މާހިން އަވަސްވެ ގަތީ ހޮސްޕިޓަލަށް ދާށެވެ. ލޫނާ ފެންނަ ހިސާބަށް ނުގޮސް ދެން އޭނާ އަކަށް އެންމެ ހިނދު ކޮޅަކުވެސް ކެތެއް ނުވާނެ އެވެ.
މާހިން އާއި އެކުގައި ދާއިން އާއި ޔޫހާވެސް ހޮސްޕިޓަލަށް ދާން ނުކުތެވެ. އެ މީހުން އެދިއައީ ހޮސްޕިޓަލަށް ކަން ނާމީ އަށް ވެސް އެނގުނެވެ. އެމީހުންގެ ފަހަތުން ހޮސްޕިޓަލަށް ދާން ނާމީގެ ހިތް އެދުނީ ކީއްވެ ކަމެއް ހުދް ނާމީއަށް ވެސް ނޭގެ އެވެ.
އީ އާރް އަށް އެންމެ ފުރަތަމަ ވަނީ ޔޫހާއާއި ދާއިން އެވެ. ދާއިން ފެނުމުން ލޫނާ ބަލަން އޮތް ގޮތުން ދާއިން ނޭގުނީކަން ދާއިން އަށް އެނގުނެވެ. ދެފަހަރަކު ގޮވާލުމުން ވެސް އެއްވެސް ކަހަލަ ބަދަލެއް ނައުމުން އެކަން ޔަޤީން ވި އެވެ. ޔޫހާ ދުރުގައި މަޑުކޮށްލައިގެން ހުރީ ކެތްކުރަން މަސައްކަތް ކުރަމުންނެވެ. ކޮއްކޮގެ އެ ހާލަތު ދެކެން ދާއިންއަށް ވެސް އުނދަގޫ ވެއްޖެކަން އެނގުނީ ދާއިން އިސްޖަހާލައިގެން ބޭރު ދޮރާއި ދިމާއަށް ހިނގައިގެން ގޮތުން ނެވެ.
މާހިން އަށް ލޫނާ ފެނުނު ވަގުތު އާދަޔާއި ހިލާފް އިޙުސާސެއް ކުރެވުނެވެ. ލޯމަރާލައިގެން އޮތް ލޫނާގެ ފަޔާއި ދިމާލުގައި މަޑުކޮށްލައިގެން ލޫނާގެ އެ ލޯބި މޫނަށް ބަލަން މާހިން ހުރި އިރު ލޫނާގެ އެކިއެކި ހަރަކާތްތައް ހަނދާނަށް އަންނަމުން ދިޔަ އެވެ. މަޑުމައިތިރި މިޒާޖެކެވެ. ލަދުރަކި ހިނިތުން ވުމެކެވެ. ދެން ދުވަހަކު ވެސް އެ މޫނުމަތީން އެފަދަ ހިނިތުން ވުމެއް ފެންނާނެ ބާ އެވެ! މާހިން ކުރިއަށް ޖެހިލާ ލޫނާއާއި ދިމާއަށް ގުދުވެލި އެވެ. ކެތްނުވާވަރުގެ ބޮޑު ކަންތައް ގަނޑެއްގެ ސަބަބުން ސިކުނޑިއަށް އަސަރު ކޮށްފައި ވީއިރުވެސް އެމޫނުގެ ރީތި ކަމަކަށް ބަދަލެއް ނޭދެ އެވެ.
ލޫނާއަށް މީހެއްގެ އިޙުސާސް ވީހެން ހީވެ އެވެ. އޭނާ މަޑުމަޑުން އެސްފިޔަތައް ގުޑުވާލި އެވެ. އެއާއިއެކު ލޯ ހުޅުވާ ސީދާ މާހިންގެ ދެލޮލާއި އަމާޒު ކޮށްލި އެވެ.
" ލޫނާ!"
ސިއްރުން ގޮވާލާ ފަދަ ގޮތަކަށް މާހިން ގޮވާލި އެވެ. ލޫނާގެ ސިނކުޑިއަށް ވެފައިވާ ގެއްލުމެއްގެ ސަބަބުން މީހުން ދެނެގަތުމުގެ ދަތިކަމާއި ކުރިމަތިލާން ޖެހިފައި ވާ ކަން އެނގި ހުރެ އެވެ. ލޫނާ މާހިންގެ މޫނަށް ބަލަހައްޓައިގެން އޮތީ އެވެ. ދެ ލޯ ބޮޑު ކޮށްގެންނެވެ. ލޫނާއަށް މާހިން ނޭގެނީކަން މާހިން އަށް އެނގުނެވެ.
