އިރުކޮޅަކު އެތަނުގައި އިނދެފައި ދާއިން ނުކުމެގެން ދާން ހިނގައި ގަތެވެ. އޭރު އޭނާގެ ހިތަށް ތަދުވެފައި ވީނަމަވެސް ސިކުނޑިއަށް ވަނީ ލުއިވެފަ އެވެ.

މިއަދު ނާމީ ފެންނަނީ ތަންކޮޅެއް މޫޑީ ކޮށްނެވެ. އޭނާގެ ސިކުނޑީގައި އާދަޔާ ޚިލާފް ކަންތައް ގަނޑެއް ހިނގަމުން ދަނީ އެވެ. ޔޫހާ އޭނާއަށް ގެއްލެން އުޅޭ ފަދަ އިޙުސާސެއް އޭނާއަށް ކުރެވެނީ އެވެ. ދާއިން އެތަނުން ދިއުމުން ޔޫހާއާއި ނާމީ ގެ ގުޅުން އިތުރަށް ގާތްވާނެ ކަމަށް ހީވި ހީވުން ރަނގަޅެއް ނޫނެވެ. މިހާރު ޔޫހާ އުޅެނީ މާ ދުރުދުރުންނެވެ. ނާމީ ޔޫހާ ގާތުގައި ކައިވެނީގެ ވާހަކަ ދެއްކި ފަހުން ޔޫހާ އަދި ވަކީން ދުރެވެ. އެވާހަކަ އަކަށް ޔޫހާ ޖަވާބެއްވެސް ނުދެ އެވެ. ކޮންމެ އަކަސް ދެން އެކަން ދިގު ދެންމޭކަށް ނެތެވެ. ޔޫހާގެ ޖަވާބެއް މި ވަގުތުވެސް ބޭނުމެވެ. 

ލޫނާ ހޮޓަލަށް އައިއިރު ނާމީ ސިޓިންގް ރޫމް އޭރިޔާގައި ހުރި ސޯފާގައި އިން ގޮތް ފެނުމުން ކޮންމެސް ކަމެއް ގޯސް ވެއްޖެހެން ލޫނާއަށް ހީވި އެވެ. އަހާނުލާ އެތެރެއަށް ވަދެގެން ދާކަށް ނުކެރުނެވެ.

" ބަލީތަ؟"
ލޫނާގެ އަޑު އިވުމުން ނާމީ ނިއްކުރިމަތީން އަތް އުފުލާ ލޫނާއަށް ބަލާލި އެވެ. ލޫނާގެ އެރީތި މޫނު ފެނުމުން މިވަގުތު ނާމީ ހިތްހަމަ ޖެހުނެވެ. ލޫނާ ހިނިތުން ވެލީމައި ޔޫހާއާއި ތަފާތެއް ނެތެވެ. ބައެއް ފަހަރު ވައްތަރު ކަމުން ދެކުދީން އޮޅޭހާ ވައްތަރެވެ. ހަމަ އެ ތޫނު ދެލޮލާއި ދެ ތުންފަތެވެ. އެހެން ނަމަވެސް ލޫނާއަށް ވުރެ ޔޫހާ ހިތްގައިމުވާ ގޮތެއް ބުނެދޭކަށް ނޭގެ އެވެ. ލޫނާ އަދި ތަންކޮޅެއް ޅައީ ކަންނޭގެ އެވެ. 

ނާމީ ސޯފާގައި އަތުން ޖަހާލިގޮތުން އެތަނުގައި ލޫނާ އިށީނުމަށް ދައުވަތު ދިނީ ކަން އެނގުނެވެ. ހިސާބަކަށް އުނދަގޫވި ނަމަވެސް އެދައުވަތަށް ފުރަގަސް ދޭކަށް ނުކެރުނެވެ. ނާމީގެ އުޅުމާއި ދޭތެރޭގައި ހިތްހަމަ ނުޖެހުނަސް، އަދި ނާމީ ދޮންތީ ފަހަތުން އުޅޭތީ ކަމުނުދިޔައަސް ޤަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ ނާމީއަކީ އެކުދީންނަށް ހެޔޮ މީހެއް ކަމެވެ. އަދި އެކުދީން އެވަނީ ނާމީއަށް ދަރަނިވެރި ވެފައި ކަމެވެ. 

ލޫނާ އެ ސޯފާގައި އިށީނުމުން ނާމީ އަނެއްކާވެސް ސޯފާގައި ލެނގިލި އެވެ. އޭނާ ދެފައި ދަމާލަމުން ލޯމަރާލި ގޮތުން ހަށިގަނޑުގެ ވަރުބަލިކަން ހާމަވެގެން ދިއަ އެވެ. 

" އަހަރެން މީ މުއްސަނދި ބައްޕައެއްގެ ހުރި ހަމަ އެކަނި ދަރިފުޅު!"
ނާމީ ފެއްޓީ އެހާ ހިސާބުންނެވެ. މިއަދު ނާމީ ކޮންމެވެސް މީހަކަށް ދިގު ވާހަކައެއް ކިޔައިދޭ ހިތުން އުޅޭހެން ހީވެ އެވެ.
" އަހަންނަށް ނުލިބޭ އެއްވެސް އެއްޗެއް، އެއްވެސް އަރާމެއް މިދުނިޔޭގަ ނެތް، އެކަމަކު އަހަރެންމީ އެހާ ނަސީބު ގަދަ މީހެއް ނޫން!"
ހިތުގެ އުދާސްތައް ބަންޑުން ޖަހާލަން މި ލިބުނީ ލޫނާގެ ކުރިމަތީގަ އެވެ. ޔޫހާ އެފުރުސަތު ދޭނެ ހެނެއް ހިއެއް ނުވެ އެވެ. ކޮއްކޮ މެދުވެރިކޮށް ޔޫހާއާއި ހިސާބަށް އެ އުދާސްތައް ދިއައަސް ރަނގަޅެވެ.

