ކާރުގައި އިން ޒައުލްގެ ފަހަތު ސީޓަށް ކުޑަކޮށް ހަށިގަނޑު ދޫކޮއްލައިގެން ދެ ލޯ މަރާލައިގެން އިންއިރު އޭނަގެ ތުންފަތުގައިވަނީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ. ދޭތެރެއަކުން ޖަމާލު ލޯގަނޑުން ފަހަތު ސީޓުގައި އިން ޒައުލްއަށް ބަލާލައެވެ. އޭނައަށް ވެސް ޒައުލްގެ މޫނުމަތިން މީގެކުރިން ނުފެންނަ ކިތަންމެ ކުލައެއް ފެންނަމުންދާތީ އެކަމާ ހައިރާންވެފައި އިނެވެ. ޒައުލް އުޅެމުން ދާގޮތް މަންސޫރު އާއި ލާއިގާއަށް އެނގިއްޖެނަމަ ވާނެގޮތަކާއިމެދުވެސް ޖަމާލްއަށް ވިސްނާލެވުނެވެ. އޭނައަށް އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތް އެނގޭތީވެސްމެއެވެ.

"ކޮންތާކަށް" ޒަރާނާ އައްޔަދު ބޭރު ދޮރާދިމާލަށް ހިނގައިގަތުމާއިއެކު އަހާލިއެވެ.
"ބޭރަށްދާކަށް ނޫޅެން، މިތާ ދޮރުމައްޗަށް ހަމަނުކުމެލަނީ..." އައްޔަދު ސިޓިންރޫމު ސޯފާއެއްގައި އިން ޒަރާނާއަށް ބަލާލަމުން ބުނެލިއެވެ. އަދި ގޭދޮރުމައްޗަށް ނުކުމެ މަޑުކޮއްލައިގެން ހުއްޓެވެ. އެހެންހުރިއިރު އޭނަގެ ޖިންސުގެ ޖީބުގައި އޮތް ފޯނު ނަގައިގެން އޭނަ މަސައްކަތްކުރީ ޔޫހާއަށް ގުޅޭތޯއެވެ. ދެތިން ފަހަރު ގުޅާލިތަނާހެން ޔޫހާ ފޯނު ނެގިއެވެ.
"އަޔާ މިވަގުތު ވަރަށް ބިޒީ، އިހަށް ފޯނު ބާއްވާލާނަން" ޔޫހާ ފޯނު ނެގި ގޮތަށް ބުނެލި އެވެ.

"ޔޫހާ...ޔޫހާ... ޕްލީޒް ވެއިޓް، އަހަރެން ވަރަށް ގުޅައިފިން ޔޫހާއަށް، ނިދާފަދޯ އޮތީ، އަހަންނާ މީޓް ކޮއްލަންވީނު، ވަރަށް ފޫހިވެގެން މިއުޅެނީ، ކިހިނެއްވާނީ ކޮފީއަކަށް ދިއުން، ޕްލީޒް..." ޔޫހާ ފޯނު ބާއްވަފާނެތީ އަވަސްއަވަހަށް އައްޔަދު ވާހަކަ ދެއްކިއެވެ.
"އަހަރެންމީ ކޮފީތަކަށްގޮސް އުޅޭ މީހެއް ނޫން" ޔޫހާ ބުނެލި އެވެ. އެހެންނަމަވެސް އައްޔަދުގެ އާދޭހާއެކު އޭނަ އާއި ރެސްޓޯރެންޓަކުން ބައްދަލުކުރުމަށް ޔޫހާ އެއްބަސްވި އެވެ.
"އެކަމަކު އަހަރެން އެކަންޏެއް ނުދެވޭނެ، އިތުރު ކުއްޖަކު ގެންދިޔަޔަސް އެންމެ ރަނގަޅުތަ" ޔޫހާ އަހާލި އެވެ. އައްޔަދު އަވަސް އަވަހަށް އެއްބަސްވި އެވެ. ވަގުތުގެ ގޮތުން ޔޫހާ ފޯނު ބާއްވާލީ އެވަގުތަކީ އޭނަ ކިޔާން ސްކޫލަށް ގެންދިއުމަށް ތައްޔާރުކުރާ ވަގުތަށްވާތީ އެވެ.
