އެހެނަސް އެ ފޮޓޯގައިވާ އަންހެން ކުއްޖާއަށް ވުރެ ހަމަ ލޮލަށް ފެންނަ އިރު ޔޫހާ ހާދަހާ ތަފާތެވެ. އޭނާގެ ރީތިކަން އެތައް އެތައް ހާސް ގުނައެއް އިތުރެވެ. އެންމެ ބަލާލުމަކުންވެސް ހިތް ކަތިލާ ފަދަ ފުރިހަމަ ކަމެކެވެ. 

މާހިން މަޑުމަޑުން ޔޫހާއާ ކައިރިއަށް އައިސް ހުއްޓުނެވެ. 
" ކުޑަކުޑަ ވަގުތު ކޮޅެއް ބޭނުން... ޝެލްވީ...؟"
ކުރިމަތީގައި ހުރި ވެއިޓިންގް ރޫމަށް އިޝާރާތް ކޮށް މާހިން އަހާލި އެވެ. ރިސެޕްޝަން ސަރަހައްދަކީ ވާހަކަ ދެއްކޭ ވަރަށް ވުރެ ހަލަބޮލި ތަނަކަށް ވާތީ މާހިންގެ އެދުމާއި އެއްގޮތަށް ޔޫހާ މާހިން އާއި އެކު ވެއިޓިންގް ރޫމާ ދިމާއަށް ހިނގައިގަތެވެ. 
ވެއިޓިންގް ރޫމަށް ވަދެފައި މާހިން އަމިއްލައަށް ތައާރަފް ވެލި އެވެ.

" މާހިން ޖައުފަރު! "
ނަމުގައިވެސް ގޮތެއް އެބަހުއްޓެވެ. ޔޫހާ ހިނިތުން ވެލި އެވެ. އޭރުވެސް އޭނާ ހުރީ ވާންއުޅޭ އެއްޗެއް ނޭގިފައި ޙައިރާންކަން މަތީ އެވެ.
" ޕަރލް ކޮމްޕެނީގެ ފަރާތުން! "
މާހިންގެ އަޑު އިވިފައި ޔޫހާ ގަތީ ބިރެވެ. ޕަރލް ކުންފުނީގެ ފަރާތުން އޭނާއަށް އެއުޅެނީ ކިހިނެތް ހަދަން ބާއެވެ! އޭނާ އެ އޮފީހަށް ވަނީތީ ވަގު މަތިވެސް އަޅުވަފާނެ އެވެ. ޔޫހާގެ ކުރިމަތީގައި އެމީހުންނަކީ އެހާވެސް ގޮތެއް ނެތް ބަޔެކެވެ. 

" މިއައީ ބައްޕަ ވިދާޅުވެގެން...! ބައްޕަ ވިދާޅުވީ އެދުވަހު ޔޫހާއާ ކުޑަކޮށް ސަމާސާ ވާހަކަ ދައްކާލާފަ ހަނދާންނެތި އެއްޗެއް ހަވާލު ނުކޮށޯ ފޮނުވާލެވުނީ.!" 
ހިނިތުން ވުމަކާއި އެކު މާހިން އެބުނި އެއްޗެއް ޔޫހާއަކަށް ރަނގަޅަކަށް ނުވިސްނުނެވެ. "ސަމާސަ ވާހަކަ" އަކީ ކޮބައި ހެއްޔެވެ! ހަވާލު ވާންވީ ކޮންއެއްޗަކާ ހެއްޔެވެ! ޔޫހާގެ މޫނުމަތީން ފެންނަމުން ދިޔަ ޙައިރާންކަން ފިނިކޮށްލުމަށްޓަކައި އަނެއްކާވެސް މާހިން ހިނިތުން ވެލި އެވެ. އެ ހިނިތުންވުން ކިތަންމެ ހާވެސް ފޮންޏެވެ. އެހެން ނަމަވެސް ޔޫހާ ހުރީ އެއަށް ވުރެ ބޮޑަށް ނުތަނަވަސް ވެފަ އެވެ. 
" އެހެންވީމަ އެ ހަވާލު ކޮށްލަން މިއައީ."

އެހެން ބުނަމުން މާހިން އޭނާގެ ވޮލެޓުން ނެގި ޗެކް، ޔޫހާއަށް ދިއްކޮށްލި އެވެ. ޤަބޫލު ނުކުރެވިފައި ޔޫހާ މާހިންއަށް ބަލާލި އެވެ. އެވީ ކިހިނެތް ހެއްޔެވެ! އެއީ ޖައުފަރު އޭނާއަށް ދޭ އެހީ އެއް ހެއްޔެވެ! އެދުވަހު އެއީ ޖައުފަރު ކުރި ސަމާސާއެއް ބާއެވެ! އެއީ ވެސް މީހުން ސަމާސާ ކުރާ ގޮތް ބާއެވެ! ޖައުފަރުގެ ދަރިފުޅު ބުނީމައި ޤަބޫލު ނުކޮށެއްވެސް ނުވާނެ އެވެ. ޗެކްގައި ހިފި އިރުވެސް ޔޫހާ ހުރީ ޙައިރާންކަމާއި އެކު މާހިންއަށް ބަލާށެވެ.

