އެއީ މީގެ 2 ގަޑިއިރު ކުރީގެ މެސެޖެކެވެ. އޭނާ ފަދައިން ދާއިން ވެސް ލޯބި ހާމަ ކުރަން ބޭނުން ވީ ކަންނޭގެއެވެ. އަވަސް އަވަހަށް މެސެޖު ކިޔާލި އެވެ. 
" މާލެ ދަނީ ! ގުޑް ބައި! ޓޭކް ކެއަރ!"

ޔޫހާގެ ލޮލުން ކަރުނަ އޮހިގަތީ ނޭގި ހުއްޓައެވެ. އޭނާއަށް ލިބިފައިވާ ހަމަ އެކަނި އުއްމީދު އޭނާގެ އަތުން ބީވެއްޖެ ފަދަ އިޙުސާސެއް ކުރެވުނެވެ. އެންމެ ދެރަވީ ދާއިންއަށް ހަޤީޤަތް ނޭގި ވަކިވެގެން ދިއައީތީ އެވެ. ދެން ދާއިން އޭނާއާއި ދޭތެރޭގައި ދެކޭ ގޮތް ބަދަލު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ހިތް އެދެނީ އަވަހަށް މާލެ ދާށެވެ. ދާއިން ގާތުގައި ހުރިހާ ވާހަކައެއް އަވަހަށް ކިއައިދޭށެވެ. އެހެން ނަމަވެސް އެއީވެސް ހަޤީގަތެއް ނެތް ހުވަފެނަކަށް ނޫނީ ނުވާނެ އެވެ.

ލޫނާ ގާތުގައި އެވާހަކަ ބުނުމުން ލޫނާ އިރުކޮޅަކު ހިމޭނުން އިނެވެ. މާހިން ފުރައިގެން ދިއައީތީ ލޫނާ ކިތަންމެ ދެރަވި ނަމަވެސް އެކަމާ ދޭތެރޭގައި ކަންބޮޑުވުމުގެ ސަބަބެއް ނެތެވެ. މާހިން ގެ ހިތުގައި ލޫނާ އާއި ދޭތެރޭގައި އެއްވެސް އެއްޗެއް އޮތް ހެނެއް ހިއެއް ނުވެއެވެ. ލޫނާގެ ހިތް މާހިން އަށް އެދުނަސް އެއީ ހަމަ ބޭކާރު ކަމެކެވެ. ދެން ޖެހޭނީ އެ ހިޔާލު އޭނާގެ ހިތުން ވެސް ނެރެލާށެވެ. ލޫނާ އެންމެ ދެރަވީ ދައްތަ އާއި ދޭތެރޭގަ އެވެ. ދައްތަ ދާއިން ދެކެ އެހާ ލޯބިވާއިރު ދާއިންވެސް ދައްތަ ދެކެ އިންތިހާއަށް ލޯބިވާކަން އިނގެއެވެ. މައްސަލަ އަކީ ނާމީ އެވެ. ނާމީ އަކީ ރަނގަޅު މީހެއް ނޫނެވެ. އެހެން ނަމަވެސް މާހިން އާއި ދުރު ވެވޭކަށް ނެތެވެ. 

ނާމީއަށް ލިބުނު މިނިވަން ކަމުގައި ނާމީ ޔޫހާގެ ހިޔަނި ފަދައިން ފަހަތުން އުޅެން ފަށައިފި އެވެ. ޔޫހާ ބަލަނީ ނާމީއާއި ކޮންމެވެސް ވަރެއްގެ ދުރުކަމެއް ބަހައްޓާށެވެ. ނާމީ އަކީ ދާއިން މެން ކަހަލަ މީހެއް ނޫނެވެ. މާ ފަސޭހައިން ގައިގައި އަތްލާ އުޅޭތީ ޔޫހާއަށް ވަރަށް އުނދަގޫވެ އެވެ. 

ފަހަކަށް އައިސް ލޫނާއަށް ވެސް ވަނީ ވަރަށް އުނދަގޫވެފަ އެވެ. ކުރީ ދުވަހު ނާމީ ކަންތައް ކުރި ގޮތުން އަދިވެސް ލޫނާއަށް ނާމީ ފެންނަ ހިސާބަށް ދާން ދައްޗެވެ.

