ނާމީ ލޫނާގެ ކޮނޑުގައި ހިފަހައްޓާލަމުން ލޫނާ ގާތަށް ގެނެސް އޭނާގެ މޭގައި ޖައްސާލި އެވެ. ލޫނާއަށް ލިބުނު އެހީތެރިކަމަކީ މިވަގުތު އޭނާއަށް ބޭނުން އެހީތެރި ކަމެކެވެ. ނާމީގެ މޭގައި ލޫނާއަށް މޫނު ޖައްސާލެވުނެވެ. ހޫނު ކަރުނަތިކިތަކުން ނާމީގެ މޭމަތި ތެމެމުން ދިއައިރު ނާމީގެ ހިތުގައި ރިހެމުން ދާވަރު ލޫނާއަށް އިޙުސާސް ކުރެވޭބާ އެވެ! ލޫނާ މާހިން އަށް އެދޭ ވަރު މިއަދު ނާމީއަށް ރަނގަޅަށް އިޙުސާސް ކުރެވިއްޖެ އެވެ. ނާމީއަށް އިތުރު އެއްޗެއް ބުނާނެ ހިތްވަރު ނުލިބުނީ އެހެން ވެއެވެ.
ދާއިން ގެއަށް އައިސް ވަނުމާއި އެކު ކުރިމަތިލާން ޖެހުނީ ބައްޕަ އާއެވެ.
" މަންމައަށް ވެސް އަންގާފަ އޮންނާނީ މާހިންއާ ވާހަކަ ދެއްކިއަސް ދެން އަހަންނާ ގުޅުން ކެނޑުނީ ކަމަށް!"
ދާއިންއާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ރުޅިގަދަވެފައި ޖައުފަރު ބުންޏެވެ.
" ދާއިންވެސް މިކަން ދަންނާތި! އަހަރެންނާ ގާތްކަމެއް ބާއްވަން ބޭނުން އެކަކުވެސް މާހިންއާ ގުޅުން ބާއްވައިގެން ނުވާނެ!"
ބައްޕަ އެވަރަށް ރުޅިގަދަވެފައި ހުއްޓާ ދާއިންއަށް ދުވަހަކުވެސް ނުފެނެ އެވެ. ހިތުގައި ސުވާލު ތަކެއް އުފެދުނެވެ. އެހެން ނަމަވެސް އެއްޗެއް ބުނަން އަނގަހުޅުވާލަން ވެސް ނުކެރުނެވެ.
ރޭގަނޑުގެ ކެއުމުގައި ބައްޕަ ބައިވެރި އެއް ނުވެއެވެ. ކާމޭޒު ދޮށުގައި އިން ނަމަވެސް ދާއިން އަކަށް ވެސް ނުކެވުނެވެ. ދުރުގައި ހުރެ މަންމަ ގިސްލާ އަޑު ދާއިން އަށް އިވެމުން ދިއައެވެ. މަންމަގެ ހިތްދަތި ވާނެ ވަރު ދާއިން އަށް އިނގެއެވެ. އެންމެ ކަންބޮޑުވާނީ ކޮއްކޮއާއި ބެހޭ ގޮތުން މައުލޫމާތެއް ލިބިފައި ނެތުމުންނެވެ.
" މަންމަ ކަންބޮޑު ނުވައްޗޭ! ކޮއްކޮ އޯކޭއޭ!"
ދާއިން އެހެން ބުނުމުން ޒިޔާދާ އައިސް ދާއިންގެ ކުރިމަތީގައި އިށީނެވެ. މާހިންއާއި ބެހޭ މައުލޫމާތެއް ދާއިންއަށް އިނގޭ ހެއްޔެވެ؟ ގޭން ނުކުމެގެން ދިއައީއްސުރެ އޭނާގެ ފޯނުވެސް ވަނީ ނިވިފަ އެވެ!
" ކޮންތާކު ވީ! ކީއްވެ ފޯނުން ނުގުޅެނީ!"
ޒިޔާދާ އަވަސް އަވަހަށް ސުވާލު ކުރި އެވެ.
" ބައްޕަ އެ ނަންބަރު ކެންސަލް ކޮށްލައިފި! ވައިބަރ އިން ގުޅޭ. މާދަމާ އެހެން ނަންބަރެއް ނަގާނެ!"
ޖައުފަރުގެ އެއްވެސް އެއްޗެއް މާހިންއަށް ދޭން ބޭނުން ނުވީކަން ޒިޔާދާއަށް އެނގުނެވެ.
" ކޮއްކޮ ހުންނާނެ އަހަރެންގެ އެޕާރޓްމެންޓްއެއްގަ ބަހައްޓާފަ..... ދުވަސް ކޮޅަކުން ބައްޕަ ހަމަޖެހިދާނެ!"
އުއްމީދާއި އެކު ދާއިން ބުނެލި އެވެ.
" ނުޖެހޭނެ!"
ޔަޤީން ކަމާއި އެކު ޒިޔާދާ ބުނުމުން ދާއިންގެ ހިތުގައި އިތުރަށް ސުވާލު އުފެދުނެވެ.