" މީ މާހިން!"
މާހިން މޭގައި އަތް ޖައްސާލަމުން ހިނިތުން ވުމެއް ތުންފަތް މައްޗަށް ވެރިކުރުވި އެވެ. ހަރަކާތެއް ނެތި ހަމަ އެއޮތް ގޮތަށް މާހިންއަށް ބަލަން ލޫނާ އޮތީ އެވެ. ލޫނާއަށް މިއަދު މާހިން ވެސް ނެގުނީ އެވެ. މާހިންގެ ހިތުގައި ވެސް ރިއްސާލި އެވެ.
" މިހާރު ރަނގަޅުތަ؟"
ދަނޑިވަޅާއި އެންމެ އެކަށީގެން ވާ ޖުމުލައެއް މާހިންއަށް ނޭގުނަސް މާހިން ކޮންމެވެސް އެއްޗެއް ބުނެލަން ބޭނުން ވިއެވެ. ލޫނާ ހަމަ ހަރަކާތެއް ނެތި މާހިންގެ މޫނަށް ބަލަން އޮތް ގޮތުން މާހިންއަށް ވެސް އުނދަގޫވި އެވެ. މާ ގާތުން ނުދަންނަ މީހަކު ފެނުނީމައި ބިރުގަތީ ކަމަށް ވެސް ވެދާނެ އެވެ. މާހިން ލޫނާގެ އަތް ތިލައިގައި ހިފަހައްޓާލި އެވެ. އެއަތް ތިލަ އޭނާ ހީކުރި ވަރަށް ވުރެ ފިންޏެވެ. އިޙުސާސެއް ނުކުރެވޭ އިރު އަތްފައި ފިނިވާނެ ހެއްޔެވެ! ސުވާލު އުފެދުނެވެ. ސިއްހީ ކަންތައްތައް މާހިންއަށް މާ ބޮޑަކަށް ނޭގެ އެވެ. ދެލޯ ބޮޑު ކޮށްގެން މާހިންއަށް ކަޅި ހުއްޓާ ލައިގެން ލޫނާ އޮތް އިރު ދިގު އެސްފިޔަތަކުގެ ހިޔަލުގައި އެވާ ތޫނު ދެލޮލުން މާހިންއަށް އާދަޔާ ހިލާފް ކަމެއް އިޙުސާސް ކުރެވެން ފަށައިފި އެވެ. މާހިންގެ ހިތުގެ ވިންދުތައް އަވަސް ވެގެން ދިއައީ ގާތުން ފެންނަމުން ދިއަ މަންޒަރަކުންނެވެ. ލޫނާގެ ދެލޮލުގެ ތެރެއަށް ކަރުނަ ގިނަވަމުން ދިއަތަން އޭނާ އަށް ފެނުނެވެ. ލޫނާގެ ސިނކުޑިއަށް ކޮންމެވެސް އެއްޗެއް ވިސްނުނީ ކަން ޔަޤީނެވެ. އެ ހިތަށް އަސަރު ތަކެއް ކުރީ ކަން ކަށަވަރެވެ!
އަނގައިން ނުބުނެ ލޫނާއަށް ބަލަން ކެތްކޮށްލައިގެން އިން މާހިންގެ ނިއްކުރިއަށް ރޫ ގިނަވަމުން ދިއައީ ލިބެމުން ދިއަ ހައިރާން ކަމެއްގެ ސަބަބުން ނެވެ. ލޫނާއަށް އެއްވެސް އެއްޗެއް ނޭގޭ ކަމަށާއި، ނުވިސްނޭ ކަމަށާއި، ހަނދާން ނެތް ކަމަށާއި ދެންމެގައި ބޭބެވެސް ނޭގުނު ކަމަށް ބޭބެ ބުނިއަޑު އަދިވެސް މާހިންގެ ކަންފަތުގައި ހަރުލާފައި އެބަހުއްޓެވެ.
