" ކަލޯ....! ކަލޭ އެއް ކުޅި ކުޅެލައިފިއްޔާ، އަހަރެން އިތުރަށް ހަ ކުޅި ކުޅެލަން ދަންނަން!.... އަހަރެންގެ އާއިލާ ބަދުނާމް ކުރަން ތި ޖެހި މަޅީގަ، ކަލޭގެ އާއިލާ ކުދިކުދި ވެގެން ދާތަން ބަލަން އަހަރެން މިހިރީ ފޫގަޅާލައިގެން. ގުޑްލަކް! "
އެހެން ބުނެފައި ބޮލުގައިވާ އައިނު ލޮލުގައި އަޅާލައިގެން ޖައުފަރު އެތެރެއަށް ހިނގައިގަތީ ފަހުރުވެރި ކަމާއި އެކުގަ އެވެ. ތައުފީޤު އެތަނުގައި ތަންހަރު ވެފައި ހުރި އިރު އޭނާއަށް އެކުރެވުނު ކަންތަކާއި ދޭތެރޭގައި ބިރު ހީވެފައި ހުރި ކަހަލަ އެވެ. ޖައުފަރުގެ ކައިރިން ބަދަލު ހިފުމުގެ ތެރޭގައި އޭނާގެ ހުރި ހަމަ އެކަނި ދަރިފުޅުގެ ދިރިއުޅުން ހަލާކު ވެގެން ދާކަށް އޭނާ ނޭދެ އެވެ.
ޒިޔާދާއަށް އެ ޚަބަރު ލިބުނީ ރައްޓެއްސެއްގެ ފަރާތުން ނެވެ. ހަލީމާ ގުޅާފައި އެހީ މާހިން ޑްރަގްސް އާއެކީ އަތުލައިގަނެގެން އުޅޭ ވާހަކަ އެއި ތެދެއް ތޯ އެވެ. ޒިޔާދާއަށް އެވާހަކަ ޤަބޫލު ނުކުރެވުނަސް ކަކުލު ހުޅުން ވާގިދާގޮތް ވިއެވެ. ދާއިންއަށް ގުޅާފައި އަވަހަށް ގެއަށް އަންނަން ބުނިއިރު އޭނާ ހުރީ ދާހިއްލާ ފޯވެފަ އެވެ. އެންމެ އުނދަގޫ ވަގުތު ކޮޅާ ކުރިމަތިލާން ދާއިން އައީ ވަރަށް ތައްޔާރު ވެގެން ނެވެ. ދާއިންގެ މޫނު މަތި ފެނުމުން އިތުރު ޖަވާބަކަށް ޒިޔާދާ ބޭނުމެއް ނުވި އެވެ. ދާއިން އައި ގޮތަށް އައިސް މަންމަގެ ގައިގައި ބާރަށް ހިފަހައްޓާލި އެވެ. މަންމަ އޭނާގެ އަތްމައްޗަށް ތިރިވީ އިތުރު ބަހެއްވެސް ނުބުނެވި އުޅެނިކޮށްނެވެ.
ކުޑައިރުކޮޅެއްގެ ފަހުން ޒިޔާދާ ހޭއެރައިފި އެވެ. އޭނާ ދާއިން ގާތުގައި ސުވާލު ތަކެއް ކުރާކަށް ބޭނުމެއް ނޫނެވެ. ދާއިންގެ ހިތުގައި އުފެދިފައިވާ ބައެއް ސުވާލު ތަކުގެ ޖަވާބު އޭނާއަށް އެނގެ އެވެ.
" ތީ ބައެއްގެ ރޭވުމެއް! މާހިންގެ ބައްޕަ ނޫނީ މިމީގެ ބައްޕަ!"
ޒިޔާދާއަށް އެވަރު އިނގެ އެވެ. މިކަމުގައި ގޮތްނޭގޭ ކަންތައްތަކެއް ވާކަން ދާއިންއަށް ވެސް އެނގެ އެވެ. އެހެން ނަމަވެސް އެއްވެސް ސަބަބަކާއި ހުރެ އެއްވެސް މީހަކު، އެވަރުގެ ބޮޑު ކަމަކަށް ދަރިއަކު ފައްތާލަން ބޭނުން ވެދާނެ ކަމަކަށް ދާއިންގެ ހިތް ޤަބޫލެއް ނުކުރި އެވެ.