" ދުވަހަކުވެސް ތައުފީޤްގެ ދަރިއަކާ ދޭތެރޭ ބައްޕަގެ ހިތެއް ހެވެއް ނުވާނެ! ބައްޕައަށް ހީވަނީ ތައުފީޤް އެ އުޅެނީ ބަދަލު ހިފަން ކަމަށް!"
ޒިޔާދާގެ ވާހަކައަށް ދާއިންގެ ސަމާލު ކަން އިތުރު ވެގެން ދިއަ އެވެ.
" ކޮން ކަމަކަށް؟"
" ބައްޕަ ތައުފީޤަށް ހަދާލި ގޮތުގެ ބަދަލު! "
ޖައުފަރުގެ ވާހަކަ ދަރިއެއްގެ ގާތުގައި ޒިޔާދާ އެދައްކަނީ އަލަށެވެ. ދާއިން މަންމައަށް ވަގުތު ދީގެން ހިމޭނުން އިނެވެ. އެވާހަކަ އެކީގައި އަޑުއަހާލަން ބޭނުން ވެފަ އެވެ.
" ތައުފީޤްގެ ވިޔަފާރި ބައްޕަގެ ނަމަށް ބަދަލުކޮށް އޭނަގެ ހުރިހާ އެއްޗެއް ބައްޕަ އަތުލީމަ، ތައުފީޤް އެ މައްސަލަ ޝަރީއްޔަތަށް ލާން އުޅެން ފެށީމަ ބައްޕަ ބެދިދާނެތީ..... ބައްޕަ ކުރި ކަމަކީ ނުފޫޒުގަދަ ބަޔަކާ ގުޅިގެން ތައުފީޤްގެ ބޮލުގަ ބޮޑު ތުހުމަތެއް އަޅުވާފަ ދިގު މުއްދަތަކަށް ތައުފީޤް ޖަލަށް ލީ. އެވަރުންވެސް އެ ނިމުނީއެއް ނޫން.. "
ވާހަކަ އިތުރަށް ކުރިއަށް ނުގެންދެވިގެން ޒިޔާދާ އިސްޖަހާލި ވަގުތު ޒިޔާދާގެ ދެލޮލުން އޮހޮރިގެން ދިއަ ކަރުނަ ތިކިތައް ދާއިންގެ ހިތުގައި އިތުރު ހާސް ކަމެއް އުފައްދައިފި އެވެ. އިސް އުފުލާލިއިރު މަންމަގެ މޫނު ވަނީ އިތުރަށް ރަތް ވެފަ އެވެ. އެވާހަކަ ދައްކަން މަންމަ ލަދުގެންފައި ވާވަރު އެ މޫނު މަތީން ރީތި ކޮށް ހާމަ ވަމުން ދިއައެވެ.
" އޭރު ތައުފީޤްގެ ހަ އަހަރުގެ ކުޑަ ކުއްޖަކުވެސް ހުރި! ހުރިހާ އެއްޗެއް ގެއްލި ފިރިމީހާ ވެސް ޖަލަށްލާ ބިކަވެ، ދަރިފުޅަށް ކާއެއްޗެއްވެސް ދެވޭނެ ފެންވަރު ނެތިގެން، ނީނާ އެހީ އަކަށް އެދި ސަލާމް ޖަހަން ޖައުފަރު ގާތަށް އައީ!"
އެހެން ބުނިއިރު ޒިޔާދާގެ ހަށިގަނޑުގައި ވަނީ ތުރުތުރު ލުމެއް އުފެދިފަ އެވެ. އެވާހަކަ އަކީ އޭނާ ދައްކަން ބޭނުން ވާހަކައެއް ނޫނެވެ. އެ މަންޒަރު ތަކަކީ އޭނާގެ ދެލޮލަށް ފެނިފައިވާ މަންޒަރު ތަކެއް ކަން އިނގޭ މީހަކު މި ދުނިޔޭގައެއް ނުހުންނާނެއެވެ. އެދުވަހުގެ އެ ހަނދާން ތައް އޭނާއަށް ޒަހަރު ފަދަ އެވެ.
އެއީ ވިއްސާރަ ދުވަހެކެވެ. ގަދައަށް ވިދާ ގުގުރަމުން ދިއަ އެވެ. ގޭގައި އުޅެނީ ޖައުފަރު އެކަންޏެވެ. އެވަގުތު ޒިޔާދާވެސް ވީ ދެކުދީންނާއި އެކު އޭނާގެ މަންމަ ގޭގަ އެވެ. ވިއްސާރަ ކަމުން ކުދީން ގޮވައިގެން އެރޭ ގެއަށް ނާންނާނެ ކަމަށް ޖައުފަރު ގާތުގައި ބުނި ނަމަވެސް ހިޔާލު ބަދަލު ކޮށްލަން ޖެހުނީ ކުދީންގެ ބައެއް މުހިއްމު ސާމާނު ގޭގައި ބަހައްޓާފައި ދެވުނީތީ އެވެ. ކުދީންކޮޅު މަންމައާއި ހަވާލު ކޮށްފައި ގެއަށް ޖެހިލާފައި އަންނަން ނިންމުނުކަން އެއީ އެ ނާމާން އެމަންޒަރު ލޮލަށް ފެންނަން ދިމާވި އިއްތިފާޤެވެ.
