މާހިން ސަލާމަތް ވާން ބޭނުން ވެގެން އުޅޭ ހެނެއް ހިއެއް ނުވެއެވެ. އޭނާ ބޭނުން ވީ އެކަން ރަނގަޅަށް އޮޅުން ފިލުވާށެވެ! ޖައުފަރު ވަރަށް ހިތްހަމަ ނުޖެހުނެވެ. އެހެން މީހުންގެ ކުރި މަތީގައި އޭނާގެ ދަރީން އެހާ ގަދަ ވެގެން އުޅެގަތީމައި އޭނާ ވަރަށް ލަދު ގަތެވެ.
" ތިއޭ މައްސަލަ އަކީ.... ކޯޗެއް ކަމެއް ނޭގުނަސް މީހުން ގެންގުޅޭ ތަކެއްޗަށް އަތް ބާނާތި!....."
ޖައުފަރު ހަމަ ރަނގަޅަށް ވެސް ރުޅި އަތުވެއްޖެ އެވެ.
" އެއީ ކުދި ޕަކެޓްގަ ބަންދު ކޮށްފަ ހުރި ގަސް ކާނާ!"
ދާއިންގެ މޫނު މަތި އުޖާލާ ވެގެން ދިއައިރު މާހިންގެ މޫނުމަތީން ފާޅުވެގެން ދިއައީ ޙައިރާން ކަމެވެ. އޭނާ އިނީ ބުނާނެ އެއްޗެއް ނޭގިފަ އެވެ. އެމީހުން ސިއްރުން ފޮރުވައިގެން އެގެން ގުޅުނީ ގަސް ކާނާ ހެއްޔެވެ! އެތަކެތި ގަސްމުށީގެ ތެރެއަށް ލައި ބަންދު ކޮށްގެން އިމްޕޯޓް ކުރުމުގެ ބޭނުމެއް ކޮބައި ހެއްޔެވެ! އަދި ދަންވަރު ގަޑީގައި އެތަނުގައި ޝައުކަތު ހުރެގެން ނަގާ، ވަކިކޮށް ފޮރުވަން ޖެހޭހާ މުހިންމު އެއްޗަކަށް އެ ގަސް ކާނާ ވީ ކީއްވެ ހެއްޔެވެ!
ޖައުފަރު، ޝައުކަތު އަދި ޒުހުރީގެ ނަޒަރު މާހިންއަށް އަމާޒު ވެފައި ވަނިކޮށް މާހިން އަށް ފެނުނެވެ. މާހިންގެ ހިތުގައި އުފެދިފައިވާ ޝައްކު އިތުރަށް ބޮޑުވެގެން ދިއަ އެވެ. އެ ތިން މީހުން ވެގެން މޮޅު އެއްޗެއް ރާވައިގެން އުޅޭކަން މާހިންއަށް ޔަޤީނެވެ. އެއީ ގަސް ކާނާ ކަމަށްވަންޏާ އެހާ ދުވަސް ވަންދެން މާހިން ޖަލުގައި ބެހެއްޓުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ! އަދި ހަމަ އެމީހުން ބޭނުން ވާއިރަށް ކުއްލިއަކަށް މާހިންގެ ކުށެއް ނެތް ކަމަށް ނިންމާ ގެއަށް ގެނައުމުގައި ވާ ސިއްރަކީ ކޮބައި ހެއްޔެވެ!
" އެހެން ވީމަ ދޯ.... ކޮއްކޮ ބަންދުގަ ހުއްޓާ އަހަރެން ކައިވެނި ނުކުރާނަމޭ ބުނެބުނެ އޮއްވާ ވެސް ބައްޕަ އަހަރުމެންގެ ކައިވެނި މި ހޯމަ ދުވަހަށް ހަމަޖެއްސީ! ގުޑް ސަޕްރައިސް!"
ދާއިން އިނީ އުފަލުން ފުރިފަ އެވެ. އެހެން ނަމަވެސް ބޭބެގެ ވާހަކައިން އަނެއްކާވެސް މާހިންއަށް ޕޮއިންޓެއް ލިބިއްޖެ އެވެ. ހޯމަ ދުވަހަށް މާހިން ސަލާމަތް ވާނެކަން ބައްޕައަށް އިނގެނީ އެވެ. އެހުރިހާ ކަމެއް އެގޮތް މި ގޮތަށް ރޭވި މީހަކީ ބައްޕަ އެވެ. އެހެން ކަމަށް ވާއިރު މިމީއާއި އޭނާގެ ވަކިވުމުގައި ބައްޕަގެ އަތެއް ވުމަކީ އެކަށީގެންވާ ކަމެކެވެ. މާހިން ތެދުވި އެވެ. އޭނާ ދެކޮޅަށް ހިނގާލުމަށް ފަހު އޭނާގެ ގާތަށް އައުމަށް ބޭބެއަށް އިޝާރާތް ކުރަމުން ބޭރަށް ނުކުތެވެ. ދާއިން ވެސް މާހިން ފަހަތުން ބޭރަށް ނުކުތެވެ.