ލޫނާގެ ދެލޯ ފުރިގެން ބަންޑުންވި ކަރުނަތައް މޫނުގެ ދެފަރާތުން ފައިބައިގެން ދާންފަށައިފި އެވެ. މާހިން އަކަށް އިތުރަކަށް ކެތެއް ނުވި އެވެ. އޭނާ އަދިވެސް ގާތަށް ގުދުވެލާ ލޫނާގެ މޫނުގެ ދެފަރާތުގައި ދެއަތުން ހިފަހައްޓާލި އެވެ.
" އިޓްސް އޯކޭ ބޭބީ!"
އަސަރާއި އެކު މާހިންގެ އަނގައިން ނުކުތް ބަހުގެ އަސަރު އެންމެ ބޮޑަށް ކުރީ ދުރުގައި މި މަންޒަރު ބަލަން ހުރި ނާމީ އަށެވެ. ނާމީގެ މުޅި ދުނިޔެ ބަނަވެގެން ދިއަ ހެން ހީވި އެވެ. ލޫނާގެ "ރިކަވަރީ" ގެ ސަބަބުން ވީ އުފަލަށް ވުރެ ބޮޑު ހިތާމައެއް އޭނާ ވަށައިލައިފި އެވެ. އަމިއްލަ ނަފްސާއި މެދު ހަމްދަރްދީ ވުމުގެ ބަދަލުގައި އަމިއްލަ ނަފްސްގެ ފެންވަރު ދަށްކަން އިޙުސާސް ކުރެވުނެވެ. އޭނާގެ ފުރަގަހުގައި ހިނގަމުން ދިއަ ހަމަ އެއްވެސް ހަޤީޤަތެއް އޭނާއަށް ނޭގެނީ އެވެ. ކެއްސަކަށް ފަހު ކެއްސެކެވެ. އެއްކަމަކުން ނުކުމެ އަނެއް ކަމެއްގެ ތެރެއަށް ވަދެވުނު އިރު އެވެސް ގޯހެވެ! އެވަރުވެސް އޭނާއަށް ނޭގުނެވެ! ޑޮކްޓަރުންވެސް އުއްމީދު ކަނޑާލާ ހިސާބަށް ނަފްސާނީ ގޮތުން ހާލަތު ގޮސްފައި ވަނިކޮށް މާހިން ފެނިގެން ލޫނާއަށް އެވަރުގެ ބަދަލެއް އެއައީ ސަބަބެއް ނެތި ނޫންކަން ނާމީއަށް އެނގެ އެވެ. އެވަރު އޭނާއަށް ވިސްނުނީތީވެސް ޝުކުރެވެ! އޭނާއަކީ ހާދަ ފެންވަރު ދަށް، ބޭކާރު މީހެކެވެ! ދުނިޔޭގެ ކޮންމެ އަންހެނެއްގެ ހިތް އޭނާގެ މައްޗަށް ފިދާ ވަމުން އަންނަ ކަމުގައި އޭނާއަށް ހީވެ ޔަޤީން ވެފައި، އެވަރަށް އޮޅިފައި ހުރެވުނީތީ މިއަދު ލަދުގެންޖެ އެވެ. އޭނާގެ ހިތް ކުޑަވި ވަރުން އެތަނުގައި ހުންނަން އުނދަގޫވި އެވެ. މަޑުމަޑުން ބޭރަށް ހިނގައިގަނެވުނީ އިސްއުފުލާލަން ނުކެރިފައި ހުރެ އެވެ.
މާހިން އޮތީ ފަރުވާތެރި ކަމާއި އެކު ލޫނާގެ މޫނަށް ބަލާށެވެ. ލޫނާގެ ހަރަކާތް ތައް އޭނާ ދަސްކުރަނީ އެވެ. ލޫނާއަށް އެއައި ބަދަލަކީ ރަނގަޅު ބަދަލެކެވެ. އަނގައިން ނުބުނެ އޮތް ނަމަވެސް ލޫނާ އެއްޗެއް ހަނދާން ވެއްޖެ އެވެ. އެއްޗެއް ވިސްނިއްޖެ އެވެ. މިހާރު ލޫނާގެ މޫނުމަތީން ފާޅުވަމުން ދަނީ ހައިރާން ކަމެއް ނޫނެވެ. ހިތްދަތި ކަމެވެ. ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރާނަމަ އެ އަސަރެއް ނުފެންނާނެ އެވެ. މާހިން ބޭނުންވީ ލޫނާއަށް އިތުރަށް އެހީ ވާށެވެ. އޭނާ ދައްކާ ވާހަކަ ލޫނާއަށް އިނގޭބާ އެވެ! ހަމަ ގައިމުވެސް އޭނާއަށް މާހިން އެނގިއްޖެ އެވެ.
