" ދެން ކޮއްކޮއާ އިންނާނެ މީހަކަ ވެސް ނުވާނެ! އޭނަގެ މުޅި ދިރިއުޅުން ހަލާކުވީ!"
ނާމީ ހުރީ ޔޫހާ އާއި ހަތަރު ކަޅި ހަމަކޮށްލަން ވެސް ނުކެރިފަ އެވެ. ހަޔާތުގައި ގިނަ ނުބައި ކަންތަކަކަށް އަރައި ގަނެވިފައި ވީއިރުވެސް މިވަރަށް ކުށް އިޙުސާސް ކުރެވުނު ދުވަހަކާއި ކުރިމައްޗެއް ނުވެ އެވެ. 
ޔޫހާ އެތަނުގައި މަޑުކުރާކަށް ބޭނުމެއް ނުވި އެވެ. ނާމީ ފެންނަ ހިސާބަށް ވެސް ދާން މިހާރު އޭނާ ނުރުހެ އެވެ. އޭނާގެ އާއިލާއަށް ޓަކައި ކިތަންމެ ހެޔޮ ކަމެއް ކޮށްދީފައި ވިއަސް ނާމީ އެކުރި ކުށަކީ އެއިން އެއްވެސް ހެޔޮ ކަމެއް ބަލައި ނުގަނެވޭ ފަދަ ބޮޑު ކުށެކެވެ. ނާމީގެ ސަބަބުން ކޮއްކޮގެ ދިރި އުޅުން ހަލާކު ވީއެވެ. އެނުބައި ހަޑި ހުތުރު، ފަކުރު ޝަމްސުގެ ޝިކާރައަކަށް ވުމަށްވުރެ ބިރުވެރި، ދެރަ، ކަމެއް އެއްވެސް އަންހެނެއްގެ ހަޔާތަކަށް މެދުވެރިއެއް ނުވާނެ އެވެ. ޔޫހާއަށް ވުރެ ބޮޑަށް އެކަން އިނގޭނެ މީހަކު ނުހުންނާނެ އެވެ. އެވަގުތު ކޮއްކޮއަށް ކުރެވޭނެ އިޙުސާސް ޔޫހާއަށް ރަނގަޅަށް އިނގެ އެވެ. ކޮއްކޮއަކީ ޔޫހާ ހާ ހިތްވަރު ގަދަ ކުއްޖެއް ނޫނެވެ. ކުޑަ ކުއްޖެކެވެ. ކޮއްކޮއަކީ ދުނިޔޭގެ ކެހިވެރި ކަމަށް ލޯ ހުޅުވިފައި ނުވާ މަޢުޞޫމް ފުރާނަ އެކެވެ. އެހާދިސާގެ ސަބަބުން ކޮއްކޮގެ ހަށިގަނޑަށް ކިތަންމެ ބޮޑު ގެއްލުމެއް ވިއަސް އެއަށް ވުރެވެސް ބޮޑު ގެއްލުމެއް ވެފައި ވާނީ އޭނާގެ ސިކުނޑިއަށް ކަން ޔޫހާއަށް އެނގެއެވެ. 
" އެކްސް ކިއުޒް މީ!"
އެއީ އިންސްޕެކްޓަރ ގޯޕާލް ގެ އަޑެވެ. އެނބުރި ބަލާލިއިރު ގޯޕާލްގެ ކައިރީގައި ޑޮކްޓަރެއް ހެން ހީވާ މީހަކު ހުއްޓެވެ. އެމީހުން އެއުޅެނީ ޔޫހާއާއި ވާހަކަ ދައްކަން ބޭނުން ވެގެން ނެވެ. ކޮއްކޮގެ ހާލަތު ކިޔައިދޭން ބޭނުން ވެގެން ނެވެ. ދުރުގައި ހުރި ނާމީވެސް ހުރީ އެ އަޑު އަހަން ބޭނުން ވެފަ އެވެ. އެހެން ނަމަވެސް ކައިރިއަށް ޖެހިލަން ވެސް ނުކެރުނެވެ.
ޑޮކްޓަރ ބުނި ގޮތުގައި ކޮއްކޮ ހޭ އަރައިފި އެވެ. އެހެން ނަމަވެސް ކޮއްކޮގެ ހާލަތު މާ ރަނަގަޅެއް ނޫނެވެ.
