ޔޫހާ އިނީ ދާއިންގެ ހަރަކާތް ތަކަށް ބަލާށެވެ. އިއްޔޭއްސުރެ ދާއިން އެއުޅޭ ގޮތުން ސުވާލެއް ކޮށްލަން އެތައް ފަހަރަކު ބޭނުން ވިއެވެ. އެހެން ނަމަވެސް ދާއިން އަމިއްލައަށް އެވާހަކަ ބުނާނެ ވަގުތަކަށް ޔޫހާ އިންތިޒާރު ކޮށްކޮށް އިނެވެ. ދާއިން ދެކޮޅަށް ހިނގާލުމަށް ފަހު މާހިންއަށް ގުޅާލި އެވެ.
" މާދަމާ ރޭ އަހަރެން ދުބާއީއަށް ދާން ބޭނުން ވަނީ ކޮއްކޮ ގޮވައިގެން!"
ބޭބެ އެގޮތް ބޭނުންވި ސަބަބެއް މާހިންއަކަށް ނޭގުނެވެ.
" އޯކޭ...!"
މާހިން އެއްބަސްވިއެވެ.
ފޯނު ބޭއްވާފައި އެނބުރިލިއިރު ޔޫހާ ބަލަހައްޓައިގެން ހުރި ގޮތުން ސުވާލު އުފެދިފައި ހުރިކަން ދާއިންއަށް އެނގުނެވެ.
" މިމީ ހުރީ ދުބާއީގަ....! މިމީއާ ކޮއްކޮއާ ދުރުކުރުވީ ބައްޕަގެ ރޭވުމަކުން. އަހަރެން މިއުޅެނީ އެކަން ޔަޤީން ވެގެން...!"
އެންމެ ފަހުން ދާއިންގެ ހާސްކަން ޔޫހާއާއި ހިއްސާ ކުރިއެވެ. ޔޫހާގެ ހިތުގައި ބިރުވެރި ކަމެއް އުފެދިގެން ދިއައެވެ. ބައްޕައާއި ދެކޮޅު ކަމެއް ދާއިން ކުރަން އުޅޭތީ އެވެ. އެހެން ނަމަވެސް ކޮއްކޮގެ އުފަލަށްޓަކައި ދާއިން ކުރާ ކަމަކަށް ހުރަސް އަޅާކަށް ޔޫހާ ބޭނުމެއް ނުވި އެވެ.
މިމީއަށް އަންނަމުން ދާ ބަދަލު ތައުފީޤަށް ފާހަގަ ކުރެވޭތާ ދެދުވަހެއް ވެއްޖެ އެވެ. މިމީ މިހާރު ގޭން ނުނުކުމެ އަބަދު އޮށޯވެ އޮންނަނީ ކީއްވެބާއޭ ހިތަށް އަރަމުން ދިއައެވެ.
" ދަރިފުޅު ބަލީތަ؟"
ތައުފީޤު އަހާލީ ޝައްކު އުފެދިފައިވާ ފަދަ ގޮތަކަށެވެ. ދޮގު ހެދުމަކީ މިމީއަށް މާ ފަސޭހަ ކަމަކަށް ނުވި އެވެ.
" ކުޑަކޮށް"
މިމީ ހިސާބަކަށް ޖެހިލުން ވެފައި ބުންޏެވެ. އިއްޔެގައި އޭނާ ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން ބުނެފައި ވަނީ ރަހިމުގައި ތަންކޮޅެއް ފެން މަދު ކަމަށެވެ. އެހެން ކަމުން ރެސްޓު ކުރުމަށް ވަނީ އަންގާފަ އެވެ. އެވާހަކަ ބައްޕަ ކައިރީ ބުނާ ހިތްވިއެވެ. އެހެން ނަމަވެސް ހިފަހައްޓާލި އެވެ.