"ޔެސް..." ދޮރާށިދޮށުގައި ހުރި އައްޔަދު އޭނަ ބޭނުންވި ކަންތައްވުމުން ބުނެލިއެވެ. އެވަގުތު ތަންކޮޅެއް ދުރުން އާފާގުގެ ކާރު ވައްތަރުޖަހާ ކާރެއް އަންނަތަން ފެނުނެވެ. ކުރިއަށްވުރެ ވެސް ހިނިއައިސްފައި ގޭތެރެއަށްވަނީ ސިޓިންރޫމުގައި އިން އޭނަގެ މަންމައަށް އެ ޚަބަރުދޭށެވެ.

ގޭތެރޭގައި އުޅުނު އަފްލީންވެސް ޔޫހާ އާއިއެކު ކިޔާން ގޮވައިގެން ސްކޫލުދޮށަށް ދިޔައެވެ. އަފްލީންގެ ކަމަކަށްވެފައިވަނީ ޒައުލް އާއި ގުޅުވައިގެން ޔޫހާ އާއި ދިމާކުރުމެވެ. ބައެއް ފަހަރު ޔޫހާގެ ގާތަށްވެސް އަފްލީން ބުނެލާ އެއްޗެހިން ހިނި އާދެއެވެ. އަފްލީންއަކީ އޭނައާ އެއްވެސް ގުޅުމެއްނެއް އަންހެން ކުއްޖެއްނަމަވެސް، އޭނަގެ އަންހެން ކޮއްކޮއެއް ހުރިނަމަ މިއަދު އުޅޭނީ އެގޮތަށްކަން ގައިމެވެ. ޔޫހާ އޭނަގެ އާއިލާ މަތިން ކުއްލިއަކަށް ހަދާންވިއެވެ. އޭނަ މާލެ އައިސުއްރެން އެއާއިލާގެ މަތިންވަނީ ހަނދާންނައްތާލާފަ އެވެ. ހަމައެކަނި ހުރީ މުސްކުޅިވެފައިވާ މަންމަ އަކާއި ދައްތައެކެވެ. އޭނައަށް ހިތްވަރު ދިން މީހެއްކަމުގައި އޭނަގެ ދައްތަވާނެ އެވެ. އެދައްތަ ވެސް ހުރި ހަމައެކަނި ކޮއްކޮ ހާލު ބަލަން ބޭނުންވާނެ އެވެ. ސްކޫލު ދޮށުން 
ގެއަށް އައި ޔޫހާގެ ތުންފަތަށްވެރިވެފައިވި ހިނިތުންވުންވަނީ މިލައިގެންގޮސްފަ އެވެ. ކޮޓަރިއަށް ވަތްގޮތަށް ދޮރުލައްޕާލުމާއިއެކު ފޯނުނެގީ އެ ނަންބަރަކަށް ޔޫހާ މީގެ ކުރިން ގުޅަން ބޭނުންނުވި އޭނަގެ ދައްތަގެ ނަންބަރަށް ގުޅާށެވެ. މަޑުމަޑުން އެނދުގައި އިށީނދެ ފުންނޭވާއެއް ޔޫހާ ލިއެވެ. ފޯނަށް ބަލަން އެތަށްއިރަކު އިނުމަށްފަހު ޑައިލްކުރާ ފިތަށް ޔޫހާ ފިތާލިއެވެ.
"ހެލޯ، ޔޫހާ..." ޝަފަގްގެ އަޑު ޔޫހާގެ ކަންފަތުގައި ޖެހިގެންދިޔަ އެވެ. ވަރަށް ހިތްވަރާއިއެކު ޔޫހާ ހެލޯއޭ ބުނެލިއެވެ.
