ފުއާދުގެ އައި ޕެޑުން ރިސޯޓުގެ އެންމެ ފަހުގެ ފޮޓޯތައް ބަލަން އިނދެފައި އިސް އުފުލާލި ވަގުތު ބައްޕަގެ ކޮޓަރީން އެނުކުތް ފަތްމިންޏެއް ފަދަ ރީތި އަންހެން ކުއްޖާ ފެނުމުން ދާއިންގެ އަތުން އައި ޕެޑްވެސް ދޫނުވީ ކިރިޔާ އެވެ. ފުރަތަމަ ނަޒަރުންވެސް އެ ޒުވާނާ ދާއިންގެ ހިތް މިލްކު ކޮށްލައިފި އެވެ. އޭނާ ފަރި ހިނގުމެއްގައި ގޮސް ނަޒަރުން ގެއްލެން ދެން އެދިމާއަށް ބަލަން ދާއިންއަށް އިނދެވުނީ އެވެ. ދުވަހަކުވެސް ގުޑުމެއް އަރާފައި ނުވާ ދާއިންގެ ހިތަށް ވެސް މިއަދު ލޮޅުމެއް އަތުވެއްޖެ އެވެ. ވަރަށް ސާދާ އަންހެން ކުއްޖެކެވެ. ކަކުލާ ހިސާބަށް އަރާ، ކޮޓުން ކުރުތާއަކާ ޖީންސް އެއްގައި ހުރިއިރު ފަން އިސްތަށިކޮޅުގައި ވަނީ ހުޅިއެއް ޖަހާލާފަ އެވެ. ނޭފަތުގެ ކަނާއަތް ފަޅިން ރިހި ކުލައިގެ އެހެއް ވިދާލި ތަން ފެނުނު ނަމަވެސް މޫނުމަތީން އެއްވެސް މޭކަޕެއްގެ ނިޝާނެއް ނުފެނެ އެވެ. އާންމުކޮށް މިފެންނަ ޒަމާނީ ކުލަވަރެއް ނެތެވެ. ދެއްކުންތެރި ކަމެއް ނެތް ރީތި ސޫރައެކެވެ. އެ މަދު ސިކުންތު ކޮޅުގެ ތެރޭގައިވެސް ދާއިންއަށް ފިސާރި ރަނގަޅަށް ބަލައިލެވިއްޖެ އެވެ.
އެ ޒުވާނާ ގޮސް އޮބާލުމުން ދާއިން އެނބުރި ފުވާދަށް ބަލާލި ވަގުތު ދާއިންއަށް ނަޒަރު ހުއްޓާލައިގެން އިން ފުއާދު އަވަސް އަވަހަށް އައިޕެޑަށް ބަލާލި ގޮތުން ދާއިން ވަރަށް ލަދުގަތެވެ. އެ ކުއްޖާ ފެނުމުން ދާއިންއަށް ވީ ގޮތް ފުއާދަށް އެނގުނީތީ އުނދަގޫ ވިއެވެ. އަމުދުން އެ ކުއްޖާއަކީ އެބުނާ ބައްޕަ ހޯދައިގެން އުޅޭ ކުއްޖާ ކަމަށް ވެއްޖެއްޔާ އެވީ ވަރަށް ހަޑި ގޮތެކެވެ. ދާއިން ވެސް އިސް ޖަހާލަމުން އައިފެޑް ގައިވާ ފޮޓޯ ތަކަށް ސަމާލުކަން ދޭ ކަމަށް ހަދާލި އެވެ. އެހެން ނަމަވެސް ސިކުނޑީގައި އެނބުރެމުން ދިޔައީ އެހެން އެއްޗެކެވެ. ބޭނުންވީ ފުއާދާ ސުވާލު ކޮށްލާށެވެ. އެއީ ކާކުކަން ފުއާދަށް އިނގޭނެ އެވެ. ބައްޕަގެ އެޕޮއިންޓްމެންޓްތައް ހަމަޖައްސާ މީހަކީ ފުއާދެވެ. އަހާލަން ހިތަށް އަރާފައި ވެސް މަޑު ޖެހިލެވުނެވެ. އެއީ ކޮއްކޮ އެބުނާ އަންހެން ކުއްޖާއަށް ވެދާނެތީ އެވެ.
