ލޫނާ އިސް ޖަހައިގެން ހުރެ އެސްފިޔަތައް ހިއްލާލާ އެޒުވާނާއަށް ބަލާލި ވަގުތު އޭނާއާއި ހަތަރުކަޅި ހަމަވެގެން ދިއައެވެ. ދެ ޖީބަށް އަތްޖަހާލައިގެން ހުރިއިރު އެފެނުނު ފިރިހެންވަންތަކަމާއި ތުންފަތް މައްޗަށް ވެރިކުރުވާފައިވާ ލާނަތް ހިނިތުންވުމާއި އެ ދެލޮލުގެ ތޫނު ވިދުވަރު ބަލި ހިތެއް ޒަހަމް ކޮށްލާހާ ވެއެވެ. ލޫނާ އިސްޖަހާލައިގެން ކުރިއަށް ހިނގާފައި ގޮސް އޭނާއާއި އަރާ ހަމަވިތަނާ އޭނާ އެއްޗެއް ބުނެލި އަޑު އިވުނެވެ.

" ހައި!"
އޭނާގެ އަޑުގައި ވެސް ސަޅި ގޮތެއް ހުއްޓެވެ. ލޫނާ ހުއްޓިލި އެވެ. ނޭގޭ ކަމަށް ހަދައިގެން ދާކަށް ނުކެރުނެވެ. އެއީ ކާކު ކަމެއްވެސް ނޭގެ އެވެ. ކޮންމެ މީހަކަށް ވެސް ވެދާނެ އެވެ. ފެންނަ ފެނުމަށް ހީވަނީ އެއާއިލާގެ މީހެއް ހެންނެވެ. ލޫނާ ބަލާލުމުން އޭނާ ލޫނާއާއި ދިމާއަށް ކުރިއަށް ފިޔަވަޅެއް އެޅި އެވެ.
" ލޫނާ ރައިޓް؟"
އޭނާ ލޫނާއާއި ދިމާއަށް ކުޑަކޮށް އަރިވެލަމުން ހިނިތުން ވެލި އެވެ. ޖަވާބުގައި ލޫނާވެސް ހިނިތުން ވެލި އެވެ.
" ޖިނާނު!"
އޭނާ ސަލާމް ކޮށްލަން އަތް ދިއްކޮށްލި އެވެ. ޖިނާން އެއީ ކާކުކަމެއް ލޫނާއަށް ނޭގުނު ނަމަވެސް އޭނާއަށް ލޫނާ އެނގިއްޖެ އެވެ. ޖިނާން ދިއްކޮށްލި އަތުގައި ލޫނާ ހިފަހައްޓާލި އެވެ. އެވަގުތު ޖިނާންގެ ބާރުގަދަ އަތުގެ ތެރޭގައި ލޫނާގެ މަޑުމަޑު އަތް ޗިސް ކޮށްލަން އުޅުނު ކަހަލަ އެވެ. އަވަސް އަވަހަށް ލޫނާ އަތް ދަމައިގަތެވެ.

