ދަންވަރު ޑިއުޓީއަކީ ނަގަން އެންމެ ފަސޭހަ އެކަމަކު އެންމެ ލަހުން ވަގުތު ދާ ޑިއުޓީއެވެ. ދަންވަރު ދޭއްޖަހާކަން ހާއިރެވެ. ޔޫހާ ކިޔަންއިން ވާހަކަފޮތުގެ ތެރެއަށް ގެއްލިފައި އިނެވެ. ކައިރީގައި އިން ރިޝްފާ ކޮމްޕިއުޓަރ ސްކްރީނަށް ބަލަހައްޓައިގެން އިނީ ވަރަށް ބިޒީވެފައެވެ. އޭނަގެ އެބިޒީކަން ގުޅިފަވީ ފޭސްބުކް އާއިއެވެ. އެތަނުގައި އެވަގުތު މަޑުކޮއްލައިގެން ހުރި މީހަކަށް މިޒާޖުގެ ތަފާތުކަމާއި އުޅުމުގައި ހުރި ތަފާތުކަން ވަރަށް ރަނގަޅަށް ފެނިގެންދާނެއެވެ. އެއްފައިމައްޗަށް އަނެއްފައި އަރުވާލައިގެން ކުޑަކުޑަކޮށް ގުދުވެލައިގެން އިނދެ ވާހަކަ ކިޔަމުންދިޔައިރު ޔޫހާގެ މޫނުމައްޗަށްވެސް ތަފާތު ކުލަވަރުތައް އަރަމުންދިޔައެވެ. ކިޔަމުންދިޔައީ ލޯބީގެ އަސަރުގަދަ ވާހަކަ އަކަށްވެފައި، ވާހަކައިގަ ބައެއް ބައިތައް ސިފަކޮއްދީފައި ވާއިރު ޔޫހާއަށް އިޙްސާސްކުރެވެނީ އެމަންޒަރުތަކުގައި ވަނީ ހުދު އޭނަކަމެވެ. ލޯބީގައި ނާކާމިޔާބުވެފައިވާ ބަދުނަސީބު އަންހެން ކުއްޖަކީ އޭނަކަމެވެ. ކައުންޓަރުގައި ހުރި ފޯނުގެ ރިންގާއެކު ޔޫހާ އާއި ރިޝްފާވެސް ދިޔައީ ސިއްސައިގެންނެވެ.
"ކާކުބާ ނުނިދިގެން އެއުޅެނީ" ރިޝްފާ އެނބުރިލަމުން ބުނެލިއެވެ. ޔޫހާ އަވަސް އަވަހަށް ފޯނު ނަގާ ވާހަކަދެއްކިއެވެ.
"ޔޫހާ..." ޒުވާންކަމުގެ ޖޯޝާއިއެކު ފިރިހެންވަންތަ އަޑަކުން ގޮވާލިއެވެ.
"ޔެސް، ސްޕީކިންގް" ޔޫހާ ބުނެލިއެވެ.
"މިއުޅެނީ ނިދިނައިސްގެން" ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުންދިޔަ ޒުވާނާ ބުނެލިއެވެ.
"ކާކުބާ، ތިބޭފުޅާއަށް ގުޅިފަ ތިވަނީ ޕާކްވިއު ހޮޓެލްގެ ރިސެޕްޝަން އާއި" ޔޫހާ ސުވާލުން ފުރިގެންވި ގޮތަކަށް ބުނެލިއެވެ.
"އަހަންނަށް ގުޅިފަ މިހުރީ ހަމަ ބޭނުންވި ތަނަށް، ވާހަކަވެސް މިދެއްކެނީ ހަމަ ވާހަކަދައްކަން ބޭނުންވި ކުއްޖާއާއި....މީ އޮޅުމެއްނޫން، ނިދިނައިމަ ބޭނުންވީ އަހަރެންގެ ކޮޓަރި އާއި ހަމައަށް ގެނެސްދިން ކުއްޖާ އާއި ވާހަކަ ދައްކާލަން، ޕްލީޒް ފޯނު ނުބާއްވައްޗޭ" އެޒުވާނާ ބުނެލިއެވެ. އެއާއިއެކު ޔޫހާއަށް އެއީ ކާކުކަން އެނގުނެވެ.
"މިސްޓަރ އަޔާދު..." ޔޫހާ ހަނދާންކޮއްލާފަދަ ގޮތަކަށް ބުނެލިއެވެ.