އަނގައިން ނުބުނެ އިރުކޮޅަކު އިނދެފައި ފުއާދު ތެދުވެގެން އެހެން ދިމާއަކަށް ހިނގައްޖެ އެވެ. ނަސީބެކެވެ. ދާއިން އިނީ ފުއާދު ނުގޮސްގެންނެވެ. ދާއިންއަށް ތެދުވެގެން ގޮސް ބެލްކަނީއިން ބޭރު ބަލާލެވުނެވެ. އަދިވެސް އެ ޒުވާނާ ދުށުމުގެ އުއްމީދުގަ އެވެ. އޭނާ ހިނގާފަ ދިޔަ ކަމަށްވިއަސް މިހާރު އެތަށް ހިސާބު ދުރަކަށް ދާހާ ވަގުތު ވެއްޖެ ކަން އެނގި ހުރެމެއެވެ. އިރުކޮޅެއް ވީތަނާ ބައްޕަގެ ކޮޓަރި ދޮރު ހުޅުވާލި އަޑު އިވިގެން ދާއިން އެނބުރި ބަލާލި އެވެ. މިވަގުތު ބައްދަލު ކުރަން އައިސް ތިބި އެންމެން އެތެރެއަށް ވަދެ ނިމުނީ އެވެ. ދާއިން އަށް ފުރުސަތު ލިބުނީ އެވެ. ކުރިއަށް ހިނގައިގެން ތަނާ ތަޅުން މައްޗަށް ވެއްޓިފައި އޮތް ގަޑެއް ދާއިން އަށް ފެނުނެވެ. ކޮންމެވެސް މީހެއްގެ މުހިއްމު ލިޔުމަކަށް ވެދާނެހެން ހީވެ ދާއިން އެ ގަނޑު ނެގި އެވެ. އެއީ ފަތްޖަހާލާފައި އޮތް ގަނޑެކެވެ. ދެކޮޅު ބަލާލިއިރު ހަވާލު ކޮށްލާނެ މީހަކުވެސް ފެންނާކަށް ނެތެވެ. ބައްޕައަށް މާ ބޮޑަށް ލަސްވެދާނެހެން ހީވާތީ ދާއިން އެގަނޑު އަދި އިތުރަށް ފަތްޖަހާލާފައި ގަމީހުގެ ޖީބަށް ލަމުން ބައްޕަގެ ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ.
އެތެރެއަށް ބޯދިއްކޮށްލި އިރު ބައްޕަ އިނީ ފޯނެއްގަ އެވެ. ކޮންމެވެސް ވިޔަފާރީގެ ޑީލެއްގަ އެވެ. ދާއިން ފެނުމުން ޖައުފަރުގެ މޫނު މަތި އުޖާލާވެގެން ދިޔަ އެވެ. އޭނާ ފޯނުން ވާހަކަ ކުރިއަށް ގެންދަމުން ހިނިތުން ވުމަކާއި އެކު ދާއިންއަށް އެތެރެއަށް ވަންނަން އިޝާރާތް ކުރި އެވެ. ދާއިން އައިސް ބައްޕަ ކައިރިއަށް ހުއްޓި ބައްޕައާ ދިމާއަށް ގުދުވެލި އެވެ. ޖައުފަރު އެއް އަތުން ދާއިން ގާތް ކޮށްލަމުން ހަގެއް ދިނެވެ.
" ވަރަށް ވަރުގަދަވެއްޖެދޯ!"
ދާއިން ގެ މީދާ މަސްގަނޑަށް ބާރަށް ފިތާލަމުން ޖައުފަރު ފޯނު ދުރަށް ޖައްސާލި އެވެ.
" ހާދަ ބިޔަ ވެއްޖޭ! ގްރޭޓް ލުކް!"
ރީތި ފިރިހެން ދަރިފުޅުގެ ޗެސްޓުގައި ދެ ފަހަރަކު ޖަހާލަމުން ފަޚުރުވެރި ކަމާއި އެކު ޖައުފަރު ބުނެލި އެވެ. ދާއިން ހިނިތުން ވެލަމުން ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. ޖައުފަރު ފޯނު ކުރުކޮށްލާފައި ދަރިފުޅަށް ސަމާލު ވެލި އެވެ.
" އެންމެ ފަހުން ފެނުނު އިރު ތިވަރެއް ނުވޭ... ތި ހަދާ ޕޮރުގުރާމް ކޮއްކޮއަށް ބުނެދީބަލަ... ޖިމް ޖެއްސިއަސް ކޮއްކޮއަކަށް މާ ބޮޑު ގޮތެއް ނުވޭ... ގޭގަ ޖިމެއްވެސް ހަދައިގެން އުޅެނީ... ވަދެލިންތަ؟"
" ނޫން، އަދި ގޭތެރެ ރަނގަޅަށް ބަލާވެސް ނުލެވޭ... ގޭގަ ޖިމް ހެދީމަ ގިނަ ފަހަރަށް އޭގެން ފައިދާއެއް ނުކުރޭ... އެހެން މީހުންވެސް ގޮސް އުޅޭ ޖިމްއަކަށް ގޮސް އެހެން މީހުން އުޅޭ ގޮތް ފެނި، ސަޅި ބޮޑީތައް ފެނުނީމަ ބޮޑަށް އިންސްޕައަރ ވަނީ.... "
އެހެން ބުނަމުން ދާއިން އޭނަގެ އަތް ކުރުކޮށްލަމުން ބައިސަޕް ދައްކާލި އެވެ.
" މީ ވަރަށް މަސައްކަތް.... ކެއުމަށް ވެސް ވަރަށް ބަލައިގެން މިއުޅެނީ... ފެޓްސް މަދުކޮށްލާފަ ވަރަށް ޕްރޮޓިން ގިނަކޮށްލައިފިން! ކޮއްކޮ އަކަށް އެހާ ހިތްވަރެއް ނުކުރެވޭނެ...! އަދިވެސް ބޮޑެއް ނުވޭ...!"