ދާއިން ނުކުތުމުން މާހިން ދާއިންގެ ފޯނު އަތުލާފައި މިމީއަށް ގުޅާލި އެވެ. މިމީގެ ފޯނު އޮތީ ނިއްވާލާފަ އެވެ. ވިސްނާލާފައި މާހިން ގުޅާލީ މިމީގެ ބައްފަ ތައުފީޤަށެވެ. އޭނާގެ ފޯނުވެސް އޮތީ ނިއްވާލާފަ އެވެ. އެވަރުންވެސް މާހިން ދޫކުރާކަށް ގަސްދެއް ނުކުރެ އެވެ. އޭނާ ދާއިން ކައިރީގައި އެދިގެން ދާއިންގެ ކާރުގައި މިސްރާބު ޖެހީ މިމީއުޅޭ ގެއާއި ދިމާއަށެވެ. މާހިން ހާސްވެފައި ހުރި ވަރުން ދާއިން ސުވާލެއް ނުކުރެއެވެ، ކޮއްކޮ ހަމަޖެހުނު އިރަކުން ހުރިހާ ވާހަކައެއް ކިޔައިދޭނެ ކަން އޭނާއަށް އެނގުނެވެ.
ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ދާއިން މާހިންއަށް ދިން ގޭގެ ދޮރުމައްޗަށް ހުއްޓުމާއި އެކު މާހިން ކާރުން ފޭބި އެވެ. އޭރު ދޮރު ކައިރީގައި ކުރީންވެސް ހުންނަ ސެކިއުރިޓީ ގާޑު ހުއްޓެވެ. އިންޑިއާގެ ސެކިއުރިޓީ ގާޑު ސެލްވަމް އަށް މާހިން ފެނުމުން އޭނާގެ "ބޮސް" އަށް މަރުހަބާގެ އުފާވެރި ހިނިތުން ވުމެއް ހަދިޔާ ކޮށްލި އެވެ. ދެން އަވަސް އަވަހަށް ގޮސް ގޭގެ ދޮރު ހުޅުވާދިނެވެ.
" ކޮބާ މެޑަމް؟"
މާހިން ސުވާލު ކުރި އެވެ. ގޭގައި މީހަކު ނޫޅޭކަން އެނގުމުންނެވެ.
" މެޑަމް! "
އޭނާ މާހިންއަށް ބަލާލީ ޙައިރާން ކަމާއި އެކުގަ އެވެ.
" މެޑަމް ފުރާ ދަނީ.... ބޮސް ނޭގޭ؟"
އޭނާ އަހާލި އެވެ.
" ފުރާ....؟ ފުރީއޭ؟ ކޮންތާކަށް؟ "
މާހިންގެ މޫނަށް ވެގެން ދިއަ ގޮތް ދާއިންއަށް ފެނުނެވެ.
" ނޭގެ.... މެޑަމް ބައްޕަ އަންނަނީ....! ހުރިހާ އެއްޗެހި ގެންދަނީ....އިއްޔެ މޯރނިންގް!"