"އެހާ އަވަހަށް ހަނދާންނެތުނީތަ؟ ހާދަ ދެރައޭ....އަޔާދުއެއްނޫން، އައްޔަދު، ފަސޭހަކޮއްލާފަ އަޔާގެ ނަމުން ގޮވާލިޔަސް އެންމެ ރަނގަޅު، ތިހެން ތިބޭއިރު ނިންޖެއްނާދޭތަ ޔޫހާ" އައްޔަދު ބުނެލިއެވެ.
"އައްޔަދު، ވަރަށް ބޮޑަށް މާފުކުރައްވާ، ހޮޓެލްގެ ރޫލްސް އެންޑް ރެގިއުލޭޝަންގައި ލިޔެވިފައިނޯވޭ ރޫމްތަކުގައި ތިއްބަވާ ބޭފުޅުންގެ މުނިފޫހި ފިލުވާދޭންޖެހޭނެކަމަށް، މިފޯނަކީ ހޮޓެލްގެ އެކި ރޫމްތަކުން ގުޅާ ފޯނަކަށްވާއިރު އެހާ ގިނައިރު ލައިން ބިޒީވުމަކީ މެނޭޖްމެންޓުން ސުވާލުކުރައްވާނެ ކަމެއް، އިތުރުކަމެއްނެތިއްޔާ ފޯނު ބާއްވާލާނަން" ޔޫހާ މަޑުމައިތިރިކަމާއިއެކު ބުނެލިއެވެ.
"އުނދަގޫ ކުރެވުނީތަ، ސޮރީ ސޮރީ، ވަރަށް ބޮޑަށް ސޮރީ، އެކަމަކު ކީއްކުރާނީ، އަހަންނަކީ މިކަހަލަ ތަންތަނަށް އާދަވެފައިވާ މީހެއްނޫން، ނިދިނައުމަކީވެސް އަހަރެންގެ ކުށެއްނޫން އަދި ޔޫހާގެ ކުށެއްވެސް ނޫން، ދެން އޮތީ ހޮޓެލްގެ ގައިވައިދުތައް ދޯ، ގައިވައިދާ ހިލާފުވާކަށް އަހަންނެއް ނުބުނާނަން...ދެން ފޯނު ބޭއްވުން ނޫން ގޮތެއްނެއް، އެހެންވީމަ ދެން ބޭއްވީ" އައްޔަދުގެ ފޯނު ކެނޑިގެން ދިއުމުން ޔޫހާވެސް ފޯނުގެ އަތްގަނޑު ބާއްވާލިއެވެ.
"ކާކު" ރިޝްފާ އަހާލިއެވެ. ޔޫހާގެ ގާތަށް ކުޑަކޮށް ހިނިއައެވެ. އޭނަ އައްޔަދު އާއި ދިމާވިގޮތް ކިޔާދިނެވެ. އަދި އޭނަގެ ހުރި ސިފަ ރިޝްފާއަށް ކިޔާދެމުންދިޔައެވެ. އަދި އައްޔަދު ގުޅީ ކީއްވެކަންވެސް ރިޝްފާއަށް ބުނެދިނެވެ.
"އެހެންނު ވާނީ، މިހޮޓެލްގަ މިހާރު ޔޫހާ ނޫނީ ރީތި އަންހެން ކުއްޖަކު އުޅޭކަމަކަށްނުވޭވިއްޔަ، ފިރިހެނެއްވެއްޖެއްޔާ ހުންނަނީ ޔޫހާ ބޭނުންވެފަ، މިތަނުގަ އަންހެން ކުދިންނާ އެންމެ ރައްޓެހިކޮށް އުޅުނު ފައުޒީވެސް ބާޒީގައި ނިޝާނެއްކަމުގައި ކަނޑައަޅައި ތީރި ދޫކޮއްލީ ކަމަނާގެ ހިތްލިބޭތޯ ވިއްޔަ، އަހަރެންވެސް އެވާހަކަ އަޑުއެހީމޭ، ފައުޒީ މާބުރެއްހެން ޔޫހާގެ ފަހަތުގައި އެނބުރޭ ވާހަކަ، އޭ....އޭނަ އެކަހަލަ އެއްޗެއް ބުނިތަ" ރިޝްފާ ހިނިއައިސްފައި އަހާލިއެވެ.