މާހިން ކޯޓަށް ދާން އޮތީ ރޭގަނޑު 8.30 އަށެވެ. އޭނާ އަދިވެސް އިނީ ފުލުސް އޮފީހުގަ އެވެ. މިހާރު އޭނާގެ އަތުގައި އަޅުވާފައިވާ ބިޑިވެސް ވަނީ ނައްޓާލާފަ އެވެ. އެތަނުން އޭނާއާއި ދިމާވި އެންމެންވެސް ވަރަށް ރަނގަޅެވެ. އެއްވެސް މީހަކާ ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބުނު ނަމަވެސް ހިތްހެޔޮ ހިނިތުން ވުންތައް އޭނާއަށް ލިބުނެވެ. ފޫހި ވަގުތުތަކެއް އެތަނުގައި ހޭދަ ކުރެވުނު އިރު އެންމެ ހިތްދަތިވީ މިމީއާއި މަންމަގެ މަތީން ހަނދާން ވާ ވަގުތު ތަކުގަ އެވެ. އެންމެ ފަހަރަކު ނަމަވެސް މިމީއާއި ވާހަކަ ދައްކާލެވޭނެ ނަމައޭ ހިތަށް އެރި އެވެ. ބޭބެއަށް ވެސް ކަމެއް ނުކުރެވިގެން އުޅޭހެން އޭނާއަށް ހީވި އެވެ. ޒުހުރީ އަންކަލް ކަންތައް ކުރި ގޮތުން ބައްޕަގެ ވެސް މާ ބޮޑު އަޅާލުމެއް ނެތީކަން އެނގުނެވެ.
އިރުއޮއްސެން އުޅެނިކޮށް އޭނާއާއި ބައްދަލު ކުރަން މީހަކު އައިސް އިން ޚަބަރު ލިބުނެވެ. ބޭބެއަށް ވެދާނެ ކަމަށް ހީކުރެވުނެވެ. އޭނާއާއި ބައްދަލު ކުރަން އައިސް އިނީ ލޯޔަރ ޝިޔާމެވެ. އެއީ ބޭބެ ފޮނުވައިގެން އައީ މީހެކެވެ. އެއްވެސް އެހެން މީހަކާއި ބައްދަލު ކުރުމުގެ ފުރުސަތެއް އަދި މާހިންއަށް ނުލިބޭނެ ކަން އެނގުނީ ލޯޔަރ ޝިޔާމް ބުނެދިނީމަ އެވެ. ކުށްވެރީންނާއި ދޭތެރޭގައި ކަންކުރަން އޮންނަ އުސޫލެއް މާހިންއަކަށް ނޭގެ އެވެ.
ޝިޔާމު ބުނިގޮތުން މާހިން އަތުން އަތުލައިގެން ސާމާނުގައި ހަތަރު ކިލޯ ހުއްޓެވެ. އެއީ ބޮޑު އަދަދެކެވެ. ޝިޔާމަށް ލިބުނު މައުލޫމާތު ތެދުކަމަށް ވާނަމަ އެތަކެތި ހުރީ ކުދި ޕެކެޓްގައި ރީތިކޮށް ބަންދުކޮށްފަ އެވެ. އެހެން ކަމުން އެއީ ވިޔަފާރި ކުރުމުގެ ނިޔަތުގައި ގެންގުޅުނު ސާމާނު ކަމަށް ވެސް ސާބިތު ވެއެވެ. މާހިންއަށް އެކަމުން ސަލާމަތް ވެވޭނެ ގޮތެއް ހޯދުމަކީ އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް ދާއިންގެ އެދުމުގެ މަތީން މާހިންއަށް އެހީތެރިވާން ޝިޔާމް މަސައްކަތް ކުރި އެވެ. ދާއިން ބުނެފައި ވަނީ "އެޓް އެނީ ކޮސްޓް" ކޮއްކޮ ސަލާމަތް ކުރަން ބޭނުން ކަމަށެވެ. ޝިޔާމް މާހިންއާއި ގިނަ ސުވާލު ތަކެއް ކުރި އެވެ. އެ ސުވާލު ތަކުގެ ޖަވާބު ދޭކަށް މާހިން އަކަށް ނޭގުނެވެ. އެއީ ކޮންތާކުން ކާކުދިން ސާމާނެއްތޯ އެހުމުން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ! ގިނަ ސުވާލު ތަކުގެ ޖަވާބު މާހިން އަކަށް ނުދެވުނެވެ. ހިމޭނުން އިނީ އެވެ. އަދިވެސް އުއްމީދަކީ އެ ހުރިހާ ސުވާލެއްގެ ޖަވާބު އިނގޭ މީހުންގެ އެހީތެރިކަން އޭނާއަށް ލިބުމެވެ.
