" ޔޫ އާ ގޮނަ ޕޭ ފޮ ދިސް...!"
އެއަޑު އިވުމުން މާހިންގެ ހިތުގައިވެސް ބިރުވެރިކަން އުފެދުނެވެ. ޖެހިލުން ވިއެވެ. އެހެން ނަމަވެސް އެކަން ހާމަވިޔަ ދޭކަށް އޭނާ ބޭނުމެއް ނުވި އެވެ. މާހިން ލޫނާ ގޮވައިގެން ތިރިއަށް ފޭބި އިރުވެސް އޭނާގެ ހިތުގައި ވަނީ ނުތަނަވަސް ކަމެވެ. ޖިނާން އަކީ ކިހާ ނުރައްކާތެރި މީހެއްކަން އޭނާގެ އާއިލާ އަކަށް އޮޅިފައެއް ނުވެއެވެ.
މާހިން ލޫނާގެ އަތުގައި ހިފައިގެން ނުކުމެ ކާރަށް އެރިއިރު ތަންކޮޅެއް ދުރުގައި މަޑުކޮށްގެން އޮތް ނާމީގެ ކާރު އެމީހުންނަށް ފެނުނު ހެން ހިއެއް ނުވެއެވެ. އެ މަންޒަރު ފެނުމުން ނާމީގެ ހިތުގައި ސުވާލު އުފެދުނެވެ. އެހެން ނަމަވެސް އެއްޗެއް ބުނާހާ ހިތްވަރެއް މިވަގުތަކު އޭނާގެ ކިބަޔަކު ނެތެވެ. އޭނާގެ ސިކުނޑި ވަނީ އެއަށް ވުރެ ބޮޑަށް ހާސްވެފަ އެވެ. ނާމީ ކާރުގެ ސީޓުގައި ލެނގިލަމުން ލޯ މަރާލި އެވެ. އެވަގުތު އޭނާއަށް މާޒީގެ ތެރެއަށް ވަދެވެން ފަށައިފި އެވެ. އޭނާއަކީ ކޮންކަހަލަ ވިޔާނުދާ ދިރި އުޅުމެއް އުޅުނު މީހެއް ހެއްޔެވެ! ދުނިޔޭގައި ލެއްވި ހުރިހާ ވައްތަރެއްގެ އުފަލެއް ޙާޞިލް ކުރަމުން ދުވި އިރު މިދުވަސް އަތުވެދާނެ ކަމާއި ދޭތެރޭގައި ވިސްނާލެވުނު ނަމަ ކިހާ ހެޔޮ ހެއްޔެވެ! އަމިއްލައަށް ހެޔޮވިސްނި ތައުބާ ވެވުނު އިރު އެވަނީ މާލަސް ވެފަ އެވެ.
ގޭތެރޭގައި ކާރު ޕާރކް ކޮށްފައި ހިނގައިގެން އިރު އޭނާގެ ހަށިގަނޑުގައި އެއްވެސް ވަރެއްވެސް ނެތެވެ. ސިކުނޑިއަށް ބުރަވި ވަރުން ހަށިގަނޑު ވަނީ ލޮޑުވެފަ އެވެ. ލިފްޓް ތެރޭގައި ލެނގިލައިގެން ހުރިއިރު ދެންމެގައި ދިމާވި ހާދިސާ ލޮލުގެ ކުރިމަތީގައި ތަކުރާރު ވަމުން ދިއައެވެ. އޭނާ ހޮސްޕިޓަލަށް ދިއައީ އެކުވެރި ޖިނާގެ ބައްޕަ މާ ބޮޑަށް ބަލިވެގެން އެހީވާށެވެ. އެހެން ނަމަވެސް އޭނާ އެނބުރި އަންނަން އެޖެހުނީ ކޮންފަދަ މާޔޫސް ކަމަކާއި އެކުގައި ހެއްޔެވެ!