"އިތުރު ކަމެއް ބޭނުން ވިއަސް އަޅުގަނޑަށް ގުޅާލާތި! އިރާދުކުރެއްވިއްޔާ ހަމަޖެހޭނެ!"
އެހެން ބުނެފައި މާހިން ދާން ހިނގައިގަތެވެ. މާހިން ދާތަން ބަލަން ޔޫހާއަށް ހުރެވުނެވެ. ޖައުފަރާ ދޭތެރޭގައި އޭނާއަށް ހީކުރެވުނީ ކިހާ ނުބައި ކޮށް ހެއްޔެވެ! ބައްދަލު ކުރާ ކޮންމެ މީހަކާ "ސަމާސަ ވާހަކަ" ދެއްކުމަކީ ޖައުފަރުގެ އާދައެއް ކަންނޭގެ އެވެ. އޭނާގެ ދަރިފުޅަށް ވެސް އެ ސަމާސަ އިނގެނީ ހެއްޔެވެ! ޔޫހާއަށް ހަޖަމު ކުރަން އުނދަގޫވިއަސް ޙަޤީޤަތް އެއޮތީ ފެންނާށެވެ. ޖައުފަރުގެ ނިޔަތް ނުބައި ނަމަ އެ ޗެކް ހިފައިގެން އަންނާނީ އޭނާގެ ދަރިފުޅެއް ނޫނެވެ. އެވީ ވަގުތު ކޮޅުގެ ތެރޭގައިވެސް ދަރިފުޅުގެ މިޒާޖާ ބައްޕަގެ މިޒާޖުގެ ތަފާތުކަން ޔޫހާއަށް ފާހަގަ ކުރެވުނެވެ. މިޒާޖު އެކަންޏެއް ނޫނެވެ. ފެންނަ ފެނުމަށް ވެސް ތަފާތުކަން އެނގެ އެވެ. މާހިންގެ މޫނު މަތީން ފެންނަނީ ހިތް ހެޔޮކަމާއި " މާތް" ކަމެވެ. ޖައުފަރުގެ މޫނުމަތީން ފެނުނީ ބޮޑާ ފަޚުރުވެރި ގޮތްގަނޑެވެ. އެކަމަކު އެހެން ހީވުން އެއީ އަދި ގޯހަކަށް ވެސް ވެދާނެ އެވެ. ޖައުފަރަކީ އެފަދަ މީހެއްނަމަ ޔޫހާ ހޯދައިގެން ޔޫހާއަށް އެވަރުގެ އެހީއެއް ދޭކަށް ނޫޅޭނެ އެވެ. ދިގު ކޮރިޑޯއިން ހިނގާފައި ގޮސް މާހިން ގެއްލެންދެން މިފަދަ ޚިޔާލު ތަކެއްގައި ޔޫހާއަށް ހުރެވުނެވެ. 

މާހިން ގޮސް އޮބާލުމުން ޔޫހާ އެ ޗެކަށް ބަލާލި އެވެ. އެއީ ހަތްދިހަހާސް ދިވެހި ރުފިޔާގެ ޗެކެކެވެ. ޔޫހާއަށް އުފަލުން ރޮވުނެވެ. ދުވަހަކުވެސް އެވަރުގެ އަދަދެއް ޗެކެއްގައި ޖަހާލާފައި ވާތަން ވެސް އޭނާއަށް ފެނިފައި ނުވެ އެވެ. ކުރި އަސަރުގައި އޭނާއަށް ބާރަށް ދުއްވައި ގަނެވުނެވެ. ދުވެފައި ގޮސް ވޯޑްތެރެއަށް ވަދެ ކޮއްކޮގެ ގައިގައި ބައްދައި ގަނެވުނުއިރު މީހުން ބަލަން ތިބި ކަމެއްވެސް ހަނދާން ނެތެވެ. ލޫނާ އަށްވެސް އުފަލުން ރޮވެން ފެށި އެވެ. އޭނާ ދޮންތިގެ މޫނުގައި ފިރުމާލަމުން އިތުރު ސުވާލެއް ކޮށްލި އެވެ.