ތައުފީޤް އިރުކޮޅެއް ވަންދެން މިމީއަށް ބަލަން އިނެވެ. މިމީގެ މޫނުމަތީން ފާޅުވަމުންދާ ހިތާމަވެރި އަސަރު ތައް އޭނާއަކަށް ސިއްރެއް ނުވެއެވެ. އަދިވެސް މިމީ މާހިން މަތީން ހަނދާން ކުރާހެން ހީވި އެވެ. އެހާ ދުރަށް އައުމުން ވެސް މިމީއަށް އެކަމާ ދުރަށް ދެވޭ ގޮތެއް ނުވި އެވެ.
" ބައްޕަ ދަރިފުޅު ކައިރީ ކަމަކު ބުނަން ބޭނުން....!"
ތައުފީޤް ވަރަށް ސީރިއަސް ވެފައި ބުންޏެވެ. ބައްޕަ އެދައްކަން އުޅޭ ވާހަކަ މިމީއަށް އިނގޭހެން ހީވި އެވެ.
" ބައްޕަ އެދެނީ ދަރިފުޅު އަމަންއާ ކައިވެނި ކުރަން....!"
ތައުފީޤް މިމީގެ މޫނަށް ބަލަން އިނދެ ބުންޏެވެ. މިމީ ވިސްނާލި އެވެ. ދާއިން ދުބާއީ އަށް އައިސް އޭނާގެ ހަޤީޤަތް ހޯދުމުގެ ކުރީން އަމަން އާއި އޭނާގެ ކައިވެނި ކުރެވިއްޖެ ނަމަ ތަންކޮޅެއް ހާސްކަން ކުޑަވާނެ އެވެ. މިމީވެސް ވިސްނާފައިވާ ގޮތުގައި އެއީ ރަނގަޅު ކަމެކެވެ. އެހެން ނަމަވެސް އެއީ މިމީގެ ބައްޕައަށާއި އަމަން ގެ މައިން ބަފައިންނަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެކެވެ. އެމީހުންނަށް އޮޅުވާލައިގެން ކައިވެނީގެ ޑްރާމާއެއް ކުޅެން ވެދާނެ ހެއްޔެވެ! ފަޅާ އަރާ ދުވަހަކުން އެމީހުން މިމީއަށް ނަފްރަތު ކުރާނެ އެވެ. މިމީ އެއްޗެއް ނުބުނެ އިނެވެ. އެ ކައިވެންޏާއި އިންކާރު ކުރަން ބައްޕަ ގާތުގައި ދައްކާނެ ބަހަނާއެއްވެސް އޭނާއަކަށް ނޭގެއެވެ.
" ބައްޕައަށް އިނގޭ އަމަން ދަރިފުޅު ދެކެ ވަރަށް ލޯބި ވާކަން.....! މާހިންގެ ހަނދާނުގަ ތިހެން އުމުރު ދުވަހަކު ނީދެވޭނެ... ލޯބިވާ މީހަކާއި އެކީ ދިރިއުޅެން ފަށަންވީ ދަރިފުޅާ....! އޭރުން ދުވަސް ކޮޅަކުން މާހިން ހަނދާން ނެތިދާނެ...!"
އެއީ ބައްޕައަށް ހަޤީޤަތް ނޭގޭތީ ބުނާ އެއްޗެކެވެ. މިމީގެ ހަޔާތުން ދުވަހަކުވެސް މާހިންގެ ނަން ފޮހެވުން އެއީ ނެތް ގޮތެކެވެ.
" ވިސްނާނަން....!"
ބައްޕައަށް ކޮންމެސް ޖަވާބެއް ދިނުމުގެ ގޮތުން މިމީ ބުނެލި އެވެ.