ގޭގެ ދޮރު ހުޅުވާލުމަށް ފަހު ޒިޔާދާއަށް ހުއްޓެވުނީ ނީނާ ފެނުމުންނެވެ. ނީނާ ހުރީ ދޮރަށް ފުރަގަސް ދީގެންނެވެ. އޭނާ ލައިގެން ހުރި ހެދުންވެސް ވަނީ ތެމިފަ އެވެ. އެކަން އެންމެ ބޮޑަށް ޔަޤީންވީ ޖައުފަރުގެ ނަޒަރު ނީނާގެ ހަށިގަނޑަށް ދޫކޮށްލާފައި ހުރި ޝައުގުވެރި ގޮތުންނެވެ. ޖައުފަރުގެ މޫނުމަތީން ފެންނަމުން ދިއަ ނުލަފާ ވިހަ އަސަރުންނެވެ. ޒިޔާދާ މަޑުމަޑުން ބޮޑު ދޮރު ލައްޕާލުމަށް ފަހު ކުޑަދޮރާއި ގާތްވެލީ ޖައުފަރުގެ ނިޔަތާއި ދޭތެރޭގައި ޝައްކު އުފެދުނު ވަރުންނެވެ.
ކުޑަދޮރުގެ ތޭރި ތަކުގެ އެހީގައި ގޭތެރޭގެ މަންޒަރު ޒިޔާދާއަށް ފެންނަމުން ދިއަ އިރު ނީނާގެ ވޭނީ އަޑު އޭނާއަށް އިވެމުން ދިއައެވެ.
" އަޅުގަނޑުގެ ދަރިފުޅަށްޓަކައި ތައުފީޤް ސަލާމަތް ކޮށްދީ! އަޅުގަޑުގެ ދަރިފުޅަށް ދޭނެ ކާއެއްޗެއްވެސް މިވަގުތު އަޅުގަނޑުގެ އަތުގަ ނެތް! އެ ކުއްޖާއަށް ރަޙުމް ކުރޭ! އެކުއްޖާ ހާންތި ވެގެން ރޯ ރުއިމަކީ މައި ލަނގޮޑިއަށް ކެތްވާވަރުގެ ކަމެއް ނޫން!"
ތެމި ފޯވެފައި ވާ ނީނާ، ރޮމުން ތުރުތުރު އަޅަމުން ވާހަކަ ދައްކަމުން ގޮސް ބިމުގައި ކަކޫ ޖަހާ އިށީންތަން ޒިޔާދާއަށް ފެނުނެވެ. ކުޑަ ދަރިއަކު އެހާލުގައި ޖެހުމުން މައިމީހާއަށް ކުރާނެ އަސަރު ޒިޔާދާއަށް ރަނގަޅަށް އިޙުސާސް ކުރެވުނެވެ. ނީނާ ތިރިވުމުން ޖައުފަރަށް އިތުރު ފުރުސަތެއް ލިބުނެވެ. ޖައުފަރު ނީނާއާއި ގާތަށް ޖެހިލުމަށް ފަހު އޭނާއާއި ދިމާއަށް ގުދުވެލީ ދަހިވެތި ބެލުމަކާއި އެކު އެވެ. އެވަގުތު ނީނާއަށް މޭމަތީގައި އަތްޖައްސާލެވުނެވެ. އޭނާގެ ހަށިގަނޑު ނިވާކޮށްލުމަށް ޓަކައެވެ. ޖައުފަރުގެ އެނިޔަތް ހާމަވެގެން ދިއަ ހިނދު ނީނާގެ މޫނުމަތީން ނުތަނަވަސްކަން ފާޅުވެގެން ދިއަތަން ޒިޔާދާއަށް ފެނުނެވެ.
ކުއްލިއަކަށް ކުރިއަށް ޖެހިލާ ތައުފީގް ނީނާގެ އަތުގައި ހިފެހެއްޓި އެވެ.
" ކޯޗެއް ތި ފޮރުވަނީ؟ "
ޖައުފަރުގެ އެ އަމަލުން ނީނާގެ ހިތުގައި އުފެދުނު ބިރުވެރިކަމާއި އެއްވަރުގެ ބިރުވެރި ކަމެއް ޒިޔާދާގެ ހިތުގައި ވެސް އުފެދިގެން ދިއަ އެވެ. ޖައުފަރަކީ ނުބައި އާދަތަކެއް ހުރި މީހެއް ނަމަވެސް އެފެންވަރުގެ މީހެއް ކަމެއް ޒިޔާދާ އަކަށް ކުރިއަކުން ނޭގެ އެވެ.
ނީނާ ފުންމައިގެން ތެދުވަމުން ޖައުފަރުގެ އަތް ފޮޅުވާލަން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް އެއަށް ވުރެ ޖައުފަރު ހުޝިޔާރެވެ. ހަދާލި ގޮތަކުން ރަނގަޅަށް ނީނާ އޭނާގެ އަތްދަށު ކޮށްލައިފި އެވެ.
" މީހެއްގެ ކައިރިން ކަމެއް ބޭނުން ވެގެން އުޅެންޏާ، ބަދަލު ގަ ޖެހޭނެ ކަމެއް ކޮށްދޭންވެސް!"