އެތައް ދުވަހަކަށް ފަހު ބައްޕައާ އެގޮތަށް ވާހަކަ ދައްކާލާނެ ފުރުސަތު ލިބުމުން ދާއިން އިނީ ވަރަށް އުފަލުންނެވެ. ބައްޕަ މިވަގުތު އިނީ ވަރަށް ރަނގަޅު މޫޑެއްގަ އެވެ. އާންމުކޮށް ބައްޕައާ ރީތިކޮށް ވާހަކަ ދައްކާލަން ލިބެނީ ވަރަށް މަދު ފަހަރެއްގަ އެވެ. ބައްޕައަށް ވަގުތު ނުވާތީއެއް ނޫނެވެ. ބައްޕަގެ މިޒާޖުގައި ހުންނަ ގޮތަކުންނެވެ. ބައްޕަގެ ވިޔަފާރިއަށާ އަމިއްލަ ބައެއް އެހެން ކަންކަމަށް އަންނަ ބަދަލާ އެކު ބައްޕަގެ މޫޑު ގޯސް ވަގުތު ގިނަ އެވެ. ޙަޤީޤަތަށް ބުންނަންޏާ ބުނެވޭނީ ބައްޕައަކީ އެހާ މީހުންނާ ގުޅޭ މީހެއް ނޫނެވެ. ހަރުކަށި ހުދުމުހުތާރު މީހެއް ކަމަށް މީހުން ބުނާ މީހެކެވެ. ދާއިންމެންވެސް ބައްޕައާ އަނގައިން ބުނަން ނުކެރިފައި ހުންނަން ޖެހުނީ މަދެއް ކޮށް ނޫނެވެ. އުމުރުން އެހާ ދުވަސް ވީއިރުވެސް އިސްވެ ބައްޕައާ ވާހަކަ ދައްކާލާކަށް ނުކެރެ އެވެ. ޖައުފަރުވެސް އެ ކުދީންނާ އަބަދުވެސް ހިސާބެއްގެ ދުރުކަމެއް ބާއްވަ އެވެ. އަމުދުން ކޮއްކޮއާ ބައްޕަ ވަރަށް ދުރެވެ. އަބަދުވެސް ކޮއްކޮއާ ބެހޭ ޝަކުވާއެއް ބައްޕަގެ އޮވެ އެވެ. ކޮއްކޮގެ މިޒާޖު ހުންނަ ގޮތުން ކަމަށް ވެސް ވެދާނެ އެވެ.
ކޮއްކޮ އަކީ ދާއިންހާ ހެޔޮވިސްނޭ ކުއްޖެއް ނޫނެވެ. ކަންކަމާ ރުޅި ގަދަ ވާލެއް އަވަހެވެ. އެކަމުގައި ވެސް ދާއިން އަށް ކުށްވެރި ކުރެވެނީ ބައްޕަ އެވެ. ކޮއްކޮއަށް އެހެން ވަނީ ބައްޕަ ކަންތައް ކުރާ ގޮތުންނެވެ. ފެށުނީއްސުރެ ބައްޕަ ދާއިންއަށް މާ ހެޔޮ އެވެ. ދާއިން އަކީ ބައްޕަ ބޭނުން ވެގެން ހޯދި ކުއްޖަކަށް ވިއަސް ކޮއްކޮ އަކީ އެކްސިޑެންޓެކެވެ. އެވާހަކަވެސް ބައްޕަ ރުޅިގަދަ ވެގެން ކޮއްކޮ އާ ދިމާއަށް ވަނީ ބުނެފަ އެވެ. ދައުވަތު ނުދެނިސް ލިބުނު ކުއްޖަކަށް ވެފައި ދެވަނައަށް ވެސް ފިރިހެން ކުއްޖަކު ލިބުމުން ބައްޕަ ކޮއްކޮއަކާ މާ ވަރެއް ނުހުރެ އެވެ. އެހެން ވިއަސް ދާއިންއަށް ވުރެ ބައްޕައާ ވައްތަރީވެސް ކޮއްކޮ އެވެ. މާހިންއަކީ ދާއިންހާ ދޮން ކުއްޖެއް ނޫން ނަމަވެސް ކަޅު ކުއްޖެއް ނޫނެވެ. އާދައިގެ ދިވެހި މުށި ކުލައެކެވެ. އެއީ ބައްޕަގެ ކުލަ އެވެ. އިސްކޮޅަކީވެސް ބައްޕަގެ އިސްކޮޅެވެ. ދާއިންހާ ދިގު ނޫނަސް އާދައިގެ އިސް ކޮޅެކެވެ. ދާއިންއަށް ލިބިފައިވާ މަންމަގެ ސިފަ ގަނޑު ކޮއްކޮގެ ނެތް ކަމުގައި ވިއަސް ކޮއްކޮއަކީ ދިވެހީންގެ ތެރޭގައި ފާހަގަ ކޮއްލެވޭނެ ފަދަ ފިރިހެނެކެވެ. ދާއިން އަށް އެންމެ ރީތީ ކޮއްކޮގެ މޫނު ކޮޅެވެ. ބޯ ބުމައަކާ ކަޅުކުލަ ގަދަ ކަޅި އެކެވެ. ބުނަން ނޭގޭ ކަހަލަ މާތް ސިފައެއް ކޮއްކޮގެ މޫނުމަތީގައި ހުރެ އެވެ. އަންހެން ކުދީން ކޮއްކޮއާ ހެދި މޮޔަވަނީ އެހެންވެ ކަމަށް ވެސް ވެދާނެ އެވެ. އެހެން ނަމަވެސް ކޮއްކޮ އެކަން ޤަބޫލެއް ނުކުރެ އެވެ. ކޮއްކޮ ޤަބޫލު ކުރާ ގޮތުގައި ކޮއްކޮ އަކީ ފެމިލީގެ "ބްލެކް ޝީޕް" އެވެ. އެންމެން ވެސް ލޯބިވަނީ ބޭބެ ދެކެ އެވެ. އެކަމަކު މި ދުނިޔޭންވެސް ދާއިން އެންމެ ލޯބިވަނީ ކޮއްކޮ ދެކެވެ. ކޮއްކޮއަށް ވެސް އެކަން އިނގޭނެ އެވެ.