" އަހަރެން މިއައީ ލޫނާ ގެއަށް ގެންދަން!"
ލޫނާގެ ކޯތާފަތުގެ އަރިމަތީން ފައިބައިގެން ދިއަ ކަރުނަ ތިކިތައް އަތުގެ ނުފުށުން ފޮހެލަމުން ލޯތްބާއި އެކު މާހިން ބުންޏެވެ. ލޫނާ ހަމަ އެއޮތް ގޮތަށް ބަލަން އޮތީ އެވެ. އިތުރު އެއްޗެއް އޭނާއަށް ނުވިސްނެނީ ކަންނޭގެ އެވެ.
"އަވަހަށް ރަނގަޅުވޭ.... އޭރުން އަހަރެން މާލެ ދަމުން ދާނީ ލޫނާ ވެސް ގޮވައިގެން!"
އަނެއްކާވެސް ލޫނާގެ ލޮލުގެ ތެރެއަށް ކަރުނަތައް ގިނަވެ ގަތެވެ. ހަމަ ގައިމުވެސް މާހިންގެ އެވާހަކަ ތަކުން އޭނާއަށް އަސަރު ކޮށްފި އެވެ. އޭނާއަށް ވިސްނިއްޖެ އެވެ. އެވަގުތު ވަދެގެން އައި ނަރުސް ކުއްޖާއަށް ވެސް އެކަން ފާހަގަ ކުރެވުނެވެ. ނަރުސް ކުއްޖާގެ މޫނުމަތި އުޖާލާ ވެގެން ދިއަ ގޮތުން އޭނާވެސް އުއްމީދު ނުކުރާ މަންޒަރެއް ފެނުނުހެން ހީވި އެވެ. އެކުއްޖާ ނުކުމެގެން ދިއަތާ ކުޑަ ހިނދު ކޮޅަކަށް ފަހު އެނބުރި އައީ ޑޮކްޓަރ ވެސް ގޮވައިގެންނެވެ. އެމީހުންގެ ފަހަތުން ޔޫހާއާއި ދާއިން ވެސް އައީ ޑޮކްޓަރ ގެ އިޝާރާތަކަށް ހެން ހީވެ އެވެ. އެމީހުން އައުމުން މާހިން ތެދުވެ ދުރަށް ޖެހިލި އެވެ. ޑޮކްޓަރަށް ތަން ދައްކަމުންނެވެ.
ޑޮކްޓަރ އައިސް ލޫނާއާއި ވާހަކަ ދެއްކި އެވެ. އެވާހަކަ ތަކަށް ލޫނާ ބަހެއް ނުބުނި ނަމަވެސް އިޖާބަ ދިނެވެ. ބޮލާ ލޮލުގެ ހަރަކާތުންނެވެ. ޔޫހާ ފެނުމުން ލޫނާ ތުންފަތް ފިއްތާލި ގޮތުން ޔޫހާގެ މޫނު މައްޗަށް ހިނިތުން ވުމެއް ވެރި ވުމާއި އެކު ދެލޮލުން ކަރުނަ އޮހި ގަތެވެ. އުފަލާއި ހިތާމަ އެކުވެގެން ދިއަ ދަނޑި ވަޅެކެވެ. ޔޫހާ ކޮއްކޮގެ ގައިގައި ބައްދާލި އިރު ކޮއްކޮ ދައްކަން ބޭނުން ގިނަ ވާހަކަ ތަކެއް ހުރިކަން އެނގުނެވެ. އެހެން ނަމަވެސް އަދިވެސް ދުލުގެ ހަރަކާތް ތައް ރަނގަޅެއް ނޫނެވެ. މަޑުމަޑުން ހުރިހާ ކަމެއް ހަމަ ޖެހޭނެ ކަމަށް މިފަހަރު ޑޮކްޓަރ ބުނެލީ ވަރަށް ޔަޤީން ކަމާއި އެކުގަ އެވެ.
ނިއްކުރި މަތީގައި އަތް ބާއްވާލައިގެން ނާމީ އޮތެވެ. އެންމެ ދުވަސްވީ އެކުވެރީން އޭނާގެ ގާތަށް އައުމުން ވެސް އޭނާގެ އެކަނިވެރިކަން ފިލައިގެނެއް ނުދިޔަ އެވެ. އެކަނިވެރިކަން ވީ އިތުރެވެ. ދާއިން ފެނުމުން ކުރީގައި އުނދަގޫ ވި ނަމަވެސް މިހާރު ބޮޑަށް އުނދަގޫ ވަނީ މާހިން ފެނުމުންނެވެ. މާހިން އާއި ލޫނާ އާއި ދެމެދުގައި އެވަރުގެ ގާތް ކަމެއް އުފެދިފައި ވާކަމެއް ކުރިއަކުން އޭނާއަކަށް ނޭގެ އެވެ. އެއްވެސް މީހަކު އެފަދަ އެއްޗެއް ބުނެފައިވެސް ނުވެ އެވެ. ޔޫހާވެސް ދެއްކީ ލޫނާ އޭނަ އާއި ގުޅެން ބޭނުން ވާހަކަ އެވެ. ލޫނާވެސް ހީވީ އޭނަ ދެކެ ކެތް ނުވާ ވަރަށް ލޯބިވެގެން އުޅުނު ހެންނެވެ! އެހެން ވިއްޔާ މިއަދު އޭނާއަށް އެ ފެނުނީ ކޮން މަންޒަރެއް ހެއްޔެވެ! ލޯ ހުޅުވައިގެން އޮތްއިރުވެސް މިހާރު ވެސް އޭނާގެ ދެލޮލުގެ ކުރިމަތީގައި ފެންނަނީ އެ މަންޒަރެވެ. ލޫނާގެ ގަޔަށް ނޭވާ އެޅޭހާ ގާތްވެގެން މާހިން އޮތް މަންޒަރެވެ. އެބުނެލި ޖުމުލައިގެ އަޑެވެ. ލޫނާއަށް ވެގެން ދިޔަ ގޮތެވެ.
އޭތި މީތި ހިތަށް އަރައިގެން ދިއަ ވަގުތު ނާމީގެ މޫނު ރަތް ވެގެން ދިއަ އެވެ. އޭނާ އެމީހުންނަށްޓަކައި ނުވަނީ ކޮން ޤުރުބާނީ އެއް ހެއްޔެވެ! އޭގެ ބަދަލުގައި އެމީހުން އެ ކަންކުރީ ކިހާ ނުބައި ކޮން ހެއްޔެވެ! ބޭނުން ވަނީ ހިތުގައި ވާ ހުރިހާ ވާހަކަ ތަކެއް ޔޫހާ އާއި ދިމާއަށް ގޮވާލާ ފައި އަވަހަށް މާލެ ދާށެވެ! އެހެން ނަމަވެސް އެކަން ކުރާކަށް ވެސް އޭނާގެ ހިތް ޤަބޫލެއް ނުވި އެވެ. އަދިވެސް އެދެނީ މާހިން އާއި ލޫނާގެ ގުޅުމެއް ނެތް ކަމަށް ޤަބޫލު ކުރާށެވެ. ފަހަރެއްގައި އެއީ ހަމަ ކުށް ހީއަކަށް ވެސް ވެދާނެ ނޫންހެއްޔެވެ!
ސާދަ ވިލޭރޭގެ ހަނދުވަރުގެ އެހީގައި ހިތްގައިމު ކަން އިތުރު ކުރުވާ ފައި ވާއިރު ހޮޓަލްގެ ޓެރަސްގައި ހުރި ބިއްލޫރި ކޮފީ ހައުސްގެ ޕްރައިވެޓް ރޫމްގައި ޔޫހާއާއި ދާއިން ތިބީ ދުރުން ފެންނަމުން ދިއަ ރީތި މަންޒަރަށް ކަޅި ހުއްޓާ ލައިގެންނެވެ. 15 ވަނަ ފަންގިފިލާގައި ތިބި އިރު ކޮފީ ހައުސްގެ ބިއްލޫރި ތަކުން ރަށުތެރޭގެ ހަލަބޮލިކަން ފެންނަމުން ދިއަ ނަމަވެސް މައުހައުލަށް ވެރިވެފައި ވަނީ ހިމޭން ކަމެވެ. ހިތް ގައިމު މައުހައުލެކެވެ. ރަށުގެ ބޮޑުބައެއް އެމީހުންނަށް ފެންނަމުން ދިއަ ނަމަވެސް މިވަގުތު އެދެލޯބިވެރީން އެތިބީ ދުނިޔޭގެ އެންމެންގެ ލޯމަތީން ނިވާވެފަ އެވެ. ދުރު ބަލަން ތިބި ނަމަވެސް، އެމީހުންގެ ޝައުގުވެރިކަން ވަނީ އެހެން ދިމާއެއްގަ އެވެ. ހިމޭނުން ތިބި ނަމަވެސް ހިތުގެ ހިނގުން ދިއައީ ހިނދު ކޮޅަކަށް ވުރެ ހިނދު ކޮޅެއް އިތުރު ވަމުންނެވެ. އެތައް ދުވަހެއްގެ ދިގު އިންތިޒާރަކަށް ފަހު އެކަހެރިކޮށް ބައްދަލު ވުމުގެ ފުރުސަތު ލިބުމުން ކިތަންމެ ބޭނުން ވި ނަމަވެސް އިސް ނަގަން ނުކެރިފައި ދެމީހުންނަށް ވެސް ތިބެވުނީ އެވެ. ދާއިން އިންތިޒާރު ކުރަމުން ދިއައީ ޔޫހާގެ އިޝާރާތަކަށެވެ. ޔޫހާ އިންތިޒާރު ކުރަމުން ދިއައީ ދާއިން އަށެވެ. ބަހެއް ނުބުނެ ތިބެވޭ ސަބަބު ދެމީހުންނަށް ވެސް އޮޅިފައެއް ނެތެވެ. ގައިގައި ޖެހޭ ހިސާބުގައި ޔޫހާ ބައިންދައިންގެން ހިމޭނުން އިނުމަކީ ދާއިން އަށް މިހާރު ފަސޭހަ ކަމެއް ނޫނެވެ. މަޑުމަޑުން ދާއިން ޔޫހާގެ އަތްތިލައިގައި ހިފަހައްޓާލި އެވެ. އެހިނދު ދެ ހަށިގަނޑުގައި އުފެދިގެން ދިޔަ ކަރަންޓުގެ ވަރުގަދަ އޮއިވަރު ހިއްސުތައް ހަލަބޮލި ކޮށްލައިފި އެވެ.
" ހާދަ ފިންޏޭ!"
ދާއިން ޔޫހާގެ އަތް ތިލައަށް ފިތާލަމުން ޔޫހާ އާއި ދިމާއަށް އެނބުރިލި ވަގުތު ޔޫހާއަށް ވެސް ދާއިން އާއި ދިމާއަށް ބަލައި ލެވުނެވެ. އެވަގުތު ދެމޫނު ބީހިލީ އިއްތިފާޤުންނެވެ. އެހެން ނަމަވެސް އެފުރުސަތުގެ ބޭނުން ހިފުނީ ދަހިވެތި ކަމާއި އެކުގަ އެވެ. ޔޫހާއަށް ހަމަ ނޭވާއެއް ލާނެ ފުރުސަތެއްވެސް ލިބުނީ އިރުގަނޑެއްގެ ފަހުންނެވެ. މުޅީން އާ ތަޖުރިބާ އެކެވެ. ހެދޭ ނެހެދޭ ނޭގުނު އިރުކޮޅަކަށް ފަހު ޔޫހާ ލަދުވެތި ކަމާއި އެކު ދާއިންގެ މޭގައި މޫނު ނިވާކޮށްލި އެވެ.
" ވިލް ޔޫ މެރީ މީ؟"
ދާއިން ޔޫހާގެ މޫނު އޭނާގެ ހޫނު މޭގައި ޖައްސާ ބާރުކޮށްލަމުން ލޯ މަރާލި އެވެ. ބައްޕަ ކިތަންމެ ނުޤަބޫލަސް އޭނާއަކަށް ދެން ޔޫހާއާއި ވަތްކެއް ނުވެވޭނެ އެވެ!
އިރުއެރުމާއި އެކު ނާމީ ނުކުތީ ހޮސްޕިޓަލަށް ދާށެވެ. މިއަދު އެހެން މީހަކު ލޫނާ އާއި ބައްދަލު ކުރުމުގެ ކުރީން އޭނާ ލޫނާއާއި ބައްދަލު ކުރަން ބޭނުމެވެ. މިހާރު ނާމީ ފެނުމުން ލޫނާގެ އިޙުސާސްތައް ހުރި ގޮތެއް ބަލާލަން ނާމީ ބޭނުން ވި އެވެ. އުއްމީދަކީ މާހިންއާއި ދޭތެރޭގައި ކުރެވުނީ ކުށް ހީއަކަށް ވުމެވެ. ނާމީ ފެނުމުން ލޫނާއަށް އަންނަ ބަދަލަކުން އެކަން ސާބިތު ވާނެ އެވެ.
ނާމީ ހޮސްޕިޓަލަށް ދިޔައިރު ނަރުސް ކުދީން ލޫނާއަށް ސައި ދެނީ އެވެ. ހޮޅިއަކުން ކިރު ފޮދެއް އެތެރެ ކޮށްލެވުނީވެސް އެހާ އުނދަގުލުންނެވެ. އަދިވެސް ހަރު އެއްޗެއް ނުދިރެ އެވެ. ދުރުގައި މަޑުކޮށްލައިގެން އިރުކޮޅަކު ހުރުމަށް ފަހު ނަރުސް ކުދީން ދިއުމުން ނާމީ އެތެރެއަށް ވަނެވެ. ލޫނާއަށް ނާމީ ފެނުމުން ބަލަހައްޓައިގެން އޮތެވެ. މާ ބޮޑު ހަރަކާތެއް ނެތް ނަމަވެސް ކުރީ ދުވަސްތަކުގައި މޫނު މަތީން ފެނުނު ހައިރާން ކަމެއް މިއަދަކު ނުފެނެ އެވެ. ހީވަނީ ދަންނަ މީހަކު ފެނުނު ހެންނެވެ. އެހެން ނަމަވެސް ނާމީ އުއްމީދު ކުރީ ލޫނާގެ މޫނުމަތީން އިތުރު ކުލަވަރެއް ދުށުމަށެވެ. ހިތް އެދޭ މީހަކު ފެނުމުން އަންނަ ފަދަ ބަދަލެއް އެމޫނަށް އަންނާށެވެ.
"ހައި!"
ވަރަށް އާދައިގެ ގޮތަކަށް ހިނިތުން ވެލަމުން ނާމީ ލޫނާގެ މަގަތުން އިށީނެވެ. ލޫނާގެ ތުންފަތް މައްޗަށް ކުޑަ ހިނިތުން ވުމެއްގެ އަސަރު ވެރިވިހެން ހީވި އެވެ. ނާމީގެ ހިތްހަމަ ޖެހުނެވެ. ހަމަ ގައިމުވެސް މާހިންއާއި ދިމާއަކަށް ލޫނާ ހިއެއް ނުލަ އެވެ.
" މިހާރު އޯކޭވޭ ދޯ އެބަ! ލޫނާ ހިތްވަރު ގަދަކޮށްގެން އަމިއްލައަށް ރަނގަޅު ވާން ޖެހޭނީ!"
ނާމީ ލޫނާގެ އަތް ތިލައިގައި ހިފަހައްޓާލި އެވެ. މާހިން ވެސް އެހެން ހެދިކަން ހަނދާން ވުމުންނެވެ. ލޫނާ ނާމީއަށް ބަލަން އޮތީ އެވެ. ނާމީ ދައްކާ ވާހަކަ އަޑުއަހާ ހިތުން އޮތްހެން ހީވެ އެވެ.
" މީ ކާކުކަން އިނގޭތަ...؟"
ލޫނާއާއި ދިމާއަށް ކުޑަކޮށް ގުދުވެލަމުން ނާމީ އެހީ ލޯތްބާއި އެކުއެވެ. ލޫނާ ނިއް އަރުވާލުމުން ނާމީ އުފާވި އެވެ.
" ގުޑް! މަޑުމަޑުން ކުރީގެ ހަނދާންތައް ހިތަށް ގެނެސް، ވިސްނަން ޖެހޭނީ. އޭރުން ވަރަށް އަވަހަށް ރަނގަޅުވެދާނެ....!"
ނާމީ އިރުކޮޅެއް ވަންދެން ވާހަކަ ދެއްކުމުން ލޫނާވެސް އެއްޗެއް ބުނަން އުޅުނެވެ. އެހެން ނަމަވެސް ނުބުނެވުނެވެ.
ނާމީ ހިތުގައި ޖެހުނެވެ. އަދި ކުށްވެރި އަކީ އޭނާކަން ވިސްނުނެވެ. އެވަގުތު ލޫނާގެ ގާތުގައި ވާހަކައެއް ބުނެލާހިތުން އޭނާއަށް ކެތް ނުވި އެވެ.
