ކުޑަ ކޮޓަރި އަކަށް މާހިން ބަދަލު ކުރީ ކޮންމެވެސް މީހެއްގެ އެންގުމަށް ހެން ހީވެ އެވެ. އެހެން މީހުނަށް ނުފެންނަ އެކަހެރި ތާކަށް އޭނާ ބަދަލު ކުރުމުގެ މަޤްސަދެއް ވެސް އޮންނާނެ އެވެ. މިހާ އިރު ވީއިރުވެސް އޭނާއާއި އެއްވެސް މީހަކު ސުވާލެއްވެސް ނުކުރެ އެވެ. ދެން ވާން އުޅޭ ގޮތެއްވެސް ނޭގެ އެވެ. އެތަނުގައި އިންނަތާ އިރުކޮޅެއް ފަހުން އެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ކޮންމެވެސް މީހަކު ވަން އަޑު އިވުނެވެ.
ދޮރުމަތީގައި ހުރީ ޒުހުރީ އެވެ. އޭނާ އެތެރެއަށް ވަނުމަށް ފަހު ދޮރު ލައްޕާލި އެވެ. ޒުހުރީ ފެނުމުން މާހިންއަށް ހިސާބެއްގެ ހިތްހަމަ ޖެހުމެއް ލިބުނު ނަމަވެސް ޒުހުރީގެ މޫނު މަތީން ފެންނަމުން ދިއައީ ހިތްހަމަ ޖެހުމުގެ އަސަރެއް ނޫނެވެ. ޒުހުރީ އައިސް މާހިންގެ ކުރިމަތީގައި އިށީނެވެ. މާހިން އިނީ ހިސާބަކަށް ޖެހިލުން ވެފަ އެވެ. އެކަމަކީ ޒުހުރީއާ ގުޅުން ހުރި ކަމެއްކަން މާހިންއަށް ޔަޤީން ވާއިރު މާހިން މިހާރުވެސް އޭނީ ޒުހުރީގެ ކުރިމަތީގައި އަނދާފަ އެވެ. އެ ކަމުގެ ތެރެއަށް މާހިން ވަދެ ފަޅާ އަރުވާލަން އުޅުނު ކަމަށް ޒުހުރީ ޤަބޫލު ކުރާނެ އެވެ. ޒުހުރީ އެއްޗެއް ނުބުނެ މާހިންގެ މޫނަށް ބަލަން އިނެވެ. އެ ޖަރީމާއަކީ ޒުހުރީގެ އަތެއް ވާ ކަމެއްކަން މާހިންއަށް އިނގޭކަން ޒުހުރީއަށް އިނގޭބާ އެވެ.
" އައި ވޯސް ނޮޓް އެކްސްޕެކްޓިންގް ދިސް ފްރަމް ޔޫ!"
ޒުހުރީ ބުނެލީ ހަރުކަށި ކަމާއި އެކުގަ އެވެ. މާހިންއަށް ބަލާލެވުނީ ސުވާލު އުފެދިފަ އެވެ. ޒުހުރީ އަންކަލް އެހެން އެބުނީ ކޮން ކަމަކާއި ގުޅުވާފަ ބާއެވެ! މާހިން އެމީހުނަށް ފާރަލާ އެކަން ފަޅާ އަރުވާލަން އުޅުނުހެން ހީވެގެން ބާއެވެ! ނޫނީ....!
" ޔޫ.... ވިތް ޑްރަގްސް!!"
ޒުހުރީގެ އަޑުއިވިފައި މާހިން ދެލޯ ބޮޑު ކޮށްލި އެވެ. އެބުނީ ކީކޭ ހެއްޔެވެ! ޒުހުރީ އަށް ނޭގެނީ ހެއްޔެވެ! ހަޤީޤަތުގައިވެސް މާހިންއާއި އެ ޑްރަގްސް އާއި ގުޅުމެއް އޮތްހެން އޭނާއަށް ހީވީ ހެއްޔެވެ! ނޫނީ ޒުހުރީ އެ މަސައްކަތް ކުރަނީ އޭނާ ގެ ބޮލުގައި އެކަން އަޅުވާ، ރަނގަޅަށް އޭނާ އެ މަޅިއަށް ފައްތަން ބާއެވެ! ގިނަ ސުވާލު ތަކެއް މާހިން ގެ ހިތުގައި އުފެދިގެން ދިއަ އެވެ.