ދާއިން އާއި މާހިން މާލެ އައުމުން އެންމެ އުފާވީ ޖައުފަރެވެ. ޖައުފަރާއި ޒުހުރީ ތިބީ ދާއިންގެ އިންތިޒާރު ގައެވެ. ދެ އާއިލާ އިތުރަށް ގުޅުން ބަދަހި ކުރުމަކީ އަބަދުވެސް އެދެމީހުންގެ އުއްމީދެކެވެ. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޒުހުރީ އާއި ޖައުފަރުގެ އުއްމީދަކީ ރާއްޖޭގައި ފާހަގަ ކުރެވޭ އެންމެ ކުލަގަދަ ހަފްލާ އަކީ އެދެމީހުންގެ ދަރީންގެ ޝަރަފްގައި ބޭއްވޭ ހަފްލާއަކަށް ވުމެވެ. 

ދާއިން ކާކޮޓަރިއަށް ދިއައީ މަންމަ ތައްޔާރު ކޮށްފައިވާ ކުޅިމަސް ގަނޑު ކާލާށެވެ. މަންމަގެ އަތުން އެފަދަ އެއްޗެއް ކާން ނުލިބޭތާ މިހާރު ވަރަށް ދުވަސް ވެއްޖެ އެވެ. ކާން އިނދެގެން ދާއިން ދެއްކީ އެނބުރި އޮސްޓްރޭލިއާ އަށް ދާ ވާހަކަ އެވެ. ޗުއްޓީ ހަމަ ވެގެން ދިއަ އިރުވެސް ދާ ހިޔާލެއް ނުކޮށް ހުރި ދާއިން ކުއްލިއަކަށް ފުރާ ވާހަކަ ދެއްކީމައި މަންމަގެ ހިތުގައި ސުވާލު އުފެދުނެވެ. ދަރިފުޅަށް އައިސް ފައިވާ ބަދަލާއި ދޭތެރޭގައި ވިސްނާލެވުނީ ދެނެވެ. އެރީތި ތާޒާ މޫނު ކޮޅަސް ވަނީ ކޮންމެވެސް ބޮޑު ފިކުރެއްގެ ހިޔަނި އެޅިފައެވެ. އަލިގަދަ ދެލޮލުން ފެންނަމުން ދިއައީ ޝަކުވާގެ އަސަރެވެ. ޒިޔާދާ އަކީ މާގިނަ ވާހަކަ ދައްކާ އުޅޭ މީހަކަށް ނުވި ނަމަވެސް ދަރިފުޅާއި ސުވާލު ކޮށްނުލާ ކެތެއް ނުވިއެވެ. 

" ކިހިނެއްވީ؟"
މަންމަގެ އަޑު އިވިފައި ދާއިން އިސް އުފުލާ މަންމައަށް ބަލާލިއެވެ. މަންމަގެ އެ ސުވާލު ކުރެވެ. އެހެނަސް މަންމަ ބަލަހައްޓައިގެން ހުރި ގޮތުން އެ ސުވާލުގެ ވަރުގަދަކަން އިޙުސާސް ވިއެވެ. ދާއިން އިސް ޖަހާލިއެވެ. އެ ސުވާލަށް ދޭންވާ ޖަވާބު ދިގެވެ. އެހެނަސް އެވާހަކަ ދެއްކުމުގެ މާނައެއް ނެތެވެ. 

" ދަރިފުޅާ؟"
ނުބުންޏަސް މަންމައަށް ދާއިންގެ ހުރިހާ ކަމެއް އިޙުސާސް ކުރެވޭނެއެވެ. އެއީ އަބަދުވެސް ކަންވާ ގޮތެވެ.

" މިމީ ތަ؟"
މަންމަ އަހާލި އެވެ. ދާއިން އިސް ޖަހައިގެން އިނދެ ބޯ ހޫރާލި އެވެ. 

