ޔޫހާމެންނާއި ލޫނާމެންގެ ކައިވެނި ޕާޓީގެ ހުރިހާ ކަމެއް ތައްޔާރު ކުރުމުގެ އިތުރުން ލޫނ ާއާއި ނާމީގެ އާ ކައިވެނީގެ އެނދުވެސް ތައްޔާރު ކުރަން ޖެހުނީ މާހިން އަށެވެ. ހިތުގައި އަތް އަޅާލައިގެން މާހިން އެހުރިހާ ކަމެއް ވަރަށް ފުރިހަމައަށް ތައްޔާރުކޮށް ނިންމައިފި އެވެ. ދެން އޮތީ ކައިވެނި ކުރާ ވަގުތު ކޮޅެވެ. މުޅި އުމުރަށް ލޫނާ އޭނާއާ ވަކިވާ ވަގުތު ޖެހެން އެންމެ ބައިގަޑިއިރަށް ވީއެވެ!
މުޅި ދަރުބާރުގެ ވަނީ އެ ކައިވެންޏަށް ޓަކައި ޖަރީ ކޮށްފަ އެވެ. އެ މަގުން ދަތުރު ކުރާ ކޮންމެ މީހަކަށް ވެސް ރޭގެ ހާއްސަކަން އިނގޭ ވަރު ވެއެވެ. އެކި އެކި މާލަންތައް އެކި ދަރަޖައިގެ މީހުންނަށް ތައްޔާރު ކޮށްފައި ވާއިރު ކައިވެނި ކުރުން އޮތީ ދަރުބާރުގޭގެ ބިއްލޫރި މާލަމް ގައެވެ.
ސެލޫނުގެ ލޯގަނޑުން ލޫނާ އޭނާގެ އަމިއްލަ ސޫރައަށް ބަލައިލި އެވެ. އެ ލޯގަނޑުން ފެންނަމުން ދަނީ އޭނާގެ ސޫރަ ކަމެއް ޚުދު އޭނާއަށް ވެސް ޔަގީން ނުވާ ވަރު ވެއެވެ. އެހާވެސް ނަލަ އެވެ. އޭނާގެ ކައިވެނީގެ ހުރިހާ ކަމެއް އެދަނީ އެހާ ފުރިހަމަ އަށެވެ. ކޮންމެ އަންހެން ކުއްޖަކުވެސް ހުވަފެނުން ދެކޭފަދަ ފުރިހަމަ ކައިވެންޏެކެވެ. ލޫނާ އޭނާގެ އަގުބޮޑު ހެދުމުގެ ދެފަރާތުގައި ހިފަހައްޓައިގެން ތެދުވި އެވެ. އެއާއި އެކު ފަހަތުން އިތުރު ދެކުދީން އައިސް އޭނާގެ ހެދުމުގެ ފަސްބައި ހިއްލައިލަދިނެވެ. މިއަދު އޭނާއަށް އޭނާ ފެންނަނީ ރަސްދަރި ކަނބަލެއްގެ ސިފައިގަ އެވެ. އެހާވެސް ފުރިހަމަ އެވެ. އެހެން ނަމަވެސް އޭނާގެ ހިތް ވަނީ ފަޅުވެފަ އެވެ. އެހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބެ އެވެ. ތާއަބަދު ވިސްނެނީ މާހިންއާ ދޭތެރޭގަ އެވެ. އެދަނޑިވަޅުގައި މާހިން އެނބުރި އައުމުން އޭނާގެ ހިތަށް މާ ބޮޑަށް އުނދަގޫވަނީ އެވެ. މާހިން އޭނާއަށް އިންތިޒާރު ކުރާކަން އެނގުމުން އޭނާގެ ހިތް މާހިންއަށް އެދެނީ އެވެ.