މާހިން ކާރު ދުއްވާލި އިރުވެސް ލޫނާ ބަހެއް ނުބުނެ އިނެވެ. އޭރުވެސް މާހިން ގެ ރުޅިގަނޑު މަޑެއް ނުވެއެވެ. ލޫނާގެ ގައިގައި ޖިނާނު ހިފަހައްޓައިގެން ހުރިތަން އަދިވެސް އޭނާއަށް ފެންނަނީ އެވެ. މާހިން އަށް ވާނަމަ ދެން ދުވަހަކުވެސް ލޫނާ ނާމީގެ އެ މުޑުދާރު ގެއަށް ވަނަކަ ނުދޭނެ އެވެ. މާހިން އަށްޓަކައި ލޫނާގެ ހަށިގަނޑުގެ ކޮންމެ ތަންކޮޅެއް ވެސް އެހާ އަގު ބޮޑެވެ. ޖިނާނު އަށް ހީވީ ލޫނާ އަކީ އޭނާ ކުޅޭކުޅޭ އެއްޗެއް ހެންނެވެ. ބޭނުން މީހަކު ބޭނުން ގަޑިއެއްގައި ތޮޅިލާފައި އެއްލާލެވިދާނެހެން ޖިނާނަށް ހީވީތީ މާހިން ރުޅިއައީ ނާމީ ދެކެއެވެ.
" ނާމީ އަކީ ލޫނާ އަށް އެންމެ ރަނގަޅު ޗޮއިސް އެއް ނޫން....! "
އިރުކޮޅެއްގެ ފަހުން މާހިން ބުންޏެވެ. ނާމީއާއި ކައިވެނި ކުރަން އުޅުނު އިރު ނުބުނި ވާހަކައެއް މާހިން މިއަދު ބުނުމުގެ ބޭނުމެއް ނެތެވެ.
" ނާމީ އަކީ ރަނގަޅު މީހެއް!"
ލޫނާ އޭނާގެ ފިރިމީހާ ދިފާއު ކުރި އެވެ. މާހިން ލޫނާއާށް ބަލައިލި އެވެ. ކައިވެންޏަށް ފަހު ލޫނާ ގެ ހިތުން ނާމީ ޖާގަ ހޯދައިފިހެން ހީވެ އެވެ. ލޫނާ އަށް ނާމީ ކަމުދިއައީ ތާއެވެ. ހިތުގައި އަތް އަލާލަމުން މާހިން ހިނިތުން ވެލި އެވެ.
" ހިސް ޕާސްޓް ވިލް އޯލްވޭސް ހޯންޓް ހިމް....! އޭގެ ހެއްކެއް ދެންމެ ތި ފެނުނީ....! "
މާހިން ބުނެލި އެވެ. އެއީ ލޫނާ ވެސް ޤަބޫލު ކުރާ ވާހަކަ އެކެވެ. ނާމީއަށް ކުރީގައި އުޅެވިފައި ވަނީ ރަނގަޅަކަށް ނޫނެވެ.
" ޕާސްޓް އަކީ ޕާސްޓް.... ނާމީ މިހާރު ބަދަލު ވެއްޖެ...!"
ނާމީއާއި ބެހޭ ގޮތުން ދެރަ ބަހެއް ބުނާ އަޑު އަހާކަށް މިހާރު ލޫނާ ބޭނުމެއް ނޫނެވެ. މާހިންއާއި ދޭތެރޭގައި ލޫނާގެ ހިތުގައި ވާ ޤަދަރާއި ލޯތްބަކީ މުޅީން އެހެން އެއްޗެކެވެ. މާހިން އަށް ލޫނާގެ ހިތުން ދެވުނު މަޤާމަކީ އެހެން މީހަކަށް ދުވަހަކުވެސް ދެވޭނެ މަޤާމެއް ނޫނެވެ. ނާމީއާއި އެކު ކިތަންމެ އަހަރަކު ދިރިއުޅުނަސް މާހިން ދެކެ އެވާ ލޯތްބެއް ނާމީ ދެކެ ލޫނާއަކަށް ނުވެވޭނެ އެވެ. މާހިންގެ އެންމެ ކުޑަކުޑަ ބީހުމަކުން އެކުރާ އަސަރު އެހެން އިންސާނެއްގެ ފަރާތުން ލޫނާގެ ހަށިގަނޑަށް ދުވަހަކުވެސް ނުކުރާނެ އެވެ. އެހެން ނަމަވެސް ލޫނާ އަކީ މިއަދު ނާމީގެ އަންހެނުން ނެވެ. އެކަން ލޫނާ ތަކުރާރުކޮށް އޭނާގެ ހިތަށް ވިސްނައިދެމުން ދިއައެވެ.
