" ދާއިން...! "
ޔޫހާ ދާއިންގެ ނަން ކިޔާލި ވަގުތު ދާއިންގެ ގައިން ހީބިހި ނަގައިގެން ދިޔަ އެވެ. އެހާ ރީތިކޮށް ދާއިންގެ ނަން މީހަކު ކިޔާލި އަޑެއް ދުވަހަކުވެސް ނީވެ އެވެ.
" މީޓް ކޮށްލެވިދާނެތަ؟"
ޔޫހާގެ އަޑު އިވިގެން ދިއަ އެވެ. ދާއިން ހުރީ ޤަބޫލުކުރަން ދަތިވެފަ އެވެ. ޙައިރާން ވުމުގެ އިތުރުން ބިރުވެސް ގަތެވެ. ޔޫހާއަށް އޭނާގެ ނަން އެނގުނީ ކިހިނެތް ހެއްޔެވެ! އިތުރަށް ޔޫހާއަށް އެނގުނީ ކޮން އެއްޗެއް ބާއެވެ! ޔޫހާ އޭނާއާ ބައްދަލު ކުރަން ބޭނުން ވީ ކީއްކުރަން ބާއެވެ!
" ކުރީ ދުވަހުވެސް މީޓުކުރި ތަނުން މާދަމާ ހަމަ އެ ގަޑީގަ... އޯކޭތަ؟ "
އަނެއްކާވެސް ވާހަކަ ދެއްކީ ޔޫހާ އެވެ. ދާއިން ބުނެލީ ހަމަ އެކަނި " އޯކޭ" އެކެވެ. ފޯނު ބޭއްވުމަށް ފަހު ދާއިން ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަން ފަށައިފި އެވެ. ވާން އުޅޭ ގޮތަކާއި ދޭތެރޭގައި އޭނާގެ ހިތް ބިރު ގަންނަނީ އެވެ. އެހާ އަވަހަށް ބޭޒާރުވެ، ޔޫހާއަށް އިތުބާރު ނުކުރެވޭ ފެންވަރުގެ މީހަކަށް ވާކަށް އޭނާ ބޭނުމެއް ނޫނެވެ.
ޔޫހާ ފޯނު ނިއްވާލުމަށް ފަހު ދެއަތުން މޫނު ފޮހެލި އެވެ. މިއަދު އޭނާގެ ހާސްކަން ވަނީ އިތުރުވެފަ އެވެ. މީހުން ގާތުގައި ކަންތަކު ކިޔުން އެއީ އޭނާގެ މައިން ބަފައިން އެންމެ ބޭނުން ނޫން އެއް ކަންތަކެވެ. އެހެން ނަމަވެސް މިހާރު އެ ދެބޭންނަށް ލިބިފައި އެވާ ފައިސާއަކީ މީހުން ކައިރީގައި ސަލާމް ޖަހައިގެން ލިބިފައިވާ އެއްޗެކެވެ. ކިތަންމެ ބޭނުން ނޫނަސް އެގޮތުގައި އެއްކޮށްފައިވާ ފައިސާއިން މަންމައަށް ޚަރަދު ކުރުން ނޫން ގޮތެއް މިއަދަކު ނެތެވެ.
ޔޫހާއާ ބައްދަލު ކުރުމުގެ ފުރުސަތު ލިބުނީތީ އުފާވެރި ކަމެއް އިޙުސާސް ކުރެވުނު ނަމަވެސް އާދަޔާ ޚިލާފަށް ދާއިންގެ ހިތް ތެޅެމުން ދިޔަ އެވެ. އެތައް ސުވާލު ތަކެއް ހިތުގައި ގިނަވަމުން ދިޔަ އެވެ. ދާއިންގެ ފޯނަށް ޔޫހާ ޖަވާބު ނުދީ ހުރެފައި ކުއްލި އަކަށް އެގުޅި ސަބަބެއްވެސް އޮންނާނެ އެވެ. ޔޫހާ ގާތުގައި ދޮގެއް ހެދުނީތީ ވެސް މިހާރު އެބަ ބިރު ގަނެއެވެ. މަންމަ ބުނާހެން ސަލާމަތް ވާންވެސް ދޮގެއް ހަދައިފިއްޔާ ދެން ވެއްޓޭ ވަޅުގަނޑު މާ ފުން ވާނެ އެވެ. ދާއިން އަކީ އެއްގޮތަކަށް ވެސް ދޮގު ހަދާ މީހެއް ނޫނެވެ. އެހެން ނަމަވެސް ބައްޕަގެ ކަންތައް ހުންނަ ގޮތުން ބައެއް ފަހަރު ސާފުކޮށް ތެދުބަހުން ބައެއް ވާހަކަ ދައްކާލަން އުނދަގުލީ އެވެ. ދާއިން ގަޑިބަލާލި އެވެ. މާދަމާ ގެ ހަތަރު ގަޑި ބައިވަން އަދި ހާދަ އިރެއް އެބަ އޮތެވެ.
ދާއިން ކޮޓަރީގައި ހުރި ކުޑަ ފްރިޖުން ރެޑްބުލްއެއް ނަގައިގެން ބެލްކަނީއަށް ނުކުތް އިރު ތިރީގައި ބަޔަކާ ވާހަކަ ދައްކަން ބައްޕަ ހުއްޓެވެ. ބައްޕައަށް ދާއިން ފެންނަ އިރަށް ތިރިއަށް އައުމަށް އިޝާރާތް ކުރި އެވެ. ދާއިން ތިރިއަށް ފޭބިއިރު ގޯތިތެރޭގައި އޮތް ވަރަށް ރީތި ކުޑަ ކާރެއް ފެނުނެވެ. އެއީ ހޮންޑާ އެސް2000 ގެ ކާރެކެވެ. ކާރު ފެންނަ އިރަށް ދާއިންއަށް ވިސްނިއްޖެ އެވެ. މާދަމާ އަކީ ކޮއްކޮގެ އުފަން ދުވެހެވެ. ބައްޕަ އެ ތައްޔާރު ވަނީ އެކަމަށެވެ. ކާރު ކިތަންމެ ރީއްޗަސް ކާރު ފެނުނީމައި ދާއިން ބިރުގަތެވެ. އެ ކާރަކީ ބައްޕަ ކޮން ބޭނުމަކު ކޮއްކޮއަށް ގަނެދިން ކާރެއްކަން އޭނާއަށް ވިސްނުނެވެ. ވިދިވިދިގެން ތިން އަހަރު ކާރު ރޭހުން ކޮއްކޮ އެއްވަނަ ހޯދާފައި ވާކަމީ ބައްޕަ އެކަމަށް ފަޚުރުވެރި ވާ ކަމެކެވެ. އެހެން ނަމަވެސް މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި މޮޓޯރޭސިންގް ޗެލެންޖްގެ ކާރު ރޭހުގައި ބައިވެރިވެގެން ދިމާވި އެކްސިޑެންޓެއްގައި ކޮއްކޮގެ ބޮލަށް އަނިޔާވެ ފުރާނަ ސަލާމަތް ވެފައި ވަނީ ކިރިޔާ އެވެ. މިހާ އަވަހަށް ބައްޕަ އެކަން ހަނދާން ނެތުނީ ހެއްޔެވެ؟ އަނެއްކާވެސް ކޮއްކޮ އެކަމުގެ ތެރެއަށް ވަންނަން ހިތްވަރު ލިބޭ ކަހަލަ އެއްވެސް ކަމެއް ކުރާކަށް ދާއިން ބޭނުމެއް ނޫނެވެ.
" މީ؟"
ދާއިން ކާރަށް އިޝާރާތް ކުރަމުން ބައްޕައަށް ބަލާލި އެވެ.
" ތީ މާހީ ގެ ބަރތްޑޭ ޕްރެސެންޓް! ޗެކް ކޮށްލަ ބަލަ. ވަރަށް ސަޅިވާނެ."
ދާއިން ކާރު ކައިރިއަށް ހުއްޓުމާއި އެކު ގޭގެ ޑްރައިވަރ ސިރާޖު ކާރުގެ މަތި ކަހާލި އެވެ. ދެ ސީޓްގެ ނޫކުލައިގެ ލޯބިލޯބި ކާރެކެވެ.
ކާރު ވަރަށް ސަޅި އެވެ. އެކާރުގައި ޔޫހާ ގޮވައިގެން ހުޅުމާލޭގައި ބުރު ޖަހާލަން ދެވޭނެ ނަމައޭ އެވަގުތުވެސް ދާއިންގެ ހިތަށް އެރި އެވެ.
" ކޮން އިރަކުން މި ހަވާލު ކުރަނީ... ކޮއްކޮއަށް ފެނިދާނެ!"
ކާރުގެ "ލޯބި" ކަމުން އެ ކާރަށް ދާއިންގެވެސް ހިތް ކިޔައިފި އެވެ.
" މާހީ ހެނދުނު ހިނގައްޖެ ހޭވަންއަށް. ރިސޯޓު ހުޅުވަން ލައިސަންސް ދޭން އަންނަ މީހުން ރިސީވް ކުރަން ފޮނުވާލީ. އެކަހަލަ ގޮތެއް ހަދައިގެނެއްނު ސަޕްރައިސެއް ދެވޭނީ..."
ދާއިން އިރުއެރީއްސުރެ ކޮޓަރީން ނުނިކުމެ އޮތުމުން ގޭގައި ކަން ހިނގާ ގޮތެއްވެސް ނޭގުނެވެ.
"މިރޭ 12 ޖަހާއިރު ކުޑަ ޑިނަރއެއް ބާއްވާލަން ކަމަށް މިއުޅެނީ. ބައްޕަގެ ރައްޓެހީންވެސް އަންނާނެ... ތިކުދީންގެ ރައްޓެހީންނަށް ގުޅާފަ އަންގާލާ!"
ޖައުފަރު ދާއިންއާ ކުޑަ މަސައްކަތެއް ހަވާލު ކުރި އެވެ. އެވީ ގޮތުން ތަންކޮޅެއް ހަލުވިކޮށް ގަޑި ހިނގައިގެން ފާނެ އެވެ. މިރޭގެ ޑިނަރ ނިމިގެން ވަރަށް އަވަހަށް މާދަމާ ވެދާނެ އެވެ. އިންތިޒާރުގެ ވަގުތަކީ ހާދަހާ ދިގު އެއްޗެކެވެ.
އެކުވެރީނަށް ދައުވަތު ދިނުމަށްފަހު ދާއިން ޖެހުނީ މަންމަ ގޮވައިގެން ޝޮޕިންގްއަށް ދާށެވެ. މާލޭން ބާޒާރު ކުރުމަކީ ޒިޔާދާވެސް އާންމުކޮށް ކޮށްއުޅޭ ކަމެއް ނޫނެވެ. މާ ފެންވަރު ރަނގަޅު އެއްޗެއްސަށް ލޯބި ނުކުރި ނަމަވެސް އެކުދީން ލާ އަންނައުނު ކޮންމެވެސް ވަރަކަށް ތަފާތު ވާން ޒިޔާދާވެސް ބޭނުން ވެއެވެ. މާލޭގެ ބާޒާރުން ވަން ޕީސް އެއްޗެއް މަދުން ނޫނީ ނުލިބެ އެވެ.