" ކާކު ދިން އެއްޗެއް؟ އެހާ ގިނަ އަދަދެއްގެ ޑްރަގްސް މާހިން އަށް ލިބުނީ ކިހިނެއް!"
ޒުހުރީގެ އަޑުގައި ވަނީ ހަރުކަށިކަން އެކަންޏޭއް ނޫނެވެ. އެ އަޑުގައި މަލާމާތުގެ ރާގެއްވެސް ހުއްޓެވެ. މާހިންގެ ހިތް ބިރުގަންނަން ފަށައިފި އެވެ. ޒުހުރީ އެއުޅެނީ އަނެއްކާ ކީއްކުރަން ބާއެވެ! އަނެއްކާ އެކަން ބައްޕަގެ އެކަނި ބޮލުގައި އަޅުވާފައި އޭނާ ބޯދަމައި ގަންނަން އުޅެނީކީ ނޫންބާ އެވެ! މާހިންގެ އާއިލާގެ ފަރާތުން ޔާނާގެ މަރުގެ ބަދަލު ހިފާލަން މަސައްކަތް ކުރަނީކީ ނޫންބާ އެވެ! އެއްވެސް މީހެއްގެ ގޮތެއް ނޭގޭނެ އެވެ. ކާކު، ކޮން ވަގުތެއްގައި ކީއްކަމެއް ކުރާނީވެސް ބުނަން ނޭގޭ ޒަމާނެކެވެ. އެންމެ ގާތް މީހާވެސް ބުރަކައްޓަށް ހަންޖަރު ކޮއްޕާލަފާނެ އެވެ. އެއްވެސް މީހަކު އެއްވެސް ކަމެއް ކުރަން ޖެހިލުން ނުވާ ޒަމާނެކެވެ. ޒުހުރީގެ ކިބައިން މިއަދު ފެންނަމުން އެދަނީ މީގެ ކުރީން ދުވަހަކުވެސް މާހިންއަށް ފެނިފައި ނުވާ މޫނެކެވެ! މާހިން އަނގައިން ނުބުނެ އިނެވެ. އެތަނުގައި ބުނެވޭ ކޮންމެ ބަހަކީ ރެކޯޑް ވާނެ އެއްޗެކެވެ.
މާހިން އަނގައިން ނުބުނުމުން ޒުހުރީ އިރުގަނޑަކު އިނދެފައި ވާހަކަ ދެއްކި އެވެ.
" ރަނގަޅު. ހަނުހުރުން..... ވަރަށް މުހިއްމު!"
ޒުހުރީ އެބުނި އެއްޗެއް މާހިންއަށް ވިސްނުނެވެ.
" އެއީ 10 މިލިއަން ރުފިޔާގެ ވިޔަފާރި! އެކަން އިނގޭތަ؟"
ޒުހުރީގެ ވާހަކަ ބަދަލު ވިއެވެ. އެހެން ނަމަވެސް އެވާހަކައިގެ މާނަ ވަރަށް ފުނެވެ. މާހިންއަށް ވިސްނުނެވެ. މިހާރު ޒުހުރީ ކަންބޮޑުވެގެން އެއުޅެނީ އެފައިސާ ގެއްލުނީތީ އެވެ. އޭގެ ބަދަލު ޒުހުރީ މާހިންއަށް ދޭނެކަން ކަށަވަރެވެ.
" އިނގޭތަ ތި ކުށުގެ އަދަބަކީ ކޮބާކަން! "
އެހެން ބުނަމުން ޒުހުރީ ތެދުވި އެވެ.
" އުމުރަށް ޖަލަށް!"
މާހިންގެ ގައިން ހީބިހި ނަގައިގެން ދިއަ އެވެ. އޭނާ ހީކުރީ ޒުހުރީ އެތަނަށް އަންނާނީ ރަނގަޅު ޚަބަރަކާއިގެން ކަމަށެވެ. އޭނާ ސަލާމަތް ކޮށްދެވޭނެ މަގެއް ދައްކަން ކަމަށެވެ. އެހެން ނަމަވެސް ހީކުރެވުނު ގޮތް މުޅީން ގޯހެވެ! ޒުހުރީ އެތަނަށް އައީ އިންޒާރު ދޭށެވެ!
