" ފެން ފޮދެއް!"
އެހެން ބުނެވުނު ކަމެއް ނޭގެ އެވެ. ފުރަގަހުން އައި ބާރު ގަދަ އަތަކުން ޔޫހާގެ ފުއްކިބައިގައި އަޅުވާލިލެއް ބާރު ކަމުން ޔޫހާ އާއި އެކު ފޯނުވެސް ދިއައީ ބުރައިގެންނެވެ.
ނާމީއަށް އެއަޑު އިވުމާއި އެކު ތެޅިގަނެވުނެވެ.
"ޔޫހާ!"
އޭނާ ކިތަންމެ ކަންބޮޑު ވިއަސް ޔޫހާއަކަށް އެ އަޑެއް ނީވެ އެވެ.
ޔޫހާ ގޮސް ބިންމައްޗަށް ޖެހުނު ގަޑީގައި ޝަމްސްގެ ބިރުވެރި މޫނު އޭނާއަށް ފެނުނެވެ. ޝަމްސް ގުދުވެ ހަލާކު ވެފައިވާ ފޯނުގަނޑު ނެގި އެވެ. 

" ކަލޭ ކާކަށް ގުޅަނީ! "
ޝަމްސް ފޯނު ނެގުމަށް ފަހު އަނެއްކާވެސް ފޯނު ނަގާ ބިންމައްޗަށް ޖަހައިފި އެވެ. މިފަހަރު ފޯނު ހަމަ ފަޅަ ފަޅައިގެން ގޮސް ބައިބައި ކުދިކުދި ވެއްޖެ އެވެ. ޝަމްސް ރުޅިގަދަވެފައި ހުރި ވަރުން ޔޫހާ ބިރުގެން ވަރަށް ވުރެ ބޮޑަށް އޭނާ ދެރަވި އެވެ. ދެން ދުވަހަކުވެސް ނާމީއާ ނުގުޅޭނެ ކަން ޔަގީންވި އެވެ. ޝަމްސް އައިސް ޔޫހާއާ ކައިރިއަށް ގުދުވުމުން ޔޫހާ ނޭވާ ހިފަހައްޓާލަމުން ލޯ މަރާލި އެވެ. އޭނާ އަށް މިފަހަރު ހަދާލާނެ ގޮތެއްވެސް ނޭގެ އެވެ. އެހެން ނަމަވެސް މިފަހަރު ޝަމްސް ކަން ކުރީ ޔޫހާ ހީކުރި ގޮތަކަށް ނޫނެވެ. އޭނާ ޔޫހާގެ ގައިގައި އަތް ވެސް ނުލައެވެ. އޭނާ އެއަށް ވުރެ ބޮޑު އަދަބެއް ޔޫހާއަށް އޮތީ ތައްޔާރު ކޮށްފަ އެވެ. 

" އަހަރެން ކަލޭ ބަހައްޓާފަ ދަނީ.... !"
އެހެން ބުނަމުން އޭނާ ޖީބުން ޗެކެއް ނަގާ ދައްކާލި އެވެ.
" ބައިވަރު ލާރި! 1 އަހަރު އަހަރެން ކަލޭ ވިއްކާލީ! " 
އެހެން ބުނެފައި ޝަމްސް ތެދުވި އެވެ. 
" ހަނދާން ކުރަނީ ކަލޭ ފިލަން ނޫޅެނީ، ކަލޭ އަހަރެން އަންހެނުން.... އަހަރެން ފަހުން އަންނަނީ ކަލޭ ބަލާ!"
ޝަމްސްގެ ހުތުރު މޫނަށް ބަލަން ޔޫހާ އިނީ ނަފްރަތުގެ ބެލުމަކުންނެވެ.
" ކަލޭ އާ ކުއްޖާ ބަހައްޓަނީމަ އަހަރެން ބޮޑު އަގު ލިބެނީ.... ފަހުން އަހަރެން ކަލޭ ބޭނުން ކުރަން ޖެހެނީ. އަންނަނީ ބަލާ " 

އެހެން ބުނެފައި ޝަމްސް ދާން ހިނގައި ގަތެވެ. ހިތް ފުރޭ ވަރަށް ފައިސާ ލިބުމުން މިވަގުތު ޔޫހާއަށް އިތުރު ގޯނާއެއް ކުރާކަށް އޭނާ ބޭނުމެއް ނުވި އެވެ. އެއް އަހަރުގެ އެއްބަސް ވުމެއްގެ ދަށުން ޔޫހާ ބަޔަކަށް ވިއްކާލުމަށް ފަހު ޝަމްސް ނުކުމެގެން ދާ ތަން ބަލަން ޔޫހާ އިންއިރު އޭނާގެ ހިތް ފުރިފައި ވަނީ ބަދު ދުޢާ އިންނެވެ.

ޔޫހާ މަޑުމަޑުން ތެދުވެ އިށީނެވެ. ދެން އޭނާއާ ބައްދަލު ވާނީ ކޮން ވައްތަރެއްގެ މީހަކާ ކަމެއް، ކުރިމަތި ލާން ޖެހޭނީ ކިހާ ވަރެއްގެ ކަމަކާއި ކަމެއްވެސް ނޭގެ އެވެ.

ނާމީ ބޮލުގައި އަތް އަޅައިގެން އޮށޯތެވެ. އޭނާ ކުރި ހުރިހާ މަސައްކަތް ގެއްލުނީ އެވެ. ޔޫހާ ވެސް ގެއްލުނީ އެވެ. ރާއްޖޭގެ ޕޮލިހުންނަށް، އަދި އިންޑިއާ ގެ ޕޮލިހުންނަށް ވެސް ވީކަމެއް ނެތެވެ. އެ ނިކަމެތި އަންހެން ކުއްޖާއާއި ދޭތެރޭގައި އޭނާގެ ހިތް ރަޙުމުން ފުރިގެން ދިއައިރު އެހިތުގައި ރިހުން ތަކެއް އުފައްދިގެން ދިއައެވެ. ދުވަހަކުވެސް އޭނާގެ ހިތް އެހާ ބަލިކަށި ނުވެ އެވެ. 

މާހިން އާއި ދާއިން ޕޮލިހުގައި މައްސަލަ ފައިލް ކުރުމަށް ފަހު އައިސް ކޮޓަރިއަށް ވަނެވެ. ދެމީހުންވެސް ތިބީ މާޔޫސް ވެފަ އެވެ. ދާއިންގެ ހަށިގަނޑުގައި މިހާރު ކަމެއް ކުރާހާ ވަރު ވެސް ނެތެވެ. މަރާލާފައި އެވާ މީހަކީ ޔޫހާ ކަމަށް ޝައްކު ވާފަދަ ގޮތަކަށް ކޮއްކޮ ބަޔާން ދިން ފަހުން ދާއިން އަށް ވަނީ ވަރަށް އާދަޔާއި ޚިލާފް އިޙުސާސް ތަކެއް ކުރެވެން ފަށައިފަ އެވެ.

ތިރި މޭޒު ކައިރީގައި ހުރި ލަކުޑި ގޮނޑީގައި ލެގިލަމުން މާހިން ލޯ މަރާލި އެވެ. އޭނާއަށް ފެނުނު މަންޒަރު ތައް އަދިވެސް އޭނާގެ ލޮލުގެ ކުރިމަތީގައި ސިފަވަމުން ދަނީ އެވެ. ހީވަނީ ބިރުވެރި ފިލްމެއް ހެންނެވެ. މާހިން ލޯހުޅުވާލަމުން ބޯ ހޫރާލި އެވެ. ތަކުރާރުކޮށް އެ މަންޒަރުތައް ސިފަވާން ފެށުމުން ބޮލުގެ ރިއްސުން އިތުރުވާ ގޮތްވި އެވެ. ލޯ ހުޅުވާލި ވަގުތު ނަޒަރު ހުއްޓުނީ މޭޒުމަތީގައި އޮތް، އޭނާ ކުރީން ގެންގުޅުނު ނޫހުގައި ޖަހާފައިވާ ފޮޓޯ އަށެވެ. ހިތުގައި އުފެދުނު ޝައްކަކުން އެ ނޫސް ނަގާ ރަނގަޅަށް ބަލައިލި އެވެ.

" ބޭބޭ!"
މާހިންގެ އަޑު އިވުމުން ދާއިން އަވަސް އަވަހަށް އައިސް މާހިން ހިފަހައްޓައިގެން އިން ނޫހަށް ބަލާލި އެވެ. އެ ނޫހުގައި ލިއެފައިވާ އެއްޗެއް ކިޔަން ނޭގުނަސް އޭގައި އެވާ ފޮޓޯ ސާފެވެ.
" ދިވެއްސެއް ދޯ!"
ދާއިން ޙައިރާން ކަމާއި އެކު ބުންޏެވެ. މާހިންއާއި ދާއިން އަވަހަށް މިސްރާބު ޖެހީ ރިސެޕްޝަންއާއި ދިމާ އަށެވެ. އެ ނޫހުގައި ލިޔެފައިވާ އެއްޗެއް ކައުންޓަރުގައި އިން މީހާއަށް އިނގޭނެ އެވެ. އެވަގުތު ރިސެޕްޝަނިސްޓް އަކަށް އިނީ އަންހެން ކުއްޖެކެވެ. އޭނާ އަށް އެ އާރޓިކަލް ދައްކާފައި ތަރުޖަމާ ކޮށްދޭން ބުނުމުން ވަރަށް އުފަލުން އެކަން ކޮށްދީފި އެވެ. 

އެއީ ރާއްޖޭ ފިރިހެނެއްގެ ފޮޓޯ އެވެ. ރާއްޖޭގެ ދެ އަންހެން ކުއްޖަކު އިންޑިއާއަށް ގެނެސްގެން ހަށިވިއްކުމުގެ ވިޔަފާރި ކުރަން އުޅޭ ޚަބަރު ލިބިގެން އެމީހާ ފަހަތުން ޕޮލިސް ޗޭސް ކުރަނިކޮށް އެމީހާ އިން ބަސް ފުރޮޅާ ލައިގެންގޮސް ކޯރަށް ވެއްޓުނީ އެވެ. އެ ކޯރުގެ ތެރެއިން އަންހެން ކުއްޖަކާއި ފިރިހެނަކު ސަލާމަތް ކުރެވިފައި ވާއިރު އެކަކަ ނުފެނެ އެވެ. 

" ލޫނާ!"
މާހިން ދެ ލޯ ބޮޑުކޮށްލަމުން ބޭބެއަށް ބަލާލި އެވެ. ދާއިން ކޮއްކޮއަށް ބަލަން ހުރީ ނޭވާ އަވަސް ވެފަ އެވެ.
" އެއްކަލަ އިރު ކޯރުން ނަގައިގެން ބަހަށް އެރުވީ ލޫނާ ދޯ!"
ދާއިން ހަނދާން ވިއެވެ.
" ޔާ! ޝިޓް!"
މާހިން ރިސެޕްޝަނިސްޓް ގާތުގައި އެދުނީ އިތުރު އެއްވެސް މައުލޫމާތެއް އޭގައި އެބައޮތްތޯ ބެލުމަށެވެ. އެހެން ނަމަވެސް އެ އަރޓިކަލް އޮތީ އެހާ ހިސާބުން ނިމިފަ އެވެ. ދާއިން ވިސްނާލި އެވެ. އެއަރޓިކަލް ލިޔެފައިވާ މީހާއަށް އެ މައުލޫމާތު އިނގޭނެ އެވެ. ނޭގޭ ކަމަށް ވިއަސް އެމީހާ މެދުވެރި ކޮށް އެމީހާއަށް މައުލޫމާތު ދިން މީހާ ހޯދޭނެ އެވެ. ވަރަށް އުނދަގުލުން އެ ރިޕޯޓަރާއި ގުޅުނެވެ. ރިޕޯޓަރ އާއި ވާހަކަ ދެއްކުމުން ވަރަށް ފަސޭހައިން މައުލޫމާތު ލިބުނެވެ. މި ވަގުތު ލޫނާ އޮތީ ސާޔާ ހޮސްޕިޓަލްގަ އެވެ.

ލޯ ހުޅުވާލި ގޮތަށް އެއްދިމާއަށް ނަޒަރު ހުއްޓާލައިގެން ސީލިންގް އަށް ބަލަން ލޫނާ އޮތެވެ. ހިނގާދިޔަ ހާދިސާ އޭނާ ކިތަންމެ ރަނގަޅަކަށް ވެސް ހަނދާން އެބަހުއްޓެވެ. އޭނާގެ ފުއްޕާމޭގައި އަދިވެސް ކޮންމެވެސް ވަރަކަށް ފެން ހުރި ކަމަށް ބުނެ އެތަނުގައި ފަރުވާ ކުރަން އޮންނަން ޖެހުނަސް ޝަރީފްބޭގެ ކިބައިން ސަލާމަތް ވެވުނު ކަން ރަނގަޅެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް ކަމަށް ދައްތަ ބުނެ އެވެ. ކިތަންމެ ހިތްދަތި ވިއަސް އޭނާ އެކަން ޤަބޫލު ކުރާނެ އެވެ. އެހެނަސް ހިތުގައި އުފެދޭ ސުވާލަކީ ދައްތަ އަދިވެސް އެކަން ޤަބޫލު ކުރޭބާ އެވެ. ދައްތަގެ ހަނދާން ވުމުން ލޫނާގެ ދެލޯ ކަރުނުން ބަރުވެގެން ދިއަ އެވެ. ދައްތަގެ ހާލަކީ ކޮބައި ބާއޭ އޭނާގެ ހިތަށް އެރި އެވެ. އަޅާލާނެ މީހަކު ނެތި އެކަނި މާއެކަނި ބީރައްޓެހި ތަނެއްގައި އޮންނަން ޖެހުމުން ލޫނާއަށް ހިތްދަތި ކަން އިޙުސާސް ކުރެވެމުން ދިއަ އެވެ. އޭނާއަކީ މަންމައާއި ބައްޕަގެ ލޮލުގެ ދެކޮއި ފަދައިން ގެންގުޅުނު ކުއްޖެކެވެ. ހިނދު ކޮޅަކަށްވެސް ބައްޕަގެ ނަޒަރުން ވަކި ކޮށްލަން ބޭނުން ނުވި ކުޑަ ދަރިފުޅެވެ. އެއަށް ފަހު މަންމަ އެކަނި އުޅެން ޖެހުމުންވެސް މަންމަވެސް އެކަމަށް ހާއްސަ ސަމާލު ކަމެއް ދިނެވެ. ދެ އަންހެން ދަރީން ރައްކާތެރި ކަމާއެކު މަންމަ ބަލަމުން ދިއަ އެވެ. މީހުންގެ ލޯ ތަކުން ސަލާމަތް ކުރުމަށް މަސައްކަތް ކުރި އެވެ. ފިރިމީހާގެ ކުއްލި ވަކިވެ ދިއުން ހިތްދަތިކަން އިޙުސާސް ކުރެވުނު ނަމަވެސް ދަރީންނަށް އެކަން އިޙުސާސް ވިޔަ ނުދޭން އިންތިހާއަށް މަސައްކަތް ކުރަމުން ދިއަ އެވެ. އެންމެ ވަގުތު ކޮޅަކަށް ވެސް އެކުދީން އެކަނި ވިޔަ ނުދެ އެވެ. 

ނިދާ ގަޑީގައި ދީނީ ނަސޭހަތްދީ ސިޔަރަތު ފަދަ ތަކެތިން އިބުރަތް ހޯދާދެން މަސައްކަތް ކުރި އެވެ. ކޮންމެ ރެއަކު ނިދެންދެން މަންމަގެ ހޫނުކަން އިޙުސާސް ކޮށްދެ އެވެ. ކާއެއްޗެއް އަރުތެރެއަށް ދާ ނަމަ އެއީ މަންމަގެ އަތުން ލޯތްބާއެކު ތައްޔާރު ކޮށްފައިވާ އެއްޗަކަށް ހަދާ ދެއެވެ. އެފަދަ ލޯބިވެތި ދިރި އުޅުމެއް އުޅެމުން އައި ބަޔަކު މިއަދު މިވަނީ އެކަކު އަނެކަކާއި ވަކިވެފަ އެވެ. އެކަކު ވީ ތަނެއް އަނެކަކަށް ނުވެސް އިނގޭ ހިސާބު ދުރަށް ގޮސްފަ އެވެ. އަމިއްލަ ހާލާއި ދޭތެރޭ ކަރުނަ އޮހޮރުމުގެ ކުރީން ވިސްނާލެވެނީ އާއިލާގެ އެހެން މީހުންގެ ހާލުގެ މައްޗަށެވެ. ދުޢާ އަކީ މާތް ﷲ ހެޔޮ ރަޙުމަތް ލައްވަވާ ކުރީގެ އެ އުފާވެރި ދުވަސްތައް އަނބުރާ ގެނެސް ދެއްވުމެވެ. އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް އޭނާﷲގެ ރަޙުމަތުން އުއްމީދު ކަނޑައެއް ނުލާނެ އެވެ.

ކޮޓަރީގެ ފާރު ކައިރީ ތަޅުންމަތީގައި ޔޫހާ ބޮނޑިވެލައިގެން އިނެވެ. އޭނާގެ ނަސީބުގައި ދެން އޮތް އެއްޗަކަށް އިންތިޒާރު ކޮށްކޮށެވެ. މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޯދިއްކޮށްލީ އަންހެން ކުއްޖެކެވެ. އިންޑިއާގެ އަންހެން ކުދީންނާއި ތަފާތު ސޫރަ އެކެވެ. ދޮން ބޮޑު ހަށިގަނޑެކެވެ. ރީތި ހިނިތުން ވުމަކާއި އެކު އޭނާ ޔޫހާއާއި ދިމާއަށް ހިނގައި ގަތެވެ. އޭނާގެ އަތުގައި ކުޑަ ދަބަހެއް އޮތެވެ. ޔޫހާ ހަމަ އެއިން ގޮތަށް އިނީއެވެ، ވާން އުޅޭ ގޮތަކާއި ދޭތެރޭގައި ޔޫހާ އިނީ ސުވާލު އުފެދިފަ އެވެ. އެކުއްޖާ އައި ގޮތަށް އައިސް ޔޫހާ ގާތުގައި ޓައިލްސް މަތީގައި ދެފައި ވައްކޮށްގެން އިށީނެވެ. އެއަށް ފަހު ކައިރީގައި ހުރި ފެންފުޅިން ފެން ފޮދެއް ތައްޓަށް އަޅާލަމުން އެ ދަބަހުން ސްޕޮންޖު ކޮޅަކާއި ސާމާނު ނެގި އެވެ. ދެން އޭނާ އަމިއްލައަށް ތައާރަފް ވެލި އެވެ.

" ސާރާ!"
ސާރާ ހިނިތުން ވެލައިގެން އިން ގޮތުން ހީވަނީ ދުވަހަކުވެސް ހިތާމައަކާއި ކުރިމަތިލާފައި ނުވާ ކުއްޖެއް ހެންނެވެ.
ސާރާ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. މާ ރަނގަޅަށް ވާހަކަ ދައްކަން ނޭގުނަސް، އަދި އޭނާ ވާހަކަ ދައްކާ ރާގުގައި ތަފާތު އުނދަގޫ ގޮތެއް ހުއްޓަސް އޭނާ ބުނެދެން އުޅޭ އެއްޗެއް ޔޫހާއަށް ދޭހަވާ ވަރު ވިއެވެ. އޭނާ އެއުޅެނީ ޔޫހާގެ ޒަހަމް ވެފައިވާ ތަންތަނަށް ފަރުވާއެއް ދޭށެވެ. ކުއްލިއަކަށް ޔޫހާއާ ދޭތެރޭ ބަޔަކު އެހާ ހެޔޮ ބޮޑުވި ސަބަބެއް އޮޅުން ފިލުވަން ޔޫހާ ބޭނުން ވިއެވެ. ސާރާ ޔޫހާގެ ޒަހަމް ތަކަށް ފަރުވާ ދެމުން ދިޔައިރު ޔޫހާ ސުވާލު ކުރަމުން ދިއަ އެވެ. ސާރާ ބުނި ގޮތުގައި އެކުދީންނަކީ ޖެހިގެން ހުރި 'ބްރޯތަލް' ގެ މުއައްޒަފުންނެވެ. ޖެހިގެން އެހެރަ ތިންބުރީގެ ބޮޑު އިމާރާތަކީ މުއްސަނދި މަހުޖަނުން ހިތްހަމަ ޖައްސާލަން ވަގުތު ހޭދަ ކޮށްލަން އަންނަ ތަނެކެވެ. އެތަނުގައި ތިބޭ އަންހެން ކުދީންނަކީ ދުނިޔޭގެ އެކި ހިސާބު ތަކުން ގެނެސްފައިވާ ރީތި އަންހެން ކުދީންނެވެ. އެކުދީންގެ މުސާރަވެސް ބޮޑެވެ. މުސާރައިގެ އިތުރުން އެތަނަށް ޒިޔާރަތް ކުރާ މުއްސަދީންގެ އަތުން އެކުދީންނަށް ލިބޭ ޓިޕްސް ވެސް ރަނގަޅެވެ. 

ސާރާ ވަރަށް އުފަލުން އިނދެ އެވާހަކަ ދައްކަމުން ދިއަ ނަމަވެސް އޭނާ ޔޫހާ އާއި ހަތަރު ކަޅި ހަމަ ނުކުރާން އުޅޭކަން ފާހަގަ ކުރެވުނެވެ. ޔޫހާގެ ހިތުގައި ސުވާލު ތަކެއް އުފެދެމުން ދިއަ އެވެ. ސާރާއަކީ ވެސް ކޮންމެވެސް ގައުމަކުން އެތަނަށް ގެނެސްފައިވާ ޔޫހާ ފަދަ ކުއްޖަކަށް ނޫނީ ނުވާނެ އެވެ. 

ޔޫހާގެ ނިއްކުރި މަތީން އުފުލާފައިވާ ތަނުގައި ސާރާ އައިސް އަޅައިދެމުން ދައްކަމުން ދިއަ ވާހަކައަކީ އޭނާ މިހާރު އުޅެމުންދާ ދިރި އުޅުމުގެ އުފާވެރި ވާހަކަ އެވެ. މަޖާ ވާހަކަ އެވެ. ސާރާގެ ވާހަކަ މެދު ކަނޑާލަން ޖެހުނީ ޔޫހާ އޭނާގެ އަތުގައި ހިފަހައްޓާލުމުންނެވެ. ޔޫހާގެ ހިތާމަވެރި ބޮޑު ދެލޮލާއި ހަތަރު ކަޅި ހަމަވި ވަގުތު ސާރާގެ ހިތުގައި ވެސް ހަމްދަރްދީ އުފެދިގެން ދިއަކަން ޔަޤީނެވެ. ދެން ސުވާލު ކުރަން ފެށީ ޔޫހާ އެވެ. ޔޫހާ ޤަބޫލު ކުރި ގޮތުގައި ސާރާ އެދައްކާ ވާހަކަ އަކީ ސާރާގެ ހިތުގެ އަޑީން ދައްކާ ވާހަކައެއް ނޫނެވެ. ސާރާގެ މަޖުބޫރީ ހާލަތު ސިއްރު ކުރަން އުޅުނަސް އޭނާގެ ދެލޮލުން ހަޤީޤަތް ހާމަ ވަމުން ދާކަމަށް ޔޫހާ ބުނެލުމުން ސާރާއަށް އިސް ޖެހުނެވެ. އަމިއްލަ ނަފްސާ ދޭތެރޭގައި ވިސްނާލެވުނެވެ. ދެން އޭނާ އޭނާގެ ދިރިއުޅުމުގެ ހަޤީޤަތް ދެންމެގައި ދިމާވި ގޮތްހުސްވެފައިވާ އެކުވެރިޔާއަށް ކިޔައި ދޭން ފެށި އެވެ. 

ސާރާއަކީ ޕާކިސްތާނުގެ ނިކަމެތި ދެމަފިރި އަކަށް ލިބިފަވާ ކުއްޖެކެވެ. އުމުރުން ސޯޅަ އަހަރުގައި ޕާސްޕޯޓް ބަދަލުކޮށް އުމުރު ދޮށީ ކޮށްގެން އޭނާ އިންޑިއާގެ ޕޫނޭއަށް ދިއައީ ގެއެއްގައި ގެންގުޅޭ މެއިޑެއްގެ ގޮތުގަ އެވެ. ފައިސާގެ ބޭނުން ޖެހިފައި ހުރި ވަރުން އޭނާގެ އާއިލާއަށް އޭނާ ފޮނުވަން މަޖުބޫރު ވީއެވެ. ފުރަތަމަ އޭނާގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައި ވަނީ އޭނާ ހުރި ގޭގެ ވެރިމީހާ އެވެ. އެކަން ގޭގެ އަންހެން މީހާއަށް ސާރާ އަންގަން އުޅުމުން އެގޭ ފިރިހެން މީހާ އޭނާއަށް ނުވެސް އަންގާ އޭނާ ބޮޑު އަގުގައި ވިއްކާލީ އެވެ. ކުޑަ ކުއްޖެއްގެ ގޮތުގައި ހުރެ، ބޮޑެތި މީހުންގެ ޝިކާރަ އަކަށް ވެ ނިމި ދިއައިރު އެހީތެރި ކަމަކަށް އެދި ދާނެ ދިމާއެއްވެސް އޭނާ އަކަށް ނޭގުނެވެ. އެދުވަހު އޭނާ އިނީ ޔޫހާ މިއަދު އިން ހާލަތުގަ އެވެ. މައިން ބަފައިންނާއި ދޭތެރޭގައި ވިސްނާ ރޮއި ހަލާކު ވި އެވެ. އެހެން ނަމަވެސް އެއީ ކުޑަ ދުވަސް ކޮޅަކަށެވެ. މިހާރު އެދުވަސް އެއީ މާޒީ އެވެ. މިހާރު އޭނާ އަމިއްލަ ގައުމަށް ދާހިތެއް ނެތެވެ. މައިން ބަފައިންނަށް ފެންނާކަށް ވެސް ބޭނުމެއް ނޫނެވެ. އެ ދިރިއުޅުން ކުރިއަށް ގެންދިއުން އެއީ މިހާރު އޭނާއަށް އެންމެ ރަނގަޅު ގޮތެވެ. އަމިއްލަ ޤައުމުގެ އެކަކުވެސް ދެން އޭނާ ބަލައެއް ނުގަންނާނެ އެވެ. މައިން ބަފައިންނަށް ވެސް ދެން އޭނާގެ ފަރާތުން ލިބޭނީ ހުތުރު ނަމެކެވެ. އޭނާއަށް ފައިސާ ލިބޭ ފަދަ ވަޒީފާއެއް ދޭނެ މީހަކު ވެސް ދެން ނުހުންނާނެ އެވެ. އެއަށް ވުރެ އޭނާއަށް މިހާރު ރަނގަޅުވާނީ އަގު ބޮޑުކޮށް ވިކޭ މީހެއްގެ ގޮތުގައި އެތަނުގައި ހުރުމެވެ. ދުވަސް ކޮޅަކުން ޔޫހާއަށް ވެސް ވާނީ ހަމަ އެހެންނެވެ. 

ސާރާ ބުނި ގޮތުގައި ޔޫހާގެ މިދުވަސްތައް މަޑުމަޑުން ފާއިތު ވެދާނެ އެވެ. ޖެހޭނީ ކުޑަކޮށް ހިތްވަރު ކޮށްލާށެވެ. ފަހުން މި ދިރިއުޅުން ވެސް ހަމަ ކަމުދާނެ އެވެ. ސާރާގެ ވާހަކަ ކިޔާދީ ނިމުނު އިރު ސާރާގެ ލޮލުން އޮހޮރުނު ކަރުނަތައް ޔޫހާއަށް ސިއްރެއް ނުވި އެވެ. ސާރާއަށް ޓަކައި ޔޫހާގެ ހިތުގައި ރިހުމެއް އުފެދިގެން ދިއަ ހިނދު ޔޫހާ ކުރިއަށް ޖެހިލާ ސާރާގެ ގައިގައި ބައްދާލި އެވެ. އޭނާގެ ހިތުގެ ރިހުން އުފެދި ބޮޑުވެގެން ދިއައީ އަމިއްލަ ނަފްސާއި ދޭތެރޭގައި ވިސްނާ ލެވުމުންނެވެ. ސާރާގެ އެ ދިރިއުޅުމަކީ ޔޫހާގެ މުސްތަޤްބަލް ފަދައިން ޔޫހާއަށް ސިފަވެގެން ދިއަ އެވެ. 

ސާޔާ ހޮސްޕިޓަލް ގެ ރިސެޕްޝަން އިން މައުލޫމާތު ހޯދައިގެން ވޯޑާއި ދިމާއަށް ހިނގައިގެން އިރު ދާއިން އާއި މާހިންގެ ހިތް ތެޅެމުން ދިއައީ އުނދަގޫ ވާވަރަށެވެ. މެޑިކަލް ވޯޑްގެ ބެޑް ނަމްބަރ 43 އާއި އަރާ ހަމަވި އިރު އެނދުގެ ވަށައިގެން ވަނީ ސްކްރީން ދަމާފަ އެވެ. ނަރުސް ކުދިން ކޮޅެއް އެތެރޭގައި އުޅެނީ އެވެ. ސްކްރީންގެ ބޭރުގައި މަޑުކޮށްލައިގެން މާހިން އާއި ދާއިން ތިބީ ނުތަނަވަސް ވެފަ އެވެ. އެންމެ ކަންބޮޑުވަނީ އެކުއްޖާ އަކީ ލޫނާއަށް ނުވެދާނެތީ އެވެ. 

އިރުކޮޅެއްގެ ފަހުން ނަރުސް ކުދީން ނުކުމެ ސްކްރީން ކަހާލި އެވެ. އެވަގުތު އެނދުގައި އޮތް އަންހެން ކުއްޖާ ނިކަން ރީތިކޮށް އެ ދެބޭންނަށް ފެނުނެވެ. މާހިން ދެލޯ ބޮޑުކޮށްގެން އެ ކުއްޖާއާއި ދިމާއަށް ފަރުވާތެރި ކަމާއެކު ބަލާލި އެވެ. ޤަބޫލު ނުކުރެވިފަ އެވެ.

" މަރީ!"
އެއީ ކާކުކަން ޔަޤީންވި ހިނދު މާހިންގެ މޫނު ރަތްވެގެން ދިއަ އެވެ.

ކޮމެންޓް 0