ދާއިންގެ ކާރު ގޮސް މަޑުކޮށްލީ ހަމީދިއްޔާގެ ޕާކިންގް ޒޯން އަށެވެ. ޒިޔާދާ ހިތްހަމަ ޖެހޭ ފަދަ ވިޔަފާރިއެއް އެތަނުން ކޮށްލެވުނެވެ. ރީތި އަތްދިގު ގަމީހާ ފަޓުލޫނުގެ އިތުރުން ރަނގަޅު ޓައީ ވެސް ލިބުނެވެ. މަންމަ ކޮއްކޮއަށް "ރަސްމީ" ސާމާނު ގަންނާތީ ދާއިން ހިތާހިތުން ހިނި އައެވެ. މަންމަ އަބަދުވެސް ބޭނުންވަނީ ކޮއްކޮ ކޮންމެވެސް ސަރުކާރު އޮފީހެއްގައި ވަޒީފާ އަދާ ކުރާށެވެ. އަތްދިގު ގަމީހާ ޓައީ އަޅައިގެން ބަރާބަރު ގަޑިއަށް އޮފީހަށް ނުކުމެގެން ނޫނީ ކޮއްކޮ ހަރުދަނާ މީހަކަށް ނުވާނެ ކަމަށް މަންމަ ޤަބޫލު ކުރި އެވެ. އަމިއްލަ ތަނެއްގައި މަސައްކަތް ކޮށްގެން ދުވަހަކުވެސް ކޮއްކޮ ޒިންމާދާރު މީހަކަށް ނުވާނެ ކަމަށް މަންމަ ކިތަންމެ ވަރަކަށް ބުނި ނަމަވެސް އެއަޑު އަހާނެ މީހަކު ނެތެވެ. ކޮއްކޮ ބުނާ ގޮތުގައި މި އުމުރަކީ އެހާ ސީރިއަސް ވާންވީ އުމުރެއް ނޫނެވެ. ކުޑަކުޑަ މުސާރައަކަށް އެވަރުގެ ބޮޑު ބުރައެއް އުފުލުމަކީ ބައްޕަވެސް ޤަބޫލު ކުރާ ކަމަކަށް ނުވި އެވެ. އެހެން ނަމަވެސް މަންމަ އަދިވެސް ހިތްވަރު އެކުރަނީ މަންމަގެ މަޤްސަދު ޙާޞިލް ކުރުމަށެވެ. ދާއިން އޭނާގެ މަންމައަށް ތާއީދެވެ. ކޮއްކޮގެ އެހެރަ ބޭބީ ގޮތްގަނޑު ކަނޑުވާލަން އޭނާވެސް ބޭނުމެވެ. ކޮއްކޮ ފަސްޓް ޑިގްރީ އާ ހަމައިން ކިޔެވުން ހުއްޓާލީވެސް މަންމަ ދޫކޮށްލާފައި ރާއްޖޭން ބޭރަށް ގޮސް ނުހުރެވޭނޭ ކިޔާފަ އެވެ. އެވެސް ހަމަ ބަހަނާ އެވެ. މަންމަ ކިތަންމެ ހިތްވަރު ކުރިނަމަވެސް އެއްވެސް ކަމެއް ކާމިޔާބު ނުވެގެން އުޅެނީ ބައްޕަގެ އެއްބާރުލުން މަންމައަށް ނުލިބޭތީ އެވެ. ބައްޕަ ދެކޭ ގޮތުގައި "ޖައުފަރު" ގެ ދަރީން ކޮންމެހެން މާ މައްޗަށް ކިޔަވާކަށް ނުޖެހޭނެ އެވެ. މީހެއްގެ ކައިރީގައި ވަޒީފާ އަދާ ކޮށްގެން ނުވާނެ އެވެ. ކަމެއް ނުކޮށް އުމުރު ދުވަހު އުޅޭހާ ފައިސާއާއި "އެސެޓް" އެކުދީންގެ ބައްޕަ ވާނީ އެކުދީންނަށް ހޯދާ ދީފަ އެވެ.
ރޭގަނޑުގެ ގަޑިން އެގާރަގަޑި ބައި ވީއްސުރެ ދާއިން ހުރީ ޕާޓީއަށް އަންނަމުން ދިއަ މެހުމާނުންނަށް މަރުހަބާ ކިޔާށެވެ. ޕާޓީއަކީ ސަޕްރައިސް ޕާޓީ އަކަށް ވާތީ ހުރިހާ ރައްޓެހީން ނަށް ވެސް އަންގާފައި ވަނީ ބާރަ ޖަހަން ފަނަރަ މިނެޓް ކުރީން އައުމަށެވެ. ބައްޕަގެ ރައްޓެހީން އަންނަން ކިޔާފައި ވަނީ މާހިން އަންނަ ފަހުންނެވެ. ބާރަގަޑި ބަޔަށެވެ.
މާހިންގެ ކާރު އައިސް ގޯތި ތެރެއަށް މަޑުކޮށްލި އިރު ގޯތިތެރޭގައި ވަނީ ފަނޑު އަލި ކަމެކެވެ. އާދައިގެ މަތީން ދަންގަޑީގައި ދިއްލާފައި ހުންނަ ބަގީޗާގެ ކުލަ ބޮކިތައް ފިޔަވާ އެހެން އަލި ކަމެއް ނެތެވެ. ކާރު ޕާރކް ކޮށްލަމުން ދާއިން ކުރިމަތީގައި ހުރި އިމާރާތަށް ބަލާލި އެވެ. ބޭބެގެ ކޮޓަރީންވެސް އަލި ކަމެއް ފެންނާކަށް ނެތެވެ. ބޭބެވެސް އޭނާގެ އުފަން ދުވަސް ހަނދާން ނެތުނީ ހެން ހީވެ އެވެ. މިފަހަރު ރަނގަޅު ޕްރެސެންޓެއްވެސް ނެތީ ބާއެވެ! ބޭނުންވާ ވަކި ޚާއްޞަ އެއްޗެއް ނެތަސް އުފަން ދުވަހަކީ އޭނާވެސް ޕާރުސަލް ބޭނުންވާ ދުވަހެކެވެ. ހާއްސަކަން އިޙުސާސް ކޮށްލަން ބޭނުން ވާ ދުވަހެކެވެ. ހިސާބަކަށް މާޔޫސް ވެފައި މާހިން ކާރުގެ އިންޖީނު ނިއްވާލި އެވެ. އެއީ ބައްޕަގެ ކަންތަކެވެ. މިފަދަ ދުވަހެއްގައި ނޫނީ އޭނާ ރިސޯޓަށް ފޮނުވާލަންވެސް ބައްޕައަށް ނޭގުނު ވިއްޔާ އެވެ!