ކޮއްކޮއަށް ވަނީ ނަފްސާނީ ގޮތުން އަސަރު ކޮށްފަ އެވެ. ޔޫހާއަށް ހީވީ ހަމަ ރަނަގަޅަށެވެ. 
ކޮއްކޮއާއި ބައްދަލު ކުރުމުގެ ފުރުސަތު ޔޫހާއަށް ލިބުނެވެ. ލޯ މަރާލައިގެން އޮތް ލޫނާ ފެނުމުން ޔޫހާއަށް ރޮވުނެވެ. އިރުކޮޅަކު ދުރުގައި އޭނާ މަޑުކޮށްލަން ޖެހުނީ އިޙުސާސްތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރުމަށްޓަކަ އެވެ. އޭނާގެ ސަބަބުން ކޮއްކޮގެ ހާލަތު އިތުރަށް ގޯސް ވާކަށް އޭނާ ނޭދެ އެވެ.
ޔޫހާގެ ދިރި އުޅުމުގައި ދިމާވި ބަނަ ދުވަސް ތަކަށް ފަހު ސާފް ދުވަހަކަށް ކިރިޔާ އަލިވިލުނު ކަމެއް ނޭގެ އެވެ، ކުރިއަށް ވުރެ ބޮޑު ކޮޅިގަނޑެއް ލައިގަތީ އެވެ. މި ކޮޅިގަނޑުގެ އަސަރުގައި ހަލާކު ވެގެން ދާނީ ކިތައް މީހުން ކަމެއް ނޭގެ އެވެ. ހަޤީޤަތް މަންމަ އަށް އެނގިއްޖެ ނަމަ ވާނީ ކީއްބާ އެވެ! ހަމަ ޔަޤީނުންވެސް މަންމަ އަކަށް ކެތެއް ނުކުރެވޭނެ އެވެ. ހިތާމައިގެ މައްޗަށް ހިތާމަ އެވެ. މިފަދަ ވަގުތު ތަކުގައި އެހީތެރިވާން، ލަފައެއް ދޭން ބައްޕަ ހުރިނަމަ ޔޫހާ ގެ ސިކުނޑިއަށް ތަންކޮޅެއް ލުއި ވީހެވެ! ނޫނެކެވެ! ބައްޕައަށް އެ ޚަބަރު ލިބިއްޖެ ނަމަ ކެތެއް ނުވާނެ އެވެ. ކޮއްކޮ އަކީ ބައްޕަގެ ކުޑަކުޑަ ބޭބީ އެވެ. ބައްޕަ ވަކިވެގެން ދަންދެން ވެސް ބައްޕަ ގެ ބުރަކަށި ދަށުގައި ނިންދަވައިގެން ގެންގުޅުނު ތުއްތު ތުއްތު ދަރިފުޅެވެ. ކުއްލިއަކަށް އެގޮތަށް ކޮއްކޮ ބޮޑުވާން ޖެހުނު ކަން އެނގިއްޖެ ނަމަ ބައްޕަގެ ހިތް ފަޅައިގެން ދާނެ އެވެ. 
ތާފާތު އެކި އަސަރުގެ ސަބަބުން ޔޫހާގެ ކަރުނަތައް ކޮންޓުރޯލު ކުރެވޭ ގޮތެއް ނުވި އެވެ. މިވަގުތު ދާއިން ހުރި ނަމަ ކިހާ ރަނަގަޅު ހެއްޔެވެ! ނޫނެކެވެ! ކޮއްކޮގެ އެހާލަތު އެއްވެސް އެހެން ދިވެއްސަކަށް އަންގާކަށް ޔޫހާ ބޭނުމެއް ނޫނެވެ. ކޮއްކޮ އަކީ ބޭކާރު މީހެއްގެ ގޮތުގައި އެއްވެސް މީހަކު ދެކޭކަށް ޔޫހާ ނޭދެ އެވެ. ކޮއްކޮއަށް ދިމާވި ހާލަތު ޔޫހާ ސިއްރު ކުރާނެ އެވެ. އަދި ކޮއްކޮއަށް އުފާވެރި ދިރިއުޅުމެއް ހޯދާދޭން މަސައްކަތް ކުރުމަކީ ދެން ޔޫހާ ގެ ދިރި އުޅުމުގެ ހަމަ އެކަނި މަޤްސަދު ކަމުގައި ވާނެ އެވެ. އެކަން ކުރެވޭނީ ވަރަށް ހިތްވަރު ގަދަ ވެގެން ނެވެ. ޔޫހާ އަވަސް އަވަހަށް ދެލޯ ފޮހެލި އެވެ. ވެދިޔަ ކަންތަކަކީ ނުވާ ކަމަކަށް ހެދުން ނޫން ގޮތެއް ދެން ނެތެވެ.
