" ދާއިންގެ ފަރާތުން މިވަރުގެ ކަމެއް އަހަރެން އުއްމީދެއް ނުކުރަން! އަހަރެން ކައިރީ ރީތިކޮށް ބުނެލި ނަމަ އެކަން ހަމަޖައްސާ ދެވުނީސް، އެކަމަކު ދެން ދާއިން އިންނަން ޖެހޭނީ އަހަރެން ހޯދާ މީހަކާ. އެހެން ނޫނީ ކައިވެންޏެއް ނުކޮށް ހުރޭ!"
އެހެން ބުނެފައި ޖައުފަރު ތެދުވެގެން ހިނގައިގެން ވަގުތު ކައިރީގައި ހުރި ޝީޝާ ވެސް ދިއައީ ބުރައިގެންނެވެ.

ބައްޕަގެ ރުޅިވެރިކަން ދާއިން އަށް ހައްޤެވެ. ދާއިން އުނދޯލީގައި އިށީނެވެ. އޭނާ ވިސްނާލަން ޖެހޭ ކިތަންމެ ކަމެއް އެބަހުއްޓެވެ. ބައްޕަ ޔޫހާ އާއި ޤަބޫލު ނުވާނެ އިތުރު ސަބަބު ތަކެއް ކުރިމަތިވީ އެވެ. ދުވަހަކުވެސް ޔޫހާ އަކަށް ދެން ބައްޕަ ޤަބޫލެއް ނުވާނެ އެވެ. މި ދަނޑިވަޅުގައި ޔޫހާގެ ވާހަކަ މަންމައަށް ވެސް އެނގިގެން ކަމަކު ނުދާނެ އެވެ. އެހެން ނަމަވެސް މި ވަގުތަކީ ދާއިންއަށް ޔޫހާއާ ގާތްކަން ބޭއްވުން މުހިންމު ވަގުތެކެވެ. ނާމީގެ ބާރު ޔޫހާގެ މައްޗަށް ވެރިވެދާނެކަމުގެ ބިރު އަދިވެސް ބޮޑެވެ. އެންމެ ފަހުން ޔޫހާ އާއި ބައްދަލު ވި ދުވަހުވެސް، އަދިވެސް ޔޫހާގެ ހިތުގައި ވާ އެއްޗެއް ސާފުކޮށް އިނގޭ ވަރެއް ނުވެ އެވެ. ޔޫހާ އާއި އެކަހެރި ގޮތެއްގައި ބައްދަލުވެ ރަނގަޅަށް ވާހަކަ ނުދެއްކެނިސް ދާއިންއަށް ޔަޤީން ކަމެއް ނުލިބޭނެ އެވެ. ދާއިން ޔޫހާ ދެކެ ލޯބިވާ ކަން ޔޫހާއަށް އެންގުނު ނަމަވެސް އަދިވެސް ޔޫހާއެ ލޯތްބަށް އިއުތިރާފެއް ނުވެ އެވެ. އަދި ޔޫހާގެ މަންމަ އެންމެ ބޭނުން ވަނީ ކޮން ގޮތެއް ކަމެއް ވެސް ނޭގެ އެވެ. ދާއިން ވިސްނަމުން ދިއަ އެވެ. އޭނާ ބޭނުން ވަނީ ޔޫހާގެ ދުލުން އެހެން ބުނާ އަޑު އަހާށެވެ. ހަތަރު ކަޅި ހަމަކޮށްގެން ހުރެ އިއުތިރާފް ވާތަން ދެކިލާށެވެ. އޭނާ އާއި ބައްދަލު ކޮށް، ދެން ކަން ކުރާނެ ގޮތް ރާވާށެވެ. ޔޫހާގެ ކައިރިއަށް އަނެއްކާވެސް ދާންވީ އެވެ. އެއަށް ފަހުގައި ބައްޕަގެ ރުހުން ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރާނީ އެވެ.

ކާމޭޒު ދޮށުގައި މާހިން ގިނައިރު ވާން ފެށުމުން ޒިޔާދާ ގެ ބޮލުގައި ރިއްސާލައިފި އެވެ. މާހިން ކައި ނިމިގެންވެސް ތަށީގައި އޫ ކާއްތާލަ ކާއްތާލާ އެއިންނަނީ މަންމަ ގާތުގައި ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުން ވެގެން ކަން އެނގުނެވެ. މަންމަ އައިސް ބުރަކަށީގައި އަތް ޖައްސާލުމުން މާހިންއަށް އިތުރު ހިތްވަރެއް ލިބުނެވެ. އޭނާ ކައިރީގައި ހުރި ގޮނޑި ދަމާލަމުން މަންމައަށް ދައްކާލި އެވެ. ޒިޔާދާ އެތަނުގައި އިށީނީ ދަރިފުޅު ދައްކަން އުޅޭ ވާހަކަ އަޑު އެހުމުގެ ޝައުޤު ގައެވެ.