ދެބަފައިން ވާހަކަ ދައްކަން އިރު ކޮޅަކު ތިބެފައި ޖައުފަރު މީޓިން އަކަށް ދާން ޖެހިގެން ދިއައީ އެވެ. އޮފީހުން ނުކުމެވުނު އިރު ދާއިން ހުރީ ވަރަށް ވަރުބަލި ވެފަ އެވެ. ދަތުރު ވަރުބަލި ކަން އިޙުސާސް ކުރެވެން ފެށި އެވެ. އޭނާ ގެއަށް ދިޔަ ގޮތަށް ދިޔައީ ކޮޓަރި އަށެވެ. ކޮޓަރި ހުރީ ކުޑަ ސްޓަޑީ ރޫމް އަކާއި އެކުގަ އެވެ. ފުރިހަމަ ވެފައި ބޮޑެވެ. ދާއިން އަކީ އަބަދުވެސް ވަރަށް ފޮތް ކިޔުމަށް ލޯބި ކުރާ ކުއްޖެކެވެ. މިއީ އޭނާގެ ޔުނިވޭސިޓީގެ ޗުއްޓީ ދުވަސް ވަރު ނަމަވެސް މާލޭގައި ހުންނަ ދުވަސް ކޮޅުވެސް އޭނާ މުޠާލިއާ ކުރަން ޖެހެ އެވެ. މާސްޓރސްގެ ފަހު އަހަރު ވީމައި ވަރަށް މަސައްކަތް ކުރަން ޖެހެ އެވެ. ލޯ އަކީ އޭނާ ބޭނުން ވެގެން ކިޔަވާ އެއްޗެއް ނޫނެވެ. ބައްޕަ ބޭނުން ވެގެން ކިޔަވާ އެއްޗަކަށް ވާތީ ބައްޕަ ބޭނުން ވާފަދަ ނަތީޖާ އެއްވެސް ހޯދަން މަޖުބޫރެވެ.
ރެސްޓް ކޮށްލަން ޖައްސާލުމުގެ ކުރީން ދާއިން ބޭނުން ވީ ފެންވަރާލާށެވެ. އޭނާގެ ކޮޓަރި އަކީ ކޮއްކޮގެ ކޮޓަރިއާ އެކުވެފައި ހުރި އިންޓަރ ކަނެކްޓިންގް ރޫމެކެވެ. އެއް ކުއްޖެއްގެ ކޮޓަރީން އަނެއް ކުއްޖެއްގެ ކޮޓަރިއަށް ވަދެވޭ ގޮތަށް ދެކޮޓަރި ގުޅިފައި ވަނީ ކުޑަ ސިޓިންގް ރޫމް އަކުންނެވެ. ކުރީގެ ގޭގައި އުޅުނު އިރުވެސް ދެކުދީންގެ ކޮޓަރި ހުންނަނީ އެއްކޮޓަރީން އަނެއް ކޮޓަރިއަށް ވަދެވޭ ގޮތަށެވެ. މިހާރު ތަފާތަކީ ކޮޓަރި ބޮޑުވެފައި އެންމެ ޒަމާނީ ކުލަގަނޑު އައިސް ފައި ވާކަމެވެ.
ދާއިން ތުވާލި އޮޅާލައިގެން ފާޚާނާއަށް ވަނެވެ. ބިލިގާ ގައި ގިނަ ވަގުތު ބޭކާރު ކުރާ ހިތެއް ނެތެވެ. ކުޑަކޮށް ގައި ދޮވެލައިގެން ނުކުތް އިރު ކުރީން ލައިގެން އުޅުނު ގަމީހާ ޖީންސްގެ ބަދަލުގައި އެނދުމަތީގައި އޮތީ އާންމުކޮށް ގޭގައި އުޅޭ އިރު ލާން ގެންގުޅޭ ކަހަލަ ޑެނިމް ސޯޓަކާ ޓީޝަރޓެކެވެ.