މާހިން ކާރުން ފޭބުމާއި އެކު ކުއްލިއަކަށް އެކި ދިމަދިމާއިން ގޯތިތެރެ ދިއްލިގެން ދިއަ އެވެ. އެއާއި އެކު ކުރިމަތީގައި ތިބި ގިނަ އަދަދެއްގެ އެކުވެރީން އެއްއަޑަކަށް "ސަޕްރައިސް!" ކިޔާލި އަޑު އިވުމުން ހަމަ ޙަޤީޤަތުގައި ވެސް އޭނާ "ސަޕްރައިސް " ވެއްޖެ އެވެ. ވީ އުފަލުން މާހިންގެ ހުރިހާ ދަތްތައް ފެނިގެން ދިއަ އެވެ. އެކުވެރީން އައިސް ސަލާމް ކޮށްލާ، ބުރަކަށީގައި ތަޅާލާ، ހަގް ކޮށްލާ ހަދަމުން " ހެޕީ ބަރތްޑޭ ބަޑީ" ކިޔަމުން ދިޔައިރު މަންމައާއި ބޭބެ ދުރުގައި މަޑުކޮށްލައިގެން ތިއްބެވެ. މާހިން ބޭބެއަށް ބަލާލުމުން ބޭބެ ލޮލުގެ އިޝާރާތުން ދުރު ދައްކާލި އެވެ. މާހިން އެދިމާއަށް ބަލާލިއިރު ހުދުކުލައިގެ ކަވަރަކުން ނިވާކޮށް ނޫކުލައިގެ ބޮޑު ޓައީއެއް ޖަހާފައި އޮތް ކުޑަ ކާރެއް ފެނުނެވެ. މާހިން ބަލަން ހުއްޓާ އެކާރު މަޑުމަޑުން ދުއްވާފައި އައިސް މާހިން ކައިރިއަށް ހުއްޓާލުމާއި އެކު ކާރުގެ އަރިމަތީ ފޮތިގަނޑު ހިއްލާލާފައި ކާރުން ފޭބީ ބައްޕަ އެވެ.
" ހެޕީ ބާތްޑޭ މާހީ"
ބައްޕަ ކާރަށް އިޝާރާތްކޮށް ބުންޏެވެ. މާހިން އަވަސް އަވަހަށް ގޮސް ސިރާޖުގެ އެހީއާ އެކު ކާރުގެ ކަވަރު ނެގި އެވެ. އެވަގުތު ވީ އުފަލުން މާހިންއަށް ފުންމައިގަނެވުނެވެ. އަވަސް ކޮށްލާފައި ކާރަށް އަރަން ދިމާކޮށްލި ތަނާ ސިރާޖު ކާރުގެ މަތިވެސް ކަހާލައިފި އެވެ.
" ވޯހ! ތެންކިޔޫ! "
މާހިން އެވަރަށް އުފާވެފައި ހުއްޓާ މިއިން ދުވަހަކުވެސް ފެނިފައި ނުވެ އެވެ. އެންމެ އުފާވީ އެކާރު ލިބުނީމައެއް ނޫނެވެ. އަނެއްކާވެސް ރޭސް ޖެހުމުގެ ހުއްދަ ލިބުނީތީ އެވެ.
ދާއިން ހުރީ މަންމަގެ މޫނަށް ބަލާށެވެ. މަންމަގެ މޫނުމަތީން ދެންމެއާ ޖެހެންދެން ފެންނަމުން ދިއަ އުފާވެރި ކަމުގެ ބަދަލުގައި މިހާރު ފެންނަމުން ދަނީ ހިތްދަތި ކަމުގެ އަސަރެވެ. ދަރީންނާ ދޭތެރޭގައި ކަމެއް ނިންމާއިރުގައި ބައްޕަ މަންމަ ކައިރީ އަހާ ނުލާ ކަމީ ދެރަ ކަމެކެވެ.
މާހިންއާ ދާއިންގެ އެކުވެރީން ޑިނަރ ނިންމާފައި ދިޔައިރުވެސް ބައްޕަގެ ރައްޓެހީން ގޭގައި އުޅެއެވެ. ބައްޕަގެ ކަމަކީ އެމީހުންނަށް ގޭތެރެ ދެއްކުމެވެ. ގޭގެ އަނެއް ފަރާތުގައި ވާ ބަގީޗާ އާ ސަންޑެކް ސަރަހައްދު ފެނުމުން ކޮންމެ މީހަކު ވެސް ޙައިރާން ވިއެވެ. ގެއެއްގެ ތެރޭގައި އެފަދަ ފުރިހަމަ ކަމެއް ވާނެ ކަމަށް ޤަބޫލު ކުރެވޭނީ ކާކަށް ހެއްޔެވެ! ޕާޓީއަށް އައި ކޮންމެ ދެމަފިރިއެއްގެވެސް އުއްމީދަކީ އެގޭގެ ޅީ ދަރިއަކަށް އެމީހުންގެ ދަރިފުޅު ވުމެވެ.
މާހިންގެ ޕަރސަލް ކެނޑުން އޮތީ މަންމަގެ ސިޓިންގް ރޫމްގަ އެވެ. މަންމަ ދިން ހަދިޔާތައް ކަނޑަމުން ދިޔައިރު މާހިންގެ މޫނުމަތީގައި ހިނިތުން ވުމެއް ވީނަމަވެސް އެއީ އުފާވެރި ހިނިތުން ވުމެއް ނޫނެވެ. ފަހަރަކު ޕަރސަލެއް ކަނޑަމުން ދިޔައިރު މަންމައާ ބައްޕަގެ ވިސްނުން ތަފާތު މިންވަރު އިޙުސާސް ކުރެވެމުން ދިޔަ އެވެ.
" އޯ ގޯޑް މަންމާ!"
މާހިން ޓައީތައް ނަގާ އުފުލާލަމުން ދާއިންއަށް ދައްކާލިއިރު އޭނާ ގެ މޫނުމައްޗަށް ވެފައި އިން ގޮތުން ދާއިންގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ. މަންމަވެސް ހުރީ ހިނިއައިސްފަ އެވެ.
" މަޖަލެއް ނޫން...!"
މާހިން އެތަނުން ކޮތަޅެއް ބޭބެއާ ދިމާއަށް އެއްލި އެވެ.
" ކޮބާ މަގޭ ޕްރެސެންޓް؟"
މާހިން ބޭބެއާ ސުވާލު ކުރި އެވެ.
" އަދި ނުފެނިގެން މިއުޅެނީ...ހަމަ ހޯދަނީ...! ކޮއްކޮއަށް ރީތި ބިޓެއް ހޯދަނީ!"
ދާއިން އެހެން ބުނުމުން މާހިން އަށް ވަރަށް މަޖާވި އެވެ.
" އެހެންތަ؟ ބޭބެއަށް ތިކަން ކުރެވިދާނެ... މަ ބޭނުމީ ބޭބެގެ ޔޫޔޫޔޫ ކަހަލަ ބިއުޓީ އެއް... އޭނަގެ ކޮއްކޮއެއް ހުރިތޯ ބަލާބަލަ!"
ކޮއްކޮގެ އެ ސަމާސައިގެ ސަބަބުން އެއްފަހަރުން ދާއިން ހިމޭން ކޮށްލައިފި އެވެ. އަވަސް އަވަހަށް ދާއިން މަންމައާ ދިމާއަށް ކަޅިއެއް އެއްލިއިރު މަންމަ ހުރީ ހިނިއައިސްފައި ދާއިންއަށް ބަލާށެވެ. ދަރިފުޅުގެ މޫނުމަތި ލަދުން ރަތް ވެފައިވަނިކޮށް ޒިޔާދާއަށް އެ ފެނުނީ ފުރަތަމަ ފަހަރަށެވެ.
ދިގު ރޭގަނޑަކަށް ފަހު އަނެއް ދުވަހުގެ އިރުއަރައިފި އެވެ. އިންތިޒާރު ކުރަމުން އައި ގަޑި ގާތް ވަނީ އެވެ.
ދާއިން ފެނަވަރާ ތައްޔާރު ވަމުން ދިޔައިރު ޔޫހާ ކޮށްފާނެ ބައެއް ސުވާލު ތަކާ ދޭތެރޭގައި ވިސްނަމުން ދިއަ އެވެ.
ގަޑިން ހަތަރުގަޑި ބައިވާން ދިހަ މިނެޓަށް ވީއިރު ޔޫހާ އިނީ ސޯލްޓް ރެސްޓޯރެންޓްގެ ޓެރަސްގެ ހަތް ނަންބަރު މޭޒު ކައިރީ ގައެވެ. އެއީ ކުރީ ދުވަހު އަހުމަދާ އޭނާ ބައްދަލު ކުރި މަޤާމެވެ. އެ ދުވަހުގެ އެ ބައްދަލު ވުމަކީ ދުވަހަކު ވެސް ޔޫހާގެ ހިތުން ފޮހެވޭނެ އެއްޗެއް ނޫނެވެ. އެހާ ބޮޑު ހިތާމައެއްގައި، ހިތްދަތިވެ ހިތް ނުތަނަވަސް ވެފައި ވާއިރުވެސް އަހުމަދު ފެނުނު ފަހުން އެ ސޫރަ ހިތުން ފިލައިގެން ދިޔަ ވަގުތު ކޮޅެއް ނާދެ އެވެ. އެހެން ކަމުން ޔޫހާ ނިންމައިގެން ހުރީ ދެން އަހުމަދު ފެންނަ ހިސާބަށް ދުވަހަކުވެސް ނުދިއުމަށެވެ. އަދި އަހުމަދާ ފޯނުން ވެސް ވާހަކަ ނުދެއް ކުމަށެވެ. ލަފައެއް އަހާލަން ބައްޕަ މިދުނިޔޭގައި މިހާރު ނެތް ނަމަވެސް ބައްޕަގެ ނިންމުން ޔޫހާ ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ބައްޕަ ބުނެފައިވަނީ ކިޔަވާ ނުނިމެނިސް ދެކުދީންވެސް އެފަދަ ކަމެއްގެ ތެރެއަށް ނުވަނު މަށެވެ. ލޯބީގެ މަރުހަލާ އަކީ ކިޔަވާ ނިމުމަށް ފަހު އަންނަން ޖެހޭ މަރުހަލާ އެއް ކަމަށެވެ. އެހެން ނޫނީ ބައްޕަ އެދޭ ފެންވަރަށް ނުކިޔެވިދާނެތީ ބައްޕަ ކަންބޮޑުވީ އެވެ. ބައްޕަ އެކުދީންނާ ވަކިވެގެން ދިއަ ނަމަވެސް ޔޫހާއާ ލޫނާ ކުރިއަށް ދާން ބޭނުން ވަނީ މަންމައާ ބައްޕަ ދައްކާފައި ވާ މަގުން ނެވެ. އެކުދީންގެ އުއްމީދަކީ އެނޫން ގޮތަކަށް ދިރިއުޅުން ބަދަލު ކޮށްލަން މަޖުބޫރު ވާފަދަ ހާލަތެއް މެދުވެރި ނުވުމެވެ. ދުޢާ އަކީ ހިތާމަވެރި ދުވަސްތައް ނިމި އުފާވެރި ދުވަސްތަކަށް އަވަހަށް އަލިވިލުމެވެ.
ދަތްދޮޅީގައި އަތް ވިއްދާލައިގެން ތިރިން، ފެންނަމުންދާ ކަނޑުގެ ރާޅުގަޑަށް ކަޅި ހުއްޓާލައިގެން އިން ޔޫހާގެ ސިކުނޑީގައި މިވަގުތުވެސް ހިނގަމުން ދަނީ މާޒީގެ ހަނދާންތަކެވެ. އެނާގެ ކުޑަކުޑަ އާއިލާ އަކީ މި ދުނިޔޭގައިވާ އެންމެ އުފާވެރި އާއިލާ ކަމަށް ޤަބޫލު ކުރެވުނު ދުވަސްތަކެވެ. ޖުނެއިހު އާއި ހައިފާގެ ވަރަށް ޅަ ދުވަހުގައި އެކުދީން ލިބިފައި ވުމާއި އެކު އެކުދީންނާ މައިންބަފައިންނާއި ދެމެދުގައި ވަނީ އާދަޔާ ޚިލާފް ގާތް ކަމެއް އުފެދިފަ އެވެ. ބައްޕަ އަކީ ޔޫހާގެ އެންމެ ގާތް އެކުވެރިޔާއަށް ވީއިރު މަންމައަކީ ކޮއްކޮގެ "ސީކްރެޓް" ފްރެންޑް އެވެ. ޔޫހާމެންގެ ރައްޓެހީންވެސް އެއާއިލާގެ "ލޯބި" ކަމުގެ ވާހަކަ ދައްކަ އެވެ. އެއީ މިސާލު ޖަހާލެވޭ ފަދަ ރީތި އުޅުމެއް އުޅެމުން އައި ބައެކެވެ.
" ޔޫހާ!"
ވަރަށް ގާތުން މީހެއްގެ އަޑު އިވުމުން ޔޫހާ ސިހިފައި ބަލާލި އެވެ. ކުރިމަތީގައި ހުއްޓިލައިގެން ހުރި އިސްކޮޅުން ދިގު، ފިރިހެންވަންތަ ޒުވާނާ ފެނުމުން ޔޫހާގެ ރިހެމުން ދިއަ ހިތަށް ތަސައްލީއެއް ލިބުނެވެ. ޤުދުރަތުން ދާއިންއަށް ދެއްވާފައި އެވާ ސޫރައަކީ އޭނާ ފެންނަ ކޮންމެ މީހަކަށްމެ ހިތްހަމަ ޖެހުމެއް ގެނުވާ ފަދަ ސޫރަ އެކެވެ. ދާއިންގެ ރީތި މޫނުމަތީގައިވާ ހިނިތުންވުން ޔޫހާގެ ހިތް އިތުރަށް ހަލަބޮލި ކޮށްލައިފި އެވެ.
ދާއިން ކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށީންނަމުން ވެއިޓަރ އަށް އިޝާރާތް ކޮށްލި އެވެ. ދެމީހުންވެސް އޯޑަރ ދިނީ ހަމަ އެކަނި ބުއިމަކަށެވެ. އެއަށް ފަހު އައީ ހަމަހިމޭން ވަގުތު ކޮޅެކެވެ. ދާއިން އިނީ ޔޫހާ ދައްކަން އުޅޭ ވާހަކައެއް އަޑު އެހުމުގެ އިންތިޒާރުގަ އެވެ.
އިސް ޖަހާލައިގެން އިރުކޮޅަކު އިނުމަށް ފަހު ޔޫހާ ދާއިންއަށް ބަލާލި އެވެ.
" މީގެ ކުރީން ދުވަހަކުވެސް އަހަރެން ރައްޓެއްސަކާ އެކުވެސް ރެސްޓޯރެންޓް އަކަށް ނުދަން... ދުވަހަކުވެސް އަހަރެން މި ގޮތަށް މީހަކާ ބައްދަލެއްވެސް ނުކުރަން...އަހުމަދާ ނޫނީ..."
ދާއިން ނިއްކުރިއަށް ރޫ އަރުވާލި އެވެ. ވިސްނާލެވުނެވެ. ޔޫހާ ދާއިންއާ މިފަހަރު އެ މުހާތަބު ކުރީ "އަހުމަދު" ގެ ނަމުންނެވެ. ކުރީ ދުވަހު ފޯނުން "ދާއިން" އޭ ބުނެލިހެން ހީވެ އެވެ. އެއީ އަނެއްކާ ދާއިންއަށް ހީވި ގޮތް ބާއެވެ! އެއްޗެއް ނުބުނެ ކެތްތެރިވެގެން އިނުން އެއީ އަދި އެންމެ ރަނގަޅު ގޮތް ކަމުގައި ދާއިން ދެކުނެވެ.
" އަހަންނަކަށް ނޭގެ އަހުމަދު އަހަންނާ ބައްދަލު ކުރީ އަސްލުގަ ކީއްވެގެން ކަމެއްވެސް، އެކަމު ފުރަތަމަ ފަހަރުވެސް އަހަންނަށް އަހުމަދާއެކީ ބީރައްޓެހި ކަމެއް އިޙުސާސެއް ނުކުރެވުނު... ވަރަށް ފަސޭހަވި އަހުމަދު ގާތުގަ ހުރިހާ ވާހަކައެއް ދައްކަންވެސް...!"
ޔޫހާގެ އަޑު އަހަން އިން ދާއިންގެ ހިތް އުފަލުން ނަށާލި އެވެ. ކުއްލިއަކަށް އެފަދަ ވާހަކަތަކެއް ޔޫހާ ދައްކަފާނެ ކަމަކަށް ދާއިން ހިއެއްވެސް ނުކުރެ އެވެ. ސީރިއަސް ހިނިތުން ވުމަކާއިއެކު ދާއިން ޔޫހާއަށް ބަލަހައްޓައިގެން އިނީ ކެތްތެރިކަމާއި އެކުގަ އެވެ.
" ފުރަތަމަ ފަހަރަށް އަހަރެންގެ ހިތަށް އެރި މި ޕެއިންތައް ޝެއަރކޮށްލާނެ މީހަކު ލިބުނީއޭ.... ޓުރަސްޓް ކުރެވޭވަރުގެ ރައްޓެއްސަކު ލިބުނީއޭ... އެކަމަކު...!"
ޔޫހާ ވާހަކަ މެދު ކަނޑާލަމުން ދުރު ބަލާލިއިރު އޭނާގެ މޫނުމަތީން ފެންނަމުން ދިޔައީ ކުރީން ފެނުނު އުއްމީދުގެ އަސަރެއް ނޫނެވެ. ހިތާމައިގެ ކުލަތަކެވެ. ޔޫހާ އެހާ ރީތިކޮށް ވާހަކަ ދައްކަމުން އައިސް "އެކަމަކު" ކިޔާފައި ހުއްޓާލުމުން އަނެއްކާވެސް ދާއިން ގެ ހިތް ނުތަނަވަސް ވާން ފަށައިފި އެވެ.
" އަހަރުމެން ކަހަލަ ގޮތް ހުސްވެފަ ތިބޭ މީހުންނަށް ތެދުވެރި ނުވާނެ އެކަކުވެސް!"
ޔޫހާ ނުސީދާކޮށް އެ ހޫރާލި ގާބުރި އައިސް ލައްވާލީ ދާއިންގެ ބޮލުގަ އެވެ. ދާއިން ގެ ހިތް ތެޅިގަތެވެ.
" އެދުވަހު އަހަރުމެން މިތަނުން ބައްދަލުވެ އެހުރިހާ ވާހަކައެއް ދެއްކި ފަހުން، އެވަރުގެ ބޮޑު އެހީއަކާ އެކީ މާހިން ޖައުފަރު އަހަރެންނާ ބައްދަލު ކުރުން.... އެއީ އިއްތިފާޤެއް ނޫންދޯ!"
އެހާ ހިސާބަށް ބުނެފައި ޔޫހާ ދާއިންއާ ހަތަރު ކަޅި ހަމަކޮށްލި އެވެ.
" ދާއިން ޖައުފަރު!"
އެވާހަކަ ޔޫހާ ބުނެލި ގޮތުންނާއި އެވަގުތު ޔޫހާގެ ދެލޮލުން ފެނިގެން ދިއަ އަސަރު ތަކުން ދާއިންގެ ނުތަނަވަސްކަން އިތުރުވެގެން ދިއަ އެވެ. ދާއިން އެކަން ފޮރުވަން މަސައްކަތް ކުރަމުން ހިނިތުން ވެލި އެވެ. ދާއިން މަސައްކަތް ކުރީ އެއީ އާދައިގެ ކަމަކަށް ހަދާށެވެ. އެހެން ނަމަވެސް ޔޫހާގެ ލޮލުގެ ތެރޭއަށް ގިނަވަމުން އައި ކަރުނަ ތިކިތައް ދާއިންގެ ހިތުގައި ވެސް ރިހުމެއް އުފައްދައިފި އެވެ. ޔޫހާ ކަރުނައާ ހަނގުރާމަ ކުރަމުން ގަދަ ކަމުން ހިންދިރުވާލި އެވެ. އެދުވަހު ހޮސްޕިޓަލުގެ ވެއިޓިންގް ރޫމްގައި މާހިންއާ ޔޫހާ ބައްދަލު ކުރިތަން ނަރުސް ސަލްމާ އަށް ނުފެނުނު ނަމަ އަދިވެސް ޔޫހާއަށް ދާއިންގެ ޙަޤީޤަތް ނޭގޭނެ އެވެ. ސަލްމާ ވަނީ ތަންކޮޅެއް ކުރީން މާހިންއާ މާހިންގެ ބޭބެ އާއި އެކު ސްކައުޓް ޖަމްބަރީ އެއްގައި ބައިވެރި ވެފަ އެވެ. ދާއިންގެ ސިފަތައް ސަލްމާ ކިޔައި ދިނުމުން ޔޫހާއަށް ކިތަންމެ ރަނގަޅަކަށް ވެސް ކަންވީގޮތް އެނގުނެވެ.
" ކިހާ ރަނގަޅުވީސް އަހަންނަށް ދޮގު ހަދާ އޮޅުވާލަން ނޫޅުން ނަމަ!"
ހިތުގައި ޖެހިފައި ބުނާ ފަދަ ގޮތަކަށް ޔޫހާ ބުންޏެވެ. ދާއިން އިނީ ބުނާނެ އެއްޗެއް ނޭގިފަ އެވެ.