އެހެނަސް މާހިން އެނބުރި އައިއިރު މާ ބޮޑަށް ލަސް ވެއްޖެ އެވެ. ލޫނާ އަށް އެވަނީ ފަސް އެނބުރި ބަލައިލެވޭ ވަރަށް ވުރެ ދުރަށް ދެވިފަ އެވެ. އެކަން ލޫނާ އޭނާގެ ހިތަށް ވިސްނައިދީދީ ވަރުބަލި ވި އިރުވެސް އެހިތް އެކަން ޤަބޫލު ކުރާކަށް ނޫޅުނެވެ. އޭނާގެ ހިތް އެދެނީ މިވަގުތު ތަކަކީ ހުވަފެނަކަށް ވުމެވެ. އަދި ނިދިން ހޭލުމަށް ފަހު މާހިންއާ އެކު އުފާވެރި ދިރި އުޅުމެއް އުޅެވޭނެ ގޮތް ވުމެވެ. ލޫނާ ލޯމަރައިލި އެވެ. ހަޤީޤަތުގައި ވެސް އެއީ ހުވަފެނަކަށް ވާނެ ނަމަ ކިހާ ހެޔޮ ހެއްޔެވެ! ލޯ މަރާފައި ލޯ ހުޅުވާލުމާއި އެކު އެ ޚިޔާލު ތަކާއި ދުރަށްދާން މަޖުބޫރުވެއްޖެ އެވެ. ދުނިޔޭގެ ހަޤީޤަތް ކުރިމަތީން ފެންނަން ފެށުމުންނެވެ. ލޫނާގެ ފުރަގަހުގައި ހުއްޓިލައިގެން ހުރި އެޒުވާނާ ލޯގަނޑުން ފެނުމުންނެވެ. ލައިގެން ހުރި ސޫޓުގެ ޖީބަށް އަތްޖަހާލައިގެން ހުރިއިރު ނާމީ ކިތަންމެ ހާވެސް ފިރިހެންވަންތަ އެވެ. މޫނުމަތީގައިވާ ރީތި ހިނިތުންވުން ހިތްދަމައިގަންނަހާ ވެއެވެ. އެކަން ޔަޤީން ވަނީ ފަހަތުގައި ތިބި ޒުވާން ދެއަންހެން ކުދީންގެ ނަޒަރު ލޯގަނޑުން ފެންނަން ހުރި ނާމީގެ ސޫރައަށް ހުއްޓިފައިވާ ގޮތުންނެވެ. ނާމީ ކުރިއަށް ހިނގައި ގަތުމުން އެކުދީން މަޑުމަޑުން ފަހަތަށް ޖެހިލި ވަގުތު ނާމީ އެކުދީންނާއި ދިމާއަށް ބޮލުން އިޝާރާތް ކޮށްލުމުން އެ ދެކުދީން އަވަސް އަވަހަށް އެތަނުން ބޭރަށް ދާން ހިނގައި ގަތެވެ.
ނާމީ އައިސް ލޫނާގެ ފަހަތުގައި ހުއްޓި ލޫނާގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލި އެވެ. ކޮނޑުމަތީން ދެފަރާތަށް ވައްޓާލެވިފައިވާ ކަރު ބޮޑު ހެދުމުގެ ސަބަބުން އެއްވެސް ހުރަހެއްނެތި ނާމީގެ އަތްތިލައިގެ ހޫނުކަން ލޫނާގެ ހަށިގަނޑަށް އިޙުސާސް ވެގެން ދިއައެވެ. ލޫނާއަށް ދުރަށް ޖެހިލެވެން އުޅުނީ ބޭއިޚުތޔާާރުގަ އެވެ. އެހެން ނަމަވެސް އޭނާ ކޮންޓުރޯލް ކޮށްލި އެވެ. ހަޤީޤަތް ޤަބޫލު ކުރަން ދަސްކުރުން ނޫން ގޮތެއް ދެން އޭނާއަކަށް ނެތެވެ. ލޫނާގެ ހަށިގަނޑުގެ ހޫނު އިޙުސާސުން ނާމީގެ ލޭ ހޫނު ވެގެން ދިޔައެވެ. އޭނާ ގުދުވެލައި ލޫނާގެ ކަނދުރާ ގައި ތުންފަތް ޖައްސާލި އެވެ. އެވަގުތު ލޫނާއަށް ލޯ މަރާލެވުނީ ކުރެވުނު ފޮނި އިޙުސާސަކުން ނޫނެވެ. މޭގެ ތެރޭން ނަގައިގެން ދިލަ އިޙުސާސެއްގެ ސަބަބުންނެވެ. އެހެނަސް އެކަން ނާމީއަށް އިނގޭނީ ކިހިނެއް ހެއްޔެވެ!
" ޔޫ ލުކް ސޯ ބިއުޓިފުލް!"