"ބޮޑުދައިތަ ވަރަށް އުފާއްޖެ ކޮއްކޮ އަޑުއިވުނީ، ހާލު ކިހިނެއްތަ؟ ހާދަ ވަރަކަށް ގުޅަމޭ، ކީއްވެތަ ކޮއްކޮ ފޯނު ނުނަގަނީ... މަންމަވެސް ކޮއްކޮމަތިން ހަނދާންވާތީ އެވާހަކަ ދައްކާ، ކޮބާތަ އެސޮރު..." ޝަފަގު އެއްފަހަރާ އެތައް ސުވާލެއްކޮއްލި އެވެ. އޭނަ ހުރީ ޔޫހާ އާއި ކިތަންމެ ދުރުގައިނަމަވެސް ކޮއްކޮގެ އަޑުއިވުމުން ހުރީ ވަރަށް އުފަލުންނެވެ. ޝަފަގު އޭނަ އާއި ޔޫހާގެ މަންމަ ފަހީމާއަށް ފޯނުގައި ހުރެ ތަންކޮޅެއް ބާރަށް ގޮވާލި އަޑުއިވުނެވެ.
"ބޮޑުދައިތާ، ޕްލީޒް މަންމައަށް ނުގޮވާ އިހަށް" ޔޫހާއަށް އަވަސް އަވަހަށް ބުނެލެވުނެވެ.
"އެއީ ކީއްވެ؟ ކޮއްކޮ އަދިވެސް ތިހުންނަނީ ރުޅިންތަ، މަންމައެއްނު އެއީ، މާފުކުރަންވާނެއެއްނު، މަންމަ އާއި ވާހަކަ ނުދައްކާ ނޫޅެވޭނެއެއްނު، އަނެއްކާ މާލެ ދިޔަފަހުން އަދި ތިގުޅީ... ދެން ބުނެބަލަ، ކޮއްކޮގެ ހާލު ކިހިނެއްތަ؟ މިހާރު ހުރިހާ ކަމެއްވެސް ހަމަޖެހިއްޖެކަމުގަ ޝާއިން ބުނި" ޝަފަގުގެ އަޑުގައިވަނީ އޯގާތެރިކަމާއި ލޯތްބެވެ.
"ބޮޑުދައިތަ ޝާއިން އާއި ކޮންއިރަކު ވާހަކަދެއްކީ" ޔޫހާ ހައިރާންވެފައި އަހާލިއެވެ.
"ޝާއިން ދައްތައަށް ނަންބަރުދީފައޭ އޮތީ، ޔޫހާ ފޯނު ނުނަގާތީ ޝާއިންއަށް ގުޅަނީ، އޭނަ ދައްތައަށް ހުރިހާ ވާހަކައެއް ކިޔާދެއޭ" ޝަފަގު ބުނި އެއްޗަކުން ޔޫހާ ހާސްވިއެވެ. އަނެއްކާ ޒައުލްގެ ވާހަކަވެސް ޝާއިން އޭނަގެ އާއިލާގެ މީހުންގެ ގާތުގައި ދެއްކީބާއެވެ.
"އެހެންތަ، ކީކޭ އޭނަކީ" ޔޫހާ އޮޅުންފިލުވަން ބޭނުންވި އެވެ.
"ކޮއްކޮއަށް ޕްރޮމޯޝަނެއް ލިބުނު ވާހަކަ، މިހާރު ވަޒީފާ ކުރިއަށްވުރެ ރަނގަޅުވެފަ ކިޔާންވެސް ވަރަށް ހަލަނިކަމަށް، ދައްތަ ވަރަށް ދެކިލާ ހިތުން މިހުރީ ތި ދެކުދިން ވެސް، ކޮއްކޮ އިތުރު ކައިވެންޏެއް ކުރާކަށް ނުވިސްނަންތަ" ޝަފަގު ބުންޏެވެ.
"ހޫމް، ވަޒީފާ ރަނގަޅު، ދެމައިންގެ ހާލުވެސް ރަނގަޅު، އެކަމަކު ކައިވެނި..." ޔޫހާ މިހެންބުނެ ކުޑަހިނދުކޮޅަކަށް ހިމޭންވި އެވެ.
