އެކޮޅުން އިވުނު އޮމާން ރީތި އަޑު ކަންފަތުގައި ޖެހުމާއި އެކު މާހިންގެ ހިތަށް ވީ އަރާމަކުން އޭނާއަށް ހިނިތުން ވެލެވުނީ ބޭއިޚުތިއާރުގަ އެވެ. ކޮއްކޮގެ މޫނަށް ބަލަން އިން ދާއިންއަށް އުނދަގޫ ގޮތެއް އިޙުސާސް ވެގެން ދިޔައީ ކީއްވެ ކަމެއް ނޭގެ އެވެ.

" ހަލޯ! ޔޫހާ؟"
މާހިން ޔަޤީން ކޮށްލުމުގެ ގޮތުން އަހާލި އެވެ. މާހިންއަށް އިވުނު އަޑުގައި ތަފާތު ގޮތެއް އެބަހުއްޓެވެ.
" ނޫން... މީ ލޫނާ!" 
މާހިންގެ ސުވާލަށް ޖަވާބު ލިބިއްޖެ އެވެ. އެއަޑުގައި ހުރި މަޢުޞޫމް ކަން މާހިންއަށް ފުރަތަމަވެސް ފާހަގަ ކުރެވުނެވެ.
" މީ މާހިން!"
މާހިން އަމިއްލައަށް ތައާރަފް ވެލި އެވެ. ދާއިން އިނީ ކޮއްކޮއަށް ބަލާށެވެ. އާދަޔާ ޚިލާފް ގޮތަކަށް ކޮއްކޮ އުޅޭހެން އޭނާއަށް ހީވި އެވެ.
" ދައްތަ މިވަގުތު ބޭރުގަ. ބުނާނަން އިނގޭ އައީމަ!"

ލޫނާގެ ލޯބި ލޯބި ކުޑަކުޑަ އަޑު މާހިންއަށް ވަރަށް ހިތްގައިމެވެ. މާހިން ހުރީ އިތުރަށް އެއްޗެއް ބުނެލާ ހިތުންނެވެ. އެހެން ނަމަވެސް ލޫނާ ފޯނު ބޭއްވީ އެވެ. ލޫނާ ފޯނު ކަނޑާލުމުން މާހިން ބޭބެއާ ދިމާއަށް އެނބުރުނީ ހިނިތުން ވުމަކާއެކު ގައެވެ. 
" ޔޭ...!" 
މާހިން ބާރަށް ދެއަތް މައްޗަށް އުފުލާލަމުން ހަޅޭއްލަވާލި އެވެ. 
" ޔޫ... ޔޫ... ޔޫގެ ކޮއްކޮއެއް އެބަހުއްޓޯ! ލޫނަ...ލޫނަ...ލޫނަ...ލޫނާ!"
ފޯރި އާއިއެކު މީހަކަށް ސަޕޯޓް ކުރާފަދަ ރާގަކަށް ލޫނާގެ ނަން ކިޔަމުން މާހިން ކޮޓަރިތެރޭ އެނބުރެން ފަށައިފި އެވެ.

ކޮއްކޮއަށް ވީގޮތް މިހާރު ދާއިންއަށް ވިސްނިއްޖެ އެވެ. ކޮއްކޮ އުޅުނު ގޮތުން ދާއިން ހިނިވެސް އައެވެ. 
" މާދަމާ ހެދުނު އިރު އަރާއިރަށް ލާރި ނަގަން އަހަރެން ދާނަން.... އެހީތެރިއަކަށް ވެސް ދާނީ އަހަރެން!"
މާހިން ހީވީ އީދެއް އައިސްގެން އުޅޭ ހެންނެވެ.
" އާ ޔޫ ސީރިއަސް؟"
ދާއިން އަހާލި އެވެ. އެހެން ވެއްޖެއްޔާ ދާއިންއަށް ކިތަންމެ ހާވެސް ރަނގަޅެވެ. ކޮއްކޮ ހިނގައްޖެއްޔާ ހުރިހާ ކަމެއް ދާނީ ބަރާބަރަށެވެ. 