" ބެދިގެން ދާ ތަނެއްގަ އެހެން މީހަކު ބައްދާލަން މަސައްކަތް ކުރުން ބުއްދިވެރިއެއް ނުވާނެ!"
އެހެން ބުނެފައި ޒުހުރީ ބޭރަށް ދާން ހިނގައިގަތީ އެވެ! މާހިން އިނީ މާޔޫސް ވެފަ އެވެ. ޒުހުރީގެ އެހީއަކާ ނުލާ އޭނާއަށް ސަލާމަތެއް ނުވެވޭނެ ކަން ޔަޤީނެވެ.
ދާއިން ފުލުސް އޮފީސް ދޮރުމަތީގައި އެނބުރި އެނބުރި ވަރުބަލި ވީއިރުވެސް އޭނާއަށް ޒުހުރީއާ ގުޅޭ ގޮތެއް ވެސް ނުވި އެވެ. ގާތް ގަޑަކަށް ބާރަ ޖަހަން އުޅެނިކޮށް އޭނާ ގެއަށް ދިއައިރު ބައްޕަގެ ކާރު އޮތެވެ. ބައްޕައާއި ބައްދަލު ކުރަން މައްޗަށް އެރި އިރު މީޓިންގްރޫމް ގައި ބައްޕައާއި އެކު ޝައުކަތު އިންތަން ފެނުނެވެ. މީޓިންގް ރޫމްގެ ބިއްލޫރި ގަނޑުން މިމަންޒަރު ފެނުނު އިރު ވާހަކައިގެ ސީރިއަސްކަން އެނގުނެވެ. އުނދަގޫ ކުރަން ނުކެރި ބޭރުގައި ދާއިން މަޑުކޮށްގެން އިނެވެ.
މިމީ މިހާރު ދިހަ ވަރަކަށް ފަހަރު ގުޅައިފި އެވެ. ދޭނެ އެއްވެސް ޖަވާބެއް ދާއިން އަކަށް ނޭގެ އެވެ. އަނެއްކާވެސް ރިންގްވާން ފެށުމުން ދާއިން ފޯނުނެގި އެވެ.
" ބައްޕަ އަތުވެއްޖެ....! ވާހަކަ ދައްކާފަ ގުޅާނަން އިނގޭ....!"
ދާއިން ބުނެލަން އޮތީ އެހެންނެވެ. މިމީ އަށް ވެސް ޖެހުނީ ކެތްތެރި ވާށެވެ. އުއްމީދަކީ ދެން ގުޅާ ފަހަރަކުން ރަނގަޅު ޖަވާބެއް ލިބުމެވެ.
ގާތްގަޑަކަށް ގަޑިއެއް ހާއިރު ފަހުން ޝައުކަތު ނުކުމެގެން ދިއުމުން ދާއިން އަށް ބައްޕައާ ވާހަކަ ދައްކާނެ ފުރުސަތު ލިބުނެވެ. ދާއިން އެތެރެއަށް ވަން އިރު ބައްޕަގެ މޫނުމަތީން ފެންނަމުން ދިއައީ ކަންބޮޑުވުމެއް ނޫނެވެ. ނުރުހުމުގެ އަސަރެވެ.
" މިރޭ އޭނަ ގެންދާނެ ކޯޓަށް....! އޭގެ ފަހުން ތަހުޤީޤަށް ފޮނުވާލާނެ! މާ ބޮޑު ތަހުޤީޤެއް ކުރާކަށް ނުޖެހޭނެ. ބޮޑު ހުކުމެއް އަންނާނެ"
އެއްވެސް އަސަރެއް ނެތި ބައްޕަ އެހެން ބުނެލި ގޮތުން ދާއިންއަށް ދެލޯ ބޮޑުކޮށް ލެވުނެވެ.
ދާއިންއަށް މާ ބޮޑު އެއްޗެއް ނުބުނެވުނެވެ. ބުނާނެއެއްޗެއް ނޭގިފައި އޭނާއަށް އިރު ކޮޅަކު އިނދެވުނީ އަނގައިން ބުނަން ވެސް ދަތިވެފަ އެވެ.
" ހުކުމޭ! ކިހާ ވަރެއްގެ ހުކުމެއް؟"
ދާއިން އަހާލި އެވެ.
" އޭނަ އަތުން އަތުލައިގެން އަދަދަށް ބަލައިފިއްޔާ 25 އަހަރުވެސް މަދު!"
