" ދާއިން....! ނާމީ ގައިގަ ހުރީ އޭ ނެގެޓިވް އޯ.... ނާމީ ލޭ ދޭނެ.... ދެޕޮއިންޓް ވެސް ދެވޭނެ!"
ލޫނާ ރޮއިގަންނަމުން ބާރަށް ގޮވާލި އެވެ. 

ނާމީގެ މޫނުމަތީގައި ހީވީ އެއްޗަކުން ޖެހިހެންނެވެ. ލޫނާ އެފަދަ ކަމެއް ކޮށްފާނެއެކޭ އޭނާގެ ހިތަށްވެސް ނާރަ އެވެ. ބޭރަށް ދާން ހިނގައިގެން މީހާއަށް ދާނެ ދިމާއެއް ނޭގިފައި ހުރެވުނެވެ. އެންމެނަށް އެނގިއެނގި ހުއްޓާ ފާޅުގައި ދެކޮޅު ހަދާކަށް ނުކެރޭނެ އެވެ. ނާމީއަށް ލޫނާގެ އަތުން އަތް ދޫކޮށްލެވުނެވެ. ހިތުގައި ހިތްހަމަ ނުޖެހުން އުފެދިގެން ދިއައެވެ. ގަސްދުގައި ލޫނާ ނާމީ ބޭޒާރު ކޮށްލަން އުޅެނީހެން ހީވި އެވެ. 

ދާއިންގެ މޫނުމަތީން އުޖާލާކަން ފެނިގެން ދިއަ އެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް ނާމީއާއި ދިމާއަށް އަންނަން ފަށައިފި އެވެ. ނާމީގެ ހަށިގަނޑުގެ ތެރޭގައި ދިލަ ހޫނެއް އުފެދެމުން ދިއަ އެވެ. ހާސްވެގެން ގޮސް ހަދާނެ ގޮތް ހުސްވެއްޖެ އެވެ. މިއިން އެއްވެސް ކަމަކާއި ލޫނާ ވިސްނާހެނެއް ހިއެއް ނުވެއެވެ. އޭނާ އެއަށް ވުރެ ކަންބޮޑުވަނީ މާހިންއާއި ދޭތެރޭގަ އެވެ. އަދިވެސް ނާމީއަށް ވުރެ ބޮޑަށް ލޫނާއަށް ވިސްނެނީ މާހިންއާއި ދޭތެރޭގަ އެވެ. އެކަން ނާމީއަށް ޔަޤީން ވެއްޖެ އެވެ. ފަހަކަށް އައިސް ލޫނާގެ ހަރަކާތް ތައް ހުރި ގޮތުން ލޫނާ ގެ ހިތުން މާހިން މުޅީން ފިލައިގެން ހިނގައްޖެ ކަމަށް ނާމީއަށް ހީކުރެވުނެވެ. އެހެނަސް އެއީ ކުށް ހީއެއްކަން ނާމީއަށް މިއަދު ޔަޤީން ވެއްޖެ އެވެ. އެވަރަށް އެވާހަކަ ނުދައްކަން ނާމީ ލޫނާ ގާތުގައި އެދެމުން ދަނިކޮށް ލޫނާ ގަސްދުގައި ނާމީއާއި ދެކޮޅުވެއްޖެ އެވެ. މާހިން އަށް ހެވެއް ކޮށްދޭނަމޭ ހިތައެވެ. އެހެން ނަމަވެސް އެ ނިޔަތުގައި މާހިންއަށް ހަޤީޤަތުގައި އެދެވެނީ ކިހާ ބޮޑު ދެރައެއް ހެއްޔެވެ! އެކަން ލޫނާއަށް ހަމަ ނުވިސްނެނީ އެވެ. 