ލޫނާއާއި އިދިކޮޅަށް އިތުރު އެއްޗެއް ބުނާކަށް މާހިން ބޭނުމެއް ނުވި އެވެ. ނާމީގެ ދިފާއުގައި ލޫނާ ވާހަކަ ދައްކާ އަޑު އިވުމުން މާހިންގެ ހިތަށް އުނދަގޫވުން ނޫން ކަމެއް ނުވެއެވެ.
" އަހަރެން އައީ ބޭބެ ބުނެގެން ލޫނާ ބަލާ...! "
ލޫނާ އޭނާގެ ފޯނަށް ބަލާލި އެވެ. އެތައް ފަހަރަކު ދައްތީ ގުޅާފައި އެބަހުއްޓެވެ. ޖީބުގައި އޮވެގެން އެވަރަށް ރިންގް ވީއިރުވެސް އޭނާއަށް ނޭގުނެވެ.
ނާމީ ގޮސް އޭނާގެ އެޕާރޓްމަންޓްއަށް ވަން އިރު ސިޓިންގް ރޫމްގައި ޖިނާނު އިނެވެ. އެވަގުތު އެތަނުން ޖިނާނު ފެނުމުން ނާމީއަށް އުނދަގޫވިއެވެ.
" ބްރޯގެ އަންހެނުން ގެންގޮއްސި މާހިން!"
އެއީ ޖިނާނު ކޮންމާނައެއްގައި ބުނިއެއްޗެއް ކަމެއްވެސް ނޭގެ އެވެ. ކޮންމެ ގޮތެއް ވިއަސް ޖިނާނުގެ މޫޑު މާ ރަނގަޅު ހެނެއް ހިއެއް ނުވެ އެވެ.
" އިނގޭ...!"
ނާމީ ހުރީ މާ ވާހަކަ ދައްކާ ހިތްވާ ކަހަލަ މޫޑެއްގައެއް ނޫނެވެ. އޭނާ ސޯފާގެ ކައިރީގައި ހުރި ބީންބޭގް މައްޗަށް ވެއްޓިގެން ގޮތަށް ލޯމަރާލި އެވެ.
ޖިނާނު ދައްކަން އުޅުނު ވާހަކަ ކުރިއަށް ނުދާނެހެން ހީވުމުން ޖިނާނު ވާހަކަ ބަދަލު ކޮށްލި އެވެ.
" އަހަރެން މާދަން ފުރަން.....!"
ދެންވެސް ނާމީ އެއްޗެއް ނުބުނެ އެވެ.
" ޑެޑް ބުނިތަ ޝޯން ކްމްޕެނީ އަހަންނަށް ދޭވާހަކަ...؟ "
ޖިނާނު އޭނާ މިފަހަރު މާލެ އައީ މަޤްސަދުގެ ވާހަކަ އަހާލި އެވެ.
" އަނެއް ދެތަން ނާމީއަށް ލިބޭނުން! އަހަރެން ބޭނުން ޝޯން!"
ޖިނާނު އެހެން ބުނީ ހިސާބަކަށް ޖެހިލުން ވެފަ އެވެ. ނާމީ އެއްބަސް ނުވާނެހެން ހީވާތީ އެވެ. ޝައުކަތު ގާތުގައި އެ ކުންފުނި ޖިނާން އަށް ދޭން އެދުމުން ނާމީގެ ރުހުން ހޯދުމަށް ފަހު އެއްޗެއް ބުނާނެ ކަމަށް ވަނީ ބުނެފަ އެވެ.
" ނުބުނެ.... އެކަމު ޓޭކްއިޓް!"
ނާމީ ވިސްނާލުމެއް ނެތި ބުނެލި އެވެ.
" ކުންފުނީގެ ހުރިހާ އެސެޓަކާ އެކީ.... ބިންތަކާ ރިސޯޓްވެސް...!"
ނާމީގެ މޫނަށް ބަލަން އިނދެ ޖިނާނު ބުންޏެވެ.