އެއީ މަންމަގެ ކަންތަކެވެ. އާއެއްޗެއް ހޯދާލީ އެވެ. ޓީޝަރޓާ ސޯޓްވެސް ދާއިންއަށް ހަމަ ހެޔޮވަރެވެ. ހަށިގަނޑަށް ބޮޑު ބަދަލެއް އައިސްފައި ވާއިރުވެސް ހަމަ ބަރާބަރެވެ. މަންމަ ވަރަށް މޮޅެވެ. ބޮލުގެ ފަން އިސްތަށި ކޮޅުގައި ބުރުސް ކާއްތާލުމަށް ފަހު ދާއިން ބޭރަށް ދާން ހިނގައި ގަތެވެ. އޮށޯވެލަން ބޭނުން ވީ މަންމަ އަށް ފެނިލާފަ އެވެ. ކޮޓަރީގެ ދޮރު ހުޅުވާލިތަނާ މާހިންގެ ގައިގައި ލައި ނުގަތީ ކިރިޔާ އެވެ. ކޮއްކޮ އައީ އެހާ ބާރަށެވެ. ހުރީ ހެވި ދިލިފަ އެވެ. ބޭބެގެ އަތް ދަށުން ދެމިގަނެގެން ކޮޓަރި ތެރެއަށް ވަދެ ގޮސް ސޯފާގެ މައްޗަށް މާހިން ޖެހިގަތެވެ. ބައެއް ފަހަރު ކޮއްކޮ އުޅޭ ގޮތުން ތޭވިސް އަހަރުގެ ފިރިހެނެކޭ ވެސް ނުބުނެވޭނެ އެވެ. އެއީ މަންމަ މާ ކައިރިއަށް ލައިގެން ގެންގުޅޭތީ ވެފައިވާ ގޮތެކެވެ. ބޭރަށް ނުކުތުމުގެ ޚިޔާލު ފަސް ކޮށްލާފައި ދާއިންވެސް ސޯފާގެ ކުރިމަތީގައި އޮތް ބީން ބޭގްއަށް ވެއްޓިގަތެވެ. ކޮއްކޮ ކޮންމެވެސް ވާހަކައެއް ދައްކާލަން އުޅޭހެން ހީވެ އެވެ.
" ބޭބެގެ ޑްރީމް ގަރލް ފެނިއްޖެ! މަންމަ ފަޅާ އަރުވާލައިފި!"
މާހިން ހިނި އައިސްފައި ބުންޏެވެ. ދާއިން އަކަށް ނުވިސްނުނެވެ. އެ ދައްކަނީ ކޮން ކުއްޖެއްގެ ވާހަކަ ހެއްޔެވެ؟ އިއްޔެއާ ޖެހެންދެން ދުވަހަކުވެސް އޭނާ އަކަށް އެފަދަ ކުއްޖަކު ނުފެނެ އެވެ.
" އެހެންތަ؟ ކޮބާ؟"
ދާއިން ވެސް އެ ސަމާސައިގައި ބައިވެރި ވެލަން އުޅުނެވެ.
" މިއޮތީ! "
އެހެން ބުނަމުން މާހިން އޭނާގެ ޖީބުން ފަތް ޖަހާލާފައި އޮތް ގަނޑެއް ނެގި އެވެ. އަދިވެސް ދާއިން އަކަށް ނުވިސްނެ އެވެ. މާހިން އެގަނޑު ރީތިކޮށް ހުޅުވާލުމަށް ފަހު ދާއިންއަށް ދައްކާލި އެވެ. އެއީ ކޮންމެވެސް އަންހެނެއްގެ އައިޑީ ކާޑު ގެ ކުލަ ކޮޕީ އެކެވެ. އެއީ ކާކުގެ އެއްޗެއްކަން އެނގުނީ ރަނގަޅަށް ބަލާލުމުންނެވެ. ދާއިންގެ މޫނުމަތި ރަތް ވެގެން ދިއަ އެވެ. ކޮއްކޮ އަށް އެބުނެވުނީ ރަނގަޅަށެވެ. އެ ޒުވާނާ ވާނީ ދާއިންގެ އުމުރު ދުވަހުގެވެސް ޑްރީމް ގަރލް އަށެވެ. އެއީ މިއަދު ބައްޕަގެ އޮފީހުން ފެނުނު އަންހެން ކުއްޖާގެ އައިޑީ ކާޑު ކޮޕީ އެކެވެ. ޙައިރާން ވާން ޖެހުނު ކަމަކީ ކޮއްކޮއަށް އެކުއްޖާ ނޭގުނީތީ އެވެ. ބައްޕަގެ "އެ" އަންހެން ކުއްޖާނަމަ ކޮއްކޮއަށް އެނގެން ވާނެ އެވެ.
" ތީ ކާކު؟ "
ދާއިން ކޮއްކޮއާ ސުވާލު ކުރި އެވެ.