"ކައިވެންޏެއް ކުރަނިކޮށް ދެން ހުރިހާ ކަމެއް ހަމަޖެހިދާނެ، އަދި އުމުރުން އެހާ ދުވަސްވެސްވީކީއެއް ނޫން، ކޮއްކޮއަށް ނޭގުނަސް ދައްތައަށް އެނގެޔޭ ކޮއްކޮ އާއި ކައިވެނި ކުރާނެ މީހަކު" ޝަފަގު ހީލާފައި ބުނެލި އެވެ.
"ކާކު..." ޔޫހާއަށް ހައިރާންކަމާއިއެކު އަހާލެވުނެވެ.
"ޝާއިން، ދެން އެހެން ކާކު" ޝަފަގުބުނެލި އެވެ.
"އޭނަ އާއި އަހަންނާ ދޭތެރޭ އެކަހަލަ ގުޅުމެއް ނޯވޭ، ދެން ކައިވެނީގެ ވާހަކަ ބަހައްޓާފަ ބުނެބަލަ، މަންމަ އަހަރެންގެ ވާހަކަ ހަމައަސްލު ވެސް ދައްކާތަ" ޔޫހާ ކަމެއް ޔަގީންކުރަން ބޭނުންވާފަދަ ގޮތަކަށް އަހާލިއެވެ.
"އާން، މިހާރު އަދި ވަރަށް ދައްކާނެ ކިޔާންގެ ވާހަކަ، ކޮއްކޮ ދެން ރަށަށް ނާންނާނެކަމަށް މަންމަ ބުނަނީ، މި ދުވަސްކޮޅު ކުޑަކޮށް ބަލިވެއުޅެނީވެސް، މޭގަ ރޯގާހިފައިގެން އުޅެނީ، މިހާރު ދައްކާ ކޮއްކޮ ހާދަރަނގަޅޭ، ތީ ރަނގަޅު ކުއްޖެކޭ މަންމައަށް އެގޮތަށް ކަންތައް ކުރެވުނީތީ ވަރަށް ދެރަވާ ވާހަކަވެސް" ޝަފަގުގެ އަޑުއަހަން އިން ޔޫހާގެ ދެލޯ ފެންކަޅިވެގެންދިޔަ އެވެ. އޭނަވެސް މަންމަދެކެ ލޯބި ނުވަނީއެއް ނޫނެވެ. އަދި އެމަންމައަށް މާފު ނުކުރާނީއެއްވެސް ނޫނެވެ.
"ކޮއްކޮ ރޮނީތަ، އަދިވެސް ތީ ކުރީގެ ފިނޑި ޔޫހާތަ، ގައިމު ދައްތަ ހީކުރީ އެހުރިހާ ކަމަކަށްފަހު ކޮއްކޮ ބަދަލުވީ ކަމަށް، ތީހިތްވަރު ގަދަ އަންހެން ދަރިއެއްކަމަށް، ދެން މިކޮޅަށް ނާންނާނަންތަ އެއްގޮތަކަށްވެސް" ޝަފަގު އަހާލިއެވެ.
"މަންމަ މަތިން ހަނދާންވޭ، ތީ އަހަރެން އުފަންވި ރަށްކަންވެސް އެނގޭ، އެކަމަކު ތިރަށަށް އަރާހިތެއް ކުޑަކޮށްވެސް ނުވޭ، އަހަރެންގެ ނަސީބު ނޫނީ ކިޔާންގެ ނަސީބު އެއީ ޝާއިން އާއި އަހަރުމެން ދިމާވުން، އޭނަގެ ހިޔަލުގެ ދަށަށް އަހަރުމެން ދެމައިން ގެނައިކަން، ބޮޑުދައްތަމަތިން ވެސް ވަރަށް ހަނދާންވޭ، ކިތަންމެ ދާން ބޭނުން ނޫންކަމުގައިވިޔަސް ހީވަނީ ރަށަށް ދާން ޖެހިދާނެ ހެން" ޔޫހާ ބުނެލިއެވެ.