" ހުނ...!"
އަނެއްކާވެސް ނާމީ ބުނެލި އެވެ. އޭނާ މިހާރު ދުނިޔޭގެ އެއްވެސް އެއްޗަކާއި ދޭތެރޭގައި ފަރުވާލެއް ނެތެވެ.
ނާމީ އެހާ ފަސޭހައިން އެއްބަސް ވުމުން ޖިނާނު ހުރީ ޙައިރާން ވެފަ އެވެ. އޭނާ އިތުރު ވާހަކަ އެއް ނުދައްކާ ލެއްވި ރަޙުމަތާއިގެން އެތަނުން ނުކުތުމަށް އަވަސްވެ ގަތެވެ. އެހެން ނަމަވެސް ތަންކޮޅަކަށް ގޮސްފައި އޭނާ ހުއްޓުނެވެ. އޭނާގެ ހަވަނަ ހިއްސު އެހެން ސިގްނަލެއް ދީފި އެވެ. ނާމީ މިއަދު ވިސްނާލުމެއް ނެތި އެހެން ބުނި ނަމަވެސް މާދަމާ އެ ވިސްނުން ބަދަލު ކޮށްލާނެ އެވެ. އެހާ ގިނަ މުދަލާއި ފައިސާ އެހާ ފަސޭހައިން އެއްވެސް މީހަކު އަނެކާ އަކަށް ނުދޭނެ އެވެ. ތަކުރާރުކޮށް އެތައް ފަހަރަކު މޯނާ ވަނީ އެކަން ޖިނާނު އަށް ބުނެދީފަ އެވެ. ޖިނާނު އެނބުރި ނާމީއަށް ބަލާލި އެވެ. ނިއްކުރި މަތީގައި އަތްބާއްވާލައިގެން ލޯ މަރާލައިގެން އޮތް ނާމީ އަކީ ހަޤީޤަތުގައި އޭނާއަށް ހަމަ ހިލޭ މީހެކެވެ. މިއަދު ނާމީ އެހެން ބުންޏަސް ފައިސާއާއި މުދަލަށްޓަކައި ނާމީ ބަދަލު ވާނެ ދަނޑިވަޅެއް ނޭގޭނެ އެވެ. އެހެން ވީމައި ޖިނާނު މާލެ އެއައީ މަޤްސަދު ޙާޞިލް ނުކޮށް އެނބުރި ގޮސްގެން ލިބޭނީ ލަނޑެވެ. ނާމީ އަކީ އޭނާއަށް ހުރި އެންމެ ބޮޑު ނުރައްކަލެވެ. ނާމީ ނެތްނަމަ އެހުރިހާ މުދަލަކީ އޭނާއަށާއި އޭނާގެ މަންމައަށް ލިބޭނެ އެއްޗެކެވެ.
ތަފާތު ޚިޔާލު ތައް ސިކުނޑީގައި އެނބުރެން ފެށުމުން ޖިނާނުގެ ވިސްނުން ބަދަލު ވެއްޖެ އެވެ. އޭނާގެ މިސްރާބު ބަދަލު ވެއްޖެ އެވެ. ހަށިގަނޑުގެ ލޭ ހޫނުވާން ފެށުމުން މަޑުމަޑުން އޭނާ ކުރިއަށް ފިޔަވަޅު އަލާލި އެވެ. ދާއިން އާއި ދިމާއަށެވެ. ދާއިންއަށް ވެސް ހިލަމެއް ނުވާހާ ސިއްރުންނެވެ.
ލޫނާ ދާއިންގެ ގެއަށް ދިއައިރު ތިރީ އުނދޯލި ގޭގައި ޔޫހާމެން ލޫނާގެ އިންތިޒާރުގައި ތިއްބެވެ. ބައްޕަ ފެނުމުން ލޫނާއަށް ހުއްޓެވުނެވެ. ލޮލުގެ ތެރެއަށް ކަރުނަ ގިނަވެގެން ދިއަ އެވެ. ކުރިމަތީގައި އެހެރީ ހަމަ ކުރީގެ ބައްޕަ އެވެ. އެތައް ދުވަހެއް ފަހުގައި ފެނުނު އިރުވެސް ތަފާތެއް ނެތެވެ. ދުވަސްތަކެއް ވަންދެން ގެއްލިފައިވާ ލޫނާގެ ބައްޕަ އަދި ކިރިޔާ ފެނުހެން ލޫނާއަށް ހީވި އެވެ. ދުވެފައި ގޮސް ބައްޕަގެ ގައިގައި ބައްދައި ގަނެވުނެވެ. އެންމެނަށްމެ ޙައިރާން ކަމެއް ލިބިގެން ދިއައީ ޖުނައިހުވެސް ލޫނާގެ ގައިގައި ބައްދާލުމުންނެވެ.
" ބައްޕާ!"
ޔޫހާ ވެސް ހީވީ ކުޑަ ކުއްޖެއް ހެންނެވެ. އޭނާވެސް ގޮސް ބައްޕަގެ ގައިގައި ބައްދައި ގަތެވެ.
"މިހާރު ބައްޕައަށް ޔަގީން ވެއްޖެދޯ މީ ބައްޕަގެ ލޫނާ ކަން....!"
ލޫނާ އުއްމީދާއެކު ބުނެލި އެވެ. ޖުނައިހު މަޑުމަޑުން ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އެކަމާއި އެކުދީން ދެރަވިއަސް ހިތްހަމަ ޖެހުނެވެ. އިރާދަކުރެއްވީތީ މިހާރު ބައްޕައާއި އެކުދީންނަށް އެބަ ވާހަކަ ދެއްކެއެވެ. އެކުދީންގެ ހަރަކާތް ތަކަށް ބައްޕަ އެބަ އިޖާބަ ދެއެވެ. ﷲ އިރާދަފުޅު ކުރެއްވިއްޔާ މަޑުމަޑުން ބައްޕަގެ ހަނދާނަށް ހުރިހާ ކަމެއް އަންނާނެ އެވެ.
ޔޫހާގެ ފޯނު ރިންގް ވާން ފެށުމުން ބަލައިލިއިރު އެއީ މަންމަ ގެ ކޯލެކެވެ. މިއަދު އިރު އަރާ އިރަށް މަންމަ ގުޅާނެކަން ޔޫހާ އަށް އޮތީ ކުރީންވެސް އެނގިފަ އެވެ.
" ދަރިފުޅާ .... އެއްކަލަ ގެއްލިފަ ފެނުނު މީހާ ގެ ޚަބަރެއް ވެއްޖެތަ!"
މަންމަގެ އަޑުގައިވާ ނުތަނަވަސް ކަން ޔޫހާއަށް ފާހަގަ ކުރެވުނެވެ. އެއްޗެއް ބުނުމުގެ ކުރީން އޭނާ ވިސްނާލި އެވެ.
" އިރުކޮޅަކުން ތިގެއަށް ދާނަން ތިވާހަކަ ދައްކަން...!"
ޔޫހާ ބުންޏެވެ.
" ދަރިފުޅާ އެމީހާއާ ބެހޭ މައުލޫމާތު ހޯދަބަލަ... މަންމަ ގެ ހިތް ބުނަނީ އެއީ ހަމަ ބައްޕައޭ....!"
މަންމަގެ އަޑުގައި ވަނީ ތުރުތުރު ލުމެކެވެ.
" މިއަދު އެމީހާ މާލެ ގެންނާނެއެއްނުން.....؟ ބައްޕަ ވިއްޔާ މިގެއަށް ދޯ އަންނާނީ....!"
ހައިފާ އެހި އެވެ. މަންމަ ހީވަނީ ބައްޕަ އަންނާނެ ވަގުތަކަށް އިންތިޒާރު ކޮށްކޮށް އިންހެންނެވެ. ޔޫހާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ލިއެވެ. މަންމަ ބައްޕައަށް އިންތިޒާރު ކުރާކަމަށް ވަންޏާ މަންމައާއި ބައްޕަގެ ފުރަތަމަ ބައްދަލުވުން އެމީހުން ހީކުރިހާ އުނދަގުލެއް ނުވާނެ އެވެ.
އިރުއެރީއްސުރެ ހައިފާ ގޭތެރެ ފޮޅާ ސާފް ކުރަނީ އެވެ. ޖުނައިހު އާއި ބައްދަލު ވާން އުޅޭ ފަދަ އިޙުސާސެއް ކުރެވޭ ވަރުން އޭނާގެ ހިތް ނުތަނަވަސް ވަނީ އެވެ. ރޭގައި އެންމެ ލޮލު ފިޔައެއްވެސް ނުޖެހެއެވެ. އެހެން ނަމަވެސް މިއަދު ހަށިގަނޑު ގައި އެހެން ދުވަސް ދުވަހަށް ވުރެ ވަރުވެސް ގަދައެވެ. މަސައްކަތުގައި އުޅެމުން ދިއައިރު ވެސް އޭނާ ހުއްޓުމެއް ނެތި ﷲއަށް ދުޢާ ކުރަމުން ދިއައެވެ.
ޖުނައިހު އެމީހުންނާ ވަކި ވުމާއި ގުޅިގެން ބަންދު ކުރެވިފައިވާ ޖުނައިހުގެ ކޮޓަރީގެ ދޮރު ހުޅުވާލުމާއި އެކު ހައިފާގެ ދެފައި ތުރު އަޅަން ފެށިއެވެ. އެކޮޓަރިއާއި ގުޅިފައި ވާ ހަނދާންތައް ވަރަށް ވެސް ފޮންޏެވެ. ފާރުގައި ހަރުކުރެވިފައިވާ ފޮޓޯ ލޯ ގަނޑުގައި ވަނީ އޭނާއާއި ޖުނައިހުގެ ކައިވެނީގެ ފޮޓޮއެކެވެ. ވަށައިގެން ހަރުކުރެވިފައިވާ ހަރުތަކުގައި އެވާ ފޮޓޯ ލޯގަނޑު ތަކަކީ އެދެމަފިރީންނާއި ދަރީންގެ އެކިއެކި ދުވަސް ވަރުގެ ފޮޓޯ ތަކެވެ. ދެފައިގެ ވަރު ދޫވާ ގޮތްވުމުން ހައިފާ ދޮރުގައި ލެނގިލައިގެން އިށީނެވެ. ﷲގެ ރަޙުމަތުން ޖުނައިހު އެނބުރި އަންނާނެ ނަމަ ކޮންފަދަ ހެއްޔެވެ! އޭނާގެ ހިތް އެކަން ޔަޤީން ކުރި ނަމަވެސް ސިކުނޑި އިންޒާރު ދެމުން ދިއައެވެ. އަހަރު ތަކަކަށް ފަހު ގެއްލިފައިވާ މީހަކު ފެނުމަކީ ވަރަށް ދުރުގައި ވާކަމެކެވެ.
ހައިފާގެ ނަޒަރު ގޮސް ހުއްޓުނީ މޭޒުމަތީގައި ހުރި ފޮއްޓަށެވެ. އެއީ ޖުނައިހު މިއުޒިކު ކުޅެން ގެންގުޅުނު ޕިޔާނޯ އެވެ. ކުރީ ދުވަހު ޔޫހާ އޭތި ނަގައިގެން ގެންގުޅުމަށް ފަހު އޭތި އެވަނީ އެ ކޮޓަރިއަށް ލާފަ އެވެ. އޭނާއަށް ސިއްރުން ޔޫހާ އެކޮޓަރިއަށް ވަނީ ތާއެވެ. ހައިފާ މަޑުމަޑުން ތެދުވި އެވެ. ޖުނައިހުއާއި އޭނާގެ އެންމެ ދުވަސްވީ ލޯބީގެ ނިޝާން ކަމުގައިވާ އެ ޕިޔާނޯއާއި ދިމާއަށް އޭނާ ހިނގައިގަތީ ހިތްވަރާއި އެކުގަ އެވެ.
އެތައް ފަހަރަކު ގުޅުމުންވެސް ނާމީ ފޯނަށް ޖަވާބު ނުދިނުމުން ޝައުކަތު ވަރަށް ހާސްވި އެވެ. ނާމީއާއި ލޫނާ ކައިވެނި ކުރި ފަހުން އޭނާ އަދި ނާމީ އުޅޭ ތަނަކަށް ނުދެއެވެ. އެހެން ނަމަވެސް މިއަދު އޭނާގެ ހިތުގައި އާދަޔާއި ޚިލާފް ހާސް ކަމެއް އުފެދުނީ ކީއްވެ ކަމެއް ނޭގެ އެވެ. ޝައުކަތު ނާމީގެ އެޕާރޓްމަންޓް ގެ ބެލް ޖަހާލުމުން ވެސް ޚަބަރެއް ނުވި އެވެ. އޭނާ ދޮރުގައި ހިފާލި އިރު ދޮރު ހުރީ ހުޅުވާފަ އެވެ. އެތެރެއަށް ވަދެ ބަލާލިއިރު ނާމީ ފެންނާކަށް ނެތެވެ. ދެފަހަރަކު ގޮވާލުމުންވެސް ޚަބަރެއް ނުވި އެވެ. ގޭގައި ނޫޅެނީ ކަމަށް ނިންމައިގެން ކޮޓަރީން ބޭރަށް ނުކުންނަން ހިނގައިގަންނަމުން ޝައުކަތު ނާމީ އަށް ގުޅާލި އެވެ. އެވަގުތު ފޯނު ވައިބްރޭޓް ވާ އަޑު އިވުނީ ފާޚާނާ ގެ ތެރެއިންނެވެ. ކުޑަ އިރުކޮޅަކު މަޑުކޮށްލުމަށް ފަހު ޝައުކަތު ފާޚާނާއާއި ދިމާއަށް ހިނގައި ގަތީ ނާމީއަށް ގޮވަމުންނެވެ. ޚަބަރެއް ނުވުމުން އޭނާ ފާޚާނާގެ ތަޅުގައި ހިފާލި އެވެ. ދޮރުހުރީ ހުޅުވާފަ އެވެ. ހިސާބަކަށް ޖެހިލުން ވެފައި ހުރެ ޝައުކަތު ފާޚާނާގެ ދޮރު ހުޅުވާލި އެވެ. ތަނަވަސް ބޮޑު ފާޚާނާ ގެ ތެރެއަށް އޭނާ ނަޒަރު ހިންގާލި އެވެ. ނާމީ ފެންނާކަށް ނެތެވެ. އެހެން ނަމަވެސް ބާތްޓަބްގެ ދެފަރާތުން ފުރިގެން ފެންތައް ފައިބާ ތަން ފެނުމުން ބާތްޓަބް ގައި މީހަކު އޮތް ކަން އެނގުނެވެ. ހިތަށް ވެރިވެގެން ދިއަ ބިރުވެރި ކަމާއި އެކު އަތްފައި ފިނިވެގެން ދިއަ އެވެ.
" ނާމީ! ނާމީ!"
އެތެރެއަށް ފިޔަވަޅެއް ނެގުމުގެ ކުރީން އޭނާ ގޮވާލި އެވެ. ބާތްޓަބްގައި އޮތީ ނާމީ ކަމެއް ޔަޤީނެއްވެސް ނޫނެވެ. އެހެން ކަމުން އޭނާ ނާމީއަށް ގޮވީ އޭގައި ކޮންމެ މީހަކު އޮތަސް އަޑު އިވޭ ވަރަށެވެ. ޖަވާބެއް ނުލިބުމުން ބިރުންހުރެ ޝައުކަތު ކުރިއަށް ހިނގައިގަތެވެ. ބާތްޓަބްގައި އޮތީ ލޫނާ ކަމުގައި ވިއަސް ދެން އޭނާއަކަށް ހިމޭނުންނެއް ނުހުރެވޭނެ އެވެ.
އެތެރެއަށް ޖެހިލުމުން ބާރތްޓަބްގައި އޮތް ނާމީ ޝައުކަތަށް ފެނުނެވެ. ނާމީ އޮތް ގޮތުން ބިރުވެރިކަން އިތުރުވެގެން ދިއައެވެ. ލައިގެން އޮތް ގަމީހާއި ފަޓްލޫނާއި އެކު ނާމީ އޮތީ ބާތް ޓަބްގެ ތެރޭގައި ޚަބަރު ހުސްވެފަ އެވެ.