" މިހާތަނާ ޖެހެން ދެން އަހަރެން އުޅުނީ ހިޔާލެއް ފިކުރެއް ނެތި ދުނިޔޭގެ އުފާތަކުގެ ފަހަތުން. އެކަމަކު އެއީ އަދި ހަޤީޤީ އުފަލެއް ނޫންކަން މިހާރު އަހަރެންނަށް އެނގިއްޖެ. ކުރީން އުޅެވުނު ގޮތާ ދޭތެރޭ އަހަރެން މިހާރު ދެރަވޭ....!"
ނާމީގެ މައްޗަށް ކިލަނބު ވެފައިވާ ލޫނާގެ ހިތް މަޑުމަޑުން ސާފުވާން ފަށައިފި އެވެ.
" އަހަންނަށް އިނގޭ އަހަރެން ކަމުނުދާނެ ހަމަ އެކަނި ސަބަބަކީ އަހަރެންގެ ޕާސްޓް ކަން!"
ނާމީ އެ ބުނި އެއްޗެއް ލޫނާއަށް ވިސްނުނެވެ. އެބުނީ ދޮންތީއަށް ނާމީ ކަމު ނުގޮސްގެން އުޅޭ ވާހަކަ އެވެ.
" އަހަރެންގެ ޕާސްޓެއް އަހަންނަކަށް އަނބުރައެއް ނުގެނެވޭނެ... އެކަމަކު އަހަރެން އެނބުރި އަތުވެއްޖައިން.... އެކަން ޤަބޫލު ކުރާނެ މީހަކު އެބަހުރިތަ؟"

އެހެން ބުނަމުން ނާމީ ލޫނާއާއި ހަތަރުކަޅި ހަމަކޮށްލި އެވެ. އެ ދެލޮލުން ލޫނާއަށް ފެނުނީ ހިތާމަޔާއި މާޔޫސް ކަމެވެ. ބުނާނެ އެއްޗެއް ލޫނާއަކަށް ނޭގުނެވެ. ލޫނާ ފަނޑު ހިނިތުން ވުމެއް ތުންފަތް މައްޗަށް ވެރި ކުރުވަމުން މޫނު އަނބުރާލީ ނާމީ އެދައްކާ ވާހަކަ ނޭގޭ ކަމަށް ހަދަމުންނެވެ. ނާމީގެ އެ ހިތްދަތި ކަން މިއަދު ލޫނާގެ ހިތާވެސް ކުޅެލައިފި އެވެ. ނާމީ އަކީ ގޯސް މީހެއް ނޫނެވެ. ގޯސް މީހެއްނަމަ އޭނާ އަމިއްލައަށް ކުށް ޤަބޫލު ކޮށްގެން އިސްލާހު ވާކަށް ނޫޅޭނެ އެވެ. 

" އަހަރެންގެ އުމުރުން ދިހަ އަހަރުގަ މަންމަޔާ ބައްޕަ ސަޕެރޭޓްވީ.... އެހާ ހިސާބުން އަހަރެން ބޮޑުވެއްޖެ. ދެން އަހަރެން އުޅުނީ އަމިއްލައަށް ފެންނަ އެންމެ ހިތްހަމަ ޖެހޭ ގޮތަށް. އަހަރެން ގައިޑު ކޮށްދޭނެ މީހަކު ނެތް. ބައްޕަ އަހަރެން ދެކެ ލޯބި ވީވަރުން އަހަރެން އުޅެން ބޭނުން ހުރިހާ ގޮތަކަށް އުޅެން ދޫކޮށްލީ.... އަހަރެންނަށް ނުބައި މަގަކުން ދެވިފަ ވާނަމަވެސް އެއީ އަހަރެންނަށް ނުވިސްނިގެން.... އަހަރެންނަށް ރަނގަޅު އަތްބަކު ލިބިއްޖެއްޔާ އެހުރިހާ ކަމެއް ބަދަލު ވާނެ.... މިހާރުވެސް ބަދަލު ވެއްޖެ!" 
ނާމީ އެހެން ބުނަމުން ލޫނާ އާއި ދިމާއަށް ބަލާލާ ހިނިތުން ވެލި މައުސޫމް ގޮތުން ލޫނާގެ ހިތުގައި އޭނާގެ މައްޗަށް ހަމްދަރްދީ އުފެދިގެން ދިއަ އެވެ.

" ކެން ޔޫ ހެލްޕް؟"
ނާމީ ލޫނާ ގާތު އަހާލި އެވެ. އެބުނީ ދޮންތީ އާއި ގުޅުވަދޭން މަސައްކަތް ކޮށްދިނުމަށެވެ. ލޫނާއަށް ޖަވާބު ދޭކަށް ނުކެރުނެވެ. ނާމީ ކިތަންމެ ރަނގަޅަސް ދޮންތީގެ ބައިވެރި އަކަށް ދާއިން ނޫން މީހަކު ވާކަށް ލޫނާ ބޭނުމެއް ނޫނެވެ. 