މާހިންއަށް ލޯ މަރާލެވުނެވެ. އޭނާއަށް މިމީ ވީތަނެއްވެސް ނޭގޭ ހިސާބަށް ގޮސް ނިމުނީ ހެއްޔެވެ! އަވަސް އަވަހަށް ގޮސް މާހިން ކާރަށް އެރި އެވެ. އެއާއި އެކު މިސްރާބު ޖަހަންވީ ދިމާ ދާއިން އަށް އެނގުނެވެ. ކޮއްކޮގެ ހާސްކަން އިންތިހާ އަށް ބޮޑުވެފައި ވާކަން އެނގުމުން ދާއިންގެ ހިތުގައި ސުވާލު ގިނަވަމުން ދިއަ އެވެ. އެހެން ނަމަވެސް ދާއިން ހިމޭނުން އިނެވެ. އޭނާގެ އަވަސް ވެފައިވާ ހިތުގެ ސްޕީޑާއި އެއްވަރަށް އޭނާ ކާރު ދުއްވަމުން ގޮސް މިމީގެ ބައްޕަ ދިރިއުޅޭ ގޭގެ ދޮރުމައްޗަށް ކާރު މަޑުކޮށްލައިފި އެވެ. އެގެއާއި އަރާ ހަމަވުމުން ދެމީހުންނަންމެ ލިބުނީ އިތުރު މާޔޫސް ކަމެކެވެ. ކާރުން ފޭބުމުގެ ބޭނުމެއް ނެތެވެ. މާހިން ކާރުގައި މަޑުކޮށްލައިގެން އިނީ އެވެ. މަދު ސުކުންތު ކޮޅަކަށް ފަހު އޭނާ ސީޓުގައި ލެނގިލަމުން ފުންނޭވާއެއް ބޭރު ކޮށްލި އެވެ. ދެން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
ދޮރުގައި އަޅުވާފައި ވާ ދަގަޑު ބޮޑު ތަޅާއި ދިމާއަށް ބަލަހައްޓައިގެން ދާއިން އިނެވެ. އޭނާއަށް ދެން ސުވާލެއް ނުކޮށް ކެތެއް ނުވާނެ އެވެ.
" ވަޓްސް ގޮއިންގް އޯން؟"
ދާއިން އަހާލީ ހާސްކަމާއި އެކުގަ އެވެ. މާހިން ލޯ މަރާލި އެވެ. އެވާހަކަ ދައްކާކަށް އޭނާއަކަށް ފަސޭހައެއް ނޫނެވެ. އެވާހަކަ އަޑުއަހާކަށް ބޭބެއަކަށް ވެސް ފަސޭހައެއް ނުވާނެ އެވެ.
" ޝީ ލެފްޓް މީ!"
މާހިން އެއިން ގޮތަށް އިނދެ ބުންޏެވެ.
" ވަޓް!"
ލިބުނު ޝޮކްގައި ދާއިންގެ ހިތަށް އައި ސުވާލު ދުލުން ބޭރުކުރެވޭ ގޮތެއް ނުވި އެވެ.
" އުހުނ.... އަހަރެން އޭނަ ދޫކޮށްލީ....!"
މާހިން ބޯ ހޫރާލަމުން ޖުމްލަ އެހެން ގޮތަކަށް ބަދަލު ކޮށްލި އެވެ. އަދިވެސް ކޮއްކޮ އެކިޔާ އެއްޗެއް ދާއިން އަކަށް ނޭގުނެވެ. ލޯ މަރައިގެން އިނދެ ކޮއްކޮ އެ ވާހަކަ ދައްކާ ސަބަބު ދާއިން އަށް އިނގެއެވެ. ކޮއްކޮގެ ހިތާމަވެރި އަސަރުތައް ދާއިންއަށް ދައްކަން ބޭނުން ނެތީ އެވެ. ދާއިން މާހިން އަށް ބަލަން އިނީ އެވެ. އިތުރު ސުވާލެއް ނުކޮށެވެ. އެފަދަ ދަނޑިވަޅުތަކުގައި އޭނާ ކަންކުރާ ގޮތަކީ އެއީ އެވެ. ކޮއްކޮ ބޭނުން ސްޕީޑެއްގައި އެވާހަކަ ދައްކާނެ ފުރުސަތު ދިނުން އެއީ ކޮއްކޮއަށް އެންމެ ލުއިވާނެ ގޮތް ކަން އޭނާއަށް އިނގެ އެވެ.
" އަހަރެން ސަލާމަތް ވާނެ ކަމުގެ އުއްމީދެއް ނެތީމަ..... ވީ ސެޕަރޭޓެޑް!"