ޔޫހާ މަޑުމަޑުން ކުރިއަށް ޖެހިލާ ކޮއްކޮގެ ގާތަށް ހުއްޓުނެވެ. ލޯ މަރާލައިގެން އޮތް ނަމަވެސް ލޫނާ އޮތީ ނިދާފައެއް ނޫނެވެ. މީހެއްގެ ހިލަން ވުމުން އޭނާ ލޯ ހުޅުވާލި އެވެ. ލޫނާ ހަތަރު ކަޅި ހަމަކޮށް ޔޫހާއަށް ބަލައިލި ވަގުތު ޔޫހާގެ ހިތް އަނެއްކާވެސް ރޮއްވާލައިފި އެވެ. އެހެން ނަމަވެސް އޭނާ ކޮންޓްރޯލް ކުރަން މަސައްކަތް ކުރި އެވެ. އެކަން ކުރަން ދައްޗެއް ވެސް ނުވި އެވެ. ކޮއްކޮގެ ހަރަކާތް ތައް ހުރި ގޮތުން ނެވެ. ކޮއްކޮގެ ލޮލުގައި ކަރުނައިގެ އަސަރެއް ނެތެވެ. އޭނާ ހަމަ އެއޮތް ގޮތަށް ޔޫހާއަށް ބަލަން އޮތީ އެވެ. ކަޅިވެސް ޖަހާ ނުލަ އެވެ. އެދެލޮލުގައި ހިތާމައިގެ އަސަރެއްވެސް ނެތެވެ. މާނައެއް ނެތް ގޮތަކަށް ޔޫހާއާއި ދިމާއަށް ބަލަހައްޓައިގެން ލޫނާ އޮންނަން ފެށުމުން ޔޫހާ ކަންބޮޑު ވިއެވެ.
" ކޮއްކޯ!"
ޔޫހާ މަޑުމަޑުން ލޫނާގެ އަތުގައި އަތް ޖައްސާލި އެވެ. ލޫނާ ކަންތައްކުރީ ޙައިރާން ވާފަދަ ގޮތަކަށެވެ. ލޫނާގެ އަތް ދުރަށް ޖައްސާލީ އެވެ. ފަރުވާ ކުޑަ ގޮތަކަށެވެ. ޔޫހާ އުއްމީދު ކޮށްގެން ހުރީ ކޮއްކޮއަށް ޔޫހާ ފެނުމުން ބައްދައި ގަތުމަށެވެ. އަދި ޝަކުވާ ކުރަމުން ގިސްލާ ރޯލުމަށެވެ. އެހެން ނަމަވެސް އެކަހަލަ އެއްވެސް ކަމެއް ނެތެވެ. ޔޫހާ އިރުކޮޅަކު ހުރެފައި އަނެއްކާވެސް ކައިރިއަށް ޖެހިލައި ލޫނާއާއި ދިމާއަށް ގުދުވެލި އެވެ. އޭރު ލޫނާ އޮތީ ދުރު ބަލާށެވެ.
" ކޮއްކޯ!"
ކޮއްކޮއާއި ވާހަކަ ދެއްކޭތޯ ޔޫހާ މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް ލޫނާ ހަމަ ބަލައިވެސް ނުލާ އޮތީ އެވެ. ޔޫހާ ލޫނާގެ ދަތްދޮޅީގައި ހިފައި އޭނާއާއި ދިމާއަށް އަނބުރާލީ ލޯތްބާއި އެކުގަ އެވެ. ޔޫހާގެ ދެލޮލަށް ބަލަން ލޫނާ އޮތް ގޮތުން ޔޫހާ ކަންބޮޑުވި އެވެ. އެދެލޮލުގައި ވަނީ ޙައިރާން ކަމެވެ. ހީވަނީ ނުދަންނަ މީހަކާއި ދިމާއަށް ބަލަން އޮތް ހެންނެވެ.