ނާމީގެ އަޑު ލޫނާއަށް އިވުނެވެ. ލޫނާ ލޯ ހުޅުވައި ބަލައިލުމާ އެކު ލޯގަނޑުން އޭނާއަށް ފެނުނީ ނާމީއެއް ނޫނެވެ. އެދިމާއަށް ބަލަހައްޓައިގެން އެހެރީ މާހިންއެވެ! ސެލޫނުގެ ކޮޓަރި ތެރެއަށް ވަނުމާ އެކު ހުއްޓުން އަރާފައި މާހިން ހުރި ގޮތުން ލޫނާގެ ހިތަށް ތަދުވި އެވެ. މާހިން އަވަސް އަވަހަށް ކަރުކެހިލި އެވެ. ލޯ ހުޅުވާލުމަށް ނާމީއަށް މަޖުބޫރު ކުރުވަމުންނެވެ.
" ތާރޓީ މޯ މިނިޓްސް ޓު ގޯ! އާ ޔޫ ރެޑީ؟"
މާހިން ހިނިތުންވެލިއިރު ހީވަނީ އެއަށް ވުރެ އުފާވެރި މީހަކު މި ދުނިޔޭގައި ނެތްހެންނެވެ.
" އޯހް!"
ނާމީ އޭނާގެ ގަމީހުގެ ކަރުގައި އަތް ކާއްތާލި އެވެ. އަދި އޭނާ ތައްޔާރުވެ ނުނިމެއެވެ. އަދި ޓައީވެސް ނާޅަ އެވެ.
" އޯލްމޯސްޓް..!"
އެހެން ބުނެފައި ނާމީ އެތެރެއަށް ދާން އަވަސްވެގަތެވެ. ނާމީ ދިއުމުން މާހިން ލޫނާއާ ގާތަށް ހިނގައިގަތެވެ. މިވަގުތު އެއްޗެއް ބުނެނުލައި ދާން އޭނާގެ ހިތް ޤަބޫލެއް ނުވި އެވެ. މާހިން އެދިމާއަށް ހިނގައި ގަތުމާ އެކު ލޫނާގެ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. ނާމިގެ އެ ބީހުމުން ނުކުރި އަސަރު އޭނާއަށް މިހާރު ކުރަން ފަށައިފި އެވެ. ދެފައި ކޮޅުގެ ބާރު ދެރަވާ ގޮތް ވިއެވެ. އަތްތިލަ ފިނިވާ ގޮތް ވާން ފެށިއެވެ. ދެލޮލުގެ ތެރެއަށް ކަރުނަ ޖަމާވާން އުޅުނެވެ. މަޑުމަޑުން އިސް ތިރި ކޮށްލެވުނެވެ.
މާހިން އައިސް ލޫނާ ގެ ކައިރިއަށް ހުއްޓުނެވެ. އޭނާ އެއްޗެއް ބުނުމުގެ ކުރީން އިރުކޮޅަކު މަޑުކޮށްލި އެވެ. ހިތުގައި ހިނގަމުން ދިއަ އިޙުސާސް ތައް ކޮންޓުރޯލް ކޮށްލަން ވަގުތު ކޮޅެއް ބޭނުން ވިއެވެ.
" ނާމީ އިސް ސޯ ލަކީ ޓު ހޭވް ޔޫ"
މާނަ ފުން ކުރު ޖުމްލަ އެކެވެ. އެއަޑުގައި ވާ އަސަރު ލޫނާއަށް ކިތަންމެ ރަނގަޅަކަށް ވެސް އިޙުސާސް ކުރެވުނެވެ. އިސް އުފުލާވެސް ނުލެވިފައި ލޫނާ ހިމޭނުން ހުއްޓެވެ. މިވަގުތު އެ ދެލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓުނަސް ބޭޒާރު ވާނެ އެވެ. މާހިންއަށް ވެސް އެވަރު ވިސްނުނެވެ. މޭކަޕް ހަޑިކޮށް ލޫނާގެ އެ މޫނުމައްޗާއި ދެލޮލުގައިވާ ރީތި ކަމަށް މިވަގުތު އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ކުރާކަށް އޭނާވެސް ބޭނުމެއް ނޫނެވެ. އެހެން ކަމުން އިތުރު އެއްޗެއް ބުނުމަކާއި ނުލައި މާހިން ދާން ހިނގައިގަތެވެ. ލޫނާ އިސް އުފުލައި ލޯގަނޑަށް ބަލައިލި އެވެ. މާހިން ނުކުމެގެން ދާތަން ބަލަން ހުރި އިރު އޭނާގެ ދިރިއުޅުމުން މުޅި އުމުރަށްޓަކައި މާހިން ނުކުމެގެން ދިޔަ ކަހަލަ އިޙުސާސެއް އޭނާއަށް ކުރެވުނެވެ.