" ޕްލީސް!"
ލޫނާ ޖަވާބު ނުދިނުމުން ނާމީ އަނެއްކާވެސް ބުނެލި އެވެ. ނާމީ ދޮންތީ ދެކެ ލޯބި ވާވަރު ލޫނާއަށް އިޙުސާސް ކުރެވުނެވެ. ނާމީގެ ޖަވާބުގައި ލޫނާ ހިނިތުން ވެލި އެވެ. ކިތަންމެ އާދޭސް ކުރިއަސް އިތުރަށް ދޭނެ ޖަވާބެއް ނެތެވެ. 

ދާއިން ގެއަށް އައިސް ވަންއިރު ބައްޕަ ވަރަށް ބާރަށް ހިނގައިފައި ގޮސް ކާރަށް އަރަނީ އެވެ. ފޯނެއްގައި ހުރެގެން ކާރު ނައްޓާލިއިރު ބައްޕައަށް ދާއިން ނުފެނުނު ނަމަވެސް ބައްޕަގެ މޫނު މަތީން ދާއިންއަށް ހާސްކަން ފެނިގެން ދިއަ އެވެ. ސުވާލު އުފެދިފައި އެދިމާއަށް ބަލަމުން ގޭތެރެއަށް ހިނގައިގެން ވަގުތު މަންމަ އަވަސް އަރުވާލާފައި ނުކުންނަތަން ފެނުނެވެ. މަންމަގެ ފަހަތުން ކޮއްކޮވެސް ބާރަށް ހިނގައިފައި އައި ގޮތުން ކަމެއް ގޯސް ވެއްޖެކަން އެނގުނެވެ. 

" ވަޓްސް އަޕް؟ "
ކޮއްކޮގެ ކޮނޑުގައި ހިފަހައްޓަން މަސައްކަތް ކުރަމުން ދާއިން އެހި އެވެ.
" ބޭބެއަކަށް ނޭގޭތަ؟"
މާހިން ހުރީ ނޭވާ އަވަސް ވެފަ އެވެ. އޭނާގެ ހިނގުން އެންމެ ތަންކޮޅެއްވެސް މަޑުކޮށް ނުލަ އެވެ. ދާއިންވެސް މާހިންއާއި އެއްވަރަށް ހިނގި އެވެ. 

" ޔާނާގެ ހާލު ވަރަށް ސީރިއަސް ވެގެން ހޮސްޕިޓަލަށް ގެންގޮއްސި....! އޯވަރ ޑޯސް ވީ! ބޭސް ތަކެއް ކާލީ!" 
ދާއިންގެ ގައިން ހީބިހި ނަގައިގެން ދިއަ އެވެ. މާހިން އެހެން ބުނެފައި މަޑު ކުރުމެއް ނެތި ނުކުމެގެން ދިއައީ އެވެ. ދާއިންއަށް އެހުރި ތާނގައި ހުރެވުނީ އެވެ. އޭނާ ޔާނާގެ ގެއިން އެނުކުތީ ކުޑަ އިރުކޮޅެއްގެ ކުރީން ނެވެ. އޭނާއަށް ކަންތައް ކުރެވުނު ގޮތުން ޔާނާއަށް މާ ބޮޑަށް އަސަރު ކުރީ އެވެ. އެކަމަކު ޔާނާ އެވަރުގެ ކަމެއް ކޮށްފާނެ ކަމަކަށް އޭނާ ހީވެސް ނުކުރެ އެވެ. 

ޔާނާގެ ހާލު ވަރަށް ސީރިއަސް އެވެ. ކިތަންމެ އަވަހަކަށް ހޮސްޕިޓަލަށް ގެނެވުނު ކަމުގައި ވިއަސް އެ ބޭސް ތަކުގެ އަސަރު އޭނާގެ ހަށިގަނޑަށް ވަނީ ރަނގަޅަށް ކޮށްފަ އެވެ. ހޮސްޕިޓަލަށް ގެނެވުނު އިރުވެސް އޭނާ ވަނީ ހޭނެތިފަ އެވެ. އިމެޖެންސީގައި އިރުކޮޅަކު ފަރުވާ ދިނުމަށް ފަހު އައިސީޔޫއަށް އޭނާ ޝިފްޓް ކުރި ހިސާބުން ޒުހުރީގެ އިތުރުން އެންމެންގެ ކަންބޮޑުވުން އިތުރު ވެގެން ދިއަ އެވެ. ބޭހުގެ ސަބަބުން ފުއްޕާމޭގެ މަސައްކަތަށް ދަތިވެ ނޭވާ ހޮޅިތައް ދުޅަވެ ނޭވާލުމުގައި މައްސަލަ ދިމާވާން ފެށި ހިސާބުން ޑޮކްޓަރުން މާޔޫސް ވާން ފަށައިފި އެވެ. 

