އޮމާން ރީތި އަޑެކެވެ. އެއަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. އެހެނަސް އަޑުގައި އެވާ ޖާދޫއިން ދާއިންގެ ހިތް ވިރިގެން ދިޔައެވެ. ދާއިން އެއްޗެއް ބުނުމުގެ ކުރީން ކަރު ކެހިލި އެވެ. މިވަގުތު އޭނާގެ އަގައިން އަޑު ބޭރުވާނެ ކަމުގެ ޔަޤީން ކަމެއްވެސް ނެތެވެ.
" ހަލޯ... އަމް... ޔޫހާތޯ!"
ޔޫހާ އަކީ އާންމުކޮށް ނުދަންނަ މީހުންނާ ވާހަކަ ދައްކަން ބޭނުންވާ ކުއްޖެއް ނޫނެވެ. އެހެން ނަމަވެސް އެ އަޑުގައި ވާ ފިރިހެން ވަންތަ އަސަރުން ޔޫހާ އަށް ވެސް ތަފާތު އިޙުސާސެއް ކުރެވިގެން ދިޔަ އެވެ.
" ޔޫހާ"
މަޑުމައިތިރި ކަމާއިއެކު ޔޫހާ ބުނެލި އެވެ.
" މީ.... އަޅުގަނޑު އަތުގަ ޔޫހާގެ އަގުބޮޑު އެއްޗެއް އޮތީމަ... ރައްދު ކޮށްލަދޭން ވެގެން! "
ދާއިންގެ ހިތް ބާރަށް ތެޅެމުން ދިޔަ އެވެ. އޭނާއަށް މި ބުނެވެނީ ރަނގަޅު އެއްޗެއް ކަމެއް ވެސް ނޭގެ އެވެ. ބޭނުން ވަނީ ޔޫހާއާ އިތުރަށް ވާހަކަ ދެއްކޭނެ ގޮތެއް ވުމެވެ. ބުނެވޭ އެއްޗަކުން ޔޫހާ ފޯނު ބާއްވައިފިއްޔާ ދެން އިތުރަށް ގުޅާހާ ހިތްވަރެއް ދާއިން އަކަށް ނުލިބޭނެ އެވެ. ދާއިން އެހެން ބުނުމުން ޔޫހާ ޙައިރާން ވިއެވެ. އޭނާގެ ކޮން އަގުބޮޑު އެއްޗެއް ބާއެވެ. އޭނާއަކީ އެއްޗެއް އޮތް މީހެއް ނޫނެވެ.
" ކޯޗެއް؟"
ޔޫހާ އަހާލި އެވެ.
ދާއިން ބުނާނެ އެއްޗަކާއި ދޭތެރޭގައި ވިސްނާލި އެވެ. އައިޑީ ކާޑް ކޮޕީއޭ ބުނެފިއްޔާ ބޭނުމެއް ނެތޭވެސް ބުނެފާނެ އެވެ.
" ސިޓީ އުރައެއް...! އަޅުގަޑު ޔޫހާ އެއް ނުދަންނަން، އެކަމު މި ސިޓީ އުރަ އަޅުގަނޑު އެދެނީ އަޅުގަނޑުގެ އަތުން ޔޫހާއާ ހަވާލު ކުރަން."
ޔޫހާ އިރުކޮޅަކަށް މަޑުޖެހިލި އެވެ. ނޫނެކޭ ބުނާހިތް ނުވީ ކީއްވެ ކަމެއް އޭނާއަކަށް ވެސް ނުވިސްނުނެވެ. އެ ސިޓީ އުރައިގެ އެތެރޭގައި ރަނގަޅު ނަސީބެއްވެސް އޮވެދާނެ ކަމަށް ހިތް ބުނެލި އެވެ. މިވަގުތު ޔޫހާގެ އާއިލާ ވަނީ އެފަދަ ސިޓީ އުރައަކަށް ބޭނުން ޖެހިފަ އެވެ. އެހެން ނޫނަސް އެ ރީތި އަޑުގެ ވެރިޔާ ދެކިލުމަށް ހިތުގައި ވަނީ އާދަޔާ ޚިލާފް ޝައުގުވެރި ކަމެއް އުފެދިފަ އެވެ.
" ކިހިނެތް ހަދަންވީ؟"
ޔުހާ އަހާލި އެވެ.
" ޔޫހާ ބުނޭ... ހަވީރު ގަޑިއެއް ރަނގަޅުވާނެތަ؟"
ގާތް ގޮތަކަށް ދާއިން އަހާލި އެވެ. ދާއިންއަށް އެންމެ ރަނގަޅީ ހަވީރެއް ނޫނެވެ. އެހެން ނަމަވެސް ޔޫހާ ގެ ހިތަށް ބިރުވެރި ކަމެއް ވަދެދާނެތީ ދާއިން ވިސްނި އެވެ.
" ހުނ "
ޔޫހާ ބުންޏެވެ.
" އެހެންވިއްޔާ 4.30 ވާއިރު ސޯލްޓް ރެސްޓޯރެންޓްގެ އެންމެ މަތީގަ އިންތިޒާރު ކުރާނަން... ސީ ޔޫ ދެން، ބައި!"