" ކޮއްކޯ! ދޮންތީއާ ވާހަކަ ދައްކަބަލަ!"
ހަރަކާތެއް ނެތި ހަމަ އެއޮތް ގޮތަށް ޔޫހާއާއި ދިމާއަށް ބަލަން ލޫނާ އޮތީ އެވެ. ޔޫހާގެ ހިތުގައި ބިރުވެރިކަން އުފެދިގެން ދިއައީ އެހާ ހިސާބުންނެވެ. ނަފްސާނީ ގޮތުން ލިބުނު ގެއްލުމުގައި ކޮއްކޮއަށް ވަނީ ޙައިރާން ވާފަދަ އަސަރެއް ކޮށްފަ އެވެ. 
" ކޮއްކޯ!"
ޔޫހާ ގުދުވެލައި ކޮއްކޮގެ ނިއްކުރީގައި ބޮސްދިނީ ނުރޯން މަސައްކަތް ކުރަމުން ނެވެ. އެވަރުންވެސް ލޫނާއަކަށް ހަމަ އެއްވެސް އަސަރެއް ނުކުރެ އެވެ. އިރުކޮޅެއް ވަންދެން ކޮއްކޮގެ ގައިގެ އެތަން މިތަނުގައި ފިރުމުމުން ވެސް ކޮއްކޮގެ އެއްވެސް އަޅާލުމެއް ނެތުމުން ކޮއްކޮގެ ސީރިއަސް މައްސަލައެއް އުޅޭކަން ޔޫހާއަށް ޔަޤީން ވިއެވެ. ޔޫހާއާއި ޑޮކްޓަރ ވާހަކަ ދެއްކި އިރު ބުނެފައި ވަނީ ނަފްސާނީ ގޮތުން އަސަރު ކޮށްފައިވާ ވާހަކަ އެވެ. އެހެން ނަމަވެސް ކަމުގެ ބޮޑު ކުޑަމިން ޔޫހާއަށް ތަސައްވުރު ވެސް ނުކުރެވުނެވެ. 
ޔޫހާ ޑޮކްޓަރ އާއި ބައްދަލު ކުރުމުން ޑޮކްޓަރ ބުނީ ލޫނާ ވަނީ " ކޮންވަރޝަން ޑިސްއޯޑަރ " ކިއާ ހާލަތަކާއި ކުރިމަތި ވެފައި ކަމަށެވެ. އެހާލަތަކީ ބިރުވެރި ނުވަތަ ހިތާމަވެރި ހާދިސާއެއްގެ ސަބަބުން ދިމާވާ ހާލަތެއް ކަމަށެވެ. އަދި އެ ހާލަތުގެ "ސީރިއަސް" ކަން އެކި މީހުންނަށް ދިމާވަނީ އެކި ވަރަށެވެ. ލޫނާގެ ހާލަތު އަދި ރަނގަޅަށް ނޭނގޭ ކަމަށް ޑޮކްޓަރ ބުންޏެވެ.