" ތި ފައިސާއިން މަންމަގެ ބޭސް ކުރަންޏާ، ދެން ޝަރީފްބޭގެ ކަންތަކުން ސަލާމަތް ވާނެދޯ! "
ޔޫހާ ލޫނާގެ ގައިގައި ބާރަށް ބައްދާލަމުން ބޯ ޖަހާލި އެވެ. ޔޫހާގެވެސް އުއްމީދަކީ އެއީ އެވެ. 
ޔޫހާ މަންމައާ ގާތަށް ޖެހިލާ މަންމަގެ މޫނަށް ބަލާލި އެވެ. އެވަގުތު އާދައިގެ މަތީން ޔޫހާގެ ދެލޮލުން ކަރުނަ އޮހިގަތެވެ. ހަފްތާއެއްހާ ދުވަހު އެހެން އޮންނަން ޖެހުމުންވެސް މަންމަގެ މޫނުމަތީން ބަލީގެ އެއްވެސް އަސަރެއް ނުފެނެ އެވެ. ދެލޯ މަރާލައިގެން އޮތް އިރު ހީވަނީ އަރާމް ނިންޖަކުން ނިދާލާފައި އޮތް ހެނެވެ. މޫނުމަތީން ފަނޑު ހިނިތުންވުމެއްގެ އަސަރު ފާޅުވާން ހުރިއިރު ހީވަނީ ދެންމެ ދެންމެ ލޯ ހުޅުވާލަ ފާނެ ހެންނެވެ. ސާޅީސް ތިން އަހަރުގެ މަންމަ އަދިވެސް ހީވަނީ ޔޫހާއާ އެއްފުރައިގެ ކުއްޖެއް ހެންނެވެ. އެހާ ސާފް ރީތި މޫނެކެވެ. 

އެވަގުތު ޔޫހާގެ ހަދާނަށް އަންނަމުން ދިޔައީ ބައްޕަ މަންމައަށް ހަދާފައިވާ ރީތި ޅެމެކެވެ. އެއީ މަންމަ އުފާ ކޮށްލަން ބައްޕަ ކިޔާލާ ލަވަ އެކެވެ.
" ސާދަވިލޭރޭ ހަނދު ދެކެފީމޭ، މާތަށް، ތަރިތައް، ވިދުވަރު ފެނުނޭ،
ނުވޭ ތި އަސަރެއް އޭގާ. ހުރި ރީތި ކަމެއްތާ! ހުރި ރީތި ކަމެއްތާ!" 

މަންމައާ ބައްޕަގެ ގުޅުމަކީ މިސާލު ޖަހާލެވޭފަދަ ގުޅުމެކެވެ. ދެގޮތެއް ނުވި ޒުވާން ލޯތްބެކެވެ. އެއުފާވެރި ދުވަސްތައް ހަނދާން ވުމުން ޔޫހާގެ ހިތުގެ ރިހުން އެތައް ގުނައެއް އިތުރު ވެގެން ދިޔަ އެވެ. މަންމައާ ބައްޕަ އެ ދެބެން ގެންގުޅުނީ ހާދަހާ ލޯބިންނެވެ. އެކުދީންގެ ހިތުގައި ޖެހޭނެ ކުޑަކުޑަ ކަމެއްވެސް ވެދާނެތީ މަންމަމެން އަބަދުވެސް ތިބީ ސަމާލު ވެގެން ނެވެ. އެކުދީންނާ ދިމާއަށް އޮޅިގެން ވެސް މީހަކު ނުބައި ނިޔަތެއްގައި ބަލާލަފާނެތީ އެމީހުން އަބަދުވެސް ތިބީ ފާރަވެރި ވެގެންނެވެ. އެހެން ނަމަވެސް ދިރިއުޅުން މިއަދު އެކުދީންނާ ކުރިމަތި ކޮށްފައި އެވަނީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ! ޔޫހާ ގުދުވެ މަންމަގެ ނިއްކުރީގައި ބޮސް ދިނެވެ. އެ މަންމައަކީ ޔޫހާމެންނަށް ޓަކައި ޖާނުން ޤުރުބާން ވަމުން އައި މަންމަ އެވެ. މަންމަގެ މޫނަށް ބަލާލެވޭ ކޮންމެ ފަހަރަކު ޔޫހާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބައި ގަނެ އެވެ. ގޭގެ ހަތަރު ފާރުގެ އެތެރޭގައި ބޮޑެތި ކޮށްފައިވާ ދެބޭން މިއަދު އެވަނީ ގޮތް ހުސްވެފަ އެވެ. ބައްޕަ އެމީހުންނާ ވަކިވެގެން ދިއައީ މުސްތަޤްބަލާ ދޭތެރޭގައި ވިސްނާނެ ފުރުސަތެއްވެސް ނުދީ އެވެ. މަންމަ އެ ހާލަތަށް އައިސްފައި އެވަނީ ކުރިއަށް ދާންވީ މަގުވެސް ދައްކާ ނުދެނީސް އެވެ. ޔުހާ އޭނާގެ އަތުގައި އޮތް ޗެކަށް ބަލާލި އެވެ. ދެން ކުރިއަށް ދާންވީ ގޮތެއްވެސް އޭނައަކަށް ނޭގެ އެވެ. އެހީވާނެ މީހަކު މިވަގުތުވެސް ބޭނުމެވެ.