ދާއިން އެއައި ގޮތަށް އައިސް ނާމީގެ ކޮނޑުގައި ހިފެހެއްޓި އެވެ.
" ހިނގާ އަވަހަށް... ކީއްވެ ކުރީން ނުބުނީ....!"
ދާއިން އެހިއެވެ.
" އެއީ...އެއީ....!"
ނާމީ އެއްޗެއް ބުނަން މަސައްކަތް ކުރި އެވެ. 
އެވަގުތު ޖައުފަރު ވެސް އައިސް އަރާ ހަމަވެއްޖެ އެވެ. 
" ނަސީބެއްނު.... ކިހިނެއްވީ!... ކީއްވެ ކުރީން ނުބުނީ؟"
ޖައުފަރު އަވަސް އަވަހަށް ނާމީ ގޮވައިގެން ހިނގައި ގަންނަމުން ބުންޏެވެ. ނާމީ އަކަށް އެއްޗެއް ބުނާނެ ވަގުތެއް ނުލިބުނެވެ. ބަހަނާއެއް ދައްކާނެ ޖާގައެއް ނުލިބުނެވެ. ހަޤީޤަތަށް ބުނާކަށް ނުކެރުނެވެ. ލެބޯޓްރީ ތެރެއަށް ވެސް ނާމީއާއި އެކު ދާއިން އާއި ޖައުފަރު ވަނެވެ. ކްރޮސްމެޗް ކޮށް ނިމެންދެންވެސް އެމީހުން ތިބީ ނާމީ ކައިރީގަ އެވެ. މާހިންގެ ގަޔަށް އެޅޭ ފަދަ ލެއަކަށް ނާމީގެ ލޭ ވޭތޯ ދުޢާ ކޮށްކޮށް ދާއިންއާއި ޖައުފަރު ތިބި އިރު ނާމީ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

ކޮންމެ ވަގުތަކުވެސް އެ ޚަބަރު އެންމެނަށް ލިބިދާނެ އެވެ. ނާމީ ޔަޤީން ކުރާ ގޮތުގައި މީހެއްގެ ގައިން އެހެން މީހެއްގެ ގަޔަށް ލޭ އެޅުމުގެ ކުރީން ވަކި ބަލި ތަކަކަށް ޓެސްޓު ކުރާނެ އެވެ. މިފަހަރު އޭނާ ބޭޒާރު ވާނެ އެވެ.
ކަންތައްތައް ވެގެން ދިއައި ހީވެސް ނުކުރާހާ ހަލުވި ސްޕީޑެއްގަ އެވެ. ކުއްލިއަކަށް ފެނުނީ ދެ ނަރުސް ކުއްޖަކު އައިސް ނާމީ ތައްޔާރު ކުރަން ފެށިތަނެވެ. އޭނާގެ ގައިން ލޭ ނަގަން ތައްޔާރު ވަނީ އެވެ.
ސުވާލެއް ނުކުރިއަސް ދާއިން އަށާއި ޖައުފަރަށް އެނގިއްޖެ އެވެ. ނާމީގެ ލޭ މާހިންގެ ގަޔަށް އެޅެއެވެ. އަލްހަމްދު ﷲ އެވެ! 

ލެބޯޓްރީގެ ޕްރޮސީޖަރ ރޫމަށްވެސް ނާމީއާއި އެކުގައި ދާއިން އާއި ޖައުފަރު ވަނެވެ. ނަރުސް ކުއްޖާ ނާމީ އެދުގައި ބާއްވާލި އެވެ. އެއްވެސް ގަދައެއް ހަދާކަށް ނާމީއަކަށް ނުކެރުނެވެ. އެހެން ނަމަވެސް އޭނާ އެކުއްޖާއާއި ސުވާލެއް ކޮށްލާނެ ފުރުސަތަކަށް ބަލަމުން ދިއަ އެވެ. ދާއިންއާއި ޖައުފަރު އެތަނުން ނުކުންނާނެ ނަމައޭ ކިތަންމެ ވަރަކަށް ވެސް ހިތަށް އަރަމުން ދިއައެވެ. 