ނީނާ ޖައުފަރުގެ އަތް ދަށުން ސަލާމަތްވާން މަސައްކަތް ކުރަމުން ދިއަ އެވެ.
" މާ ބޮޑު ކަމެއް ނޫނޭ، އެންމެ ފަސް މިނެޓް!"
ޖައުފަރުގެ މުޑުދާރު ކަމުގެ ސަބަބުން ޒިޔާދާއަށް ލޯ ހުޅުވާލަން ވެސް ނުކެރުނެވެ. ތެޅިތެޅި އޮތް ނީނާ ރަޙުމްކުޑަ ޖައުފަރުގެ ޝިކާރަ އަކަށް ވެނިމިގެން ދިއައީ ޒިޔާދާގެ ލޮލުގެ ކުރިމަތީގަ އެވެ.
ޒިޔާދާއަށްޓަކައި އެ ހަނދާން ތަކަކީ ބިރުވެރި ހަނދާން ތަކެކެވެ. ޒިޔާދާ ޖައުފަރަށް ނަފްރަތު ކުރަން ފެށީ އެހާ ހިސާބުންނެވެ. ޖައުފަރު ވެގެން ދިއައީ އޭނާ ހީކުރި ކަހަލަ މީހަކަށް ނޫނެވެ. ކައިވެނި ކުރީ ދެފަރާތުގެ އާއިލާގެ އެދުމަށެވެ. ދަރީންނަށްޓަކައި ކެތް ކުރި ނަމަވެސް އޭގެ ފަހުން އެދެމަފިރީންގެ ދެމެދުގައި މާ ބޮޑު ގުޅުމެއް ނެތެވެ. ޒިޔާދާއަށް އެ މަންޒަރު ފެނުނު ކަމެއް އަދިވެސް ޖައުފަރަށް ވެސް ނޭގޭނެ އެވެ. ނުދެނަހުރި ކަމަށް ހަދައިގެން ޖައުފަރު ހުރި ނަމަވެސް ހުރިހާ ހަޤީޤަތެއް ޒިޔާދާއަށް އިނގެ އެވެ. ނީނާގެ މަރުގެ ޒިންމާވާން ޖެހޭ މީހަކީ ދެވަނަ ދެމީހެއް ނޫނެވެ. ޖައުފަރެވެ.
ބައްޕަގެ އެވަރުގެ ވާހަކައެއް ދަރީންގެ ގާތުގައި ކިޔާދޭކަށް ޒިޔާދާއަކަށް ނުކެރުނެވެ. އޭނާ އަނެއްކާވެސް އެވާހަކަ ހިތުގެ ތެރެއަށް ހިންދާލި އެވެ. އެވާހަކަ ނުދެއްކި ނަމަވެސް އޭނާ ބޭނުން ވަނީ މިމީއަށް ހެޔޮ ގޮތެވެ. ތައުފީޤާ މިމީގެ ދިރިއުޅުން ޖައުފަރު ހަލާކު ކޮށްލުމުގެ ސަބަބުން އޭނާގެ ހިތުގައި އެދެމީހުންނަށް ވަނީ ހަމްދަރުދީ އެވެ. މިމީއަކީ ތައުފީޤްގެ ދަރިއެއްކަން އެނގުމުން އެކަމާ ހިތް ނުތަނަވަސް ވިނަމަވެސް މިމީއަށްޓަކައި އޭނާގެ ހިތުގައި ވަނީ ހެޔޮ ދުޢާ އެވެ.
ދަންވަރު ގަޑިން ތިންގަޑި ބައިވި އިރު ޔޫހާއަށް ހޭލެވުނު އިރު ކޮޓަރީގައި ކޮއްކޮއެއް ނެތެވެ. ކޮޓަރީން ބޭރަށް ނުކުތް އިރު ބޭރު ސިޓިންގް ރޫމް ގައި ލޫނާ އިން ގޮތުން ޔޫހާގެ ހިތުގައި ހާސް ކަމެއް އުފެދުނެވެ.
" ކިހިނެއްވީ؟"
ކޮއްކޮ ގާތުގައި އިށީންނަމުން ޔޫހާ އަވަސް އަވަހަށް އެހި އެވެ. އޭނާ ސުވާލެއް ކުރިއަސް ކޮއްކޮ މާ ބޮޑު އެއްޗެއް ނުބުނާނެ އެވެ. މިހާރު ލޫނާ އަށް ހިސާބަކަށް ވާހަކަ ދެއްކޭކަން އިނގެ އެވެ. އެހެން ނަމަވެސް ލޫނާ މާގިނަ އެއްޗެއް ބުނެއެއް ނޫޅެ އެވެ. އޭނާ ބަހެއް ދެބަހަކުން ފުއްދާ ލަނީ އެވެ. ކޮއްކޮގެ ރަތްވެފައި ވާ ދެލޯ ފެނުމުން ޔޫހާގެ ހިތަށް ތަދުވި އެވެ. ދެފަހަރަކު ސުވާލު ކޮށްލުމުން ވެސް ލޫނާ ޖަވާބެއް ނުދިނެވެ. ހާސްވެފައި އިނދެ ޔޫހާ އޭނާގެ ފޯނު ބަލާލިއިރު ނިދުމުގެ ކުރީން ދާއިން ފޮނުވާފައިވާ ދެ މެސެޖް ފެނުނެވެ. ކިޔާލުމުން ހުރިހާ ސުވާލެއްގެ ޖަވާބު ލިބިއްޖެ އެވެ. ޔޫހާ ލޫނާއާއި ގާތަށް ޖެހިލާ ލޫނާގެ ގައިގައި ބައްދާލި އެވެ. ކޮއްކޮ މާހިން ދެކެ އެހާ ބޮޑަށް ލޯބި ވާކަމެއް އޭނާ އަކަށް ނޭގެ އެވެ. ޔޫހާގެ ގައިގައި ލެގިލައިގެން އިނދެ ލޫނާ ވަރަށް ރުޔެވެ. އޭނާއަށް ދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުން މިހާރު އޭނާގެ ހިތް ވަރަށް ބައްޔެވެ.