" ތީ ކޯންޗެއް؟"
ވަރަށް ގާތުން، ސިއްރު ސިއްރުން ބުނާ ފަދަ ގޮތަކަށް މީހަކު ބުނެލި އަޑު އިވިގެން ސިހިފައި ޔޫހާ އެނބުރި ބަލާލި އެވެ. އޭރު ޝަރީފްބޭ ދެލޯ ބޮޑުކޮށްގެން ޔޫހާގެ އަތުގައި އޮތް ޗެކަށް ބަލަން ހުއްޓެވެ.
" ޗެކެއްތަ؟ ކިހާ ވަރެއްގެ؟"
ޔޫހާގެ އަތުން އެ ޗެކް އަތުލަމުން އޭނާ ޖީބުން އައިނު ނަގާ އަޅާލި އެވެ. އެވަރުންވެސް އޭނާއަކަށް އޭގައި އޮތް އަދަދު އިނގޭ ކަމަކަށް ނުވި އެވެ.
" މަށަށް މިފެންނަނީ އެއްސުން އިތުރަށްތަ؟ ހަތް ހާސްތަ؟"
ޗެކު ލޮލުގައި ޖެހޭހާ ގާތް ކޮށްގެން ހުރެ އޭނާ އެހި އެވެ.
" ހަތްދިހަ! "
ޔޫހާ ބުނެލި އެވެ. 
" ހަތްދިހައޭދޯ! ހަމަ ހަތްދިހައޭދޯ!"
ދެއަތުން އަނގައިގެ ދެމިޔަކަން ފޮހެލަމުން ހުރިހާ ދަތްތައް ފެންނަ ވަރަށް ހިނި އައިސްފައި ހުރެ ޝަރީފް ޔޫހާއަށް ބަލާލި އެވެ.

" ކާކު ދިން އެއްޗެއް...ހާދަ ބައިވަރެއް؟"
އޭނާގެ ދެލޯ ވެސް ހުރީ އާދަޔާ ޚިލާފަށް ދިއްލިފަ އެވެ.
"މީހަކު ދިން އެހީއެއް! ތި ވަރުން ބޭރަށް ދެވޭނެ އެއް ނުން!"
ޔޫހާ ބުންޏެވެ.
" އަނ..! މި ޗެކު ބައުންސް ނުވެއްޖެއްޔާ ތިކަން ވާނެ... އަވަހަށް މި ފައިސާ ނަގަން ހިނގާ. އެހެން ނޫނީ އެމީހާ ޚިޔާލު ބަދަލު ވެދާނެ...!"
ޗެކު ޖީބަށް ޖަހާލަމުން ޝަރީފްބޭ ބުންޏެވެ.
" އަދި މި ޖެހޭނެ ޑޮލަރަށް ވެސް ހަދަންދޯ... އަވަހަށް މިކޮޅުގަ ބުނެލާ ފުރަން އުޅޭ ވާހަކަ... ބޭބެ މިދަނީ ހުރިހާ ކަމެއް ހަމަޖައްސަން!"

އެހެން ބުނެފައި ޝަރީފް ދާން ހިނގައިގަތެވެ. ޝަރީފްބޭ ދިއުމުން ލޫނާ އައިސް ދޮންތީގެ ކޮނޑުގައި ހިފަހައްޓާލި އެވެ. އޭނާގެ ހިތުގައިވެސް ވަނީ ޔޫހާގެ ހިތުގައި ވާ ބިރުވެރިކަމެވެ. އެ ފައިސާ ޝަރީފްބެއާ ހަވާލު ކުރުން އެއީ ރައްކާތެރި ގޮތްބާ އެވެ! ކޮންމެ ގޮތެއް ވިއަސް މިވަގުތު ޔޫހާ އާ ލޫނާއަށް ވެސް ވަނީ އިތުރު މީހެއްގެ އެހީ ބޭނުން ވެފަ އެވެ. ފައިސާ އަދި ލިބުނަސް ރާއްޖޭން ބޭރަށް ގޮސް ކަންތައް ކުރަންވާ އެއްވެސް ގޮތެއް އެ ދެބޭން ނަކަށް ނޭގެ އެވެ. އަމުދުން އެވަރުގެ ބޮޑު ކަމެއް ކުރާނެ މަގު ދައްކާނެ މީހަކުވެސް ބޭނުމެވެ. ގިނަ ފަހަރަށް އަނިޔާވެރިކޮށް ކަންތައް ކުރި ނަމަވެސް މިހާތަނަށް ވެސް ކަމެއް ކޮށްދީފައި އޮތީޔާ އޮތީ ހަމަ ބޮޑުބޭބެ ޝަރީފެވެ. ބައެއް ފަހަރު ހަމައިން ނެއްޓިގެން ކަންތައްތައް ކޮށްލެވުނަސް މަންމަ ދެކެ ޝަރީފްބޭ ލޯބިވާނެ އެވެ. މަންމައަކީ ޝަރީފްބޭގެ ހުރި ހަމަ އެކަނި ކޮއްކޮ އެވެ. ޝަރީފްބޭއަށް އިތުބާރު ކުރުން ނޫން ގޮތެއް ނެތެވެ. 

