ވަރަށް ލަސްވަންދެން ޓެރެސްގައި ޝައިސްތާއިނެވެ. އެހެންނަމަވެސް ޒައުލްގެ ޚަބަރެއް ނުވުމުން އޭނަ ނިދަން ހަމަޖައްސާފައިވާ ކޮޓަރިއަށް ދިޔައީ ހިތްހަމަނުޖެހިފައި ހުރެއެވެ.

ހެނދުނު ސައިމޭޒު ދޮށުގައި އާފާގު މާ މަޑުމަޑުން އިންނަކަން ޒަރާނާއަށް ފާހަގަ ކުރެވުނެވެ. އެހިމޭންކަމާ އައްޔަދު އެ ދެމަފިރިން ގާތު ރޭގަ ހާމަކުރި ހިޔާލާ ގުޅުމެއްވާހެން ޒާރާނާއަށް ހީކުރެވުނެވެ.
"އައްޔަދުގެ އެ ނިންމުމާއިމެދުތަ ތިވިސްނަނީ" ޒަރާނާ އައިސް އާފާގުގެ ކައިރީ ހުރި ގޮނޑީގައި އިށިންނަމުން ބުނެލިއެވެ.
"ހޫމް...މުޅިއަކުން އެކަމާއެއްވެސް ނޫން، އައްޔަދު ކައިވެނިކުރަން ބޭނުންނަމަ އަހަރެންގެ އެއްވެސް މައްސަލައެއްނެތް، އެކަމާ ފާޑުކިޔާނީ ޒަރާ، ރޭ ނިދެންދެން ވެސް ދެއްކި ވާހަކައިން އަހަންނަށް އެނގުނު އެއްޗަކީ އައްޔަދު އެބުނާ އަންހެން ކުއްޖާގެ ދަރިއަކު ހުއްޓަސް އެކަމާ ޒަރާގެ މާބޮޑު ދެކޮޅުހެދުމެއް ނެތްކަން، އެއަށްވުރެ ޒަރާއަށް އޭނަ މާކަމުގޮސްފި" މިހެންބުނެ އާފާގު ހިނިތުންވެލި އެވެ.
"އެހެންނެއް ނޫން، އޭނަގެ ދަރިއަކު ހުއްޓޭކިޔާފަ އެހިސާބުން އޭނަގެ ދިރިއުޅުން ނިމުނީކީ ނޫނެއްނު، އަނެއްކޮޅުން އައްޔަދުއަށް ޔޫހާގެ ދަރިއަކު ހުއްޓަސް މައްސަލައަކަށް ނުވަންޏާ އަހަރުމެންނަށް އެކަން މައްސަލައަކަށްވެގެން ނުވާނެތާ" ޒަރާނާ އޭނަގެ ހިޔާލު ފާޅުކުރިއެވެ.
"ކޮބާތަ އައްޔަދު، ގައިމު ބުނި މިއަދު ބައްޕަ އޮފީހަށް ދުރުވާއިރު ތިމަންނާވެސް ދާނަމޯ، އަދި ނުހޭލާ ކަންނޭގެ ދޯ، ޒަރާ ބަލާލައިފިންތަ އޭނަ ކޮބާތޯ" އާފާގު ބުނެލި އެވެ.
"އަހަރެން ކޮޓަރިއަށްވަތްއިރު ފާހާނާގަ އުޅެނީ، އަހާނ... ލަހެއް ނުވިއެއްނު... ދަރިފުޅުގެ ވާހަކަ މިދައްކަނީ" ޒަރާނާ ވާހަކަ ދައްކަދައްކާ ހުއްޓަ އެތަނަށް އައްޔަދު އައިތަން ފެނުމުން ބުނެލ ިއެވެ. އަދި އޭނައަށް ތައްޔާރުކޮއްފައި ހުރި ތަށިގެނެސް ކުރިމަތީ ބެހެއްޓި އެވެ.