އަމަން އާއި ބައްދަލު ވުމުން އެވާހަކަ މިމީ ދެއްކި އެވެ. އަމަން ބުނި ގޮތުގައި އޭނާގެ މައިންބަފައިން ވެސް އޭނާ ގާތުގައި އެ އެދުން ހާމަ ކޮށްފި އެވެ. އަމަން އިނީ ދެ ފިކުރެއްގަ އެވެ. މިމީ ދެކެ ކިތަންމެ ލޯބި ވިއަސް، އަދި ފަހުން މިމީ ލިބިދާނެ ކަމުގެ އުއްމީދެއް އޮތަސް އެކަން ކުރަން އޭނާ ޖެހިލުން ވެއެވެ. މައިން ބަފައިން ނަށާއި މުޅި ދުނިޔެއަށް އޮޅުވާލައިގެން އެކުރަން އުޅޭ ކަމެއްގައި ބަރަކާތެއް ވާނެ ހެއްޔެވެ!
" ދާއިން މިރަށަށް އައިއްސަ އަހަރެން ހޯދާނެ.... ގެންދަންވެސް ބޭނުންވެދާނެ....!"
މިމީގެ އަޑު އިވުމުން އަމަން މިމީއަށް ބަލާލީ ހާސް ކަމާއި އެކުގައެވެ.
" މިމީ ދާން ނެތިއްޔާ ދެވޭތަ؟"
އަމަން އަހާލީ ސުވާލު އުފެދިފަ އެވެ.
" ދެވިދާނެ....!"
މިމީގެ އަޑު އިވުމުން އަމަން ދުރު ބަލާލީ ހިސާބަކަށް ހިތްހަމަ ނުޖެހިފަ އެވެ. އަމިއްލަ ނަފްސަށް އެވަރުގެ އިތުބާރެއްވެސް ނެތީ ހެއްޔެވެ! މިމީ މާހިން ދެކެ އެވަރަށް ލޯބި ވޭ ހެއްޔެވެ!
" މިހާރު އަހަރެން އިމޯޝަނަލީ ވަރަށް ވީކް އަމަން! ބަނޑުބޮޑު ވީމަ ވާގުތެއް ކަންނޭގެ....!"
މިމީގެ ލޮލުން ވެއްޓުނު ކަރުނަތިކި އަމަންގެ ހިތުގައި ރިހުމެއް އުފައްދައިފި އެވެ. އޭނާ ކުރިއަށް ޖެހިލާ މިމީގެ ގައިގައި ހިފަހައްޓާލި އެވެ. އެއްވެސް ޖެހިލުމެއް ނެތި މިމީ އަމަންގެ މޭގައި ބޯ ޖައްސާލި އެވެ. އެ އަތުގެ ތެރޭން އޭނާއަށް ހިމާޔަތަކަށް އެދިއެވެ. އަމަން އަށް ކުރެވޭ އިޙުސާސް ތަފާތެވެ. އޭނާ ބޭނުން ވަނީ މިމީ އޭނާގެ އަތުގެ ތެރޭގައި ބަނދެލާށެވެ. ދުވަހަކުވެސް ވަކި ނުވެވޭ ފަދަ ގޮތަކަށެވެ. އެހެން އަންހެނަކު ދެކެ ދުވަހަކުވެސް ލޯތްބެއް ވެވިފައި ނުވާ އަމަން، މިމީ އޭނާގެ މިލްކަކަށް ހެދުމަށްޓަކައި ވާން ޖެހޭ ކޮންމެ ޤުރުބާނީއެއް ވާން ތައްޔާރެވެ.
" ހިނގާ އިންނަން ދޯ!"
މިމީ އެދޭ ގޮތް ހަދާދޭން އަމަން ވެސް އެއްބަސް ވިއެވެ.