އެނދުގެ ވަށައިގެން ދަމާފައިވާ ސްކްރީންގެ ބިއްދޮށުގައި މަޑުކޮށްލައިގެން ހުރެ ނާމީ ލޫނާއާއި ދިމާއަށް ބަލަމުން ދިއައީ ސިއްރުންނެވެ. ލޫނާގެ ކުރިމައްޗަށް ދާހާ ހިތްވަރެއް މިއަދަކު އޭނާ އަކަށް ނުލިބުނެވެ. ފެންނަ ފެނުމަށް ލޫނާ އަށް މާ ބޮޑު ގެއްލުމެއް ވެފައި ވާހެނެއް ހިއެއް ނުވެ އެވެ. މާގިނަ ހޮޅިއެއްވެސް ގުޅާފައެއް ނެތެވެ. އައިވީ އެއް އެކަންޏެވެ. އެހެނަސް ލޫނާއަށް ނަފްސާނީ ގޮތުން އަސަރު ކޮށްފައިވާ ކަމަށް ޑޮކްޓަރ ބުނި އަޑު ނާމީއަށް ވެސް އިވުނެވެ. ދުޢާ އަކީ އެއީ މާ ބޮޑު ކަމަކަށް ނުވެ އެކަމުން އަވަހަށް ސަލާމަތް ކުރެއްވުމެވެ. ލޫނާގެ މަޢުޞޫމް މޫނު ފެނުމުން ނާމީގެ ހިތުގައި އިތުރު ހިތް ދަތި ކަމެއް އުފެދިގެން ދިއަ އެވެ. އިއްޔެއާއި ހަމައަށް އޭނާ އަކީ ތޯހިރު އަންހެން ކުއްޖެކެވެ. ކޮންމެ ފިރިހެނެއްގެ ވެސް ހަޔާތުގެ ބައިވެރިއަކަށް އެދޭ ފަދަ ރީތި، އަހުލާޤު ރަނގަޅު މާތް އަންހެން ކުއްޖެކެވެ. ލޮބުވެތި، އޯގާތެރި ކުއްޖެކެވެ. އެހެން ނަމަވެސް މިހާރު އޭނާއާއި ދޭތެރޭގައި މީހުން ދެކޭ ގޮތް ތަފާތު ވާނެ އެވެ. އޭނާއާއި ކައިވެނި ކުރަން ބޭނުންވާ މީހަކު މަދު ވާނެ އެވެ. އޭނާއަކީ ތޯހިރު އަންހެނެއް ކަމަށް ޤަބޫލު ނުކުރާ މީހުން ގިނަ ވާނެ އެވެ. ކުށެއްނެތް މަޢުޞޫމް އަންހެން ކުއްޖެއްގެ ހަޔާތް ބަރުބާދު ވެގެން އެ ދިއައީ އޭނާގެ ސަބަބުންނެވެ. ނާމީއަށް އިސް ޖަހާލެވުނީ ބޭއިޚުތިއާރު ގައެވެ. އޭނާއަކަށް ހެދޭނެ ގޮތެއް ނެތެވެ. ފައިސާގެ ނުފޫޒުން ވެދިއަތަން އަނބުރާ ގެނެވޭނެ ނަމަ އޭނާ އެކަން ކުރާނެ އެވެ. 
ކައިރިން ވަދެގެން ދިއަ ދެ ނަރުސް ކުދީންނަށް ބަލަން ދުރުގައި ނާމީ ހުއްޓެވެ. ނަރުހުން ލޫނާ ކައިރިއަށް ގޮސް ލޫނާ އެނދުން ނަގަން މަސައްކަތް ކުރި އެވެ. ހީވާ ގޮތުން އެއުޅެނީ ލޫނާ ފާޚާނާއަށް ގެންދާށެވެ. އެކުދީން ލޫނާ އެނދުން ނަގާ ކޮޅަށް ބެހެއްޓި އެވެ. އެހެން ނަމަވެސް އެކުދީން ލޫނާގެ ގައިން އަތް ދޫކޮށްލުމާއި އެކު ލޫނާ އަރި އަޅާލީ އެވެ. ނަރުހުން ސަމާލުވެގެން ނެތްނަމަ ލޫނާ ވެއްޓުނީހެވެ. އަނެއްކާވެސް އެކުދީން ލޫނާ އަށް އެހީތެރި ވަމުން ކުރިއަށް ފިޔަވަޅެއް އަޅުވަން މަސައްކަތް ކުރި އެވެ. ނާމީގެ ހިތް ބާރަށް ތެޅެމުން ދިއަ އެވެ. ހިތުގައި އުފެދުނު ބިރުވެރި ކަމެއްގެ ސަބަބުންނެވެ. ނަރުސް ކުދީން ކޮންމެވެސް އެއްޗެއް ޓެސްޓް ކުރަނީ އެވެ. ލޫނާގެ ސިއްހީ ހާލަތު ރަނގަޅަށް ޗެކް ކުރަނީ އެވެ. ދެކުދީން ވެގެން ލޫނާ ހިންގަން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. ލޫނާ އަކަށް އެންމެ ފިޔަވަޅެއްވެސް ކުރިއަކަށް ނުނެގުނެވެ. އެންމެ ފަހުން އެކުދީން އަނެއްކާވެސް ލޫނާ އެނދުގައި ބާއްވައިފި އެވެ.