"އެއީ... ޝާއިންތަ ބުނީ، ތިގޭގަ ހުރެވޭގޮތް ނުވީތަ" ހައިރާންކަމާއިއެކު ޝަފަގު އަހާލިއެވެ.
"ނޫން އެހެނެއް ނޫން، ދެން ފަހުން ގުޅާނަން..." ޔޫހާ ބޭނުންވީ އަވަހަށް ފޯނު ބާއްވާށެވެ. ނަމަވެސް އެހާދުވަހަށްފަހު ޔޫހާގެ އަޑުއިވި އޮޅުންގަނޑެއްގެ ތެރޭ ހުރެ ފޯނު ބާއްވާކަށް ޝަފަގު ގަސްދެއް ނުކުރިއެވެ. ޔޫހާވެސް ޒައުލްގެ އެއްވެސް ވާހަކައެއް ޝަފަގު ކައިރީ އަދި ބުނަން ބޭނުންނުވަނީ އެވެ. އެހެނީ އަދިވެސް އޭނައަށް ހަގީގަތްވަނީ ވަކިކުރަން ދަތިވެފައެވެ. ޒައުލްއެކޭ އޭނައަށް ފެންނަމުންދާ ރީތި ހުވަފެނެކޭ އެއްގޮތެވެ. މިހާ އަވަހަށް ކަންތައްތައް ބަދަލުވެގެން ހިނގައިދާނެއޭ އޭނަވެސް ހީނުކުރެ އެވެ. ގައިމުވެސް އޭނަގެ ހިތުގައި އަދިވެސް ޒައުލްއަށްޓަކައި ލޯބިވެއެވެ. 
ލޮލަށްފެނަން ކުލަރީތި އެހުވަފެން ބިލާހަކަށްވެދާނެތީ އޭނަ ބިރުގަނެއެވެ. އެންމެ މުހިއްމު ކަމަކީ ދެމީހެއްމެދުގައި އޮންނަންޖެހޭ އިތުބާރެވެ. ނަމަވެސް ޒައުލް އާއިމެދު ޔޫހާގެ އެއްވެސް އިތުބާރެއްނެތެވެ. އަލުން އެއިތުބާރު ހޯދުމަށްވަގުތު ނަގާނެކަން ހުދު އޭނައަށްވެސް އެނގެއެވެ. ޝަފަގު ވަރަށް ގިނަ ވާހަކަތައް ދެއްކިއެވެ. ރަށުގެ އެކިއެކި ވާހަކަތަކެވެ. އެކިއެކި މީހުންގެ ވާހަކަތަކެވެ. ޝަފަގުއަށް ލިބިފައިވާ އަންހެން ދަރީގެ ވާހަކައެވެ. ޔޫހާގެ ފޮޓޯތައް ބަލާ ވަރަށް ސުވާލު ކުރާކަމެވެ. އާއިލީ ގާތްކަމުގެ ފިނިކަން ޔޫހާގެ ހިތަށް އިޙްސާސްކުރެވިގެންދިޔައެވެ. މަންމަގެ ވާހަކަ ކިތަންމެ ވަރަކަށް އެހުނުކަމުގައި ވިޔަސް މަންމަ އާއި ވާހަކަދައްކާލަން ޔޫހާއަށް ނުކެރުނެވެ. ޝަފަގު ފޯނު ބޭއްވީ އަދި އެހެން އިރަކުން ގުޅުމަށް އެދެމުންނެވެ. ފޯނު ކޯލު ކެނޑިގެން ދިޔައިރު ކަރުނައިގެ ތެރެއިން ޝަފަގު ޔޫހާ ހެއްވާވެސް ލައިފިއެވެ. އެއީ އަދިވެސް އާއިލީ ލޯބީގެ ވަރުގަދަކަން އަންގައިދިން ރަމްޒެކެވެ.

"ޔޫހާ، ބިޒީތަ...." ކުއްލިއަކަށް ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލާފައި ދޮރުހުޅުވާލަމުން ކޮޓަރިއަށްވަތް އަފްލީން ބުނެލިއެވެ.