ބަންޑުން އޮށޯވެ އޮތް ނާމީގެ ބުރަކަށި މަތީގައި އިށީނދެ ލޫނާ އިނެވެ. ހަށިގަނޑު ލޮޑުވެފައި ވާ ނާމީއަށް ރަނގަޅު މަސާޖެއް ދޭން އޭނާ މަސައްކަތް ކުރި އެވެ. ލޫނާ ބޭނުން ވަނީ ކުރީގެ ނާމީ އަނބުރާ ގެންނާށެވެ. ފަހަކަށް އައިސް މި ދިމާވި ކަންތައްގަނޑު ވަގުތު ކޮޅަކަށް ނަމަވެސް ހަނދާން ނައްތާލާށެވެ. އަލުން ނުކުމެ ހިތްވަރާއި އެކު ކުރިމަތި ލުމުގެ ބާރު ނާމީއަށް ލިބޭށެވެ. އެހެން ނޫނީ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ނާމީ ހަލާކު ވެގެން ހިނގައި ދާނެއެވެ. އަލުން އެތައް ފަހަރަކު ޓެސްޓު ރިޕީޓް ކުރަން ލޫނާ ބޭނުން ވެއެވެ. އެހެން ނަމަވެސް އަދި އެކަމާއި ކުރިމަތި ލުމުގެ ހިތްވަރެއް ނާމީ ގެ ނެތެވެ. ލޫނާ ދެކޭގޮތުގައި އެއީ ހަޤީޤަތަކަށް ވިއަސް، ނުވިއަސް ދިރިއުޅުމުގެ މަތީން އުއްމީދު ކަނޑާލައިގެން ނުވާނެ އެވެ. އުމުރުގައި ބާކީ އޮތް ކޮންމެ ދުވަހަކީ މުހިންމު ދުވަހަކަށް ވާންވާނެ އެވެ.
ލޫނާގެ ލޮބުވެތި ހަރަކާތް ތަކުން ނާމީގެ ހިތަށް ހިސާބެއްގެ ހަމަ ޖެހުމެއް ލިބުނު ނަމަވެސް އޭނާ އުފަލެއް ނުވެއެވެ. ލޫނާގެ އެ ފިރުމުން ތަކާއި އަޅާލުން ނާމީގެ ހިތް އިތުރަށް ޒަހަމް ކުރުވަމުން ދިއައެވެ. އެ ލޯބިވެތި ބީހުން ތަކަށް އަވަސް ނިމުމެއް އަންނާނެ ކަން ގައިމު ވާތީ އެވެ. ނާމީ ކުރަމުން ދާ ފިކުރު ލޫނާއަށް އިނގެ އެވެ. އެހެން ނަމަވެސް އެކަން އޭނާއަށް އިނގޭކަށް ބޭނުމެއް ނޫނެވެ. ލޫނާ ގުދުވެ ނާމީގެ ކަންފަތުގައި ދަތްއެޅީ ހިނިގަނޑެއް ޖަހާލަމުންނެވެ.
" އޭއް! ކޯންޗެއް ތި ވިސްނަނީ؟"
އޭނާ ނާމީ ސިއްސުވާލަމުން ނާމީއަށް އުނދަގޫ ކޮށްލި އެވެ. ލޫނާގެ ލޯބިވެތި ކުދި ގޯނާތައް ނާމީއެ ފިކުރުތަކާއި ދުރަށް ދާން މަޖުބޫރު ކުރުވައިފި އެވެ. މިނެޓެއްގެ ތެރޭގައި މިސްރާބު އެހެން ދިމާއަކަށް އަނބުރާލައިފި އެވެ.
ފެންވަރާލައިގެން ލޫނާ ތިރިއަށް ފޭބީ ނާމީ ގޮވައިގެންނެވެ. މެންދުރުގެ ކާ ގަޑިއަށް އޭނާ ތިރިއަށް އައީ ގަސްދުގަ އެވެ. ބައްޕައާއި ބައްދަލު ކޮށް ވާހަކަ ދައްކާ ހަދާލުމުން ނާމީއަށް އަލުން ދުނިޔޭގެ ކަންކަމާއިގެން ކުރިމަތި ލުމުގެ ހިތްވަރު ލިބޭނެ އެވެ. ޝައުކަތަށް ނާމީ ފެނުމުން އުނދަގޫ އިޙުސާސެއް ކުރެވުނެވެ. ލޫނާއާއި ދޭތެރޭގައިވެސް ވިސްނާލެވުނެވެ. ލޫނާގެ މައްޗަށް ހިތުގައި ހަމްދަރްދީ އުތުރި އަރައިގެން ދިއައެވެ. ލޫނާގެ ނަމަށް ނާމީގެ ހުރިހާ މިލްކިއްޔާތެއް ބަދަލު ކުރަން ބޭނުން ވުމުން ނާމީއާއި ލޫނާއާއި ގާތް ގުޅުމެއް ހިނގާފައި ނެތީ ކަމަށް ޝައުކަތަށް ކުރީން ހީކުރެވުނެވެ. އެހެން ނަމަވެސް މިއަދު ފެންނަ މަންޒަރުން އެއީ ކުށް ހީއެއް ކަން ޔަޤީން ވިއެވެ.