މާހިން ގޭން ނުކުތީއްސުރެ ކެތްމަދުވެފައި ދާއިން އިނެވެ. އޭނާ އުނދޯލި ގޭގައި މަޑުކޮށްލައިގެން އިނީ، ވީ އެންމެ އަވަހަކަށް ކޮއްކޮ އަތުލައި ގަންނަން ވެގެން ނެވެ. މާހިން ޔޫހާއާ ބައްދަލު ކުރަން ދިޔައީއްސުރެ އޭނާގެ ހިތްވަނީ ނުތަނަވަސް ވެފައެވެ. ބައްޕަގެ ނަމުގައި އެ ފައިސާ ދީފިއްޔާ ޔޫހާ އެފައިސާ ޤަބޫލު ނުކޮށްފާނެތީވެސް އޭނާ ކަންބޮޑުވި އެވެ. އެހެން ނަމަވެސް އެ އަދަދަށް ފައިސާ ހަވާލު ކުރެވޭނީ ހަމަޖެހޭ ވާހަކައެއްވެސް ދައްކާފަ އެވެ. ބައްޕަ ގާތަށް އެހީއަކަށް އެދި ޔޫހާ ގޮސްފައިވާތީ ބައްޕަ އެހީއެއް ދީފާނެ ކަމަށް ޔޫހާއަށް ޤަބޫލު ކުރެވިދާނެ އެވެ. ބިރުގަންނަނީ ކޮއްކޮއަށް ޔޫހާ ގާތުގައި ހަމަޖެހޭ ވާހަކައެއް ނުދެއްކި ދާނެތީ އެވެ.

މާހިން އައިސް ކާރު ޕާރކް ކޮށްލި އިރު ބޭބެ އުނދޯލި ގޭގައި އިންތަން ފެނުނެވެ. ދާއިން ފެންނައިރަށް މާހިން ހިނިއައި ވަރުން ދާއިން ލަދުވެސް ގަތެވެ. މާހިން އައިސް ދާއިންގެ ކުރިމަތީގައި އިށީނދެ ދާއިންއަށް ބަލަހައްޓައިގެން އިނީ އެވެ. ހީވަނީ ބޭބެ ރަކި ކޮށްލެވޭތޯ އުޅޭހެންނެވެ.

" ކަމްއޯން...! ސޭ ސަމްތިންގް މޭން!"
" ކޮންތާކުން ހޯދި ޗިކެއް؟ މަގޭވެސް ހިތް ކިޔައިފި!"
މާހިން އެހެން ބުނާއިރަށް ދާއިން އޭނާގެ އަތުޖެހުނު ކުޝަން މާހިންއާ ދިމާއަށް ހޫރާލި އެވެ.
" އޭ..! މަޖަލެއް ނޫން! " 
ދާއިން ހީލަމުން ބުނެލި އެވެ.
" ސީރިއަސްލީ... ވަރަށް ރީތި އިނގޭ ފަހަރި! ބޭބެއާ ވަރަށް ގުޅޭ!"
މާހިން ގޮނޑީގައި ހަމަޖެހިލަމުން ބުންޏެވެ.
" ތިވާހަކައެއް ނޫނޭ...ކީކޭ ބުނީ...؟"
މާހިން ކަން ހިނގިގޮތް ދާއިންއަށް ކިޔައި ދިނެވެ. ޔޫހާ މާގިނަ ވާހަކަ ތަކެއް ނުދެއްކިޔަސް އެ ޗެކާ ހަވާލު ވީތީ ދާއިން އުފާވި އެވެ.

" އޭ...އޭނަ މަށާ ދިމާއަށް ވަރަށް ބެލި އިނގޭ... ބޭބެއަށްވުރެ މާ ކަމުދިއައީ ކަންނޭނގެ!"
މާހިން އިތުރަށް ސަމާސާ ކޮށްލި އެވެ. ދާއިން ހިނިގަނޑެއް ޖަހާލި އެވެ. 