ދާއިން ތައްޔާރު ވެގެން އައިސް ޔޫހާއިން ކޮޓަރީގެ ދޮރުމައްޗަށް ހުއްޓުނެވެ. އޭނާ މިހާރު ހައެއްކަ ފަހަރު އެތަނަށް ވަންނަން މަސައްކަތް ކޮށްފި އެވެ. އެހެން ނަމަވެސް އެ ބިއުޓީ ޕަރލަރ ގައި ތިބި އަންހެން ކުދީން ގެ ލާނަތް ކަމުން އެކަން ވާ ގޮތެއް ނުވި އެވެ. ޔޫހާ ފުރިހަމައަށް ތައްޔާރު ކުރުމަށް ފަހުގައި ނޫނީ ދާއިން އަށް ނުދައްކަން އެމީހުން ވަނީ ނިންމާފަ އެވެ. ޔޫހާ ބަލައިލާ ހިތުން ދާއިންއަށް މިހާރު ކެތްވަނީއެއް ނޫނެވެ! އެންމެ ފަހުން މިފަހަރު އޭނާއަށް އެފުރުސަތު ލިބިއްޖެ އެވެ.
ޔޫހާ ފެނުމުން ކުރިއަށް ފިޔަވަޅެއްވެސް ނަގަން ނޭގިފައި ދާއިން އަށް ހުރެވުނެވެ. މި ދުނިޔެ މަތީން އެވަރުގެ ފުރިހަމަ ކަމެއް އޭނާއަށް ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. އެހެން މީހުންގެ ލޯތަކުން އޭނާގެ ލޯބިވާ އަންހެނުން ސަލާމަތް ކޮށްދެއްވުމަށް އެދި ހިތާ ހިތުން ދުޢާ ކުރެވުނެވެ. ދާއިން ފެނުމުން ޔޫހާއަށް ވެސް ވީ އެފަދަ ގޮތެކެވެ. އެ ފިރހެންވަންތަ ރީތި ބޮޑު ހަށިގަނޑާއި އެ ބާރުގަދަ ދެއަތުގެ ތެރޭގައި ވާނެ ވަގުތަކަށް ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރެވުނެވެ.
ބިއްލޫރި މާލަމްގެ މޭޒު ކައިރިއަށް އެންމެން ޖަމާވަމުން ދިއައެވެ. ނާމީގެ އާއިލާގެ ގިނަ އަދަދެއްގެ މީހުންނާއި ވިޔަފާރިވެރީންގެ ގިނަ ބައެއްގެ އިތުރުން ބޭރު ގައުމު ތަކުގައި ތިބި ޖައުފަރުގެ އެކުވެރީންވެސް މި ހަފްލާގައި ބައިވެރި ވެއެވެ. މޯނާގެ އާއިލާ މީހުންވެސް ހެދިފައި ތިބި ވަރުން ހީވަނީ އެއާއިލާގެ ކުއްޖެއްގެ ކައިވެނި ހެންނެވެ. އެކަކަށް ވުރެ އަނެކަކު ރީތިކަން ދެއްކުމުގެ ވާދަވެރި ކަމެއް އާއިލާގެ މެމްބަރުންގެ ތެރޭގައިވެސް އުފެދިފައި ވާހެން ހީވެ އެވެ. އެތަނުގައި އާއިލާގެ މީހުންނާއި އެކު މީޑިއާ މީހުންވެސް ގިނައެވެ. ފޮޓޯ ކެމެރާ ތަކާއި ވީޑިއޯ ކެމެރާތަކެވެ. ރާއްޖޭގެ އެންމެ ބޮޑު ދެ ފައިސާވެރީންގެ ދަރީންގެ ކައިވެނި ކުރެވެނީ އެވެ.
ކައިވެނިކުރާ މަރުކަޒަށް ދެ ޖޯޑު އައުމާއިއެކު ހޫނު މަރުހަބާއެއް ކިއުނެވެ. އެ އެންމެންގެ ތެރެއިންވެސް މިއަދު އެންމެ އުފާވާން ޖެހޭ މީހަކީ ހައިފާ އެވެ. ދެދަރީންގެ ކައިވެނި އެ ކުރެވެނީ ރާއްޖޭގެ ތާރީހުގައި ލިއެލެވޭ ފަދަ ފެންވަރަށެވެ. އެކަމާ އޭނާ ކިތަންމެހާވެސް އުފާވެ އެވެ. އެހެން ނަމަވެސް ހިނދު ހިނދު ކޮޅުން އޭނާގެ ލޮލުގެ ތެރެއަށް ކަރުނަ ޖަމައު ވަމުން އަންނަނީ ޖުނައިހު ހަނދާން ވުމުންނެވެ. މިއަދު ޖުނައިހު ހުރިނަމަ އޭނާއަށް ވުރެ ވަކީން ނަސީބުވެރިއަކު މިދުނިޔޭގައި ނުހުންނާނެ އެވެ.
ކައިވެނީގެ މަޖްލިސް ފެށުނީއްސުރެ ނިމެންދެން އިސް ޖަހައިގެން ލޫނާ އިނެވެ. އިސް އުފުލާލަން ނުކެރުނީ އެތައް ސަބަބު ތަކަކަށް ޓަކައެވެ. އޭނާ އެސްފިޔަތައް އުފުލާލާ ކޮންމެ ފަހަރަކު އޭނާގެ ދެލޯ އަމާޒު ވަނީ ކުރިމަތީގައި ކެމެރާއެއް ހިފައިގެން ހުރި މާހިން އަށެވެ. ލޫނާއަށް ހަމަ ބަލާލެވޭ ކޮންމެ ފަހަރަކު ކެމެރާ ދުރުކޮށްލަމުން އެ ހިނިތުންވެލާ ގޮތުން ލޫނާ ގެ ހިތް ހަލަބޮލި ކޮށްލަ އެވެ. ކައިވެނި މަޖުލިސް ނިމިގެން ދިއައިރުވެސް ލޫނާއަށް އެހެން ކަމަކާއި ދެތެރޭގައި ވިސްނޭ ވަރެއް ނުވި އެވެ.
ޕާޓީގެ ތެރޭގައި ގިނަ ވަގުތު ތަކެއް ހޭދަވެގެން ދިއައެވެ. އެންމެން ގޮސް ކާއެއްޗެއް އަނގައަށް ލެވޭ ވަރު ވީއިރު ބާރަގަޑި ބައި ވަނީ އެވެ. ނާމީ އަދި ދާއިން ވެސް ބޭނުންވީ އަވަހަށް އެތަނުން ސަލާމަތް ވެގެން އަންހެނުން ގޮވައިގެން ދާށެވެ.
ނާމީގެ ހަޔާތުގެ މިއުފާވެރި ރޭގެ ރޭގަނޑުގެ ހާއްސަ ވަގުތު ތަކަށްޓަކައި ސަފާރީ ކުއީން ވަނީ ތައްޔާރު ކުރެވިފަ އެވެ. އެއީ ޝައުކަތުގެ ފަރާތުން ނާމީއަށް ދިން ހަދިޔާ އެކެވެ. ދާއިންގެ އާކައިވެނީގެ ރޭ ރޭވިފައި ވަނީ ކައިރީ ގައި އޮތް ރިސޯޓެއްގަ އެވެ.
ނާމީއާއި އެކު ސަފާރީއަށް ދެވުނު އިރު ލޫނާ ހުރީ ހަޤީޤަތުގައިވެސް ވަރަށް ވަރުބަލި ވެފަ އެވެ. ނަސީބަކުން ސަފާރީގައި އިތުރު ކަންތައް ގަނޑެއް ރޭވިފައެއް ނެތެވެ. މިނިވަން ކަމާއި އެކު ބުރަކަށި ޖައްސާލެވޭނެ ވަގުތު އަތުވެއްޖެހެން ލޫނާއަށް ހީވި އެވެ.
ރިސޯޓް ގެ ހާއްސަ ބަންގަލޯއަށް ވަދެވުނު ކަމެއް ނޭގެއެވެ. ދާއިންގެ ކެތްތެރިކަން ކޮޅުން ލައިފި އެވެ. އޭނާ ޔޫހާ އޭނާގެ އަތުގެ ތެރެއަށް ގެނެސްގަތީ ހަލުވިކަމާއި އެކުގައެވެ. ޔޫހާގެ ކިބައިންވެސް ވަރުބަލި ކަމުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. އޭނާވެސް ހީވީ އެ ހިނދުކޮޅަށް ޓަކައި ވަގުތު ގުނަގުނާ ހުރިހެންނެވެ. މުޅި ދުވާލު އެކިއެކި ކަންކަމުގައި ހޭބޯނާރާ އުޅެން ޖެހުމަށް ފަހު މުޅި ރޭ ކޮޅަށް ހުންނަން ޖެހުނު ނަމަވެސް މި ދެލޯބިވެރީންގެ ރޭގަނޑު ތާޒާކަމާއި އެކު އަދި ހަމަ ފެށުނު ފަދައެވެ.
ކުއީން ސަފާރި އޮތީ އާންމުކޮށް މީހުން ދަތުރު ކޮށް އުޅޭ ހިސާބާއި ދުރު ހިސާބެއްގަ އެވެ. މުޅި ސަފާރީ ވަނީ ނާމީގެ ދެމަފިރީންނަށް ހާއްސަ ކުރެވިފަ އެވެ. ސަފާރީގެ ކޮންމެ ތަނަކީވެސް އާކައިވެނީގެ ރެއަށް ހާއްސަ ކުރެވިފައިވާ ތަނެކެވެ. ކުއީންއަށް އަރާފައި ނާމީ ވަރަށް ހިތަހަމަ ޖެހުނެވެ. އޭނާއަކީ އަބަދުވެސް ތަފާތު ގޮތަކަށް ލޯބީގެ ވަގުތުތައް ހޭދަކުރަން ބޭނުންވާ މީހެކެވެ. ބައްޕައަށް އެކަން އޮޅިފައެއް ނޯންނާނެ އެވެ.
ނާމީ ލޫނާ ގޮވައިގެން އެރީ ސަފާރީގެ އެންމެ މަތީ ޑެކަށެވެ. އެތަނުގައި ތައްޔާރު ކޮށްފައި ހުރި ބޮޑު ސޯފާ ބެޑް ފެނުމުން ނާމީގެ ހިތުގައި ހީލިކެރުވުމެއް އުފެދުނެވެ. އެ ހަމަހިމޭން ހިތް ފަސޭހަ މާހައުލަކީ ކޮންމެ ޒުވާން ހިތެއް މަސްތު ކޮށްލާ ފަދަ މާޙައުލެކެވެ.
އެ ތަން ތައްޔާރު ކޮށްފައިވާ ގޮތް ފެނުމުން ލޫނާގެ ހިތަށް ވީ ތަދެވެ. މަޑުމަޑުން އެ އެނދާއި ދިމާއަށް އޭނާ އަށް ހިނގައި ގަނެވުނެވެ. އެނދުގެ ވަށައިގެން ކުދި އުއްބައްތިތައް ދިއްލާފައި ވާއިރު އެމަންޒަރު އެހާ ހިތްގައިމެވެ. ހުދު ކުލައިގެ ބެޑްޝީޓު އެކި ކުލަ ކުލައިގެ ތާޒާ މަލުން ޖަރީ ކޮށްފައި ވާއިރު އެހާ ފުރިހަމަ އެވެ. އެވަރަށް ވައި ޖެހޭ ތަނެއްގައި އެކަން ކޮށްފައި އެވަނީ ވަރަށް މަސައްކަތުންނެވެ. އެހުރިހާ މަސައްކަތެއް މާހިން ކުރިއިރު އޭނާގެ ހިތަށް އަރާ ފައިބަމުން ދާނީ ކޮންކަހަލަ އަސަރު ތަކެއް ބާއެވެ!
ލޫނާ ސޯފާ ބެޑްގައި އިށީންތަން ފެނުމުން ނާމީގެ ހިއްސުތަކުގައި ހުޅުހިފައިފި އެވެ. ޖެހެމުން ދިޔަ ތެތް ފިނި ވައިރޯޅިން ހަށިގަނޑު ހިމާޔަތް ކުރުމަށްޓަކައި ދެހަށިގަނޑުގެ ހޫނު ކަމަކަށް އިންތިޒާރު ކުރެވެން ފަށައިފި އެވެ.