" ކޮއްކޮ ދެކެ އަސްލުގަ އެންމެ ލޯބިވާ މީހަކީ ނާމީ!"
ޔޫހާ ލޫނާއަށް ވިސްނަދޭން އުޅުނެވެ. އެއީ ލޫނާއަށް ވެސް އިނގޭ ވާހަކަ އެކެވެ. ނާމީ އޭނާއަށް ވަރަށް ހެޔޮއެވެ. އޭނާވެސް އެކަން ޤަބޫލު ކުރެއެވެ. އެހެން ނަމަވެސް އޭނާ ނާމީ ދެކެ ލޯތްބެއް ނުވެއެވެ.
" ކޮއްކޮ އަށް އެންމެ ރަނގަޅު ވާނީ ކޮއްކޮ ދެކެ ލޯބިވާ މީހަކާ ކައިވެނި ކުރެވުނިއްޔާ....! ނާމީ އާ ކައިވެނި ކުރީމަ ކޮއްކޮގެ ތި ހުރިހާ ވޮރީސް އެއް ފިލައިގެން ހިނގައި ދާނެ!"
ޔޫހާ ކޮއްކޮގެ ގައިގައި ފިރުމަމުން ވާހަކަ ދެއްކި އެވެ. ދައްތަ އެބުނީ ތެދަކަށް ވެދާނެ އެވެ. އެހެން ނަމަވެސް ލޫނާ މާހިން ދެކެ ލޯބި ވާވަރު މިހާރު ނާމީ އަށް ވެސް ވާނީ އެނގިފަ އެވެ. މިހާރު ނާމީ ލޫނާއާއި ކައިވެނި ކުރަން ބޭނުން ވާނެ ކަމުގެ އޮތީ ކޮން ޔަޤީން ކަމެއް ހެއްޔެވެ! އަޅެ ނާމީ ލޫނާދެކެ ލޯބި ވާވަރެއްވެސް އެނގިދާނެ ތާއެވެ!
ދައްތަގެ އެހީތެރި ކަމާއި އެކު ލޫނާއަށް ހިސާބެއްގެ ހަމަ ޖެހުމެއް ލިބުނެވެ. އެހެން ނަމަވެސް ނިދެމުން ދިޔަ އިރުވެސް ސިކުނޑީގައި ވަނީ ހަމަ އެންމެ ހިޔާލެކެވެ. މާހިންއާއި އެކު މިމީ މިރޭ ހާދަ އުފަލެއް ކުރާނެ އެވެ. މިމީ އަކީ ހާދަ ބޮޑު ނަސީބުވެރި އެކެވެ.
އަނެއް ދުވަހުގެ މެންދުރު ކެއުމުގައި ޔޫހާ މެންނާއި އެކު ނާމީ ބައިވެރި ވިއެވެ. އޭނާ ހުރީ ރަނގަޅު ފުރުސަތަކަށް ބަލަބަލަ އެވެ. ކާމޭޒު ދޮށުގައި ޔޫހާ، ލޫނާ އަދި ހައިފާ ހަމަ ޖެހިލުމުން ނާމީ އޭނާ ބުނަން ބޭނުންވާ ވާހަކަ ލަސްނުކޮށް ބުނެލި އެވެ.
" އަހަރެން ލޫނާއާ ކައިވެނި ކުރަން ބޭނުން!"
ނާމީ އެދުނީ މަންމަ ގާތުގަ އެވެ. އޭނާ ލޫނާގެ ޖަވާބެއް ބޭނުން ވާހެނެއް ހިއެއް ނުވެ އެވެ. ހައިފާ ބަލާލީ ލޫނާ އަށެވެ. ލޫނާ އިސްޖަހާލި އެވެ. އެކަމާއި އެއްކޮޅަށްވެސް އަދި ދެކޮޅަށްވެސް ބުނާނެ އެއްޗެއް އޭނާ އަކަށް ނޭގެ އެވެ.
" މަންމަ ތިކަމާ ޤަބޫލު! "
އެކަން އެ ނިމުނީ އެވެ. މަންމަގެ ބަސް ޤަބޫލު ކޮށްގެން ދަރިއަކަށް ދެރައެއް ނުލިބޭނެ އެވެ.