" މަށަށްތަ އިނގެނީ...! މީ ކާކުތަ؟"
ދެ ކޮނޑު އަރުވާލަމުން މާހިން ދިމާކުރާ ފާޑަށް އަހާލި އެވެ.
" ކޮއްކޮ އަކަށް ނޭގޭތަ!"
ކުޑަކޮށް ޝައްކުވެފައި ދާއިން އަހާލި އެވެ.
" އަނ! ވައި ވުޑް އައި ނޯ؟"
މާހިންގެ މޫނު މަތީން ފެނުނު ޙައިރާން ކަން ދާއިންގެ ހިތުގެ ވިންދު އަވަސް ކޮށްލައިފި އެވެ.
" ޔަގީން؟"
ދާއިންގެ އުއްމީދު ބޮޑުވެގެން ދިއަ އެވެ.
" އަނ ނޭގެ...! "
މާހިން ޔަޤީން ކޮށްލުމުގެ ގޮތުން އެ ގަނޑުގައިވާ ފޮޓޮއަށް އަނެއްކާވެސް ބަލާލި އެވެ.
" މި ބިއުޓީ މަ ދުވަހަކުވެސް ނުދެކެން!"
ކޮއްކޮ އެހެން ބުނި އަޑު އިވިފައި ދާއިންގެ މޫނުމަތީން އިންތިހާ ދަރަޖައިގެ އުފާވެރިކަން ފާޅުވެގެން ދިޔަ އެވެ.
" ހުވާ؟ "
ދާއިން ފުންމައިގެން ގޮސް ކޮއްކޮގެ އަތުން އެގަނޑު ޖަހައިގަތެވެ. އޭނާ ހުރީ އުފަލުން ގޮސް ހެދޭނެހެދޭ ނޭގޭ ވަރު ވެފަ އެވެ. ދާއިން އަވަސް އަވަހަށް ދެކޮޅަށް ހިނގާލުމަށް ފަހު ކޮއްކޮގެ ޖީބުން ސޯފާ މައްޗަށް ވެއްޓިފައި އޮތް ތަޅުދަނޑިފަތި ނަގައިގެން ކޮޓަރީން ނުކުމެގެން ބާރަށް ދުއްވައިގަތެވެ. މާހިން އިނީ ކުޑަ ޝޮކެއްގަ އެވެ. ބޭބެއަށް އެވީ ގޮތެއް އެއްގޮތަކަށް ވެސް ނޭގުނެވެ. ބެލްކަނީ އަށް ނުކުމެ ގޯތިތެރެ ބަލާލިއިރު ފެނުނީ ބޭބޭ ކާރަށް އަރާ ދުއްވާލި ތަނެވެ. އޮސްޓްރޭލިއާގެ މަގު ތަކުގައި ދުއްވާތާ ދުވަސް ގަނޑަކަށް ފަހު މާލެ އައިސް މާލޭގެ ކާރުބާރު ބޮޑު، ހަނި މަގުތަކުގައި ކާރު ދުއްވާކަށް ނުކެރޭނެ ކަމަށް ބޭބެ އެންމެ ފަހުން ބުނީ ތިން ދުވަސް ކުރީންނެވެ.
ދާއިން އެދިޔަ ގޮތަށް ދިޔައީ އޮފީހަށެވެ. ދިޔަ މަގުމަތީގައި ވެސް ފުއާދަށް ގުޅާލައިގެން އަހާލަން ހިތަށް އެރި އެވެ. އެހެން ނަމަވެސް ހިތް ބުނަމުން ދިއައީ ފުއާދާ ބައްދަލު ކޮށްލާށެވެ. އެކުއްޖާއާ ބެހޭ ތަންކޮޅެއް ގިނަ މައުލޫމާތު އޭރުން ލިބިދާނެ ކަމަށެވެ.
ދާއިން އޮފީހާ ކައިރި ކޮށްލިއިރު ފުއާދު ގެއަށް ދާން ނުކުންނަނީ އެވެ. އެގަޑީގައި ދާއިން ކޮފީއަކަށް ދައުވަތު ދިނުމުން ޙައިރާންވި ނަމަވެސް ދެކޮޅު ހަދާކަށް ފުއާދަކަށް ނުކެރުނެވެ.
ރެސްޓޯރެންޓްގައި ރަނގަޅަށް ހަމަ ޖެހިލުމަށް ފަހު ދާއިން އޭނާގެ އަތުގައި އޮތް އައިޑީ ކާޑު ކޮޕީ ފުއާދަށް ދައްކާލި އެވެ.
" މީ ކާކު؟ "
ހިސާބަކަށް ޖެހިލުން ވެފައި ދާއިން އަހާލިއެވެ.
" ތީ މިއަދު އޮފީހުން ފެނުނު މަންޖެ އެއްނުން؟ "
ފުއާދު ހިނި އައި ވަރުން ދާއިން ރަކިވި އެވެ.
" ޔަ...! މީ ކޮންކުއްޖެއް؟ ކީއްކުރަން ބައްޕައާ ބައްދަލު ކުރީ؟"
ދާއިން ސީރިއަސް ގޮތް ދައްކާލި އެވެ.