އައިސީޔޫގެ ބޭރުގައި ހުރި ގޮނޑިބަރީގައި އިސް ޖެހިފައި ދާއިން އިން އިރު ޒުހުރީ ބާރަށް ރޯ އަޑު އިވެ އެވެ. ޒުހުރީއަކީ މުޅި ރާއްޖެ ދަންނަ ހިތްވަރުގަދަ ބަތަލެކެވެ. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އެވެ. ކުއްލިއަކަށް އެ ދިމާވި ހިތާމައިގައި އޭނާއަށް ވަނީ ކެތްނުވާ ވަރު ވެފަ އެވެ. ޔާނާއަކީ އޭނާގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. ބައްޕަ ދެކެ ލޯބިވާ ކިޔަމަންތެރި ދަރި އެކެވެ. އޭނާއަށް އެދަރިފުޅަށް ދަސްކޮށް ނުދެވުނު ހަމަ އެކަނި އެއްޗަކީ ފުރިހަމައަށް ﷲ އަށް ބިރުވެތިވުމެވެ. އެކަން މިއަދު އޭނާއަށް އެބަ އިޙުސާސް ކުރެވެ އެވެ.

ދުރުގައި އިން ދާއިންއަށް އޭނާގެ އަމިއްލަ ނަފްސް ކުށްވެރި ކުރެވެމުން ދިއަ އެވެ. މިއަދު އެހުރިހާ އެންމެންގެ ހިތާމައިގެ ޒިންމާ ބޮލުގައި އަޅަން ޖެހިފައި ވަނީ ދާއިން އަށެވެ. ޔާނާއާއި އެކުގައި އެ ދިމާވި ކަންތަކުގެ ވާހަކަ ދައްކާކަށް އޭނާ އަކަށް ނުކެރޭނެ އެވެ. އެކަން އެނގިއްޖެ ނަމަ ބައްޕަ ވަރަށް ރުޅި އަންނާނެ އެވެ. ކޮއްކޮވެސް ދުވަހަކުވެސް އޭނާއަށް މައާފް ނުކުރާނެ އެވެ. 
މާހިން އައިސް ދާއިންގެ ގާތުގައި އިށީނުމުން ދާއިން ބިރުގަތެވެ. އެވާހަކަ ދައްކަން ޖެހިދާނެތީ އެވެ.
" ޔާނާއަށް އެ ވީ ގޮތެއް ބޭބެއަށް އިނގޭނެ!"
ކޮއްކޮ ވާހަކަ ދެއްކީ މަޑުންނެވެ. އެހެން ނަމަވެސް ކޮއްކޮގެ އަޑުގައިވެސް ވަނީ ނުރުހުމުގެ އަސަރެވެ. ދާއިން އަނގައިން ނުބުނެ އިނެވެ. ކޮއްކޮ އެ ހިތަށް އަރާ އެއްޗެއް އެންމެންވެސް ހިތަށް އަރާނެކަން ދާއިންއަށް އިނގެއެވެ. 

" ކަމެއް ވެއްޖެއްޔާ ވަރަށް ގޯސް ވާނެ!"
ކޮއްކޮ ދިނީ އިންޒާރެކެވެ. ދާއިން ހަމަ އެ އިން ގޮތަށް އިސް ނަގަން ނުކެރިފައި އިނެވެ. ކޮއްކޮ އެބުނީ ރަނގަޅު ވާހަކަ އެކެވެ. އެކަން ދާއިން އަށް އިނގެ އެވެ. ދަނޑިވަޅުގެ ނާޒުކު ކަމުން މިވަގުތު ތަހުޤީޤެއް ހިންގަން ނޫޅުނު ނަމަވެސް ކަމުގެ ހަޤީޤަތް އޮޅުން ފިލުވަން އެންމެން ވެސް އަދި އުޅޭނެ އެވެ.
" ބޭބެ ޔާނާއާ މެރީ ކުރަން ރިފިއުސް ކުރީމަ ޔާނާ ދުނިޔޭގަ އުޅެން ބޭނުން ނުވީ!"
މާހިން އެހެން ބުނުމުން ދާއިން ކޮއްކޮއަށް ބަލާލީ ޙައިރާން ކަމާއި އެކުގަ އެވެ. ކޮއްކޮއަށް ނޭގޭ އެއްޗެއް ނެތެވެ.

