" ކޮއްކޮ ހާދަ ބޮޑު ރޮނީ؟"
ލޫނާގެ މޫނަށް ބަލާލަމުން އޭނާ ބުންޏެވެ. ލޫނާ އިނީ ދެލޯ ވައްކޮށްގެން އެމީހާއާ ދިމާއަށް ބަލާށެވެ.
" ކޮއްކޮ ދެރަ ނުވަނީ... ދެން ކަންތައް ބަރާބަރު ވަނީ... ޝަމްސު އަންނަނީނު!"
ޔޫހާގެ ދެލޯ ބޮޑުވެގެން ދިއަ ވަގުތު އަނގަވެސް ހުޅުވިގެން ދިއައީ ލިބުނު ޙައިރާން ކަމެއްގެ ބޮޑު ކަމުންނެވެ. ބޭބެ އެބުނާ އިންޑިއާ މީހާ ގަނޑަކީ އެއީ ހެއްޔެވެ؟ ޔޫހާ ކައިވެނި ކުރަން ރަން ކިޔާފައި ވަނީ އެމީހާއާ ހެއްޔެވެ! ބޮޑުބޭބެ އޭނާއަށް އެވަރުގެ ލަނޑެއް ދީފާނެ ހެއްޔެވެ! ޔޫހާއަށް ފަރުވާތެރި ކަމާއި އެކު ޝަމްސްއަށް ބަލާލެވުނެވެ. ކަޅު ބޮޑު، ފަލަ މީހެކެވެ. ލައިގެން އިން ގަމީސްގަނޑުވެސް ބަނޑާ ދިމާއިން ވާންވެފައި ވާ ވަރުން ހީވަނީ ދެންމެ ދެންމެ ގޮށްތައް އުފުރާލަފާނެ ހެންނެވެ. އެމީހާގެ އަތްދަށު ވެއްޖެއްޔާ ކިތަންމެ ނުގަބޫލަސް އޭނާ ދޫކޮށްލި އިރަކުން ނޫނީ ޔޫހާ އަކަށް ސަލާމަތެއް ނުވެވޭނެ އެވެ. އެއަށް ވުރެ މާ ވަރުގަދަ ފާޑަކަށް ހުރި މީހެކެވެ. ފެންނަ އިރުވެސް ހީވަނީ " ކްރިމިނަލް " އެއް ހެންނެވެ. ޔޫހާ އިނީ ބިރުން ރޫރޫ އަޅައަޅަ އެވެ. އެމީހާ އާއި އެކުގައި އެންމެ ހިނދު ކޮޅަކުވެސް އެކަނި ވެއްޖެއްޔާ ވަގުތުން ޔޫހާގެ ހިތް ހުއްޓޭނެ ކަން ކަށަވަރެވެ. 

" ޝަމްސު ނޭގެނީތަ؟ ފޮޓޯ ނެތީދޯ! މީނަ މަގޭ ކައިރީގަ ޝާދީ ކުރަނީނުން!"
އެމީހާ ނިކަން ފަޚުރުވެރި ކަމާއި އެކު މޭގައި އަތް ޖައްސާލަމުން ޔޫހާއާ ދިމާއަށް އަރިވެލި އެވެ. 
" އަހަރެން މީނަ ފޮޓޯ ބަލަނީ... ބަރާބަރު!"
ޝަމްސު ވާހަކަ ދެއްކި އިރު ޔޫހާއާ ލޫނާ އަނގައިން ބުނަން ނޭގިފައި ބަލަހައްޓައިގެން ތިއްބެވެ. ފަކުރުން މޫނު މައްޗަށް ހަޑި ވައްތަރެއް ޖެއްސިފައި އިން ލޫނާގެ ހިތަށް އަރަމުން ދިއަ އެއްޗެއް ބުނެދެންވެސް ނޭގެ އެވެ.

" އަހަރުމެން އަވަސް ޝާދީ ކުރަނީ ދޯ ލޯބި!"
ޝަމްސްގެ އަޑު އިވިފައި ޔޫހާ ހީލި ކަރުވައި ގަތެވެ. ލޫނާ އައީ ރުޅި އެވެ.
" ކަލެއަކާ ނީންނާނެ ދޮންތިއެއް! އައްޗީޑި!"
ރުޅިގަދަވެގެން ނޭވާ އަވަސް ވެފައިވާ ލޫނާ ދަތްކުނޑި ވިކަމުން ހަޅޭއްލަވައިގަތެވެ. ކުއްލި އަކަށް ކޮއްކޮ އެހާ ބާރަށް އެއްޗެއް ބުނުމުން ޔޫހާ ވެސް ސިހުނެވެ. އެންމެ ކަންބޮޑުވީ އެމީހާގެ މޫނު މައްޗަށް ވީ ގޮތުންނެވެ. ކޮއްކޮއާ ދިމާއަށް އޭނާ ބަލާލީ ނަފްރަތުން ފުރިގެންވާ ބެލުމަކުންނެވެ. ޔޫހާއަށް ކޮއްކޮގެ އަތަށް ފިތާލެވުނެވެ. ކިތަންމެ ރުޅިއަޔަސް މިވަގުތު އެމީހާގެ ކުރިމަތީގައި ގަދަ ހެދޭކަށް ނެތެވެ. އޭނާ އަކީ ކޮން ކަހަލަ މީހެއް ކަމެއްވެސް ނޭގެ އެވެ.

އެހާ އަވަހަށް އެމީހާ ރުޅިގަދަވި ގޮތުން ވެސް ޔޫހާގެ ހިތުގައި އާދަޔާ ޚިލާފް ބިރުވެރި ކަމެއް އުފައްދައިފި އެވެ. ހަދާނެ ގޮތެއް ނޭގި، އެމީހާ ކައިރީން ދުރަށް ދާންވެސް ނުކެރިފައި ތިއްބާ ޝަރީފުބޭ އަންނަތަން ފެނުނެވެ. ޝަރީފްބޭ އަށް ޝަމްސް ފެނުމުން ހިނިތުންވެލި އިރު ހީވީ ދުވަސްވީ ރަޙުމަތްތެރިއަކު ފެނުނު ހެންނެވެ. އެހެން ނަމަވެސް ސަމްސް އިނީ މާ ރަނގަޅު މޫޑެއްގައެއް ނޫނެވެ. އޭނާ ޝަރީފްބޭއަށް ބަލާވެސް ނުލާ ތެދުވެގެން ހިނގައިގަތީ އެވެ. އޭނާގެ ފަހަތުން ޝަރީފްބޭ ހިނގައި ގަތްގޮތުން ހީވީ ބޮޑާހާކާ ކުޑަ ކުއްޖަކު މަސަލަސް ކުރަން އުޅުނު ހެންނެވެ.

" އޭނައާ ދިމާއަށް އެއްޗެއް ނުބުނައްޗޭ...! އެހެރީ ޝަރީފްބޭ އޭނަގެ ދަށުވެފަ ހުރިވަރު...!"
ޝަރީފްބޭ ގޮސް ޝަމްސްއާ އަރާހަމަކުރިތަން ބަލަން އިނދެ ޔޫހާ ކޮއްކޮއަށް ނަސޭހަތް ތެރިވި އެވެ. ޝަރީފްބޭއާ ޝަމްސް ދުރުގައި ތިބެގެން ވާހަކަ ތަކެއް ދެއްކުމަށް ފަހު ޝަމްސު ދިއުމުން ޝަރީފްބޭ ޔޫހާ މެންނާ ދިމާއަށް އެނބުރިލިއިރު ޝަރީފްބޭގެ މޫނު މަތީން ވެސް ފެނުނީ ނުރުހުމުގެ އަސަރެވެ. ޝަރީފްބޭ ބާރަށް ހިނގާފައި ޔޫހާމެންނާ ދިމާއަށް އަންނަނިކޮށް އައިސީޔޫއިން މަންމަގެ ބެލެނިވެރި އަކަށް ގޮވާލި އަޑު އިވުނެވެ. އެންމެން ވެސް އެއަޑަށް ސަމާލު ވެލި އެވެ. ޝަރީފްބޭއާ އެކުގައި ޔޫހާވެސް އައިސީޔޫ ތެރެއަށް ވަނެވެ. ހައިފާގެ އޮޕަރޭޝަނަށް ތައްޔާރު ކުރަމުން ދާތީ ފައިސާގެ ކަންތައް ހަމަ ޖެއްސުމަށް ހޮސްޕިޓަލުން އެންގި އެވެ. ތިން ގަޑިއިރު ފަހުން ކުރެވޭ މަންމަގެ ބޮލުގެ އޮޕަރޭޝަން ކާމިޔާބު ވުމުގެ އޮތީ ފަންސާސް އިން ސައްތަ ޗާންސެއް ކަމަށް ޑޮކްޓަރ ބުނެލި ހިނދު ޔޫހާގެ ކަކުލު ހުޅުން ބާރު ދޫވާ ގޮތްވި އެވެ. އެހެނަސް ޔުހާ ހިތްވަރު ގަދަ ކުރަން މަސައްކަތް ކުރި އެވެ. ކޮއްކޮއަށް ޓަކައިވެސް މިވަގުތު ހިތްވަރު ގަދަ ކުރުން މުހިންމެވެ.

އޮޕަރޭޝަން ތިއޭޓަރގެ ބޭރުގައި މަޑުކޮށްގެން ތިބިއިރު ޔޫހާގެ އަތްތިލައިގައި ލޫނާ ބާރަށް ހިފަހައްޓައިގެން އިނެވެ. ހާސްކަމުން ފުރިފައިވާ ހިތަކުން މަތިވެރި ﷲ އަށް ދުޢާ ކުރަމުން ދިޔައިރު ދެކުދީންގެ ލޮލުން ވެސް ކަރުނަ ނުހިކެ އެވެ. ބައްޕަ ދުނިޔޭގައި ހުރި ނަމަ ވަގުތުގެ އެކަނި ވެރިކަން ކުޑަ ވީހެވެ. އެކުދީންގެ ދިރި އުޅުމުގެ ހުރިހާ ނިންމުމެއް ބިނާ ވެފައި ވަނީ އެ އޮޕަރޭޝަން ގެ މައްޗަށެވެ. ﷲގެ ހެޔޮ ރަޙުމަތުން މަންމަ ސަލާމަތުން އެނބުރި ދުނިޔެއަށް އަތުވެއްޖެ ނަމަ އެކުދީންނަށް އެކުދީންގެ ދިރިއުޅުމާއިގެން ކުރިއަށް ދެވޭނެ އެވެ. މާލޭގައި އުޅެވޭ ވަރުގެ ފެންވަރެއް ނެތަސް، އަދި އިތުރަށް ކިޔެވޭނެ ގޮތެއް ނެތަސް، ކިތަންމެ ދަތި ކޮށް އުޅެން ޖެހުނަސް މައްސަލައެއް ނެތެވެ. ބޭނުމީ ހަމަ އެންމެ ކަމެކެވެ. މަންމައަށް ރަނގަޅު ރަޙުމަތެއް ލެއްވުމެވެ. މަންމައާއި އެކުގައި ދުނިޔޭގައި އިތުރު ދުވަސްތަކެއް ދެއްވުމެވެ. މަންމަގެ އޮޕަރޭޝަން ކާމިޔާބު ނުވެއްޖެނަމަ އެކުދީންގެ ދިރިއުޅުމުގެ ހުރިހާ އުއްމީދެއް ގެއްލިގެން ދާނެ އެވެ. ދުނިޔެއަށް ބިކަވެ ގިނަވެދާނެ އެވެ. ދިގު ހަތަރު ގަޑި އިރަށް ފަހު ޑޮކްޓަރ ނުކުތްތަން ފެނުމުން ޔޫހާއާ ލޫނާއަށް ނޭވާ ހިފަހައްޓާލެވުނެވެ. މަންމަގެ އޮޕަރޭޝަން ކާމިޔާބު ކަމުގައި ބުނުމާއި އެކު ޔޫހާއަށް ލޫނާގެ ގައިގައި ބައްދައި ގަނެވުނެވެ. ދެކުދީންނަށްމެ ބާރަށް ރޮއި ގަނެވުނީ ވީ އުފަލެއްގެ ބޮޑު ކަމުންނެވެ. 

ސަންޑެކް ގެ އަރިމަތީގައި ހުރި ގޮނޑިއެއްގައި ދިގުދެމިލައިގެން ނިއްކުރިމަތީގައި އަތް ބާއްވާލައިގެން ވިސްނުމަކަށް ގެއްލިފައި ދާއިން އޮތެވެ. ޔޫހާ އޭނާގެ އެހީތެރި ކަމަކަށް ބޭނުން ނުވާކަން ސާބިތު ވެފައި ވާއިރުވެސް އޭނާގެ ހިތް އެކަން ޤަބޫލެއް ނުކުރެ އެވެ. އަދިވެސް އޭނާއަށް އެ އިންތިޒާރު ކުރެވެނީ ޔޫހާގެ ކޯލަކަށެވެ. އެންމެ ފަހުން ޔޫހާ އޭނާއާ ވަކިވެގެން ދިއަ ވަގުތު ބުނިބަސް އޭނާ ހަނދާން އެބަހުއްޓެވެ. " ގުޅާނަން" އެހެން ބުނެލި ވަގުތު އެ އެރީތި ތުންފަތް ކޮޅު ހަރަކާތް ކޮށްލި ގޮތް ވެސް އަދިވެސް ލޮލުގެ ކުރިމަތީގައި ސިފަވެ އެވެ. ދާއިންގެ ހިތް ބުނަނީ އަދިވެސް ޔޫހާ ގުޅާނެ ކަމަށެވެ.

ލޯމަރާލައިގެން އޮތް ދާއިންގެ ނޭފަތުގައި ޖެހުނު ލުއިލުއި މީރުވަހެއްގެ ސަބަބުން އޭނާއަށް ލޯ ހުޅުވާލަން މަޖުބޫރު ކުރުވައިފި އެވެ. އެވަގުތު ދާއިންގެ ފުރަގަހުން އައި ދެއަތްތިލަ އޭނާގެ ލޮލުގެ މަތީގައި އަޅާލި އެވެ. ވިސްނާލާކަށް މާ ގިނަ އިރު ތަކެއް ނުނެގި އެވެ. "އޮބްސެޝަން"ގެ އެ ލުއިލުއި މީރު ވަހަކީ އެނާގެ ސިކުނޑީގައި މާ ކުރީއްސުރެ ހަރުލާފައިވާ ވަހެކެވެ. 

" ޔާނާ!" 
ދާއިން އެ މަޑުމަޑު އަތްތިލައިގައި އަތްޖައްސާލަމުން ހިނިތުން ވެލި އެވެ.
" މޮޅު!"
ހިނިގަނޑެއް ޖަހާލަމުން ޔާނާ ދާއިން ގެ ކުރިމައްޗަށް ހުއްޓުނެވެ.
" ވަޓް އަ ޕްލެސެންޓް ސަޕްރައިސް!"
ހަޤީޤަތުގައިވެސް ދާއިން ވަރަށް އުފާވެއްޖެ އެވެ. ޔާނާ އަކީ ކުޑައިރުއްސުރެ ދާއިންގެ ގާތް އެކުވެރި އެކެވެ. އިސްކަންދަރު ސްކޫލު ގައި ކިއަވަން އުޅުނު އިރުއްސުރެ ޔާނާ ވަނީ ދާއިންގެ އެންމެ ގާތް އަންހެން އެކުވެރިޔާއަށް ވެފަ އެވެ. އެއީ މަންމަގެ އެކުވެރި ނީނާގެ ދަރިފުޅެވެ. ޔާނާ އާއި ދާއިން އޮސްޓްރޭލިއާގައި ވެސް އުޅުނީ އެކީގަ އެވެ. ދާއިން ލޯ އިޚުތިއާރު ކުރިއިރު ޔާނާ ކުރިއަށް ދިއައީ ބިޒްނަސްގެ ރޮނގުންނެވެ. 

" ދާއިން ބަލާ މިއައީ...ޗުއްޓީ ހަމަވަނީ!"
ކައިރީގައި ހުރި ގޮނޑި ދަމާލާ ދާއިންގެ ކުރިމަތީގައި އިށީންނަމުން ޔާނާ ބުނެލި އެވެ. އެއީ ތެދެކެވެ. ޗުއްޓީ ހަމަ ވާން ދެން އޮތީ ކުޑަ ދުވަސް ކޮޅެކެވެ. އެހެން ނަމަވެސް ދާއިން މިހާރު އެނބުރި ދާ ހިތެއް ނެތެވެ. 
" ކިހިނެއް ވެފަ މާ އެކަނިވެފަ.... ހާދަ ލޯންލީ ހެން ހިވެއޭ!"
އެއްފަހަރުން ޔާނާއަށް އެނގިއްޖެ އެވެ. 
" އެއީ ޔާނާ ނެތީމަ! "
ދާއިން ތެދުވެ އިށީދެލަމުން ސަމާސާ ކޮށްލި އެވެ. 
" އެހެންވިއްޔާ ލެޓްސް ގެޓް މެރިޑް!"
ޖެހިލުމެއް ނެތި ޔާނާ ބުނެލި އެވެ. ސަމާސާ ރާގަކަށް އެހެން ބުނެލި ނަމަވެސް އޭނާގެ މޫނު މަތީން ފެނިގެން ދިއަ ސީރިއަސްކަން މިއަދު ދާއިންގެ ހިތުގައި ނުރައްކަލުގެ ސިގްނަލެއް ދިއްލާލި އެވެ. 

" ތީ ރަނގަޅު ގޮތެއް! "
ބައްޕައާއި އެކު އެތެރެއަށް ވަދެގެން އައި ޒުހުރީ ޔާނާގެ އެވާހަކައަށް ތާއީދު ކުރި އެވެ. ޔާނާގެ ބައްޕަ ޒުހުރީ އަކީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްލިސްއެވެ. އެއީ ބައްޕަ ދާއިމީ ގުޅުމެއް ބާއްވާ އެކުވެރި އެކެވެ. ދާއިން ތެދުވެ ޒުހުރީއާ ސަލާމް ކޮށްލި އެވެ. ދާއިންގެ އެ ސްޓައިލާ ސްމާރޓްކަން ޒުހުރީއަށް އަބަދުވެސް ފާހަގަ ކުރެވެ އެވެ. 
" ބޭނުމިއްޔާ ކައިވެނި ކޮށްގެން ދެކުދީން އެކީ ކިޔަވަން ދިޔަޔަސް ޑެޑީ އޯކޭ!"
ޒުހުރީ ސަމާސާ ރާގަކަށް އެހެން ބުނި ނަމަވެސް އެއީ ސަމާސާއެއް ނޫންކަން ދާއިން އަށްވެސް އެނގެ އެވެ. ދާއިން އޭނާގެ ބައްޕަގެ މޫނަށް ބަލާލި އެވެ. ބައްޕަވެސް އެވާހަކައާ ވަރަށް ގަޔާވާހެން ހީވި އެވެ. އެހެން ނަމަވެސް ދާއިން އެވާހަކައާ ބައިވެރި ނުވުމުން ވާހަކަ ކުރިއަށް ދާ ގޮތެއް ނުވި އެވެ. ބައްޕަ އާދައިގެ މަތީން ޒުހުރީ އަށް ވެސް ގޭގެ އެތަން މިތަން ދެއްކުމުގައި އަވަސް ވެ ގަތެވެ. 

އަބަދުވެސް ޔާނާ ދޭތެރެއަކުން އެޒާތުގެ ވާހަކައެއް ދައްކާ އުޅެއެވެ. ޔާނާގެ ހިތުގައި ދާއިންއަށް ވާ ލޯތްބަކީ ދާއިން ނޭގޭ ކަމަށް ހަދައިގެން ހުއްޓަސް އޭނާއަށް އަބަދުވެސް އިނގޭ އެއްޗެކެވެ. ޔާނާގެ އެވާހަކައަށް ބައްޕަމެން ސަމާލުކަން ދިން ވަރުން ދާއިން މިއަދު ކަންބޮޑު ވާން ޖެހިއްޖެ އެވެ. އެހެން ކަމުން ޔާނާ އެވާހަކަ އިތުރަށް ކުރިއަށް ގެންގޮސް ފާނެތީ ދާއިން ހުރީ ބިރުންނެވެ. އެހެން ނަމަވެސް ނަސީބަކުން އެފުރުސަތެއް ޔާނާ އަކަށް ނުލިބުނެވެ. މާހިން އެތަނަށް އައުމުން އާދައިގެ މަތީން މުޅި މައުޙައުލުގެ މޫޑު ބަދަލު ވެގެން ދިއަ އެވެ. އުފާވެރި މަޖާ ވަގުތު ތަކަކަށް ފަހު އިރުއޮއްސުނު ފަހުން އެމީހުންގެ އެބައްދަލުވުން ނިންމާލީ މިރޭގެ ޑިނަރ އިން އެންމެން ބައްދަލު ކުރަން ގަޑި ކަނޑަ އަޅާފަ އެވެ. 

ޔޫހާއާ ލޫނާ އައިސީޔޫގެ ބޭރުގައި ހުރި ގޮނޑި ބަރީގައި ތިބީ މަންމަ ހޭ އަރާނެ ގަޑިއަކަށް އިންތިޒާރު ކޮށްކޮށެވެ. ދެކުދީންގެ މޫނު މަތީންވެސް މިހާރު ފެންނަމުން ދަނީ އުޖާލާ ކަމެވެ. ދުވަސް ގަނޑަކަށް ފަހު އެކުދީންގެ ސިކުނޑި އަށް ހިސާބެއްގެ ލުޔެއް ލިބިއްޖެ އެވެ. ދެން އިރާދަ ކުރެއްވިއްޔާ އެ އިންޑިއާ މީހާގަނޑުގެ ކިބައިން ސަލާމަތް ވެދާނެ އެވެ. ޝަރީފްބޭއާ ވާހަކަ ތަކެއް ދައްކާފައި ރުޅި ގަދަވެގެން ދިއަ ގޮތަށް އެމީހާގެ ޚަބަރެއް ނުވެ އެވެ. ޝަރީފްބޭވެސް އިތުރަކަށް އެވާހަކައެއް ނުދައްކަ އެވެ. ޔޫހާމެންގެ އަތުގައި ހުރި ފައިސާގެ އިތުރުން ދެން އިތުރު ފައިސާ ބޭނުން ވާނެ ހެނެއް ހިއެއް ނުވެ އެވެ. އެ ހޮސްޕިޓަލްގެ ފީތައް ހީކުރިހާ ބޮޑެއް ނޫނެވެ. މަންމަގެ ކަންތައް ރަނގަޅު ގޮތަކަށް ނިމިއްޖެއްޔާ އެމީހާގެ އަތުން ނެގި ފައިސާ އެމީހާއަށް ދޭނެ ގޮތެއް ޔޫހާއަށް އިނގެ އެވެ. އެކަން ޔޫހާއަށް މިހާރު ކުރެވޭނެ އެވެ. ދާއިންގެ މަތީން ހަނދާން ވުމުން ޔޫހާގެ މޫނު މައްޗަށް ހިނިތުން ވުމެއްގެ އަސަރު ވެރިވެގެން ދިއަ އެވެ. 

ދާއިން އާއި ދޭތެރޭގައި ހަމަޖެހިލައިގެން ވިސްނާލާނެ ފުރުސަތު ޔޫހާއަށް އެލިބުނީ އަދި ކިރިޔާ އެވެ. އެފަދަ ރީތި ފިރިހެނަކު އޭނާއަށް ހުވަފެނެއްގައިވެސް ފެނިފައި ނުވެ އެވެ. ދާއިންގެ އެ ހަރަކާތް ތަކުގައި ހުންނަ ފިރިހެން ވަންތަ ކަމަކީ އެހެން އެއްވެސް ފިރިހެނެއްގެ ކިބައިން ފެންނާނެ ސިފައެއް ނޫނެވެ. ވާހަކައިގައި ހުންނަ އޯގާތެރި ކަމާއި އެއްވަރަށް ސްމާރޓްކަން ފާހަގަ ކޮށްލެވެ އެވެ. އެ ހާސް ކަމުގެ ތެރޭގައި އުޅެމުން ވެސް ޔޫހާއަށް ވަނީ އޭނާގެ ހިތް ދާއިންއަށް ދެވިފަ އެވެ. ޤަބޫލު ކުރަން ބޭނުން ނުވިއަސް ހަޤީޤަތަކީ އެއީ އެވެ. 

އައިސީޔޫ އިން މަންމަ ގެ ނަން ގޮވާލި އަޑަށް ސިހިފައި ޔޫހާ ބަލާލި އެވެ. ލޫނާ ވެސް ތެދުވެލި އެވެ. ހެޔޮ ރަޙުމަތަކަށް އެދި ދުޢާ ކުރަމުން ދެކުދީންވެސް މަޑުމަޑުން އައި ސީ ޔޫގެ ދޮރު ހުޅުވާލި އެވެ. މަންމަ ހޭ އެރީ އެވެ. އެކުދީންނަށް ބައްދަލު ކޮށްލުމުގެ ފުރުސަތު ލިބުނީ އެވެ. މަންމަގެ އެތަން މިތަނަށް ހޮޅި ގުޅާފައި ވާތަން ފެނުމުން ޔޫހާއާ ލޫނާގެ ހިތުގައި ރިއްސައި ގަތެވެ. އުއްމީދު ކޮށްގެން ތިބީ އޮޕަރޭޝަނަށް ފަހު މަންމަ އެނޫން ގޮތަކަށް ދުށުމަށެވެ. އެނދުގެ ކައިރިއަށް ހުއްޓިލުމުން ހައިފާ ލޯ ހުޅުވާލި އެވެ. ފަރުވާތެރި ކަމާއި އެކު ފުން ނަޒަރަކުން ހައިފާ އޭނާގެ ލޮލުގެ ކޮއި ފަދަ ދެދަރީންނަށް ބަލަމުން ދިއަ އެވެ. އެކުދީންގެ މޫނު މަތި ވަނީ މިލާފަ އެވެ. ލައިގެން ތިބި، ކުރީން ހެޔޮވަރު ހެދުންވެސް މިހާރު އެވަނީ ކޮނޑުމަތީން ވެއްޓި މާ ބޮޑަށް ގަޔަށް ސޮހިފަ އެވެ. އެވަގުތު ހިތުގައި އުފެދުނު ގަދަފަދަ ވޭނެއްގެ ސަބަބުން ހައިފާގެ ދެލޮލުން ކަރުނަ އޮހި ގަތެވެ. 

" މަންމާ!"
މަންމަ ފެންނަ ހިސާބުގައި ނުރޯން ދޮންތީ ކިތަންމެ ވަރަކަށް ނަސޭހަތްތެރި ވެފައި ވީ ނަމަވެސް ލޫނާއަކަށް ކޮންޓުރޯލެއް ނުވި އެވެ. ކުރިއަށް ޖެހިލާ މަންމަގެ އަތް ތިލައިގައި ހިފަހައްޓާލި އިރު އޭނާއަށް ގިސްލެވެންވެސް ފަށައިފި އެވެ. ކޮއްކޮ އެ ހެދި އެއްޗަކުން ޔޫހާ އަކަށް ވެސް ކެތެއް ނުވި އެވެ. އޭނާގެ ލޮލުން ކަރުނަ އޮހިގަތީ އިޒުނައަކާއި ނުލަ އެވެ. ކިތަންމެ ގިނަ ވާހަކަ ތަކެއް ބުނަން ބޭނުން ވިއަސް ހައިފާއަކަށް އެއްޗެއް ނުބުނެވުނެވެ. މިހާތަނަށް އެކުދީން ހައިފާގެ އިރުޝާދަކާ ނުލާ އެންމެ ފިޔަވަޅެއްވެސް އަޅާފައި ނުވާއިރު މިއަދު އެކުދީން އެ ކުރިއަށް ދަނީ ކިހިނެތް ހެއްޔެވެ؟ ބަލި ތަންމަތީގައި އޮށޯންނަން ޖެހެން ދެން މަންމަގެ އަތުން ލަވައިގެން ކާންދީގެން ގެންގުޅުނު އެކުދީން މިހާރު ކައިބޮއި ހަދަނީ ކިހިނެތް ހެއްޔެވެ! މާލޭގެ މަގުމަތީގައި ހިނގަން ނޭގޭ ދަރީންކޮޅު ބޭރު ޤައުމެއްގައި އެއުޅެނީ ކިހިނެތް ހެއްޔެވެ! މިތަނަކީ އެކުދީންނަށް ރައްކާތެރި ތަނަކަށް ވާނެ ހެއްޔެވެ! މަންމަގެ ފަރުވާއަށް ޓަކައި އެކުދީން ފައިސާ ހޯދީ ކޮން ގޮތަކަށް ހެއްޔެވެ! އެ ކުދީންގެ ނާޖާއިޒު ފައިދާ ނަގަން މީހުން މަސައްކަތް ކުރާނެ ކަން ކަށަވަރެވެ. ހިތުގެ ވޭން ގަދަވެ އަރުބެދިގެން ދިއަ ހިނދު ހައިފާ ވަރަށް ބޮޑަށް ކޮށި އަރައިފި އެވެ. އެއާއި އެކު ގުޅާފައިވާ މެޝިންތަކުން އަޑު ކިއަންވެސް ފަށައިފި އެވެ. އެލާރމްގެ އަޑަށް ދިމަދިމާއިން އައި ނަރުސް ކުދީންތައް ޔޫހާއާ ލޫނާ ދުރަށް ކޮއްޕާލާ ސްކްރީން ދަމާލި ވަގުތު މަންމަގެ ކަޅި އަރައިގެން ދިއަތަން ފެނުނެވެ. 

އެކުވެރިޔާގެ ޝަރަފްގައި ދާއިންދޭ ޑިނަރ އޮތީ ޓްރޭޑަރސް ހޮޓެލްގަ އެވެ. މާހިންއަށް އާދެވުނީ ކުޑަ އިރުކޮޅެއްގެ ފަހުންނެވެ. ބޭބެ އަކީ ކޮންމެ ވަގުތެއްގައި ވެސް ގަޑިއަށް ވަރަށް ސަމާލު ކަން ދޭ މީހެއް ކަމުން ޔާނާގެ ކުރިމަތީގައި މާހިންއަށް ބޭބެ ލެކްޗަރެއް އަޅާލަފާނެތީ މާހިން ކަންބޮޑުވި އެވެ. އޭނާ އަވަސް އަވަހަށް މަގުގެ އަނެއްފަރާތުގައި ކާރު ޕާރކް ކޮށްފައި ކުޑަކޮށް ދުވެލާފައި މަގު ހުރަސް ކޮށްލި އެވެ. ޕޭމަންޑް މައްޗަށް އެރި ވަގުތު އެތަނުގައި މަޑުކޮށްގެން އޮތް ކާރުގެ ދޮރު ހުޅުވާލުމާއި އެކު ދޮރުފަތުން މާހިންގެ އަތުގައި ޖެހުނީ ވަރަށް ބާރަށެވެ.

"ޝިޓް!"
ވީތަދުން އަތް ފޮޅަމުން އެދިމާއަށް މާހިން ބަލާލީ ނުރުހިފަ އެވެ. އެހެނަސް ހަމަ އެ ސިކުންތު ތެރޭގައި މާހިންގެ ޝުއޫރުތައް ބަދަލު ވެގެން ދިއަ އެވެ. މާހިންއާއި ދިމާއަށް ބަލަން ހުރި އެ ރީތި އަންހެން ކުއްޖާގެ ބިރުގެންފައިވާ މޫނުކޮޅު ފެނުމުންނެވެ. 
" ސޮރީ!"
އެ ކުއްޖާ މަޑުމަޑުން ބުނެލި އެވެ. އެ ސާފް ދެލޮލުގައިވާ ތޫނުކަން މާހިންގެ ހިތް މަޑުކޮށްލައިފި އެވެ. ޓްރޭޑަރސް އިން ދިއްލާފައި ވާ ކުލަ ބޮކި ތަކުގެ އަލި އޭނާގެ ދޮން މޫނަށް އެޅިފައި ވާއިރު އެފެންނަ ރީތި ކަމަށް ހާސްފަށުން ތައުރީފެވެ. ޖެހެމުން ދިއަ ވައިގެ އެހީގައި އެ މޫނު މައްޗަށް ފައިބައިފައި ވާ ފަން އިސްތަށިތައް އެރީތި މޫނުމައްޗަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައި ވެއެވެ. ކާރުގެ ބަރުގޮނުގެ އަޑަށް މާހިންވެސް ސިހުނެވެ. މާހިންއާއި ހެދި ކާރުގެ ދޮރު ނުލެއްޕިފައި އެ ކުއްޖާ ހުރިކަން މާހިންއަށް ރޭކާލީ ދެނެވެ. ހިސާބަކަށް ލަދުގެންފައި ހުރި ނަމަވެސް ނޭގޭ ކަމަށް ހަދަމުން މާހިން އެތެރެއަށް ވަންނަން ހިނގައި ގަތެވެ. ލިފްޓަށް އެރުމުގެ ކުރީންވެސް އޭނާއަށް ފަސް އެނބުރި ބަލައިލެވުނެވެ. މިހާރަކަށް އައިސް އޭނާއަށް ވެފައި އެހުންނަނީ ކިހިނެތް ހެއްޔެވެ! މާހިން އަމިއްލަ ނަފްސާ ސުވާލު ކޮށްލި އެވެ. ކުރިއަކުން އޭނާއަކަށް އެ ޒާތުގެ ގޮތްގޮތެއް ނުވެ އެވެ. މައްޗަށް އެރި އިރު ރެސްޓޯރެންޓް މޭޒު ކައިރީގައި އިނީ ބޭބެ އެކަންޏެވެ. ނަސީބަކުން ޔާނާ މާހިންއަށް ވުރެވެސް ގަޑިއަށް ފަރުވާކުޑަ އެވެ. 

މާހިން އިށީންދެ ހަމަޖެހިލިތަނާ ފެނުނީ ދެންމެގައި ދިމާވި އަންހެން ކުއްޖާ ވަދެގެން އަންނަތަނެވެ. އަނެއްކާވެސް މާހިންއަށް އޭނާއާ ދިމާއަށް ކަޅި ހުއްޓާލައިގެން އިނދެވުނީ އެވެ. ދުރުން ހިނގާފައި އައިއިރު އޭނާގެ ދިގު އިސްކޮޅާއި ހިމަ ތޮޅި ރީތި ހަށިގަނޑު މީހުންގެ ލޯތަކުން ސަލާމަތް ވާ ވަރަށް ވުރެ މާ ފުރިހަމަ އެވެ. އޭނާ ހިނގާފައި އައީ މާހިންއާ ދިމާއަށެވެ. މާހިންއަށް ހީވީ ހޭލާ ހުއްޓާ ހުވަފެނެއް ފެންނަ ހެންނެވެ. އެއައި ގޮތަށް އައިސް އޭނާ މާހިންގެ ކުރިމަތީގައި ހުއްޓިލި އެވެ. ޙައިރާން ކަމާއިއެކު އޭނާއަށް ބަލަހައްޓައިގެން އިން މާހިން އަށް އެތަނުގައިވާ އެހެން އެވެސް އެއްޗެއް ފެންނަ ހެނެއް ހިއެއް ނުވެ އެވެ. 

" މާހިން!"
ޔާނާ އިށީންނަމުން މާހިންއަށް ގޮވާލި އެވެ. ޔާނާވެސް ހުރިކަން އެނގުނީ ދެނެވެ. އޭރު ދާއިންވެސް އިނީ މާހީއަށް ބަލާށެވެ. 
" މީޓް މައި ފްރެންޑް މިމީ!"
ޔާނާ ފުރަތަމަވެސް މާހިންއަށް މިމީ ތައާރަފް ކޮށްދިނެވެ. 
" އޯހް...! ހައި! "
ޙައިރާންކަން ފޮރުވަން މަސައްކަތް ކުރަމުން މާހިން ހިނިގަނޑެއް ޖަހާލި އެވެ.
" މީ މާހިން...މީ ދާއިން...!"
މިމީ އިށީނުމުން ޔާނާ ތައާރަފް ކޮށްދިނެވެ.
" މިމީ ދޯ ނޭގޭކަމަށް ހަދާފަ ދެންމެ އަހަރެން ގައިގަ ޖެހީ!"
މާހިން އެއްފަހަރުން މާޙައުލުގެ ބީރައްޓެހިކަން ކަނޑުވާލައިފި އެވެ. 

އައިސީޔޫގެ ބޭރު ދޮރުގެ ބިއްލޫރި ގަނޑުން އެތެރެ ފެންނަ ހިސާބުގައި މަޑުކޮށްލައިގެން ލޫނާއާއި ޔޫހާ ތިބީ އިންތިހާއަށް ހާސްވެފަ އެވެ. ދޮންތީގެ ބަސް ޤަބޫލު ނުކޮށް މަންމަ ކުރިމަތީގައި ރޮވުނީތީ ލޫނާ އޭނާގެ އަމިއްލަ ނަފްސް ކުށްވެރި ކުރި އެވެ. ނުތަނަވަސް ކަމާއި އެކު މިނެޓަކަށް ފަހު މިނެޓެއް ގުނަމުން ގޮސް ބަރާބަރު ދެގަޑިއިރު ފަހުން ޑޮކްޓަރު އެދިން ޚަބަރަކާއިއެކު އެދެބޭންގެ ދިރިއުޅުމުގައި ނިމުމުގެ ސިއްކަ ޖެހުނު ކަހަލަ އެވެ. 

ކޮމެންޓް 0