" އާންމުކޮށް މީހުން ބައްދަލު ކުރަނީ ކޮންމެސް އެއްޗެއް ބޭނުން ވެގެން.... ކޮން ކުއްޖެއް ކަމެއް ނޭގެ... ބަލާލެވިދާނެ"
އެހެން ބުނަމުން ފުއާދު އޭނާގެ އައިޕެޑް ނެގި އެވެ.
" އެޕޮއިންޓްމެންޓް ދޭން ގުޅި ނަންބަރު އިންނަން ވާނެ ދޯ!"
އެ ކުއްޖާޔާ ބެހޭ މައުލޫމާތު ފުއާދު ހޯދަމުން ދިއައިރު ދާއިންގެ ހިތް ބާރަށް ތެޅެމުން ދިޔަ އެވެ. އެއީ ދާއިންއަށް ކުރީން ދުވަހަކުވެސް ވީ ގޮތްގޮތެއް ނޫނެވެ.
" އޭނައަށް ކިޔަނީ... ޔޫހާ! ގުޅޭނަންބަރަކީ 8411134"
ދާއިން ގެ ހިތުގައި އެނަމާ ނަންބަރު ބިންވަޅު ނެގިގެން ދިއަ އެވެ. ފުއާދު ބުނި ގޮތުގައި އެ އަންހެން ކުއްޖާއާ ބެހޭ އިތުރު މައުލޫމާތެއް ފުއާދަކަށް ނޭގެ އެވެ. އަދި އޭނާ ބައްޕައާ ބައްދަލު ކުރީ ކީއްކުރަން ކަމެއްވެސް ފުއާދަކަށް ނޭގެ އެވެ. އެހެން ވިއަސް ދާއިންއަށް ވަރިހަމަ އެވެ. މިވަރު އޭނާއަށް ފުދެ އެވެ. އެންމެ އުފާވި ކަމަކީ ކޮއްކޮ އެބުނާ ބައްޕަގެ "މަންޖެ" އަށް އޭނާ ނުވީތީ އެވެ. ބައްޕަގެ އެ ކުއްޖާއާ ބެހޭ ގޮތުން އޮޅުން ފިލުވާލަން ދާއިން ބޭނުންވި ނަމަވެސް ފުއާދު ގާތުގައި އެކަމާ ބެހޭ ގޮތުން ވާހަކައެއް އެހުމަކީ ހަޑި ކަމެއް ކަމަށް ޤަބޫލު ކުރެވުނެވެ.
އިރުއޮއްސުނު އިރު ގެއަށް އައި ގޮތަށް އެނދަށް އަރާ ނިދާކަމަށް ހަދައިގެން ދާއިން އޮތީ ކޮއްކޮގެ ސުވާލު ތަކުން ސަލާމަތް ވާން ވެގެނެވެ. އަދި ކޮއްކޮއަށް ދޭނެ ޖަވާބެއް ނެތެވެ. އިރު އަރަންދެން ދާއިން ވިސްނީ ޔޫހާއާ ގުޅާފައި ދައްކާނެ ވާހަކައަކާއި ދޭތެރޭގަ އެވެ. އޭނާއާ ބައްދަލު ކުރާނެ ގޮތަކާއި ދޭތެރޭގަ އެވެ.
އިރުއަރަން ވިހި ވަރަކަށް މިނެޓަށް ވެފައި ހުއްޓާ ދާއިންގެ ކޮޓަރީ ދޮރުގައި މަންމަ ހިފާލީ ދާއިން ފަތިސް ނަމާދަށް ހޭލައްވާށެވެ. އޭރު ދާއިން އުޅެނީ ހޭލަ އެވެ. މަންމަ ހަނދާން ނުކޮށްދިނަސް އޭނާ މިހާރު ވަނީ ބަރާބަރަށް ނަމާދަށް އަރަން އާދަވެފަ އެވެ. މަންމަ ބުނި ގޮތުގައި އަދިވެސް ހަމަ ކޮންމެ ދުވަހަކު ކޮއްކޮއަށް ފަތިސް ނަމާދަށް ގޮވަން ޖެހެ އެވެ. ތިން ހަތަރު ފަހަރު ގޮވީމައި ތެދުވެ އަވަސްއަވަހަށް ފަތިސް ނަމާދު ކޮށްލައިގެން އަނެއްކާ އޮށޯވެ ނިދަނީ އެވެ. ބަރާބަރަށް ނަމާދު ކުރިއަސް އަދިވެސް ކޮއްކޮގެ ފަރުވާ ކުޑަކަން މަންމަ ފާހަގަ ކުރި އެވެ. ފަތިސް ނަމާދުން ފައިބައިގެން ދާއިން ދިޔައީ މަންމައާ އެކުގައި ގޭތެރޭގައި ހިނގާލާށެވެ. ގޭގެ ކުރިމަތީގައި ވާ ހުސްބަޔާ ޖެހިގެން އަށް ބުރީގެ އުސް އިމާރާތް ހަދާފައި ހުރިއިރު ގޭގެ ފުރަގަހުގައިވެސް އޯޕަން ހިސާބު