"ނޭގެ މަށަކަށް، ތިވާހަކަ ނުދައްކާ އަހަރެން ކައިރީ" ވީފޫއްސެއްގެ ބޮޑުކަމުން ޔޫހާއަށް ބުނެވުނެވެ. އަދި ކުރިން ކިޔަންއިން ވާހަކަފޮތްނަގާ ހުޅުވާލަމުން ގޮނޑީގައި ހަމަޖެހިލިއެވެ. ރިޝްފާވެސް ހީލާފައި ކޮމްޕިއުޓަރާއި ދިމާލަށް އެނބުރުނެވެ. އެވަގުތު އެދިމާލަށް ހިނގާލާފައި އަންނަ ޒުވާނާ ރިޝްފާއަށް ފެނުނެވެ.
"ޔޫހާ...އޭ...ބަލާބަލަ" ސިއްރުސިއްރުން ރިޝްފާ އެޒުވާނާއަށް ބަލަންއިނދެ ބުނެލިއެވެ.
"ރިޝް، މިބުނީނު އެވާހަކަ ދައްކާކަށް ބޭނުމެއްނޫނޭ، ދެން ތި އެފްބީ އިން ފާޑުފާޑުގެ ފޮޓޯ މަށެއް ބަލާކަށް ނޫޅޭން، ވަރަށް އިންޓަރެސްޓިން ހިސާބެއް އަހަރެން މިކިޔަނީ" ޔޫހާގެ ނަޒަރު ފޮތާ ވަކިކޮއްނުލާ ބުނެލިއެވެ.
"ހެލޯ ލޭޑީސް..." އައްޔަދުގެ އަޑުއިވިފައި އެހެންދިމާލަކަށް ނުބަލަން އިން ޔޫހާއަށްވެސް ބަލާލެވުނެވެ. ގޮތްދޫނުކުރާ ފަދަ މިޒާޖެކެވެ. ކުރަންބޭނުންވާކަމެއް ކުރާނެކަމުގެ ހެކި އައްޔަދުގެ ހަރަކާތްތަކުން އަންގާދެއެވެ. ރިޝްފާ ވަރަށް ވެފަ އަވަސް އަވަހަށް އައްޔަދު އާއި ވާހަކަ ދެއްކިއެވެ. ޔޫހާ އައްޔަދުއަށް ބަލާލާފައި ކުޑަކޮށް ހިނިތުންވެލީއެވެ. އައްޔަދު އެތަނަށް އައީ މުހިއްމު އެއްވެސް ކަމަކު ނޫނެވެ. އޭނަ ބޭނުންވީ ޔޫހާ ދެނެގަތުމަށެވެ. އޭނަ އާއި ވާހަކަ ދައްކާލާނެ ފުރުޞަތެކެވެ. ނުސީދާ ގޮތަށް ޔޫހާއަށް އެކިއެކި ބަސްތައް ރައްދުކުރަމުން އައްޔަދު ދިޔައެވެ. އައްޔަދުގެ ހުންނަ އާދަޔާއި ހިލާފު ސަމާސާ ގޮތް ގަނޑާއި އަންހެން ކުދިންނާއި ވާހަކަދެއްކުމުގައި އޭނަގެ ގެންގުޅޭ އުކުޅުތަކުގެ އަސަރު ޔޫހާއަށްވެސް ކުރިއެވެ. ކުދިކުދި ހީލުންތަކުން ތަންކޮޅެއް ބޮޑަށްވެސް އައްޔަދު އޭނަ ހެއްވާލަން ފަށައިފިއެވެ. ރަޙުމަތްތެރިއެއްގެ ނަޒަރުން އެނުދަންނަ ޒުވާނާ އާއިމެދު ދެކުމުގެ ހުއްދަ ޔޫހާގެ ޒަމީރު ދިނެވެ. އައްޔަދު އެނބުރި އޭނަގެ ކޮޓަރިއަށް ދިޔައީ ފަތިސްވިފަހުންނެވެ. އެހުރިހާއިރު އޭނަ ހުރީ އެކައުންޓަރުގެ މަތީ އަތްއަޅުވާލައިގެން ކޮޅަށެވެ. ކެތްނުވެގެން ޔޫހާއަށް ސުވާލުވެސް ކުރެވުނެވެ. އެހެންނަމަވެސް އޭނަގެ ވާހަކަތަކުން ހުރިހާ ކަމެއް ހަމަޖައްސާލިއެވެ. ކޮންމެ ފަދަ ތަކުލީފެއް އުފުލަން ޖެހުނުކަމުގައިވިޔަސް ރީތި އަންހެން ކުދިންނައްޓަައި އެއީވެސް ކުރަން މަޖުބޫރުކަމެއްކަމުގައި ބުނަމުންނެވެ. ޔޫހާއަށް އައްޔަދުގެ ސަބަބުން ޒައުލްގެ މަތިން މާބޮޑަށް ހަނދާވިއެވެ. ޒައުލްގެވެސް ހުންނަނީ އެފަދަ ގޮތެކެވެ. އެހެންނަމަވެސް އައްޔަދުގެ ފަރާތުން ހިތްހެޔޮކަމާއި ހިތްތިރިކަން ފާޅުވެއެވެ. ޔޫހާއަށް އައްޔަދުގެ ސަމާސާތަކާއި ކިޔާދިން ޖޯކުތައް ވަރަށް ކަމުދިޔައެވެ.