ނާމީގެ ލޮލުގެ ތެރެއަށް ކަރުނަ ތިކިތައް ގިނަވެގެން ދިއައީ ނޭނގި ހުއްޓަ އެވެ. ބަލާބެލުމަށް ލޫނާއަށް ގެއްލުމެއް ވެފައި ނުވި ނަމަވެސް އޭނާއަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ވެފައިކަން ކަށަވަރެވެ. ނަރުސް ކުދީން ނުކުމެގެން ދިއުމުން ނާމީ މަޑުމަޑުން އެތެރެއަށް ހިނގައި ގަތެވެ އެވެ. ލޫނާގެ އެނދާއި ދިމާ އަށެވެ. އޭނާ އަށް ދުރުގައި ކެތް ނުވީ އެވެ. މަޑުމަޑުން ގޮސް ލޫނާގެ އެނދު ކައިރިއަށް ހުއްޓިލިއިރު ލޫނާ އޮތީ ނާމީ އާއި ދިމާއަށް ބަލަހައްޓައި ގެންނެވެ. ނާމީ ހީކުރީ އޭނާ ފެނުމުން ލޫނާ އަށް ބަދަލެއް އަންނާނެ ކަމަށެވެ. އެހެން ނަމަވެސް ހަމަ އެއްވެސް ބަދަލެއް ނާދެ އެވެ. ބަލަހައްޓައިގެން އެއޮތް ގޮތަށް އޮތީ އެވެ. ހީވަނީ އެއްޗެއް ވަކި ނުވާ ކުޑަ ކުއްޖެއް ހެންނެވެ. 
ނާމީ ލޫނާގެ އެނދުގެ މަގަތުގައި އިށީދެލަމުން ހިނިތުން ވެލީ ލޯތްބާއި އެކު އެވެ.
" ލޫނާ!"
ލޫނާގެ މަޑުމަޑު އަތްތިލައިގައި ހިފަހައްޓާލި އިރު ނާމީގެ އިނގިލި ތަކުގައި ވަނީ ތުރުތުރު ލުމެކެވެ. ހަށިގަނޑުގެ ތެރެއަށް ވެރިވެގެން ދިއައީ ކުރީން އިޙުސާސް ނުކުރެވޭ ފަދަ އަސަރެކެވެ. 
އިސްޖަހާލަމުން ނާމީ ތިރީ ތުންފަތުގައި ދަތް އަޅާލި އެވެ. މިވަގުތު އޭނާއަށް ކުރަމުން އެދާ އަސަރު ތަކުގެ މާނަ ޚުދު އޭނާއަށް ވެސް ނޭގެ އެވެ. ލޫނާ އޮތީ ނާމީގެ ހަރަކާތްތަކަށް ބަލާށެވެ. އިރުކޮޅެއް ވަންދެން އިސް ޖަހައިގެން އިނދެފައި ނާމީ އިސް އުފުލާލީ އެ ދެލޮލަށް ގިނަވި ކަރުނަތައް ލޮލުގެ ތެރެއަށް ހިންދާލުމަށް ފަހުގަ އެވެ. އޭރު ލޫނާ އޮތީ ސީދާ ނާމީގެ މޫނަށް ބަލާށެވެ. ލޫނާގެ އެ ތޫނު ދެލޮލުގެ ރީތިކަން ނާމީއަށް އިޙުސާސް ކުރެވުނީ އަލަށެވެ. އެ ބަރު އެސްފިޔަތަކާއި ސާފް ދެލޮލުގައި އެވާ އަސަރުތައް ނާމީއަށް ކުރީން ފާހަގަ ނުކުރެވުނީ ކީއްވެ ބާއެވެ! އެދެލޮލުގެ ތެރެއަށް ނާމީއަށް ފީނައިގަނެވުނީ ކޮން މަޤްސަދެއްގައި ކަމެއް ނޭނގެ އެވެ. އޭނާއަށްޓަކައި އެ ދެލޮލުން ލޯބީގެ ހުޅުކޮޅެއް ފެނިދާނެ ކަމުގެ އުއްމީދު އޭނާއަށް ކުރެވެންވީ ކީއްވެ ހެއްޔެވެ!