ގަނޑެއް ވެއެވެ. އޭނާއަށް ކުރީން ފެނުނު ގޯއްޗަށް ވުރެ އެގެ މާ ބޮޑެވެ. މާ ތަނަވަހެވެ. މަންމަ ބުނި ގޮތުގައި އެއީ ކުރީން މަރީނާ މެންގެ ގެއެވެ. ބައްޕަވަނީ މަރީނާ މެންގެ އެބިންވެސް ގަނެފަ އެވެ. ހުޅަގު ފަރާތުގައި ވާ ބޮޑު އޯޕަން އޭރިއާ އަކީ ބޭރުގައި ހުރި އުނދޯލި ގެއާ ހިލާފަށް ހަމަ އެކަނި އާއިލާއަށް ހާއްސަ ޕްރައިވެޓް ހިސާބެކެވެ. އެކި ކުލަކުލައިގެ މާ ގަސް ތަކުން ޖަރީ ވެފައިވާ ތަނަވަސް ބަގީޗާ ސަރަހައްދުގެ އެއް ފަރާތް ވަނީ ބާބަކިއު އަށް ހާއްސަ ކުރެވިފަ އެވެ. އައުޓްޑޯ ޓީކް ގޮނޑި ތަކުން ސަންޑެކް ފަޅުފިލުވާ ލާފައި ވާއިރު ސަންޑެކްގެ އަރިމަތީގައި އަށް ފޫޓު އަށް ފޫޓުގެ ޖަކޫޒީއެއް ހުއްޓެވެ. ތަންކޮޅެއް ދުރުގައި ހިޔާ ކޮށްފައިވާ ހިސާބުގައި ބިލިއަޑް މޭޒެއްވެސް ހުއްޓެވެ. ބައްޕަ ގެ ރިސޯޓެއްގެ ވިލާއަކަށް ވުރެވެސް "ރޯޒް" ފުރިހަމަ ހެން ހީވެ އެވެ.
އެފަދަ އަމިއްލަ ގެއަކަށް އުއްމީދު ނުކުރާނެ ހަމަ އެކަކުވެސް ނުހުންނާނެ އެވެ. އެހެން ނަމަވެސް ދާއިން ޤަބޫލު ކުރި ގޮތުގައި އެއީ ހަމަ "ވޭސްޓް" އެވެ. ބޭކާރު ޚަރަދެވެ. އެންމެ ދެމީހުން އުޅޭ ގެއަކަށް އެވަރު އަރުވާނުލިއަސް ވެދާނެ އެވެ. ކޮއްކޮ އަކީވެސް އެފަދަ މުއްސަނދި ކަމަކަށް ލޯބި ކުރާ ކުއްޖަކަށް ނުވާއިރު އެއިން އެއްވެސް ތަނެއްގެ ބޭނުމެއް ކުރާނެ މީހަކު އެގެއަކު ނެތެވެ. ބައްޕައަށް ވެސް އެކަން އިނގޭނެ އެވެ. އެހެން ނަމަވެސް ބައްޕަގެ އުއްމީދު ދާއިންއަށް އިނގެ އެވެ. ބައްޕަ އަކީ އަބަދުވެސް ރީތިކަމާ މުއްސަނދި ކަމަށް ލޯބި ކުރާ މީހެކެވެ. އެންމެ އަގު ބޮޑު އެއްޗެއްސަށް ބޭނުންވާ މީހެކެވެ. ބައްޕަ ބޭނުން ވަނީ ދާއިންއާ މާހިންވެސް މުއްސަނދި އާއިލާއެއްގެ ދެއަންހެން ކުދީން ހޯދައިގެން ދަރީން ލިބިގެން އެގޭގައި އުޅޭށެވެ. ބައްޕަ ތައްޔާރު ވަމުން އެދަނީ އެދުވަހަކަށެވެ. އެއީ ދާއިންއާ މާހިންވެސް ބިރުގަންނަން ޖެހޭ ކަމެކެވެ.
ހެނދުނު ގެ ނާސްތާ އަށް ފަހު ދާއިން ނުކުތީ ބޭރަށެވެ. އޭނާގެ "މިޝަން" އާއިގެން ކުރިއަށް ދާންވީ އެވެ. ޔޫހާއަށް ގުޅަން ހިތަށް އެރުމާއި އެކުވެސް ދާއިންގެ ހިތަށް ފިނި ކަމެއް އިޙުސާސް ވެގެން ދިއަ އެވެ. ފޯނުގެ ސްކްރީންއިން ފަހަރަކު ނަންބަރެއްގައި އިގިލި ޖައްސާލިއިރު އޭނާގެ އިގިލި ތަކުގައި ވެސް ވަނީ މަޑު ތުރުތުރު ލުމެކެވެ.
ދެފަހަރަކު ރިންގް ވާއިރަށް އެކޮޅުން ފޯނު ނަގައިފި އެވެ.
" ހަލޯ!"
އޮމާން ރީތި އަޑެކެވެ. އެހެނަސް އެއަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ.