ކޮންމެ ދުވަހެއްގެ ހަވީރު ގަޑީގައި މަލިކު އާމިރާ އެކު ނާމީ ނުކުންނަނީ އަތިރި މައްޗަށެވެ. އެތަނުގައި ފިރިހެން ވެރީންގެ މަޖާ ވާހަކަ ތައް އަޑު އަހަން އިންނައިރު ތަންކޮޅެއް ދުރުން، އަތިރިމަތީ ދޮންވެލި ގަނޑުގެ މަތީގައި އެކަނިމައި އެކަނި އިށީދެ އިންނަ މެދު އުމުރުގެ ފިރިހެނަކު ނާމީއަށް ފާހަގަ ކުރެވެ އެވެ. ހަމަ ކޮންމެ ދުވަހަކުވެސް ރަތްވިލާ އޮއްސެމުން ދާއިރު ދުރުން ފެންނަމުން ދާ ވިލާތަކަށް ކަޅި ހުއްޓާލައިގެން ހަރަކާތް ހުއްޓިފައި އެއިންނަ އިންސާނާ ކުރަމުންދާ ބޮޑު ހިތާމައަކީ ކޮބައި ބާއެވެ! އޭނާއަކީ ފަހެ ކާކު ބާއެވެ!

މިއީ އޭނާ ކޮންމެ ދުވަހަކުވެސް އުފެދޭ ސުވާލެކެވެ. އެހެން ނަމަވެސް ރަށުގެ ރައްޔަތުންނަކީ އާ ރަޙުމަތްތެރީން ކަމަށް ވާތި ސުވާލެއް ކުރާކަށް ނުކެރެ އެވެ. 

ރަށުގައި ކައްކާ އުޅޭ ދިވެހި ފާޑުގެ ކާނާ ލޫނާއަށް ވަރަށް ކަމުދެ އެވެ. އިރަކު ގެއަކުން ކާން ޖެހޭ ކަމީ ނާމީ ވެސް ވަރަށް ގަޔާވި ކަމެކެވެ. ނާމީ އެންމެ ބޭނުން ވީ އެ ރަށުގައި ގެސްޓު ހައުސް އެއް ހަދާށެވެ. ގިނަގިނައިން ދިވެހީންނަށް އާދެވޭ ފަދަ ތަނަކަށް އެތަން ވާށެވެ. އާމިރާއި ދެމީހުން ވާހަކަ ދައްކާލުމަށް ފަހު އާމިރުގެ ނަމުގައި ރަނގަޅު ފެންވަރުގެ ގެސްޓު ހައުސް އެއް ހަދަން ނިންމި އެވެ. އަނެއް ދުވަހުގެ ހެދުނު ލޮކޭޝަން ބަލަން ނާމީއާއި އާމިރާއި އެކު ލޫނާ ވެސް ނުކުތެވެ. ފެންނަ ރީތި މަންޒަރުތައް ފޮޓޯ ނަގަމުން ދެމީހުން އެކުގައި އެތަންމިތަނުގައި މޮޑެލް ކުރަމުން ދިއައިރު ލޯބީގެ ރީތި މިސާލެއް ފެންނަމުން ދިއަ އެވެ. ހަމަހިމޭން މަޑުމައިތިރި ލޫނާ ނާމީއަށް ފެނުނީ މުޅީން އެހެން ގޮތަކަށެވެ. ސަކަރާތް ބޮޑު މަޖާ ކުޑަ ކުއްޖެއް ފަދައިންނެވެ. ލޫނާގެ މި ސިފަ ނާމީއަށް އަދި މާ ކަމުދިއަ އެވެ. ބައެއް ދަނޑިވަޅު ތަކުގައި އެހެރަ ހީލާ ގޮތެއް ފެނުނަސް ލޯބިން ހިތް ފުރިގެން ބަންޑުން ދާހާ ވެއެވެ. ދެމީހުންގެ ގުޅުން އަދި އެންމެ ރަނގަޅު ނުވި ނަމަވެސް ނާމީއަށް އެ ނިންމުނު ނިންމުމަކީ ހަޤީޤަތުގައިވެސް ރަނގަޅު ނިންމުމެއްކަން އިޙުސާސް ކުރެވުނެވެ. 