"ނޫން، ކިހިނެއްވީ" ފޯނަށް ބަލަހައްޓައިގެން އިން ޔޫހާ އަފްލީންއަށް ބަލާލަމުން ބުނެލިއެވެ. އެ މޫނުމަތިން ހިތްހަމަޖެހިފައި އިންކަމުގެ ކުލަވަރު ފާޅުވަމުންދިޔައެވެ.
"އޯ...ބޯއީ ފުރެންޑްގެ ކޯލެއްތަ" އަފްލީން އައިސް އެއްއަތް ރީތިވާމޭޒުގައި ވިއްދާލާފައި އަނެއްއަތް އުނަގަނޑުގައި އަޅުވާލަމުން ބުނެލިއެވެ. އޭނަގެ މޫނުމަތީގައިވަނީ ލާނެތްކަމެވެ.
"ޕިސް ޕިސް....ކޮން ބޯއީ ފްރެންޑެއްތަ... އަހަންނަށް ޔަގީން މިހާރު އަފޫވެސް ކަޅިއަޅާ ކުއްޖަކު ހުންނާނެކަން" ޔޫހާ ހެވިފައި އިނދެ އަފްލީންއަށް ލޯއަޅާލަމުން ބުނެލިއެވެ. އެއާއިއެކު އަފްލީން ބާރަށް ހޭންފެށި އެވެ.
"ހޫން ދެން ނުހީ ބުނެބަލަ، ކީއްކުރަންތަ ތިއައީ، ކޮންކަމެއް ކޮށްދޭންވީ" ޔޫހާ އެނދުން ތެދުވަމުން ބުނެލިއެވެ. އަފްލީން ދެއްކީ ހަވީރު ސައިގެ ވާހަކައެވެ.

ގެއަށް ދިޔަ ޒައުލް ފެނި އޭނަ ހުރިގޮތުން މަންސޫރުގެ ސިކުނޑި ސުވާލުން ފުރުނެވެ. އޭނަ ޒައުލް ހުއްޓުވަން ނޫޅެ ބަލަހައްޓައިގެން އިނީއެވެ. އޭނައަށް ބަލާލުމުން އެއައީ ހޮޓެލުންހެނެއް ހިއެއްނުވެއެވެ. ޒައުލްއަކީ އަބަދުވެސް ސްމާޓްކޮށް ހުރުމަށް ލޯބިކުރާ ކުއްޖެއްކަން މަންސޫރަށް އެނގެއެވެ. އޭނަގެ ސިފައަކީ އޭނަގެ ހުރިހާ އެއްޗެކެވެ. ރީތިކޮށް ހެދުން އެޅުމާއި އެކަމުގައި މަޝްހޫރު ބްރޭންޑްތައް ބޭނުން ކުރުމަކީ އޭނަގެ އާދައެވެ. އެކަމަކު މިއަދު އޭނަގެ ކުރިމަތިން ވަދެގެން އެދިޔައީ ހަމަ މަންސޫރުގެ ޒައުލް ބާއޭ އޭނަގެ ހިތަށް އެރީއެވެ. ޒައުލްއަށް ސޯފާގައި އިން މަންސޫރު ފެނުނުހެންވެސް ހީނުވެއެވެ. ކޮޓަރިއަށް ވަނުމާއިއެކު ބޫޓާއި ފައި ވަކިކޮއްލާފައި އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. އަދި ކައިރީގައި އޮތް ބާލީސް ގެނެސް އޭގައި ބާރަށް ބައްދާލަމުން ޔޫހާގެ ނަންކިޔާލަމުން ހިނިތުންވެލި އެވެ.

ސްކޫލުން ކިޔާން ގޮވައިގެން ގެއަށް އައިސް ވަތް ޔޫހާ އަވަސްވެގަތީ ކިޔާން ހަވީރީ ހެދުމެއްލައްވާލުމަށެވެ. އެންމެ ފަހުން ކިޔާން ގޮވައިގެން ބޭރަށް ދިޔަދުވަހު ޒައުލްވަނީ އެކުއްޖާއަށް އަންނައުނު ވެސް ގަނެދީފައެވެ. އެތަނުން ޓީޝާޓުކޮޅަކާއި ސޯޓެއް ކިޔާން ލައްވާލުމަށްފަހު ބޫޓަށް އަރުވާލި އެވެ.
"ކޮއްކޮގެ ޕްރެޒެންޓް ޑެޑީ ނުދޭތަ، މަންމި ދެއްކިންތަ ކޮއްކޮ ޑްރޮވިންގް...." ކިޔާން އަހާލިއެވެ.
"ޑެޑީ ފަހުން ޕްރެޒެންޓެއް ގެނެސްދޭނެ، ރީތިކޮއް ހުރެބަލަ، އަވަސް ކުރަން އުޅޭއިރު މީނަވެސް ނުހުންނާނެ މަޑުމަޑަކުން.... ދައްކާ އަނެއްފައި" ޔޫހާ ކިޔާންގެ ފަޔަށް ބޫޓު ލައްވަމުންދިޔަ އެވެ.
"ޕާކަށް ދަނީތަ" ކިޔާންއަށް ޔޫހާގެ ހަރަކާތްތައް ހުރިގޮތުން އަހާލިއެވެ.
"މަންމަގެ ފްރެންޑަކާ ބައްދަލު ކުރަން މިދަނީ، ކޮއްކޮވާނެ ވަރަށް ބަސްއަހަން، އޭރުން މިލްކް ޝޭކްއެއް ދޭނަން" ޔޫހާ ބުނެލި އެވެ.
"މިލްކްޝޭކް ލިބޭ ތަނަށްތަ މިދަނީ" ކިޔާން ވަރަށް ހިނި އައިސްފައި ބުނެލިއެވެ. އޭނަގެ މޫނު ކުއްލިއަކަށް އުޖާލާވެގެންދިޔަ އެވެ. އަވަސް އަވަހަށް ޔޫހާގެ ބަސްއަހާކަމަށް ހެދިލައިގެން ހުއްޓެވެ.
އައްޔަދު ޔޫހާގެ އިންތިޒާރުގައި މޭޒެއްގެ ދޮށުގައި އިނީ ރެޑްބުލް ދަޅެއް ނަގައިގެންވެ. އިރުއިރުކޮޅާ އަތުގައި އޮތް ފޯނުގެ ގަޑި ބަލާލެވެއެވެ. ނަމަވެސް ގިނަ އިރެއްނުވެ އޭނައަށް ސިޑިން އަރައިގެން އައި ޔޫހާ ފެނުނެވެ. ހިނިއައިސްފައި އަތްހޫރާލެވުނީ ޔޫހާއަށް އޭނަ އިންތަން އަންގާލުމަށެވެ. ޔޫހާ މީހަކާއެކު އަންނާނެ ކަމުގައި ބުނެފަވެސް އެކަނި އައުމުން އައްޔަދު ވަރަށް ހިތްހަމަޖެހުނެވެ. އެހެންނަމަވެސް މޭޒެއްގެ ކައިރިން ނެއްޓެމުން އައި ޔޫހާގެ އަތުގައި ހިފާލައިގެން ހުރި ކުޑަކުޑަ ކިޔާން އައްޔަދުއަށް ފެނުނީ ދެނެވެ. ކުރިއަށްވުރެވެސް އޭނަގެ ގާތަށް ހިނިއައީ ޔޫހާ ކުޑަކުއްޖަކު ގޮވައިގެން އައީމައެވެ. ޔޫހާވެސް ހިނިއައިސްފައި އައިސް އައްޔަދުގެ ކުރިމައްޗަށް އިން ގޮނޑީގައި އިށީނީ އެއްފަރާތުގައި ހުރި ގޮނޑީގައި ކިޔާން ބައިންދާފައެވެ.
"ކާކުގެ ދަރިއެއް ގޮވައިގެން ތިއައީ" އައްޔަދު ހިނިއައިސްފައި އަހާލިއެވެ. 

ކޮމެންޓް 0