" ޔޫހާ...!" 
ޖެހިލުމެއް ނެތި ދާއިން ބުނެލި އެވެ. 
"އެކަމަކު އެއީ އަހަރެންގެ މީހެއް ނޫން.... ނާމީގެ!"
އެހެން ބުނެފައި ދާއިން ތެދުވި އެވެ. އަރުތެރޭން އިތުރަށް އެއްޗެއް ދާ ގޮތެއް ނުވި އެވެ. ދާއިން ތެދުވެގެން ދަންދެން ޒިޔާދާ ބަލަހައްޓައިގެން ހުރީ އެވެ. ދާއިން އިތުރަށް އެވާހަކަ ދައްކަން ބޭނުން ނޫންކަން އިނގޭތީ އެވެ. ޒިޔާދާގެ ހިތްވަރު ގަދަ ދަރިފުޅަށް އައިސް ފައިވާ ބަދަލު ފެނިފައި އޭނާގެ ހިތުގައި ޖެހުނެވެ. 

ދާއިން ގޯތިތެރެއަށް ނުކުތް އިރު ކޮއްކޮ ސިރާޖާއި އެކު ކޮއްކޮގެ އާ ކާރު އޮފް ކުރަން ހުއްޓެވެ. 

"ގެޓިން ރެޑީ އިނގޭ...!"
އުފާވެރި ހިނިތުން ވުމަކާއި އެކު މާހިން ބުނެލި އެވެ.
ދާއިންގެ މޫނުމަތީގެ ކުލަ ބަދަލު ވެގެން ދިއަ އެވެ.
" ކޮން ކަމަކަށް؟"
ޝައްކުވެފައި އޭނާ އަހާލި އެވެ.
" މޯޓޯ ރޭސިންގް އަށް ރެޑީވަނީ... ފިފްޓީންތުގަ ފެށޭ!"
މާހިންގެ ހުރިހާ ދަތް ކޮޅު ފެނިގެން ދިއައެވެ. ދާއިން އަނގައިން ނުބުނެ ހުއްޓެވެ. ކޮއްކޮގެ ބޮލަށް ލިބުނު ގެއްލުން ކޮއްކޮ ހަނދާން ނެތުނަސް ދާއިން ދުވަހަކުވެސް ހަނދާން ނުނެތޭނެ އެވެ. އެހެނަސް އެކަން ހުއްޓުވަން އުޅެގެން ވާނެ ކަމެއް ނޯންނާނެއެވެ. އުނދޯލީގައި ހިނިތުން ވެލައިގެން އިން ބައްޕަ ފެނުމުން އެކަން ޔަގީން ވެއްޖެ އެވެ. ދާއިން ބައްޕަ އާއި ދިމާއަށް ބަލާލުމުން އެތަނަށް އައުމަށް ބައްޕަ އިޝާރާތް ކުރިއެވެ. 

ބައްޕަ ގާތުގައި ދާއިން އިށީންއިރު ބައްޕަ ދައްކަފާނެ ވާހަކަ އަކާއި ދޭތެރޭގައި އޭނާއަށް އެއްވެސް މައުލޫމާތެއް ނެތެވެ.
" ދެން ދަރިފުޅު ކިޔަވަން ދާނީ ކައިވެނި ކޮށްގެން!"
އެންމެ ފުރަތަމަ ވެސް ބައްޕަ ބުނީ އެހެން ނެވެ. ދާއިންގެ މޫނަށް ރޫ އަރުވާލެވުނެވެ. އޭނާ ކައިވެނި ކުރާނީ ކިހިނެއް ހެއްޔަވެ! ޔޫހާ އޭނާއާއި ކައިވެނި ކުރާކަށް ނޫޅެ އެވެ.
" މިހާރު ހުރިހާ ކަމެއް ހަމަ ޖެހެމުން އެއަންނަނީ، ބޭނުން ވަނީ ރާއްޖޭގެ ތާރީހުގަ ހަނދާން ނުނެތޭ ވަރުގެ ވެޑިން އެއް ބާއްވަން...! ޔާނާ ވެސް ހުރީ ތައްޔާރަށް!"
ދާއިންގެ ދޮން މޫނު ރަތް ވެގެން ދިއަތަން ޖައުފަރަށް ފެންނާނެ ކަން ޔަޤީނެވެ. ނޭގި ހުއްޓާ ދާއިންގެ ދިރިއުޅުމަށް އެއައީ ކޮންފަދަ ކޮޅިގަނޑެއް ހެއްޔެވެ! އޭނާ ޔާނާ އާއި ކައިވެނި ކުރާކަށް ބޭނުމެއް ނޫނެވެ.
" އަންނަ މަހުގެ 7 ކަމަށް މި ނިންމީ!"
ބައްޕަގެ އަޑު ދާއިންގެ ކަންފަތުގައި ޖެހުމާއި އެކު ތެޅި ގަނެވުނެވެ. ދާއިން އަށް އަންގާވެސް ނުލާ ބައްޕަމެން ވަނީ އެހާ ހިސާބަށް ކަންތައް ގެންގޮސްފައި ހެއްޔެވެ! ހެޔޮނުވާނެ އެވެ.