ބައްޕަ ގެ އަނގައިން ރަޙުމެއް ނެތި އެހެން ބުނެލި ވަގުތު ދާއިންގެ ހިތުގައި ބައްޕަގެ މައްޗަށް ނަފްރަތު އުފެދިގެން ދިއަ އެވެ. ދާއިންއަށް ނޭވާ އެއްވެސް ބޭރު ކޮށްލަން ދަތި ވިއެވެ.
" އެކަމަކު.... ކޮއްކޮ އެކަހަލަ ކަމެއް ނުކުރާނެކަން ބައްޕައަށް ވެސް އިނގޭނުން!"
ދާއިންގެ އަޑުގައި ވަނީ ތުރުތުރު އެޅުމެކެވެ. ކޮއްކޮއަށް އެހީތެރިވެދޭނެ ހަމަ އެއްވެސް މީހަކު ނެތީ ހެއްޔެވެ!
" ކުރުމެއް، ނުކުރުމެއް ނޫން މައްސަލަ އަކީ.... ބަސްޓު ވީމަ މައްސަލަ އަކަށް ވަނީ....! އެއީ އޭނަ އަމިއްލައަށް ބުއި ބޮނޑިއެއް!"
ބައްޕަގެ ވާހަކަ އަޑުއަހާފައި ދާއިން ހުރީ ޙައިރާން ވެފައެވެ. ބައްޕަގެ ވިސްނުން ހުރި ފެންވަރަކީ އެއީ އެވެ. ބައްޕައާއި ދެން އިތުރަށް ދެއްކޭނެ ވާހަކައެއް ނެތެވެ. ނާމީ އެވަރަށް ބޭނުން ކުރި އިރުވެސް، ބައްޕައަށް އަދި ޝައުކަތަކަށް ވެސް މައްސަލައަކަށް ނުވި އެވެ. އެމީހުންނަށް މައްސަލަ އަކަށް ވީ ކޮއްކޮ ބަސްޓުވި ހިސާބުންނެވެ. ކޮއްކޮ ނުކުރާ ކަމެއްކަން އެނގިހުރެވެސް މެއެވެ. ދާއިން އިތުރު އެއްޗެއް ނުބުނެ އެތަނުން ހިނގައި ގަތެވެ. ދެން އޭނާ އެހީއަކަށް އެދި ދާނެ އެއްވެސް ތަނެއް ނެތެވެ. ހިތަށް ހަމަ ޖެހުމެއް މިވަގުތު ލިބޭނީ އެ ރިހުންތައް ބޭރު ވެގެންނެވެ.
މިމީ ފާޚާނާއަށް ވަދެފައި ނުކުތް އިރު އޭނާގެ ހާސްކަން ވަނީ އިތުރު ވެފަ އެވެ. ދެލޯ ރަތްވެ މީހާ ތުރުތުރު އަޅަމުން ދިއައިރު އޭނާގެ އަތުގައި ހުދު ކުލައިގެ ޕްލާސްޓިކް ކޮޅެއް ފަދަ އެއްޗެއް އޮތެވެ. އެއީ ޓެސްޓް ކިޓެވެ. މާހިންއަށް ސަޕްރައިސް އެއް ދޭން އޭނާ ތައްޔާރު ވަމުން އަންނަތާ ދުވަސް ކޮޅެއް ވެއްޖެ އެވެ. ދެދުވަހެއްގެ ތެރޭގައި އޭނާއަށް އެކަން ކަށަވަރު ވާނެ ކަމުގެ ޔަޤީންކަން އޮތެވެ. މިއަދު އެއޮތީ އެކަން ޔަޤީން ވެފަ އެވެ. އެހެން ނަމަވެސް އެއީ އެކަމަށް އޭނާ އެންމެ ބޭނުން ނުވި ވަގުތެވެ. އެއީ މާހިން ކިތަންމެ ވަރަކަށް ބޭނުން ވެގެން އުޅުނު ކަމަކަށް ވި ނަމަވެސް މިވަގުތު އެވާހަކަ ބުނެފިއްޔާ މާހިންގެ ހިތަށް އިތުރަށް އަނިޔާ ވާނެ އެވެ.