" ހާދަ ސޮފްޓޭ...! "
ޖިނާނުގެ އެލާނަތްކަން ލޫނާ އަކަށް ކަމަކު ނުދިއަ އެވެ. އޭނާ އަވަސް އަވަހަށް އެތެރެއަށް ދާން ހިނގައިގަތެވެ. ސިޓިންގް ރޫމްގެ ތެރެއަށް ވަންއިރު އެތަނުގައި ނާމީއާއި ބައްޕަ ތިބީ ބޮޑު ވާހަކަ އެއްގައެވެ. ލޫނާ ގެ ފަހަތުން ޖިނާން ވަންތަން ފެނުމުން ނާމީ ތެދުވެ ޖިނާން ލޫނާއަށް ތައާރަފް ކޮށްދިނެވެ.
" މީ ޖިނާނު އިނގޭ..... މައީ ސްޓެޕް ބްރަދަރ!"
އެއީ ކާކުކަން މިހާރު ލޫނާއަށް އެނގިއްޖެ އެވެ.
" އަހަރުމެން ދިމާވެއްޖެދޯ.... ޑޭޑް.... މީނަ ފެނުނީމަ އަހަރެންވެސް މީހަކާ އިންނަ ހިތްވެއްޖެ...!"
ލޫނާއާއި ދިމާއަށް ހިނިތުންވެލަމުން ޖިނާނު ބުންޏެވެ. ޝައުކަތުވެސް ހިނިއައެވެ.
" ރާއްޖޭ ކުއްޖެއް ކަމުދޭތަ....؟ "
ނާމީ ހިނިގަނޑެއް ޖަހާލި އެވެ. 
" އަނ... ލޫނާ ކަހަލަ ކުއްޖެއް ލިބެންޏާ މާލޭ ކުއްޖެއްވެސް ކަމުދާނެ...!"
ޖިނާނުގެ ސަމާސާގައި ބައިވެރި ވާ ކަމަށް ހެދިއަސް ނާމީއަކަށް އެ ސަމާސަ ކަމަކު ނުދެ އެވެ. ޖިނާނު އަކީ ވަރަށް އާދަޔާއި ޚިލާފް މީހެކެވެ. އެހާމެ ޖެހިލުން ކުޑަ މިޒާޖެކެވެ. އޭނާގެ ހުންނަ ނުރަނގަޅު ސިފަތައް އެންމެ ރަނަގަޅަށް އިނގޭނީ ނާމީއަށެވެ. ޖިނާނުމެންގެ ވާހަކަ އަޑުއަހަން އެތަނުގައި ލޫނާ މަޑެއް ނުކުރެއެވެ. ބައްޕަ ކުރިމަތީގައި ޖިނާނު އެދައްކާ ވާހަކަ އެހެން މީހުންނަށް ކަމު ދިއައަސް ލޫނާ ލަދުގަތެވެ. 

އިރުއެރުމާއި އެކު ޔޫހާ އަވަސް އަވަހަށް ތެދުވެގެން ދިއައީ ބައްޕަގެ ކޮޓަރިއަށެވެ. އެނދުގައި އިށީނދެ ޖުނައިހު އިނީ ކޮންމެވެސް މީހެއްގެ އިންތިޒާރު ގައެވެ. ބައްޕަ ފެނުމުން ޔޫހާގެ ހިތަށް ފިނި ކަމެއް އިޙުސާސް ކުރެވުނެވެ. މިއަދު ބައްޕަ ފެންނަނީ ވަރަށް ތާޒާ ކޮށެވެ. ހީވަނީ ވަރަށް ހަމަ ޖެހިފައި އިންހެން ނެވެ. 
" ހިނގާ ސައިބޯން....!"
ބައްޕަގެ ގައިގައި އަތްޖައްސާލަމުން އެހެން ބުނުމާއި އެކު ބައްޕަ ތެދުވި އެވެ. ޔޫހާ ބައްޕަގެ އަތުގައި ހިފައިގެން ބޭރަށް ނުކުތެވެ. މިއަދު ބައްޕައަށް ހިނގާ އުޅެން ވެސް އެހާ ދަތި ހެނެއް ހިއެއް ނުވެއެވެ. 
ދާއިން ކޮޓަރީން ނުކުތީ ޓްރިމަރަކާއި ސިޓީ އުރައެއް ހިފައިގެންނެވެ. އެ ސިޓީ އުރައިން ދާއިން ނެގީ ބައްޕަގެ ފޮޓޮއެކެވެ. ފޮޓޮއަށް ރަނގަޅަށް ބަލާލުން ޔޫހާ ހަނދާން ވެއްޖެ އެވެ. އެއީ ބަންދު ކޮށްފައިވާ ބައްޕަގެ ކޮޓަރީގެ ލޯ ގަނޑެއްގައި އިން ފޮޓޮއެކެވެ. ދާއިން އޭތި ނެގީ ކޮން އިރަކު ކަމެއްވެސް ޔޫހާއަކަށް ނޭގެއެވެ.

ސައި މޭޒު ކައިރީގައި ބައްޕަ އިށީނުމުން ދާއިން އައިސް ބައްޕަ ކައިރީގައި އިށީނެވެ. ދާއިން އެއުޅެނީ މަންމަ ކައިރިއަށް ބައްޕަ ގެންދަން ވާއިރަށް ތައްޔާރު ކުރާށެވެ.