" މަންމް!"
މާހިން ވާހަކަ ދެއްކީ އިސް ޖަހައިގެން އިނދެ އެވެ. އޭނާގެ މޫނު މަތީން ފެނިގެން ދިއައީ ލަދުރަކި ކަމެވެ. މަންމަ ގާތުގައި އެވާހަކަ ފަށާނެ ގޮތެއް އޭނާއަކަށް ވެސް ނޭގެ އެވެ.

" މަންމައާ ބައްދަލު ކޮށްލަން ބޭނުން ވެގެން އެބައުޅޭ ކުއްޖަކު!" 
ޒިޔާދާގެ މޫނު މަތީން އުފާވެރިކަން ފާޅުވެގެން ދިއަ އެވެ. އޭނާ އެ ވާހަކައަށް އިންތިޒާރު ކުރާތާ ކިތަންމެ ދުވަހެކެވެ. 
" ކޮން ކުއްޖެއް!"
" މިމީ! "
މާހިން އިސްނަގާ މަންމަގެ މޫނަށް ބަލާލި އެވެ.
" ކޮން އިރަކުން ގެންނަންވީ؟"
މާހިން އަހާލީ ހިނިތުން ވުމަކާއި އެކުގަ އެވެ. 
" ބައްޕަ އާ ބައްދަލު ކުރަން ވާންނުން؟"
ބައްޕަގެ ވާހަކަ އަޑު އިވޭއިރަށް މާހިން ކަންބޮޑު ވި އެވެ. ބައްޕައަށް މިމީ ކަމު ނުދާނެކަން އިނގޭތީ އެވެ.
" މިމީ އަކީ ވަރަށް އާދައިގެ ކުއްޖެއް! ބައްޕަ ބޭނުން ވާ ކަހަލަ ކުއްޖެއް ނޫން!"
މާހިން އެބުނި އެއްޗަކަށް ޒިޔާދާ ވެސް ވިސްނާލަން ޖެހުނެވެ. ޖައުފަރަކީ ފާޑެއްގެ މީހެކެވެ. 
" އެކަމަކު ބައްޕަ އަށް ފަހުން އެނގިއްޖެއްޔާ ވެސް ކަމަކު ނުދާނެ... ރަނގަޅުވާނީ އަވަހަށް ބައްޕައާ ވާހަކަ ދައްކާލީއާ"
މަންމަގެ ވާހަކަ މާހިން ޤަބޫލު ކުރި އެވެ. 

މާހިން ބޭރަށް ނުކުތް އިރު ބައްޕަ އުނދޯލި ގޭގައި އިނެވެ. ފަހަކަށް އައިސް ބައްޕަ ގޭގައި އުޅޭ ގިނަ ވަގުތު ތަކަކީ އެތަނުގައި އެކަނި މައިއެކަނި އިންނަ ވަގުތުތަކެވެ. ކޮންމެވެސް ކަމަކާ މާ ބޮޑަށް ފިކުރު ކުރަނީ ކަން އެނގުނެވެ. އެހެން ނަމަވެސް މަންމަ ބުނިހެން އެވާހަކަ ދައްކާލުން މުހިންމެވެ. މާހިން ގޮސް ބައްޕަގެ ކުރިމަތީގައި ހުރި ސޯފާގައި އިށީނެވެ. 

" ވާހަކައެއް ބުނެލަން"
ހިތްވަރުގަދަ ފިރިހެން ކުއްޖެކެވެ.
" ބައްޕަ އާ ބައްދަލު ކޮށްލަން ކުއްޖަކު ގެންނަން ވެގެން. އޯކޭ ވާނެތަ؟"
މާހިން އަހާލި ގޮތުން ޖައުފަރުގެ ހިތް މަޑުވި އެވެ. 
" އަންހެން ކުއްޖެއް؟"
ޖައުފަރު އަހާލީ ހިނިތުން ވުމަކާއި އެކުގަ އެވެ. މާހިން ބޯ ޖަހާލި އެވެ. ދުވަހަކު ވެސް މާހިން އަންހެން ކުއްޖަކު ގެއަކަށް ނުގެނެ އެވެ.
" އާ ޔޫ ސީރިއަސް؟"
ޖައުފަރު އަހާލި އެވެ. އަނެއްކާވެސް މާހިން ބޯ ޖަހާލި އެވެ. ދަރިފުޅުގެ ނިންމުން ބަލާލާ ހިތުން އޭނާވެސް ވަނީ ކެތް މަދުވެފަ އެވެ.