އިރުއިރު ކޮޅުން ޑޮކްޓަރުން ވެސް އެރޫމަށް އާދެ އެވެ. ނާމީގެ ހާލު ބަލާކަށް ނޫނެވެ. އެއަގުބޮޑު ލޭގެ ހާލަތެއް ބަލާށެވެ. އެންމެންވެސް ފެންނަނީ ވަރަށް އަވަސް އަރުވާލާފައި އުޅެނިކޮށެވެ. މާހިންގެ އޮޕަރޭޝަނަށްޓަކައި އެތަންމިތަނުގައި ތައްޔާރީ ތައް ވަމުން ދިއަ އެވެ. ހީވަނީ އެ ބިޒީ ހޮސްޕިޓަލްގައި ސަމާލުކަން ދޭން ޖެހޭ މީހަކީ ހަމައެކަނި މާހިން ހެންނެވެ. ވާނީވެސް އެހެންނެވެ. ކޮންމެފަދަ ހަރަދެއް ކޮށްގެން ވެސް މާހިންގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުންނަށް އެ ހޮސްޕިޓަލްގެ މެނޭޖްމަންޓުން ވަނީ އަންގާފަ އެވެ. އެއީ ޖައުފަރު ގެ މަސައްކަތެވެ. އޭނާގެ އަތުގައި ވާހުރިހާ އެއްޗެއް ހުސް ކޮށްގެންވެސް މިއަދު އޭނާ މާހިން ސަލާމަތް ކުރަން ބޭނުމެވެ.

އެތެރެއަށް ވަދެގެން އައީ މާހިންގެ އޮޕަރޭޝަން ކުރާ ޑޮކްޓަރުންގެ ޓީމްގެ އެންމެ އިސްކޮށް ހުރި ޑޮކްޓަރ އެވެ. ފަހަރެއްގައި އަދިވެސް މާހިންއަށް ދެ ޕައިންޓަށް ވުރެ އިތުރަށްވެސް ލޭ ބޭނުން ވެދާނެ ކަމަށް ބުނެފައި އޭނާ އަވަސް އަވަހަށް އެތަނުން ދިއައީ އެވެ. އަނެއްކާވެސް ދާއިންއާއި ޖައުފަރުގެ ހާސްކަން އިތުރު ވިއެވެ. ނާމީގެ ގައިންވެސް ތިން ޕައިންޓެއް ނުނެގޭނެ ކަމަށް މޭލް ނަރސް ބުނުމުންނެވެ. ހާސްވި ވަރުން ދާއިން ބޭރަށް ނުކުތެވެ. ފަހަތުން ޖައުފަރުވެސް ނުކުތެވެ. ވަގުތުގެ ބޭނުން ހިފާފައި ކައިރީގައި ހުރި ފިރިހެން ނަރުހާއި ނާމީ ސުވާލު ކުރި އެވެ. ނާމީގެ ލޭ ޓެސްޓް ކުރިއިރު އިތުރު އެއްޗަކަށް ޓެސްޓު ކުރިތޯ ނާމީ އެހީ ބިރުން އޮވެ އެވެ. 

" ނޯނޯ.... އޮންލީ ކްރޮސްމެޗް.....!"
އެހެން ބުނެފައި އަވަސް އަވަހަށް ނަރުސް ދިއައީ އެވެ. ނާމީގެ ހާސްކަން އިތުރު ކުރުވަމުންނެވެ. ނާމީއަށް ހީވީ ރަނގަޅަށެވެ. އެމީހުން ނާމީގެ ގައިން ލޭ އެނަގަނީ ގައިންގަޔަށް އަރާ އެއްވެސް ބައްޔެއް ހުރިތޯ ޗެކްވެސް ނުކޮށެވެ. ފަރުވާ ކުޑައީ ބާއެވެ! ނޫނީ ހަނދާން ނެތުނީ ބާއެވެ! ނޫނީ އިތުބާރު ކުރީ ބާއެވެ! ދެން ހަދާނީ ކިހިނެއް ހެއްޔެވެ! އެމީހުނަށް ނޭގުނަސް ނާމީއަށް ނާމީގެ ހަޤީޤަތް އެނގެ އެވެ. އަލުން ޗެކްކޮށްލަން ބުނަން ވީއޭ ހިތަށް އަރައަރާ، ނުކެރިފައި އޮއްވާ ލޭ ނަގާ ނިމިއްޖެ އެވެ.