ކޮޓަރިއަށްވަތް އައްޔަދު ކޮރުޖަހަމުންގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. ގިނައިރު ކޮއްޅަށް ހުރުމުގެ ސަބަބުން ފައިވާޅުވުމުގެ އިތުރުން ފައިތިލާގައި ރިހުންއެކުލެވިފައިވިއެވެ. ނިދި އައިސްފައި ހުރުމުން ދެލޮލަށް ބަރުވާގޮތްވިއެވެ. ނިދުނީ އެގޮތަށް އެނދުގައި ބަންޑުންއޮއްވައެވެ. އެހެންނަމަވެސް އޭނަގެ ތުންފަތަށް މައުސޫމުކަމުގެ ހިނިތުންވުމެއްވެރިވެފައިވިއެވެ.

ހެނދުނު ޝިފްޓުގެ ސްޓާފުން އައުމާއިއެކު ދަންވަރު ޑިއުޓީގައި ތިބި ސްޓާފުންތައް ގެއަށް ދިއުމަށް ހޮޓެލުން ނުކުންނަންފެށިއެވެ. ޔޫހާވެސް ގެއަށް ދިއުމަށް ނުކުތެވެ. އެކަނި ހިނގަމުން ދިޔައިރު އޭނަގެ ސިކުނޑިއަށް އައްޔަދުގެ ހިޔާލުވަދެފައިވާވަރު ތުންފަތަށް ވެރިކުރުވާ ހިނިތުންވުން ސާފުކޮށް ބަޔާންކޮއްދެއެވެ. ހީލެވޭ ކޮންމެ ފަހަރަކު ޔޫހާއަށް ދެފަރާތަށް ބަލާލެވެއެވެ. އެއްވެސް މީހެއްގެ ސަމާލުކަމެއް އޭނައަށް ހުއްޓިފައިވޭތޯއެވެ.

ފައުޒީ އާއި ދެމެދު ހިނގި އެއްވެސް ކަމެއް ޝާއިން ޔޫހާއަށް ކިޔައެއްނުދެއެވެ. އެހެނީ އޭނަވެސް އެކަމުގައި ޒައުލް ބައިވެރިވެދާނެކަމަކަށް ހިއެއްނުކުރެއެވެ. އޭނަ ބޭނުންވީ ފައުޒީގެ މޫނުގައި ހޫނު އެތިފަހަރެއް ޖެހުމާއިއެކު އެހުރިހާ ކަމެއް ކުރަމުންދަނީ ފައުޒީކަން އޭނައަށް އެނގިއްޖެކަން އަންގާލުމެވެ. ފަހަރެއްގަވެސް ތަނުގައި އުޅޭ އެހެންމުވައްޒަފެއްގެ ކުރިމަތީ ނޫނީ ޒައުލްގެ ކުރިމަތީ ފައުޒީ ފަޟީޙަތްކުރުމުގެ ގަސްދެއްނެތެވެ. ކަންވެ ނިމިއްޖެއެވެ. ވެނިމުނީ ހީވެސް ނުކުރާފަދަގޮތަކަށެވެ. ފައުޒީގެ ޢަމަލުހުރި ގޮތް ހޮޓެލްގައި މަސައްކަތް ކުރާ ހުރިހާ ސްޓާފުންނަށްހެން ނޭގިއެއް ދެނެއްނުދާނެއެވެ. ޝާއިން އެންމެ ކަންބޮޑުވަނީ ޔޫހާ އާއިމެދުއެވެ. އޭނައަށް އެކަން ހޮޓެލްގެ ސްޓާފެއްގެ ފަރާތުން އެނގުމުގެ ކުރިން ހުދު އޭނަ އެކަމުގެ ވާހަކަ ޔޫހާއަށް ކިޔާދޭން ބޭނުންވެއެވެ.

މަންސޫރަށް ޕާކްވިއުގައި ހިނގާދިޔަ ކަންތައްތައް އަޑުއިވުނީ ހެނދުނުގެ ނާސްތާ ކުރުމުގައެވެ. ބައްޕަ އާއި ހަމައަށް މައްސަލަ ގެންނަން ޒައުލް ޖެހިލުންވެސްވިއެވެ. އެހެންނަމަވެސް ފައުޒީ ފަދަ މުވައްޒަފަކު ވަޒީފާއިން ވަކިކުރިކަން މަންސޫރަށް ނޭގިއެއްވެސް ނުދާނެއެވެ. ލޫލުއާވެސް ހެނދުނުގެ ނާސްތާގައި ބައިވެރިވިއެވެ. އޭނައަށްވެސް ގަބޫލުކުރަން ދަތިވެފައި ޒައުލްއަށް ބަލަހައްޓައިގެން ވަރަށް އިރު އިނދެވުނެވެ.
"މިހާރު މީހުންނަށް ކިހިނެއްތަ ވެފަ މިތިބެނީ، އަޅެ މީ ދޮގެއްތޯ ބައްޕާ، ގައިމު އެފައުޒީއަކީ ޕާކްވިއުގެ އެންމެ ގިނަދުވަސްވީ ސްޓާފެއްނޫންތޯ..." ލޫލުއާ އަށް ބުނެވުނެވެ. މަންސޫރު ލޫލުއާގެ ވާހަކައަށް ބޯޖަހާލަމުން ފިކުރުގެ ތެރެއަށް ގެއްލިފައި ވަގުތުކޮޅަކު އިނެވެ. ޒައުލްއަށް މާރަނގަޅަށް ސައިބޮވޭ ގޮތެއްނުވިއެވެ. އެއަށްވުރެ ޔޫހާގެ ޚަބަރެއް ބަލާލާހިތުން އޭނަގެ ކެތްތެރިކަންވަނީ ކޮޅުންލާފައެވެ. ހިތާ ސިކުނޑީގައިވަނީ ހަމައެންމެ ސުވާލެކެވެ. އެވަރުވީއިރު ޔޫހާ އޭނަގެ ގާތުގައި ނުބުނީ ކީއްވެހެއްޔެވެ. ކުޑަނަމަވެސް އިޝާރާތެއްކޮއްލިނަމަވެސް އޭނައަށް ފުދުނީހެވެ. ޒައުލް ކާމޭޒުކައިރިން ދުރަށް ދިއުމަށްތެދުވި ވަގުތު މަންސޫރުވާހަކަދެއްކިއެވެ.
"ޒައުލް...ދަރިފުޅަށް ފެންނަނީ ކިހިނެއް، ތިކަމާ ވިސްނާލިންތަ ރޭގަ، މިބުނީ ކޮމްޕެނީގެ މުވައްޒަފެއްގެ ގޮތުގައި އެހާ ގިނަދުވަހު މަސައްކަތްކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން އެއީ ހަމަ އެންމެ ރަނގަޅު ނިންމުންބާއޭ، ދެވަނަ ފުރުޞަތެއް ދޭކަށް ނުފެނޭތަ" މަންސޫރު ބުނެލިއެވެ. މަންސޫރުގެ ހިޔާލާމެދު ފުރަތަމަ ފަހަރަށް ޒައުލް ހިތްހަމަނުޖެހުނެވެ. އެހެންނަމަވެސް އެކަން އޭނަ ފާޅެއްނުކުރިއެވެ. އެހެނީ އޭނައަށް ފައުޒީ ކުރި ކުށަކީ މާފުކުރެވޭވަރުގެ ކުށެއްނޫނެވެ. ޔޫހާ އާއި ދިމާލަށް އެފަދަ ނަޒަރަކުން މީހަކު ބަލާލަންވެސް އޭނަ ބޭނުންނުވަނީއެވެ.
"ބައްޕާ، އިތުރު ފުރުޞަތެއް ދެއްވަން ތިވިސްނަވަނީ ކީއްވެގެންތޯ، އެހާ ދުވަސްވީ މުވައްޒަފަކަށް ފައުޒީވާއިރު އޭނައަށް އެނގެންވާނެ ނޫންތޯ އެފަދަ ކަމެއް ކުރާއިރު އެކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން، އެއްވެސް މުވައްޒަފެއް އަނެއްމުވަޒަފެއްގެ ޒާތީ ކަންތައްތަކާއި ބެހި ހަދައިގެން ނުވާނެ، މަސައްކަތްކުރާ މާހައުލަކީ ކޮންމެ މުވައްޒަފަކަށްވެސް މިނިވަންކަމާއިއެކު މަސައްކަތްކުރެވޭކަހަލަ ތަނަކަށްވާންޖެހޭނެ، ފާރަލާ ބަޔަކު ތިބެގެން ނުވާނެ...މިހުރިހާ ކަމެއް ފައުޒީއަށް ވަރަށް ރަނގަޅަށް އެނގޭނެ، އަނެއްކާ އޭނަގެ ޢަމަލުތައް ގޮސްފައިއެވަނީ މާމައްޗަށް..." ޒައުލް ބުނެލިއެވެ. ހިތްހަމަނުޖެހުން ހާމަ ކުރަން ބޭނުންނުވިއެއްކަމަކު މަންސޫރަށް ޒައުލް ބޭނުންވާގޮތް ނަގައިގަނެވުނެވެ.
"ދަރިފުޅަށް ތިޑިޒިޝަން ރަނގަޅުކަމަށް ފެންނަންޔާ ތިގޮތަށް ނިންމާ" މަންސޫރު ބުނެލިއެވެ. ޒައުލް ބޯޖަހާލަމުން އަވަސްވެގަތީ އޭނަގެ ކޮޓަރިއަށް ދިއުމަށެވެ.

"އާފާގު، އައްޔަދުއަށް ގުޅާބަލަ، އެސޮރު ދިޔަތަނެއްވެސް ނުބުންޏޭ، އާފާގުގެ ކަމެއްދޯ އެއީ" ޒަރާނާ ކަންބޮޑުވެފައި ބުނެލިއެވެ. އޭރު އޮފީހަށް ވަދެލާފައި ހެނދުނުގެ ސައިބުއިމަށް ގެއަށް އައިސް ކާމޭޒުކައިރީ އާފާގުއިނެވެ.
"ޒަރާ އުޅުނީ އެސޮރު އަހަރެންގެ ވިޔަފާރީގެ ތެރެއަށް ނުވަދެގެން، މިހާރުވެސް އެސޮރު އެކުރަނީ އަހަރެންގެ ވިޔަފާރީގެ ޕްލޭނެއް، އެއީ އޭނަ އަމިއްލައަށް ނިންމި ނިންމުމެއް، ޒަރާނާ ގާތު އެދިޔައީ ކޮންތާކަށްކަން ބުނެފިނަމަ ނުފޮނުވާނެކަން އަހަންނަށް އެނގޭތީ، އެހެންވެ އެސޮރުގާތު ބުނީ މަންމަ ގާތު ނުބުނާށޭ" އާފާގު ވާހަކަދެއްކިއެވެ.
"ކީއްވެ އަހަރެން އެސޮރަށް މަނާކުރަންވީ، އަނެއްކާ ކޮންކަހަލަ ތަނަކަށް އައްޔަދު ފޮނުވައިގެން އާފާގު ތިއުޅެނީ" ކުރިއަށްވުރެ ޒަރާނާ ހާސްވިއެވެ. އޭނަ ރިހައަޅަމުންދިޔަ ބޯތައްޓަށް އަޅާލި ރިހަސަމްސަލާއިއެކު އާފާގު އާއި ދިމާލަށް އެނބުރެވުނެވެ.
"އެސޮރުވީ ޕާކްވިއު ހޮޓެލްގަ، އެސޮރު އަމިއްލަ ގޮތުން ކުޑަ ރިސާރޗްއެއް ހަދަން ބޭނުންވީ" އާފާގު ބުނެލިއެވެ.
"އެކަމަކު...އެއީ...އެކަމަކު މަންސޫރުގެ ހޮޓަލެއްނު، އެތަނަށް ކީއްވެ އައްޔަދު ފޮނުވީ، އެދެބެން ދިމާވެއްޖެއްޔާ...އާފާގު...ކީއްތިކުރީ" ޒަރާނާ ކުރަންހުރި ކަންތައްވެސް ހަނދާންނެތުނު ކަހަލައެވެ.
"ޒަރާ، އައްޔަދު އެއީ ކުޑަކުއްޖެއްނޫން، އޭނައަށް ހަގީގަތް ކިޔާނުދީ އޭގެ އިތުރުން އެފަދަ ކަންތައްތައް މަނާކުރާނަމަ ސުވާލު އުފެދޭނެ ދޯ، އޭރުން އެމާޒީ އާއި ބެހޭގޮތުން އައްޔަދު ސުވާލު ހިފައިގެން އަހަރުމެންގެ ގާތަށް އަންނަލެއް އަވަސްވާނެ" އާފާގު ބުނެލިއެވެ. ޒަރާނާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭގުނެވެ.

ޕާކްވިއު ހޮޓެލްގެ ލޮބީއަށް ވަންނަން އައި ފައުޒީގެ ގައިގާ ހޮޓެލްގެ މައުލޫމާތު ހިމެނޭ ލީފްލެޓެއް ބަލަމުން ނުކުތް އައްޔަދު ޖެހުނެވެ. އައްޔަދު މާފަށް އެދުނުއިރު ފައުޒީގެ މޫޑުުހުރީ ގޯސްވެފައެވެ.
"ކާންޓް ޔޫ ސީ..." ފައުޒީ ބުނެލިއެވެ. އޭނަ ހީކުރީ އައްޔަދުފެނިފަ ރާއްޖޭން ބޭރުމީހެއްކަމަށެވެ.
"ސޮރީ، އަހަރެން މާފަށް އެދެފީމު، ތިހާ ރުޅިގަދަވާންވީ ކީއްވެތަ، ނުބައިގޮތަކަށް މޯނިންގް ވީތަ، ހުރިހާ ޙިއްސެއް ސަލާމަތުން ހުއްޓަސް...އެކްސިޑެންޓް ޑޫ ހެޕެން، އަހަރެންވެސް ގަސްދުގަ ޖެހިއެއް ނުގަންނާނެއެއްނު، ޗިލް މޭން..." އައްޔަދު ހަމަޖެހިލާފައި ހުރެ ވާހަކަދެއްކިއެވެ. ފައުޒީ ދެބުމަށް ގޮއްޖަހާލުމަށްފަހު އެތެރެއަށް ވަދެގެން ދިޔައެވެ.
"އަހަރެންގެ މޫޑު ހަރާބުވުން ނޫންކަމެއް މިއަދު ނުވާނެ، އަހަރެން ވަޒީފާއިން ބޭރުކޮއްލާފައި ގާތްކުރާވަރު އަންހެނެއްނޫން ޔޫހާއަކީ، ރީތި ސިފައަކާއި ބައްޓަންހުރި ހަށިގަނޑެއް ލިބުނީމަ އޭގެ ބޭނުން އެހިފަނީ ވަރަށް ރީތިކޮށެއްނު، މަކަރުވެރި އަންހެނެއް އެޔޫހާއަކީ، އެންމެ ފުރަތަމަވެސް އެއަތުއަޅުވާލީ ތަނުގެ ވެރިޔާވިއްޔަ...ކިހާ ވަރަކުން ދާނެބާ، މާލެން ގޯއްޗަކާ، ނަންމަތީގައި ދެތިން ޔޮޓާ، ލައްކައިން ރުފިޔާ ޖަމާވާ އެކައުންޓަކާ ހުޅުވާލާފަ ނޫނީ ޒައުލްއާއި ދުރަކަށް ނުދާނެކަންނޭގެ، ވިޔަފާރި ބަނގުރޫޓުކޮއްލީމަ ހުންނާނީ ރަނގަޅަށް ޔޫހާގެ ފަރާތުން ހޫނުބޮނޑިއެޅިފަ" ލިފްޓަށް ވަދެހުރެ އަމިއްލަ ނަފްސާ ފައުޒީ ވާހަކަދެއްކިއެވެ. ހޮޓެލްގެ ޔުނީފޯމްގައި ނޫން ގޮތަކަށް ފައުޒީ ފެނުމުން ވަރަށް ގިނަ މުވައްޒަފުން ތިބީ ހައިރާންވެފައެވެ. އަދި ވާނުވާ އޮޅުންފިލުވުމަށް ބޭނުންވެފައެވެ.

ކޮމެންޓް 0