" ކުޑައިރުކޮޅެއްގެ ކުރީން މަށަށް ގުޅި.... ބުނީ ދެން އެނބުރި އަންނާކަށް ބޭނުމެއް ނޫނޭ.... ދެން ނުވެސް އާދެވޭނޭ.... ބޭބެ ކައިރީ ބުނާށޭ ބޭބެގެ ލޯބިވެރިޔާއާ އެކީ އުފަލުގަ އުޅޭށޭ. އަހަރެންގެ ހުރަހެއް ނާޅާނަމޭ!"
ކޮއްކޮގެ އަޑު އަހާފައި ދާއިން އޭނާގެ އަތްތިލައިން މޫނު ފޮރުވާލި އެވެ. އެ މޫނު މައްޗަށް ވެރިވެގެން ދިއަ ކުލަވަރު އެއްވެސް މީހަކަށް ދައްކަން ބޭނުމެއް ނުވި އެވެ. އޭނާގެ ހިތުގައި އުފެދުނު ރިހުމާއި އެއްވަރުގެ ބިރުވެރި ކަމެއް އެ ހިތުގައި އުފެދިގެން ދިއަ އެވެ. ޔާނާއަށް ކަމެއް ވެއްޖެ ނަމަ ޚުދު އޭނާވެސް އޭނާއަށް މަޢާފް ނުކުރާނެ އެވެ.
" މިވާހަކަ އިތުރު މީހަކަށް އިނގޭނެ ކަމެއް ނެތް.... ޔޫ ކީޕް ސައިލެންޓް! އަހައިފިއްޔާ ބުނޭ އެއްވެސް ސަބަބެއް ނޭގެއޭ.... ވަރަށް ރީތި ކޮށްނޭ އެންމެ ފަހުން ވެސް ވާހަކަ ދެއްކީ! ދޮގެއް ހަދައިގެން ވެސް ސަލާމަތް ވޭތޯ ބަލަންވާނެ މިފަހަރު. އެހެން ނޫނީ ޔޫ ނޯ ވަޓް ވިލް ހެޕަން!"
ކޮއްކޮ ދާއިން އަށް ނަސޭހަތެއް ދިނެވެ. އެވަގުތު ޑޮކްޓަރ ބޭރަށް ނުކުތް ތަން ފެނުނެވެ. ޒުހުރީއާއި ޖައުފަރުގެ އިތުރުން އެތަނުގައި ތިބި ގިނަ މީހުންވެސް ޑޮކްޓަރާއި ދިމާއަށް ހިނގައިގަތީ ޑޮކްޓަރ ބުނަން އުޅޭ ވާހަކައެއް އަޑު އަހާށެވެ. މާހިންވެސް އެދިމާއަށް އަވަސްވެ ގަތެވެ. ދާއިން ތެދުވި އެވެ.

ޑޮކްޓަރ އެއްޗެއް ބުނެލި ކަމެއް ނޭގެ އެވެ. ޒުހުރީގެ އެ ބޮޑު ހަށިގަނޑު އަރި އަޅާލިތަން ފެނުނެވެ. ކުރިއަށް ޖެހިލަން ބޭނުންވި ނަމަވެސް ދާއިންގެ ދެފައިވަނީ އެހުރި ދިމާލުގައި ހަރުލާފަ އެވެ. ޑޮކްޓަރ އުއްމީދު ކަނޑާލީ އެވެ. ހަމަ ކޮންމެ ހިނދުކޮޅެއްގެ ގައިވެސް ޔާނާ މިދުނިޔެއާއި އަލްވަދާޢު ކިޔައި ފާނެ ކަމަށް ބުނީ އެވެ. ދާއިން އަށް ހުރި ދިމާއަށް ތިރި ވެވުނެވެ. ގޮނޑީގެ އެހީ އޭނާ ހޯދަން ޖެހުނީ ދެފައިގެ ބާރު ދޫވުމުން ނެވެ. ޒުހުރީ ސްޓްރެޗަރ ގައި އެމެޖެންސީ ރޫމަށް ގެންދާތަން ބަލަން އޭނާ އިނީ ހިތް ކުދި ކުދި ވެފަ އެވެ. އޭނާގެ ސަބަބުން އެންމެނަށް އެ އުފުލަން ޖެހުނު ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ޔާނާ އެހެން ކަންތައް ކުރާނެ ކަމުގެ ކުޑަވެސް ހިލަމެއް ވެފައި ވީނަމަ ޔާނާއަށްޓަކައި އޭނާ މުޅި އުމުރުވެސް ޤުރުބާން ކުރީ ހެވެ. ޔާނާއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އެވެ. އޭނާދެކެ ހަޤީޤަތުގައިވެސް ލޯބިވި ބައިވެރިޔާ އެވެ. އެކަން ޔާނާ ސާބިތު އެ ކޮށްދިނީ ކޮންފަދަ ގޮތަކަށް ހެއްޔެވެ! 

ޔޫހާގެ އާއިލާއަށް މިއަދަކީ އުފާވެރި ދުވަހެކެވެ. މަންމަ ހޮސްޕިޓަލުން ހޮޓަލަށް ދޫކޮށްލި ދުވަހެވެ. އެހާ އަވަހަށް ހައިފާ ގެއަށް ބަދަލު ކުރެވުނީ ނާމީގެ މިންނެއް މަސައްކަތުން ނެވެ. ހޮޓެލްގެ ރޫމްގައި މަންމައަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކޮށްދީ، ނަރުސް ކުއްޖަކާއިއެކު މަންމައަށް ހުރެވޭ ގޮތަށް އެކަން ހަމަޖެއްސީ ނާމީ އެވެ. ނާމީ ބޭނުންވީ ޔޫހާ މެންނަށް އެންމެ ފަސޭހަ އެންމެ ހިތްހަމަ ޖެހޭނެ ގޮތަކަށް އެކަން ކޮށްދޭށެވެ. ނާމީގެ އެ އިހުސާންތެރިކަން ޔޫހާ ބޭނުންނޫން ނަމަވެސް އެއިން އެއްވެސް ކަމަކާ މާބޮޑަށް ދެކޮޅު ހަދާކަށް ވެސް ނުކެރެ އެވެ. ނާމީ މަންމައާއި ދޭތެރޭގައި ކަންތައް ކުރަނީ އޭނާގެ އަމިއްލަ މަންމަ ފަދައިން ނެވެ. ނާމީގެ އޯގާތެރި ފިރުމުންތައް ހައިފާއަށް ވެސް ކަމުދެއެވެ. ފިރިހެން ދަރިއަކު ލިބުމުގެ ނަސީބު ލިބިފައި ނުވާ ހައިފާއަށް އެއީ ބޭނުންތެރި ހިދުމަތެކެވެ. އެހެން ނަމަވެސް އަދިވެސް ހައިފާ ގެ ސިކުނޑީގައި ހަރުލާފައި ވަނީ އެންމެ ނަމެކެވެ. ދާއިން އެވެ. ދާއިން ދުށުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި އަބަދުވެސް ވަނީ ބޮޑުވެފަ އެވެ. 