ހެނދުނުގެ ނާސްތާ ކުރުމަށް ކާމޭޒު ދޮށުގައި ހުރިހާ އެންމެން ތިބިއިރު ހެނދުނުގެ ތާޒާކަމާއި ހިތްހަމަޖެހުން ފެންނަންހުރީ ހަމައެކަނި އީލާކްގެ މޫނުމަތިންނެވެ. މަންސޫރު އިނީ ލާއިގާގެ މޫޑުއެހާ ގޯސްވާންޖެހުނު ސަބަބެއް ނޭނގިފަ އެވެ. ޒައުލް ރޭގަ ލާއިގާ ބުނި ގަޑިއަށް ނައުމުން އެކަމާ އަދިވެސް ހިތްހަމަނުޖެހިފައި އިނީއޭ ވެސް މަންސޫރަށް ހީވިއެވެ. ޝައިސްތާގެ މޫނުމަތިން ފެންނަމުންދިޔަ ފޫހިކަމުގެ އިތުރުން ކާމޭޒުމަތީ އެންމެ ފުރަތަމަ ވާހަކަ ދެއްކީ ވެސް އޭނަ އެވެ.
"މާމާ، އަޅުގަނޑު ގެއަށް ދާން ނިންމައިފިން" ޝައިސްތާ ހިތްވަރުކޮއްފާ ބުނެލި އެވެ.
"ސައިބޮއެ ނިންމާލަފަ މާމަ އާއި ވާހަކަ ދައްކާލަން މަޑުކޮއްލާފައެއްނު ދާނީ" ލާއިގާ ބުނެލި އެވެ. ލާއިގާގެ ޖަވާބު އައިގޮތުން ޝައިސްތާ ވަރަށް ހައިރާންވި އެވެ. ރޭގައި އޭނަ ގޮސްދާނެތީ އުޅުނު ލާއިގާ މިހާރު އެހާ ފަސޭހައިން އޭނަ ދާން ބުނުމުން އެއްބަސްވީ ކީއްވެބާއޭ ހިތަށްއެރި އެވެ. އެހިނދު މަންސޫރުގެ ކަނާތްފަރާތުގައި އިން ޒައުލްއަށް ބަލާލެވުނެވެ. ޝައިސްތާއަށް ޒައުލްގެ ކުޅިވަރު ފެނިއްޖެކަން ލާއިގާއަށް އެނގެ އެވެ. އެހެންވެ ކާމޭޒުދޮށުގައި ތިބެ މައްސަލަ ހައްލުކުރަން އޭނަ ބޭނުން ނުވީއެވެ.

"ޒައުލް... ހޮޓެލަށް ދެވުނީމަ ޖަމާލު ފޮނުވާ ދެއްޗޭ، ޝައިސްތާ ގެއަށްލާންދާންވާނެއެއްނު" ލާއިގާ ހިނިއައިސްފައި ޒައުލްއަށް ބުނެލި އެވެ. ހޮޓެލަށް ދިއުމަށްޓަކައި ނުކުމެ ނުކުމެ ހުރި ޒައުލް ހުއްޓެމުން ލާއިގާއަށް ބަލާލާފައި ބޯޖަހާލަމުން ހިނިތުންވެލި އެވެ. ލާއިގާގެ މޫނުމަތީގައިވި ހިނިތުންވުން ޒައުލްގެ ހިތަށް ހަމަޖެހުން ގެނުވި އެވެ.
"މާމަ ތިދައްކަވާ ވާހަކައެއް އަޅުގަނޑަށް ނުވިސްނުނު" ޝައިސްތާއަށް ލާއިގާގެ މަޤްޞަދަކީ ކޮބާކަން އޮޅުންނުފިލުމުން ދެވަނަ ފަހަރަށް އަހާލެވުނެވެ. އެއާއިއެކު ލޮލުގެ އިޝާރާތުން އެވާހަކަ އެހަށް ނުދެއްކުމަށް ބުނެ ހިނިތުންވެލައިގެން އިނީ ޒައުލް ނުކުމެގެން ދަންދެނެވެ.
"ޒައުލްއަށް ވެގެންއުޅޭގޮތް ޝައިސްތާއަށް ވެސް މިހާރު އެނގިއްޖެހެން މާމައަށް ހީވަނީ، އަދި އެކަމާ މާމަ ނުގަބޫލުކަން ވެސް އެނގޭނެކަންނޭގެ...." ލާއިގާ ފާޑަކަށް މޫނު ހަދާލަމުން ބުނެލި އެވެ.
"އެއީ ކޮންއަންހެން ކުއްޖެއްތަ؟ ޒައުލް އެހާވަރުން އޭނަ އާއި ހެދި އެއުޅެނީ ކީއްވެތަ، މާމައަށް އެނގިލައްވާތޯ ޒައުލްއަށް ވަރަށް ބޮޑު ބަދަލުތަކެއް އަތުވެއްޖެކަން" ޝައިސްތާ ބުނެލި އެވެ.