" އައި އޭމް ސޮރީ ލޫނާ! ރޭގަނޑުގެ އެގަޑީގަ އަހަރެން ލޫނާ ދޫކޮށްލާފަ ނުދިޔަ ނަމަ.... ލޫނާ އަކަށް ތިހިނެތް ނުވީސް.....!"
އިސް ޖަހާލައިގެން އިނދެ ނާމީ އެބުނި ޖުމުލައިގެ ސަބަބުން ލޫނާގެ މޫނުގެ ކުލަވަރު ބަދަލު ވެގެން ދިއަކަމެއް ނާމީ އަކަށް ނޭގެ އެވެ.
" ޝަމްސު ގެ އަތުގަ ލޫނާ ޖެހުނީ އަހަންނާ ހެދި. ކުށްވެރިއަކީ އަހަރެން....! އަހަންނަށް މާފް ކުރޭ!"
ނާމީ ސިހިގެން ދިއައީ ނާމީގެ އަތުގެތެރޭގައިވާ ލޫނާގެ އަތް ތިލައަށް ލަތްކެއް ޖެހުމުންނެވެ. އޭރު ލޫނާގެ ހަށިގަނޑަށް އާދަޔާ ހިލާފް ބާރެއް އަރަމުން ދަނީ އެވެ. މުޅި ހަށިގަނޑު ގަދައަށް ތުރުތުރު އަޅަން ފެށިއިރު ދެލޯ ރަތްވެ މީހާ އިދިފުށަށް ދަމާގޮތްވެ، ދެދަތް ޕިލަ ޖެހެގޮތް ވުމުން ނާމީއަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. ދުވެފައި ނަރުސް ކުދީން އައިއިރު ލޫނާއަށް ވަނީ ފިޓް ޖެހިފަ އެވެ. ނާމީ އަށް ބޭރަށް ނުކުމެވުނު ގޮތް ވެސް ނޭގުނެވެ. ބޮލަށް އެނބުރުން އަރާފައި ހުރި ވަރުންނެވެ. ބިރުން ހަލާކު ނުވީ ކިރިޔާ އެވެ! ދާހިއްލާ ފޯވައި ހުރެ އަވަސް އަވަހަށް ގޮނޑީގައި އިށީނެވެ. އޭނާގެ ސަބަބުން އަނެއްކާ ލޫނާއަށް އެވީ ކިހިނެތް ހެއްޔެވެ! އޭނާއަށް ގޯސް ވާހަކައެއް ދެއްކުނީ އެވެ. އެވާހަކަ ނުދައްކަން އެކަކުވެސް ނުބުނެ އެވެ! އަނެއްކާވެސް ކުށެއް ކުރެވުނީ އެވެ.
އިރުކޮޅަކުން ޑޮކްޓަރ ނުކުތް އިރު ނާމީ ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ލޫނާގެ ހާލާ ދޭތެރޭގައި އޭނާ ހުރީ އިންތިހާއަށް ބިރުގެންފަ އެވެ. ޑޮކްޓަރ ބުނީ ލޫނާއަށް ފިޓް ޖެހުން އެއީ ވަރަށް ދެރަކޮށް ވީ ކަމެއް ކަމުގަ އެވެ. އަނެއްކާވެސް އޭނާ އެ ބަލީން ރަނގަޅުވުން އެތައް ތަނެއް ފަހަތަށް ޖެހިގެން ދިއައީ ހެން ހީވާ ކަމުގައި ޑޮކްޓަރ ބުނުމުން ނާމީ ހިތުގައި ޖެހުނެވެ. ކަންބޮޑުވި އެވެ. ނާމީގެ ސަބަބުން ވީ ކަމެއްކަން އެހެން މީހުންނަށް އެނގިއްޖެއްޔާ އަނެއްކާވެސް ނާމީ ކުށްވެރި ވީއެވެ. ލޫނާއަށް ފިޓް ޖެހުނީ ލޫނާގެ ކުރީގެ ހަނދާން ތައް އަންނަމުން ގޮސް އެ ބިރުވެރި ހާދިސާ ހަނދާނަށް އައުމުން ކަމަށް ބުނަމުން ޑޮކްޓަރ އެންމެ ފަހުން ބުނެލި ޖުމުލައިގެ އަޑު އިވުމުން ނާމީ ތުރުތުރު އަޅައިގެން ދިއައެވެ.