ހަމަ ޙަޤީޤަތުގައި ވެސް މާހިން މިހާރު ހުރީ ޔޫހާ އާއި އެކުގައި އެ ދަތުރުގައި ބައިވެރި ވާން ބޭނުން ވެފަ އެވެ. ބޭބެގެ ޔޫހާއާ ފުރަތަމަ ބައްދަލުވި ދުވަހުވެސް ޔޫހާފަދަ އެހެން އަންހެން ކުއްޖަކު އޭނާއަށް ވެސް ލިބޭނެ ނަމައޭ އޭނާގެ ހިތަށް އެރި އެވެ. ޔޫހާގެ އެ ސާދާ ކަމާއި ނިޔަނެތިކަން އޭނާގެ ކޮއްކޮގެވެސް ހުންނާނެކަން ކަށަވަރެވެ. ހަމަ ޔަޤީނުންވެސް ލޫނާގެ އަޑުގައި އާދަޔާ ޚިލާފް ޖާދޫއެއް އެބަހުއްޓެވެ. އެއަޑު ކަންފަތުގައި ޖެހުމުން މާހިންއަށް އެވީގޮތް މީގެ ކުރީން ދުވަހަކުވެސް އޭނާއަކަށް ނުވެ އެވެ. ލޫނާ ހުންނާނެ ސިފައެއް އަދި ނުވެސް އިނގެ އެވެ. ޔޫހާ ހާ ލޫނާ ރީތި ނުވިއަސް ވަރިހަމަ އެވެ. މާހިން ބޭނުން ވަނީ އެފަދަ އާދައިގެ، މަޑުމައިތިރި ސިމަޕަލް ކުއްޖެކެވެ. މާހިންއަށް ލޫނާ ނުވެސް ފެނި ހުރެ އޭނާ ލޫނާ ޖަޖުކޮށް ނިންމާލައިފި އެވެ. ކޮންމެ ގޮތެއްވިއަސް މާހިން އެދަތުރު ގޮސްގެން ވާނެ ގެއްލުމެއް ނެތެވެ. ލޫނާއާ ބައްދަލު ވުމުން މާހިންގެ ޚިޔާލު ބަދަލުވިއަސް މައްސަލައެއް ނެތެވެ. އޭނާ އެ ދަތުރު ހިނގައްޖެއްޔާ ބޭބެއަށް ކަމެއް ކޮށްދެވުނީ އެވެ. ބޭބެއަށްޓަކައި މާހިންއަށް ޔޫހާ ސަލާމަތް ކޮށްދެވޭނެ އެވެ. އެހެން ނޫނަސް މިހާ ވަގުތު ކުޑަތަން ވެފައި ހުއްޓާ އެހެން މީހަކު ހަމަ ޖެއްސުމަކީ ވެސް ދަތި ކަމެކެވެ. މާހިން ދާން ނިންމުމުން ދާއިން ވަރަށް ހިތްހަމަ ޖެހުނެވެ. މާހިން ހިނގައްޖެއްޔާ ފައިސާގެ ދަތި ކަމެއް ނާންނާނެ އެވެ. އޭނަގެ ކްރެޑިޓް ކާޑުން ވެސް ހުރިހާ ކަމެއް ހަމަޖައްސާލެވޭނެ އެވެ. 

ހޮސްޕިޓަލްގެ ވެއިޓިންގް ރޫމަށް ޔޫހާ ދިޔައީ ޝަރީފްބޭ އެތަނަށް ވަންތަން ފެނިގެންނެވެ. ޔޫހާ ޝަރީފްބެއާ ވާހަކަ ދައްކާލާނެ ފުރުސަތަކަށް އިންތިޒާރު ކުރާތާ ދެދުވަހެއް ވެއްޖެ އެވެ. ޔޫހާ ބަލައިލި އިރު އިރު ޝަރީފްބެ ވެއިޓިންގްރޫމްގެ މަގުމައްޗަށް ހުރި ކުޑަ ދޮރުން ބޭރަށް ބޯ ނެރިގެން އޮވެ ފޯނުން ވާހަކައެއް ދައްކަނީ އެވެ. ވާހަކަ ދެއްކީ އެހެން މީހަކަށް އަޑު އިވޭ ވަރަށް ވުރެ މަޑުމަޑުންނެވެ. އެތެރޭގައި ދެމީހަކު މަޑުކޮށްލައިގެން ތިބީމައި ކަމަށް ވެސް ވެދާނެ އެވެ. ޔޫހާވެސް ދުރުގައި މަޑުކޮށްލައިގެން ހުރީ ޝަރީފްބޭގެ އެ ފޯނު ކޯލު ނިމެންދެންނެވެ. ފޯނު ކަނޑާލުމަށް ފަހު އެނބުރިލި ވަގުތު ޔޫހާ ބަލަން ހުރިތަން ފެނުމުން ޝަރީފްގެ މޫނުމަތީގެ ކުލަ ބަދަލުވެގެން ދިޔަ އެވެ. ޔޫހާއަށް އެކަން ފާހަގަ ނުކުރެވުނީ ހާސްވެފައި ހުރި ވަރުންނެވެ. ޝަރީފާ ދިމާއަށް ހިނގައިގެން އިރުވެސް ޔޫހާ ހުރީ ބިރުންނެވެ. އޭނާ އެއެދޭ ކަންތައް ޝަރީފްބޭ ކޮށްދީފާނެ ބާއެވެ! ނޫނީ އެވާހަކަ ބުނީމައި ޝަރީފްބޭ އަންނާނީ ރުޅި ބާއެވެ!

" ވާހަކައެއް ދައްކާލަން!"
ޔޫހާ ހިސާބަކަށް ޖެހިލުން ވެފައި ބުންޏެވެ. ޔޫހާ އެހެން ބުނި ގޮތުން ޝަރީފް ފޯނުން ދެއްކި އެއްވެސް ވާހަކައެއް ޔޫހާއަށް ނީވޭކަން ޝަރީފަށް ޔަޤީން ވިއެވެ. 
" އަނ..އަނ... އާދޭ...އިށީންދޭ...!"
މާ ގާތް ގޮތަކަށް ބުނަމުން ޝަރީފް ގޮނޑީގައި އިށީނުމުން ކައިރީގައި ހުރި ގޮނޑީގައި ޔޫހާވެސް އިށީނެވެ. ވާހަކަ ފެށުމުގެ ކުރީން ޔޫހާ ފުން ނޭވާއެއް ލިއެވެ. ދެއްކޭ ވާހަކަޔަކުން މިވަގުތު ޝަރީފްބޭ ރުޅި އައިއްސިއްޔާ ވަރަށް ދެރަވާނެ އެވެ. ޔޫހާމެން ރާއްޖޭން ބޭރަށް އެދަނީ އަލަށް ކަމަށް ވާއިރު އެހީތެރިއަކަށް ޝަރީފްބޭ ދިޔުމަކީ މުހިންމު ކަމެކެވެ. އަދި ރާއްޖޭން ބޭރަށް ދާއިރު ޝަރީފްބޭގެ ހިތްހެޔޮކަން ވަރަށް ބޮޑަށް ބޭނުން ވާނެ އެވެ. 