ޝިޔާމް ދާއިންއާއި ބައްދަލުކޮށް އެވާހަކަ ބުނުމުން ދާއިން ޙައިރާން ވިއެވެ. ހިތުގައި ޝައްކު އުފެދުނީ މިމީގެ އާއިލާގެ މައްޗަށެވެ. މިމީއާއި ވަގުތުން ބައްދަލު ކުރުމަށް އޭނާ ދިއަ އެވެ. މާހިންއަށް އެހީތެރި ވާން ލޯޔަރަކު ފޮނުވުމުންވެސް މާހިން ލޯޔަރަށް އެއްބާރުލުން ނުދިން ވާހަކަ އިވުމުން މިމީގެ ބައްޕަ ދެއްކި ވާހަކަ މިމީއަށް ޔަޤީން ވިއެވެ. މާހިންގެ ބައްޕަ ކުށްވެރި ވެދާނެތީ މާހިން އެކަން ފޮރުވަން އުޅެނީ ކަން އެނގުނެވެ. އެހެން ނަމަވެސް މިމީ އެވާހަކަ ދުލު ކުރިއަކަށް ނުގެނެ އެވެ. އަދިވެސް އޭނާ ކެތްތެރި ވެގެން ހުރީ އެވެ.
މާހިން އިން ވެހިކަލް ކޯޓުގެ ދޮރުމައްޗަށް ހުއްޓުމުން މާހިން ފޭބީ އިސް ޖަހައިގެންނެވެ. ރިޕޯޓަރުންގެ ގިނަ އަދަދެއްގެ ބަޔަކު އޭނާގެ ރީތި ފޮޓޮއެއް ހޯދަން މަސައްކަތް ކުރި އެވެ. އެވަރުގެ ލަދުވެތި ކަމަކާއި އޭނާއަށް ދުވަހަކު ވެސް ކުރިމަތިލާން ނުޖެހެ އެވެ. އޭނާގެ ސަބަބުން އޭނާގެ އަންހެނުންނާއި މަންމަ ހާދަ ވަރަކަށް ލަދުގަންނާނެ އެވެ. އިސް ޖަހައިގެން ހުރެ އެތެރެއަށް ވަންނަން ހިނގައި ގަންނަމުން އެއްލި ކަޅިއަކުން މާހިންގެ ލޮލުގައި ޖެހުނު އެއިންސާނާ ފެނުމާއި އެކު އޭނާއަށް ހުއްޓެވުނެވެ. ކޯޓުގެ ދޮރުމަތީ މީހުންގަނޑުގެ ތެރޭގައި ނިކަމެތި ވެފައި ހުރި އޭނާގެ އަންހެނުންގެ ރަތްވެފައިވާ މޫނާއި ދުޅަވެފައިވާ ދެލޮލުން ފެންނަނީ ހަމަ އެކަނި ހިތާމައިގެ އަސަރެއް ނޫނެވެ. ބަލީގެ އަސަރެވެ. މާހިންއާއި ހަތަރު ކަޅި ހަމަވި ވަގުތު މިމީގެ ލޮލުން ކަރުނަ އޮހޮރިގެން ދިއައީ ހިފެހެއްޓުމެއް ނެތި އެވެ. މާހިންގެ ހިތް ކުދިކުދި ވެގެން ދިއަ އެވެ. ދުވެފައި ގޮސް މިމީގެ ގައިގައި ބާރަށް ބައްދާލަން ބޭނުން ވިއެވެ. އެހެން ނަމަވެސް ދެއަތްތިލަ ވެސް މިނިވަން ކަމާއި އެކު ބޭނުން ކުރެވެން ނެތެވެ. މާހިންގެ އަތުގައި ބިޑިއަޅައިގެން އެންމެންގަނޑުގެ ތެރެއިން ބަހުން ބޭލިތަން ބަލަން ހުރި މިމީއަށް ކޮޅަށް ހުރެވުނީ ވަރަށް ހިތްވަރުންނެވެ. މާހިންގެ ދެލޮލުން ފެނިގެން ދިއަ ހިތާމަވެރި އަސަރުތައް މިމީގެ ހިތުން ލޭ އޮހޮރުވާލައިފި އެވެ. އޭނާގެ ގާތުގައި މާހިން އެތައް ވާހަކައެއް ބުނަން ބޭނުން ވެފައި ވާހެން އޭނާއަށް ހީވި އެވެ. އެންމެ ފަހަރަކު ނަމަވެސް ފިރުމާލެވޭނެ ނަމައޭ މިމީގެ ހިތަށް އެރި އެވެ. އެހެން ނަމަވެސް ހަތަރު ކަޅި ހަމަކޮށްލާނެ ފުރުސަތުވެސް ލިބުނީ ހިނދު ކޮޅަކަށެވެ.
މާހިންއަށް ހިނގައި ގަންނަން އަމުރު ކުރެވުނެވެ. ގޮތް ހުސްވެފައިވާ ފަދަ ގޮތަކަށް މާހިން ހިނގައި ގަތުމާއި އެކު މިމީގެ ހަށިގަނޑުން ބާރު ދޫވެގެން ވެއްޓުނީ މިމީއަށް ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ.
މާހިންގެ މައްސަލަ ތަހުޤީޤްކޮށް ނިމެންދެން އަތޮޅުވެއްސަށް ބަދަލު ކުރެވުނު ކަން އެނގުމުން ދާއިން އަނެއްކާވެސް މަސައްކަތް ފެށި އެވެ. ކޮއްކޮ ސަލާމަތް ނުވަނީސް އޭނާ ހަމަ ނޭވާއެއްވެސް ލާން ބޭނުމެއް ނޫނެވެ. ދާއިން ސިޓީ ލީތާ ތިން ދުވަހުގެ ތެރޭގައި މާހިންއާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބުނެވެ.
އުއްމީދަކީ ކޮއްކޮއަށް ލޯޔަރު ކައިރީގައި ނުދެއްކުނު ވާހަކަ ދާއިން ގާތުގައި ދެއްކުމެވެ. މާހިންއަށް ދާއިން ފެނުމުން އިސްޖެހުނެވެ. ބޭބެ ގާތުގައި ދޮގެއް ހަދަން ބޭނުން ނޫނަސް ތެދަށް ބުނާކަށް ބޭނުމެއް ނޫނެވެ.
އެހެން ނޫނަސް އެތަނުގައި މައްސަލައާއި ބެހޭ ވާހަކަ ދެއްކުމަކީ މަނާ ކަމެކެވެ. އެކަން ދާއިން އަށް ވެސް އެނގެ އެވެ.
" ބޭބެއަށް އިނގޭ ކޮއްކޮ އެކަހަލަ ކަމެއް ނުކުރާނެކަން....! ކޮންމެސް މީހެއްގެ ކަމެއް ސިއްރު ކުރަން އުޅެން ހަދައިގެން ކުށެއްނެތް އެތައް ބައެއްގެ ދިރިއުން ހަލާކު ވެދާނެ....! ލޯޔަރ އަށް އެއްބާރުލުންދީ....! ޕްލީސް!"
މާހިންގެ އަތްތިލައިގައި ދާއިން ހިފަހައްޓާލިއިރު އޭނާގެ ހަށިގަނޑުގައި ވާ މަޑުތުރުތުރު ލުން މާހިންއަށް ފާހަޤަ ކުރެވުނެވެ.
" މިމީއާ ދޭތެރޭ ވިސްނާލާ....! އަނގައިން ނުބުނެ އިންދާ އޭނަގެ މުޅި ދިރިއުޅުން ހަލާކު ވެދާނެ....! މަންމައާ ދޭތެރޭ ވިސްނަބަލަ.... އެންޑް....މީ.....! އައި އޭމް ނޮޓް ގެޓިން މެރިޑް އަންޓިލް ޔޫ އާ އައުޓު އޮފް ދިސް....! "
ދާއިންގެ އަޑު އަހަން އިން މާހިން އިސްޖަހާލި ގޮތަށް އިސް ނުނަގާ އިނީ ކީއްވެކަން ދާއިން އަށް ވެސް އިނގެ އެވެ. އޭނާ ކޮއްކޮގެ އިސް އުފުލާކަށް ނޫޅެ އެވެ. ދާއިންގެ ދެލޮލުގެ ތެރެއަށް ގިނަވަމުން އައި ކަރުނަ ތިކިތައް ކޮއްކޮއަށް ފެންނާކަށް އޭނާވެސް ބޭނުމެއް ނުވި އެވެ.
" ތިހިން އަނގައިން ނުބުނެ އިނީމަ އެހެން މީހުން ހީކުރާނީ ކޮއްކޮ ކޮށްގެން އުޅޭ ކަމެކޭ...! ޒުހުރީ އަންކަލްއަށް ވެސް ގޮތެއް ހަދާދެވޭނީ ކޮއްކޮ އަމިއްލައަށް ސަލާމަތް ވާން އުޅޭނަމަ ދޯ!"
ޒުހުރީގެ ނަން އިވުމުން މާހިންއަށް ދެދަތްޕިލަ ބާރު ކޮށްލެވުނެވެ. އެމީހުންގެ ނުބައި ކަން ބޭބެއަށް އިނގޭނަމަ ބޭބެ މަޑުން ނުހުންނާނެ ކަން ކަށަވަރެވެ.
" ބައްޕައަށް ވެސް އެއުޅެނީ ހަމަ ގޮތެއް ނެހެދިގެން.....! ޕްލީސް! ވަގުތު ފާއިތު ނުވަނިސް ޝިޔާމަށް ހުރިހާ ވާހަކައެއް ކިޔާދީ...މާލަސްވީމަ އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކޮށް ދެވޭނެ....!"
ބޭބެގެ އާދޭހުގެ އަޑު އޭނާއަށް އިވެ އެވެ. ބޭބެއަށް ކޮށްފައި ވާ އަސަރުވެސް އޭނާއަށް އިނގެ އެވެ. އެހެން ނަމަވެސް ކުރެވޭނެ ކަމެއް ނެތެވެ.
ދާއިން އެވާހަކަ މިމީއަށް ކިއައި ދިނެވެ. މާހިން ލޯޔަރ އަށް ހަޤީޤަތް ކިއައި ނުދީފިނަމަ މާހިން ސަލާމަތް ވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ދާއިން ބުނީ ހިތްދަތި ހާލުގަ އެވެ. އެކަމާ މިމީއަށް ކުރެވެން އޮތް ކަމެއް ކޮށްދިނުމަށް އެދި މިމީ ގާތުން ދާއިން އާދޭސް ކުރިއިރު މާހިންގެ އެ ހިމޭން ކަމަކީ މިމީއަށް ޓަކައި މާހިން ވާ ޤުރުބާނީ އެއް ހެން ދާއިން އަށް ހީވާ ކަހަލަ އެވެ.
އިރު އޮއްސުނީއްސުރެ ވާރޭ ވެހެން ފެށި ގޮތަށް ހުއްޓާލާކަށް ނޫޅުނެވެ. ގޭގައި އެކަނި މައިކަނި އޮންނަން ޖެހުމުން މިމީގެ ހިތާމަ ދިއައީ ބޮޑު ވަމުން ނެވެ. ދާއިން ދެއްކި ވާހަކައާއި ދޭތެރޭގައި އޭނާ ވިސްނި އެވެ. މާހިންއާއި ބައްދަލު ކުރުމަކުން، އަދި މިމީ އާދޭސް ކުރުމަކުންވެސް މާހިން ގެ އަނގައެއް ނުހުޅުވޭނެ އެވެ. އެއީ މިމީއަށް ޔަޤީން ކަމެކެވެ. މާހިންއާއި ބައްދަލު ކުރާހާ ހިތްވަރެއް އަދި މިމީގެ ހަށިގަނޑަކު ނެތެވެ. އެ ޚަބަރު ލިބުނީއްސުރެ އޭނާގެ ބޮލުގައި ރިއްސަނީ ތެދުވެ ނޫޅެވޭ ވަރަށެވެ. ހޮޑުވެސް ލެވެނީ މާ ގިނައިން ނެވެ.
މޮބައިލް ފޯނު ރިންގްވާން ފެށުމުން މިމީއަށް ތެޅިގަނެވުނެވެ. މާހިންގެ ކޯލަކަށް ވުން އެދި ދުޢާ ކުރަމުން އޭނާ ފޯނު ނެގި އެވެ. އެއީ ނުދަންނަ ނަންބަރެކެވެ. ފޯނު ނެގުމުން އެކޮޅުން މީހެއްގެ ހިލަމެއް ނުވެ އިރުކޮޅެއް ވުމަށް ފަހު އެކޮޅުން އިވިގެން ދިއައީ ގިސްލުމުގެ އަޑެވެ. އެއީ އަންހެނެއްގެ އަޑެވެ. އެއީ ކާކުގެ އަޑެއްކަން އެނގުނީ ވިސްނާލުމުން ނެވެ. އެއީ މަންމަގެ އަޑެވެ. މިމީއަކަށް ވެސް ކެތެއް ނުކުރެވުނެވެ. ބަހެއް ނުބުނެ ދެމީހުން ދެކޮޅުގައި ތިބެ އެތައް އިރަކު ރުއެވެ. އިރުގަނޑަކަށް ފަހު މަންމައަށް ބުނެލެވުނީ އެންމެ ޖުމްލަ އެކެވެ.
" އަހަރެންގެ މާހިން ސަލާމަތް ކޮށްދީ!"
މިމީގެ ހިތުގައި ރިއްސައި ގަތެވެ. ކޮންމެ މީހަކު މިމީގެ ކިބައިން މާހިން ސަލާމަތް ކުރަން އެ އެދެނީ ކީއްވެ ހެއްޔެވެ! އެމީހުންނަށް މިމީއާއި ދޭތެރޭގައި ޝައްކު ވަނީ ބާއެވެ! ނޫނީ މިމީއަށް ކަމެއް ކޮށްދެވިދާނެހެން ހީވަނީ ބާއެވެ! ވިސްނާލުމުން މިމީއަށް ޖަވާބު ލިބުނެވެ. މިމީއަށް ކޮށްދެވޭނެ ކަމެއް އޮވެދާނެ އެވެ. މާހިން އަށް ޓަކައި ކޮންމެ ކަމެއްވެސް އޭނާ ކުރަން ތައްޔާރެވެ! ހިއްވަރު ކޮށްލާފައި މިމީ ތެދުވިއެވެ.
ގަޑިން ހަތަރުގަޑި ބައިވިއިރު އޮފީހުގައި އެއްވެސް މުއްޒަފަކު ނެތެވެ. ޖައުފަރު އޮފީހުގައި އިންކަމެއް އެކަކަށް ވެސް ނޭގެނީހެން ހީވެ އެވެ. ހަވަނަ ފަންގިފިލާގައި ހުރި އޮފީސް ކޮޓަރީގެ ބިއްލޫރި ގަނޑު ކައިރީގައި މަޑުކޮށްލައިގެން ބޭރު ބަލަން ޖައުފަރު ހުރީ ކޮން ޚިޔާލަކަށް ގެއްލި ފައި ކަމެއް ނޭގެ އެވެ. އޭނާގެ މޫނުމަތީގެ އަސަރު ތަކުން ކޮންމެވެސް ބޮޑު ވިސްނުމެއްގައި ހުރިކަން އެނގެ އެވެ.
ދޮރުގައި މީހަކު ޓަކި ޖަހާލިއަޑަށް އޭނާ ސިހުނެވެ.
" ކާކު! ކަމް އިން!"
ދޮރާއި ދިމާއަށް ބަލާލަމުން އޭނާ ބުނެލި އެވެ. ވެހެމުން ދިއަ ބޯ ވާރޭގެ ސަބަބުން ތިބި ތާކުން ގުޑި ނުލެވިފައި އެންމެން ތިބި ވަގުތެއްގައި އެ އޮފީހަށް އެ ޒިޔާރަތް ކުރީ ކޮން މެހެމާނެއްބާ އެވެ!
މަޑުމަޑުން ދޮރު ހުޅުވާލި އަންހެން ކުއްޖާއަކީ ކާކު ކަމެއް ނޭގުނީ އިސް ޖަހައިގެން ހުރުމުން ނެވެ. އެހެން ނަމަވެސް އެވަގުތުވެސް އޭނާގެ ތުނުތުނި ރީތި ހަށިގަނޑަށް ފަރުވާތެރި ކަމާއި އެކު ޖައުފަރަށް ބަލައިލެވުނެވެ. ހިސާބަކަށް ތެމިފައިވާ ފޭރާމާއި ތެމިފައިވާ ފަން އިސްތަށި ތައް ފެނުމުން އެވަގުތުވެސް ހިތުގައި މާޒީގެ ހަނދާނެއް އާވެގެން ދިއަ އެވެ. މިމީ އިސް އުފުލާލި ވަގުތު ހީވީ ހަމަ އެ ސޫރަ ފެނުނު ހެންނެވެ. ނީނާ އަކީ ޖައުފަރު ހަމަ އެކަނި ލޯބިވި އަންހެނާ އެވެ! ނީނާ ޖައުފަރުގެ ލޯތްބަށް ފުރަގަސް ދިނީ އޭނާގެ މައިން ބަފައިން ނުޤަބޫލު ވުމުންނެވެ. ޖައުފަރަކީ މާލޭގަ ގެދޮރު ނެތް ރާއްޖެތެރޭގެ މީހަކަށް ވީތީ އެވެ. ޖައުފަރާއި އެކުގައި ރީތި ދިރިއުޅުމެއް ނޫޅެވޭނެ ކަމަށް އޭނާގެ މައިން ބަފައިން ޤަބޫލު ކުރީތީ އެވެ. އޭރު ހަނޑޫ ތައުފީގަކީ މާލޭގަ ނަން ހިނގާ ވިޔަފާރި ވެރި އެކެވެ. ހަނޑޫ ތައުފީޤާ ނީނާ ގެ ކައިވެނި ކުރެވުނީއްސުރެ ޖައުފަރު ހުރީ އެދިރިއުޅުމަށް ވަންނާނެ ގޮތެއް ވިސްނައިގެންނެވެ. ތައުފީޤްގެ ވިޔަފާރީގެ ތެރެއަށް ވަންނަން އޭނާ ކުރި މަސައްކަތް ކާމިޔާބުކޮށް އެވިޔަފާރި މިލްކް ކޮށްލީ ނީނާގެ މައިން ބަފައިންނަށް ޖައުފަރުގެ ކުޅަދާނަކަން ހާމަކޮށްދޭށެވެ. އެވަރުންވެސް ނީނާގެ ލޯބި އޭނާ އަކަށް މިލްކެއް ނުކުރެވުނެވެ. އެހެން ނަމަވެސް ނީނާގެ ހަށިގަނޑު ޖައުފަރު އަތުލައިގަތެވެ. ރުހުމުގައި ނުލިބޭ އެއްޗެއް ގަދަކަމުން ނަމަވެސް ހޯދުމަކީ އޭނާ ކުރާނެ ކަމެކެވެ.
ޖައުފަރު މިމީގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު އެއީ އޭނާގެ ދަރިފުޅުގެ އަނބިމީހާ ކަމެއްވެސް ހަނދާން ނުވި އެވެ. މިމީގެ މޫނުގެ އެތައް މިތަނުގައި ތަތްވެފައިވާ ފަންއިސްތަށި ކޮޅުތަކާއި އެ ރަންކުލައިގެ މޫނު މައްޗަށް އަރާފައިވާ ކުލަވަރު ފެނުމުން މާޒީގެ ސަފްހާ އެއްގެ މެދުގައި ހުއްޓުން އަރާފައި ޖައުފަރަށް ހުރެވުނެވެ. އެއީ ވެސް ހަމަ އެފަދަ ވިއްސާރަ ދުވަހެކެވެ. ނީނާ ހުރީވެސް ހަމަ އެފަދަ ގޮތަކަށެވެ. އެމޫނު މަތީން ވެސް ފެންނަމުން ދިއައީ ހަމަ އެފަދަ މާޔޫސް ކަމެވެ. ގޮތް ހުސްވެފައިވާ އަސަރެވެ. އެދުވަހުގެ ހަނދާންތައް ވަރުގަދަ އެވެ. އެހާ ހިތް ހަމަ ޖެހުނު ވަގުތެއް ޖައުފަރުގެ ހަޔާތުގައި އަދި މިހާތާކަށް އައިސް ފައެއް ނުވެ އެވެ.