ދާއިން ގަދަކަމުން ހިންދިރުވާލި ތަން ޖައުފަރަށް ފެނުނެވެ. ފަރުވާލެއް ނެތެވެ. ދަރީންނަކީ މައިން ބަފައިންގެ ބަސް ޤަބޫލުކުރަން ޖެހޭ ބަޔެކެވެ. 
" ޔާނާ ކަހަލަ ރަނގަޅު ކުއްޖަކު ދަރިފުޅަކަށް ނުލިބޭނެ.... އާއިލާއަށް ބެއްޔަސް އެހާ ރަނގަޅު، މި އާއިލާއާ ގުޅޭ.... ޔާނާ ހުރީ ވަރަށް އުފަލުން!"

ބައްޕަގެ މޫނަށް ކަޅި ހުއްޓާލައިގެން އަނގައިން ނުބުނެ އިން ނަމަވެސް ދާއިންގެ ހިތުގައި ކެތްނުވާވަރަށް ރާޅު ނަގަމުން ދިއަ އެވެ. އެހާ ހިސާބަށް ދިއައިރު އޭނާއަށް އަންގާ ނުލީ ކީއްވެތޯ އަހާލަން ވެސް ނުކެރުނެވެ. ދާއިން ވިސްނާލި އެވެ. އޭނާ ކިތަންމެ ބޭނުން ވިއަސް ޔޫހާއާއި ކައިވެނި ކުރެވޭކަށް ނެތެވެ. އެހެން ކަމުން ޔާނާގެ ކައިވެންޏާއި ފާޅުގައި ދެކޮޅު ހެދޭކަށް ނެތެވެ. ޔާނާއަކީ ވެސް ގޯސް "ޗޮއިސް" އެއް ނޫނެވެ. ހަމަ އެކަނި ދާއިންގެ ހިތުގައި ޔާނާއަށް އެއްވެސް ޚާއްޞަ ކަމެއް ދެވިފައި ނެތް ކަމެވެ. ހާއްސަ ކަމެއް ދެވޭނެ ކަމުގެ ޔަޤީން ކަމެއްވެސް ނެތް ކަމެވެ. ދާއިން ބޭނުން ވަނީ އަދި ކުޑަ ދުވަސް ކޮޅަކު މަޑުކޮށްލާށެވެ. ޔޫހާގެ ހަނދާންތައް އޭނާގެ ހިތުން ނެރެލަން ވެސް ދުވަސް ގަނޑެއް ނަގާނެ އެވެ. ދާއިން ބޭނުން ވަނީ ޔޫހާ ނާމީއާއި ކައިވެނި ކުރަންދެން އޭނާ އިހަށް މަޑު ކުރާށެވެ. އުއްމީދުގެ ކުޑަ މިނަވަރެއް އޮތަސް އޭނާ ޔޫހާއަށް އިންތިޒާރު ކުރާނެ އެވެ. އޭނާ ޔޫހާ ދެކެ ލޯބިވަނީ އެ މިންވަރަށެވެ.

ބައްޕަ އާއި ދެކޮޅަށް ދާއިން އެއްވެސް އެއްޗެއް ނުބުނެ އެވެ. އޭނާ ކާރަށް އަރާ ސްޓާރޓް ކޮށްލިއިރު އުއްމީދަކީ ޔާނާ އޭނާގެ ބަސް ޤަބޫލު ކުރުމެވެ.
ޔާނާގެ ގޭގެ ސިޓިންގްރޫމްއިން ޔާނާ އާއި ބައްދަލު ވިއެވެ. ދާއިން ފެނުމުން ޔާނާގެ މޫނަށް އަރައިގެން ދިއަ ލަދުވެތި ކުލަވަރު ފެނިފައި ޔާނާ އެ ކައިވެންޏަށް ތައްޔާރު ވެފައިވާ މިންވަރު ހާމަ ވިއެވެ. ދާއިން ދައްކަން އައި ވާހަކަ ދައްކަން ހިސާބަކަށް ޖެހިލުން ވިއެވެ. ޔާނާގެ ހިތުގައި ނުޖެހޭނެ ގޮތަކަށް އެކަން ކުރުމަކީ އޭނާ ވިސްނަން ޖެހޭ ކަމެކެވެ.

ދާއިން އެއްޗެއް ބުނުމުގެ ކުރިން ޔާނާ ދާއިން އަށް ދިއްކޮށްލީ ކުޑަކުޑަ ފޮއްޓެކެވެ. ރަތް ކުލައިގެ ކުޑަ މަހުމާ ފޮއްޓެކެވެ. ހީވާ ގޮތުން އެއީ ކޮންމެވެސް ގަހަނާއެކެވެ. ދާއިން އެފޮށީގައި ހިފިއިރު އޭނާގެ ހިތުގައި ވަނީ ޝައްކު އުފެދިފަ އެވެ. އޭނާ އެފޮށި ހުޅުވާލި އެވެ. ހީވީ ރަނގަޅަށެވެ. އެއީ ވެޑިން ރިންގް އެކެވެ. 

" ސަޅިތަ؟"
ޔާނާ އަހާލި އެވެ. އެއީ ޔާނާގެ ފަރާތުން ދާއިންއަށް ހަދިޔާ ކުރާ އަގުބޮޑު އަނގޮޓިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ދާއިން އިނެވެ. ޔާނާގެ ހިތުގައި ނުޖެހޭ ގޮތަކަށް ދެން އެއްވެސް އެއްޗެއް ބުނެވޭނެ ހެނެއް ހިއެއް ނުވެއެވެ.

" ޔާނާ!"
ފުން ނޭވާއެއް ބޭރަށް ދޫކޮށްލަމުން ދާއިން ވާހަކަ ފެށިއެވެ.
" އަހަރުމެން މިހާރު މީހުންނާ އިންނަ ވަރު ވީތަ؟"
ސިޔާސަ ގޮތެއް އަޑުގައި ބަހައްޓަން ދާއިން މަސައްކަތް ކުރި އެވެ. ޔާނާ ހިނިތުން ވެލި އެވެ.
" ނުވޭތަ؟ ދާއިން ބޮޑުވާނީ މީހަކާ އިނީމައޭ....! ކީއްކުރަން މަޑުކުރަންވީ؟ މެރީ ކުރިއަސް އަވަހަށް ބޭބީއެއް ނުހޯދާނީއޭ... އެންޖޯއީ ކޮށްލާނީ ދުވަސް ކޮޅަކު. ބައްޕަ މެން ބޭނުން ގޮތް ހަދާދިނީމަ ރަނގަޅުވާނޭ!"

ޔާނާ ވާހަކަ ދެއްކި ގޮތުން ހީވަނީ ވަރަށް އާދައިގެ ކަމެއް ހެންނެވެ. ލޯބީގެ ވާހަކަ ޔާނާ އެއްގޮތަކަށް ވެސް ނުދައްކަ އެވެ. އެއީ މުހިންމު ކަމެއް ކަމަށް ޔާނާ ޤަބޫލު ނުކުރަނީ ހެއްޔެވެ؟ ނޫނީ ދާއިންއާއި ދޭތެރޭގައި ޔާނާ އަށް މާބޮޑަށް ޔަޤީން ކަން އޮތީ ބާއެވެ! ދާއިން ފުން ނޭވާއެއް ބޭރަށް ދޫކޮށްލި އެވެ.

" ޔާނާ، އައި ނީޑް ސަމް މޯ ޓައިމް!"
ދާއިން އެންމެ ފަހުން ބުނެލި އެވެ. އެއީ ޔާނާ އުއްމީދު ކުރި ވާހަކައެއް ނޫނެވެ. އޭނާ އިރުކޮޅަކަށް ހިމޭން ވެލި އެވެ. 
" ކީއްވެ؟"
މަޑުމަޑުން ޔާނާ އަހާލި އެވެ.
" ކައިވެންޏެއް ކުރުމުގެ ކުރީން ވަރަށް ވިސްނަން ޖެހޭނެ! ކުއްލި އަކަށް ކުރެވޭނެ ކަމެއް ނޫން މީ....! އައި ނީޑް ޔޯރ ހެލްޕް! ޕްލީސް! ބައްޕަމެންނަށް ވިސްނަދީ... އަދި ދުވަސް ކޮޅެއް މަޑުކޮށްލާ!"
ދާއިންއާއި ދިމާއަށް ބަލަހައްޓައިގެން ޔާނާ އިނެވެ. ދާއިން އެދޭ ކޮންމެ ކަމެއް ކޮށްދިނުމަކީ އޭނާ ކުރާނެ ކަމެކެވެ.

" އޯކޭ...! އިތުރު ޓޫ މަންތްސް ދޯ!"
ޔާނާ ބުންޏެވެ. ދާއިން އަށް ބުނެވޭނެ އިތުރު އެއްޗެއް ނެތެވެ.
"އޯކޭ!"
އޭނާ ބޯ ޖަހާލި އެވެ. އުއްމީދަކީ އެ މުއްދަތުގެ ތެރޭގައި ކޮންމެސް އެއްގޮތަކަށް ނިންމުމެވެ.

ލޯގަނޑުގެ ކުރިމަތީގައި ހުރެގެން މާހިން އޭނާގެ ތުބުޅި ސްޓައިލް ކުރަމުން ދިޔައިރު މޫނު މަތީގައި ވަނީ އުފާވެރި ކަމެވެ. މާހިން އެ ތައްޔާރު ވަނީ މިމީއާއި ބައްދަލު ކުރަން ދާށެވެ. އެތައް ދުވަހަކަށް ފަހު މިމީގެ ސާދާ މޫނުކޮޅު ދުށުމަށް އޭނާ ވަނީ ކެތް މަދުވެފަ އެވެ. 

ދާއިން އައިސް މާހިން ފެންނަ ހިސާބުގައި ހުރި ސޯފާގައި އިށީނެވެ. ކޮއްކޮގެ މޫނު މަތީން ފެންނަމުން ދިއަ އުފާވެރި ކަން ފެނިފައި ދާއިން ވެސް އުފާވި އެވެ. ލޫނާދެކެ ކޮއްކޮއަށް ލޯބި ނުވެވުނުކަން ނަސީބެވެ. އެހެން ނަމަ ކޮއްކޮވެސް އުޅޭނީ އޭނާ އެއުޅޭ ހާލުގަ އެވެ. ދާއިން ކޮއްކޮ ގާތުގައި އޭނާގެ ތައްޔާރު ވެފައިވާ ކައިވެނީގެ ވާހަކަ ކިޔައިދިނެވެ. 

" ރަނގަޅެއްނުންތަ....! އަވަސް ކުރޭ...!!"
ކަންބޮޑު ވުމެއްނެތި މާހިން ބުނެލި އެވެ.
" އައި ޑޯންޓް ލަވް ހަރ!"
ދާއިންގެ އަޑު އިވިފައި މާހިން އެނބުރި ބަލާލި އެވެ. ބޭބެ އެބުނަން އުޅޭ އެއްޗެއް މާހިން އަށް އިނގެ އެވެ.
" ޔޫހާ ބޭބެ ދެކެ ލޯތްބެއް ނުވޭ!"
މާހިން ޔަޤީން ކަމާއި އެކު ބުނެލި އެވެ. ދާއިން އަށް އިސް ޖަހާލެވުނެވެ. 
"ތީ ބޭކާރު ކަމެއް! އަނެއްކާވެސް ދުވަސްތަކެއް ބޭކާރު ކޮށްލަން ތިއުޅެނީ....! ތިހިން އުޅެނިކޮށް ޔާނާ ވެސް ގެއްލި ދާނެ!"

ކޮއްކޮ ދާއިންއަށް ނަސޭހަތެއް ދިނެވެ. ކޮއްކޮ ބުނާއެއްޗެއްވެސް މިއަދު ދާއިން އަޑު އަހާކަށް ބޭނުމެއް ނުވެ އެވެ. ޔޫހާ ދާއިން ދެކެ ލޯބި ނުވާ ކަމަށް ދާއިން ޤަބޫލު ކުރާނީ ޔޫހާ ނާމީ އާއި ކައިވެނި ކުރި ދުވަހަކުންނެވެ. އެދުވަސް އަންނަންދެން ދާއިން ޔޫހާއަށްޓަކައި އިންތިޒާރު ކުރާނެ އެވެ.

ސޯލްޓް ކެފޭގެ ހިތް ގައިމު މާހައުލުގައި މިމީ އިނީ މާހިންގެ އިންތިޒާރު ގައެވެ. ނުފެނި އެތައް ދުވަހެއް ވުމުން މިމީވެސް ވަނީ ކެތް މަދު ވެފަ އެވެ. މާހިންގެ ޚަބަރެއްވެސް ނުވެ މިދިޔަ ދުވަސް ތަކުގެ ތެރޭގައި އޭނާއަށް މާހިން "މިސް" ވީ އިންތިހާ އަށެވެ. އޭނާއަށް މާހިން ދެކެ ލޯބި ވެވިއްޖެކަން ޔަޤީންވީ އެދުވަސް ތަކުގެ ތެރޭގަ އެވެ. ބައްދަލު ކުރަން އެއްބަސްވި ގަޑީގެ ދިހަ މިނެޓް ކުރީން އޭނާއަށް އެ އާދެވުނީ ވެސް ކެތް މަދުވެފައި ވާވަރުންނެވެ.

އިސްކޮޅުން ދިގު ފިރިހެންވަންތަ އެ ސޫރަ ލޮލުގައި ޖެހުނު ވަގުތު މިމީއަށް ތެދުވެވުނީ ބޭއިޚުތިއާރު ގައެވެ. ގަދަ މުށި ކުލައިގެ އަތް ދިގު ގަމީހަކާއި ކަޅު ޖީންސެއްގައި ހުރި އިރު މާހިން ފެންނަލެއް ވަރަށް ސްމާރޓެވެ. ޖީބަށް އަތް ޖަހާލައިގެން އައިސް މިމީގެ ކުރިމައްޗަށް ހުއްޓުނު އިރު މިމީގެ ހިތުގެ އަޑު މާދުރަށް ވެސް އިވޭނެ ހެން ހީވެ އެވެ. ކައިރިއަށް ހުއްޓި އެއްއަތުން އަވި އައިނު ނަގާ މިމީއާއި ހަތަރު ކަޅި ހަމަކޮށްލި ވަގުތު މިމީގެ ހިތް ހުއްޓެން އުޅުނު ކަހަލަ އެވެ. 

" ހައި!"
މާހިން ސަލާމް ކޮށްލަން ދިއްކޮށްލި އަތުގައި ހިފާލި އިރު މިމީ ހުރީ ލަދުންނެވެ. ފިނިވެފައިވާ އޭނާގެ އިނގިލިތައް މިފަހަރު އޭނާ ބޭޒާރު ކޮށްލާނެ އެވެ. މާހިން އިށީންދެލުމުން މިމީވެސް އިށީނެވެ. މާހިންވެސް އިނީ އަނގައިން ބުނަން އުނދަގޫވެފަ އެވެ. އެހެން ނަމަވެސް އޭނާ އެކަން ހާމަ ވިޔަކަ ނުދިނެވެ. 