" ޝަރީފްބޭ...މިހާރު ފުދޭވަރަކަށް ފައިސާ ލިބިއްޖެ އެއްނުން...! އެހެން ވީމަ...ދެން އެންމެ ރަނގަޅުވާނެ އެއްނުން ޝަމްސުއްދީން ބުނާހާ ގޮތެއް ނެހެދިޔަސް!"
ޔޫހާ ބިރުން އިނދެ އެހެން ބުނަމުން ޝަރީފްބޭގެ މޫނަށް ބަލާލި އެވެ. އޭނާ އުއްމީދު ކުރިފަދަ ބަދަލެއް އެމޫނު މައްޗަކުން ނުފެނުނެވެ. ޝަރީފްބޭ ރުޅިއެއް ނާދެ އެވެ. 
" ހުމް...އަހަރެން ވެސް ތިކަމާ އެބަ ވިސްނަން!"
ޝަރީފްބޭގެ ޖަވާބު ލިބުނު ގޮތުން ޔޫހާގެ ހިތުގައި އުއްމީދުގެ ހުޅު ކޮޅެއް ދިއްލިގެން ދިއަ އެވެ. 

ޔޫހާއަށް އެއްފަހަރާ ގިނަ އަދަދެއްގެ ފައިސާ ލިބުނު ވަގުތުން ފެށިގެން ޝަރީފް އޮތީ އެކަމާ ވިސްނާފަ އެވެ. ފައިސާ ނެގި އެކައުންޓަކީ ކޮންމެވެސް ފިރިހެނެއްގެ އެކައުންޓެކެވެ. އެމީހަކާ ޔޫހާއާ ގާތް ގުޅުމެއް އޮވެގެން ނޫނީ އެވަރުގެ އަދަދެއް ނުދޭނެކަން ޝަރީފަށް އެނގެ އެވެ. އެހެން ކަމުން ޝަރީފް އިނީ ޔޫހާގެ ފަރާތުން އެފަދަ ހުށަހެޅުމަކަށް ތައްޔާރު ވެގެންނެވެ. 

" އަހަރެންނަށް އެމީހާ ކައިރިން އަދިވެސް ސަލާމަތް ވެވިދާނެތަ؟"
ޔޫހާ ޝަރީފްބޭގެ މަދަދަކަށް އެދުނީ އިތުބާރާ އެކުގަ އެވެ. 
" އަނ...ކީއްވެ ނުވާންވީ...؟ ޝަމްސު އަތުން ނެގި ފައިސާ ދިނީމަ ވީނުންދޯ! އޭނަ އެއްބަސް ނުވަންޏާ އިތުރަށް ވެސް ދެވިދާންނުން... މިމީހާއާ ގުޅުން ރަނގަޅުތަ؟"
ބޭބެ ފަހުން އެބުނި އެއްޗެއް ޔޫހާ އަކަށް ނުވިސްނުނެވެ. 
"މިބުނީ ފައިސާ ދިން މީހާއާ ގުޅުން ރަނގަޅުހޭ... އެއީ ފަހަރެއްގާ އަދި އޭނަގެ އަތުން ފައިސާ ކޮޅެއްވެސް ބޭނުން ވެދާނެ އެއްނުން!"
ޝަރީފްބޭ އެބުނި އެއްޗަކުން ވިސްނާލަން ޖެހުނެވެ. ދާއިން ގާތުގައި އިތުރަށް ފައިސާއަށް އެދޭކަށް ޔޫހާ ބޭނުމެއް ނޫނެވެ. 
" އަނ...އެކަމު....!"
ޔޫހާ ބުނަން އުޅޭ އެއްޗެއް ޝަރީފަށް ވިސްނުނެވެ.
" އަނ... މަށަކަށް ވެސް ހިޔެއް ނުވޭ އިތުރަށް ފައިސާ ބޭނުން ވާނެހެނެއް....އެކަމު މިބުނީ ފަހަރެއްގާވެސް...ދޯ!"
ޔޫހާ ވެސް ވިސްނާލި އެވެ. އެއީ ވެސް ރަނގަޅު ވާހަކަ އެކެވެ. ކަންވާނެ ގޮތެއް ނޭގެ އެވެ.
" އެހެން ވެއްޖެއްޔާ ގުޅާލާނީ...އަހަރެން ފޯނުގަ ނަންބަރު އިންނާނެ....!"
ޔޫހާ ބުނެލި އެވެ. ޝަރީފްބޭ އޯގާތެރި ކަމާއިއެކު ޔޫހާގެ ބުރަކަށީގައި ފިރުމާލި އެވެ.
" އެކޮއި ހާސްނުވޭ...ދެން އިރާދުކުރެއްވިއްޔާ ހުރިހާ ކަމެއް ހަމަ ޖެހިދާނެ...!"