ނާމީ އަށް އައިސްފައިވާ ބަދަލު އެންމެ ބޮޑަށް ފާހަގަ ކުރެވުނީ އޭނާގެ ބައްޕަ ޝައުކަތަށެވެ. ޝައުކަތުގެ ވިޔަފާރީގެ ކަންތަކާއި ހިސާބަކަށް ދުރަށް ޖެހިލުމަށް ފަހު އަމިއްލަ ކަންތައް ގަނޑެއްގައި ދުވަސް ގަނޑަކު އުޅެފައި އައި އިރު ނާމީ އަށް އައިސް ފައިވާ ހެޔޮ ބަދަލަކީ އޭނާ އުފާ ކުރާ ވަރުގެ ބަދަލެކެވެ. ކުރީގައި އެއުޅޭ " ކޫލް" މިޒާޖު މިހާރު ވަނީ ބަދަލު ވެފައެވެ. ކުރާ ކޮންމެ ކަމެއްގައި މިހާރު ވަނީ ސީރިއަސް ކަމެވެ. ދުވަހަކު ވެސް މިސްކިތަކުން ފެނިފައި ނުވާ ނާމީ މިހާރު ޖަމާއަތުގެ އެންމެ ކުރީ ސަފުން ފެންނަ ކަން އެއީ ޙައިރާން ވާން ޖެހޭ ފަދަ ކަމެކެވެ. އެފަދަ ބޮޑު ބަދަލެއް ނާމީއަށް އައި ސަބަބު އޮޅުން ފިލުވަން އެންމެ ބޮޑަށް ބޭނުން ވެގެން އުޅެނީ ދޮންމަންމަ މޯނާ އެވެ. ނާމީގެ ދޮންމަންމަ މޯނާ އަކީ ބައްޕައަށް ވުރެ ވިހި އަހަރު ހަގު އަންހެނެކެވެ. ޝައުކަތާ މޯނާގެ ކައިވެންޏަށް ބާރަ އަހަރު ވެފައި ވާއިރު ނާމީއާއި މޯނާއާއި މާ ގުޅުން ރަނގަޅެއް ނޫނެވެ. ނާމީ ޤަބޫލު ކުރާ ގޮތުގައި މޯނާ ބައްޕައާއި ކައިވެނި ކުރީ ފައިސާ އަށެވެ. ލޯތްބަކުން ނޫނެވެ. މޯނާ އެކަމަކާއި ދެކޮޅެއް ނަހަދަ އެވެ. އޭނާ ބުނާ ގޮތުގައި އުމުރުން އެހާ ދޮށީ މީހަކާ އިންނަން ބޭނުންވާނީ ސަބަބެއް އޮވެގެން ނޫން ހެއްޔެވެ! މޯނާ ބޭނުންވާ އެއްޗެއް ލިބޭ ކަމަށް ވަންޏާ ޝައުކަތު ބޭނުން ވާ ލޯބި ވެސް ދެވޭނެ އެވެ. އެއީ އެދެމަފިރީންގެ ދެމެދުގައި އޮންނަ " އަންޑަސްޓޭންޑިންގް" އެކެވެ. ދަރީންނާއި ބެހޭ ކަމެއް ނޫނެވެ. މޯނާވެސް ނާމީ ގެ ކަންކަމާއި ބެހިއެއް ނޫޅެ އެވެ. އެހެން ނަމަވެސް މިފަހަރު ނާމީ އާއި ދޭތެރޭގައި އޭނާއަށް ވެސް ވިސްނާލަން މަޖުބޫރު ވެއްޖެ އެވެ. މޯނާގެ އަތް ދަށުން ބާރު ދޫވާން އުޅޭ ކަހަލަ އިޙުސާސެއް އޭނާއަށް ކުރެވެނީ އެވެ.
ބައްޕައާއި އެކުގައި ބިލިއަޑު ކުޅެލާނެ ފުރުސަތެއް ނާމީ ހޯދީ ބޭނުމެއްގަ އެވެ. ކައިރީގައި ހުރި ބެންޗެއްގައި ކޮފީ ތައްޓެއް ހިފައިގެން އިން މޯނާއަށް މިކަން އިނގޭ ހެން ހީވެ އެވެ. އޭނާ އިނީ ނާމީގެ ހަރަކާތް ތަކަށް ބަލަބަލަ އެވެ.
" ޑެޑީ، މީހަކާ އިންނަން ބޭނުން ވެއްޖެ!"
ޓޭބަލްއާއި ދިމާއަށް ގުދުވެ އޮތް ޝައުކަތު އިސް އުފުލާ ބަލާލީ ޔަޤީން ނުވެފަ އެވެ. އެވަގުތު މޯނާ ކޮށިއެރި އަޑު އިވުނެވެ.
" ވަޓް؟ ރިއަލީ!"
ހިނިތުން ވުމަކާއި އެކު ޝައުކަތު ސުވާލު ކުރި އެވެ.
" ހޫ އިސް ދިސް ލަކީ ގަރލް!"
ނާމީ އައިސް ބައްޕަ ގާތަށް ހުއްޓުނެވެ.
" ލޫނާ! މާދަމާ ލޫނާ މިގެއަށް ގެންނަންތަ؟ ބައްޕައަށް ދައްކާލަން؟"
ހިސާބަކަށް ރަކި ވެފައި ނާމީ އެހި އެވެ. ނާމީގެ މޫނު މަތީން އެ ފެނުނު ލަދުރަކި ކަމަކީ ޝައުކަތަށް ކުރީން ފެނިފައިވާ އެއްޗެއް ނޫނެވެ. ދުވަހަކުވެސް އެ ސީރިއަސް ކަމެއް ޝައުކަތަށް ފެނިފައެއް ނުވެ އެވެ. ޝައުކަތުގެ ހިތް އުފަލުން ފުރުނެވެ. ދަރިފުޅުގެ ކިބައިގައި ހަރުލާފައިވާ ނުބައި އާދަތައް ނެތިގެން ގޮސްފައި އެވަނީ ލޫނާއާއި ހެދިކަން މިހާރު އޭނާއަށް ޔަޤީން ވެއްޖެ އެވެ.
" ނޫނޭ!"
ޝައުކަތުގެ ޖަވާބުގެ އަޑު އަހަން އިން މޯނާ ހިތްހަމަ ޖެހުނެވެ. އޭނާ ބޭނުން ވަނީ ޝައުކަތު އެކައިވެންޏާ ދެކޮޅު ހަދާށެވެ. ނާމީ އަދި މީހަކާ އިންނަ ވަރެއް ނުވެ އެވެ. ނާމީ މީހަކާއި އިނުމުގެ ކުރީން ޝައުކަތުގެ މުދާ ބަހަންވެސް ޖެހޭނެ އެވެ.
" ދަރިފުޅުގެ ލޫނާ މިގެއަށް ގެނައުމަށް ވުރެ ރަނގަޅު ވާނީ ލޫނާގެ ޕޭރަންޓްސްއާ ބައްދަލުކުރަން ބައްޕަމެން އެގެއަށް ދިއައީއާ!"
ޝައުކަތުގެ އަޑުއިވިފައި މޯނާ ދެލޯ ބޮޑު ކޮށްލި އެވެ.
" ނޯ ވޭ!"
އޭނާ އަނގައަށް ވައްތަރު ޖައްސާލި އެވެ.
" އަހަރުމެން ނުޖެހޭނެ މީހަކު ފެންނަ އިރަށް ފައި ބުޑަށް ވެއްޓި ގަންނާކަށް!"
މޯނާގެ ބަހުރުވަ އަބަދުވެސް ހުންނަ ގޮތަކީ އެއީ އެވެ! ޝައުކަތުވެސް މިފަހަރު އެކަމާއި ހިތްހަމަ ނުޖެހުނެވެ.
" މޯނާ އެގެއަށް ދާނެ ކަމެއް ނެތޭ! އަހަރުމެން ދެމީހުން ދާނީ! މިރޭ 9 އަށް ހަދާ ނާމީ!"
އެހެން ބުނެފައި ޝައުކަތު ހިނގައި ގަތުމުން ނާމީ އޭނާގެ ދޮންމަންމަ އާއި ގާތަށް ޖެހިލި އެވެ.
" ފޯ ޔުއަރ އިންފޯމޭޝަން! ކޮންމެ ކޮންމެ މީހެއްނޫން އެއީ އިނގޭ! ޝީ އިސް މައި ލައިފް!"
އެހެން ބުނެފައި ނާމީ ބާރަށް ހިނގައި ގަތީ މޯނާގެ ހިތުގައި އަލިފާން ގަނޑެއް ރޯކޮށްފަ އެވެ. މޯނާ ދެކޮޅަށް ހިނގަން ފަށައިފި އެވެ. މިހާތަނަށް ދުވަހަކުވެސް ނާމީ އޭނާއާއި ދިމާއަށް ބާރަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެ " ލޫނާ" އެއްގެ ސަބަބުން ހުރިހާ ކަމެއް ބަދަލު ވެގެން ހިނގައި ދާނެ ކަމުގެ އިންޒާރު އޭނާއަށް ލިބިއްޖެ އެވެ. އޭގަ ކުރީގައި ރަނގަޅު ފިޔަވަޅެއް އަޅަން އެބަ ޖެހެއެވެ! އެއީ ކޮން ލޫނާ އެއްހެއްޔެވެ! އޭނާއާއި ބެހޭ މައުލޫމާތު ހޯދަން އެބަޖެހެ އެވެ.
ނާމީ އާއި ޝައުކަތު ލޫނާމެންގެ ގެއަށް ދާން ތައްޔާރުވި އިރު މޯނާވެސް ހުރީ ތައްޔާރު ވެގެންނެވެ. ޅީ ދަރިފުޅު ދެކިލާ ހިތުން މޯނާ ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. މޯނާގެ މޫނުމަތީން ފެންނަމުން ދިއަ އުފާވެރިކަން ހަމަ ހީވަނީ ހަޤީޤަތެއް ހެންނެވެ. އެހެން ކަމުން ނާމީ އަށް ވެސް އެކަމާ ދެކޮޅު ހަދާކަށް ނުކެރުނެވެ.
ޝައުކަތު ވަޑައިންނަވާ ވާހަކަ ބުނީއްސުރެ ޔޫހާ އަވަދިނެތި އުޅުނީ މުޅި ގޭތެރެ ތައްޔާރު ކުރުމުގަ އެވެ. ނާމީގެ އާއިލާ ރުހޭ ފަދަ ކުއްޖަކަށް ކޮއްކޮ ވުމަކީ ޔޫހާގެ އެންމެ ބޮޑު އެއް އެދުމެވެ. އޭނާ ޤަބޫލު ކުރި ގޮތުގައި ކޮއްކޮއަށް ނާމީ ލިބުމަކީ ނަސީބެވެ. ކޮއްކޮއަށް ދިމާވި ހާދިސާއަށް ފަހު ކައިވެނި ކުރާނެ ރަނގަޅު މީހަކު ލިބިދާނެ ކަމުގެ އުއްމީދުވެސް ވަނީ ގެއްލިފަ އެވެ.
ޝައުކަތާއި މޯނާ އަދި ނާމީ ލޫނާމެންގެ ގެއަށް ވަނުމުން އެމީހުންނާއި ފުރަތަމަ ބައްދަލު ކުރީ ޔޫހާއާއި ހައިފާ އެވެ. ޔޫހާއާއި ހައިފާ އަކީ ޝައުކަތު ރުހޭ ފަދަ މަޑުމައިތިރި ބަޔެކެވެ. އާދައިގެ ފެންވަރެއްގެ ބައެއް ނަމަވެސް ރީތި އަހުލާޤެއްގެ ބައެކެވެ. ހައިފާ އޭނާގެ ފިރިމީހާ ޖުނެއިހުގެ ވާހަކަ ކިޔައި ދިނުމުން ޝައުކަތުގެ ހިތުގައި އެކުދީންގެ މައްޗަށް އިތުރު ކުލުނެއް އުފެދުނެވެ.
ޝައުކަތު އިންތިޒާރު ކުރީ ލޫނާ ފެންނާނެ ވަގުތަކަށެވެ. އެހެން ނަމަވެސް ލޫނާ އަދިވެސް ހަމަ ކޮޓަރީގައި އިނީ އެވެ. އޭނާ ބޭރަށް ނުކުންނާކަށް ބޭނުމެއް ނުވެއެވެ. ނާމީއާއި ކައިވެނި ކުރުމަށްޓަކައި އެއްވެސް ތައްޔާރީއެއް ވާ ހިތެއް އޭނާ ނެތެވެ. އެހެން ނަމަވެސް ދޮންތީ އޭނާ ލަސްވެގެން ބަލާ އައުމުން މަންމަމެންގެ ޤަދަރަށްޓަކައިވެސް ނުނިކުމެ ވާކަށް ނެތެވެ.
އިސް ޖަހާލައިގެން ގޮސް ލޫނާ އޭނާގެ މަންމަގެ ގާތުގައި އިށީނެވެ. ލޫނާގެ ރީތި އަހުލާޤާއި އަދަބު ޝައުކަތަށް ވަރަށް ކަމުދިއަ އެވެ. ލޫނާގެ މޫނަށް ފަރުވާތެރި ކަމާއި އެކު ޝައުކަތު ބަލަމުން ދިއައެވެ. އެއީ ސާފް ރީތި މޫނެކެވެ. މަޢުޞޫމް ކުޑަ ކުއްޖެކެވެ. އޭނާގެ ދަރިފުޅަށްޓަކައި އޭނާ އެންމެ ބޭނުންވާ ފަދަ އަންހެން ކުއްޖެކެވެ. ޝައުކަތުގެ ހިތް ލޫނާއަށްޓަކައި ލޯބިން ފުރުނެވެ. އެހެން ނަމަވެސް ލޫނާ ފެނުނީއްސުރެ މޯނާގެ އަނގަ މައްޗަށް ވަނީ ވައްތަރެއް ޖެއްސިފަ އެވެ. އޭނާ ހީވަނީ ފަކުރުން އިން ހެންނެވެ.
" އަދިވެސް ލޫނާ ހީވަނީ ބަލި ކުއްޖެއް ހެން! "
ތަނަށް ވެރިވެފައިވާ ހަމަހިމޭން ކަމުގެ ތެރެއަށް މޯނާ ބޮމެއް ވައްޓާލައިފި އެވެ. ނާމީގެ މޫނު ދިއައީ ރަތް ވެގެން ނެވެ. ޔޫހާ އަށް ތެޅި ގަނެވުނެވެ. ނާމީގެ ދޮންމަންމަ އެބުނީ ކީކޭ ހެއްޔެވެ!
" އިންޑިއާ މީހާ ރޭޕް ކޮށްލި ފަހުން އަދިވެސް މުޅީން ރަނގަޅު ނުވަނީ ދޯ!"
ޝައުކަތަށް ލިބުނު ސިހުމަށް ވުރެ ބޮޑު ސިހުމެއް ލިބުނީ ހައިފާ އަށެވެ. ލޫނާ އިސް އުފުލާ މޯނާއާ ހަތަރު ކަޅި ހަމަކޮށްލި އިރު އެދެލޮލުގައި ވަނީ އިންތިހާ ދަރަޖައިގެ ޙައިރާން ކަމެވެ.