މަންމައާއި އެކުގައި އެއް ހޮޓަލުގައި އެ އުފާވެރި މާހައުލުގައި އުޅެވުން އެއީ ޔޫހާއަށާއި ލޫނާއަށް ހުވަފެނެއް ފަދަ ކަމެކެވެ. އެހެން ނަމަވެސް އެ ދެކުދީންގެ ކަންބޮޑުވުން ދިއައީ އިތުރު ވަމުންނެވެ. ދުވަހެއް ދުވަހަކަށް ނާމީއާއި ދުރަށް ދިއުމުގެ ފުރުސަތު ދިއައީ ހަނި ވަމުންނެވެ. ދޮންތީ ނާމީގެ ކިބައިން ސަލާމަތް ކުރުމަށްޓަކައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރަން ލޫނާ ހުރީ ތައްޔާރަށެވެ. ދާއިންއާއި ނުލާ ދޮންތީއަށް ދުވަހަކުވެސް އުފާވެރި ދިރި އުޅުމެއް ނޫޅެވޭނެކަން ލޫނާއަށް އިނގޭތީ އެވެ. އަދި ދާއިން ގެ ހިތުގައި ޖެހެން ލޫނާގެ ހިތް ނުރުހޭތީ އެވެ. ފާޅު ނުކުރިއަސް ދާއިންގެ ފިކުރުގައި ދޮންތީ އުފުލާ ހިތާމަ ލޫނާއަށް ރަނގަޅަށް އެނގެ އެވެ. އެހެން ނޫނަސް ދާއިންގެ ރިވެތި އަހުލާޤުގެ މައްޗަށް ލޫނާގެ އިޙުތިރާމާ ލޯބި ވަނީ ބޮޑުވެފަ އެވެ. ދޮންތީ އެންމެ އުފަލުގައި ގެންގުޅޭނެ މީހަކީ ހަމަ ދާއިން ކަން އޭނާއަށް ކަށަވަރެވެ. 

އިރުއެރުމާއި ގާތްވި އިރު ހޮސްޕިޓަލްގެ ތެރޭގައި އެންމެން ވަނީ ޖަމާއު ވެފަ އެވެ. ދަރިފުޅުގެ ދުޅަވެ ބޮޑުވެފައިވާ މޫނަށް ބަލަން ޒުހުރީ ކަޅި ހުއްޓާލައިގެން ހުރި އިރު އޭނާގެ ހިތް ހުއްޓެން އުޅޭ ކަހަލައެވެ. ފުރާނައަށް ވުރެ ލޯބިވާ އެ ދަރިފުޅުގެ އެންމެ ފަހު ނޭވާ ދޫކޮށްލާ ވަގުތު ކޮޅެވެ. ދާއިންގެ ލޮލުން ހިފެހެއްޓުމެއް ނެތި އޮހޮރެމުން ދިއަ ކަރުނަތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރާތަން މާހިންއަށް ފެނެ އެވެ. ބޭބެގެ ހިތަށް އަރާފައިބަމުންދާނެ ކޮންމެ އެއްޗެއް މިވަގުތު މާހިންއަށް ރަނގަޅަށް އިޙުސާސް ކުރެވެ އެވެ. ޔާނާގެ ހަށިގަނޑަށް ބަލަން ތުންފަތުގައި ދަތް އަޅާލައިގެން ދާއިން ހުއްޓެވެ. ދާއިންއަށް އެ މަންޒަރު ބަލަން ކެތް ނުވީ ކަންނޭގެ އެވެ. އޭނާ މަޑުމަޑުން ކުރިއަށް ޖެހިލާ ޔާނާގެ އަތްތިލައިގައި ހިފަހައްޓާލި އެވެ. ނޫ ކުލައަކަށް ބަދަލު ވެފައިވާ ޔާނާގެ އެ މޫނުމަތިން މިވަގުތުވެސް އޭނާއަށް ފެންނަނީ ނާއުއްމީދުގެ އަސަރެވެ. ދާއިން މަޑުމަޑުން ޔާނާގެ ކަންފަތް ދޮށަށް ގުދުވެލި އެވެ. އެންމެ ލޯބިވާ އެކުވެރިޔާ މިދުނިޔެއާއި އަލްވަދާއު ކިއުމުގެ ކުރީން އޭނާ ސިއްރެއް ބުނަން ބޭނުން ވިއެވެ. 