ޝައުކަތު ނާމީއަށް ކެއުމަށް ދައުވަތު ދިނެވެ. ނާމީއާއި ލޫނާ އުޅޭގޮތް ފެނުނީމައި ޝައުކަތުގެ ލޮލުން ކަރުނަ ހިލުނެވެ. އެ ދެކުދީންގެ ދިރިއުޅުމަށް ނިމުމެއް އަންނަން އުޅޭ ކަމަށް ޤަބޫލު ކުރަން ހާދަ ދައްޗެވެ. ކާމޭޒު ދޮށަށް ވެރިވެފައި ވަނީ ހަމަހިމޭން ކަމެވެ. ދައްކާނެ ވާހަކައެއް ޝައުކަތަކަށް ވެސް ނޭގެ އެވެ. ނާމީވެސް އިންނަނީ ވަރަށް މަޑުންނެވެ. އެހެން ނަމަވެސް ލޫނާގެ މޫނުމަތީގައި އެއްވެސް ހާސް ކަމެއް ނެތެވެ. ވެގެން އުޅޭ ގޮތުގެ ވާހަކަ ނާމީ ލޫނާއަށް ކިޔައި ނުދެނީ ބާއެވެ! ޝައުކަތަށް އެހެން ވިސްނުނު ނަމަވެސް މޯނާއަށް ވިސްނުނީ އެހެން ގޮތަކަށެވެ. މޯނާއަށް ހީވީ ލޫނާ ކަމެއް ނުވާ ކަން ދައްކައިގެން މޯނާ މެންނަށް އޮޅުވާލަން އުޅޭ ކަމަށެވެ. ނާމީ އެމީހުންނަށް އެވާހަކަ ކިޔައި ދިން ކަމެއް ލޫނާއަށް ނޭގެނީހެން ހީވެއެވެ.
" ދަރިފުޅު ބުނި ގޮތަށް ހުރިހާ އެއްޗެއް ބަދަލު ކުރަން ލޯޔަރަކާ ވާހަކަ ދައްކައިފިން....!"
ބުނާނެ އެއްޗެއް ނޭގި އިރުގަނޑަކު އިނދެފައި ޝައުކަތު ބުންޏެވެ. އެއަޑު އިވުމުން މޯނާގެ މޫނުމަތި އިތުރަށް އަނދިރި ވެގެން ދިއައެވެ.
ބައްޕަ އެހެން ބުނުމުން ނާމީ ހިތުގައި ރިހުމެއް އުފެދުނެވެ. ދެން އެ މުދާ ތައް ލޫނާގެ ނަމަށް ބަދަލު ކޮށްގެން ވާނެ ފައިދާއެއް އެބޮތް ބާއޭ އޭނާގެ ހިތަށް އެރި އެވެ. ލޫނާވެސް ނާމީއާއި އެކުގައި ދާން ތައްޔާރު ވާ ކަހަލަ އެވެ.
ކައިނިމިގެން ނާމީ އާއި ޝައުކަތު ބޭރަށް ނުކުތުމުން ލޫނާ ތަށި ދޮންނަން ސިންކު ކައިރީގައި މަޑު ކޮށްލައިގެން ހުއްޓެވެ. މޯނާއަށް ހަމަ އުދަގޫވާވަރުން އެއްޗެއް ނުބުނެ ހުރެވޭ ވަރެއް ނުވި އެވެ.