އިރާކޮޅުގެ ވަގުތެވެ. ދޮންތީ ނަމާދަށް ދިޔައީއްސުރެ ލޫނާ އެއިންނަނީ މަންމަގެ މޫނަށް ކަޅި ޖަހާނުލާ ބަލާށެވެ. މަންމަ އެ ގޮތަށް ހޭ ނާރާ އޮންނަތާ މިހާރު ދެދުވަސް ވެއްޖެ އެވެ. ބައެއް ފަހަރު ލޯ މަރާލާ ގޮތަށް ދެން ލޯ ނުހުޅުވަ ފާނެތީވެސް މިހާރު ބިރުގަންނަން ޖެހެ އެވެ. އިރުގަނޑަކު އެހެން އިނުމަށް ފަހު ލޫނާ މަންމަގެ އެނދުގައި ބޯ ޖަހާލި އެވެ. ވެފައިވާ ވަރުބަލި ކަމާއިއެކު ކުޑައިރު ކޮޅެއްގެ ތެރޭގައި އޭނާއަށް ނިދޭގޮތްވި އެވެ. އެވަގުތު އޭނާއަށް ހުވަފެނެއް ފެނުނެވެ. ބައްޕަ އޮތީ ދޮންތީގެ މަގަތުން އޮށޯވެލައިގެން ނެވެ. އެނދުގެ މަގަތުގައި އިށީންދެލައިގެން މަންމަ އިނީ ލޫނާގެ ބޮލުގައި ފުނާ އަޅާދޭށެވެ. ބައްޕަ އެހެން އޮވެގެން ނަސޭހަތެއް ދެނީ އެވެ. މަންމައާއި ބައްޕަ ނެތް ދުވަހެއް އަޔަސް ދެކުދީންވެސް ނުބައި މަގަކުން ނުހިނގާ މަންމަމެން ދަސްކޮށްދިން ރީތި ދިރިއުޅުން އުޅުމަށެވެ. ކެތްތެރިވުމަށެވެ. އެއްކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރި ވުމަށެވެ. އެވާހަކަ ދައްކަން ފެށީމައި ދެކުދީންނަށް ވެސް ރޮވެން ފެށީ އެވެ. މަންމައާ ބައްޕަ ނުލާ ދިރިއުޅޭނީ ކިހިނެތްބާއޭ ހިތަށް އެރުމުންނެވެ. ލޫނާ ރޯން ފެށީމައި މަންމަ ލުނާގެ ބޮލުގައި ފިރުމާލި އެވެ. މަންމަގެ އެ ފިރުމުން ލޫނާއަށް ޙަޤީޤަތުގައިވެސް އިޙުސާސް ކުރެވިއްޖެހެން ހީވި އެވެ. ލޫނާ ލޯހުޅުވާލި އެވެ. މަންމަގެ އެ ބީހުން އޭނާއަށް އަދިވެސް އެބަ އިޙުސާސް ކުރެވެ އެވެ. އޭނާ ކުއްލިއަކަށް ބޯ އުފުލާލާ މަންމައަށް ބަލާލި އެވެ. އޭރު މަންމަ އޮތީ ލޫނާއަށް ބަލާށެވެ. އުފަލުން ގޮސް ލޫނާއަށް ރޮއެ ގަނެވުނެވެ. 

މަންމަ އެ ލޯ ހުޅުވާލީ ދެދުވަސް ފަހުންނެވެ. 
" މަންމާ!" 
ރޮއި ގަންނަމުން ލޫނާ މަންމަގެ އަތް ތިލައިގައި އަވަސް އަވަހަށް ބޮސް ދިނެވެ. ދަރިފުޅުގެ މި އަސަރުތައް ބަލަން ކެތް ކުރަން ދަތިވެފައި ހައިފާ އޮތީ އެވެ. އިތުރު ހަރަކާތެއް ކުރެވޭ ވަރަށް ވުރެ އޭނާގެ ހާލު ދެރަ އެވެ. 

މަންމަގެ އަތަށް ގުޅައިފައިވާ ހޮޅިއަށް ލޭ އަރާފާނެތީ މަޑުމަޑުން އަތް ބާލީސް މަތީގައި ބާއްވާލުމަށް ފަހު ލޫނާ މަންމަގެ މޫނާ ދިމާއަށް ގުދުވެލި އެވެ. އެވަގުތު ދަރިފުޅުގެ ލޮލުން އޮހޮރުނު ކަރުނަ ތިކިތައް މަންމަގެ ކޯތާފަތް ތެންމާލި އެވެ. 

" މަންމާ! "
ލޫނާއަށް ހުއްޓާވެސް ނުލެވުނެވެ.
" ﷲ އިރާދަ ކުރެއްވިއްޔާ... ދެން ވަރަށް އަވަހަށް ރަނގަޅުވާނެ... މިއުޅެނީ މަންމަ ގޮވައިގެން އިންޑިއާއަށް ދާން ... މަންމަ ހިތްވަރު ކޮށްލާ.... މަންމަނުލާ ކިހިނެއްތަ އަހަރުމެން ޓޫ ކުދިން އުޅޭނީ....!"