ގިނަ ގިނައިން ގިނަ އަންހެނުންނާއި އެކީ އުފާ ކުރުމުގެ އާދަ ހަރުލާފައިވާ ނާމީ އެ އާދަތަކަށް އަލްވަދާއު ކިއުމަށް ފަހު ލޫނާގެ އިންތިޒާރުގައި ހުންނަތާ މިހާރު ކިތަންމެ ދުވަހެކެވެ. އެދިގު އިންތިޒާރުގެ ނިމުން އައިސް ޖެހިއްޖެ ކަން އެނގުމުން އޭނާގެ ހިއްސުތައް މޮޔަވާން ގާތް ވެއްޖެ އެވެ. އޭނާގެ ހިތް ވަނީ އިންތިހާ އަށް އަވަސް ވެފަ އެވެ. އެހެން ނަމަވެސް އޭނާ އަމިއްލަ ނަފްސަށް ވިސްނާދެމުން ދިޔައެވެ. ލޫނާއާއި ކައިރި ވާން ޖެހޭނީ ވިސްނުންތެރި ކަމާއި އެކުގަ އެވެ. ލޫނާއަކީ އެފަދަ ކަންކަމަށް އާދަ ވެފައިވާ ކުއްޖެއް ނޫނެވެ. އޭނާއާއި އެކުގައި ވަގުތު ހޭދަކޮށްފައިވާ މެހުމާނުން ފަދައިން އެފަދަ ކަންކަމަށް ލޫނާ ފަރިތައެއް ނުވާނެ އެވެ. އަދި އެހެން ނޫނަސް ލޫނާއާއި ކައިރި ވެވޭ ގޮތަކުން އޭނާގެ ހިތި މާޒީ ހަނދާނަށް އައުމަކީ ވެސް ދުރުކަމެއް ނޫނެވެ.
ނާމީ އައިސް ލޫނާގެ ގާތުގައި އިށީނެވެ. ލޫނާ ގެ ހަރަކާތްތައް ހުރިގޮތެއް ބަލައިލަން އޭނާ ބޭނުންވި އެވެ. ލޫނާ ހަމަ އަނގައިންވެސް ނުބުނެ އިނީ އެވެ. ވައިގެ އެހީގައި ކުޑަވެ ބޮޑުވަމުންދާ އުއްބައްތި ތަކުގެ ހުޅުކޮޅުތަކަށް ބަލާށެވެ. ނާމީ ލޫނާ އާއި އަދިވެސް ގާތަށް ޖެހިލި އެވެ. ލޫނާގެ ހިތުގެ ތެޅުން އަވަސްވެފައި ވާހެނެއް ހިއެއް ނުވެއެވެ. އިރުކޮޅަކު ނާމީ މަޑުކޮށްލައިގެން އިނުމުންވެސް ލޫނާގެ އެއްވެސް އިޝާރާތެއް ނެތެވެ. ލޫނާ އިނީ ކަމަކާއި ހިތްހަމަ ނުޖެހިފައި ތޯ ބަލައިލަން ނާމީ ބޭނުން ވިއެވެ.
" ޕާޓީ ރަނގަޅުތަ؟"
ޖަވާބުގައި ލޫނާ ބޯ ޖަހާލި އެވެ. މާ ބޮޑު އުފާވެރި ކަމެއް އޭނާގެ މޫނު މައްޗަކުން ނުފެނެ އެވެ.
" ކޮބާ ޓޮއިލެޓް؟"
ލުނާ އެހި އެވެ. ނާމީ ހިނިތުން ވެލި އެވެ. އެބުނާހެން ފާޚާނާއަށް ވަދެލަން ޖެހޭހާ އިރު ވެއްޖެ އެވެ. "އެކްސައިޓް" ވެފައި ހުރި ވަރުން ވިސްނާވެސް ނުލާ މައްޗަށް އެރުނީ އެވެ. ލޫނާ އެއިނީ އެވާހަކަ ބުނަން ޖެހުނީތީ ލަދުންނެވެ. ނާމީ ލޫނާގެ އަތުގައި ހިފައިގެން ތިރިއަށް ދާން ހިނގައި ގަތެވެ.
ސަފާރީގެ މާސްޓަރ ބެޑްރޫމަށް ވަނުމުން ލޫނާއަށް ހިސާބެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. އޭނާ ހީކުރި ވަރަށް ވުރެ އެނދުވެސް ބޮޑެވެ. އެއްވެސް ހާސްކަމެއް ނެތި ނާމީގެ ގައިގައި ޖެހިނުލައި ނިދާލެވޭނެ އެވެ.