ނާމީ ބޭރަށް ނުކުތް އިރު ތަންކޮޅެއް ދުރުން އޮޕަރޭޝަން ތިއޭޓަރ ކުރިމަތީގައި އެންމެން ތިބިތަން ފެނުމުން މާހިން ތިއޭޓަރ އަށް ވެއްދީކަން އެނގުނެވެ. ޒިޔާދާއާއި މިމީވެސް އެކަކު އަނެކަކުގެ ގައިގައި ހިފަހައްޓާލައިގެން ގޮނޑީގައި އިށީނދެ ތިއްބެވެ. ލޫނާވެސް ހުރީ އެތަނުގަ އެވެ. ނާމީގެ ހާލު ބެލުމަށް ވުރެ އޭނާއަށް މިއަދު ބޮޑުވެފައި ވަނީ މާހިންގެ ހާލެވެ. އެނޫން އެހެން އެއްވެސް އެއްޗެއް ލޫނާ މިއަދު ހަނދާންވެސް ނެތެވެ. 

ނާމީ ލެބޯޓްރީން ބޭރަށް ހިނގައި ގަތެވެ. ހަށިގަނޑުގައި މަޑުތުރުތުރު ލުމެއް އުފެދިފައި ވަނީ ކޮން ސަބަބަކާއި ހެދި ކަމެއް ނޭގެ އެވެ. ލޭ ނަގަމުން ދިއައިރު ނަރުސް ކުދީން ކޮންމެސް ދިއާ އެއްޗެއް ބޯން ވެސް ދިނެވެ. އޭރަކު ހަށިގަނޑު އެހާ ވަރު ދެރައެއް ނޫނެވެ. މިހާރު ކުޑަވަރުބަލި ކަމެއް އެބަ އިޙުސާސް ކުރެވެ އެވެ. މާގިނައިން ލޭ ނެގުނީމައި ކަމަށް ވެސް ވެދާނެ އެވެ. ނޫނީ މާ ބޮޑަށް ހާސްވަނީ އެވެ. އެންމެ ކަންބޮޑުވީ ކަންތަކުން ސަލާމަތް ވެއްޖެ އެވެ. އެހެން ނަމަވެސް ނާމީ ބޭޒާރު ނުވެ ސަލާމަތް ވުމަކުން މިއަދަކު އޭނާ އަކަށް ހިތްހަމަ ޖެހުމެއް ނެތެވެ. މާހިންގެ ގަޔަށް ލޭ އެޅިއަސް އެކަން އިނގެން ދުވަސް ގަނޑެއް ނަގާނެ އެވެ. އެހެން ނަމަވެސް އެއީ ނާމީއަށް ހަމަ ޖެހިގެން ހުރެވޭނެ ސަބަބެއް ނޫނެވެ. އޭނާގެ ސަބަބުން މިހާރުވެސް އެވަނީ އަމިއްލަ ނަފްސަށް މަޢާފް ނުކުރެވޭ ވަރުގެ ގެއްލުމަކާއި ކުރިމަތި ވެފަ އެވެ. ލޫނާގެ ދިރިއުޅުން ހަލާކުވެ ލޫނާވެސް އެ ނުރައްކަލުގެ ތެރެއަށް ވައްޓާލެވުނު ކަމުގެ އިޙުސާސް އޭނާ އެންމެ ފަހުވަގުތާއި ހަމައަށްވެސް ކުރާނެ އެވެ. ދެން އިތުރަށް އެ އަނިޔާ އެހެން އިންސާނަކަށް ދޭކަށް އޭނާ ބޭނުމެއް ނޫނެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ! ހިޔާލާ ފިކުރުގެ ތެރެއަށް ގެއްލި، ހަދާފަ ނަހަދާނެ ގޮތެއް ނޭގިފައި ހުއްޓާ ވަގުތު ފާއިތު ވެގެން އެއޮއް ދަނީ އެވެ. ލޭ ނުދެވުނު ނަމަ ކިހާ ރަނގަޅު ހެއްޔެވެ! އެ ޤައުމަށް ނާދެވުނު ނަމަ ކިހާ ރަނގަޅު ވީސް ހެއްޔެވެ! ނާމީ އެދިން ލޭގެ ސަބަބުން މިއަދު މާހިން ސަލާމަތް ވެދާނެ އެވެ. އެހެން ނަމަވެސް އެއަށް ފަހު މާހިން އުޅޭނެ ހާލު ނާމީއަށް ވިސްނެ އެވެ. އެދުވަހަކުން އެންމެންވެސް ނާމީ ކުށްވެރި ކުރާނެ އެވެ. ނާމީއަށް ނަފްރަތު ކުރާނެ އެވެ. މާހިންވެސް ނާމީއަކަށް ދުވަހަކުވެސް މަޢާފެއް ނުކުރާނެ އެވެ. މިހާރު ނާމީ އެކުރާ ހިތާމަ އިނގޭނީ ނާމީ އަށެވެ. އެއަށް ވުރެ ބޮޑު ހިތާމައެއް އެއްވެސް އިންސާނަކު ނުކުރާނެ އެވެ. މަރު އައިސް ޖެހިއްޖެކަން ޔަޤީންވާ މީހާ މަރަށް އިންތިޒާރު ކުރާއިރު އެކުރާ އިޙުސާސް އިޙުސާސް ކޮށްލަން އެގޭނީވެސް އެހާލަތަށް އައުމުންނެވެ. އެބިރުވެރި ކަމުގެ ތެރޭގައި ހަލާކު ވަމުން ދިއުމަށް ވުރެ މިއަދުން މިއަދަށް ނިމިދިއުންވެސް މާހިންއަށް މާ ހެޔޮކަން ބޮޑެވެ. 