މާހިން ގަދަކަމުން ހިންދިރުވާލި ތަން ފެނުނެވެ. ދާއިން ގެ ހިތުގައި ރިހެން ފެށީ ކެތް ނުވާވަރަށެވެ. ކިތަންމެ ސިއްރު ކުރަން އުޅުނު ނަމަވެސް ކޮއްކޮއަށް ކުރަމުން ދިއަ އަސަރު އޭނާއަށް އިޙުސާސް ކުރެވެމުން ދިއަ އެވެ. ކޮއްކޮ އެބުނާ އެއްޗެއް އަދިވެސް ދާއިން އަކަށް ރަނގަޅަކަށް ނުވިސްނެ އެވެ. ދެމީހުން ދުރުވި ވާހަކަ އެބުނަނީ ކިހިނެއް ހެއްޔެވެ! ދުވަސް ކޮޅަކަށް ދުރަށް ދިއަ ކަމަށް ވަންޏާ ކޮއްކޮ ސަލާމަތްވި ކަން މިމީއަށް އެންގީމައި އެކަން ނިމުނީ ނޫން ހެއްޔެވެ! ކޮއްކޮ އެބުނަނީ މިމީ..... ވަރި ކުރި ވާހަކަ ހެއްޔެވެ! އެހެން ހިތަށް އަރުވަންވެސް ދާއިން ޖެހިލުން ވިއެވެ. އެވަރުގެ ބޮޑު ނިންމުމެއް ކޮއްކޮ ދާއިންއަށް ނާންގާ ނިންމަފާނެ ކަމަކަށް ހިތް ޤަބޫލެއް ނުކުރިއެވެ.
" އިއްޔެގަ އަހަރެން މިމީ ވަރި ކުރީ.... މިއަދު ޖަލުން ސަލާމަތްވީ....!"
އެއަޑު އިވިފައި ދާއިންގެ ސިކުނޑި އައްސިވެގެން ދިއަ އެވެ. ނިއްކުރިމަތީގައި ދެއަތުން ހިފަހައްޓާލެވުނީ ބޭއިޚުތިއާރު ގައެވެ. އެއީ ކީއްވެ ކޮއްކޮ ކުރި ކަމެއް ހެއްޔެވެ! މިމީއަށް ވާނެ ގޮތް ދާއިންގެ ހިތަށް އެރުމުން އިތުރަށް ދެރަވި އެވެ.
" ކީއްވެ.... އެހާ އަވަސް އަރުވާލާފަ..... ނުވެސް ބުނެ..... ވައި ޑިޑް ޔޫ ޑޫ ދެޓް!"
މާހިންގެ ކޮންޑުގައި ހިފާ ދާއިން ތަޅުވައި ގަތެވެ. ރަނގަޅަށް އެވާހަކަ އަޑުއަހަން ދާއިން ބޭނުން ވިއެވެ. މާހިން ލޯ ހުޅުވާލަމުން ދުރު ބަލާލި އެވެ.
" އެހާ ވަރުން އުޅެފަ...އެހާ ފަސޭހައިން ކައިވެނި ތި ރޫޅާލީ....! މިމީގެ ދިރިއުޅުމާ ދެތެރޭ ވިސްނާލީންތަ؟"
ދާއިން އިނީ ހިތްހަމަ ނުޖެހިފަ އެވެ. އޭނާ ވާހަކަ ދެއްކީ ބާރަށެވެ.
" އެއީ އަހަރެން ބޭނުންވި ގޮތެއް ނޫން ބޭބޭ....! މިމީ.....!"
މާހިން ދަތްޕިލައިން ތުންފަތް ހިފަހައްޓާލި އެވެ. އޭނާ އިޙުސާސްތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަނީ އެވެ.
" ނޫން..... މިމީ އެއް ނޫން....!"
ދާއިން ވަގުތުން ބުނެލި އެވެ.
" ތީ މިމީގެ ޑިސިޝަން އެއްނޫން.....! ކޮއްކޮ އެހާލުގަ ހުއްޓާ މިމީ ކޮއްކޮ ދޫކޮށެއް ނުލާނެ...! އައި ޑޯންޓް ބިލީވް އިޓް! "
ބޭބެވެސް އެބުނީ ހަމަ އެވާހަކައެވެ. މާހިންވެސް އެ ހިތަށް އަރަނީ އެހެންނެވެ.
" މިމީ އަށް ކޮންމެސް މީހަކު މަޖުބޫރު ކުރީ..... އެއިދަރ ހަރ ޑޭޑް އޯ އަވަރ ޑޭޑް!"
ދާއިން ޔަޤީން ކަމާއި އެކު ބުންޏެވެ. މާހިން ބޭބެއާއި ދިމާއަށް ބަލާލީ އުއްމީދާއި އެކުގަ އެވެ. އެއީ ތެދަކަށް ވެއްޖެނަމަ އަދިވެސް މިމީއާ ގުޅުމުގެ އުއްމީދު ބޮޑެވެ. މިމީގެ ބައްޕަ އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން މާހިންއަށް އޮތެވެ. އެހެން ވީމައި އެކަމަކީ މާހިންގެ ބައްޕަގެ ކަމެކެވެ.