ޔޫހާ ގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ދާއިން ފޯނު ބޭއްވި އެވެ. ޔޫހާގެ ޚިޔާލު ބަދަލު ކޮށްލާނެ ފުރުސަތެއް ދޭކަށް ދާއިން ބޭނުމެއް ނުވި އެވެ. ފޯނު ބޭއްވުމަށް ފަހު ޔޫހާ ވިސްނާލި އެވެ. އަނެއްކާ އޭނާއަށް އެ ކުރެވެން އެއުޅެނީ ރަނގަޅު ކަމެއް ބާއެވެ. ނުވެސް ދަންނަ މީހަކާ ބައްދަލު ކުރަން އުޅެގެން ލަޑެއް ލިބިދާނެ އެވެ. ހޮސްޕިޓަލްގެ މެޑިކަލް ވޯޑްތެރޭގައި ހުރި ޔޫހާ ވިސްނަމުން ދެކޮޅަށް ހިނގާލި އެވެ. އެހާ ފަސޭހައިން އޭނާއަށް އެކަމާ އެއްބަސް ވެވުނީ ކީއްވެ ހެއްހެވެ؟ މަންމައަށް އެނގިއްޖެއްޔާ ރުޅި އަންނާނެއެވެ. ޚިޔާލު ބަދަލު ކޮށްލުމަށް ފަހު ފޯނުގައިވާ ދާއިންގެ ނަންބަރަށް ބަލާލި އެވެ. ރީތި ނަންބަރެކެވެ. ޔޫހާއަށް އެކޯލު ނެގުނީވެސް އެހެންވެ އެވެ. ފޯނު ނަންބަރު ރީތިވެގެން، އޭނާގެ އަޑު ރީތި ވެގެން، ވާހަކަ ދެއްކި ގޮތް ކަމުގޮސްގެން ކޮންމެހެން އޭނާއާ ބައްދަލު ކުރާ ހިތްވާކަށް ނުޖެހެ އެވެ. ޔޫހާ ދާއިންއަށް ގުޅާލީ ދެވެން ނެތް ވާހަކަ ބުނާށެވެ. އަދި އެބުނާ އަގުބޮޑު އެތި ހަވާލު ކުރަން ބޭނުމިއްޔާ އޭނާ ހުރި ތާކަށް ގެނެސް ދިނުމަށް އެދޭށެވެ. އެހެން ނަމަވެސް ގުޅޭގޮތެއް ނުވި އެވެ. އެމީހާ ފޯނެއް ނުނެގި އެވެ.
ދެން ހަދާނެ ގޮތަކާއި ދޭތެރޭގައި ވިސްނަމުން ގޮސް ވޯޑްގެ ތެރެއަށް ވަން އިރު ބަލި މަންމަގެ އެނދު ކައިރީގައި ޔޫހާއާ ދިމާއަށް ބަލަން ކޮއްކޮ ހުއްޓެވެ. ދޮންތި އެތަނުގައި އިނދެފައި ފޯނެއް ވެގެން ބޭރަށް ހިނގައި ގަތީއްސުރެ ލޫނާ އެއިންނަނީ ދޮންތި ދޭނެ ޚަބަރަކަށް އިންތިޒާރު ކުރާށެވެ.
" ކާކު؟"
އުމުރުން 16 އަހަރުގެ ކޮއްކޮ ޔޫހާއާ ސުވާލު ކޮށްލީ އުއްމީދާއި އެކުގަ އެވެ.
" ނޭގެ...! ދޮންތިގެ އަގުބޮޑު އެއްޗެއް އޭނަ އަތުގަ އޮތީއޯ... ހަވާލު ކުރަން ބޭނުމޯ!"
" ކޯޗެކޯ!"
" ސިޓީ އުރައެކޯ!"
ޔޫހާ ވާހަކަ ދެއްކީ މަޑުންނެވެ. ނިދިފައިވާ ބަލި މަންމައަށް ހޭލެވި ދާނެތީ އެވެ.
" ކޮން އިރަކުންނޯ އޭތި ގެންނާނީ.... އިރާދުކުރެއްވިއްޔާ ކޮންމެސް މީހެއްގެ ހިތަށް ރަޙުމް ވަނީ ކަންނޭގެ!"
އުއްމީދާއެކު ލޫނާ ބުނެލި އެވެ. ޔޫހާގެ ވެސް އުއްމީދަކީ އެއީ އެވެ. މަންމަގެ ސިކުނޑީގެ ލޭ ހޮޅިއެއް ފަޅައިގެންގޮސް ލީކު ވާތީ ހޮސްޕިޓަލްގައި ބާއްވައިގެން އުޅޭތާ މިހާރު ހަފްތާ އެއް ވީ އެވެ. ޕްރެޝަރ އެހާ މައްޗެވެ. ދުވަހެއް ދުވަހަކަށް ހާލު ދަނީ ދަށަށެވެ. ޑޮކްޓަރ ބުނެފައި ވަނީ ވީހާވެސް އަވަހަކަށް ރާއްޖޭން ބޭރަށް ގެންދާށެވެ. ލަސްކުރަން ވެއްޖެއްޔާ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ވަނީ ޑޮކްޓަރ ބުނެފަ އެވެ. އެހާލުގައި އޮއްވާ ބޭރަށް ގެންދިޔުމަކީ ވެސް ބޮޑު ކަމެކެވެ. އެހީއެއް ހޯދަން އާދޭސް ކުރަން ނުދާ ވިޔަފާރި ވެރިއަކު ނެތެވެ. ކުޑަ އެއްޗެއްވެސް ދިނީ މަދު މީހެކެވެ. ފުން ނޭވާއެއް ބޭރަށް ދޫކޮށްލަމުން ޔޫހާ އެނދު ކައިރީގައި ހުރި ޕްލާސްޓިކް ގޮނޑީގައި އިށީނެވެ. ނަސީބުގައި ދެން އޮތީ ކޮން ގޮތެއްބާއޭ ހިތަށް އަރާ ހާލުގަ އެވެ.