ލޫނާގެ އެ މާނައެއް ނެތް ބެލުމުގެ ނިވަލުގައި ސިއްރު ވެފައިވާ އެއްވެސް އަސަރެއް ނެތް ކަން އިޙުސާސް ކުރެވުނު ހިނދު ނާމީގެ ހިތަށް ތަދުވެއްޖެ އެވެ! ނާމީގެ ހިތުން ލޫނާއަށް މަޤާމެއް ދެވިއްޖެކަން ކަށަވަރެވެ!
މާހިން ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ ހާސްވެފަ އެވެ. މިމީގެ ބައްޕައަށް އެގެއަށް އަންނަން ދައުވަތު ދިނީއްސުރެ އޭނާގެ ހިތް ނުތަނަވަސް ވަނީ އެވެ. މިއީ މާހިން ވެސް މިމީގެ ބައްޕައާއި ބައްދަލުވާ ފުރަތަމަ ފަހަރެވެ. 
" ހާދަ ހާސްވެފަ!"
މަންމަ މާހިންއާއި ސަމާސަ ކޮށްލި އެވެ. މާހިން ހިސާބަކަށް ލަދުގަތެވެ. ބައްޕަގެ ތުންފަތް މައްޗަށް ވެރިކުރުވާފައިވާ ލާނެއް ހިނިތުން ވުން ފެނުމުން ނެވެ. 
" ކޮންތާކު ކައިވެނި ޕާޓީ ބާއްވާނީ؟"
މާހިން އިތުރަށް ލަދުގަންނަވާލަން ބައްޕަ އުޅުނެވެ.
" އިހަށް ބަލަންވީ މިމީގެ ބައްޕައަށް އަހަރެން ކަމުދޭތޯ އެއް ނުން! ނޭގެ އެއްނުން ވަލީ ދޭނެ ކަމެއްވެސް!" 
މާހިންވެސް ސަމާސާ ކޮށްލި އެވެ. އެހެނަސް މާހިންގެ އަޑު އިވުމުން ޖައުފަރުގެ މޫނުމަތީން ފާޅުވަމުން ދިއަ އުފާވެރިކަން ކެނޑިގެން ދިއަ އެވެ. 
" އަހަރެންގެ ދަރިއަކާ ކައިވެނި ކުރަން ވަލީ ނުދޭނެ އެއްވެސް ބަފައަކު މި ދިވެހިރާއްޖެ އަކު ނުހުންނާނެ!"
ބައްޕަގެ ފަޚުރުވެރި ބަސްތައް މާހިން އަކަށް ކަމަކު ނުދެއެވެ. އެވަގުތު ގޭގެ ބެލް އަޅާލި އަޑު އިވުނެވެ. ސެކިއުރިޓީ ގާޑާއި އެކު މިމީގެ ބައްޕަ ގޭގެ ސިޓިންގްރޫމާއި ހަމައަށް އައީ ކަން އެނގުނެވެ. ސިރާޖް ދޮރު ހުޅުވާލަމުން ތައުފީޤަށް އެތެރެއަށް ވަންނަން ތަން ދެއްކި އެވެ. އެވަގުތު ތައުފީޤްގެ ލޯ އަމާޒު ވެގެން ދިއައީ މިމީގެ ބައްޕަގެ އިންތިޒާރުގައި ހުރި ޖައުފަރަށެވެ. ޖައުފަރަށް ލިބުނީ ސިހުމެކެވެ. އޭނާގެ ފައި ދަށުން ބިންގަނޑު ދެމިގެން ހެން ހީވި އެވެ. މިމީގެ ބައްޕައަކީ ހަނޑޫ ތައުފީޤް ހެއްޔެވެ! ތައުފީޤް ފެނުމުން ޒިޔާދާވެސް ހަރަކާތް ހުއްޓުނެވެ. އެއީ އޭނާގެ ހަނދާނުންވެސް ފިލައިގެން ދާނެ އިންސާނެއް ނޫނެވެ!