" ހިނގާ އޮޅުން ފިލުވަން.... މީ ދޫކޮށްލަން ޖެހޭ ކަންތަކެއް ނޫން....!"
ކޮއްކޮއަށް ހިތްވަރު ދެމުން ދާއިން ކާރު ދުއްވާލި އެވެ. ދާއިންގެ ކާރު މިސްރާބު ޖެހީ ގެއާއި ދިމާއަށެވެ. މިވަގުތަކީ ބައްޕައާއި އެވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތަށް ނުވެދާނެ އެވެ. ގޭގައި ޒުހުރީ އާއި ޝައުކަތު އުޅޭ ކަމަށް ވަންޏާ ރަނގަޅު ވަގުތަކަށް އިންތިޒާރު ކުރާނީ އެވެ. ނަސީބަކުން ގެއަށް ދިއައިރު ޒުހުރީ އާއި ޝައުކަތު ވެސް ހިނގައްޖެ އެވެ. ބައްޕަ އިނީ އުނދޯލި ގޭގައި ނޫސް ކިޔާށެވެ. ބައްޕަ ގާތަށް ދިއުމަށް ކޮއްކޮއަށް އިޝާރާތް ކޮށްފައި ދާއިން ހިނގައި ގަތީ އެތެރެއަށް ދާށެވެ. އެތަނުގައި އޭނާ ހުރުން އެއީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ އެވެ.
މާހިން ފެނުމުން ޖައުފަރު އިސް އުފުލާ ބަލާލި އެވެ. އޭނާގެ މޫނުމަތީން މިހާރު ފެންނަމުން ދަނީ ކުރީން ފެނުނު އުފާވެރި ކަމެއް ނޫނެވެ. މާހިން އޭނާއާއި ކޮށްފާނެ ސުވާލަކަށް އޭނާ ސަމާލު ވެގެން އިންހެން ހީވެ އެވެ.
" ބައްޕައަށް އިނގޭދޯ އަހަރެން މިމީ ވަރިކުރިކަން!"
ބައްޕަ ގާތުގައި މިމީގެ ނަން ގަންނާކަށް މިއަދަކު މާހިން ޖެހިލުމެއް ނުވި އެވެ. އަދި އެވާހަކަ އިތުރަށް އަހާކަށް ވެސް އޭނާ ބިރެއް ނުގަނެ އެވެ.
" އޮފްކޯޒް!..... އެހެން ނޫންނަމަ އަހަރެން މިއަދު މާހިން މިގެއަކަށް ނުގެންނާނެ! ކުރީން ވެސް އޮންނާނީ ވަރަށް ސާފުކޮށް އެވާހަކަ ބުނެދީފަ!"
އެއްވެސް ޖެހިލުމެއްނެތި ޖައުފަރު ބުންޏެވެ. މިމީގެ ވާހަކަ ބުނި އިރު ޖައުފަރުގެ މޫނުމަތީން ފެނިގެން ދިއަ ނުރުހުމުގެ އަސަރުން ހީވަނީ ދުރު މީހަކާއި މުހާތަބު ކުރަމުން ދިއަހެންނެވެ. މާހިންގެ ލޭ ހޫނު ވެގެން ދިއަ އެވެ. މީގެ ކުރީން އިސް އުފުލާ އަނގައިން ބުނަންވެސް ނުކެރޭ ބައްޕަ އާއި ދޭތެރޭގައި މިއަދަކު އޭނާގެ ހިތުގައި އެއްވެސް ބިރެއް، އިޙުތިތިރާމެއް ނެތެވެ.
" އެހެންވީމަ.... މިމީ އަހަރެން ކައިރީން ވަރިކުރުވުން އެއީ ބައްޕަގެ ރޭވުމެއްދޯ!"
މާހިން އެހެން ބުނުމުން ޖައުފަރު އައި ގަދަ ރުޅީގައި އޭނާގެ އަތުގައި އޮތް ނޫސް ވެސް ދުރަށް ހޫރާލި އެވެ.
" ނޭންގޭ ވާހަކަ ނުދައްކާ މާހިން ޖައުފަރު! ތި ހުރިހާ ކަމެއް ކުރުވި މީހަކީ ތައުފީޤް!"