ނާމީގެ ފަހަތުން ބާރަށް ދުއްވާފައި އައި އިންސްޓްރަމަންޓްސް ޓްރޮލީގެ އަޑަށް ތިއޭޓަރ ދޮށުގައި ތިބި އެންމެންވެސް އެދިމާލަށް ބަލާލި އެވެ. ނާމީ ފެނުމުން ލޫނާ ނާމީއާއި ދިމާއަށް ހިނގައި ގަތެވެ. ނާމީގެ ހާސްކަން އިނގޭވަރަށް ވުރެ ބޮޑަށް ލޫނާ ވަނީ ހާސްވެފަ އެވެ. ނަރުސް ކުއްޖާ ލޭ ހިފައިގެން އަންނަކަން އެނގުމުން ދާއިން ހިތްހަމަ ޖެހުނު ނަމަވެސް އަދި ލޭދޭނެ އިތުރު މީހަކު ނުލިބިގެން އޭނާ އެނބުރެނީ އެވެ. އަމަންގެ ކުންފުނީގައި މަސައްކަތް ކުރާ ސާދަ މީހުން ޗެކް ކުރެވުނު އިރު އެކަކާވެސް ދިމައެއް ނުވި އެވެ. 

ނާމީގެ ފަހަތުން ޓްރޮލީ ހިފައިގެން ހިނގައިގެން ނަރުސް ކުއްޖާ ކުރިއަށް އަރައިގެން ދިއަ ވަގުތު އެ ޓްރޮލީ ތެރޭގައި ޕެކް ކޮށްފައިވާ ލޭ ޕަކެޓްތައް ނާމީގެ ލޮލުގައި އަޅައިގަތެވެ. އެވަގުތު އޭނާގެ ހަށިގަނޑުގެ ތެރޭން ނަގައިގެން ދިލަ ހޫނުން ކެތް ނުވާވަރުގެ އިޙުސާސެއް ކުރުވައިފި އެވެ. 