މަޑުމަޑުން ސިޓިންގް ރޫމަށް ނުކުމެވުނީ މީހެއްގެ ހިޔަނި ވާހެން ހީވެގެން ނެވެ. އޭރު ބޭރު ސޯފާގައި ލެނގިލައި، ހަށިގަނޑު ދޫކޮށްލައިގެން ދާއިން އިން ތަން ފެނުނެވެ. ބޭބެ އިން ގޮތުންވެސް މިމީގެ ހިތަށް ބިރުވެރި ކަން ވަދެގެން ދިއެވެ. މިމީ ފެނުމުން ދާއިން ތެދުވެ އިށީދެލި އެވެ.
" ކީކޯ ބައްޕަ ބުނީ؟"
މިމީ އުއްމީދާއި އެކު އަހާލި އެވެ. ދާއިން ބޯހޫރާލި އެވެ.
" ބައްޕަގެ އެހީތެރި ކަމެއް ނުލިބޭނެ!"
ނަފްރަތާ ހިތާމައާ ލަދުވެތި ކަމުން ފުރިފައިވާ ރާގެއްގައި ދާއިން އެހެން ބުނެލި އެވެ. ހަށިގަނޑުގައި، އަނގަ ލައްޕާލާހާ ވެސް ވަރު ނެތިފައި މިމީ ހުރީ އިންތިހާއަށް ކަންބޮޑުވެފަ އެވެ.
" ބައްޕަ ބުނީ 25 އަހަރުގެ ހުކުމެއް އަންނާނޭ....!"
ދެލޯ ބޮޑުކޮށްލި ގޮތަށް މިމީގެ ހަށިގަނޑަށް އައީ ހުއްޓުމެކެވެ. އެއާއި އެކު އޭނާ ހުރި ދިމާއަށް ތިރިވެއްޖެ އެވެ.
ނާމީއަށް އެ ޚަބަރު ލިބުމުން ހާސް ވީ އެތައް ސަބަބު ތަކަކަށްޓަކަ އެވެ. މާހިންގެ ފަރާތުން އެކަމުގެ ހަޤީޤަތް ބޭޒާރު ވެއްޖެ ނަމަ ލޫނާއާއި އޭނާއަށް ކައިވެނި ނުކުރެވި ދާނެހެން ހީވި އެވެ. ލޫނާއާ ލޫނާގެ މަންމަ އެ ކައިވެންޏާ ޤަބޫލު ނުވެދާނެހެން ހީވި އެވެ. އެހެން ކަމުން އެ ކައިވެނި އަވަސް ކުރާނެ ގޮތަކާއި ދޭތެރޭގައި އޭނާ ވިސްނި އެވެ.
އެނދުގައި އޮށޯވެލައިގެން މިމީ އޮތެވެ. ޑޮކްޓަރ އައިސްފައި އެދިއައީ ދެންމެ އެވެ. ދުރުގައި ހުރި ގޮނޑިއެއްގައި ދާއިން އިންއިރު މިމީ ގާތުގައި ތައުފީޤް އިނެވެ. ތައުފީޤްގެ މޫނުމަތީންވެސް އެއްވެސް ނުތަނަވަސް ކަމެއް ނުފެނެ އެވެ. އެއީ ދާއިން ވެސް ޙައިރާންވާން ޖެހުނު ސަބަބެކެވެ. ތައުފީޤް ބުނި ގޮތުގައި މާހިން ސަލާމަތް ކުރަން ޖައުފަރުމެން ވަރަށް މަސައްކަތް ކުރާނެ އެވެ. އޭނާ އެހެން އެބުނާ ސަބަބު ދާއިންއަށް ނޭގުނަސް މިމީއަށް އިނގެ އެވެ. ބައްޕަގެ އެންމެ ބޮޑު ބޭނުމަކީ މާހިން ސަލާމަތް ކުރުމެއް ނޫނެވެ. ޖައުފަރު މެން ބަދުނާމް ކުރުމެވެ. އެކަން ބައްޕަގެ ވާހަކައިން ނިކަން ރަނގަޅަށް ދޭހަވެ އެވެ. މިމީ ޤަބޫލު ކުރި ގޮތުގައި މިމީގެ ދިރިއުޅުމަކަށް ބައްޕައަކަށް ވެސް އިސް ކަމެއް ނުދެވުނެވެ. އެހެން ކަމުން ދެން މިމީވެސް ބައްޕަގެ އެހީތެރި ކަމަކަށް ނޭދޭނެ އެވެ. އެންމެ އަވަހަށް ކަން ކުރަން ވީ ގޮތަކާއި ދޭތެރޭގައި މިމީ މިހާރު ވިސްނައިފި އެވެ.