ބައްޕަގެ ރަތްވެފައި ވާ މޫނާ ދެލޮލަށް ބަލަން މާހިން ވެސް ހުރީ ރުޅިގަދަ ވެފައެވެ.
" ފެށުނީއްސުރެ އޭނަ އަހަރެންގެ ހުރިހާ ހިތްހަމަ ޖެހުމެއް ފޭރި ގަންނަމުން އައީ..... އޭނަގެ ރޭވުމުން މާހިން ރާއްޖޭން ބޭރުގަ ހުއްޓާ ދަޑިވަޅު ބަލާފަ އެތަނަށް އޭނަގެ ދަރި ގޮވައިގެން ގޮސް މާހިންއާ ތަތް ކުރުވީ މަގޭ ދިރިއުޅުމުގެ ތެރެއަށް ވަދެގަންނަން ވެގެން"
ބައްޕަ އެބުނީ ވިސްނާލަން ޖެހުނު ވާހަކަ އެކެވެ. އެވާހަކައިގައި ކޮންމެވެސް ހަޤީޤަތެއް އެބައޮތެވެ. މިމީއާއި ކައިވެނި ކުރަން ބައްޕަ ނުޤަބޫލު ވުމުން މިމީއާއި ދުރަށް މާހިން ފުރައިގެން ދިއައެވެ. އެހެން ނަމަވެސް ކޮޗިން އަށް މިމީ ގޮވައިގެން މިމީގެ ބައްޕަ ދިއައެވެ. އަދި މާހިންއަށް މާހިންގެ ބައްޕަގެ ހަޤީޤަތް ކޮންމެވެސް ވަރަކަށް ކިޔައިވެސް ދިނެވެ. އެކަމަކު އެހުރިހާ ކަމެއް ބައްޕަ އަށް އެނގުނީ ކިހިނެއް ހެއްޔެވެ!
" އޭނަޔާ އޭނަގެ ދަރިފުޅުގެ ރޭވުމުން އަހަރުމެންގެ ދިރިއުޅުން ހަލާކު ކޮށްލަން އުޅުނީ..... އޭނަ ބޭނުންވީ އަހަންނަށް އަންގަން އަހަރެންގެ ދަރީގެ މައްޗަށް ވެސް އޭނައަށް ބާރު ހިންގޭނެކަން.... ދެން އެއުޅުނީ ކޮންމެސް އެއްޗެކޭ ކިޔައިގެން މާހިންގެ ދުވަސް ދުއްވާލަން..... މާހިންގެ ބޮލުގަ ތުހުމަތެއް އަޅުވައިގެން މާހިން އުމުރަށް ޖަލަށް ލުން އެމީހުންގެ ބޭނުމަކީ. މާހިން ސަލާމަތް ނުވާނެ ކަން ޔަޤީންވީމަ އެ އަންހެނާ މާހިންގެ ކައިރިން ވަރިވެގެން އެދެމީހުން މި ޤައުމުން ވެސް އެބެޗީ!"
މާހިން އައިސް ފައިވާ ރުޅިގަނޑު މުޅިން އެހެން އަސަރު ތަކަކަށް ބަދަލު ވެގެން ދިއައީ ހިނދު ކޮޅެއްގެ ތެރޭގަ އެވެ. ބައްޕަ އެދެއްކި ވާހަކަ ޤަބޫލު ކުރެވޭ ގޮތް ވިއެވެ. އެރޭ މާހިން އެތަނަށް ފޮނުވީ ތައުފީޤެވެ. އަދި ހަމަ އެރޭ އެ ދަޑިވަޅުގައި ކޮންމެވެސް މީހަކު، ފުލުހުންވެސް އެތަނަށް ފޮނުވައިފި އެވެ. އަދި މާހިން ޖަލަށް ލުމުން މިމީ ބައްދަލު ކުރަން އައީ އެންމެ ފަހަރަކު އެވެ. އެފަހަރު އެދުނީ ވަރި ކުރާށެވެ.
ކައިރީގައި ހުރި ސޯފާ ގޮނޑީގައި މާހިން އިށީނީ ކަކުލު ހުޅުން ބާރުދޫވާ ގޮތް ވުމުންނެވެ. މަޑުމަޑުން އިސް ޖަހާލެވުނީ ލަދުވެތި ކަމާއިއެކުގަ އެވެ. އޭނާ ފަދަ ފިރިހެނަކަށް ބަޔަކު ރާވައިގެން އެވަރުގެ ލަނޑެއް ދެވުނީތީ އެވެ.