އައިސީޔޫގެ ބޭރު ދޮރުގެ ބިއްލޫރި ގަނޑުން އެތެރެ ފެންނަ ހިސާބުގައި މަޑުކޮށްލައިގެން ލޫނާ އާއި ޔޫހާ ތިބީ އިންތިހާއަށް ހާސްވެފަ އެވެ. ދޮންތީގެ ބަސް ޤަބޫލު ނުކޮށް މަންމަ ކުރިމަތީގައި ރޮވުނީތީ ލޫނާ އޭނާގެ އަމިއްލަ ނަފްސް ކުށްވެރި ކުރި އެވެ. ނުތަނަވަސް ކަމާއި އެކު މިނެޓަކަށް ފަހު މިނެޓެއް ގުނަމުން ގޮސް ބަރާބަރު ދެގަޑިއިރު ފަހުން ޑޮކްޓަރު އެދިން ޚަބަރަކާއި އެކު އެދެބޭންގެ ދިރިއުޅުމުގައި ނިމުމުގެ ސިއްކަ ޖެހުނު ކަހަލަ އެވެ. ހައިފާގެ ސިކުނޑިއަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން ކޯމާ އަކަށް ދިއައީ އެވެ. ޑޮކްޓަރ ބުނި ގޮތުގައި ހޭއަރާނެ ގަޑިއެއް، ދުވަހެއް ބުނާކަށް ނޭގެ އެވެ. ހޭއެރުން ބިނާވެފައި ވަނީ ލިބިފައިވާ ގެއްލުމެއްގެ މައްޗަށް ކަމަށް ބުނި އިރު ލިބިފައިވާ ގެއްލުމަކީ ކޮބައި ކަމެއް އަދި ގެއްލުން ލިބިފައިވާ ވަރެއްވެސް ބުނެދޭކަށް ނޭގުނެވެ.
އުއްމީދުގެ ކުޑަ ހުޅުކޮޅެއް ދިއްލުމަށް ފަހު ކުއްލި އަކަށް އެ ހުޅުކޮޅު ނިވި، މުޅީން އަނދިރި ވެއްޖެ އެވެ. އަލި މަގެއް ފެންނާނެ ދުވަހެއް ނޭގެ އެވެ. ފެންނާނެ ކަމެއްވެސް ނޭގެ އެވެ. ޔޫހާއަށް ވުރެވެސް ބޮޑަށް ލޫނާ ދެރަވި އެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީ އެވެ. ޔޫހާ ކޮއްކޮއަށް ވިސްނާދޭން މަސައްކަތް ކުރި އެވެ. ޔޫހާއަށް ވިސްނެނީ އެހެން އެއްޗެކެވެ. ހޮސްޕިޓަލްގެ ފަރުވާކުޑަ ކަމެވެ. ޔޫހާގެ ސުވާލު ތަކަށް ޖަވާބުދޭން ޑޮކްޓަރުންނަށް ނޭގުން އެއީ މައްސަލަ އެކެވެ. ފުރަތަމަ އެ ހޮސްޕިޓަލް ފެނުނު ދުވަހުވެސް އޭނާގެ ހިތުގައި ޝައްކު އުފެދުނެވެ. ކުޑަކުޑަ ކްލިނިކެއް ކަހަލަ ތަނެއްގައި އެވަރުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ހެޔޮވާނެ ހެއްޔެވެ! އެއީ ޝަރީފްބޭ އަގު ހެޔޮ ކުރަން ކުރިކަމެއްގެ ނަތީޖާ އެވެ. މިހާރު އެވީ ގޮތުން ކިހާ ދެރަ ހެއްޔެވެ! ވަކި އަގު ހެވެއްވެސް ނުވާނެ އެވެ. މަންމަ އެތަނުގައި ބާއްވަން ޖެހޭނީ ކިހާ ދުވަހަކު ކަމެއްވެސް ނޭގެ އެވެ. އަދި ޔޫހާމެން އެތަނުގައި ތިބޭ ކޮންމެ ދުވަހަކީ ވެސް އެތައް ފައިސާ އެކެވެ. މިހާރު އެންމެ ކަން ބޮޑުވަނީ އެ ފައިސާއިން ނުވެދާނެތީ އެވެ. ބިރުގަންނަނީ އެ ފައިސާ މަދުވެގެން ޝަމްސު އަތުން ފައިސާ ނަގައިގެން އެ މަޅީގައި ޔޫހާ ހައްޔަރު ވެދާނެތީ އެވެ. ޔޫހާ ނިއްކުރީގެ ދެފަރާތުގައި ހިފާ ބާރު ކޮށްލަމުން ލޯ މަރާލި އެވެ. ސިނކުނޑި ހާސްވެގެން ގޮސް މީހަކު ކޯމާ އަކަށް ދާނެ ނަމަ އޭނާވެސް މިހާރު އެހެރީ އެހާ ވަރުވެފަ އެވެ.
" ދެން ކަންބޮޑު ވެގެން ކުރާނެ ކަމެއް ނެތް!"
ބޮޑުބޭބެ ޝަރީފްގެ އަޑު އިވިފައި ޔޫހާ ބަލާލި އެވެ. އަމިއްލަ ކޮއްކޮ އެވަރުގެ ނުރައްކާތެރި ހާލަތަކަށް ދިއުމުންވެސް ޝަރީފްބޭގެ މޫނުމަތީން މާ ބޮޑު ހާސްކަމެއް ނުފެނެ އެވެ. ޔޫހާ ވަރަށް ހިތްހަމަ ނުޖެހުނެވެ. ހިތުގައިވާ އުދާސްތައް ބޭރު ކޮށްލެވުނީ ނުރުހުމާއި އެކުގަ އެވެ.
" އެއީ ޝަރީފްބޭގެ މައްސަލައެއް....! އަހަރެން ހީކުރީ ބެންގަލޫރަށް އަހަރުމެން ގެނައީ ރަނގަޅު ފަރުވާއެއް ދޭން ބޭނުންވާތީ ކަމަށް. މިކަހަލަ ހޮސްޕިޓަލަކަށް މަންމަ ގެނައިމަ ވީގޮތް މީ!"
އެއީ ޔޫހާ އެގޮތަށް ޝަރީފްބެ އާއި ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. ޝަރީފް ހުރީ ޙައިރާން ވެފަ އެވެ. ޔޫހާއަށް އޭނާއާ އެގޮތަށް ވާހަކަ ދައްކަން ކެރުނީތީ އެވެ.
" އެހެންތަ!"
ޝަރީފްގެ ދެލޯ ރަތްވެގެން ދިޔައީ ހަލުވި ކަމާއި އެކުގަ އެވެ. އޭނާ ޔޫހާއާ ދިމާއަށް އައި ގޮތުން ލޫނާ ދައްތަގެ ކޮނޑުގައި ބާރަށް ހިފަހައްޓާލި އެވެ.
" ކަލެއަށް ތިހާ ވަރަށް އެނގެންޏާ އަމިއްލަ އަށް އެކަން ކޮށްލިނަމަ... ހޮސްޕިޓަލެއް ހަމަ ޖެއްސިނަމަ... ހުރިހާ ކަމެއް މޮޅަށް ރޭވިނަމަ!"
ޔޫހާގެ މޫނުގައި ޖެހޭ ވަރަށް ގާތްވެފައި ޝަރީފް ބާރަށް އެހެން ބުނިއިރު އޭނާގެ ދެލޮލުން އަލިފާން ކަނި ބުރާ ކަހަލަ އެވެ. އެހެން ނަމަވެސް މިވަގުތު ޔޫހާ ހުރީ އޭނާ ދެކެ ބިރުގަންނަ ވަރަށް ވުރެވެސް ބޮޑަށް އަސަރު ކޮށްފަ އެވެ.
" ޝަރީފްބޭ މިހެން ހަދާނެ ކަން އެނގުނު ނަމަ އަހަރުމެން ޝަރީފުބޭގެ އެހީ އަކަށް ނޭދުނީމުސް! އެއްވެސް ކަމެއް ރޭވި އިރުވެސް އަހަރުން ކައިރީ ބުނެވެސް ނުލާ... އަންގާވެސް ނުލާ! މިކަހަލަ އާދައިގެ ތަނަކަށް އެހާލުގަ އޮއްވާ އަހަރުންގެ މަންމަ ގެންނާނެ ކަމަކަށް އަހަރުން ހިއެއް ނުކުރަން!"
ޔޫހާ ރޮމުން ބާރަށް ވާހަކަ ދެއްކި އެވެ. ޔޫހާގެ އެ އަމަލުން ލިބުނު ޙައިރާން ކަމާއި އެކު ޝަރީފް އަނގައިން ބުނަން އިރުކޮޅެއް ނެގި އެވެ. އޭރު އޭނާ ރުޅިގަދަވެފައި ހުރިވަރުން އޭނާގެ ނޭވާގެ އަޑުވެސް އެހާ ގަދަ އެވެ.
" އަނ...ދެން ކަލޭ މޮޅުމީހާ އަމިއްލައަށް ހުރިހާ ކަމެއް ކޮށްލާ...! މަ ސަލާން!"
އެހެން ބުނެފައި ޝަރީފް ބާރަށް ދާން ހިނގައި ގަތެވެ. ބުނެވުނު އެއްޗަކާއި ކުރެވުނު ކަމެއް ޔޫހާއަށް ވިސްނުނީ ދެނެވެ. ލޫނާ އަށް ވެސް ރޮއި ގަނެވުނެވެ. މި ދަޑިވަޅުގައި ޝަރީފްބޭ އެކުދީން ދޫކޮށްލާފައި ގޮސްގެން ހަދާނީ ކިހިނެތް ހެއްޔެވެ! އަތުގައި އެންމެ ފައިސާ ފޮއްޗެއްވެސް ނެތް ތާނގައި ޕާސްޕޯޓް ގަނޑުވެސް ވީ ޝަރީފްބޭގެ އަތުގަ އެވެ. ގޮތް ހުސްވެފައިވާ ގޮތަކަށް ދައްތަގެ މޫނަށް ބަލައިލުމާއި އެކު ލޫނާ ޝަރީފްބޭގެ ފަހަތުން ދުއްވައި ގަތެވެ.
" އެހެން ނަހަދާ ޝަރީފްބޭ .... އަހަރުމެން ބަހައްޓާފަ ނުދޭ....!"
ޝަރީފްގެ ކުރިމައްޗަށް އަރަމުން ލޫނާ ރޮމުން އާދޭސް ކުރަން ފެށި އެވެ. ޝަރީފްގެ ހިނގުން އެންމެ ތަންކޮޅެއް ވެސް މަޑުކޮށް ނުލަ އެވެ. ކޮއްކޮ ރޮމުން އާދޭސް ކުރަމުން ޝަރީފްބޭގެ ކުރިމަތީގައި ހުރެ ފަހަތަށް ފަހަތަށް ހިނގަމުން ދިޔަ މަންޒަރު ހިތް ކުދިކުދި ކޮށްލާހާ ވެއެވެ. އެހެން ނަމަވެސް ޝަރީފްބޭ އަކަށް ހަމަ އެއްވެސް އަސަރެއް ނުކުރެ އެވެ. ކުރިމަތީގައި ހުރެ ރޮމުން ދިޔަ ކޮއްކޮ ޝަރީފްބޭ އަށް ނުފެނުނު ތާނގައި އޭނާއަށް އަޑެއްވެސް ނީވެ އެވެ. އޭނާ ހަމަ އަޅާވެސް ނުލާ ބާރަށް ހިނގަމުން ގޮސް ގޯޅި އެޅުމުގެ ކުރީން ހުއްޓެން މަޖުބޫރުވީ އޭނާގެ ކުރިމައްޗަށް ހުއްޓުނު ބޮޑު، ވަރުގަދަ ފިރިހެނާގެ ސަބަބުންނެވެ. ލޫނާ އެނބުރި ފަހަތް ބަލައިލި އިރު އޭނާގެ ފުރަގަހުގައި ޝަރީފްބޭއާ ދިމާއަށް ބަލަހައްޓައިގެން ހުރީ ޝަމްސު އެވެ.
" ކޮއްކޮ ނުރޮއްވަނީ!"
ޝަމްސް ޝަރީފްބޭއާ ދިމާއަށް ބުނެލި އެވެ. ޝަރީފްބޭއަށް ވުރެ އެމީހާ ގަނޑުވެސް ރަނގަޅޭ ހިތަށް އެރި ވަގުތު ކޮޅެކެވެ.
" ކަލޭ ދާން ބޭނުން ނެތީނުން... ދިޔައީމަ މިކުދީން ކިހިނެތްވަނީ...! މަޑުކުރަން ޖެހެނީ!"
ލޫނާގެ އާދޭހުގެ އަޑު ނީވުނަސް ސަމްސްގެ ވާހަކަ ޝަރީފަށް އިވުނެވެ. ޝަރީފް ލުނާއާ ދިމާއަށް ކަޅިއަޅާ ލަމުން އެއްފަރާތުގައި ހުރި ގޮނޑިއާ ދިމާއަށް ހިނގައި ގަތެވެ. ލޫނާ މަޑުމަޑުން ދައްތައާ ދިމާއަށް ހިނގައި ގަތެވެ. އޭރުވެސް އޭނާއަށް ގިސްލެވެނީ އެވެ. ޝަމްސުއާ ޝަރީފް ދުރުގައި ތިބެ ވާހަކަ ތަކެއް ދައްކާފައި ޝަމްސުގެ ޖީބުން ލާރި ބޮނޑިއެއް ނަގާ ޝަރީފްބޭގެ އަތަށް ދިންތަން ޔޫހާ މެންނަށް ފެނުނެވެ. އެއީ ކީއްކުރާ ފައިސާއެއް ބާއޭ ޔޫހާގެ ހިތަށް އެރި އެވެ. ދާއިން ދިން ފައިސާގެ ބޮޑުބައި އަދި ޝަރީފްބޭގެ އަތުގައި ހުންނާނެ އެވެ. މިހާރު އެވީ ގޮތުން ދެން އިތުރު އެއްވެސް ސުވާލެއް ވެސް ޝަރީފްބެއާ ކުރާކަށް ނުކެރޭނެ އެވެ.
މިމީ އެފްބީއަށް ވަންއިރު މާހިން އިނީ އޭނާއަށް ފްރެންޑް ރިކުއެސްޓެއް ފޮނުވާފަ އެވެ. ވީ އުފަލެއް ބުނަން ވެސް ނޭގުނެވެ. އޭނާ މާހިންއަށް އޭނާގެ އެޑްވެސް ނުދެނިސް އަމިއްލައަށް ހޯދައިގެން ރިކުއެސްޓެއް ފޮނުވާނީ މާހިންއަށް ވެސް އޭނާ "ސްޕެޝަލް" ވީތީ ތާ އެވެ. މިމީ ހަމަ އެކުސެޕްޓް ކޮށްލާއިރަށް މާހިން މިމީއަށް އިންބޮކްސް ކޮށްލައިފި އެވެ.
" ތެންކްސް ލަވްލީ!"
މާހިންގެ ސަމާސާ މިޒާޖު މިމީ އަށް ވަރަށް ކަމުދިޔަ އެވެ. މާހިން އެދުނީ އަނެއްކާވެސް އަވަހަށް ކޮފީއެއް ރޭވުމަށެވެ. މިމީ ކުޑަކޮށް ބިޒީ ކަމަށް ބުނެ އެކަން ލަސްކޮށްލަން ބުނެލީ ހަޤީޤަތުގައި ބިޒީ ވެގެނެއް ނޫނެވެ. މާގިނަ ގިނައިން މާހިންއާ ބައްދަލު ވާން އޭނާ ވެސް ބިރު ގަންނާތީ އެވެ. މާހިންގެ އެހުންނަ ހިތްދަމައި ގަންނަ ސިފައަކީ ނުރައްކާތެރި ސިފަ އެކެވެ. ފަރުވާތެރި ކަމާއި ކެތްތެރި ކަމާއިއެކު މާހިންއާ ޑީލް ނުކޮށްފި ނަމަ ނޭގިހުއްޓާ މިމީ ގެ އަމިއްލަ ނަފްސު އޭނާގެ ކޮންޓުރޯލުން ބޭރު ވެދާނެ ހެން ހީވެ އެވެ. މިމީ އަކީ ވިސްނުންތެރި ކަމާއި އެކު ކަންކަމާއި ކުރިމަތިލާ ކުއްޖެކެވެ. އޭނާ ކިތަންމެ އުމުރުން ހަގު ނަމަވެސް އޭނާގެ ދިރި އުޅުމުގައި ލިބިފައިވާ ތަޖުރިބާތައް ގިނަ އެވެ. އުފުލަން ޖެހުނު ހިތާމަ ބޮޑެވެ. އޭނާގެ މައިން ބަފައިންނަކީ ވެސް ވަރަށް އަތްމަތި ތަނަވަސް އުފާވެރި ދިރިއުޅުމެއް އުޅުނު ބައެކެވެ. އެހެން ނަމަވެސް ރަޙުމް ކުޑަ އިންސާނެއްގެ އަނިޔާގެ ސަބަބުން އެމީހުންގެ ދިރި އުޅުމުގެ ހުރިހާ އުފަލެއް ވަނީ ގެއްލިގެން ގޮސްފަ އެވެ. މިމީގެ އުމުރުން ހަ އަހަރުގައި މަންމަ ނިޔާވެފައި ވަނީވެސް ލިބުނު ހިތާމައެއްގެ ސަބަބުންނެވެ. އެއަށް ފަހު މިމީ ބަލާބޮޑު ކުރީ އޭނާގެ ބައްޕަ ތައުފީގު އެކަނި މައިކަންޏެވެ. ބައްޕަ އޭނާއަށް ޓަކައި ވެފައިވާ ގުރުބާނީ އާއި އުފުލި ބުރަ އޭނާ އަބަދުވެސް ހަނދާން ކުރާނެ އެވެ. މިމީ ކިތަންމެ ބޭނުން ވިއަސް ބައްޕަ ނުރުހޭ ކަމެއް އޭނާ ދުވަހަކުވެސް ނުކުރާނެ އެވެ. އެހެން ކަމުން އެއްވެސް މީހަކާ ގާތް ގުޅުމެއް އުފެދުމުގެ ކުރީން ބައްޕަގެ ރުހުން ހޯދުމަކީ އޭނާ ކުރާނެ ކަމެކެވެ.
މާހިން ފުރަތަމަ ފެނުނު ވަގުތުވެސް މާހިންގެ ބޭރުން ފެނުނު ރީތި ސިފަ މިމީގެ ހިތުގައި ކުރެހިގެން ދިޔަ އެވެ. މާހިންއާ ވާހަކަ ދައްކާލާ ހަދާލުމުގެ ފުރުސަތު ލިބުމުން މާހިންގެ މިޒާޖުގައި ހުރި ސިފަތަކަށް މިމީގެ ހިތް ލެބިގެން ދިޔަ އެވެ. ވާހަކަ ދެއްކުމުގައި އެހުންނަ ގާތް ގޮތާއި ހިނިތުން ވެލުމުގައި އެހުންނަ ފިރިހެން ވަންތަ ފޮނިގޮތް ހިތާ ކުޅެލަނީ އާދަޔާ ޚިލާފް ގޮތަކަށެވެ. ހަތަރު ކަޅި ހަމަކޮށްލާ ކޮންމެ ފަހަރަކު އެ ދެލޯ ވިދާލާ ސިއްރުވެރި ގޮތުން ބޮޑު ވާހަކައެއް ބުނެލަން އުޅޭ ކަހަލަ އެވެ. ކުރީ ދުވަހުގެ އެ ބައްދަލު ވުމަށް ފަހު މިމީއަށް އިންތިޒާރުގެ ވަގުތުތައް ގުނެން ފެށުނެވެ. ނަސީބު ގަދަ ކަމުން އިންތިޒާރުގެ ވަގުތުތައް ދިގު ވެގެން ދާ ގޮތެއް ނުވި އެވެ. މިމީގެ ހިތުގައި މާހިންއަށް ހާއްސަކަމެއް ދެވުނު ފަދައިން މާހިންގެ ހިތުންވެސް މިމީއަށް ޖާގައެއް ހުސްވެއްޖެ ފަދަ އިޙުސާސެއް މިމީއަށް ކުރެވެން ފަށައިފި އެވެ. އެހެން ނަމަވެސް މާހިން އާއި ބައްދަލުވެ އިތުރަށް ގުޅުން ބަދަހިކޮށް ހެދުމުގެ ކުރީން މިމީ ބޭނުން ވަނީ ދުވަސް ކޮޅަކު ނުފެނި ވާހަކަ ދައްކާށެވެ. މާހިންގެ ހިތުގައި ވާއެއްޗެއް ރަނގަޅަށް އޮޅުން ފިލުވާށެވެ. މާހިންގެ މިޒާޖު ރަނގަޅަށް ދެނެގަންނާށެވެ. މިމީ އަކީ ލޯބީގައި ކުޅި ވަރު ކުޅޭނެ ކުއްޖެއް ނޫނެވެ. އޭނާ ލޯބިވާނީ އެންމެ މީހަކު ދެކެ އެވެ. އެމީހާ ވާންޖެހޭނީ އޭނާގެ އަބަދުގެވެސް ހަޔާތުގެ ބައިވެރިޔާއަށެވެ. މީހަކާ ގުޅުން ބަދަހި ކުރުމަކީ އޭނާއަށް ބޮޑު ކަމެކެވެ.