" މިރޭވެސް ރަނގަޅުވާނެ!"
ޖައުފަރު ބުނެލި އެވެ. މާހިން ފުން ނޭވާއެއް ދޫކޮށްލި އެވެ. ބައްޕަ ގާތުގައި އަދި އޭނާ ބުނަން ބޭނުން ވާހަކައެއް އެބައޮތެވެ.
" މިމީ އަކީ މާލޭ ކުއްޖެއް، އެކަމު އެހާ ފޯރާ ބައެއް ނޫން. މަންމަ ނިޔާވެފަ. އޭނަ ގެންގުޅެނީ ބައްޕައާ މާމަ!"
މާހިން އާއި ދިމާއަށް ބަލަހައްޓައިގެން ޖައުފަރު އިނެވެ. އޭނާ އިނީ އެހާ ހިތްހަމަ ޖެހިފައި ނޫން ނަމަވެސް މިފަހަރު ދަރިފުޅުގެ އެއެދުމަށް އެއްބާރުލުން ދޭން އޭނާ ބޭނުން ވިއެވެ.
" މައްސަލައެއް ނެތޭ....! މާހީއަށް ވާ ބައްޕަ ގާތު ތެދުތެދަށް ބުނެވިއްޖެ އެއްނުން! ބޭބެއަށް ނުވި އެވަރުވެސް....! ޓެލް ހޭ ޓު ކަމް ފޯ ޑިނަރ ޓުނައިޓް!"
ބައްޕަ ދިނީ މާހިން ހީވެސް ނުކުރާ ފަދަ ޖަވާބެކެވެ. މާހިން އުފަލުން ގޮތެއް ނެތެވެ. އޭނާ އަވަސް ވެގަތީ މިމީއަށް އެ ޚަބަރު ދޭށެވެ.

ނާމީ ބޯ ހަލާކު ވާ ވަރު ވެއްޖެ އެވެ. ލޫނާއާއި ކައިވެނި ކުރުމަކީ އޭނާއަށް ބޮޑު އަހުވައަކަށް ނޫނީ ނުވާނެ އެވެ. ލޫނާއާއި ކައިވެނި ކޮށްގެން ޔޫހާގެ ކުރިމަތީގައި އުޅެން ވެއްޖެނަމަ އޭނާއަށް ވާނީ ބޮޑު އަޒާބަކަށެވެ. އެއަށް ވުރެ ރަނގަޅުވާނީ ދެން އެތަނުން ސަލާމަތް ވުމެވެ. ނާމީ މިހާރު ބޭނުން ވަނީ މާލެ ދާށެވެ. ޔޫހާ ދެކެ ކިތަންމެ ލޯބި ވިއަސް މިހާރު އެވާހަކަ ދައްކާކަށް އޭނާއަކަށް ވެސް ނުކެރެ އެވެ. ޔޫހާ ނާމީ ދެކެނީ އެހެން ގޮތަކަށެވެ. އިސް އުފުލާލިއިރު ފެނުނީ ޔޫހާ ބަލަހައްޓައިގެން ހުރި ތަނެވެ. ކުރިމަތީގައި ޔޫހާ ހުރީ ކޮފީ ތައްޓެއް ހިފައިގެންނެވެ. އެއީ ނާމީ ނުބުނަނިސް ނާމީއަށް ޔޫހާ ކޮފީ ތައްޓެއް ހަދައިދިން ފުރަތަމަ ފަހަރެވެ. ޔޫހާ ކޮފީ ތަށި ދިއްކޮށްލުމުން ނާމީ ހިފި އެވެ. އެއްވެސް ހައި ކަމެއް ނެތަސް އެ ކޮފީ ތަށި ބޯލާ ހިތް ވިއެވެ. ޔޫހާ ނާމީގެ ކުރިމަތީގައި އިށީނީ ހިނިތުން ވުމަކާއި އެކުގަ އެވެ. އެރީތި ހިނިތުން ވުމަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނެވެ. އޭނާއަށް އެރީތިކަން މިލްކު ކުރެވޭނަމަ ކިހާ ހެޔޮ ހެއްޔެވެ!