ލޮކޭޝަން ބަލަން ނުކުތް ދަތުރު ނިންމާލާފައި ގެއަށް އައީ މެންދުރު ނަމާދަށެވެ. މެންދުރު ނަމާދު ނިމިގެން ކެއުން އޮތީ އާމިރުގެ ބޮޑު ދައިތަގެ ގޭގަ އެވެ. ނާމީ މިސްކިތުން ފައިބައިގެން ގެއަށް އައި އިރު އެނދުގައި ބަންޑުން އޮށޯވެ ލޫނާ އޮތެވެ. އޭނާ މާ ބޮޑަށް ބަނޑުގައި ރިއްސަނީ އެވެ. 

" ގޭސް....! ކެވުނު އެއްޗަކުން ކަމަށް ވާނީ!"
ލޫނާ ބުންޏެވެ. ލޫނާއަށް ބޭސް ކާންދީފައި ނާމީވެސް ލޫނާގެ މަގަތުން އިށީނެވެ. އޭރު އާމިރު ހައެއްކަ ފަހަރު ގުޅައިފި އެވެ. އެންމެ ފަހުން މެންދުރުގެ ކެއުމަށް ދާން ޖެހުނީ ނާމީ އެކަންޏެވެ. 

އާމިރުގެ ބޮޑުދައިތަގެ ގެއަކީ އާދައިގެ ގެއެކެވެ. އުމުރުން 43 އަހަރުގެ ބޮޑުދައިތަ ސަންފަ އަކީ ހިސާބަކަށް ބޯހަމަ ނުޖެހޭ މީހެކެވެ. އެ ގޭގެ ކަންކަމާއި ހަވާލު ވެގެން ހުންނަނީ ބޮޑުދައިތަގެ ދަރިފުޅު ޝާމިލާއެވެ. ބޮޑުދައިތައަކީ އަބަދުވެސް ދިވެހީން ދެކެ ލޯބިވާ، ރާއްޖެ ދާހިއްވާ މީހެކެވެ. ނާމީ ފެނުމުން އޭނާ ވަރަށް އުފާވި އެވެ. ނާމީގެ އަތުގައި ހިފައިގެން އިނދެ އޭނާ ގިނަ ވާހަކަ ތަކެއް ދެއްކި އެވެ. ނާމީގެ ދިރިއުޅުމުގެ ވާހަކަ އާއި މާލޭގެ ދިރިއުޅުމުގެ ވާހަކަ އޭނާ އެހީ ވަރަށް އުފާވެރި މޫޑެއްގައި އިނދެ އެވެ. އެހެން ނަމަވެސް އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ ކިޔައިދޭން ފެށިހިސާބުން މަޑުމަޑުން ރޮވެމުން، ރޮވެމުން ގޮސް އޭނާއަށް ބާރަށް ރޮވެން ފަށައިފި އެވެ. އޭނާ ބުނި ގޮތުގައި އޭނާގެ 4 ކުދީންގެ ބައްޕަ ހާދީ ރާއްޖޭން ބޭރަށް ދިއަ ގޮތަށް ޚަބަރެއް ނުވެ 6 އަހަރު ވީ ފަހުން ސަންފަގެ އެންމެ ދޮށީ ދަރިފުޅު މުހަންމަދަށް އޭނާ ފެނިފައި ވަނީ އިންޑިއާގެ އަވަށް ގަނޑެއްގައި އުޅެނިކޮނެވެ. ހާދީ ގެންގުޅުނު މީހުންނަށް އެތައް ފައިސާއެއް ދީގެން ހާދީ ސަލާމަތް ކޮށްގެން ރަށަށް ގެނައި އިރު ހާދީ އަކީ ބަލި މީހަކެވެ. ސަންފަގެ ފިރިމީހާގެ ބައްޔަކީ ކޮބައި ކަމެއް އަދިވެސް ނޭގެއެވެ. ސަންފަގެ އެ ރިހުންތަކުން ނާމީއަށް އަސަރު ކުރި އެވެ. ހާދީ އަށް ބޭސް ކޮށްދިނުމަށް ނާމީ ވަޢުދު ވިއެވެ. އެހެން ނަމަވެސް އެގެއިން ނާމީއަށް އާދަޔާއި ޚިލާފް ކަމެއް ފާހަގަ ކުރެވުނެވެ. ނާމީގެ އެ ނިންމުމާއި ދޭތެރޭގައި އުފާވީ ސަންފަ އެކަންޏެވެ. މުހަންމަދެއް އަދި ޝާމިލާއެއްވެސް އެކަމަކާއި އެއްޗެއް ނުބުނެ އެވެ. އެމީހުންގެ މޫނުމަތީން ފެނިގެން ދިއައީ ނުތަނަވަސް ކަމެވެ. އެކަމާއި ސުވާލު ކުރަން ބޭނުންވި ނަމަވެސް ނާމީއަކަށް ނުކެރުނެވެ. އެ ސުވާލު ފަހުން އާމިރާ ކޮށްލާނީއޭ ހިތާ ބޭއްވީ އެވެ.

