، ބައްޕަ އެކަމާ ކަންބޮޑުވެނުލައްވާ" ލޫލުއާ އަވަސް އަވަހަށް ބުނެލިއެވެ.

ޔޫހާގެ ފޯނަށް ދެތިންދުވަހު އައްޔަދު ގުޅުމުންވެސް ފޯނެއް ނުނަގައެވެ. އެހެންވެ ޔޫހާގެ ޚަބަރު އޮޅުންފިލާނެ ފަރާތަކީ ހަމައެކަނި އަފްލީންކަން އެނގި އޭނަ އަފްލީނަށް ގުޅިއެވެ. އެކަމުގައި ފުރަތަމަ ފަހަރަށް އަފްލީނަށް ގުޅި އައްޔަދުއަށް މިހާރު ކަމަކާނުލާވެސް އަފްލީނަށް ގުޅާލެވެއެވެ. އެގަޑީގައި އޭނަ ކުރަނީ ކީއްތޯ ބަލާލުމަށެވެ. ޔޫހާ ނެތުމުން އަފްލީނަށް ލިބުނު ފަޅުކަން ފިލުވާލަދިނީ އައްޔަދު އެވެ. އެ ދެމީހުންގެ މެދުގައި ގާތްކަމެއް އުފެދެމުންދާކަން އެނގޭ އެކަކުވެސް ނެތެވެ. ޔޫހާގެ ފޯނު ކޯލު އައީ އިރުއޮއްސެނިކޮށެވެ. މާލެއަށް އައުމަށް ފުރައިފިކަމުގެ ޚަބަރު އަފްލީނަށް ލިބުމާއިއެކު އަވަސްވެގަތީ އައްޔަދުއަށް ގުޅާލުމަށެވެ.

ޒަރާނާ ޔޫހާގެ މަތިންނާއި ކުޑަކުޑަ ކިޔާންގެ މަތިން ވަރަށް ހަނދާންވެއެވެ. ކުރިއާއި ހިލާފަށް މިހާރު އޭނަގެ ހުސްވަގުތުތައް ވިސްނުމުގައި ހޭދަކުރެއެވެ. މީގެ ކުރިން އޭނަ އާއި މަންސޫރަށް ލިބިފައިވާ ދަރިންނާއިމެދު މިވަރަކަށް ވިސްނާކަށް ނުޖެހެއެވެ. އަދިވެސް ޒަރާނާއަށް ހީވަނީ އިއްޔެވީ ކަމެއްހެން ޒައުލް އާއި ޔޫހާގެ މަންޒަރު ލޯކުރިމަތީ ސިފަވަމުންދާހެނެވެ. ޒައުލް ޔޫހާގެ އަތުގައި ހިފައި ދަމައިގަތް ގޮތެވެ. ޒަރާނާއަށް އޭނަގެ އަމިއްލަ ދިރިއުޅުން ފަދައިން ޒައުލް އާއި ޔޫހާގެ ދިރިއުޅުން ވެދާނެތީ ކަންބޮޑުވެއެވެ. ލާއިގާއަކީ ކާކުކަން އެނގޭތީވެ އޭނަގެ ނުފޫޒު ޔޫހާގެ މައްޗަށް ފޯރާނެކަން އެންމެ ރަނގަޅަށް އެނގޭ މީހަކީވެސް ހުދު ޒަރާނާއެވެ. އެހެންނަމަވެސް ލާއިގާގެ ސަބަބުން އޭނަގެ އެއްވެސް ދަރިއެއްގެ ދިރިއުޅުން ރޫޅިގެންދާތަން ބަލަން އޭނަ މަޑަކުން ނުހުންނާނެއެވެ. ލާއިގާއަކީ އެކުދިންގެ މާމައެވެ. އެކަމަކު ޒަރާނާއަކީ އެކުދިންގެ މަންމައެވެ. މަންމައަށްވުރެ ދަރިންގެ މައްޗަށް ހައްގުކަން ބޮޑު އެހެންމީހަކު ނުހުންނާނެއެވެ.

"ޒައުލް...ދަރިފުޅާ..." ގޭގެ ބިއްދޮށުގައި ހައްދާފައިވާ ބަގީޗާގައި ހުރި އުނދޯލީގައި އެކަނިމާއެކަނި އިން ޒަރާނާއަށް ބުނެލެވުނެވެ.