"ހޫމް، އެނގޭ އެކަން، އަހަންނަށްވެސް ނޭގެ އެއަންހެނާ ޒައުލްއަށް ކުރަނީ ކީއްކަމެއް، ރާއްޖެތެރޭ އަންހެންކުއްޖެއް، ނުވިތާކަށް ދަރިއަކުވެސް ހުރޭ...ބޯ ހަލާކު، މާމަ އަދިވެސް ބޭނުންވަނީ ތިދެކުދިން ގުޅެން، މާމައަށް އެނގޭ ޝައިސްތާ ޒައުލްއާ ގުޅެން ރުހޭނެކަން" ލާއިގާ ބުނެލި އެވެ.
"އެކަމަކު...މާމާ، ޒައުލް ބޭނުންވާ ގޮތް އެނގެއެއްނު، އޭނަ ރޭގަވެސް ބުނި މާމަގެ ނިންމުމާ ދޭތެރޭ ހިތްހަމަ ނުޖެހޭކަން، އޭނަ ގުޅޭނީ އޭނަ ބޭނުންވާ މީހަކާ، އޭގަ އަޅުގަނޑު ބޭނުންވާ ގޮތެއް މުހިއްމެއް ނޫން" ޝައިސްތާ އިސްޖަހާލަމުން ބުނެލި އެވެ. ޝައިސްތާ އާއި ލާއިގާގެ ވާހަކަ އެންމެ އޮލަވިގަޑީގައި އެތަނަށް މަންސޫރު އައުމުން ދައްކަމުންދިޔަ ވާހަކަތައް މެދުކަނޑާލި އެވެ. އަދި މަންސޫރު އާއި ލާއިގާ އެހެން ވާހަކައެއް ފެށިއެވެ. ޝައިސްތާ ހިނިތުންވެލައިގެން އެމީހުން ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން އިނެވެ.
ޖަމާލު އައިސް ގެއަށްވަނީ އެވަގުތު އެވެ. ލާއިގާ މަންސޫރުގެ ގާތު ޝައިސްތާ ގެއަށް ލާފައި އެބަ އަންނަން ކަމުގައި ބުނެ ތެދުވެގެން ހިނގައިގަތެވެ. ޝައިސްތާ ވެސް ބަހެއް ނުބުނެ ލާއިގާ އާއިއެކު ގެއިން ނުކުތެވެ.
"ޝައިސްތާ، މާބޮޑަށްދެން އެކަމާ ނުވިސްނާ، މާމަ މިކަމަށް ކޮޅެއްފެނޭތޯ ބަލާނަން" ލާއިގާ ގޭޓުން ނުކުންނަމުން ޝައިސްތާގެ ބުރަކަށީގައި ފިރުމާލާފައި ބުނެލި އެވެ. ޝައިސްތާ ބޯޖަހާލާފައި ލާއިގާ އާއިއެކު ކާރުގެ ފަހަތު ސީޓަށް އެރިއެވެ. ޖަމާލުއަށް ޝައިސްތާގެ ގެ ހުންނަ ހިސާބު އޮޅުންފިލުވާދޭކަށް ނުޖެހުނެވެ. މީގެ ކުރިން ވެސް ޖަމާލު އެތަށް ފަހަރަކު ޝައިސްތާ މެންގެއަށް ގޮސްފައިވާތީ އެވެ. ޒައުލް ގޮވައިގެންނެވެ. އެމީހުން ކިޔަވަން އުޅުނު ދުވަސްވަރު ޗުއްޓީއަށް މާލެ އައިސްއުޅޭއިރު ޒައުލް އެގެއަށް ގޮސް ހަދައެވެ. ނަމަވެސް އެދެމީހުންގެ ކޮލެޖު ދުވަސްވަރު ނިމުމާއިއެކު ޝައިސްތ ާވެސް މާލެ އައުން ހުއްޓާލީއެވެ. ޒައުލް މާލެ އައިސް މުޅިން އައު ރައްޓެހިންތަކަކާއިއެކު އުޅެންފެށީ އެވެ.