ކުޑަކުޑަ ބޭބީއެއްހެން މަންމަ ގެންގުޅުނު ލޫނާއަށް މަންމަ ގާތުގައި ޝަކުވާއެއް ކޮށްލެވުނެވެ. ލޮލުގެ ދެކޮއި ފަދައިން ގެންގުޅުނު އެ ދެކުދީންނަށް ޖެހިފައިވާ ހާލު ފެނިފައި ޒަހަމްވަމުން ދިޔަ ހައިފާގެ ހިތުގެ އެތިކޮޅުތައް އޭނާގެ ދެލޮލުން ކަރުނައިގެ ސިފައިގައި ބޭރުވަމުން ދިޔަ އެވެ. އޭނާ އެކުދީން ގެންގުޅެފައި ވަނީ އެހެން މީހުންގެ ލޯ ތަކަށް ފޮރުވައި ގެންނެވެ. ބޭރުތެރޭގެ ގިނަ ކަންތައް ތަކަށް އެކުދީން ލޯހުޅުވިފައި ނުވާ އިރު މިއަދު އެދެކުދީންގެ ދިރި އުޅުމަށްވެސް ވަނީ ނުރައްކާ ވެފަ އެވެ. އަނިޔާވެރީންގެ ވަކި ތަކުން އެކުދީން ސަލާމަތް ކޮށްދޭނެ މީހަކުވެސް ނެތެވެ. އެހާލުގައި އޮވެވެސް ހައިފާ ހިތާމަ ކުރަނީ އޭނާގެ ހާލުގެ މައްޗަކަށް ނޫނެވެ. ލޯބިވާ ދެދަރީންނަށް ޖެހޭނެ ހާލަކަށެވެ. އެންމެ ފަހު ވަގުތުގައިވެސް އެކުދީންނަށް ދޭން ބޭނުންވާ ނަސޭހަތް ތައް ބައިވަރެވެ. އެހެނަސް، ކިތަންމެ ގިނަ ވާހަކަ ތަކެއް އޭނާގެ ހިތަށް އަރަމުން ދިޔަޔަސް ބަޔާން ކުރާހާ ހިތްވަރެއްވެސް ނެތެވެ. ލޫނާގެ އެ ހިތާމަ ފެނިފައި ހައިފާގެ ސިކުޑީއަށް އިތުރަށް ބުރަވެގެން ދިއަ އެވެ. އެކަން ލޫނާއަށް ފާހަގަ ކުރެވުނީ މަންމަގެ ނޭވާ ހާސްވާން ފެށުމުންނެވެ. ގުޅާފައިވާ މެޝިން ތަކުން ސިގްނަލް އަޅަން ފެށުމުންނެވެ. ދުވެފައި ކަހަލަ ގޮތަކަށް ދެ ނަރުސް ކުދީން އައިސް ލޫނާ ބޭރަށް ނެރުމަށް ފަހު މަންމައަށް ފަރުވާދޭން އަވަސްވެ ގަތެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ޑޮކްޓަރަކު ވެސް އަތުވެއްޖެ އެވެ. ސްކްރީންގެ ބޭރުގައި ހުރި ލޫނާ ހުރީ ބިރުން ރޫރޫ އަޅައަޅަ އެވެ. އޭނާގެ ސަބަބުން މަންމަގެ ހާލު އިތުރަށް ގޯސްވެދާނެތީ އޭނާ ވަކީން ދެރަވި އެވެ. 

ދޮންތީ އަވަހަށް އަންނާނެ ނަމައޭ ހިތަށް އަރައަރާ ހުއްޓާ ނަމާދުން ފައިބައިގެން ޔޫހާ އައިސް ވަނެވެ. ޔޫހާއާ ލޫނާ ހާސްވެފައި ތިއްބާ ޑޮކްޓަރ ނުކުމެފައި ގަދައަޅާ އެންގީ މަންމަ ގެ ކުރިމަތީގައި ރޮއެ ނެހެދުމަށެވެ. ޑޮކްޓަރ ދިޔައީ ހައިފާގެ ގަޔަށް ނިދާ އިންޖެކްޝަންއެއް ޖަހާފަ އެވެ. 

ޗެކަށް ފައިސާ ނެގުމަށް ފަހު ފައިސާ ބެހެއްޓީ ޝަރީފްބޭގެ އަތުގަ އެވެ. ފައިސާ ޑޮލަރަށް ހެދުމުގެ މަސައްކަތް ވެސް ކުރީ އޭނާ އެވެ. ޔޫހާއާ ލޫނާ ހީކުރި ވަރަށް ވުރެ ޝަރީފްބޭ ކަނތައް ކުރިލެއް ރަނގަޅެވެ.