އެވާހަކައިގެ އަޑު އިވުމުން ޔޫހާ ވެސް ވަރަށް ދެރަވި އެވެ. ދާއިން އެވަރަށް ދެރަވެފައި ވަނިކޮށް އޭނާއަށް ދުވަހަކުވެސް ނުފެނެ އެވެ. ސިއްރުން ނަމަވެސް އެކަމާ އެންމެ ހިތާމަ ކުރީ ލޫނާ އެވެ. މާހިން އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން އޭނާއަށް އޮތްވަރަށް ދާއިން އަށް ވެސް ނޯންނާނެ އެވެ. އެނާ މާހިންއަށް އިތުބާރު ކުރަނީ ސަބަބަކާއި ނުލަ އެވެ.
ދާއިން ޔޫހާއަށް ކިތަންމެ ބޭނުން ވިއަސް ދާއިން އެދުނީ އެމީހުންގެ ކައިވެނި ލަސްކޮށްލުމަށެވެ. ކޮއްކޮއަށް ވަކި ގޮތެއް ނުވަނިސް އޭނާ އަކަށް ހިތްހަމަ ޖެހުމެއް ނުލިބޭނެ އެވެ. އެކަން ޔޫހާވެސް ޤަބޫލު ކުރި އެވެ.
ޖައުފަރު އޮފީހުގެ ޕާކިން އޭރިޔާގައި ކާރު ބޭއްވުމަށް ފަހު ކާރުން ފޭބި ވަގުތު އެންމެ ފުރަތަމަވެސް ފެނުނު މޫނަކީ ތައުފީޤްގެ މޫނެވެ. އޭނާގެ ދުވަސް އިތުރަށް ސުންޕާ ވެއްޖެ އެވެ. " ޕަރލް ބިލްޑިންގް" ގެ ޕާކިން އޭރިޔާގައި ޖައުފަރުގެ އިންތިޒާރުގައި ތައުފީޤް ހުރިއިރު އޭނާގެ މޫނުމަތީން ފާޅު ވަމުން ދަނީ ހިނިތުންވުމެކެވެ.
" މަރުހަބާ.... ޖައުފަރު! ދެދުވަހެއްގެ ތެރޭގަ މުޅި އާއިލާގެ ނަން ކުރީން އޮތް ފެންވަރަށް ވުރެ އަޑިއަށް ވެއްޓިގެން ހިނގާދާނެ!"
ތައުފީޤްގެ އަޑު އިވުމުން ޖައުފަރުގެ މޫނު މައްޗަށް އައީ އުޖާލާ ކަމެކެވެ.
" އެހެންތަ؟ ކަލޭ ހީކުރީ ކަލޭ މަގޭ ދަރި އަތުއަޅުވާލި މަޤްސަދު މަށަށް އޮޅިފަ އޮންނާނެ ކަމަށް ތަ! ހީކޮށްގެން ދޯ ތިހިރީ އޭނަ އަހަރުމެން ބަދުނާމް ކޮށްލާނެ ކަމަށް....؟ މާހިން އަކީ އަހަރެންގެ ލޭ..... އޭނައަކީ ކަލޭ ކަހަލަ ފިނޑި މީހެއް ނޫން.....އޭނަ ފުނޑުފުނޑު ވިއަސް..... އަހަރުމެންގެ ނަން އޭނަގެ ހިތަށް ވެސް ނާންނާނެ!"
ޔަޤީން ކަމާއި އެކު ޖައުފަރު އެބުނެލި ޖުމުލަ އަކީ ތައުފީޤަށް އަޑުއަހަން ފަސޭހަ އެއްޗަކަށް ނުވި އެވެ.
" ކަލޯ....! ކަލޭ އެއް ކުޅި ކުޅެލައިފިއްޔާ، އަހަރެން އިތުރަށް ހަ ކުޅި ކުޅެލަން ދަންނަން!.... އަހަރެންގެ އާއިލާ ބަދުނާމް ކުރަން ތި ޖެހި މަޅީގަ، ކަލޭގެ އާއިލާ ކުދިކުދި ވެގެން ދާތަން ބަލަން އަހަރެން މިހިރީ ފޫގަޅާލައިގެން. ގުޑްލަކް! "