"ޖަމާލު، އަހަންނަށް އެނގޭ ޒައުލް މިކާރުގަ ދަތުރުކުރާ ތަންތަން، އެކަމަކު އަހަރެން އޮޅުން ފިލުވަން ބޭނުންވަނީ ހަމަ އެންމެ ތަނެއް، އޭނަ އާއިއެކު އެއުޅޭ އަންހެން ކުއްޖާގެ ގެއަށް ދާންވީ... ޖަމާލުއަށް އެނގޭނެ އެގެ، ޒައުލްގެ ޅަ އުމުރުން ފެށިގެން އޭނަގެ ގާތުގައި އުޅޭއިރު އޭނަގެ އެއްވެސް ކަމެއް ޖަމާލަށް ސިއްރެއް ނުވާނެ، އަހަރެން ގެންދޭ އެގެއަށް" ޝައިސްތާ އޭނަގެ ގެއަށް ވަނުމަށް ކާރުން ފޭބުމާއިއެކު ލާއިގާ އަމުރުވެރިގޮތަކަށް ބުނެލި އެވެ. ހާސްކަމާއިއެކު ޖަމާލު ކާރުދުއްވާލީ އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނައަށް ކަންތައްތައް ވަރަށް ގޯސްވެދާނެކަމުގެ މަލަމަތި މިހާރ ުވެސް ފެންނަން ފަށައިފ ިއެވެ. އަދި އަމުދުން ޒައުލްއަށް މިކަންތައްތައް އެނގިއްޖެއްނަމަ ދެންވާނެގޮތަކާއިމެދު އޭނަ މާ ކަންބޮޑުވެ އެވެ.

"މަންމީ...ހޯދަން" ޓީވީގެ ރިމޯޓް ހިފައިގެން ދުވަމުން އައިސް ބަދިގެއަށްވަތް ކިޔާން ބުނެލި އެވެ. އޭރު އާދައިގެ މަތިން ޔޫހާ މެންދުރަށް ކައްކަން އުޅެއެވެ. އެ ގަޑީގަ އޭނަ ހޯދަން އާމުކޮށް އަންނާނީ ޒައުލް އެވެ. އެކަމަކު ކިޔާން އައިގޮތުން އޭނަ ހޯދަން އައީ ޒައުލް ނޫންކަން ޔޫހާއަށް ޔަގީންވިއެވެ. ގާނަން ހުރި ކެރެޓު ތަށީގެތެރޭ ބާއްވާލަމުން ސިންކުގެ ކައިރީ ހުރި ފޮތިގަނޑުން އަތްފޮހެލާފައި ޔޫހާ ސިޓިން ރޫމަށް ނުކުތެވެ.
"މާމާ..." ދެ ލޯބޮޑުކޮއްލެވުނީ ޔޫހައަށް ލިބުނު ހައިރާންކަމާއިއެކު ގަބޫލު ނުކުރެވުމުންނެވެ. އޭނަގެ ކުރިމަތީ ލާއިގާ ހުރިތަން ފެނުމުން އިތުރަށް ބުނާނެއެއްޗެއް ނޭގުނެވެ. ގަބުވެފައި ޔޫހާއަށް ހުރެވުނީ އެވެ. ދެންވިސްނާ ލެވުނީ އޭނަ އެވަގުތު ހުރިގޮތާއިމެދުގައެވެ. ލައިގެން ހުރި ޓީޝާޓުކޮޅު ބާވެ ކުލަވެއްޓިފައިވިއެއްކަމަކު އަތްހާކާލެވުނީ ރީތިކޮއްލުމަށެވެ.
"މާމާއޭ ކިޔާނެކަމެއްނެތް، ކަލޭވެސް އެހެން މީހުން ކިޔާހެން ލާއިގާ ކިޔާ، އެއީ އަހަރެންގެ ނަމަކީ، އަދަބު އިޙްތިރާމް ކުރުމެއް ވެސް ނޯވޭދޯ، ގެއަށް އަންނަ މެހެމާނުންނާމެދު ކަންތައް ކުރަނީ ތިހެންތަ، އަހަރެން މިއައީ ކަލޭ އަތުން އެއްޗެއް ހޯދާކަށް ނޫން" ލާއިގާ އެއްއަތުން އަނެއްއަތް ހިފަހައްޓާލަމުން ބޮޑާ ގޮތަކަށް ޔޫހާއަށް ބަލާލާފައި ބުނެލި އެވެ.