ނާމީއާއި އެކު އެގޭގެ ތިން ކުދީންވެސް ކެއުމުގައި ބައިވެރި ވިއެވެ. ކައި ނިމިގެން ގޯތިތެރެއަށް ނުކުތީ ދުފާށެވެ. އެވަގުތު ދުރުގައި ހުރި އުނދޯލީގައި އިން މީހަކު ނާމީއާއި ދިމާއަށް މާބޮޑަށް ބަލާކަން ފާހަގަ ކުރެވުނެވެ. 

" އެއީ އެކުދީންގެ ބައްޕަ ކަމަށް ބުނާ މީހާ... !"
އާމިރު ނާމީއާއި ގާތް ވަމުން މަޑުމަޑުން ބުނެލި އެވެ. ނާމީ އެމީހާއަށް ރަނގަޅަށް ބަލާލި އެވެ. އޭއީ އެއްކަލަ އަތިރިމަތީން ކޮންމެ ދުވަހަކުވެސް އޭނާއަށް ފެންނަ މީހާއެވެ. އޭނާގެ ދިގުވެފައިވާ ހުދު ތުބުޅިއާ މޫނު މަތީގެ މާޔޫސްކަން ފާހަޤަ ކުރެވުނު ނަމަވެސް އެއީ ރީތި މީހެކެވެ. މެދުއުމުރުގެ މީހެކެވެ. ބަލީގެ ސަބަބުން ދުވަސްވީ ގޮތެއް ހުރި ނަމަވެސް ޒުވާން ގޮތެއް ވެސް އެބަހުއްޓެވެ. ނާމީ ބޭނުންވީ އޭނާއާއި ކައިރިއަށް ގޮސްލާށެވެ. ވާހަކަ ދައްކާލާށެވެ. އެހެން ނަމަވެސް އެ ފުރުސަތެއް ނުލިބުނެވެ. މުހައްމަދުވެސް ބުނީ އެއީ ބޭކާރު ކަމެއް ކަމުގައެވެ. ކިތަންމެ ވަރަކަށް ވާހަކަ ދެއްކިއަސް ބައްޕަ އަނގައިން ނުބުނާނެ ކަމަށެވެ. އެގެއިން ނުކުމެގެން އައުމުގެ ކުރީން އެގޭ ތިން ބޭންނާއި އެކު ނާމީ ފޮޓޯ ނެގިއެވެ. އަދި ނާމީ މުހައްމަދަށް އޭނާގެ ކާޑު ދިނީ މާލެ ދިއުމަށް ފަހުގައި ވެސް ނާމީ ވީ ވައުދު ފުއްދާނެ ކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުންނެވެ. 