މާހިން މިހާރު އުޅެމުން ދަނީ ޚިޔާލީ ދުނިޔެއެއްގަ އެވެ. މިމީއާ ބައްދަލު ވި ފަހުން އޭނާގެ ވިސްނުން ބަދަލު ވެއްޖެ އެވެ. އޭނާ މިހާރު ދާއިންއަށް ދެނީ އެހެން ނަސޭހަތެކެވެ. ޔޫހާގެ ހަނދާންތައް ޑިލީޓް ކޮށްލާ ޔާނާ އާއި އެކުގައި އާ ދަތުރެއް ފަށަން ކޮއްކޮ ދެމުންދާ ނަސޭހަތް ދާއިން އަކަށް ކަމަކު ނުދެ އެވެ. އަދިވެސް ދާއިން އިންތިޒާރު ކުރަނީ ޔޫހާ އަށެވެ. ޔޫހާ އަކީ އޭނާގެ ފުރަތަމަ ލޯތްބެވެ. ޔާނާ އާއި އެކުގައި ގަރުނެއް ވިއަސް ޔޫހާ އާއި އެކުގައި އެހޭދަވީ މަދު ވަގުތު ކޮޅު އޭނާ ހަނދާނެއް ނުނެތޭނެ އެވެ. އޭނާގެ ހިތް ބުނަނީ ކޮންމެވެސް ދުވަހަކުން ޔޫހާ އޭނާއަށް ގުޅާނެ ކަމަށެވެ. އޭނާ އެ އިންތިޒާރު ކުރަނީ އެދުވަހަކަށެވެ.
ކޮންމެ ރެއެއްގެ ދަން ވަންދެން ހޮސްޕިޓަލްގައި އުޅުމަށް ފަހު ޔޫހާއާ ލޫނާ ނިދަން ދަނީ ކޮޓަރި އަށެވެ. އެމީހުން ތިބެނީ ޝަރީފް ހިފާފައި ހުންނަ ވަން ރޫމް އެޕާރޓްމެންޓެއްގަ އެވެ. ދުވަސްވެ ބާވެފައިވާ ކުޑަ ކޮޓަރިއަކާއި ފަސް ފޫޓު ފަސް ފޫޓުގެ ކުޑަ ހުސް ތަންކޮޅެކެވެ. އެއީ ސިޓިންގްރޫމެވެ. އާދައިގެ ސިންގަލް އެނދުގައި އޮތީ ކަންފަތި ވެފައިވާ ތުނި ގޮދަޑި އެކެވެ. އަޅާފައި އޮތް ހުދު ބެޑްޝީޓުގައި ހުރީ ކިލާ ކުލަ އެކެވެ. އޭގައި ނެތް އެއްޗެއް ނެތެވެ. ރަތްކުލަ އާއި ރީދޫ ކުލައިގެ އޭތި މީތި އޮތެވެ. ތަން ބޭނުން ނުކުރާތާ ގިނަ ދުވަސް ވެފައި ހުރުމުން ތަނުގައި ނޭފަތަށް އުނދަގޫ ވާފަދަ ވަހެއް ހިފާލާފައި ހުއްޓެވެ. ފާޚާނާ ކުޑަކަމުން ފާޚާނާގެ ތަށީގައި ނުޖެހި ފެންވަރާލަން ހުރެވޭ ވަރެއްވެސް ނޫނެވެ. ތަށީގެ މަތި ނަގައި ފިއްޔާ ފުރަތަމަ ލެވޭނީ ހޮޑެވެ. ކޮޓަރިގަނޑު ކުޑަވެފައި ފާޚާނާ އެހާލުގައި ހުރި ނަމަވެސް ހިނގާލާފައި ހޮސްޕިޓަލަށް ދެވޭހާ އެތަން ކައިރި އެވެ. އެހެން ނޫނަސް ޝުކުރު ކޮށްލުން ނޫން ގޮތެއް މިއަދަކު ނެތެވެ.
މިއަދު ހޮސްޕިޓަލަށް ކޮއްކޮ ދިޔަ އިރުވެސް ޔޫހާ ކޮޓަރީގައި މަޑުކޮށްލައިގެން އޮތީ ބޮލުގައި ރިއްސާ ވަރުން ތެދުވާހާ ހިތްވަރެއްވެސް ނެތީމަ އެވެ. ބޯހިއްލާ ލިއަސް ހީވަނީ ފަޅައިގެން ހިނގައި ދާނެހެން ނެވެ. ކޮއްކޮ ދިއަތާ ދެގަޑިއެއް ހާއިރު ފަހުން ޝަރީފްބޭ އައިސް ކޮޓަރި ތެރެއަށް ވަނެވެ.
" އަވަސް އަވަސް...ތެދުވޭ...! ތައްޔާރުވޭ!"
ޝަރީފްބޭ އެކިޔާ އެއްޗެއް ޔޫހާ އަކަށް ނޭގުނެވެ. ޔޫހާ އޭނާގެ ބޯ އުފުލާލީ ގަދަކަމުންނެވެ. އޭރު ޝަރީފްބޭގެ ކައިރީގައި ބޮޑު ދެފިރިހެނުން ތިއްބެވެ. ހުދު ކުލައިގެ ދިގު ކުރުތާ ގައި ތިބި ދެމީހުންގެ ވެސް ތުބުޅި އެހާ ދިގެވެ. ބޮލުގައި ވެސް ހުރީ ކަޅާއި ހުދުގެ ފޮށާ އޮޅާފަ އެވެ. އެމީހުން ފެނުމުން ޔޫހާއަށް ފުންމައިގެން ތެދުވެވުނީ ހިތުގައި އުފެދުނު ބިރުވެރި ކަމެއްގެ ސަބަބުން ނެވެ.
" ހިނގާ އަވަހަށް ދާން... ބޭނުންވާ އެއްޗެހި ނަގާ!"
" ކޮން އެއްޗެއްސެއް؟"
ޔޫހާ އަކަށް ނުވިސްނުނެވެ.
" އައިންތުގެ ހުރިހާ އެއްޗެއް...! އަވަސް ކޮށްބަލަ!"
ޝަރީފް ތަންކޮޅެއް ބާރަށް ބުންޏެވެ. ޝަރީފް ޔޫހާ އަށާއި ލޫނާއަށް ގިނައިން ކިޔާ އުޅެނީ އެކުދީންގެ ނަމުގައިވާ ފުރަތަމަ ނަމެވެ. އައިންތު އަކީ ޔޫހާ އެވެ. ޝަރީފްބޭ އެއުޅެނީ އެމީހުން އެއަށް ވުރެ ރަނގަޅު ތަނަކަށް ބަދަލު ކުރަން ހެން ޔޫހާއަށް ހީވިއެވެ. ޔޫހާ ހިތްވަރު ކޮށްލާފައި ތެދުވެ އޭނާގެ ދަބަހަށް އޭނާގެ އެއްޗެހި އެޅުމަށް ފަހު ކޮއްކޮގެ އެއްޗެހި ކޮއްކޮގެ ދަބަހަށް އަޅަން ފަށައިފި އެވެ.
" ކަލޭގެ އެއްޗެހި އެކަނި އަޅާ...ކަލޭ އެކަންޏޭ ދަނީ...!"
ޔޫހާއަށް ހަރަކާތް ހުއްޓާލެވުނެވެ. އޭނާގެ މޭގެ ތެރެއަށް ހޫނު އިޙުސާސެއް ކުރެވިގެން ދިއަ އެވެ.
" ކޮންތާކަށް؟"
ޝައްކުން ފުރިފައިވާ ގޮތަކަށް ޔޫހާ ޝަރީފްބޭ އާއި ސުވާލު ކޮށްލި އިރު ދަބަސް ކައިރީ އިށީނދެ އިން އޭނާގެ ދެފައި ކޮޅު ގަދައަށް ތުރުތުރު އަޅަމުން ދިޔައީ ބިރުންނެވެ. ޝަރީފްބޭ ޔޫހާ އަކަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދެ އެވެ. އެއައި ގޮތަށް އައިސް އެއް އަތުން ޔޫހާގެ އަތުގެ މުލައްދަޑީގައި ހިފިއިރު އަނެއް އަތުން އޭނާގެ ދަބަސް އުފުލާލި އެވެ.
" އަނގަނުތަޅާ... މީހަކާ އިންނަން ރަން ކިޔާފަ އޮތް ކަން ހަނދާންނެތީތަ...!"