ޔޫހާ މަންމަގެ ކައިރިއަށް ދިޔައިރު އެނދު ކައިރީ ދަމާފައިވާ ސްކްރީންގެ ބޭރުގައި ހާސްވެފައި ކޮއްކޮ ހުއްޓެވެ. އެތެރޭގައި ޑޮކްޓަރުންގެ ޓީމެއް މަންމަ ބަލަމުން ދަނީ އެވެ. މަންމަ ބޭރަށް ގެންދަން ހުއްދަ ދިނުމުގެ ކުރީން އެމީހުން އަދިވެސް ރަނގަޅަށް ޗެކް ކުރަނީ އެވެ. ކުރީންވެސް ޑޮކްޓަރުން ބުނެފައި ވަނީ އެހާލަތުގައި މަންމަ ބޯޓަށް އެރުވުމަކީ ރިސްކެއް ކަމަށެވެ. އިރުކޮޅެއްގެ ފަހުން ޑޮކްޓަރ ޝޭކަރު އަނެއްކާވެސް ބުނީ ހަމަ އެހެންނެވެ. އެހެން ނަމަވެސް ހަމަ އެއާއި އެކުގައި ބުނީ މާލޭގައި ބާއްވައިގެން ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށެވެ. 

ފުރާ ވަގުތު ގާތް ވީވިހެން ޔޫހާއާ ލޫނާގެ ހާސްކަން ދިޔައީ އިތުރު ވަމުންނެވެ. އެހާސް ކަމުގެ ތެރޭގައި ލޫނާވެސް ދައްތަ ގާތުގައި އިތުރު ވާހަކައެއް ދައްކާކަށް ހަނދާނެއް ނުވި އެވެ. 

އެރޭ ދަންވަންދެން ދާއިން އުޅުނީ މާހިންއާ އެކުގަ އެވެ. އެއީ މާހިންގެ ފޯނަށް ޔޫހާ ގުޅާފާނެ ކަމުގެ އުއްމީދު ގައެވެ. އެހެން ނަމަވެސް ޔޫހާގެ ޚަބަރެއް ނުވި އެވެ. 

ހެދުނު އިރުއެރި އިރު ދާއިން ހުރީ ކޮއްކޮގެ ކޮޓަރީގަ އެވެ. ބައްޕަ އޮފީހަށް ގޮސް މީޓިން އަކަށް ވަނުމުގެ ކުރީން އެކަން ހަމަޖައްސާ ނިންމަން ޖެހޭނެ އެވެ. 

މާހިން އޮފީހަށް އެރުމުން ދާއިން ކާރުގައި މަޑުކޮށްގެން އިނެވެ. ބައްޕަ އިތުރު ސުވާލު ތަކެއް ކޮށްގެން މާ ބޮޑަށް ލަސްކޮށްލަފާނެތީ ދާއިން އިނީ ބިރުންނެވެ. އެހެން ނަމަވެސް ހަމަ ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި ކޮއްކޮ އަންނަތަން ފެނުނެވެ.
" ބައްޕަ ކައިރީ އަހަރެން ބުނީ ރައްޓެހި ބަޔަކާއެކީ އިންޑިއާ އަށް ޖައްސާލާށޭ މިދަނީ... ވަރަށް އޯކޭ... ބުނީ އިންޑިއާއަށް ދަންޏާ ކްރެޑިޓް ކާޑްގެ އިތުރުންވެސް ކޭޝް ބޭނުންވާނެއޯ. ސަޅިއެއް ނުން!" 

މާހިން ކާރަށް އަރަމުން ހިނިތުން ވެލި އެވެ. މާހިން އިނީ ފުރަން ތައްޔާރު ވެގެންނެވެ. 1.15 ގައި ޓްރިވެންޑްރަމް އަށް ފުރާ އިންޑިއަން އެއަރ ލައިންސްގެ ބޯޓުން އެނާގެ ޓިކެޓް ވަނީ ހަމަޖެހިފަ އެވެ. ގަޑިން ނުވަގަޑި ބައި ނުވަނީސް އެމީހުން ހޮސްޕިޓަލް އަށް އެދަނީ ޔޫހާމެން ހޮސްޕިޓަލް އިން ނައްޓާލުމުގެ ކުރީން ވާހަކަ ދައްކާލާ ފައިސާ ހަވާލުކޮށް ހަދާށެވެ. އޭރުން އެމީހުންނާއި އެކުގައި މާހިންއަށް ވެސް ބޯޓަށް އެރޭނެ އެވެ. ދަތުރަކީ މާ ދިގު ދަތުރަކަށް ނުވާއިރު ކޮންމެހެން ބިޒްނަސް ކްލާހުގައި ދަތުރު ކުރާކަށް މުހިންމެއް ނޫނެވެ. 