ގެއަށް އައިސް ނާމީ ވެސް ލޫނާ ގާތުގައި ޖައްސާލީ އެވެ. ލޫނާގެ "ގޭސްގަނޑު" މިހާރު ވަރަށް ބޮޑުތަން ރަނގަޅެވެ. ސަންފަގެ ގޭގައި ހުރި މީރު ކެއުމުގެ ވާހަކަ ދައްކާފައި ލޫނާ ދަހިކުރަން ނާމީ މަސައްކަތް ކުރި އެވެ. ނާމީ ހުރީ ކާ މޭޒުމަތީގެ ފޮޓޯވެސް ނަގާފަ އެވެ. ލޫނާ ނާމީގެ ފޯނުން ފޮޓޯ ބަލަމުން ދިއައިރު ނާމީ ސަންފަގެ ވާހަކަ ލޫނާއަށް ކިޔައި ދެމުން ދިއަ އެވެ. ފޮޓޯތައް ބަލަން އޮވެފައި ކުއްލިއަކަށް ފޯނު ހިފައިގެން ލޫނާ ތެދުވެ އިށީނެވެ. އޭރު އޭނާގެ މޫނުމަތީން ފެންނަމުން ދިއައީ ހާސްކަމެވެ. 

" ކިހިނެއްވީ!"
ނާމީ ވެސް ތެދުވެ އިށީންނަމުން ލޫނާ އެކުރާ ކަމެއް ބަލާލި އެވެ. ސަންފަގޭ ތިންބޭންނާއި އެކުގައި ނާމީ ނެގި ފޮޓޯ ތަންކޮޅެއް ކައިރިން ބަލާލުމަށް ޓަކައި ލޫނާ ޒޫމް ކުރަނީ އެވެ. އެއާއި އެކު އޭނާ ބާރަށް ހަޅޭއްލަވައި ގަތެވެ. އެވަގުތު އަޅައިގެން ތުރުތުރާއިއެކު ފޯނު އަތުން ދޫވެގެން ވެއްޓުނު ވަގުތު އޭނާ ނާމީގެ ގައިގައި ހިފައި ގަތެވެ. ނާމީއަށް ލިބުނީ ސިހުމެކެވެ.

" ނާމީ! ނާމީ!"
ލޫނާގެ ހިމަ އެހެނަސް ބާރު އަޑު އިވުމުން ނާމީ ބިރުން ހަލާކު ނުވީ ކިރިޔާ އެވެ.
" ލޫނާ!"
ލޫނާގެ ގައިގައި ހިފެހެއްޓޭތޯ ނާމީ މަސައްކަތް ކުރިއެވެ. 
" ނާމީ....! އެއީ ކާކު!"
އެދުމައްޗަށް ވެއްޓިފައިވާ ފޯނަށް އިޝާރާތް ކޮށް ލޫނާ އެހެން ބުނިއިރު ލޫނާ ވަނީ އިންތިހާއަށް ބިރުގެންފައި ހެން ހީވެއެވެ. އޭނާގެ މޫނު ވަނީ ނޫ ވެފަ އެވެ.
" ކޮބާ....؟ "
ނާމީ އޭނާގެ އުނގުތެރެއަށް ލާ ލޫނާ ބާރު ކުރަމުން ފޯނުނެގި އެވެ. ލޫނާ ދެންމެގައި ބަލަން އިން ފޮޓޯއަށް ގޮސް ނާމީ އެ ފޮޓޯ އަނެއްކާވެސް ލޫނާއަށް ދައްކާލި އެވެ. 

" މީގަ މިތިބީ އާމިރުގެ ބޮޑުދައިތަ ސަންފަގެ ދަރީން!"
ނާމީ ކައިރީގައި ތިބި ތިން ބޭން ދައްކަމުން ނާމީ ބުންޏެވެ.
" މީ! "
އެމީހުންގެ ފަހަތުން އަރިމަތީން ތަންކޮޅެއް ދުރުން ފެންނަން އިން މީހަކަށް އިޝާރާތްކޮށް ލޫނާ ބުންޏެވެ. އޭރުވެސް ލޫނާ ގަދައަށް ތުރުތުރު އަޅައެވެ. އޭނާގެ ނޭވާވަނީ އަވަސް ވެފަ އެވެ. 
" ބޭބީ...! އެއީ އެކުދީންގެ ބައްޕައޭ!"
" ނޯ!"
ލޫނާ ބާރަށް ރޮއިގަތެވެ.
" ނޫން...! އެއީ އަހަރެންގެ ބައްޕަ!"
ނާމީގެ ގައިން ހީބިހި ނަގައިގެން ދިއަ އެވެ. އޭނާ ޙައިރާން ކަމާއިއެކު ލޫނާއަށް ބަލާލި އެވެ. 