ހަމަޖެހޭ ގޮތް ދައްކަމުން ތައުފީޤް އެތެރެއަށް ހިނގައި ގަތެވެ. މާހިން ކުރިއަށް ޖެހިލާ މިމީގެ ބައްޕައާއި ސަލާމް ކޮށްލީ އަދަބުވެރި ކަމާއި އެކުގަ އެވެ. އެވަގުތުވެސް އެދަރިފުޅު ގެ ރީތީ އަދަބު ތައުފީޤަށް ފާހަގަ ކުރެވުނެވެ.
" މަންމައާ ވައްތަރީ، ބައްޕަގެ ގޮތެއް ނެތް!"
ތައުފީޤް އެ ހޫރާލި ގާބުރި މާހިން އަށް ނުފެނުނަސް އެ އެތިފަހަރު ޖައުފަރުގެ ގައިގައި ލައްވާލި އެވެ. 
ތައުފީގު އެތެރެއަށް ޖެހިލާ ޖައުފަރާއި ހަތަރު ކަޅި ހަމަކޮށްލި އެވެ. ތައުފީޤާ ހަތަރު ކަޅި ހަމަ ކުރުމަކީ ޖައުފަރަށް އުނދަގޫ ކަމަކަށް ވިއަސް ތައުފީޤަށް އެއީ ފަސޭހަ ކަމެކެވެ. މި މަންޒަރު ބަލަން ހިނިތުން ވުމަކާއި އެކު މާހިން ހުރި އިރު މާހައުލަށް ވެރިވަމުން ދިއަ ހޫނުކަން ޒިޔާދާއަށް ރަނގަޅަށް އިޙުސާސް ކުރެވެމުން ދިއައެވެ.
" އަލީ ތައުފީޤް، މިމީ ތައުފީޤްގެ ބައްޕަ! "
މިމީގެ ބައްޕަ މޭގައި އަތް ޖައްސާލަމުން އެހެން ބުނަމުން ބައްޕައާއި ސަލާމް ކޮށްލުމަށް އަތް ދިއްކޮށްލި އިރު އެ ޖުމުލައިގައި އެހެން އަސަރު ތަކެއް ހުރިކަން މާހިންއަށް ވެސް މިފަހަރު ފާހަގަ ކުރެވުނެވެ. ތައުފީޤް ދިއްކޮށްލި އަތުގައި ހިފުމުގެ ބަދަލުގައި ޖައުފަރު ޖީބަށް އަތް ޖަހާލަމުން މޫނު އަނބުރާލި އެވެ. އޭރު ބައްޕަގެ މޫނު މަތީގައިވާ ނުރުހުމުގެ އަސަރު މާހިން އަށް ފާހަގަ ވެގެން ދިއަ އެވެ. ހިތުގައި ހާސްކަމެއް އުފެދިގެން ދިއަ އެވެ. ސުވާލު ތަކެއް ބޮނޑި ވަގެން ދިއަ އެވެ. ބައްޕަ އޭނާއާއި ދިމާއަށް ބަލާލިއިރު އެދެލޮލުގައި ވާ ރަތް ކަން ފާހަގަ ކުރެވުނެވެ.
" މިކަންތައް އިތުރަށް ކުރިއަށް ގެންދިއުމުގެ ކުރީން.... އަހަރެން ބޭނުން ތައުފީޤާ ވާހަކަ ދައްކަން!"
އެހެން ބުނަމުން ޖައުފަރު ތައުފީޤާ ހަތަރު ކަޅި ހަމަކޮށްލި އިރު އެ ދެލޮލުން ކަނި ބުރަމުން ދިއަ އެވެ.
" އެކަނި!"
ތުންފަތަށް ބާރުލާ ދެދަތްޕިލަ ގާތް ކޮށްލަމުން ތައުފީޤާ މުހާތަބުކޮށް ބައްޕަ އެހެން ބުނެލިއިރު ބައްޕަގެ ރުޅިވެރިކަން ސާފުކޮށް ހާމަވާން ހުއްޓެވެ. ކަންބޮޑުވުމާއި، ޙައިރާންކަމާއި، ލަދުވެތި ކަމާއި އެކު މާހިން މިމީގެ ބައްޕައަށް ބަލާލިއިރު އޭނާގެ މޫނު މަތީން ފެންނަމުން ދިއައީ ހިނިތުންވުމުގެ އަސަރެވެ!

ކޮމެންޓް 0