ހޮސްޕިޓަލާ ހިސާބަށް ދެވުނު އިރު ދެމީހުން ވެސް ތިބީ ހިތް އަވަސް ވެފަ އެވެ. ޔޫހާއާ ބައްދަލު ކޮށްލުމުގެ ފުރުސަތު ލިބުމުގެ އިތުރުން ދާއިންމެން ނިންމާފައިވާ ގޮތަށް ޔޫހާ އެއްބަސް ނުވެ ދާނެތީވެސް ދާއިން ހާސްވި އެވެ. މާހިންގެ ހިތް ތެޅެމުން ދިޔައީ ކޮންމެސް އެހެން ސަބަބަކާ ހެދި އެވެ. ކީއްވެ ކަމެއް އޭނާއަށް ވެސް އިނގޭހެނެއް ހިއެއް ނުވެ އެވެ. ދެމީހުން ބާރު ހިނގުމެއްގައި މެޑިކަލް ވޯޑާ ދިމާއަށް މިސްރާބް ޖެހި އެވެ. ކުރީ ދުވަހު ޔޫހާއާ ބައްދަލުވި ވޯޑްގެ ދޮރުމައްޗަށް ހުއްޓި މާހިން އެތެރެ ބަލާލި އެވެ. އެއީ ކޮން ބެޑެއް ކަމެއް މާހިން އަކަށް ނޭގުނެވެ. އެތެރޭގައި ވާ 6 ބެޑް ގައިވެސް މީހުން ތިއްބެވެ. އެހީތެރީންނާއެކު އެތެރެ ވަނީ ފުރިފަ އެވެ. ޔޫހާއެއް ނެތެވެ. އަދި ޔޫހާގެ ތިމާގެ މީހެއްހެން ހީވާ ކަހަލަ މީހަކުވެސް ނެތެވެ. ދާއިން ހީކުރީ ކޮއްކޮއަށް އޮޅުނީ ކަމަށެވެ. އެހެން ނަމަވެސް މާހިން އަށް ޔަޤީން ކަން އޮތް ވަރުން އެތެރެއަށް ވަދެ އެތަނުގައި ތިބި މީހުނާ ސުވާލު ކުރުމުން އެނގުނީ އެދެބެން މަންމައާއި އެކު މިއަދު ހެދުނު ހަތެއްގެ ފްލައިޓުން ބެންގަލޫރަށް ފުރައިފި ކަމެވެ. ލިބުނު ޚަބަރާއި އެކު މާޔޫސްވީ ވަރުން އިތުރު ބަހެއް ނުބުނެ ކަރު އެލުވާލައިގެން ދެމީހުންވެސް ނުކުމެގެން އައީ އެވެ. ކާރަށް އަރާ ސީޓުގައި ލެގިލުމަށް ފަހު ދާއިން ލޯ މަރާލަމުން އޭނާގެ ބޮލުގެ ފުއްކިބައިން ސީޓުގައި ދެފަހަރަކު ޖަހާލި އެވެ. 

" އައި ލޮސްޓް ހަރ!"
މާހީ ބޭބެއަށް ބަލާލި އެވެ. ލޯ މަރާލައިގެން އިންއިރު ބޭބެގެ މޫނުމަތީން ފެންނަނީ ހިތާމައިގެ އަސަރެވެ. ބޭބެ ދުވަހަކުވެސް އެވަރަށް ކަމެއް ބޭނުން ވެފައި ވަނިކޮށް އޭނާއަށް ނުފެނެ އެވެ. 

" ރޭގަ ހޮސްޕިޓަލަށް އާދެވުނު ނަމަދޯ!"
މާހިންވެސް ހިތުގައި އޮތް އެއްޗެއް ބުނެލި އެވެ. މައްސަލައަކަށް ވީ ކުރީން ޔޫހާއާ ދިމާ ނުވި ކަމެވެ. އަދި މާހިންމެން ނިންމާފައިވާ ގޮތް ޔޫހާއަށް އަންގާނުލެވުނު ކަމެވެ. އޭގެ އިތުރުން ޔޫހާމެންގެ ދަތުރާ ބެހޭ ގޮތުންވެސް ދާއިން މެންނަށް ރަނގަޅު މައުލޫމާތެއް ލިބިފައި ނެތް ކަމެވެ. 

" ކީއްވެ ބެންގަލޫރަށް؟.... އެހާ ހާލު ބޮޑުވެފަ އޮއްވާ ބެންގަލޫރަށް ގެންދާ ގޮތަށްތަ ނިންމީ! އާސަންދަ ހަމަޖެހޭތަ އެތަނުން؟"
ދާއިންގެ ހިތުގައި ވެސް ވަނީ އެފަދަ ސުވާލުތަކެއް އުފެދިފަ އެވެ. ބެންގަލޫރަށް ދާނަމަ އެވާހަކަ ޔޫހާ ނުބުނީ ކީއްވެ ހެއްޔެވެ! އެހާ ބޮޑު މަޖުބޫރީ ހާލަތެއްގައި އުޅޭއިރުވެސް ދާއިންގެ އެހީއަކަށް ޔޫހާ ބޭނުން ނުވަނީ ކީއްވެ ހެއްޔެވެ؟ ދާއިން ގުޅީމައިވެސް ދާއިންއަށް ޔޫހާ ފަހުން ވެސް ގުޅާ ނުލި އެވެ. އެންމެ ކުޑަވެގެން ފުރައިގެން ދިޔައިރު މެސެޖެއް ކޮށްލި ނަމަ ރަނގަޅެވެ. 

" ދެން އަޅާނުލާ...!"
ދާއިން ފުން ނޭވާއެއް ބޭރުކޮށްލަމުން ކާރު ސްޓާރޓް ކޮށްލި އެވެ.
" ވީ ޑިޑް އަވަރ ބެސްޓް! އޭނަ އަހަރެންގެ އެހީތެރި ކަމެއް ބޭނުމެއްނުވޭ...! ފޮގެޓް އިޓް!"
އެންމެ ފަހުން ދާއިން އެގޮތަށް ނިންމާލީ އެވެ. ވާން ނެތް ކަމަކާއި ދޭތެރޭގައި ފިކުރު ކޮށް ބޯ ހާސްކުރަން ވެއްޖެ ނަމަ އަމިއްލައަށް ހަލާކުވުން ނޫން ކަމެއް ނުވާނެ އެވެ. 

މަންމަ ގޮވައިގެން ދަނީ ބެންގަލޫރަށް ކަން ޔޫހާއަށާ ލޫނާއަށް އެނގުނީ ހޮސްޕިޓަލްއިން ނުކުންނަން އުޅެނިކޮންނެވެ. ލޫނާވެސް އެކަމާ ޔޫހާއާ ސުވާލު ކުރި އެވެ. ދޭނެ ޖަވާބެއް އޭނާއަކަށް ވެސް ނޭގުނެވެ.

ވެންޓިލޭޓަރ ގައި އޮތް މަންމައަށް ޓަކައި ބޯޓުގައި ހޭދަވާ ކޮންމެ ސިކުންތެއް ވެސް ވަރަށް ދިގެވެ. ބޯޓު ބެންގަލޫރަށް ޖެއްސި އިރު ޔޫހާއާ ލޫނާ ތިބީ ދަތުރު ދިގުވެގެން މޮޔަވާން ގާތްވެފަ އެވެ. ބިރުގަތީ ހަމައެކަނި މަންމަގެ ހާލަށްޓަކައެއް ނޫނެވެ. ކިރިޔާ ބޯޓު ތެޅިލިއަސް ހީވަނީ ބޯޓު ވެއްޓެން އުޅޭ ހެންނެވެ. މަތިންދާ ބޯޓަކަށް އެރި ފުރަތަމަ ފަހަރު ކަމަށް ވާތީ ވާ ގޮތެކެވެ. ބޯޓު ޖެއްސީ ކިޔަން ދަންނަ ހުރިހާ ހެޔޮ އެއްޗެއް ތަކުރާރުކޮށް އެތައް ފަހަރަކު ކިޔުނު ފަހުންނެވެ. ބޯޓުން ފޭބުމާއި އެކު އެމްބިއުލެންސްގައި ދަތުރު ފަށައިފި އެވެ. ކޮންމެ ސިކުންތަކީ ނޭވާ ހިފަހައްޓާލަން ޖެހޭ ވަގުތެކެވެ. އެމްބިއުލެންސް ގެ ދަތުރު އެހާ ދިގެއް ނޫނެވެ. ވިއްސަކަށް މިނެޓްގެ ތެރޭގައި ޝަރީފްބޭ ހަމަޖެއްސި ހޮސްޕިޓަލަށް ދެވިއްޖެ އެވެ. ހޮސްޕިޓަލަށް ފޭބުމުން ޔޫހާ ޙައިރާންވާ ގޮތްވި އެވެ. މާލޭގެ ހޮސްޕިޓަލަކަށް ވުރެވެސް މާ ކުޑަ އެވެ. 

މަންމަ ގެންދިޔަ ގޮތަށް ވެއްދީ އެ ހޮސްޕިޓަލްގެ އައިސީޔޫ އަށެވެ. ޔޫހާއަށާ ލޫނާއަށް ނޭވާއެއް ލެވުނީ ދެނެވެ. ޑޮކްޓަރުންނާ ހިސާބަށް މަންމަ ގެނެވިއްޖެކަން ޔަޤީން ވުމުންނެވެ. 

އައިސީޔޫގެ ބޭރުގައި ހުރި ގޮނޑިބަރީން ގޮނޑިއެއްގައި އިށީންދެ ހަމަ ޖެހިލިއިރު ޔޫހާގެ ހިތުގައި ގިނަ ސުވާލު ތަކެއް އުފެދިފައި ވެއެވެ. ޝަރީފްބޭއަށް އިތުބާރު ކޮށްގެން އޭނާ އަށް މިކުރެވެނީ ރަނގަޅު ކަމެއް ބާއޭ ހިތަށް އެރި ކިތަންމެ ވަގުތެއް ދިޔަ އެވެ. ކުރާނެ ކަމެއް ނެތެވެ. އެނޫން ގޮތެއް ނުވެސް ނެތެވެ. އެހެން ހިތަށް އެރުމާއި އެކު ވިސްނާލެވުނެވެ. ދާއިން ހަނދާން ވި އެވެ. ކަންތައްތައް ރަނގަޅަށް ނުދާން ފަށައިފިއްޔާ އޭނާ ދާއިންއަށް ގުޅާނީ އެވެ. ހާސްވެފައި ހުރި ވަރުން ފުރައިގެން އައިއިރު ދާއިންއަށް އަންގާވެސް ނުލެވުނެވެ. ޝަރީފްބޭ ފުރަތަމަ ފުރާ ގަޑިއެއް ކަމަށް ބުނި ގަޑިއަކީ މެންދުރުގެ އެކެއް ޖަހާއިރެވެ. ފަތިހު ނައްޓާލަން ޖެހޭ ވާހަކަ ބުނީ ދަންވަރު ވީ ފަހުންނެވެ. ދާއިން ހަނދާން ވުމުން ޔޫހާއަށް އޭނާގެ ފޯނު ކޮބައިތޯ ބަލާލެވުނެވެ. ހާސްވާގޮތް ވި އެވެ. ދަބަހަށް ފޯނު ލެވުނު ހަނދާނެއް ނުވެ އެވެ. އަވަސް އަވަހަށް ހޭންޑުބޭގް ތެރެ ހޯދާލެވުނެވެ. ފޯނެއް ނެތެވެ. އަނެއްކާ ނުގެނެވެނީ ކަންނޭގެ އެވެ. ޔޫހާ ވަރަށް ހާސްވެއްޖެ އެވެ. ފޯނު ނެތިއްޔާ ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ އެވެ. ދާއިންއާ ގުޅޭ ނަންބަރުވެސް އިންނާނީ ފޯނުގަ އެވެ. އަނެއްކާވެސް ޔޫހާ ދަބަސް ހާވަން ފަށައިފި އެވެ. އެވަގުތު ލޫނާވެސް އައިސް ދައްތަގެ ކައިރީގައި އިށީނެވެ. އޭނާގެ ބަނޑުން އަޑު ކިޔަނީ އުނދަގޫވާ ވަރަށެވެ. އިއްޔެ މެންދުރުއްސުރެ އެއްޗެއް އަނގައަށް ނުލެވޭކަން ހަނދާންވީ އަދި ކިރިޔާ އެވެ. އޭނާ އެއައީ ދައްތަ ކައިރީ ކާލާނެ އެއްޗެއް ހޯދަން ބުނަން ވެގެންނެވެ.

" ފޯނު!"
ޔޫހާ ދަބަސް ހާވަމުން ހާސްކަމާއި އެކު ބުނެލި އެވެ.
" ނުނަގަންތަ؟ އަހަރެން ބޭއްވީ މަންމަ އޮތް އެނދުގެ ފައިލާ ކޮޅުގަ."
ލޫނާ އެހެން ބުނުމުން ޔޫހާ އަށް ޔަޤީން ވެއްޖެ އެވެ. އޭނާ އަކަށް ފޯނެއް ނުގެނެވެ އެވެ. ވީ ދެރައިން ނުރޮވުނީ ކިރިޔާ އެވެ. ކަމެއް ވިއަސް ދެން ހަދާނެ އެއްވެސް ގޮތެއް ނެތެވެ. 
" އަހަރެން ހީކުރީ މަންމަ ސްޓްރެޗަރ އަށް ބަދަލު ކުރި ގަޑީގަ ފޯނު ފެންނާނެ ކަމަށް!"
ލޫނާ އިނީ ވަކީން ކަންބޮޑުވެފަ އެވެ. އޭނާގެ ފަރުވާ ކުޑަކަމުން ވީކަމެއް ކަމަށް އޭނާ ޤަބޫލު ކުރި އެވެ. 
" ހުރިހާ ނަންބަރު ތަކެއް ވީ އޭގަ.... ދާއިންއަށް ވެސް ދެން ނުގުޅޭނެ!"
ފެންކަޅި ވެފައި އިނދެ ޔޫހާ ހަނދާންކޮށްލި އެވެ.
" ދާއިންއޭ؟ މާހިން އެއްނު؟"
ލޫނާ ހީކުރީ ދައްތައަށް އޮޅުނީ ކަމަށެވެ. ޔޫހާ ލުނާއަށް ބަލާލީ ޙައިރާން ކަމާއި އެކުގަ އެވެ.
"ކިހިނެތް ކޮއްކޮއަށް މާހިން އެނގުނީ؟"
ޔޫހާ އެއިން އެކަކުގެ ނަމެއް ވެސް ކޮއްކޮ ކައިރިއަކު ނުބުނެ އެވެ.
" ދައްތަ ނެތިސް ގުޅި، ރޭ އިރާ ކޮޅު... މާގިނައިން ފޯނު ރިންގް ވާތީ ނެގީ. ކުރީން އިނީ އެހެން ނަންބަރަކުން ގުޅާފަ. ފަހުން ގުޅީ މާހިން ކިޔާ މީހެއް. ބުނި ގުޅިވާހަކަ ދައްތަ ކައިރީ ބުނައްޗޭވެސް. އަހަރެން ހަނދާންނެތުނީ!"
ލޫނާ އެވާހަކަ ދެއްކި އިރު ދައްތަގެ މޫނަށް ވީ ގޮތުން ލޫނާއަށް ރޮވިއްޖެ އެވެ. ދުވަސް ކޮޅުގެ ގޮތުން އޭނާވެސް ވަރަށް އަވަހަށް ޖަޒުބާތީ ވެއެވެ. 