" އެއީ އަހަރެންގެ ބައްޕަ ނާމީ....! ހަމަ ތެދެއް!.... އެހެރީ ތުބުޅި ދިގުވެފަ.... އެމީހުން އެއުޅެނީ އޮޅިގެން.... ދައްތައަށް ފޮޓޯ ފޮނުވަބަލަ.... ޔަޤީން ވާނެ....! "
ރޮމުން އަވަސްއަވަހަށް ލޫނާ އެދެއްކި ވަހަކައިން ނާމީ ވަރަށް ސީރިއަސް ވެއްޖެ އެވެ. އޭނާ ލޫނާގެ ގައިން ދޫކޮށްލާފައި އެނދުން ފައިބައިގެން ދުރަށް ހިނގައިގަތެވެ. އެމީހުން ހާދީއާއި ބެހޭ ގޮތުން ދެއްކި ވާހަކަތައް ނާމީ ހަނދާނަށް ގެންނަން މަސައްކަތް ކުރިއެވެ. އެމީހުން ބުނި ގޮތުން ވިއްޔާ ހާދީ ފެނިފައި ވަނީ އިންޑިއާގެ އަވަށް ގަނޑަކުންނެވެ. އެމީހުން ހާދީ ގެނައީ ބައެއްގެ އަތުން ބޮޑު އަގުދީފައި ގަނެގެން ކަމަށް ވާއިރުވެސް އެކުދީން ބައްޕައާއި ހެދި މާ ބޮޑު ފަރުވާލެއް އޮތް ހެނެއް ހިއެއް ނުވެއެވެ. ބައްޕަގެ ބަލި ރަނގަޅުވާން އެކުދީން އެދޭހެން ހިއެއް ނުވެއެވެ. އޭގައިވެސް ސަބަބެއް އޮންނާނެ އެވެ.

" އެމީހުން އެއުޅެނީ ބައްޕަ މިތާ ބަންދު ކޮށްގެން! ޕްލީސް، އަހަރެން ގެންދެބަލަ ބައްޕަ ކައިރިއަށް....! ބައްޕައަށް އަހަރެން ފެނުނީމަ އިނގޭނެޔޭ....! "
ލޫނާ އެހެން ބުނެފައި ހިމޭން ވެލި އެވެ. ވިސްނާލެވުނެވެ. ދުނިޔޭގައި ހުރެވެސް އެހާ ދުވަސްވަންދެން ބައްޕަގެ ޚަބަރެއް ނުވިއިރު ބައްޕަ އޭނާ ފެނުނީމައި އިނގޭ ކަމަށް ހަދާނެ ހެއްޔެވެ! ލޫނާ މަޑުމަޑުން އެނދުގައި އިށީނެވެ. ހިތުގައި އެތައް ސުވާލު ތަކެއް ފުނި ޖެހެމުން ދިއައެވެ. އެއީ ލޫނާގެ ބައްޕައަށް ވާއިރު އެހެން ބަޔަކު އޭނާއަކީ ބައްޕަ ކަމަށް ޤަބޫލު ކޮށްގެން އެއުޅެނީ ކީއްވެ ބާއެވެ! ހަޤީޤަތުގައި ވެސް އެއީ ހަމަ އޭނާގެ ބައްޕަ ހެއްޔެވެ! ނޫނީ ބައްޕައާއި ވައްތަރު މީހެއް ހެއްޔެވެ! ހަމަ ލޮލުން ފެނިގެން ނޫނީ ޔަޤީން ކުރާކަށް ނުވާނެ އެވެ. އެއީ ލޫނާގެ ބައްޕަ ކަމަށް ވާނަމަ ލޫނާއަށް ޔަޤީން ކުރަންވެސް އިނގޭނެ އެވެ. ބައްޕަގެ މޫނުގެ ކަނާއަތް ފަރާތުގައި ފަނޑު ލަފެއް ހުންނާނެ އެވެ. 

" ހިނގާ އެގެއަށް ދާން!"
ލޫނާ ވިސްނަން އިނދެފައި ބުންޏެވެ. ނާމީ ބޯ ޖަހާލި އެވެ. އޭނާވެސް އެ ހިތަށް އަރަނީ އެހެންނެވެ. އެކަމަކު ނާމީގެ ޝަރުތެއް އެބައޮތެވެ. ލޫނާ އެގެއަށް އެދާ ސަބަބު އެގޭ މީހުންނަށް އަންގައިގެން ނުވާނެ އެވެ. އެއީ ލޫނާގެ ބައްޕަކަން ލޫނާއަށް ޔަޤީންވިއަސް ނުވިއަސް..... އެކަން އަދި ޖެހޭނީ ސިއްރު ކުރާށެވެ. 

މިމީ އާއި އަމަން އެކީގައި ކެންޑީއަށް ފޮނުވުން އެއީ ބައްޕަ ބޭނުން ވި ގޮތެވެ. އެއީ މިމީ އެއްގޮތަކަށް ވެސް ބޭނުން ކަމެއް ނޫނެވެ. ދިގު ދަތުރެއް ކުރާހާ ހިތްވަރެއް އޭނާގެ ހަށިގަނޑަކު ނެތެވެ. އެހެން ނޫނަސް ތެދުވެ އުޅުން ވެސް ޑޮކްޓަރ ވަނީ އޭނާއަށް މަނާ ކޮށްފަ އެވެ. ތައުފީޤް ބޭނުން ވަނީ މިމީ ފިކުރުތަކާއި ދުރަށް ދާށެވެ. ކިތަންމެ ދުރު ދަތުރަކު ދިއައަސް އެއީ ވާނެ ކަމެއް ނޫންކަން ތައުފީޤަށް ނޭގެނީ އެވެ. 

ދަތުރަކީ އަމަން އަށް ހިތްހަމަ ޖެހުން ލިބުނު ދަތުރެކެވެ. މިމީ އާއި އެކުގައި އެކަނި ވަގުތު ހޭދަ ކޮށްލަން ލިބުމުން އޭނާގެ ދިރިއުޅުމަށް އަންހެނެއްގެ މުހިއްމުކަން އިޙުސާސް ކުރެވިއްޖެ އެވެ. އުމުރުން 25 އަހަރު ވީއިރުވެސް ލޯބީގެ އެއްވެސް އިޙުސާސެއް ކުރެވިފައި ނުވާ އަމަން އަށް މުޅީން އާ އިޙުސާސް ތަކެއް ކުރެވެން ފަށައިފި އެވެ. އެ މަޑުމޮޅި، ނިޔަނެތި އަންހެން ކުއްޖާގެ ކިބައިގައި އެވާ ކޮންމެ ސިފައަކީ އަމަންގެ ހިތުގައި ބިންވަޅު ނެގެމުން ދިއަ އެއްޗެކެވެ. އެވަރުގެ ރަނގަޅު ރީތި ކުއްޖަކު ދުނިޔެއަށް ގިނަކޮށް ބާކީ ކުރި ބަޔަކަށް ހަލާކު ހުއްޓެވެ! 

އަމަންގެ މަޖާ މިޒާޖުގެ ސަބަބުން މިމީއަށް މާޒީ އާއި ދުރަށް ޖެހިލެވޭ ވަގުތު ތައްވެސް އާދެއެވެ. އެހެން ނަމަވެސް އެއީ ކުޑަ ހިނދު ކޮޅަކަށެވެ. ކޮންމެވެސް އެއްގޮތަކުން އޭނާއަށް އޭނާގެ މާޒީ އާއި ކުރިމަތި ލާން ޖެހެއެވެ. ހަށިގަނޑަށް އެ އިޙުސާސް ކުރެވޭ އާދަޔާއި ޚިލާފް ވަރުބަލިކަން އޭނާގެ ހަށިގަނޑުގެ ތެރޭގައި ވިންދު ޖަހަމުންދާ ކުޑަކުޑަ ފުރާނައިގެ އިޙުސާސް ކޮށްދެމުން ދިއައެވެ. 

މިމީ ވަރުބަލި ވަނީ މާ އަވަހަށެވެ. އަމަން އަށް އެކަން ފާހަގަ ކުރެވުނެވެ. ވޭތުވެ ދިޔަ ކައިރި މާޒީގައި އުފުލާފައި ވާ ބުރައާއި ހިތާމައިގެ ސަބަބުން މިމީގެ ސިކުޑިއާއި ހަށިގަނޑުގެ ވަރުބަލިކަން ބޮޑުވެފައި ވާކަން އަމަން އަށް ފާހަގަ ކުރެވުނެވެ. އެ ހުރިހާ ކަމެއްގެ ހައްލު އަމަންއަށް އެބަ ފެނެއެވެ.

" މިމީ ދެން އެހެން މީހަކާ އިންނަންވީ!"
އަމަން މިމީއަށް ޚިޔާލު ދިނެވެ. 
" އެހެން ނޫނީ ދުވަހަކުވެސް ތި ކަމަކުން ނުނިކުމެވޭނެ.... އަބަދު ތިހުރެވެނީ ކޮންމެސް ޚިޔާލެއްގަ!"
އަމަންގެ ވާހަކަ އަޑުއަހަން މިމީ ހުއްޓެވެ.
" އަހަރެން ދެން މީހަކާ ނީންނާނަން! "
މިމީ ސާބިތު ކަމާއި އެކު ބުނެލި އެވެ. އޭނައަށް އަވަހަކަށް މީހަކާ ނުވެސް އިނދެވޭނެ އެވެ.
" މާހިން ކަހަލަ ރަނގަޅު މީހަކު ނުލިބޭނެ...! "
އެއީ މިމީ ހިތުގެ އަޑީން ބުނި އެއްޗެކެވެ. އަމަންގެ ހިތުގައި ހަސަދައިގެ އޮއި ވަރެއް ދަތުރު ކޮށްލި އެވެ. މުޅީން އާ އިޙުސާސެކެވެ. އޭނާގެ ހިތަކީ ކުރީން ހަސަދަވާން ދަންނަ ހިތެއް ނޫނެވެ. 

" އެހެން ވިއްޔާ އަހަންނާއެކީ ދުބާއީއަށް ދާން ހިނގާ....! އަހަރެންގެ ކޮމްޕެނީއަކުން ރަނގަޅު ވަޒީފާއެއް ދޭނަން!"
އަމަން އެބުނި ވާހަކައާއި ދެތެރޭގައި މިމީ ވިސްނާލި އެވެ. އެއީ ގޯސް ޚިޔާލެއް ނޫނެވެ. މިމީވެސް މިހާރު އެވަނީ ވަޒީފާއަކަށް ބޭނުން ވެފަ އެވެ. ދުވަސް ކޮޅަކުން އޭނާ ކުރަންޖެހޭ ހަރަދު ދެގުނައަށް އަރާނެ އެވެ. ބައްޕައަށް އެބުރަ ޖައްސާކަށް އޭނާ ބޭނުމެއް ނޫނެވެ. އަމަން ފަދަ އެކުވެރި އެއްގެ ތަނަކުން ރަނގަޅު ވަޒީފާއެއް ލިބިއްޖެއްޔާ މާ ރަނގަޅެވެ. ކުޑަ ދަރިފުޅާއި އެކު އުޅޭއިރު ޗުއްޓީ ނަގަން ޖެހޭ ދުވަސްތައްވެސް އަންނާނެ އެވެ. ގާތް މީހެއްގެ ވަޒީފާގައި އުޅެންޏާ އެމީހަކަށް ވިސްނޭނެ އެވެ.