" ކަމަކު ބުނަން މިއުޅެނީ!"
ޔޫހާގެ އަޑު އިވުމުން ނާމީއަށް އުނދަގޫވި އެވެ. ބުނެފާނެ އެއްޗަކާއި ދޭތެރޭ ކަންބޮޑު ވިއެވެ.
" ކޮއްކޮ ޔާ މެރީ ކުރަން އެއްބަސް ވެ ބަލަ. ކޮއްކޮ ނާމީ ދެކެ ވަރަށް ލޯބި ވެޔޭ!"
ޔޫހާ ޖެހިލުމެއް ނެތި އެހެން ބުނުމުން ޔޫހާގެ ހިތުގައި ނާމީއާއި ދޭތެރޭގައި އެއްވެސް އެއްޗެއް ނެތްކަން ސާބިތު ވިއެވެ. ނާމީ މިވަގުތުވެސް ބޭނުން ވަނީ ޔޫހާ ދެކެ ލޯބިވާ ވާހަކަ ބުނާށެވެ. އެހެން ނަމަވެސް އެހެން ބުނުމަކުން ދެން ވާނެ ފައިދާއެއް ނެތެވެ. އެއީ ޔޫހާއަށް ނޭގޭ އެއްޗެއް ނޫނެވެ. އެއްޗެއް ނުބުނެ ދާއިން އިންނަން ފެށުމުން ޔޫހާ ތެދުވެގެން ދިއައީ އެވެ. ކޮޓަރިއަށް ވަން އިރު ލޫނާ އިނީ ފޯނަށް ބަލާށެވެ. އޭނާގެ ފޯނަށް އައި މެސެޖް ކިޔާލުމަށް ފަހު ދޮންތީއަށް ބަލާލި އެވެ.

" މިރޭ ނާމީއާއެކީ ޑިނަރ އަށް ދާންވީއޯ!"
ހިނިތުން ވުމަކާއި އެކު ލޫނާ އެހެން ބުނެލުމުން އުފާވެރިކަން ފެނިގެން ދިއައީ ޔޫހާގެ މޫނު މަތީން ނެވެ. އޭނާ ހީކުރީ އޭނާގެ ބަސް ނާމީ ޤަބޫލު ކުރީ ކަމަށެވެ. 

ރޭގަނޑުގެ ވަގުތެވެ. ޖައުފަރާއި ޒިޔާދާ ތިބީ މާހިންގެ އިންތިޒާރު ގައެވެ. މާހިންއާއި އެކު މިމީ ފެނުމުން ޒިޔާދާގެ މޫނުމަތީން އިންތިހާ އުފާވެރިކަން ފާޅުވެގެން ދިއަ އެވެ. އަންހެން ދަރިއަކަށް އިންތިޒާރު ކުރަމުން އަންނަ މަންމައަށް މިމީ އަކީ ރަނގަޅު ހަދިޔާ އެކެވެ. މިމީގެ ރީތި ކަމާއި ފުރިހަމަކަން އަދި އޭނާގެ ރީތި އަދަބު ތައް ފުރަތަމަވެސް ފާހަގަ ވެގެން ދިއަ އެވެ. ކުރިއަށް ޖެހިލާ މިމީއާއި ސަލާމް ކޮށްލަން އަތް ދިއްކޮށްލީ ޖައުފަރެވެ. ބައްޕައަށް މިމީ ކަމު ގޮއްސިކަން މާހިންއަށް ފާހަގަ ކުރެވުނެވެ. 

" ތިކުދީން ކައިވެނި ކުރަން ބޭނުން ވަންޏާ، އައި ޑޯންޓް ސީ ވައި ވީ ޝުޑް ވައިޓް! މިމީގެ ބައްޕަ އާ ބައްދަލު ކޮށްލަން ބޭނުން!"
މިމީއާއި ދިމާއަށް ހިނިތުން ވެލަމުން ބައްޕަ އެބެހެއްޓި ގާތް ކަމަށްޓަކައި މާހިންގެ އިތުރުން މަންމަވެސް އުފާވި އެވެ. ޖައުފަރުވެސް އަންހެން ދަރިއަކު ބޭނުން ވެފައިވާވަރު އެ އެނގުނީ އަދިކިރިޔާ އެވެ.