" ހާދަ އުފަލުން އުޅޭ ހެން ހީވެއޭ...!"
މޯނާ ޖެއްސުމަށް ބުނެލި އެވެ. ލޫނާ އިވޭކަމަކަށް ނަހަދަ އެވެ. ހިނިއައިސްފައި ހުރި ނަމަވެސް މޯނާއާއި ދެބަސްވާހާ ހިތްވަރެއް މިހާރަކު އޭނާގެވެސް ނެތެވެ.
" އަހަންނަށް އިނގޭ ކަލޭ ކަންދައްކަނީ ކަން! އިނގޭ ތީ ޑްރާމާއެއް ކަން...! ދެން ރަނގަޅުތާ.... އިންޑިއާ މީހާގެ ކައިރިން ޖެހުނު ބަލި ނާމީއަށް ދެވިއްޖެ ވިއްޔަ....!"
މޯނާގެ އަޑު އިވިފައި ލޫނާ އެނބުރި މޯނާއަށް ބަލާލީ ޙައިރާން ކަމާއި އެކުގަ އެވެ. މޯނާއަށް އެވާހަކަ އެނގުނު ގޮތެއް އޮޅުން ފިލުވަންވެސް ލޫނާ ބޭނުން ވިއެވެ. ނާމީގެ ހަޤީޤަތް އިނގެނީ ކިތައް މީހުންނަށް ބާއެވެ.
" މަށަށް ހީވަނީ ކަލޭ ގަސްދުގަ ނާމީ އަށް ދިން ލަޑެއްހެން ތީ.... އެނގި އެނގި ހުރެ ދޯ ނާމީއާ ކައިވެނި ކުރީ!"
ލޫނާ އެއްޗެއް ނުބުނެ ކެތް ވޭތޯ ބެލި އެވެ. އޭނާގެ މޫނު މަތީގައި ވާ ރަތްކުލަ އޭނާ ހިތްހަމަ ނުޖެހިފައި ވާ މިންވަރު ހާމަ ކޮށްދެމުން ދިއައެވެ!
" އަދި އެވަރުންވެސް އެބައުޅެއޭ ފައިސާއާ މުދާ ބައް ކުރަން....! ކުޑަ ދުވަސް ކޮޅެއްގެ ތެރޭގަ މަރުވެދާނެ..... އެ ހުރިހާ އެއްޗެއް ދުނިޔޭގަ ތިބި މީހުންނަށް ދިނިއްޔާ ގައިމު ސަވާބެއް ލިބޭނެ!"
ލޫނާގެ ލޮލުގެ ތެރެއަށް ކަރުނަ ގިނަވެގެން ދިއައެވެ. މަރުގެ ވާހަކަ ވެސް މޯނާ އެދައްކަނީ އެއްވެސް އަސަރެއް ނެތި އެވެ.
" އަހަރެން ހިތަށް އަރަނީ މިހާރު ތި އެއްކުރާ ފައިސާ ތި އެއްކުރަނީ ކޮންތާކަށް އަޅަން ބާއޭ.... އެއިން އެއްވެސް އެއްޗެއްގެ ބޭނުން ކުރަން ދުނިޔޭގަ ނުތިބޭ ބަޔަކު ކީއްކުރާ މުދަލެއް ! "
ލޫނާ ހަމަ އަނގައިންވެސް ނުބުނެ ހިމޭނުން ހުއްޓެވެ. މިވަގުތު އޭނާ އެއްޗެއް ބުނަން ބޭނުން ވިއަސް ނުބުނެވޭނެ އެވެ.
" ކަލޭ ވަރަށް ބާރު ގަދައޭ....ކަލޭ ނިމިގެން ދާއިރު ވެސް ނާމިގެ ބޮލަށް އެރިލައިގެން އާއިލާގެ ހުރިހާ މުދަލެއް ކަލޭގެ ނަމަށް ބަދަލު ކޮށްލަން ވިއްޔަ ތި އެންގީ! "