" އޯކޭ...! ތީ ރަނގަޅު ޚިޔާލެއްހެން ހީވަނީ !"
މިމީގެ ޖަވާބު ލިބުމުން އަމަން ހިތްހަމަ ޖެހުނެވެ. މިމީއާއި ގާތް ވެލުމަށްޓަކައި އޭނާ އެޅި ފުރަތަމަ ފިޔަވަޅު ކާމިޔާބު ވެއްޖެހެން ހީވެ އެވެ.

ސަންފަގެ ގެއާއި ގާތްވި އިރު ލޫނާގެ ދެފައި ތުރުތުރު އަޅާ ވަރުން ހިނގެނީ އެއް ނޫނެވެ. ނާމީ ހުރީ ލޫނާ ހަދާފާނެ އެއްޗަކަށް ސަމާލު ވެގެންނެވެ. ބީރައްޓެހި ރަށެއްގައި ކަން ކުރަން ވާނީ ވަރަށް ވިސްނައިގެންނެވެ. އެގެއަށް ދިއައިރު ހާދީ ގެއަކު ނެތެވެ. ނަސީބެކޭ ނާމީ ހިތަށް އެރިއެވެ. އެހެން ނޫންނަމަ ލޫނާ ކިތަންމެ ހިތްވަރު ކުރަން އުޅުނަސް ބޭޒާރުވުން ގާތެވެ. ހާދީ ގޭގައި ނޫޅޭނަމަ ދެން ހާދީ ވާނެތަނެއް ނާމީއަށް އިނގެ އެވެ. ނާމީ ލޫނާ ގޮވައިގެން ދިއައީ އަތިރި މައްޗަށެވެ. 

އުއްމީދު ކުރި ފަދައިން އެހެންޏާވެސް އިންނަތާނގައި އެމީހާ އެބައިނެވެ. 
"އޭނީ!"
ލޫނާއަށް ރޮއިގަނެވުނެވެ. ދުރުން ފެންނަ އިރަށް ވެސް އޭނާ ލޫނާ އަށް ފާހަޤަ ވެއްޖެ އެވެ. ހަމަ ހަޤީޤަތުގައިވެސް އެމީހާ ލޫނާގެ ބައްޕައާއި ވަރަށް ވައްތަރުކަން ނާމީއަށް ވެސް ޔަޤީން ވިއެވެ. ނާމީގެ އަތުން އަތް ދޫކޮށްލާފައި ލޫނާ އެދިމާއަށް ދުއްވައި ގަތެވެ. ލޫނާގެ ފަހަތުން ނާމީވެސް ބާރަށް ދުއްވައި ގަތެވެ. މިވަގުތު ލޫނާ ވަނީ ހެދޭ ނެހެދޭ ނޭގޭ ވަރުވެފައިކަން ނާމީއަށް އެނގެ އެވެ. ލޫނާ ދުވެފައި ގޮސް ހާދީއާއި ތަންކޮޅެއް ދުރަށް ހުއްޓުނެވެ. 

އެމީހާގެ މޫނު ސާފުކޮށް ފެނުމުން ލޫނާއަށް އިތުރަށް ކުރިއަށް ދާހާ ހިތްވަރެއް ނުލިބުނެވެ. ލޫނާ ހުރިދިމާ ބިންމައްޗަށް ތިރިވެއްޖެ އެވެ. ވެލިގަނޑުގައި ދެކަކު ޖަހަމުންނެވެ. ނާމީ އައިސް ލޫނާގެ ކައިރިއަށް ހުއްޓުނެވެ. އޭރުވެސް އެމީހާ އިނީ ދުރު ބަލާށެވެ. ކުރިމަތީގައި ލޫނާ އިންއިރުވެސް އޭނާއަށް ލޫނާ ފެންނަ ހެނެއް ހިއެއް ނުވެއެވެ.

ކޮމެންޓް 0