"ދުރުވޭ އެތެރެއަށް..." ޔޫހާ ހާސްވެފައި ހުރިވަރުން ރަނގަޅަށް އަޑު ވެސް ނުނިކުތެވެ. ލާއިގާ އޭނަ އަރައިގެން ހުރި ފައިވާނާ އެކީ އެތެރެއަށްވަދެގެން އައިސް ސިޓިން ރޫމުގެ މެދެއްހާ ހިސާބުގައި ހުއްޓި ވަށައިގެން ނަޒަރު ހިންގާލިއެވެ. އަދި މަލާމާތުގެ ގޮތަކަށް ލުއި ހީނލުމަކުން ހީނލި އެވެ.
"ކިހާވަރެއްތަ ބޭނުން ވެގެން ތިއުޅެނީ" ލާއިގާ އޭނަގެ އަތުގައި އޮތް ދަބަސްހުޅުވާލާފައި ޗެކުފޮތެއް ނެގިއެވެ.
"މާމާ..." ޔޫހާއަށް ލާއިގާ އައިސް ހުރި ބޭނުން އެނގުނީ ދެނެވެ. ދެންވެސް އޭނައަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ރުޅިއަށްވުރެ ބޮޑަށް އޭނަ ހުރީ ދެރަވެފަ އެވެ.
"ކިހިނެއްވީ، އަހަރެން މިދެނީ ސޮއެކޮއްފަ އޮތް ހުސްޗެކެއް، ކަލެއާ ކަލޭގެ ދަރިފުޅު އުފަލުގަ އުޅެވޭނެ ވަރަށް މީގަ އަދަދު ޖަހާލަންވީ، އެކަމަކު ބުނަން ޒައުލްގެ ދިރިއުޅުމާ ކުޅެން ނަހަދާ، ކަލޭ ހީކުރީ ޒައުލްގެ ދުލުން ކަލޭގެ ދަރިއަކީ އޭނަގެ ވެސް ދަރިއެކޭ ބުނުމުން އެކަން އަހަރެން ގަބޫލުކުރާނެކަމައްތަ، އެއަށްވުރެ އަހަރެން މާވިސްނުން ތޫނުވާނެ... ތިކަހަލަ އަންހެނުންގެ ގޮތް އަހަންނަށް އެނގޭތީވެ މިއައީ ކުރީބައިގަ އަދަދު ކަނޑައަޅާ މިކަން ނިންމާލަން" ލާއިގާ ސޮއިކޮއްފައި އޮތް ހުސްޗެކު ޔޫހާއަށް ދިއްކޮއްލަމުން ބުނެލި އެވެ. އެހެންނަމަވެސް ޔޫހާ އެއްވެސް އެއްޗެއް ނުބުނެ ހަރަކާތެއްވެސް ކޮއްނުލާ ހުރިގޮތަށް ހުރީއެވެ. ލާއިގާ ކުއްލިއަކަށް ޔޫހާގެ އަތްތިލާގައި ހިފާ އޭނަގެ އަތުގައި އޮތް ޗެކު ޔޫހާގެ އަތްތިލާގެ ތެރެއަށް ލިއެވެ. 
"ޒައުލް އާއި ކައިވެނި ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ތީ، މިހާރު ދެން ކައިވެނިކުރާކަށް ވެސް ނުޖެހޭނެއެއްނު، ބޭނުންވި ގޮތް މިހަދާދިނީ... ޒައުލްއަށް ގުޅާފަ ބުނޭ ދެން އޭނަ ކަލޭ ކައިރިއަށް އައިސްގެން ނުވާނެއޭ، މިވަރުން ނުފުދިއްޖެއްޔާ ކަލޭގެ އުމުރު ހުސްވަންދެން ވެސް ފައިސާ ދޭން އަހަރެން މިހުރީ ތައްޔާރަށް، އެކަމަކު ޒައުލްގެ ހިޔަނިހެން ނޫޅެ އޭނަގެ ދިރިއުޅުމުން ހަމަ މިހާރު ދުރަށްދާންވީ، ގުޅާ ޒައުލްއަށް، އަހަރެން ހުއްޓަ ގުޅާ... ގުޅާފަ ބުނޭ ކަލޭ ދެން އޭނަ އާއި ބައްދަލުކުރަން ބޭނުމެއްނުވެޔޭ، ކަލޭ ހޯދަން ދެން ނާންނާށޭ..." ލާއިގާ އަމުރުކުރި އެވެ. ޔޫހާ ހަދާނެ ގޮތެއް ނޭނގިފައި ހުންނަން ފެށުމުން ލާއިގާ އޭނަގެ ކޮނޑުގައި އަތް އަޅާކޮއްޕާލަމުން ޒައުލްއަށް ގުޅުމަށް އަމުރުކުރަމުންދިޔަ އެވެ. ޔޫހާ ލާއިގާއަށް ބަލާލީ ބިރުގެންފައި ހުރިފަދަ ގޮތަކަށެވެ. އަދި މަޑުމަޑުން ކޮޓަރިއަށް ވަދެފައި ނުކުތީ ޒައުލް ޔޫހާއަށް ދިން ފޯނު ހިފައިގެންނެވެ.