ދާއިން ޔޫހާއަށް ގުޅަން އުޅުނު ކަން އެނގުމުން ޔޫހާ އިތުރަށް ދެރަވި އެވެ. އޭނާވެސް ހުރީ ފުރުމުގެ ކުރީން ދާއިންއަށް ގުޅަން ނިންމައި ގެންނެވެ. ހާސްކަމުގެ ތެރެއިން ހަނދާން ނެތުނީ އެވެ. ބޯޓަށް އަރާފައި ހަނދާންވުމުން އިންޑިއާއަށް އައިސް ސިމްއެއް ހޯދައިގެން މެސެޖް ކޮށްލަން ނިންމައިގެން ހުރީ އެވެ. އެހެން ނަމަވެސް ދެން އެހެން ވެސް ނުވާނެ އެވެ. ކިހާ ދެރަހެއްޔެވެ!

" ސޮރީ!"
ލޫނާ މާބޮޑަށް ދެރަވުމުން ޔޫހާ ލޫނާގެ އުނގުމަތީގައި އޮތް އަތް ތިލައިގައި ހިފަހައްޓާލަމުން އޭނާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލި އެވެ. 
" ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް ކޮއްކޯ! ނުރޮއި!"
އެ ބަސް ކޮޅަކީ ޔޫހާގެ ހިތްވަރެވެ. އޭނާ އެފަދަ ކޮންމެ ވަގުތެއްގައި މާތް ﷲ އަށް ވަކީލް ކޮށްލަނީ އެވެ. 
" ހާސް ނުވަނީ... ހުރިހާ ކަންތައް ބަރާބަރު ދަނީ!"
ވަރަށް ގާތުން މީހެއްގެ އަޑު އިވިގެން ޔޫހާއާ ލޫނާއަށް ވެސް އެދިމާއަށް ބަލާލެވުނެވެ.

އޭރު ޔޫހާ އިން ގޮނޑިއާއި އެއް ގޮނޑި ދޫކޮށް، ޖެހިގެން ހުރި ގޮނޑީގައި ބޮޑު ފިރިހެނަކު އިނެވެ. އެމީހާ ފެނުމުންވެސް ދެކުދީން ބިރުގަންނަ ގޮތްވި އެވެ. އޭނާގެ އަޑިގުޑަން، ބޮޑު މޫނުމަތީގެ ރާޅު ހަންގަނޑާއި ކޯރާޑި ކަންހުޅިއާއި ހުދު ކުލައެއް ނެތް ދެލޯ ފެނުމުން ހިތަށް ވަދެގެން ދިޔައީ ހިންދީ ފިލްމެއްގެ "ވިލަން" އެކެވެ.

ޔޫހާއާ ލޫނާ އޭނާއަށް ބަލަން ފެށިގޮތުން އޭނާއަށް ވިސްނުނީ ކަންނޭގެ އެވެ. އޭނާ އަވަސް އަވަހަށް ހިސާބަކަށް ތެމިފައިވާ އޭނާގެ ދެ މިޔަކަން އަތުގެ ދެއިނގިލިން ފޮހެލަމުން ޔޫހާއާ ދިމާއަށް ހީލި އެވެ. އެވަގުތު ދުފާ ރަތް ކޮށްފައިވާ އަނގައިގެ ތެރޭގައި ތަރުތީބެއް ނެތި އެގޮތް މިގޮތަށް ހުރި ކޮބަޑި ދަތްތައް ފެނުމުން ޔޫހާއަށް ދުރަށް ޖެހިލެވުނެވެ. އެއީ ދިވެއްސެއް ނޫނެވެ. އެހެން ނަމަވެސް ވާހަކަ ދެއްކީ ނުފަރިތަ ނަމަވެސް ދިވެހި ބަހުންނެވެ. 

" އަން ކާލަބަލަ، ޕާން!"
އަތުގައި އޮތް ފާޑެއްގެ ބިލެއްގަނޑެއް ކަހަލަ އެއްޗެއް ޔޫހާއަށް ދިއްކޮށްލަމުން އޭނަ ބުނެލި އެވެ. ހީވާ ގޮތުން އެއީ އޭނާ ކައިފައިވާ ހެދި ބިލެއްގަނޑުން ބައެކެވެ. ކޮއްކޮއާ ގާތަށް ޖެހިލަމުން ޔޫހާއަށް އަނގައަށް ވައްތަރު ޖައްސާލެވުނީ ބޭއިޚުތިއާރު އެވެ. ފަކުރުންނެވެ. އޭނާ އެވަގުތު ކޮއްކޮގެ މޫނަށް ނަޒަރު ހުއްޓާލި އެވެ.
" ކޮއްކޮ ހާދަ ބޮޑު ރޮނީ؟"
ލޫނާގެ މޫނަށް ބަލާލަމުން އޭނާ ބުންޏެވެ. ލޫނާ އިނީ ދެލޯ ވައްކޮށްގެން އެމީހާއާ ދިމާއަށް ބަލާށެވެ.
" ކޮއްކޮ ދެރަ ނުވަނީ...ދެން ކަންތައް ބަރާބަރު ވަނީ...ޝަމްސު އަންނަނީނު!"

ކޮމެންޓް 0