" ނަރސް! "
ނާމީ ބާރަށް ގޮވާލުމާއި އެކު އޭނާއާއި ދިމާއަށް ދުއްވައިގަތެވެ. އެންމެންގެ ކަޅިތައް އެދިމާއަށް އަމާޒުވެގެން ދިއައީ ޙައިރާން ކަމާއި އެކުގަ އެވެ. ނާމީ އެދިއަ ބާރު މިނުގައި އެދިއަ ގޮތަށް ގޮސް ޓްރޭތެރޭގައި އޮތް ލޭޕަކެޓް ޖަހައިގަތުމާއި އެކު ކޮރިޑޯގެ ކުޑަ ދޮރުން ބޭރަށް ހޫރާލި އެވެ. ލިބުނު ވަރުގަދަ ޝޮކާއި އެކުގައިވެސް ނަރުސް ކުއްޖާ ހުޝިއާރު ކަމާއި އެކު އަނެއް ލޭ ޕަކެޓް ނަގައިގެން ތިއޭޓަރ އާއި ދިމާއަށް ދުއްވައި ގަތެވެ. އެވަގުތު ނަރުސް ކުއްޖާގެ ފަހަތުން ދުއްވައިގެން ނާމީގެ ގައިގައި ލޫނާ ބާރަށް ބެއްދި އެވެ. 

" ނާމީ.....!"
ލޫނާއަށް ރޮއިގަނެވުނީ ބާރަށެވެ.
ކުޑަދޮރު ކައިރިއަށް ޖެހިގެން ގޮތަށް ހުއްޓުން އަރާފައި ދާއިންއަށް ހުރެވުނެވެ. ހޮސްޕިޓަލްގެ އަށާރަވަނަ ބުރީން އެއްލާލި ލޭ ޕަކެޓް ފަޅައިގެން ގޮސް ލޭތައް ބުރައިގެން ގޮސްފައިވާ މަންޒަރު އެހާ ދުރުން ކިތަންމެ ކުޑަކޮށް ފެނުނު ނަމަވެސް އޭނާއަށް ކޮށްފައިވާ އަސަރު ވަރުގަދަ އެވެ. މިވަގުތު ކޮއްކޮގެ ފުރާނައަށްޓަކައި އެންމެ އަގުބޮޑު އެތި ނާމީ ގަސްދުގައި އެ ފުނޑުފުނޑު ކޮށްލީ އެވެ. 

ކުއްލިއަކަށް އެނބުރި ދާއިން ނާމީއަށް ބަލާލި އެވެ. ނޭވާ އަވަސްވެފައިވާ ދާއިންގެ ދެލޮލުން ނަފްރަތުގެ އަސަރު ފެންނަމުން ދިއައިރު އެދެލޮލުން އޮހޮރެމުން ދިއަ ހޫނު ކަރުނަތައް އޭނާއަށް ކޮށްފައިވާ ބަޔާން ކުރަން ދަތި އަސަރުތައް ހާމަ ކޮށްދެ އެވެ. ދެލޯ ބޮޑުވެ ގޮތް ހުސްވެފައިވާ އެންމެންގެ މޫނުތައް ކައިރީން ފެނުނު ވަގުތު ދާއިންގެ ލޭ ހޫނު ވެގެން ދިއައެވެ. ދާއިން، ނާމީއާއި ދިމާއަށް ބާރަށް ހިނގައިގަތެވެ. އޭނާ އެދިއަ ބާރު މިނުގައި ގޮސް ގައިގައި ހުރި ބާރެއްލާ ނާމީގެ ކޯމަތީގައި ހޫނު އެތިފަހަރެއް އަޅާލި އެވެ.