"ގުޅާފަ ބުނޭ..." ލާއިގާއަށް ކޮޓަރިން ނުކުތް ޔޫހާގެ އަތުގައި އޮތް ފޯނު ފެނުމުން އަނެއްކާ ވެސް ބުނެލި އެވެ. އޭނަ ހުރީ ޒައުލްގެ ގާތުގައި އޭނަ ބުނަން ބޭނުންއެއްޗެއް ޔޫހާ ލައްވާ ބުނުވާފަ ނޫނީ އެގެއިން ނުނިކުންނަންށެވެ.
"ހެލޯ...ޔޫހާ...ކިހިނެއްވީ، އަހަރެން ގުޅަން ކަމަށް ހުރީ އެކަމަކު އޮފީހަށް ވަތްތަނާހެން މުހިއްމު ކަމެއްޖެހިގެން މިއުޅެނީ، ޝާއިން އާއިއެކު މިއުޅެނީ..." ޒައުލް ވަރަށް ހަމަޖެހިލާފައި ބުނެލި އެވެ. އޭނަ ހުރީ ޔޫހާ އޭނައަށް ގުޅީމަ ވަރަށް ހިތްހަމަޖެހިލާފަ އެވެ.
"އަހަރެން ބޭނުމެއް ނޫން ޒައުލް އާއި ގުޅޭކަށް، އަހަރެން ހޯދަން ދެން ނާންނާތި..." ޔޫހާ އަވަސް އަވަހަށް ބުނެލި އެވެ.
"ވަޓް...ކީކޭ ޔޫހާ ތިކިޔަނީ، މިހާރު ކޮންކަމަކާ ރުޅި އައީ... މިވަގުތު ވަރަށް ބިޒީ، ސަކަރާތްޖަހާ ކަހަލަ މޫޑެއްގައެއް ނޫން މިހިރީކީ" ޒައުލްއަށް ލިބުނު ހައިރާންކަމާއިއެކު ބުނެލެވުނެވެ.
"އަހަރެން މިބުނީނު، ދެން އަހަންނަށް ގުޅައިގެން ވެސް ނުވާނެ، ހޯދަން އައިސްގެން ވެސް ނުވާނެ، އަހަރެން ޒައުލް އާއި ކައިވެންޏެއް ވެސް ނުކުރާނަން" މިހެން ބުނުމާއިއެކު ޔޫހާ ފޯނު ކަނޑާލައިފި އެވެ. ލާއިގާ ހީނލާފައި ޔޫހާގެ ކޮނޑުގައި ޖަހާލި އެވެ. އަދި ޔޫހާއަށް އޭނަގެ ފެންވަރަކީ ކޮބާކަން އަދިވެސް އެއްފަހަރު ހަނދާންކޮށްދެމުން އެނގެއިން ނުކުމެގެން ހިނގައްޖެ އެވެ. ކޮޓަރި ދޮރުކައިރީ ހުއްޓިލައިގެން ހުރި ކިޔާން ދުވެފައި އައިސް ޔޫހާގެ ފައިގާ އޮޅުލައިގަންނަމުން ލާއިގާ އާއި ބެހޭގޮތުން ސުވާލުކުރި އެވެ. ޔޫހާ އެއްވެސް ޖަވާބެއްނުދީ ކިޔާން ކުޅެން ފޮނުވާލި އެވެ. އަދި ނިތަށް އަރުވާލި ރޫތަކާއިއެކު ދެބުމަ ގޮއްޖަހާލި އެވެ. އަތުގައި އޮތް ފޯނު ރިންގުވީ އެވަގުތުއެވެ. އޭނައަށް މާކުރިން ވެސް ޒައުލް އޭނައަށް ގުޅާނެކަން އެނގެއެވެ. ނަމަވެސް ވެފަ ހުރި ފޫއްސެއްގެ ބޮޑުކަމުން ކޮޓަރިއަށްވަދެ އެނދުމައްޗަށް ފޯނު އެއްލާލ ިއެވެ. އަދި އަތުގައި އޮތް ޗެކަށް