"އިތުބާރު ގެއްލުވާ ނުލިނަމަ...! "
ޔޫހާގެ ލޮލުން ކަރުނަ އޮހިގަތެވެ. އެކަމާ ޔޫހާ އެވަރަށް ދެރަވާނެކަން ދާއިންއަށް އެނގުނު ނަމަ ދާއިން އެގޮތަކަށް ކަންތަކެއް ނުކުރާނެ އެވެ.
" އެންމެ ދެރަވީ އަހަންނަށް ނޭގިހުރެ އެފައިސާ ބޭނުން ކުރެވުނީތީ... ތެދެއް، އަހަރުމެން މިއަދު މިތިބީ ވަރަށް ޑެސްޕެރޭޓް ހާލަތެއްގަ... އެކަމަކު އަހަރެން އަހަރެންގެ މަންމައަށް ޚަރަދު ކުރަން ބޭނުން ވަނީ އެއްވެސް މަކަރެއް އޮޅުވާލުމެއް ނެތް ތޯހިރު އެއްޗަކުން!"
ޔޫހާ އެހެން ބުނުމުން ދާއިންވެސް ވަރަށް ދެރަވެއްޖެ އެވެ.
" އެފައިސާ ތޯހިރު ވާނެ ޔޫހާ. އެއީ އަހަރެން ކިޔަވަން ހުރެގެން ޕާރޓް ޓައިމް މަސައްކަތް ކޮށްގެން ހޯދި ފައިސާ... އޮސްޓްރޭލިއާ ކޭއެފްސީގަ ވޯކް ކޮށްގެން އެއްކޮށްފަ ހުރި ފައިސާ...!"
އެއަޑު އިވިފައި ޔޫހާގެ ގައިން ހީބިހި ނަގައިގެން ދިއަ އެވެ. އޭނާ ލޯ ބޮޑުކޮށްލަމުން ދާއިންގެ ދެލޮލަށް ބަލާލި އެވެ. ޤަބޫލު ނުކުރެވިފަ އެވެ. ޖައުފަރުގެ ދަރިއަކު ރެސްޓޯރެންޓެއްގައި މަސައްކަތް ކޮށްފާނެ ހެއްޔެވެ! އަދި އެވަރުން އޭނާ އެއްކުރި ފައިސާ ޔޫހާއަށް ދިނީ ހެއްޔެވެ!
" ސޮރީ ޔޫހާ...! ތެދަށް ބުނަން އަހަންނަށް ނުކެރުނީ... އަހަރެންނަކީ ކާކުކަން ބުނެދީގެން ނާޖާއިޒު ފައިދާއެއް ނަގަން އުޅެފާނެހެން ޔޫހާއަށް ހީވެދާނެތީ ޖެހިލުންވީ... ބައްޕަ ދެކެ ޔޫހާ ރުޅިގަދަވެފަ ހުރިވަރުން ޖައުފަރުގެ ދަރިއެއްކަން އަންގަން ވެސް ޖެހިލުންވީ...! އޮނަސްޓްލީ ޔޫހާ... އެއީ އެއްވެސް އެހެން މީހެއްގެ ފައިސާއެއް ނޫން...އެއީ އަހަރެންގެ އަމިއްލަ އެއްޗެއް. އަހަރެން ހިތުން ރުހުމުން ވަރަށް ލޯބިން ޔޫހާގެ މަންމައަށް ދިނީ... ބިކޯޒް އައި ރިއަލީ ކެއަރޑް!"
މޭގައި އަތް ޖައްސާލަމުން ދާއިން ޔުހާއާ ދިމާއަށް ލެނބިލި އިރު އެދެލޮލުން ޔޫހާއަށް ފެނުނީ ލޯބީގެ އަސަރެވެ. އަވަސް އަވަހަށް ޔޫހާ އިސް ޖަހާލި އެވެ. ދާއިން ގެ ހިތުގައި ފޮރުވިފައިވާ ލޯބި ހާމަ ވެގެން ދިއަ ހިނދު ޔޫހާގެ ހިތް ބިރުން ތެޅިގަތެވެ. އެވަރުގެ ހަމްދަރްދީއެއް، ލޯތްބެއް ޔޫހާއަކަށް ހައްޤެއް ނޫނެވެ. އަދި އޭގެ ބަދަލު ދޭން ޔޫހާގެ ހިތް ކިތަންމެ ބޭނުން ވި ނަމަވެސް އެއީ ދުވަހަކުވެސް ވާނެ ކަމެއް ނޫނެވެ.
ޔޫހާގެ ބަހަކަށް އިންތިޒާރު ކޮށްގެން ޔޫހާއަށް ބަލަން ދާއިން އިނީ ތެޅިތެޅި އޮތް ހިތަކާއި އެކުގަ އެވެ. ޔޫހާ އެއްޗެއް ބުނުމުގެ ކުރީން އޭނާގެ ފޯނު ރިންގް ވާން ފަށައިފި އެވެ. އަވަސްއަވަހަށް ޔޫހާ ފޯނުގެ ސްކްރީނަށް ބަލާލި އެވެ. އެވަގުތު އޭނާގެ މޫނުގެ ކުލަ ބަދަލުވެގެން ދިޔަތަން ދާއިން އަށް ފެނުނެވެ. ޔޫހާ ފޯނު ނެގުމުގެ ބަދަލުގައި ފޯނު ދުރަށް ކޮއްޕާލީ ބިރުގެންފައި އިނދެއެވެ.
" ކާކު؟"
ދާއިންއަށް އަހާނުލާ ނީދެވުނެވެ. ޔޫހާ ތުންފަތުގައި ދަތް އަޅާލަމުން ދުރު ބަލާލި އެވެ.
" އަހަރެންގެ ފިރިމީހާ!"