" މީ ބައްޕަގެ ކުރީގެ ފޮޓޯއެއް!"
ދާއިން އެފޮޓޯ ޖުނައިހަށް ދައްކާލި އެވެ. އެ ފޮޓޯ ފެނުމުން ޖުނައިހު އެ ފޮޓޯއަށް ބަލަން އިނީ ޝައުގުވެރި ކަމާއި އެކުގަ އެވެ. އިރުކޮޅަކު އެހެން އިނުމަށް ފަހު އޭނާ އެފޮޓޯ ގައި ހިފަހައްޓާލި އެވެ. އެއްޗެއް ވިސްނުނު ފަދަ ގޮތަކަށެވެ. ދެން ފޮޓޯއަށް ބަލަން އިރުކޮޅަކު އިނދެފައި އޭނާ އިސްއުފުލާ ޔޫހާއަށް ބަލާލި އެވެ. އެއީ ހަޤީޤަތުގައި ވެސް އޭނާގެ ފޮޓޮއެއްކަން އޭނާއަށް ޔަޤީން ވެއްޖެ ކަހަލަ އެވެ. 
" ތީ ބައްޕަ ކުރީން ހުންނަ ގޮތް....! "
ޖުނައިހު ބަލަން އިން ގޮތުން ޔޫހާގެ ދެލޮލުގެ ތެރެއަށް ކަރުނަ ގިނަވެގެން ދިއަ އެވެ. އޭނާ ބައްޕަގެ މޫނަށް ބަލަން އިނދެ މަޑުމަޑުން ވާހަކަ ފެށިއެވެ. ބައްޕައާއި އެކުގައި އުޅުނު އުފާވެރި ދުވަސް ތަކުގެ ވާހަކަ އެވެ. މަންމައާއި ބައްޕަ އެކުދީން ގެންގުޅެން ކުރި މަސައްކަތް ތަކެވެ. ބައްޕަ ވަކިވެގެން ދިއަ ގޮތުގެ ވާހަކަ އެވެ. އެވާހަކަތައް ލޫނާ އޭނާގެ ބައްޕައަށް ކުރީންވެސް ކިޔައިދިނެވެ. މާލެއައި ދަތުރު މަތީގަ އެވެ. އެހެން ނަމަވެސް އޭރު އެވާހަކަ ތަކުން ނުކުރާ އަސަރު މިފަހަރު ޖުނައިހުއަށް ކޮށްފި އެވެ. އެވާހަކަ ތަކުގައި ހަޤީޤަތެއް ވާހެން އޭނާއަށް ހީވި ނަމަވެސް އެއިން އެއްވެސް ކަމެއް އަދިވެސް އޭނާގެ ހަނދާނަކަށް ނާދެއެވެ. 

ދާއިން އިރުކޮޅަކު އިނުމަށް ފަހު އަނެއްކާވެސް އެހެން ފޮޓޮއެއް ނަގައިފި އެވެ. އެއީ މަންމަގެ ފޮޓޮއެކެވެ. ޔޫހާވެސް އިނީ ޙައިރާން ވެފަ އެވެ.
" މީ ކާކު؟"
ދާއިން އެފޮޓޯ ބައްޕައަށް ދައްކާލި އެވެ. ހައިފާގެ އެފޮޓޯ ފެނުމުން ޖުނައިހު ބަލަހައްޓައިގެން އިނެވެ. އެއްޗެއް ވިސްނިގެނެއް ނޫނެވެ. އެހެން ނަމަވެސް އެއީ އޭނާގެ އަންހެނުން ކަމަށް ބުނާ މީހާކަން އޭނާއަށް އިނގޭތީ އެވެ. އޭނާ އެދުވަސްތައް ހަނދާނަށް ގެންނަން މަސައްކަތް ކުރަމުން ދިއަ އެވެ. އެހެން ނަމަވެސް ހަމަ އެއްވެސް އެއްޗެއް ހަނދާނެއް ނުވި އެވެ. އިރުގަނޑަކު ފޮޓޮއަށް ބަލަން އިނދެފައި ޖުނައިހު ބޯ ހޫރާލި އެވެ. ނޭގުނޭ ބުނާ ފަދަ ގޮތަކަށެވެ. ބައްޕަގެ އެ ހަރަކާތުން ޔޫހާއަށް ހިތްހަމަ ޖެހުމެއް ލިބުނެވެ. އެމީހުން އެދައްކާ ވާހަކަ އެއީ ހަޤީޤަތެއް ކަމެއް ޔަގީން ނުވިއަސް ބައްޕަ އެމީހުންނަށް އިތުބާރު ކުރާކަން އެނގުނެވެ.

ސައި ބުއިމަށް ފަހު ދާއިން ބައްޕަ ގޮވައިގެން ދިއައީ ފާޚާނާއަށެވެ. ބައްޕަގެ ތުބުޅި ބާލާ ދިނީ ދާއިން އެވެ. ފާޚާނާއިން ބައްޕަ ނުކުތް އިރު ހުރީ މުޅީން ބަދަލު ވެފަ އެވެ. މިހާރު އެހެރީ ޔޫހާގެ ކުރީގެ ބައްޕަ އެވެ. ހިސާބަކަށް މޫނުމަތި ދެމިލާފައި ހުރި ނަމަވެސް އެއީ ހަމަ އެ މޫނެވެ. މަންމައަށް ބައްޕަ ފެނިއްޖެއްޔާ އެއްފަހަރުން ޔަޤީންވާނެ އެވެ. ބައްޕަގެ މޫނުގައި ހުރި ލަފުވެސް އެހެރީ ރީތިކޮށް ފެންނާށެވެ. 

ދާއިންމެންގެ ގެއަށް ދާން ލޫނާ ތައްޔާރު ވަމުން ދިއައެވެ. ދައްތީއާއި އެކުގައި ބައްޕަ ގޮވައިގެން މަންމަ ކައިރިއަށް ދާ ގަޑި ގާތް ވަނީ އެވެ. އަދިވެސް ނާމީ ގެއަކަށް ނާދެއެވެ. މިފަހަރު މާލެ އައިސްސުރެ ނާމީ ހާދަހާ ބިޒީއެވެ. ކޮންމެވެސް ކަންތައް ގަނޑެއްގައި އުޅޭކަން އިނގެއެވެ. އާއިލާގެ ވިޔަފާރީގެ ކަމެއްހެން ހީވާތީ ލޫނާ ސުވާލު ނުކޮށް މަޑުކޮށްލައިގެން ހުރީއެވެ. ލޫނާ ލަސްވެގެން ޔޫހާ ގުޅާވަރުން ލޫނާ އެންމެ ފަހުން ނާމީއަށް ގުޅައިފި އެވެ. މިހާރު ނާމީ ފޯނުވެސް އޮތީ ނިވިފަ އެވެ. ހާސްވެފައި ހުއްޓާ ދޮރުގައި މީހަކު ތަޅާލިއަޑު އިވުނެވެ. އަވަސް އަވަހަށް ގޮސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ ޖިނާން އެވެ.

" ވަދެވޭތަ...!"
އެހެން އެހިއިރު އޭނާ ހުރީ އެތެރޭގަ އެވެ. އިތުރު އިޒުނައަކާއި ނުލާ ކުރިއަށް ގޮސް އޭނާ ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ފޮޓޯ ލޯގަނޑުގެ ކައިރިއަށް ހުއްޓުނެވެ. އެއީ ކައިވެނި ކުރިރޭ ނާމީއާއި ލޫނާ ނަގާފައިވާ ފޮޓޯއެކެވެ.

"ފޮޓޯ ވަރަށް ރީތި... އެކަމަކު.... ބިއުޓީ އެހާ ގަޔާވެފަ ހުރިހެނެއް ހިއެއް ނުވޭ...!"
އެހެން ބުނަމުން އޭނާ ލޫނާއާއި ދިމާއަށް އެނބުރުނެވެ. 
" ނާމީ އެހާ ކަމަކު ނުދޭދޯ!"
ހިނިގަނޑަކާއި އެކު އެހެން ބުނި ނަމަވެސް އޭނާގެ ނިޔަތް މާ ރަނގަޅު ނޫންހެން ލޫނާއަށް ހީވި އެވެ. 
" އަހަރެން ރާއްޖެ މިއައީ ޒަމާން ގަނޑަކަށް ފަހު.... ފަހަރިވެސް މިފެނުނީ އަލަށް ....!"
އެހެން ބުނަމުން ޖިނާނު ލޫނާއާ ވަރަށް ކައިރިއަށް ޖެހިލި އެވެ. 
" ހޫނު މަރުހަބާއެއްވެސް ނުކިޔާ...އެހެންވީމަ މިއައީ އޭތި ބަލާ...! "
އެހެން ބުނުމާއި އެކު ޖިނާނު ހެދިނެހެދި އެއް ނޭގުނެވެ. އޭނާ ލޫނާއާއި ކައިރިއަށް ޖެހިލުމާއި އެކު ލޫނާ އޭނާގެ އަތުގެތެރޭގައި ހައްޔަރު ކޮށްލައިފި އެވެ. ލޫނާއަށް ވީނުވީއެއް އެނގުނު އިރު އޭނާގެ ހަށިގަނޑު ވަނީ ގުޑިނުލެވޭވަރަށް ޖިނާނުގެ ހަށިގަނޑާއި ފިތިބާރުވެފަ އެވެ. ގަމީހުގެ މޭމަތީގެ ގޮއްތައް ނައްޓާލާފައި ވާއިރު އެ ވަރުގަދަ ފުޅާ މޭމަތީގެ ހޫނުކަމުން ލޫނާގެ ތުނިތުނި ހަށިގަނޑު ގެ ހިމަ ނާރުތައްވެސް ފިއްސާލައިފި އެވެ. އެބާރުގަދަ ދެއަތުގެ ތެރެއިން ދެމިގަނެވޭތޯ ލޫނާ ތެޅިގަތެވެ. އެހެން ނަމަވެސް ޖިނާނުއަށް އެނގުމެއް ވީހެންވެސް ހީ ނުވެ އެވެ. އޭނާ ލޫނާގެ ގައިގައި އެއަށް ވުރެވެސް ބާރަށް ބައްދާލަމުން ލޯމަރާލި އެވެ. 

" ހުމްމް!"
ޖިނާނު އަޑެއް ބޭރު ކޮށްލިއެވެ.
" ޕްލީސް....!"
ލޫނާއަށް ރޮއިގަނެވުނެވެ. ނާމީގެ ގޭގެ ކޮޓަރީގެ ތެރެއިން އެފަދަ ނުރައްކާތެރި ކަމަކާއި ދިމާވާނެ ކަމެއް އޭނާއަށް އިނގޭނީ ކިހިނެއް ހެއްޔެވެ! ލޫނާ ރޮއިގަތުމުން ޖިނާނު އޭނާ ދޫކޮށްލި އެވެ. ލޫނާ ކޮޓަރީން ބޭރަށް ނުކުންނަން ދުއްވައިގަތެވެ. ޖިނާނު ހުންނަ ތަނެއްގައި އެކަނި ހުންނާކަށް ދެން އޭނާއަކަށް ނުކެރޭނެ އެވެ. ލޫނާގެ ފަހަތުން ޖިނާނުވެސް ނުކުތެވެ. ބެލްކަނީގެ ރޭލިންގް ގައި ހިފަހައްޓައިގެން އަވަސް ނޭވާތަކެއް ލަމުން ދިއައިރު ލޫނާ ހުރީ އިންތިހާއަށް ބިރުގެންފަ އެވެ. ޖީންސްގެ ދެޖީބަށް އަތް ޖަހާލައިގެން އައިސް ލޫނާގެ ފަހަތަށް ޖިނާން ހުއްޓުނު އިރު އޭނާއަށް ކަމެއް ވީހެންވެސް ހީ ނުވެ އެވެ. 
" ހާދަ ބިރެއް!"
އޭނާގެ އަޑުގައި ވަނީ ސަމާސާ ރާގެކެވެ. ލޫނާގެ ފަހަތުން ޖިނާނު ލޫނާއާއި ގާތްވަމުން ދިއަކަން އެނގުނު ވަރަކަށް ލޫނާގެ ހިތުގެ ތެޅުން އަވަސް ވަމުން ދިއައެވެ. އެތަނުން ސަލާމަތް ވާން ދެން ދާނެ ތަނެއްވެސް އޭނާއަކަށް ނޭގުނެވެ. ޖިނާނު ލޫނާގެ ފަހަތަށް ހުއްޓި ރެއިލިންގްގެ ދެފަރާތުގައި ހިފަހައްޓާލީ އޭނާގެ ދެއަތުގެ ތެރޭގައި ލޫނާ ގައިދު ކޮށްލަމުންނެވެ. 

" ބޭބް! ޔޫ ސްމެލް ސޯ ސްވީޓް!"
ލޫނާގެ ކަންފަތް ދޮށަށް ގުދުވެލަމުން އޭނާ ނޭފަތް ދަމާލި އެވެ. ލޫނާ ސަލާމަތް ވުމަށްޓަކައި އެނބުރިގަންނަ މަސައްކަތް ކުރި ކުރުން ވީ ގޯހަކަށެވެ. ލޫނާގެ މޫނުގައި ޖިނާނުގެ ތުންފަތް ބީހިގެން ދިއައެވެ. އެވަގުތު ޖިނާނު ލޫނާގެ ބޮލުގެ ފުއްކިބައިގައި ހިފަހެއްޓި އެވެ. ލޫނާއަށް އިތުރަށް ދުރަށް ނުޖެހެވޭ ފަދަ ގޮތަކަށް ޖިނާނުގެ ނޭވާ އެޅޭހާ ގާތުގައި ލޫނާ ހިފަހައްޓާލި އެވެ.
" ދޫކޮށްލާ...!"
ބިރުން ހުރި ނަމަވެސް ލޫނާގެ ރުޅިގަނޑު އިންތިހާއަށް ހިނގައްޖެ އެވެ. ޖިނާނު އިތުރު ހަރަކާތެއް ކުރުމުގެ ކުރީން ސަލާމަތް ވެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. 
" ބުނާނަން ނާމީ ކައިރީ....!"
ލޫނާއަށް ރޮއިގަނެވުނެވެ. ޖިނާނު ޖަހާލީ ހިނިގަނޑެކެވެ. އޭނާ ޖެހިލުންވާ އެއްވެސް މީހަކު މި ދުނިޔޭގައި ހުރިހެނެއް ހިއެއް ނުވެއެވެ.
" ނޭގޭ އެއްޗެއް ބުނަން....! އަހަރެން ކޮންމެ ގޮތެއް ހެދިއަސް ނާމީ ގެ މައްސަލައެއް ނޯންނާނެ....!"
ނުލަފާ ހިނިތުން ވުމަކާއި އެކު ޖިނާނު އެހެން ބުނެލި އަޑަށް ލޫނާގެ ދެލޯ ބޮޑުވެގެން ދިއައެވެ.
" އަހަރުމެންނަކީ އަބަދުވެސް ޕާރޓްނަރސް ޝެއަރ ކުރާ މީހުން....!"
ލޫނާ ބިރުން ތުރުތުރު އަޅައިގެން ދިއައެވެ. ނާމީ އަކީ އެހާ ގޮތެއް ނެތް މީހެއް ހެއްޔެވެ! ބަހައިގެން އެހެން އަންހެން ކުދީން ބޭނުން ކުރިހެން މިއަދު ނާމީ އޭނާގެ އަންހެނުންވެސް ޖިނާނަށް ދީފާނެ ހެއްޔެވެ! މިއަދު ނާމީ ފޯނު ނިއްވާލައިގެން އެއުޅޭ ސަބަބަކީ އެއީ ހެއްޔެވެ! ލޫނާ ބިރުން ތުރުތުރު އަޅައިގަތެވެ. އޭނާ ޖިނާނުގެ އަތްދޮށުން ސަލާމަތް ވާން ތެޅިފޮޅިގަތެވެ.

" އަހަރެން މިއަދު ލޫނާއަށް ކޮންމެ ކަމެއް ކުރިއަސް އޭނަގެ މައްސަލައެއް ނޯންނާނެ....! "
ޖިނާނު އެހެން ބުނަމުން ތެޅިތެޅި އޮތް ލޫނާގެ އުނަގަނޑުގައި ހިފާ އޭނާއާ ގާތަށް ދަމާލި އެވެ. ހަމަ އެވަގުތު ވީ ނުވީއެއްނޭގި ކޮންމެވެސް މީހެއްގެ ބާރު އެތިފަހަރެއް ޖިނާނުގެ ކަންކަށި މައްޗަށް އަރައިފި އެވެ. ޖެހިލެއް ބާރުކަމުން އެއޮއް ވަރުގަދަ ޖިނާނުވެސް ދިއައީ ވިއްސައިގެންނެވެ. ލޫނާއަށް ވެސް ލިބުނީ ސިހުމެކެވެ. އިސްއުފުލާ ބަލާލިއިރު ދަތްކުނޑިވިކިފައި ޖިނާނަށް ބަލަން މާހިން ހުއްޓެވެ. ގަދަ ރޫޅީގެ ސަބަބުން އޭނާގެ މޫނަށް ވަނީ ލޭ ކުލަ އަރާފަ އެވެ. އެދަނޑިވަޅުގައި އެތަނުން މާހިން ފެނުނީތީ ލޫނާ ޙައިރާން ވިއެވެ.

ޖިނާނު އެނބުރި މާހިންއަށް ބަލާލިއިރު އޭނާވެސް ހުރީ އިންތިހާ އަށް ރުޅިގަދަވެފަ އެވެ. އޭނާއަށް ވީ ތަދަށް ވުރެ ބޮޑަށް ލަދު އިޙުސާސް ކުރެވުނެވެ. ލޫނާގެ ކުރިމަތީގައި އެހިނގި ކަންތަކަކީ އޭނާއަށް ބަލައި ގަނެވޭނެ ކަމެއް ނޫނެވެ.
" ބާސްޓަޑް! ކަލޭ މިގޭގަ ކީއްކުރަނީ....!"
ޖިނާނުގެ އަނގަވެސް އެހާ ހުތުރެވެ.
" މަށަށްވެސް ތިހެން އެހިދާނެ.... ކަލޭ މިތާނގަ ކީއްކުރަނީ!"
މާހިންވެސް ޖިނާނަށް ދޫކުރާކަށް ގަސްދެއް ނުކުރެ އެވެ.
" އޯހ.... ބައި ދަ ވޭ... މީ އަހަރުމެންގެ ގެއޭ....!"
ޖިނާނު މަލާމާތުގެ ހިނިގަނޑެއް ޖަހާލި އެވެ.
" ތީ ކަލެއަށް ހީވާއެއްޗެއް....! ކަލެއަށް އެބަ ހީވޭނުން.... ނާމީގެ ކޮންމެ އެއްޗަކީ ކަލޭގެ އެއްޗެކޭ....! ޔޫ އާ މިސްޓޭކަން ބްރާދަރ.... ލޫނާ ގައިގަ އިނގިލި ކުރި ޖައްސާލިއަސް ތި އިނގިލިތައް ނޮޅާލާނަން!"
މާހިންގެ އެ ވާހަކަ ދެއްކުމާއި އެ ހަރަކާތްތައް އެއީ ލޫނާއަށް މުޅީން އާ މަންޒަރެކެވެ. މާހިންގެ ފިރހެންވަންތަ ކެރޭ ސިފަ އެފަދަ ގޮތަކަށް އޭނާއަށް އެފެނުނީ ހަމަ އަލަށެވެ. 
" އެހެންތަ....! ކަލޭތީ ކާކު މިތަނަށް އައިސް ގަދަ ކުރަން.....!" 
ވާހަކަ ދައްކަމުން ޖިނާނު މާހިންއާއި ގާތަށް އަންނަން ފަށައިފި އެވެ. އޭނާ ހީވަނީ ރުޅިގަދަ ވެގެން ހަލާކު ވެދާނެ ހެންނެވެ.

" ކަލޭ ތީ ކާކު މަގޭ ކުރިމަތީ އޭނަ ހިމާޔަތް ކުރަން....!"
ޖިނާން ހީވަނީ ދެންމެ ދެންމެ މާހިންގެ ގައިގަ ޖަހާފާނެ ހެންނެވެ. ލޫނާ ހުރީ ބިރުން ހަދާނެ ގޮތެއް ނޭގިފަ އެވެ. 
" ކޮންމެ މީހަކަސް ހެވެއްނުން....! ނާމީ އަޅާނުލާ ހުއްޓަސް އަހަރުމެން މަޑަކުން ނުތިބޭނަން....!"
އެހެން ބުނަމުން މާހިން ކުރިއަށް ޖެހިލާ ލޫނާގެ އަތުގައި ހިފި އެވެ. ލޫނާ ދިއައީ ސިއްސައިގެންނެވެ. ޖިނާނުގެ ކުރިމަތީގައި މާހިން އޭނާގެ އަތުގައި ހިފީމައި އުނދަގޫވެސް ވިއެވެ.
" އާދޭ ދާން....!"
އެހެން ބުނެފައި މާހިން ލޫނާ ގޮވައިގެން ހިނގައިގަތެވެ. އެވަގުތު ތަންކޮޅެއް ދުރުން މީހެއްގެ އަތްތިލަ ބަޑީގެ އަޑު އިވުނެވެ. އެންމެނަށް މެ އެދިމާއަށް ބަލައި ލެވުނެވެ. ކޮރިޑޯ ތެރޭގައި ނުބައި ފާޑަކަށް ހިނި އައިސް ފައި ހުރީ މޯނާއެވެ. 

މޯނާ ފެނުމުން ލޫނާގެ ހިތް ބިރުން ތެޅިގަތެވެ. އޭނާ އަވަސް އަވަހަށް މާހިންގެ އަތުގެތެރެއިން އޭނާގެ އަތްތިލަ ދަމައިގަންނަން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް މާހިން ދޫކޮށްލާކަށް ގަސްދެއް ނުކުރެ އެވެ. އޭނާ ލޫނާގެ އަތްތިލައަށް އިތުރަށް ބާރު ކޮށްލި އެވެ.

" ވެލްޑަން ޖިނާނު....! ތި ފަޅާއަރުވާލީ ހަޤީޤަތް....!"
މޯނާ އައިސް މާހިންގެ ކުރިމައްޗަށް ހުއްޓުނެވެ.
" ނަމުގަ ނާމީ.... ކަން ހިނގަނީ އެހެން މީހަކާ އެކީ....!"
މޯނާގެ އަޑު އިވިފައި ލޫނާއަށް ލަދުން އިސް ޖަހާލެވުނެވެ. މާހިން އެވާހަކަ އިތުރަށް އަޑުއަހާކަށް ބޭނުމެއް ނުވި އެވެ. އޭނާ ލޫނާ ގޮވައިގެން ބާރަށް ހިނގައިގަތެވެ. އެވަގުތު ޖިނާނު އައިސް އެދެމީހުންގެ ކުރިމައްޗަށް ހުއްޓުނެވެ. 
" ބަޑީ!"
އެއްމިޔަކަނުން ހިނިތުން ވުމެއްގެ އަސަރު ފާޅު ކުރުވައިގެން ހުރި ޖިނާނުގެ މޫނުމަތީން ފެންނަމުން ދިއައީ އިންތިހާ ނަފްރަތެވެ. 
" ޔޫ އާ ގޮނަ ޕޭ ފޮ ދިސް...!"
އެއަޑު އިވުމުން މާހިންގެ ހިތުގައިވެސް ބިރުވެރިކަން އުފެދުނެވެ. ޖެހިލުން ވިއެވެ. އެހެން ނަމަވެސް އެކަން ހާމަވިޔަ ދޭކަށް އޭނާ ބޭނުމެއް ނުވި އެވެ. މާހިން ލޫނާ ގޮވައިގެން ތިރިއަށް ފޭބި އިރުވެސް އޭނާގެ ހިތުގައި ވަނީ ނުތަނަވަސް ކަމެވެ. ޖިނާން އަކީ ކިހާ ނުރައްކާތެރި މީހެއްކަން އޭނާގެ އާއިލާ އަކަށް އޮޅިފައެއް ނުވެއެވެ. 

ކޮމެންޓް 0