މި އެކަނިވެރި ދެބޭން ވަނީ ހަދާނެ ގޮތް ހުސްވެފަ އެވެ. އެހީވާނެ މީހަކުވެސް ނެތް ތާނގައި ހިތްވަރެއްވެސް ދޭނެ މީހަކުވެސް ނެތެވެ. ޔޫހާއާ އޭނާގެ ކުޑަކުޑަ އާއިލާ މާލެ އައީ މީގެ ފަސް އަހަރު ކުރީން ނެވެ. މަންމައާ ބައްޕަގެ އުއްމީދަކަށް ވީ ދެބޭންނަށް ރަނގަޅު ތައުލީމެއް ދިނުމެވެ. ޔޫހާ ސެކަންޑަރީއަށް ބަދަލުވުމުން މާލެ ބަދަލުވީ އެ އުއްމީދުގަ އެވެ. މަންމައާ ބައްޕަގެ ހުވަފެންތައް ފުރިހަމަ ކޮށްދިނުމަށް ދެ ކުދީންވެސް މިއްނެތް މަސައްކަތް ކުރަމުން ދިޔަ އެވެ. ޔޫހާގެ އޯލެވެލް ނަތީޖާވެސް އެހާ ރަނގަޅެވެ. އެކަމާ އެންމެ އުފާވީ ބައްޕަ އެވެ. ސީއެޗް އެސް ސީ ނިމުމުން ޔޫހާ ބޭރަށް ފޮނުވުމުގެ ފޮނި ހުވަފެންތައް ބައްޕަ ދެކެމުން ދިޔަ ނަމަވެސް އެހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެހޭ ގޮތެއް ނުވި އެވެ.
މަންމައާ ބައްޕައާ އެކުގައި އެ ދެބޭން އުޅެމުން އައީ އުފާވެރި ދިރިއުޅުމެކެވެ. އުއްމީދުން ފުރިފައިވާ ދިރިއުޅުމެކެވެ. އެހެނަސް މިއަދު އެދިރިއުޅުން ވަނީ އަނެއް ފުށުން ޖެހިފަ އެވެ. މާޒީގެ އުފާވެރި ހަނދާންތަކުގެ ތެރެއަށް ގެއްލިފައި، ދުރަށް ކަޅި ހުއްޓާލައިގެން އިން ޔޫހާގެ ލޮލުން ފައިބައިގެން ދިޔަ ކަރުނަތިކި ފެނުމުން ލޫނާ އަށް ވެސް ރޮވިއްޖެ އެވެ. ކުރިއަށް ޖެހިލާ ދޮންތިގެ ގައިގައި ލޫނާ ބައްދާލި އެވެ. މަންމައާ ބައްޕަ، ތުއްތު ބޭބީ އެއްހެން ގެންގުޅުނު ލޫނާ ވެސް މިހާރު އެވަނީ ބޮޑުވެފަ އެވެ. ހިތްވަރު ގަދަ ކުއްޖަކަށް ވާން މަޖުބޫރު ވެފަ އެވެ.
ދާއިންގެ ފޯނަށް ޔޫހާ އެތައް ފަހަރަކު ގުޅި އެވެ. ދާއިން ޔޫހާގެ ފޯނު ނުނެގީ ގަސްތުގަ އެވެ. މިއަދު ދާއިންގެ އެދުމަށް އެހާ ފަސޭހައިން ޔޫހާ އެއްބަސްވި އިރުވެސް އަދި ބަދަލު ކުރަން ގުޅާނެކަން ދާއިން އަށް އެނގުނެވެ. ފޯނަށް ޖަވާބު ނުދީފިއްޔާ ޔޫހާ އަންނާނެ ކަމުގެ ވަރަށް ބޮޑު ޔަޤީން ކަމެއް ދާއިން އަށް އޮތެވެ.
އަސުރުން ފައިބައިގެން ދާއިން ވަނީ ފެންވަރާށެވެ. އޭނާ ބޭނުން ވަނީ ވަގުތު އޮއްވާ ތައްޔާރު ވާށެވެ. ނުބައި ދަޑިވަޅެއްގައި ކޮއްކޮގެ އުނދަގުލެއްވެސް ޖެހިދާނެ އެވެ. އޭގެން ސަލާމަތް ވާންވެސް ވަގުތު ނަގާނެ އެވެ. ދާއިން އަށް ހީވީވެސް ރަނގަޅަށެވެ. ފާޚާނާއިން ނުކުތްއިރު ދާއިންގެ އެނދުގައި ދިގުދެމިލައިގެން މާހިން އޮތެވެ.