ލޫނާއާއި ނާމީ ތިބީ އެޑްވާންސް ރެސްޓޯރެންޓް ގެ މޭޒު ކައިރީގަ އެވެ. ބަހެއް ނުބުނެ އިރުކޮޅެއް ވުމަށް ފަހު ވާހަކަ ދެއްކީ ނާމީ އެވެ. 
" އަހަންނަށް އިނގޭ ލޫނާ އަހަރެން ދެކެ އަސްލުގަ ލޯބި ނުވާކަން!"
ލޫނާ ނާމީއާއި ދިމާއަށް ބަލަން އިން ނަމަވެސް އެ ދެލޮލުގައި އެއްވެސް އަސަރެއް ނެތެވެ.
" އަހަންނަށް އިނގޭ ލޫނާ ތިއުޅެނީ ދާއިންއަށް ދޮންތީ ދޭނެ ގޮތެއް ހޯދަން ކަން!"
ހީވީ ލޫނާގެ ހިތުގައި ވާ ސިއްރުތައް ނާމީ ދަމައިގެން ހެންނެވެ. އޭނާގެ މޫނުމަތި ރަތް ވެގެން ދިއަ އެވެ. 
" އަހަރެން..... އެވަރުގެ ކަމެއް ކޮށްފާނެތަ؟"
ލޫނާއަށް ވީ ގޮތް ފޮރުވުމަށްޓަކައި ލޫނާ ބުންޏެވެ. 
" ޔަޤީންތާ! ލޫނާއަށް އަހަރެން ކަމުދާންވީ ސަބަބެއް ނެތް.....! ހަމަ ގައިމުވެސް އަހަރެން ނަކަށް ލޫނާ ކަމަކު ނުދޭ!" 
އެހެން ބުނެފައި އިތުރު ބަހެއް ނުބުނެ ނާމީ ދާން ހިނގައިގަތީ އެވެ. ނާމީ ތެދުވެގެން ދިއުމުން ލޫނާ ވަރަށް ޙައިރާން ވިއެވެ. އަދި ކަންބޮޑު ވިއެވެ. އެގޮތަށް ރޭގަނޑުގެ ގަޑީގައި ބޭރު ތަނަކަށް ގެނެސް ލޫނާ އެކަނި ބައިންދާފައި ނާމީއަށް ދާން ކެރޭނެ ކަމަކަށް ލޫނާ ހިއެއްވެސް ނުކުރެ އެވެ.

ގަޑިން ދޭއް ޖެހުމާއި ގާތް ވެއްޖެ އެވެ. ޔޫހާއާއި ހައިފާވެސް ތިބީ ހާސްވެފަ އެވެ. ނާމީ އަދިވެސް ލޫނާ ގެއަށް ނުގެންނަނީ އެވެ. ލޫނާގެ ފޯނަށް އަދި ނާމީގެ ފޯނަށް ވެސް އެތައް ފަހަރަކު ގުޅިއްޖެ އެވެ. ޚަބަރެއް ނުވެއެވެ. އެންމެ ފަހުން ޔޫހާ ގޮސް ނާމީގެ ކޮޓަރީގެ ދޮރުގައި ތަޅާލި އެވެ. ދެފަހަރަކު ބާރަށް ޖަހާލުމުން ނާމީ ދޮރު ހުޅުވާލި އެވެ. ނާމީ ހުރި ގޮތުން އޭނާ އެތެދުވީ ނިދާފައި ކަން އެނގުނެވެ. ޔޫހާ ޙައިރާން ކަމާއި އެކު ކޮޓަރީގެ ތެރެއަށް ބޯ ދިއްކޮށްލި އެވެ. ނާމީ ކޮއްކޮ ގޮވައިގެން ނިދީ ހެއްޔެވެ! އެއީ ވާނެ ކަމެއް ނޫނެވެ. އެތެރެއަށް ބަލާލިއިރު އިތުރު މީހަކު ނުފެނުނެވެ.

" ކޮބާ ކޮއްކޮ؟"
ޔޫހާ އެހެން ބުނުމުން ނާމީ ނިއްކުރިއަށް ރޫގިނަ ކޮށްލި އެވެ. 
" ކޮބާތަ؟ ނާދޭތަ؟"
ޔޫހާ ބިރުން ތުރުތުރު އަޅައިގަތެވެ. އެ އިންޑިޔާގައި އޭނާއަށް ދިމާވި ގޮތް އޭނާ އަދި ހަނދާން ނުނެތެ އެވެ. އެވަގުތު ނާމީގެ ފޯނު ރިންގް ވާން ފަށައިފި އެވެ. އެއީ އިންޑިއާ ނަންބަރެކެވެ. ނާމީގެ ހިތްވެސް ތެޅިގަތެވެ. ނާމީ ފޯނު ކަންފަތުގައި ޖެހި އިރު ލޫނާގެ ހަޅޭކުގެ އަޑު ޔޫހާއަށް ވެސް އިވިގެން ދިއަ އެވެ!
(ނުނިމޭ)

ކޮމެންޓް 0