މަންމަ ގޮވައިގެން އިންޑިއާ އަށް ދިއުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް އަވަހަށް ކުރަން ފަށައިފި އެވެ. ދެ އަންހެން ކުދީންނާ އެކު އެހީތެރި އަކަށް ދަނީ ޝަރީފްބޭ އެވެ. ޝަރީފްބޭގެ މޫޑު ރަނގަޅު ދުވަސް ކޮޅަކަށް ވީތީ ނަސީބެވެ. މަންމަ ގެންދަން ބޭނުން ވާވަރަށް ޖާގަ ލިބުނީ ދެދުވަސް ފަހަށެވެ. މިހާރު ހުރިހާ ކަމެއް ވަނީ ތައްޔާރު ވެ ނިމިފަ އެވެ. އާސަންދަގެ ކަންތައްތައްވެސް ހަމަޖައްސާ ހުރިހާ ކަމެއް ޝަރީފްބޭ ވަރަށް ރަނގަޅަށް ނިންމާލަދީފި އެވެ. ޝަރީފްބޭ ގާތުގައި ޔޫހާ ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް އޮތް ނަމަވެސް މިދަނޑިވަޅުގައި އިތުރު ވާހަކައެއް ނުދައްކަން ޔޫހާ ނިންމީ ޝަރީފްބޭގެ މޫޑު ގޯސް ވެދާނެތީ އެވެ. ހުރިހާ ކަމެއް ހަމަ ޖެހުމުން ޔޫހާ ވިސްނާލި އެވެ. ފުރައިގެން ދިއުމުގެ ކުރީން އޭނާ ކޮންމެހެން ކުރަން ބޭނުން ކަމެއް އެބަ އޮތެވެ. 

ރޭއްސުރެ ދާއިން ގެ ބޮލުގައި ރިއްސަނީ އެވެ. ބޭސް ކައިގެން ވެސް ލުޔެއް ނުވި އެވެ. ވާގޮތް އޭނާއަށް އެނގެއެވެ. މާ ބޮޑަށް ޔޫހާއާ ދޭތެރޭގައި ވިސްނެނީ އެވެ. އަބަދު އިނދެވެނީ ފޯނަށް ބަލާށެވެ. އެހެން ނޮޓިފިކޭޝަންއެއް އައިސްގެން ފޯނު ވައިބްރޭޓްވާ ކޮންމެ ފަހަރަކުވެސް ހިތްތެޅިލަ އެވެ. ޔޫހާ ގެ މެސެޖެއް ނަމަވެސް ލިބޭތޯ ފޯނަށް އަވަސް އަވަހަށް ބަލާލެވެ އެވެ. އިއްޔެއަށް ވުރެވެސް މިއަދު ފޫހި ދުވަހެކެވެ. އެނދުން ތެދުވާހިތް ވެސް ނުވެ އެވެ. ކޮޓަރީގެ ދެދޮރު ވެސް ތަޅުލައިގެން އެ އޮންނަނީ ކޮއްކޮއާ ވެސް ވާހަކަ ދައްކާ ހިތް ނެތިފަ އެވެ. ލޯމަރާލިއަސް އަދިވެސް ފެންނަނީ ޔޫހާ އެވެ. އެންމެ ބައްދަލު ވުމަކުން އޭނާއަށް ހާދަ ވަރެއް ވެއްޖެ އެވެ. އިރު ގަނޑަކު އެނދުގައި ފުރޮޅިލަ ފުރޮޅިލާ އޮއްވާ ފޯނު ރިންގް ވާން ފަށައިފި އެވެ. އާދައިގެ މަތީން ފޯނަށް ބަލާލެވުނީ ޔޫހާގެ ކޯލަކަށް ވޭތޯ ދުޢާ ކުރަމުން ނެވެ. ފޯނުގެ ސްކްރީން ފެނުމާއި އެކު ފުންމައިގެން ތެދުވެ އިށީނދެވުނެވެ. އަވަސް އަވަހަށް ދެލޮލުގައި އަތް އުނގުޅައި ގަނެވުނީ ލޮލުގެ މައްސަލައެއް ކަމަށް ހީވެ އެވެ. ފޯނު ނެގީ ބިރުން އިނދެ އެވެ. ބިލާހަކަށް ނުވެދާނެތީ އެވެ. 

" ހަލޯ!"
އެއީ ޔޫހާގެ ރީތި އަޑެވެ. 
" ޔޭސް؟" 
އެވަރުންވެސް ދާއިން މާ ނޫން ގޮތެއް ދައްކާލި އެވެ.
" ދާއިން...!"
ޔޫހާ ދާއިންގެ ނަން ކިޔާލި ވަގުތު ދާއިންގެ ގައިން ހީބިހި ނަގައިގެން ދިޔަ އެވެ. އެހާ ރީތިކޮށް ދާއިންގެ ނަން މީހަކު ކިޔާލި އަޑެއް ދުވަހަކުވެސް ނީވެ އެވެ. 
" މީޓް ކޮށްލެވިދާނެތަ؟"

ކޮމެންޓް 0