" ވައިވެފަ މިއޮތީ... ހިނގާ ބެޑްމިންޓަން ކުޅެން! "
މާހިން ބޭނުންވީ ބޭބެއާ އެކުގައި ބެޑްމިންޓަން ކުޅެލަން ދާށެވެ. ކޮއްކޮ ކައިރިން ސަލާމަތް ވާންވެސް ކޮއްކޮއަށް ދޮގެއް ހަދާކަށް ދާއިން އަކަށް ނުކެރުނެވެ. ދާއިން ބުނީ ރައްޓެއްސަކާ ބައްދަލު ކުރަން ގަޑި ދީފައި ވާ ވާހަކަ އެވެ. އިތުރު ސުވާލު ތަކެއް ނުކޮށް މާހިން މަޑުން އޮތީމައި ދާއިންގެ ބޮލަށް ފަސޭހަ ވި އެވެ. ކޮއްކޮ ކައިރީގައި ޔޫހާގެ އެއްވެސް ވާހަކައެއް އަދި ދައްކާކަށް ދާއިން ބޭނުމެއް ނޫނެވެ. އެހާ ވަރުން އުޅެފައި ދާއިންއަށް ޔޫހާ ކާމިޔާބު ނުވެއްޖެއްޔާ ކޮއްކޮ މަލާމާތް ކުރާނެ ވަރު އިނގޭތީ އެވެ. ކޮޓަރީގެ އެއްބިތުގައި އެއްކޮޅުން އަނެއް ކޮޅަށް ހަދާފައިވާ ބޮޑު އަލަމާރީގެ ދޮރުފަތެއް ކަހާލުމަށް ފަހު އިސްތިރި ކޮށްފައިވާ ދާއިންގެ އަންނައުނު ތަކަށް ބަލަން ދާއިން އިރުކޮޅަކު ހުއްޓެވެ. ޔޫހާއަށް ކަމުދާނީ ގަމީހެއް ލިއްޔާ ބާއެވެ! ޓީ ސަރޓެއް ކިހިނެއް ވާނެ ބާއެވެ!
ވިސްނާލާފައި ދާއިން އަށް ރީތި ގަމީހެއް ނަގައިފި އެވެ. ރީތި ރާގެއް އަޅުވާލައިގެން ހުރެ ގަމީސް ލަމުން ލޯގަނޑުގެ ކުރިމަތީގައި ހުއްޓިލި އެވެ. ދުވާލު ލާ ވަރަށް ވުރެ ތަންކޮޅެއް ކަންތައް ފަލަ އެވެ. ދެން އަނެއްކާވެސް ގަމީހުގެ ގޮށްތައް ނައްޓާލަމުން އަލަމާރިއާ ދިމާއަށް ހިނގައިގަތެވެ. ދާއިން ކުރާ ކަންތައް ބަލަން ކޮއްކޮ އަނގައިން ނުބުނެ މަޑުމަޑުން އޮތްގޮތުން ދާއިން އަށް އުނދަގޫވި އެވެ. ދާއިން އޭނާގެ ވަރޑްރޯބަށް ބަލަން އިރުކޮޅަކު ހުރުމަށް ފަހު ޓީޝަރޓެއް ނަގައިފި އެވެ. ބަލާލާފައި އެވެސް އަނބުރާ އަލަމާރީގައި އަޅުވާލި އެވެ. އަނެއްކާވެސް އިރުކޮޅަކު ބަލަން ހުރެފައި އޭނާ އެންމެ ފަހުން ގަތް، ޖީ ޓޫތައުސަންޑް ގެ ޕްލޭން ކަޅު ގަމީސް ނަގައިފި އެވެ. ލައިގެން ހުރި ކަޅު ޖީންސްއާއެކު އެ ގަމީސް ވަރަށް ހިތް ގައިމެވެ. އަތް އޮޅާލީމައި އެހާ ރަސްމީ ގޮތެއްވެސް ނެތެވެ. ސަޅިއެވެ. ދާއިން ތައްޔާރު ވެގެން ދެން ވިސްނާލީ ޖަހާލާނެ ސެންޓަކާ ދޭތެރޭގަ އެވެ. ޑްރެސިންގް ޓޭބަލް މަތީގައި ހުރި ސެންޓް ފުޅިތައް ގިނަ އެވެ. ޔޫހާއަށް ކަމުދާނީ ކޮންކަހަލަ ވަހެއް ހެއްޔެވެ! ސްޕައިސީ ހެއްޔެވެ! ނޫނީ ކުޑަކޮށް ސޮފްޓް ވިއްޔާ ހެއްޔެވެ! މިފަދަ ވިސްނުމެއްގައި ހުރެފައި ލޯގަޑަށް ކަޅިއެއް އެއްލި ވަގުތު ކޮއްކޮ ފެނުނެވެ. އަނގައިން ނުބުނެ މަޑުމަޑުން އޮވެގެން އޭނާ ހަމަ ދާއިންގެ ހަރަކާތް ތަކަށް ބަލަނީ އެވެ. ދާއިން ނޭގޭ ކަމަށް ހަދާލަމުން " މޮޝިނޯ " ފުޅިން ގަޔަށް ސްޕްރޭ ކޮށްލި އެވެ. އެވަގުތު ކޮއްކޮ އެއްޗެއް ބުނެލި އަޑު އިވުނެވެ.