" އައި އެމް ސޮރީ!"
ގާތުގައި ހުރި އެހެން އެއްވެސް މީހަކަށް އަޑު ނީވޭ ވަރަށް އެބުނި ކުރު ޖުމުލަ ޔާނާއަށް ރައްދު ވާނެ ކަމުގައި ދާއިން އުއްމީދު ކުރި އެވެ. އެވަގުތު ދާއިންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހި ގަތެވެ. އޭނާ ޔާނާގެ ކަންފަތް ދޮށުގައި މޫނު ފޮރުވާލި އެވެ. ދާއިންގެ އެ އަމަލުން އެތަނުގައި ކެތްކޮށްގެން ތިބި އެންމެންވެސް ރޮއްވާލައިފި އެވެ. ޔާނާގެ އެންމެ ފަހު ނޭވާ ދޫކޮށްލި އަޑު ދާއިންއަށް ރީތިކޮށް އިވިގެން ދިއަ އެވެ. އޭރު ދާއިން ހުރީ ޔާނާއާއި އެންމެ ގާތުގަ އެވެ. 

ޒުހުރީ ރޮއިގަންނަމުން ދަރިފުޅުގެ ގައިގައި ބައްދައި ގަތެވެ. ކުރާނެ ކަމެއް ނެތެވެ. ޔާނާއަށް ހެދުނު މިސްޓޭކަކުން އެތައް ބައެއްގެ ދިރިއުޅުން ހަލާކު ވެގެން ދިއައީ އެވެ. ދިރިއުޅުމުގައި ހިތާމަތަކާއި ދިމާވާ ހިނދު ކެތް ކުރުމަކީ ﷲ އަންގަވާފައިވާ ގޮތެވެ. ޔާނާ ފަދަ ވިސްނޭ ކުއްޖަކު އެފަދަ ކަމެއް ކުރުންވީ އޭނާ ދަންނަ އެންމެނަށް ވެސް ލިބުނު ވަރަށް ބޮޑު ޝޮކަކަށެވެ.

ރޭގަނޑުގެ ވަގުތެވެ. ގޭތެރެއަށް ވެރިވެފައި ވަނީ ހަމަ ހިމޭން ކަމެވެ. އެއްވެސް މީހަކު އަނގައިން ބުނާ އަޑެއްވެސް ނީވެ އެވެ. ބައްޕަވެސް ދާއިންއާއި ސުވާލެއް ކުރާކަށް ނޫޅެ އެވެ. ޔާނާ ވަޅުލާފައި އައިއްސުރެ ބައްޕަވެސް ކޮޓަރީން ނުކުމެއެއް ނޫޅެ އެވެ. ހީވާ ގޮތުން އަދި އެއްޗެއް ބުނާނެ ހިތްވަރެއް ނުލިބެނީ އެވެ. 

އެންމެ ބޮޑު އެކަނި ވެރި ކަމެއް އިޙުސާސް ކުރަން ޖެހުނީ ދާއިން އަށެވެ. ޔާނާ ގާތުގައި އެވާހަކަ ނުދެއްކުނު ނަމައޭ ކިތަންމެ ފަހަރަކު ހިތަށް އެރި އެވެ. ޔޫހާގެ ލޯބި އޭނާއަށް ލިބެން ނެތް އިރު އޭނާ އެވާހަކަ ޔާނާ ގާތުގައި ދެއްކުމަށް ވުރެ ނުދެއްކި ނަމަ މާ ހެޔޮވީހޭ ހިތަށް އަރަމުން ދިއަ އެވެ. 

އެންމެ އިރުކޮޅަކުވެސް ދާއިންއަށް އެނދުގައި ހިމޭނުން އޮވެވޭ ގޮތެއް ނުވި އެވެ. މުޅި ރޭ ހަތަރު ދަމު އޭނާ ހުރީ ކޮޓަރީގައި ދެކޮޅަށް ހިނގަހިނގަ އެވެ. އަމިއްލަ ނަފްސް ކުށްވެރި ކުރެވެނީ އެވެ. ޔާނާ ހަނދާން ވަނީ އެވެ. އެންމެ ފަހުގެ ބައްދަލުވުން ސިފަ ވަނީ އެވެ. އެކަނިވެރި ކަން އިޙުސާސް ކުރެވެނީ އެވެ. މިވަގުތު އޭނާއަށް އެހީތެރި ކަމެއް ފޯރު ކޮށްދޭނީ ކާކު ހެއްޔެވެ! މިހާތަނާ ޖެހެންދެން އޭނާގެ އެންމެ ކައިރީގައި ހުރި އެކުވެރިޔާ ގެއްލިއްޖެ އެވެ. އެއާއެކު އޭނާ އެންމެ ލޯބިވި ޔޫހާ ވެސް ވަނީ ގެއްލިފަ އެވެ. އޭނާ މުޅީން ބާކީ ވެއްޖެ އެވެ. އެކި އެކި ހިޔާލު ތަކުން އޭނާ ގެ ބޯ ހާސްވެއްޖެ އެވެ. ހަދާނެ ގޮތެއް ނޭގުނެވެ. 

ވީލް ޗެއަރގައި އިން މަންމަ ގާތުގައި ކަކޫ ޖަހާލައިގެން މަންމަގެ ލޯބި މޫނަށް ބަލަން ޔޫހާ އިނެވެ. ދުވަސް ގަނޑަކު ބަލިވެ އުޅެފައި ވީ ނަމަވެސް މަންމަގެ ރީތި ކަމަކަށް ބަދަލެއް ނާދެ އެވެ. މަންމައާއި ދިމާއަށް ކަޅި ޖަހާ ނުލާ ބަލަން އިންއިރު ޔޫހާގެ ހަނދާނަށް އަންނަމުން ދިއައީ ބައްޕަ މަންމައަށް ކިޔައިދޭ ލަވަ އެވެ. 

"ރީތިވި ހުރިހާ މަންޒަރު ފެނެއޭ، މާތައް، ތަރިތައް، ވިދުވަރު ފެނެޔޭ،
ނުވޭ ތި އަސަރެއް އޭގާ. ހުރި ރީތި ކަމެއްތާ!"
މަންމައާއި ބައްޕަގެ ލޯތްބަކީ މިސާލު ޖަހާލެވޭ ފަދަ ލޯތްބެކެވެ. އެއީ ކިހާ އުފާވެރި ދުވަސްތަކެއް ހެއްޔެވެ! ކިތަންމެ ބޭނުން ވިއަސް ދެން އެދުވަސް ތަކެއް އަނބުރައެއް ނާންނާނެ އެވެ.

" ދަރިފުޅު ވެސް ދެން މީހަކާ އިންނަން އުޅޭ!"
މަންމަގެ އަޑު ޔޫހާ ސިއްސުވާލައިފި އެވެ. ޔޫހާ އިސް ޖަހާލި އެވެ. މިހާރު މަންމަ ބުނާނެ އެއްޗެއް އޭނާއަށް އިނގެ އެވެ. މަންމަ ބުނާނީ ދެން ނާމީގެ އެ ދައުވަތު ޤަބޫލު ކުރުމަށެވެ. ކިތަންމެ ބޭނުން ނެތަސް މަންމަ ބުނެފިއްޔާ ޔޫހާ ޖެހޭނީ އެކަން ކުރާށެވެ.
" ދަރިފުޅު ދެކެ ލޯބިވާ މީހަކާ ކައިވެނި ކުރޭ ދަރިފުޅާ!"
މަންމަ އިރުތަށް ވާހަކަ ދައްކަން ފެށުމުން ޔޫހާ ބިރުގަތެވެ. އޭގެ ކުރީގައި ޔޫހާ އެއްޗެއް ބުނަން ބޭނުން ވިއެވެ.
" މަންމާ... އަހަރެން ލޯބިވާ މީހަކު އަހަންނަށް ލިބޭތޯ މަންމަ ދުޢާ ކޮށްދީ!"
ހައިފާގެ ވާހަކަ މެދު ކަނޑާލަން މަޖުބޫރު ވެއްޖެ އެވެ. ހައިފާ ޔޫހާގެ މޫނަށް ބަލަން އިނެވެ. ޔޫހާ އެބުނި އެއްޗެއް ހައިފާއަށް ވިސްނުނެވެ. 
" ލިބޭނެ!"
މަންމަގެ އަޑު އިވުމުން ޔޫހާ އިސް އުފުލާލީ އުއްމީދާއި އެކުގަ އެވެ. ދާއިންއާއި ޔޫހާ ގުޅުމަށް މަންމަވެސް އެދޭހެން ހީވުމުންނެވެ. 
" މަންމަ ބޭނުން އޭނަ ދެކިލަން!"
ޔޫހާގެ މޫނުގައި ފިރުމާލަމުން މަންމަ އެހެން ބުނި ވަގުތު ޔޫހާގެ ދެލޮލުގެ ތެރެއިން ކަރުނަ ފާއްދާލި އެވެ. އޭނާ ކިތަންމެ ބޭނުން ވިއަސް އެއީ ވާނެ ކަމެއް ނޫނެވެ. ދާއިން ޔޫހާ ގާތަށް ދެން އެނބުރި އަންނާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. މިހާރު ދާއިންގެ ކައިވެނި ނުކުރެވޭ ކަމެއްވެސް ނޭގެއެވެ. އެހެން ނަމަވެސް މަންމަ ގާތުގައި އެހެން ބުނާކަށް ބޭނުމެއް ނޫނެވެ. ޔޫހާގެ ލޮލުން ވެއްޓުނު ކަރުނަތިކި ހައިފާގެ އިނިގިލި ތަކުން ފޮހެދިނެވެ. 

" އެއްވެސް ކަމަކުން އުއްމީދު ކަޑާލާކަށް ނުވާނެ!"
ޔޫހާގެ ހިތުގައި ވާއެއްޗެއް މަންމައަށް ވިސްނުނު ކަހަލަ އެވެ. މަންމަ ފަދަ ހިތްވަރުގަދަ މީހަކަށް ވާން އޭނާވެސް ބޭނުމެވެ. ހައިފާ ދަރިފުޅާއި ދިމާއަށް ހިނިތުން ވެލީ ލޯތްބާއި އެކުގަ އެވެ. ދެން އޭނާ އިސް އުފުލާ ބޭރު ދޮރާއި ދިމާއަށް ބަލާލި އެވެ. އެވަގުތު މަންމަގެ މޫނު މައްޗަށް ވެރިވެގެން ދިއަ އުޖާލާކަން ޔޫހާއަށް ފެނިގެން ދިއަ އެވެ.

" ދާއިން!"
މަންމަގެ ދެލޮލުން ފެނިގެން ދިއަ ވިދުވަރާއެކު ޔޫހާގެ ހިތް ގަނޑުކޮށްލައިފި އެވެ.

ކޮމެންޓް 0