ޝާއިން ރޮޒޭންގެ އެދުމުގެ މަތިން އޭނަގެ މަންމަ އާއި ކައިވެނީގެ ވާހަކަ ދެއްކިއެވެ. ރޮޒޭންގެ މަންމަގެ ހުއްދަ އާއިއެކު ޝާއިން އާއި ރޮޒޭންގެ ކައިވެނި ކުރަން ހަމަޖެހިއްޖެ ކަމުގެ އުފާވެރި ޚަބަރު ގޭގެ ހުރިހާ އެންމެނަށް ލިބިގެންދިޔައެވެ. އޭގެ އިތުރުން ޝާއިން އެޚަބަރު މެސެޖެއްގެ ގޮތުގައި ޔޫހާގެ ފޯނަށް ވެސް ފޮނުވާލިއެވެ. ޝާއިން އާއި ރޮޒޭންގެ ހިތް އުފަލުން ނަށަނީއެވެ. ޝާއިން އޭނަގެ ގެ އަލުން މަރާމާތުކޮށް ކުދިކުދި ބަދަލުތައް ގެނަން ގަސްދުކުރިއެވެ. އެހެންނަމަވެސް އޭނަ ޔޫހާގެ ކޮޓަރި ޔޫހާއަށްޓަކައި ބަހައްޓަން ބޭނުންވެއެވެ. ކޮންމެ ދުވަހަކުން އެގެއަށް ޔޫހާ އަޔަސް އެ ކޮޓަރިވާނީ ޔޫހާގެ ކޮޓަރިއަކަށެވެ. އެގެއަކީ ޔޫހާގެވެސް ގެއެވެ. ޝާއިން އާއި އަފްލީންގެ އިތުރުން ޔޫހާ އާއި ކިޔާންއަކީވެސް އެއް އާއިލާއެކެވެ.

އުޑުމައްޗަށް ބަލާލުމުން ޔޫހާއަށް ފެނުނީ ދައުރުވަމުންދާ ކުދިކުދި ވިލާކޮޅުތަކެވެ. އަދި ކުރިމަތިން މާލޭގެ މަލަމަތި ފެންނަން ފަށައިފިއެވެ. ފަޒާގައި ހަރުލާފައިވާ ތެތްފިނިކަމާއިއެކު ދެ އަތް ދެއަތާ ހާކާލުމަށްފަހު މެޔާދިމާލުން ދެއަތް ހުރަސްކޮއްލި އެވެ. އެތަންފެނި ޒައުލް ޔޫހާގެ ފުރަގަހުން އައިސް އޭނަގެ ގައިގައި ބައްދާލި އެވެ. ފަތިހުގެ އެންމެ ފަހު ވަގުތުކޮޅެވެ. ގިނައިރެއްނުވެ މުޅިން އާދުވަހަކަށް އިރުއަރައިދާނެ އެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތި އެހިތްގައިމު ވަގުތުކޮޅުން އުފާހޯދުމަށް ޔޫހާ ބޭނުންވިއެއްކަމަކު އެކަމެއް ނުވިއެވެ. އޭނައަށް ކުރިމަތިންލާން ޖެހިފައިވަނީ އަނެއްކާވެސް ދިރިއުޅުމުގެ މުޅިން އާ ބާބަކާއެވެ. ޒައުލް ދެން އޭނަ ގެންދާނީ ކޮންތާކަށްކަމެއް ނޭނގެއެވެ. ޔަގީނުންވެސް ޒައުލްގެ ފަރާތުން ލިބޭ ލޯތްބާއި އަޅާލުން އޭނައަށް ފުދެއެވެ. ކައިވެންޏަށް ގިނ ަދުވަހެއް ނުވަނީސް މިހާ އަވަހަށް ޔޫހާ އޭނަ އާއި ޒައުލްގެ ކައިވެންޏާއިމެދު ހިތުގައި ބިރުވެރިކަމެއް އުފެދިފައިވެއެވެ.

"ހިނގާ ކެބިންގެ ތެރެއަށް، އަހަންނަށް ހޭލެވުނު އިރު ޔޫހަ ނެތީމަ އެނގުނު މިތަނުގައިކަން ހުންނާނީ، ފިނިވެފަ މިހާރުވެސް ތިހިރީ، މާލެ ފަޅަށްވަދެވުނީމަ އަޒީ އަންނަނާނެ ގޮވަން" ޒައުލް ކުރިއަށްވުރެވެސް ބޮޑަށް ޔޫހާ އެއަތުގެތެރެ ބާރުކޮއްލަމުން ބުނެލި އެވެ.
"ދެން މިއާދެވުނީއެއްނު، އިރުކޮޅަކުން އިރުއަރާނެ، އަހަރެންގެ ލޮލުގައި ނިންޖެއްނެތް... އެކަމަކުވެސް ހިނގާ" ޔޫހާ އެނބުރިލަމުން ބުނެލި އެވެ. ޒައުލް ހީނލާފައި ޔޫހާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

ގާޑަންވިއުގެ ޕާކިންލޮޓުގައި ބައްވާފައި އޮތް ޒައުލްގެ ކާރުގައި ޖަމާލު އައިސް އެއްނަންބަރު ފާލަމާ ދިމާލުގައި މަޑުކޮއްލި އެވެ. އަދި ކާރުން ފައިބާ ކާރުގެ ޑިކީ ހުޅުވާލީ ތޮށިގަނޑުމައްޗަށް ފޭބި ޒައުލް ފެނުމުންނެވެ. އޭނަ ކިޔާން އާއި ޔޫހާ ފޭބުމަށް އެހީތެރިވެދިންއިރު ޖަމާލު އަވަސްވެގަތީ އެމީހުންގެ ފޮއްޓާ ޒައުލްގެ ދަބަސް ކާރަށް ލުމަށެވެ.
"ބާއްޖަވެރި ހެނދުނެއް ކުޑަ ސާހަބް، ދަތުރު ކިހިނެއްތޯ؟" ޒައުލްމެން އެރުމަށް ކާރުގެ ދޮރު ހުޅުވާލަ ދީގެން ހުރި ޖަމާލު ބުނެލ ިއެވެ. ޒައުލް ހީނލުމާއިއެކު ޖަމާލުގެ ކޮނޑުގައި ޖަހާލިއެވެ. ޒައުލް އެހުރީ ވަރަށް ރަނގަޅު މޫޑެއްގައިކަން ޖަމާލަށް ޔަގީންވި އެވެ. އޭނަގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