" ބާސްޓަރޑް!..... ކަލޭ ބޭނުންވަނީ މާހިން މަރާލަން ދޯ!"
ދާއިން ޖެހިލެއް ބާރު ކަމުން ނާމީގެ ދެލޮލުންވެސް ކަނި ބުރައިގެން ދިއައެވެ.
" ލޫނާ ބުނެގެން ކަލެއަށް މަޖުބޫރުވީ ލޭދޭން..... ފުރަތަމަވެސް ކަލޭ އުޅުނީ ލޭ ނުދީ ފިލަން..... އަހަންނަށް އެކަން އޭރުވެސް ފާހަގަވި.... ކަލޭ ބޭނުމެއް ނުވޭ...."
" އަނ.....!"
ދާއިންގެ ވާހަކަ ފުރިހަމަ ނުވަނިސް ނާމީ ބާރަށް ހަޅޭއްލަވައި ގަތެވެ.
" އަނ....! އަހަރެން ބޭނުމެއް ނޫން ލޭދޭކަށް...!"
އެންމެ ފަހުން ނާމީ އަކަށް ވެސް ކޮންޓްރޯލެއް ނުވި އެވެ. ކުރެވެމުން ދިއަ ގިނަ އިޙުސާސް ތަކެއްގެ ސަބަބުން އޭނާއަށް ވަނީ ކެތްނުވާ ވަރުވެފަ އެވެ. ނާމީގެ އަޑު އިވުމުން އެންމެނަށް ވެސް ލިބުނީ ޝޮކެކެވެ. އެ ހަޅޭކުގެ އަޑަށް ދުރުގައި ތިބި މީހުންވެސް އެދިމާއަށް ހިނގައި ގަތެވެ. ލެބޯޓްރީންވެސް މުއައްޒަފުން ނުކުތެވެ. 

" އަނ.... އަހަރެންގެ ގައިން މާހިންގެ ގަޔަށް ލޭ އަޅާކަށް އަހަރެން ބޭނުމެއްނޫން.....! އެމީހުން ކައިރީ ބުނޭ.... އަވަހަށް ބުނޭ.... އެލޭ މާހިންގެ ގަޔަށް ނާޅައްޗޭ.... !"
ތިއޭޓަރާއި ދިމާއަށް އިޝާރާތް ކޮށް އެހެން ބުނިއިރު ނާމީގެ ދެލޮލުން ކޮންޓްރޯލެއް ނެތި ކަރުނަ އޮހޮރެމުން ދިއަ އެވެ. ނާމީގެ އެ ސީރިއަސް ކަން ފެނިފައި އެންމެނަށްމެ ސަމާލު ވެވުނެވެ. 

" އަވަހަށް ގޮސް ބުނޭ މާހިންގެ ގަޔަށް އެލޭ ނާޅައްޗޭ މާހިންގެ ފުރާނަ ސަލާމަތް ކުރަން ބޭނުމިއްޔާ....!"
އެއަޑު އިވިފައި އެންމެންގެ ޙައިރާންކަން އިތުރު ވެގެން ދިއަ އެވެ. ދާއިން ހުރީ ގުޑިލަން ވެސް ނޭގިފަ އެވެ. ނާމީގެ މަޤްސަދެއް އަދިވެސް ދާއިން އަކަށް ނޭގެ އެވެ. އޭނާ އެކިޔާ އެއްޗެއް އަދިވެސް ނުވިސްނެ އެވެ.
" ބުނެބަލާ.....! އަވަސް ކުރާށޭ!"
ނާމީ ހަޅޭއްލަވައިގަންނަމުން ދާއިންގެ މޭގައި ދެއަތް އަޅާ ފަހަތައް ކޮއްޕާލި އެވެ. 
" އަހަރެންނަކީ އެޗް އައި ވީ ޕްސިޓިވް މީހެކޭ.....!

ކޮމެންޓް 0