ޒައުލްގެ އޮފީހާއި ދިމާލަށް ދިޔަ ފައުޒީ ފެނުމުން ސުޕަރވައިޒަރަކަށް އުޅޭ އަނީޒް ގޮވާލި އެވެ. އެހެންނަމަވެސް އަޑު ނީވޭކަމަށް ހަދާފައި ފައުޒީ ކުރިއަށް ދިޔައެވެ. 
"އޭ ފައުޒީ، ކިހިނެއްވެފަ ތިހުރީ، އާދައިގެ އެއްޗެހީގަ އޮފީހަށް ތި ނުކުތީ ޗުއްޓީ ނެގީތަ، އަންގާވެސް ނުލަމެއްނު، ހެނދު ހެނދުނާ ކޮފީއެއް ބޯލަން ދަމުން ފައުޒީގެ ކެބިންނާ ގާތްކޮށްލީމޭ" ކުޑަކޮށް ދުވެލާފައި އައިސް ފުރަގަހުން ފައުޒީގެ ކޮނޑުގައި އަތްލި އަނީޒް ބުނެލި އެވެ.
"މިހާރަކު ނޫން.... މިހާރު މިދަނީ ވަރަށް އަވަހަށް ދާންވެގެން" ފައުޒީބުނެލި އެވެ. އަނީޒް ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓަ ފައުޒީ އަވަސް ހިނގުމުގައި އެދިޔަގޮތަށް ގޮސް ޒައުލްގެ ކެބިންއަށް ވަދެއްޖެ އެވެ. ހަމައެއްގޮތަކަށް ވެސް އެވީގޮތެއް އަނީޒްއަކަށް ނޭގުނެވެ.
"ވަދޭ އެތެރެއަށް" ދޮރަށް ފުރަގަސް ދީގެން މޭޒުގެ ކައިރީ ކޮޅަށްހުރި ޒައުލްބުނެލި އެވެ. އޭނައަށް ފައުޒީގެ އަޑުޖެހުމާއިއެކު އެނގިއްޖެ އެވެ. މޭޒުމަތީގައި ތައްޔާރުކޮއްފައިވާ ސިޓީއުރަ އަވަސް އަވަހަށް ނަގާ ދިއްކޮއްލި އެވެ.
"ޒައުލް، އަހަންނަށް ދެވަނަ ފުރުޞަތެއްދީ، އަހަރެންގެ ފަރާތުން އެކަހަލަކަމެއް ދެން ނުވާނެ، އާދޭސްކޮއްފަ މިބުނީ، އަދި އެންމެ ފުރުޞަތެއްދީ" ފައުޒީ އެތެރެއަށްވަތްގޮތަށް އާދޭސްކުރަން ފެށިއެވެ.
"މިއޮތީ ސިޓީ، ރަނގަޅީ އަވަހަށް މިހިފައިގެން މަގޭކުރިމަތިން ދިއުން، ފައުޒީ ނޫން އެހެންމީހަކު ނަމަވެސް އަހަރެން ކަންތައްކުރާނީ މިގޮތަށް، އެމީހަކަށް ދެވަނަ ފުރުޞަދެއް ނުދޭނަން، ދުވަހަކުވެސް ނުދޭނަން..." ޒައުލް ރުޅި އައިސްފައި ބުނެލި އެވެ.
"ޔޫހާ..." ފައުޒީ ޔޫހާއޭ ކިޔައިގެން އެއްޗެއް ބުނަން އުޅުނު ވަގުތު ޒައުލްއޭނަ ހުއްޓުވި އެވެ.
"ހަބަރުދާރު، އަހަރެންގެ އަތުންފައިން ގޯހެއް ނުހެދެނީސް ދެން ދޭ، ކަލޭގެ އަނގައިން ޔޫހާގެ ނަންވެސް ކިޔައިގެން ނުވާނެ" ޒައުލްގެ ރުޅި ކޮންޓްރޯލު ކުރަމުން ބުނެލި އެވެ. ޒައުލް ދިއްކޮއްގެން ހުރި ސިޓީއުރަ ދަމައިގަންނަމުން ފައުޒީ އެތަނުން ނުކުތެވެ. ޒައުލް ވެސް އޭނަގެ ފަހަތުން ނުކުތެވެ. ފައުޒީ ނުކުމެގެން ދިޔަތަން ބަލަންހުރެފައި އޭނަ ޖަމާލްއަށް ގުޅިއެވެ.
"ޔޫހާ މެންގެއަށް" ކާރަށް އެރުމާއިއެކު ޒައުލް ބުނެލި އެވެ. ޖަމާލު އިތުރު އެއްޗެއް ނުބުނެ އަވަހަށް ކާރުދުއްވާލި އެވެ. އެކި މަގުތަކުން ޓްރެފިކް ލައިޓުގައި ޖެހެމުން ކާރު ޔޫހާމެންގޭ ދޮރުމައްޗަށް އައިސް މަޑުކޮއްލުމާއިއެކު ޒައުލް ކާރުން ފައިބައިފި އެވެ. އަދި ޔޫހާމެންގޭ ދޮރާށި ހުޅުވާލާފައި އެގެއަށްވަނެވެ. އޭރު މުޅި ގޭތެރެއަށްވަނީ ހަމަހިމޭންކަންވެރިފަ އެވެ. ސިޓިންރޫމުގެ ދޮރުވެސް ހުރީ ލައްޕާފަ އެވެ. ޒައުލް ވަގުތުން ދޮރުގައި ޓަކިޖަހާލި އެވެ. އެއަޑާއިއެކު ސައިތައްޓެއް ހަދައިގެން ޓޯސްޓުކޮއްފައިވާ ޕާން ފޮއްޗަކާއިއެކު ސައިބޯން އިން ޔޫހާ ތެދުވި އެވެ. އޭނަ އައިސް ދޮރުހުޅުވާލުމާއިއެކު ހުއްޓުންއެރި އެވެ.
"ޔޫހާ..." ޒައުލް ހުއްދައަކާއިނުލާ އެތެރެއަށްވަނެވެ. ބަހެއް ވެސް ބުނަން ނޭގިފައި ހުރި ޔޫހާ މަޑުމަޑުން ދޮރުލައްޕާލި އެވެ.
"ކީއްވެ އަހަރެން ކައިރީ ނުބުނީ" ޒައުލް ސުވާލުކުރި އެވެ.
" ކީއްކުރަން ތިއައީ؟" ޔޫހާ ސުވާލުކުރި އެވެ.
"އަހަރެން އައުމުން ކޮބާތަ މައްސަލައަކީ... ދެން ބުނެބަލަ، ފައުޒީގެ ވާހަކަ އަހަރެން ކައިރީ ނުބުނީ ކީއްވެތަ" ޒައުލް އަނެއްކާވެސް އެހިއެވެ.
"ފައުޒީ އޭ... އޭނަގެ ކޮންވާހަކައެއް" ޔޫހާ ހާސްވެފައި އަހާލި އެވެ.
"އަހަންނަށް ހުރިހާކަމެއްވެސް އެނގިއްޖެ، ފައުޒީ ޔޫހާއަށް އުނދަގޫ ކުރާކަން، އޭނަގެ ކައިރިއަށް ޔޫހާ ގެންދަން ބޭނުންވާކަން، އަދި މިކަން ފެށުނީ ޔޫހާ އަހަރެންގެ ކޮޓަރިއަށް އައިތަން ފެނިގެންކަން ވެސް" ޒައުލް ޔޫހާގެ މުލައްދަނޑީގައި ހިފާގާތްކޮއްލަމުން ބުނެލި އެވެ. ޔޫހާ އެއްޗެއް ނުބުނެ އިސްޖަހާލައިގެން ހުރީއެވެ. ހިމޭންކަމުގެތެރެއިން ޒައުލްގެ އަވަސްވެފައިވާ ހިތްވެސް ހަމައަކަށް އެޅެމުންދިޔަ އެވެ. އޭނައަށް ޔޫހާގެ އަނެއް އަތުގައިވެސް ހިފާލެވިއްޖެ އެވެ. ބޭނުންވީ ޔޫހާ ގާތްކޮއްލާ އެ މޭގައި ޖައްސާލުމަށެވެ. އެހެންނަމަވެސް އެހިސާބަށް ގާތެއް ނުވިއެވެ. ޔޫހާ އަތްފޮޅުވާލާފައި ޒައުލް އާއި ދުރަށް ޖެހިލި އެވެ.
"ކީއްވެ ދުރަށް ދިޔައީ" ޒައުލް މަޑުމަޑުން ބުނެލިއެވެ.
"ފައުޒީ ވެސް ދެކެނީ ހަމަ ތިގޮތަށް..." ޔޫހާ މެޔާ ދިމާލުން ދެ އަތް ހުރަސްކޮއްލާފައި ބުނެލި އެވެ. ޒައުލްއަށް ހީވީ އޭނަގެ މޫނުމަތީ މީހަކު އެތިފަހަރެއް ޖެހިހެންނެވެ.
"ކީކޭ...ފައުޒީއޭ، އޭނަ އާއި އަހަންނާ އެއްވަރުކުރީ ކީއްވެ، އަހަރެން މިއުޅެނީ ގަދަކަމުން ޔޫހާގެ ގަޔަށްއަރަންތަ؟ އަހަރެން އެކަހަލަކަމެއް ދުވަހަކުވެސް ކުރިންތަ..." ޒައުލްގެ މަޑުމައިތިރިކަން ކުއްލިއަކަށް ބަދަލުވެގެން ދިޔަ އެވެ.
"ދެން އެހެން ކޮންކަމެއް ޒައުލް ބޭނުންވާނީ، އެހެންވެތާ ތިއެހީ ކީއްވެހޭ ދުރަށް ދިޔައީ" ޔޫހާ ދެ ބުމަ ގުޅުވާލަމުން ބުނެލި އެވެ.
"އަހަރެން އެހެންއުޅެން ބޭނުންނަމަ ކިތައްމެ އަންހެންކުދިންނެއް އަހަންނަށްވާނެ، ކޮންމެ ގަޑިއިރަކަށް ގެންގުޅޭނެ މީހުންވެސް ވާނެ، ކަމެއްވެގެންނު އަހަރެން..." ޒައުލް ރުޅި އައިސްގެން ހުރެ ވާހަކަދައްކަމުންގޮސް ހުއްޓާލި އެވެ. އަދި ޔޫހާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ބާރަށް ހޭން ފެށިއެވެ. ޔޫހާ ހައިރާންވެފައި ޒައުލްއަށް ބަލާލި އެވެ.
"މޮޔަވީތަ" ޔޫހާ އަހާލިއެވެ. އެހެން ބުނުމުންވެސް ޒައުލްގެ ހުނުންވީ ގަދައެވެ.
"އަހަރެން ރުޅިއަރުވަން ދޯ ތިއުޅެނީ... ކީއްތިކުރަނީ، އެކަނި ދޯ ތިއުޅެނީ، ކޮބާ ކިޔާން، މިއަދު ހިލަމެއްވެސް ނުވޭ" ހުނުން ހުއްޓާލުމަށްފަހު ކުރީގެ މަޑުމައިތިރިގޮތަށް އަޑު ބަދަލުކޮއްލުމާއިއެކު ޒައުލް ބުނެލި އެވެ.
"އިތުރުކަމެއްނެތިއްޔާ ދެން ދާންވީނު ދޯ" ޔޫހާ ހައިރާންވެފައިހުރެ ބުނެލި އެވެ.
"އަހަރެން ދާންބޭނުންވީމަ ދާނަން، އެކަމަކު އަދިއެއްނޫން... ދެންބުނެބަލަ، ކީއްތަތިކުރަނީ" ޒައުލް ބުނެލި އެވެ.
"ސައި ބޮނީ" ނުބުނަން ހިތައްއަރާފަ ވެސް ޔޫހާ ބުނެލި އެވެ. އެއާއިއެކު ޒައުލް އަނެއްކާވެސް ޔޫހާގެ ގާތަށް ދިޔައެވެ.
"އަހަންނާ އެއްފަހަރު ވެސް ރީތިކޮށް ވާހަކަދައްކާލަ ބަލަ، ވާހަކައެއް ބުނަންތަ... ވަރަށް ހިތަށް އަރާ އަހަންނާ އެންމެ ފުރަތަމަ ދިމާވި ޔޫހާ ލިބޭނެނަމައޭ، އަހަރެން އެ ޔޫހާ ބޭނުން، މިފަހަރު އަހަރެން އޭނަ ދުލެއް ނުކުރާނަން" ޒައުލް ބުނެލި އެވެ.
"ބޭނުންވިޔަސް ނުލިބޭނެ، އެޔޫހާ މިހާރަކުނެއް، ހާލަތު ބަދަލުވެއްޖެ" ޔޫހާ މަޑުމަޑުން ބުނެލި އެވެ. އަދި އޭނަގެ ކުރިމަތީހުރި ޒައުލްއަށް ބަލާލި އެވެ.
"ޔޫހާ، އަހަރެން ޔޫހާ ބޭނުން، އިއްޔެއެވީ ކަންތަކުން އަހަރެންގެ ހިތަށްވަރަށް ތަދުވި، އެހެންމީހަކު ޔޫހާ އާއި ދޭތެރޭ އެފަދަ ދަށުދަރަޖައަކުން ދެކުމީ އަހަންނަށް ކެއްވާވަރުގެ ކަމެއްނޫން، ޕްލީޒް، އަހަރެން ބޭނުން ޔޫހާ، އަހަރެން ކިޔާންވެސް ބޭނުން، އަހަންނާ... އަހަންނާ ކައިވެނި ކުރަންވީނު" ޒައުލް ޔޫހާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ބުނެލި އެވެ. އިހްތިޔާރަކާއި ނުލާވިޔަސް އެލަފްޒުތައް ނިކުތީ އޭނަގެ ހިތުގެ އަޑިންނެވެ. ޔޫހާ ޒައުލް ކޮއްޕާ ދުރަށްލާކަށް ނޫޅުނެވެ. އެއަށްވުރެ އޭނަގެ ހިތަށްކޮއްފައިވާ އަސަރު މާބޮޑެވެ. ކައިވެނި، އެލަފްޒަށް އޭނަ އިންތިޒާރު ކުރާކަމެއް އެކަކަށްވެސް ނޭގޭނެއެވެ. އެވެސް ޒައުލްގެ ފަރާތުންނެވެ. އެއްޗެއް ބުނަން އަނގަހުޅުވާލާފަ ވެސް ޔޫހާއަށް ފަސްޖެހެވުނެވެ. އޭނަގެ ޒަމީރު ކަމެއް ހަނދާންކޮއްދިންކަހަލަ އެވެ. ޒައުލްއަކީ ކިހާވަރެއްގެ ކާކުކަމެވެ. އޭނަގެ އާއިލާއެވެ. އޭނަގެ ނަމެވެ. އޭނަގެ މަގާމެވެ. ޒައުލް އާއި އޭނަ އާއި ދެމެދުވާ ފަރަގުގެ ބޮޑުކަމެވެ. ޒައުލްގެ އަތުގެތެރޭ އިސްޖެހިގެން ޔޫހާ ދިޔައެވެ.
"މިހާރު އަހަންނަށް ޖަވާބެއް ނުދިނަސް އެންމެ ރަނގަޅު އެކަމަކު ތިގޮތަށް އަހަންނާ ދުރުވެގަންނަން ނޫޅެބަލަ، އަހަރެން ލޯބިވޭ ބުނާ އަޑުއަހަންތަ ބޭނުންވަނީ، ޔެސް އައި ލަވް ޔޫ، އައި ލަވް ޔޫ ވެރީ މަޗް، ވަރަށް ލޯބިވޭ... ތިނޫން އަންހެން ކުއްޖެއް އަހަރެންގެ ދިރިއުޅުމަށް އޭރުވެސް ނުގެންނަން ދެންވެސް ގެންނާކަށް ބޭނުމެއްނޫން، އާ ޔޫހާ، ގަބޫލުކުރޭ އަހަންނަށް ނޭގުނަސް އަހަރެންގެ ހިތަށް އެނގޭ ޔޫހާތީ އަހަރެންގެ ލޯބިކަން، އެފަދަ ގުޅުމެއް ދުވަހަކުވެސް އަހަރެން ޔޫހާ ނޫން އަންހެނަކާއިއެކު ހިންގާފައެއް ނޯންނާނެ، ގަބޫލުކުރޭ... އަހަންނަށް ކިޔާންގެ ބައްޕައަކަށް ވުމުގެ ފުރުޞަތުދީ، އަހަރެން ޝާއިންއަށް ހުރިހާ ވާހަކައެއް ކިޔާދޭނަން، އަހަންނަށް އެނގޭ ޔޫހާ އާއި ދޭތެރޭ ޝާއިންގެ ހިތް ސާފުކަން... އަދި އަހަންނަށް ކުރެވުނީ ކުށްހީއެއްކަން" ޒައުލް ކުރިއަށްވުރެ ވެސް ޔޫހާ ގާތްކޮއްލި އެވެ.
"މަންމީ..." ލޯ އުނގުޅަމުން ކޮޓަރިން ނުކުތް ކިޔާންގެ އަޑުއިވުނެވެ. ޔޫހާއަށް ތެޅިގަނެފައި ޒައުލްގެ އަތުގެތެރެއިން ދެމިގަންނަން މަސައްކަތްކުރިއެވެ. ޒައުލްވެސް ޔޫހާ ހިފަހައްޓާކަށް ނޫޅުނެވެ.
"ކިޔާން..." ޒައުލް ކިޔާން ހުރި ދިމާލަށް އެނބުރިލަމުން ގޮވާލިއެވެ. ކިޔާންގެ ކުރިމައްޗަށްވާ ގޮތަށް ހުރި ބޮޑު ފިރިހެނާއި ދިމާލަށް އޭނަ ބަލާލިއެވެ.
"ކޮއްކޮގެ ޑެޑީ... ޕްރެޒެންޓު ގެނައިންތަ" ކުއްލިއަކަށް ވަރަށް ހިނިއައިސްފައި ކިޔާން ޒައުލް އާއި ދިމާލަށް ބުނެލިއެވެ. އަދި ޒައުލް އަތް ދިއްކޮއްލުމާއިއެކު ދުވެފައި ޒައުލްގެ އަތުގެތެރެއަށް ދިޔައެވެ. ޒައުލް ކިޔާން އުފުލާލީ ލުއިލުއި ފަތެއްހެންނެވެ. ލޯތްބާއިއެކު އުރާލާފައި ޒައުލް ޔޫހާއަށް އަވަސް ނަޒަރެއްދިނެވެ.
"ޑެޑީގެ ދަރިފުޅު ގޮވައިގެންގޮސް ދެން ޕްރެޒެންޓް ގަންނާނީ ދޯ، ޑެޑީ އާއިއެކު ދާނަންތަ" ޒައުލް ކިޔާންއަށް ބަލާލަމުން ބުނެލިއެވެ. ޔޫހާގެ ހިތަށް ހަމަޖެހުމަށްވުރެ ތަދުވީއެވެ. އޭނައަށް ފެންނަމުންދާ ކަންތައްތަކަކީ ވަގުތީ އުފަލަކަށްވެދާނެއޭ ހިތަށް އަރާވަރުންނެވެ. އެއްހޮރަކުން ދެވަނަ ފަހަރަށްވެސް ކަށިޖަހާފާނެއޭ ހިތަށްއަރަނީ ޒައުލްގެ ގޮތް ޔޫހާއަށް ނޭގޭތީއެވެ. ޒައުލްގެ ވާހަކަތައް ގަބޫލުކުރަން އޭނަ ބިރުގަންނަނީއެވެ. އެކަމަކު އޭނަގެ ހިތަށްވެސް ކިޔާން އޭނަގެ ބައްޕައަށް ދީފައިވާ މަގާމުފެނުމުން އަސަރުކުރިއެވެ. ނުރޯންހުރިއެއްކަމަކު ދެ ލޮލުން ކަރުނަފާއްދާލިއެވެ. އަވަސް އަވަހަށް ދެލޯ ފޮހެލަމުން ޒައުލްއަށް ފުރަގަސްދިނެއްކަމަކު އެ މަންޒަރު ޒައުލްއަށް ފެނުނެވެ. ޔޫހާ އެތެރެއަށް ހިނގައިގަތީ އޭނަ ރޯކަން ޒައުލްއަށް ނޭންގުމަށެވެ. ނަމަވެސް ޒައުލް ޔޫހާގެ ފަހަތުން ދިޔައެވެ.

ކާމޭޒުމަތީގައި ހުރި ސައިތަށިހުރީ ހިހޫވެފައިކަން ޔޫހާއަށް އެނގެއެވެ. އޭނަ ސައިތަށިނަގާ ސިންކަށް އޮއްސާލިއެވެ. އަދި ސިންކުގެ ކައިރީ މަޑުކޮއްލައިގެން ހުއްޓެވެ. އޭރު ހިފެހެއްޓުމެއްނެތި އޭނަގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ނޭފަތް އެތެރެއަށް ދަމާލެވުނީ ގަސްދުގައެއް ނޫނެވެ. އެއާއިއެކު ޒައުލްއަށް ޔުހާ އަދިވެސް ރޮނީކަން ޔަގީންވިއެވެ. ޔޫހާ އަވަސްއަވަހަސް ސިންކުގެ އިސްކުރު ދޫކޮއްލި އެވެ. ޒައުލް ކިޔާން ކާމޭޒުގެ ގޮނޑިއެއްގައި ބޭންދުމަށްފަހު ޔޫހާގެ ގާތަށް ދިޔައެވެ. ފުރަގަހުން ޔޫހާގެ ކޮނޑުގައި އޭނަ ހިފަހައްޓާލި އެވެ. ދެން ނުރޯށޭ އޭނަގެ ހަރަކާތުން ބުނާކަހަލައެވެ. ޔޫހާ ސިންކުގެ އިސްކުރުން ފައިބަމުންދިޔަ ފެނުން މޫނު ދޮންނަން ފެށިއެވެ. އެތައް ފަހަރަކު އަތްގޮށިން މޫނަށް ފެންޖެހިއެވެ. އެންމެ ފަހުން ޒައުން ޔޫހާގެ ގައިގާ ފުރަގަހުން ބައްދާލަމުން ޔޫހާގެ އަތުގައި ހިފެހެއްޓިއެވެ.
"ދެޓްސް އިނަފް... ސްޓޮޕްއިޓް" މިހެން ބުނެ ޒައުލް ޔޫހާގެ ބޮލުގައި ބޮސްދިނެވެ. އަދި ސިންކުގެ އިސްކުރު ބާރުކޮއްލި އެވެ. ޒައުލް އިރުކޮޅަކު ޔޫހާގެ ގައިގާ އެގޮތަށް ހިފަހައްޓާލައިގެން ހުއްޓެވެ. ޔޫހާ ހަމައަކަށް އެޅެންދެންނެވެ. އޭނަ އިތުރަށް އެންމެ ދުވަހެއްވެސް ނަގާލާކަށް ބޭނުމެއްނޫނެވެ. ބޭނުންވަނީ މިހާރުން މިހާރަށްވާނަމަވެސް ޔޫހާ އާއި ކައިވެނި ކުރާށެވެ. ދެންވާނެ ގޮތަކާއިމެދު ވިސްނާކަށް އޭނަ ބޭނުމެއް ނޫނެވެ. އެކަމަކު އަދިވެސް ޔޫހާ ވަކިޖަވާބެއް އޭނައަކަށް ނުދެއެވެ.
"ކޮއްކޮ ބަނޑުހައިވެއްޖެ" ކިޔާން ބުނެލިއެވެ.
"ދަރިފުޅުގެ ބުއްތަށި މިހާރު މި ހަދަނީ، ފައިވްމިނިޓްސް...ދަރިފުޅު ފައިވް މިނިޓްސް" އާދައިގެ މަތިން ބުނާފަދަ ގޮތަކަށް ޔޫހާ ބުނެލިއެވެ. އެހެންނަމަވެސް ރޮވުމުގެ ސަބަބުން އޭނަގެ އަޑު ކުޑަކޮށް ބަދަލުވެފައިވެ އެވެ. ޒައުލް ވެސް ޔޫހާ އާއި ދުރަށް ޖެހިލަމުން ކާމޭޒުގެ ގޮނޑިއެއް ދަމާލަމުން އިށީނެވެ. އޭނަ ޔޫހާގެ ހަރަކާތްތަކަށް ބަލަންއިން އިރު ކިޔާން ހުއްޓާ ނުލާ އޭނަ އާއި ވާހަކަ ދައްކަމުންދިޔަ އެވެ. މިއަދު އެގޭތެރެއަށް ކޮންމެ މީހަކު ވަދެގެން އައިކަމުގައިވިޔަސް ޒައުލްއަށް ހެވެ. މިއަދު އޭނަ އެއްވެސް ކަމެއް ސިއްރުކުރާކަށް ބޭނުމެއް ނޫނެވެ. ވީއިރު ޔޫހާ ފަސްޖެހެނީ ކީއްވެހެއްޔެވެ. ޒައުލްގެ ހުރިހާ އުފަލެއް ގުޅިފައިވަނީ ޔޫހާ އާއިކަން މިއަދު އޭނަ ބުނެދީފި އެވެ. ދެން އިތުރަށް ޔަގީންކުރަން ޔޫހާ ބޭނުންވަނީ ކޮންކަމެއްބާއެވެ.

ކޮމެންޓް 0