އެމީލީ ހިޔާގޭ ގޭޓު ކުރިމައްޗަށް ކާރުމަޑުކޮއްލުމާއިއެކު ދޮރުފާރައަށް އިން ސެކިއުރިޓީ އޮފިސަރު އަވަހަށް ގޮނޑިން ތެދުވެ ގަރާޖުގެ ދޮރު ހުޅުވާލިއެވެ. ޔޫހާގެ ހިތް ބާރަށް ތެޅެމުންދިއުމާއިއެކު ތިރީ ތުންފަތުގައި މަޑުމަޑުން ދަތްއަޅާލެވުނެވެ. އެގެއަށް އޭނަ އައި ފުރަތަމަ ދުވަހު ވީގޮތް ހަނދާނަށް އައުމުންނެވެ. ޒައުލް އާއި އޭނަ ދިރިއުޅޭނީ އެގޭގައިކަން ޒައުލް ނުބުނީ ކީއްވެބާއޭ އޭނަގެ ހިތަށްއެރިއެވެ. އަނެއް ކޮޅުން ޒައުލްގެ ގެއަކީ އެއީކަމުގައިވެސް ޔޫހާއަށް އެނގެއެވެ. ނަމަވެސް އޭނަގެ ޒަމީރު ބުނަނީ އެހެން ވާހަކައެކެވެ. އެގޭގައި އުޅުމަށްވުރެ ޒައުލް އާއިއެކު ޝާއިންމެންގޭގައި އުޅުންވެސް މާހިތަށް ފަސޭހަވާނެ ކަމެވެ. ކާރުގެ ދޮރުހުޅުވާލި އަޑަށްވެސް ޔޫހާ ދިޔައީ ސިއްސައިގެންނެވެ. އެކަން ޒައުލްއަށް ފާހަގަކުރެވުނެވެ.
"ޔޫހާ، ހުރިހާކަމެއްވެސް ރަނގަޅުވާނެ، ހާސްނުވެބަލަ؟" ޒައުލް ޔޫހާއަށް އަތްދިއްކޮއްލި އެވެ.

ހެނދުނުގެ ސައި ބުއިމަށް ކާމޭޒު ކައިރީ މަންސޫރާއި ލާއިގާގެ އިތުރުން އީލާކްވެސް އިނެވެ. އީލާކް ކޮންމެވެސް ވާހަކައެއް ލާއިގާ އާއި ދައްކަމުންދިޔަ އެވެ. ޓޯސްްޓްކޮއްލެވިފައި އޮތް ހުސް ޕާން ފޮތީގައި އަނގަޖަހާލި މަންސޫރަށް ކާކޮޓަރީގެ ދޮރުމަތީ ހުއްޓުނު ބަޔަކު ފެނުމުން އަތުގައި އޮތް ޕާންފޮތި ވެއްޓުނެވެ. އެއާއިއެކު މޭޒުގެ ދޮށުގައި ތިބި އެންމެނަށްހެން ކާކޮޓަރީގެ ދޮރުމަތީ ހުރި ޒައުލްގެ ދެމަފިރިންނާއި ދަރިފުޅު ފެނިއްޖެ އެވެ.
"މިގެއަށް އޭނަ ގޮވައިގެން ތިއައީ ކީއްކުރަން، މިގެއިން އެއްޗެހިތަކެއް ލިބޭނެކަމަށް ހީކޮށްތަ...ޒައުލް ކަލޭގެ ތި ކޫޑި ގޮވައިގެން މިގެއިން ނުކުމޭ" ލާއިގާގެ އަޑުއިވިގެންދިޔައެވެ. އެގެއަށް ވަނީއްސުރެން އިސްޖަހާލައިގެން ހުރި ޔޫހާ އަދިވެސް ހުރީ އެހެންނެވެ. މަންސޫރުގެ ގޮނޑި ފަހަތަށް ދެމިގެން ދިޔަ އަޑުއިވުނެވެ.
"މަންމާ، ޒައުލްއަކީ އަޅުގަނޑުގެ ދަރިއެއްނޫންތަ، މިގޭގައި އުޅޭނީ އަޅުގަނޑުމެންގެ ދަރިންނެއްނޫންތަ، ޒައުލް އުޅޭނީ މިގޭގައި..." ދަރިފުޅާމެދު ކަންބޮޑުވެފައި ހުރި މަންސޫރަށް ބުނެވުނެވެ. 

ކޮމެންޓް 0