ބަލާލާފައި އިރާލަން ހިތަށްއެރި އެވެ. ނަމަވެސް އެހެން ނަހަދާ އެޗެކު ރީތިވާ މޭޒުމަތީގައި ހުރި ސެންޓުފުޅިއެއްގެ ދަށަށްލި އެވެ. ދެން ބަދިގޭގައި އޭނަ ކުރަންހުރި މަސައްކަތް ކުރުމުގައި މަސްއޫލުވެއްޖެ އެވެ. ހިތާ ހިތާ ލާއިގާ އާއިދިމާލަށް އެތަށް އެއްޗެއް ޔޫހާއަށް ގޮވުނެވެ. އަނެއްކޮޅުން ޒައުލް އަމިއްލައަށް ލާއިގާގެ ގާތުގައި ކިޔާންއަކީ އޭނަގެ ދަރިއެއްކަން ބުނެފިކަން ވެސް ޔޫހާއަށް އެނގުނެވެ. އެހެންނަމަވެސް ލާއިގާ އެކަން ގަބޫލު ނުކުރާކަނ ްވެސް ޔޫހާއަށް މިއަދު އެނގިއްޖެ އެވެ.

ޒައުލް ކުރަންހުރި މަސައްކަތް ޝާއިން އާއި ހަވާލު ކުރުމަށްފަހު އަވަސްވެގަތީ ޔޫހާގެ ގާތަށް ދިއުމަށެވެ. އޭނަ ޖަމާލަށް ގުޅިއެވެ. ޖަމާލުވެސް ފޯނު ބިޒީކޮއްލަނީ އެވެ. ކެތްތެރިކަން ކުޑަވެފައިވާ ޒައުލްގެ ގާތަށް ރުޅި އަންނަގޮތްވި އެވެ. ފޯނު ހިފައިގެން އޭނަ ދެކޮޅަށް ހިނގަންފެށި އެވެ. ޖަމާލު އޭނަ ގުޅީމަ ފޯނު ނުނަގަންވީ ސަބަބެއް ނޭގޭތީ އެވެ. އެގޮތަށް އެނބުރި އެނބުރި ޒައުލް ހުއްޓާ ޖަމާލުގެ ކޯލު އޭނަގެ ފޯނަށް އައެއެވެ.
ކާރަށް އެރި ޒައުލްގެ މޫނުން ރުޅިވެރިކަން ފެނުމާއިއެކު ޖަމާލު ކަންތައްވީގޮތް ކިޔާދީފި އެވެ. ޖަމާލުގެ ދުލުން ލާއިގާ ޔޫހާ މެންގެއަށް ދިޔަަކަން އަޑުއިވުމުން އޭނަގެ ރުޅިވަކިން ގަދަވ ިއެވެ. ޔޫހާގެ ފަރާތުން އޭނައަށް ލިބުނު ފޯނު ކޯލާ އެގޮތަށް ޔޫހާ ވާހަކ ަދެއްކީ ކީއްވެކަންވެސް އޭނައަށް މިހާރު ވިސްނިއްޖެ އެވެ. އޭނަގެ އަތުގައި އޮތް ފޯނުނަގާ މީހަކަށް ގުޅާލި އެވެ.
"ޝާއިން، އަހަންނަށް ކަމެއްކޮއްދޭންވެއްޖެ... ވަރަށް އަވަހަށް ކޮންމެވެސް ކުއްޖަކު ފޮނުވާލައިގެން ކައިވެނިކުރާ ފޯމެއް ނަގާދީބަލަ، އަހަރެން އޮފީހަށް އެބަދަން، އެފޯމު އަހަންނާ ހަމައަށް ފޮނުވާލަދީ، ވަރަށް އަވަހަށް އެނގޭ" ޒައުލް ޝާއިންއަށް ގުޅާލުމާއިއެކު ބުނެލިއެވެ.
"ޖަމާލު، ކާރު އަނބުރާލާ... ހޮޓެލަށް ދާންވީ" ޒައުލް ޖަމާލުއަށް އެންގި އެވެ.

ކޮމެންޓް 0