" އަލިފް އަލިފް... އަލިފް އަލިފް..! "
ސަޅި ބީޓަކަށް ކޮއްކޮ އެކިޔާލި އެއްޗެއް ނޭގުނު ނަމަވެސް ކޮންމެވެސް މޮޅު އެއްޗެއް ކިޔާލަން އުޅޭހެން ހީވެ އެވެ. ދާއިން މާ ބޮޑު ސަމާލު ކަމެއް ނުދީ ބޮލުގައި ބުރުސް ކާއްތާލި އެވެ.
" އަލިފް އަލިފް ރަސްދޫ... ޓިންޓިން...ޓިން...!"
މާހިން ރާގެއްވެސް އަޅުވާލި އެވެ. ދާއިންވެސް ހިނިއަންނަން އުޅުނެވެ. ކޮއްކޮ އެ ކިޔަން އުޅޭ އެއްޗެއް އޭނާއަށް އެނގިއްޖެ އެވެ.
" ޔޫ...ޔޫ...ޔޫ...!"
އަނެއްކާވެސް މާހިން އެހެން ރާގެއް ލައްވާލި އެވެ. ދާއިން ހަމަ އިވޭ ކަމަށް ވެސް ނަހަދާ ތައްޔާރު ވަމުން ދިޔަ އެވެ.
" ހާ....! ހުމް....ހާ!"
ހިނި އަންނަ ވަރުން ދާއިން ހުރީ އަނެއް ފަރާތަށް މޫނުވެސް އަނބުރައިގެން ނެވެ.
" ޔޫ..ޔޫ..ޔޫ...ހުމް..ހާ...ޔޫހާ...!"
އެހާހިސާބަށް ދާއިރަށް ދާއިންގެ ހިނިގަނޑު ފަޅައިގެން ހިނގައްޖެ އެވެ. ދާއިން އެނބުރި ކޮއްކޮއަށް ބަލާލި އެވެ.
" ކޮންތާކުން ދަސްކުރި މޮޅު ލަވައެއް؟"
ދާއިން އަހާލި އެވެ.
" ބޭބެގެ ޖީބުން ނެގި އައިޑީ ކާޑު ކޮޕީއިން.... ޔޫ..ޔޫ..ޔޫހާ...!"
މާހިން ތެދުވެ ދެފައި ވައްކޮށްގެން އެނދުގައި އިށީންދެލި އެވެ.
" ކީއްވެ މާ ސިއްރުން ތިއުޅެނީ؟ ކީއްވެ ޔޫހާއާ ބެހޭ އެއްވެސް ވާހަކައެއް ކިޔާ ނުދޭން ތިއުޅެނީ؟"
" އަދި ކިޔާދޭނެ އެއްޗެއް ނެތީމަ...ދަނީ! ފަހުން!"
އެހެން ބުނަމުން ކޮއްކޮގެ ނިއްކުރީގައި ޖަހާ އެނދުމައްޗަށް އުއްޑުން ވައްޓާލާފައި ބާރަށް ހިނގާފައި ގޮސް ދާއިން ކޮޓަރީން ނުކުތެވެ. ޔޫހާއާ ބައްދަލު ވުމުގެ ކުރީން އެކަހެރި ވަގުތު ކޮޅެއް ދާއިން ބޭނުމެވެ. ޔޫހާއާ ދައްކާނެ ވާހަކައެއް ވިސްނާލަން ޖެހެ އެވެ. ރެސްޓޯރެންޓަށް ދިޔައީއްސުރެ ހަދާނެ ހުރިހާ ގޮތެއް ތަރުތީބުން ރާވާލަން އެބަޖެހެ އެވެ. ކުޑަ ރިހާސަލް އެއްވެސް އެބަ ބޭނުން ވެ އެވެ. މީ އޭނާ މުޅީން އަލަށް ކުރިމަތިލާ ކަމަކަށް ވިއަސް އާވައްތަރު ޖަހާކަށް ބޭނުމެއް ނޫނެވެ. ކާރަށް އެރުމަށް ފަހު ދާއިން އެގޮތް މި ގޮތަށް ވިސްނާލި އެވެ. މިއަދުގެ މި ބައްދަލު ވުމަށް ފަހު ޔޫހާ އާ ދާއިންގެ މެދުގައި ގާތް ގުޅުމެއް އުފެދުމަކީ މުހިއްމު ކަމެކެވެ.
ސޯލްޓް ރެސްޓޯރެންޓްގެ ހިތް ފަސޭހަ ޓެރެސްގައި ދާއިން އިނެވެ. ގަޑިން ހަތަރު ގަޑި ބައިވާން އަދި ފަސް ވަރަކަށް މިނެޓް އެބަ ހުއްޓެވެ. ގަޑި ގާތް ވީވީހެން ދާއިންގެ ހިތުގެ ތެޅުން އަވަސް ވަމުން ދިޔަ އެވެ. ޔޫހާގެ ޚަބަރެއް ނުވެދާނެތީ ހިތް ބިރު ގަންނަމުން ދިޔަ ވަރަށް ޔޫހާ ފެނި ދާނެތީވެސް އެހިތް ބިރުގަތެވެ. ރެސްޓޯރެންޓްގެ އެއް އަރިމަތީގައި ހުރި މޭޒެއްގައި ފޯނާ ކުޅެލަ ކުޅެލާ އިން އިރު މަޑުމަޑުން ދެފައި ތަޅުވާލަ ތަޅުވާލާ އިނދެވުނީ ހިތުގައިވާ ނުތަނަވަސްކަން ކުޑަ ކުރުމަށް ޓަކައެވެ. އިރު އިރު ކޮޅާ ދޮރާ ދިމާއަށް ބަލާލެވެއެވެ. އިންތިޒާރުގެ ވަގުތުތައް ދިގުދެމިގެން ދާން ފަށައިފިއެވެ. މިހާރު ފަހެއް ޖަހަނީ އެވެ. ހިސާބަކަށް މާޔޫސް ވާ ގޮތް ވެސް ވެއްޖެ އެވެ. ނާދެވޭ ވާހަކަ ބުނަން ގުޅާލާނެ ނަމައޭވެސް ހިތަށް އަރަން ފަށައިފި އެވެ. އޭރުންވެސް ކޮންމެވެސް އެހެން ގޮތެއް ރާވާނެ ފުރުސަތު ލިބޭނެ އެވެ. ޚަބަރެއް ނުވި އެވެ. ދެން ދިހަ މިނެޓް ބަލާފައި އެކަން ނުވީ ކަމަށް ނިންމާނީ އެވެ. ކޮންމެ ގޮތެއް ވިއަސް ދެން އިސްވެ ގުޅާކަށް ނުކެރޭނެ އެވެ. އޭނާ ގުޅިއިރު ފޯނު ނެގުނު ނަމައޭވެސް މިހާރު އެބަ ހިތަށް އަރަ އެވެ. ގަޑި ބަލަބަލާ އިންދާ ދިހަ މިނެޓްވެސް ހަމަ ވީ އެވެ. ފިނި ނޭވާއެއް ބޭރަށް ދޫކޮށްލުމަށް ފަހު މޭޒު މަތީގައި އޮތް އައިނު ބޮލަށް ޖަހާލަމުން ދާއިން ތެދުވި އެވެ. އެވަގުތު ކުރިމަތީގައި ހުރި މޭޒުގައި ތިބި ޒުވާން ފިރިހެން ގުރޫޕަށް އެ އައި ބަދަލު ދާއިންއަށް ފާހަގަ ކުރެވުނެވެ. އެމީހުން ދައްކަމުން ދިޔަ ފޯރިގަދަ ވާހަކަ ހުއްޓި އެންމެންގެ ލޯތައް އެއް ދިމާއަކަށް އަމާޒު ވެގެން ދިޔަތަން ފެނުނެވެ. އެމީހުންގެ ނަޒަރު ހުއްޓިފައިވާ ދިމާއަށް ދާއިން އަށް ވެސް ބަލާލެވުނެވެ. އެވަގުތު ފެނުނު މަންޒަރާއެކު ވީ އުފަލުން ދާއިންގެ ދެލޮލުން ކަރުނަވެސް ހިލިގެން ދިއަ އެވެ. ސިޑިން އެރި ގޮތަށް ދޮރު ކައިރީ މަޑުކޮށްލައިގެން އެހެރީ ދެވަނަ ދެމީހެއް ނޫނެވެ. ޔޫހާ އެވެ.
މިވަގުތު ކަންތައް ކުރަންވީ ގޮތެއް ދާއިން އަކަށް ނުވެސް ވިސްނުނެވެ. އޭނާ މަޑުމަޑުން ގޮނޑީގައި އިށީންނަމުން އަނެއްކާވެސް ފޯނާ ކުޅެން ފަށައިފި އެވެ. އޭނާ ކަމެއްގައި ބިޒީ ވެފައި އިންކަމަށް ހެދެމުން ޔޫހާ ނުފެންނަ ކަމަށް ހެދީ އެވެ. ކަމާކަންފަށާ ޔޫހާގެ އިންތިޒާރުގައި އެހާ ގިނައިރު އިނީ ކަން ޔޫހާއަށް އިނގޭކަށް އޭނާ ބޭނުމެއް ނުވި އެވެ.
ޔޫހާ ދެކޮޅަށް ބަލާލާފައި އެތެރެއަށް ވަދެ ގޮސް ދާއިންގެ ވައަތް ފަރާތުގައި ހުރި މޭޒު ކައިރީގައި ދާއިންއަށް ފުރަގަސްވާ ގޮތަށް އިށީނެވެ. އިސް ޖަހައިގެން އިން ނަމަވެސް ދާއިން އިނީ ޔޫހާގެ ހަރަކާތް ތަކަށް ބަލާށެވެ. ޔޫހާ ކުޑައިރުކޮޅަކު މަޑުކޮށްލާފައި ފޯނު ނަގާ ގުޅާލި އެވެ. ދާއިން ނޭވާ ހިފަހައްޓާލަމުން ފޯނުނެގި އެވެ.
" ޔޫހާ!"
ދާއިން ޖަވާބުދިނީ ފޯނަށެވެ. އެހެން ނަމަވެސް ޔޫހާއަށް އެއަޑު އިވުނީ ފޯނަކުން ނޫނެވެ. ކުއްލިއަކަށް ޔޫހާ އެނބުރި ސީދާ ދާއިންގެ ދެލޮލަށް ބަލާލި އެވެ. ފުރަތަމަ ފަހަރަށް ޔޫހާއާ ހަތަރު ކަޅި ހަމަވި ވަގުތު ދާއިންގެ މޭގެ ތެރެއަށް ހީވީ ފިނިއެއްޗެއް އޮއްސާލެވުނު ހެންނެވެ. ދިގު އެސްފިޔަ ތަކުގެ ނިވަލުގައި އެވާ ބޮޑު ދެލޮލުގެ ތޫނުކަން ދާއިންގެ ހިތް، ވަރުގަދައަށް ޒަހަމް ކޮށްލައިފި އެވެ. ފޯނު ތިރިކޮށްލަމުން ދާއިން ހިތްވަރު ކޮށްލާފައި ތެދެވި އެވެ. ޔޫހާ ތެދުވާކަށް ނޫޅެ އެވެ. ދާއިން ފެނިފައި އޭނާއަށް އިނދެވުނު ތަންވެސް ހަނދާން ނެތިއްޖެ ކަހަލަ އެވެ. ފޯނު ކަނޑާލަންވެސް ނޭގިފައި ދާއިންއަށް ބަލަހައްޓައިގެން އިނދެވުނީ އެވެ. އެ އިސްކޮޅާ، އެހަށިގަނޑު. އެކުލައާ އެހިނިތުންވުން. މި ރާއްޖޭން އޭނާއަށް އެފަދަ ޒުވާނެއް ދުވަހަކުވެސް ފެނިފައި ނުވެ އެވެ. ޔޫހާގެ ނަން ދެންމެގައި ކިޔާލި މީހަކީ އެއީ ހެއްޔެވެ! ޔަޤީން ނުކުރެވިފައި ޔޫހާއަށް އިނދެވުނެވެ.
" ޔޫހާ!"
މަޑުމަޑުން ދާއިން ގޮވާލި އެވެ. ޔޫހާއަށް ޔަޤީންވީ ދެނެވެ. ދާއިން އަތުގެ އިޝާރާތުން ކުރިމަތީގައި ހުރި ގޮނޑި ދައްކާލި އެވެ. މަޑުމަޑުން އައިސް ދާއިންގެ ކުރިމަތީގައި ހުރި ގޮނޑީގެ ކައިރިއަށް ހުއްޓުނު އިރުވެސް ޔޫހާއަށް ދާއިންގެ މޫނުން ނަޒަރު ވަކިކޮށްލެވޭ ގޮތެއް ނުވި އެވެ.
" އަހުމަދު!"
ދާއިން އަމިއްލަ އަށް ތައާރަފްވަމުން އިށީދެލި އެވެ. ޔޫހާގެ ނަޒަރު ގަދަކަމުން ދާއިންއާ ވަކި ކޮށްލަމުން ޔޫހާވެސް އިށީނެވެ. އެދެމެދަށް ކުޑަ ހިނދުކޮޅެއްގެ ހަމަ ހިމޭންކަން ވެރިވެގެން ދިޔަ އެވެ. އެވަރަށް ތައްޔާރު ވެގެން އައިސްފައި ވެސް ވާހަކަ ފަށާނެ ގޮތެއް ދާއިން އަކަށް ނޭގުނެވެ. އިރުކޮޅަކު އިނދެފައި ދާއިން ޖީބުން ނެގި ސިޓީ އުރަ ޔޫހާގެ ކުރިމަތީގައި ބާއްވާލި އެވެ.
" މީތި ދޭން ބޭނުން ވެގެން!"
ޔޫހާގެ ހިތް ތެޅިލި އެވެ. ކޮއްކޮ ބުނިހެން އޭގެ ތެރޭގައި ވަނީ ކޮންފަދަ ނަސީބެއްތޯ ބަލާލަން އޭނާގެ ހިތް އަވަސްވި އެވެ. ޔޫހާ ސިޓީ އުރައިގައި ހިފާލުމާއި އެކު ކުއްލިއަކަށް ދާއިން ކުރިއަށް ޖެހިލާ ޔޫހާގެ އަތްތިލައިގައި އަތް ޖައްސާލި އެވެ. ޔޫހާގެ ފިނިފިނި އަތުގައި ދާއިންގެ ހޫނު އިގިލިތައް ޖެހުނު ހިނދު ދެ ހަށިގަނޑުގައިވެސް ކަރަންޓުގެ އޮއިވަރެއް ދަތުރު ކޮށްލި އެވެ.
" ތީގަ... އޮތް އެއްޗަކީ...އެހާ ބޮޑު އެއްޗަކަށް ނުވެދާނެ...އެކަމު...އަހަންނަށް ވަރަށް އަގު ބޮޑު އެއްޗެއްވީމަ މީހެއްގެ އަތަށް ދޭން ނުކެރުނީ... ރުޅިނާންނައްޗޭ!"
އެ ފިރިހެން ވަންތަ ޒުވާނާގެ މަޢުޞޫމް ކަމުގެ މައްޗަށް ޔޫހާގެ ހިތް ލެބިލައިފި އެވެ. ޖަވާބުގައި ޔޫހާ ހިނިތުން ވެލި އެވެ. ޔޫހާ ސިޓީ އުރަ ކަނޑާފައި ބަލާލި އިރު އޭގައި އޭނާ ހީކުރި ކަހަލަ އެއްޗެއް ނެތެވެ. އަގު ބޮޑު އެއްޗެއްވެސް ނެތެވެ. އެއީ އޭނާގެ އައިޑީ ކާޑު ކޮޕީ އެކެވެ. އޭނާ އެހާ އުނދަގުލުން އެތަނަށް އެ އައީ އޭތި ބަލާ ހެއްޔެވެ! ހިސާބަކަށް ހިތްހަމަ ނުޖެހޭ ގޮތް ވި ނަމަވެސް ދެންމެ ގައި އަހުމަދު އެބުނި އެއްޗެއް ހަނދާން ވުމުން ހިތް މަޑުޖެހިލިއެވެ. ޔޫހާ ގެ އައިޑީ ކާޑުގެ ކޮޕީ އޭނާއަށް އަގު ބޮޑު އެއްޗަކަށް ވީ ކީއްވެ ހެއްޔެވެ!
" މި ހޯދީ ކޮންތާކުން؟ "
ޔޫހާ ދާއިންގެ މޫނަށް ބަލާލި އެވެ.
" ޕަރލް މޯލްޑިވްސް! "
ދާއިން އޮފީހުގެ ނަން ބުނެލުމާއި އެކު ޔޫހާގެ މޫނުމަތީގެ ކުލަ ބަދަލު ވެގެން ދިޔަ ކަން ދާއިންއަށް ފާހަގަ ކުރެވުނެވެ.
" ބޮޑު މީހާގެ ކޮޓަރީ ދޮރުމަތީ އޮތީ...!"
ދާއިން އިތުރަށް ބުނެލި އެވެ. ފަރުވާތެރި ކަމާއިއެކު ޔޫހާގެ މޫނަށް ބަލަން އިނދެ އެވެ.
" އަހުމަދު އެތާ ކީއްކުރަނީ؟"
ޔޫހާގެ މޫނުމަތީން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމުގެ އަސަރެވެ. އޭގެ ސަބަބު އޮޅުން ފިލުވަން ދާއިން ޝައުޤުވެރި ވިއެވެ.
" އަހަރެން... އޮފީސް ފަރާތުން އެތާ އޮތް ބައްދަލު ވުމަކަށް ދިޔައީ...!"
އަނެއްކާވެސް ގަސްތުގައި ދާއިން ދޮގު ހެދި އެވެ. ޔޫހާގެ ޙަޤީޤަތް ނޭގެނިސް ދާއިންއަކީ ކާކު ކަމެއް އަންގާކަށް ދާއިން ބޭނުމެއް ނުވި އެވެ. ދާއިން އަކީ ދޮގުހަދާ މީހަކަށް ނުވި ނަމަވެސް އެތައް ރިހާސަލެއްގެ ސަބަބުން ދާއިންގެ ނުފަރިތަކަން ފާހަގަ ވާވަރެއް ނުވެ އެވެ.
" ނަސީބެއް!"
ޔޫހާ ގޮނޑީގައި ލެނގިލަމުން ފުން ނޭވާއެއް ބޭރަށް ދޫކޮށްލި އެވެ.
" ވައި؟... ކޮން ނަސީބެއް؟"
ނުވިސްނިފައި އަހާފަދަ ގޮތަކަށް ދާއިން އަހާލި އެވެ.
" ނަސީބެއް އެތާ ބޮޑު މީހާގެ ތިމާގެ މީހަކަށް ނުވިކަން... އޭނަގެ ގާތް ތިމާގެ މީހަކާވެސް އިރާދުކުރެއްވިއްޔާ އަހަރެން އަނގައިން ނުބުނާނަން! ވަރަށް ނުބައި މީހެއް އެއީ!"
ދާއިންގެ ދޮން މޫނުމަތި ރަތް ވެގެން ދިޔަ އެވެ. ދާއިންގެ ބައްޕަ ދެކެ ޔޫހާ އެވަރަށް ރުޅި އަންނަން ޖެހުނު ސަބަބެއް އޮންނާނެއެވެ. އިތުރު ސުވާލެއް ކުރަންވެސް ދާއިން ޖެހިލުންވި އެވެ. ބައްޕައާ ބެހޭ ގޮތުން އިތުރު އެއްޗެއް އަޑު އަހަން ވެސް ބިރުގަނެ އެވެ. ޔޫހާއަކީ ވެސް ކޮއްކޮ އެބުނާ އުމުރުގެ ކުއްޖެކެވެ. ކޮންމެ އުމުރެއްގެ ފިރިހެނަކުވެސް ހިތް ގޯސްވާފަދަ އަންހެންވަންތަ ކަމެކެވެ.