" މިއަދު ހާދަ ރީއްޗޭ!"
އޭނާ މިމީއާއި ހަތަރު ކަޅި ހަމަކޮށްލަމުން މިމީ ގަނޑުފެން ކޮޅަކަށް ހަދާލައިފި އެވެ. 
އެ ބައްދަލުވުމަކީ މާގިނަ ވާހަކަ ތަކެއް ދެއްކުނު ބައްދަލު ވުމެއް ނޫނެވެ. ގިނަ ވަގުތު ހޭދަވެގެން ދިއައީ ހަމަހިމޭން ކަމުގަ އެވެ. ހަމަ ހިމޭން ކަމުގެ ތެރޭން ދެ ހިތުގެ އަޑު ކިތަންމެ ރަނގަޅަކަށް ވެސް އިވިގެން ދިއައެވެ. ދުލުން އިއުތިރާފް ވުމަކާއި ނުލާ އާ ލޯތްބަކަށް އިރު އެރީ އެވެ. 

ލޫނާ އެނދުން ނުތެދުވެ އޮންނަ ވަގުތު ގިނަ އެވެ. މާހިންގެ ސޫރަ އޭނާގެ ލޮލުގެ ކުރިމަތީގައި އެނބުރެނީ އެވެ. އެރީތި އަސަރުގަދަ ހިނިތުންވުން ހަނދާން ނައްތާލަން ދަތިވަނީ އެވެ. ދުވާލަކު އެތައް ފަހަރަކު ތަކުރާރު ކޮށް އޭނާއަށް ފޯނަށް ބަލާލެވެއެވެ. މާހިންގެ މެސެޖެއް ނަމަވެސް ލިބުމުގެ އިންތިޒާރު ގައެވެ. މާހިން އޭނާއަށް ގުޅަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން އެނގި ހުރެ އެވެ. ސިއްރު ސިއްރުން އޭނާއަށް ވަނީ މާހިން ދެކެ ލޯބިވެވިފަ އެވެ.

ޔޫހާ ހަނދާން ވާވަރުން ދާއިން އަކަށް ކެތެއް ނުވި އެވެ. އޭނާ އަދިވެސް ޔޫހާގެ ހަޤީޤަތް އޮޅުން ފިލުވަން ބޭނުމެވެ. ޔޫހާ ނާމީ ދެކެ ލޯބި ވެދާނެ ކަމަކަށް ހަމަ އޭނާގެ ހިތް ޤަބޫލެއް ނުކުރި އެވެ. ދާއިން ބޭނުން ވަނީ ޔޫހާ ގާތުގައި ދާއިންގެ ކައިވެނީގެ ވާހަކަ ބުނާށެވެ. އޭރުން ޔޫހާ "ރިއެކްޓް" ކުރާނެ ގޮތެއް އެނގިދާނެ އެވެ. ޔޫހާއަށް އަންނަ ބަދަލަކުން، ނޫނީ ބުނާ އެއްޗަކުން ޔޫހާގެ ހިތުގައި ވާ އެއްޗެއް ދާއިން ދެނެގަންނާނެ އެވެ. 

ފޯނު ރިންގް ވުމާއި އެކު ޔޫހާ ނަގައިފި އެވެ. ހީވީ ދާއިންގެ ކޯލަކަށް އިންތިޒާރު ކޮށްކޮށް އިންހެންނެވެ. 

"ހަލޯ!" 
ޔޫހާގެ އޮމާން އަޑު އިވުމުން ދާއިން ދައްކަން އުޅުނު ވާހަކަ ވެސް ހަނދާން ނެތިއްޖެ އެވެ.
" ދާއިން ކިހިނެތް؟"
ޔޫހާ އަހާލީ ލޯބިން ފުރިފައިވާ ގޮތަކަށެވެ. 
" ވާހަކައެއް ބުނަން!"
ދާއިން ފުރަތަމަ ވެސް ބުނީ އެހެންނެވެ. ދައްކާނެ އިތުރު ވާހަކަ އެއް ނެތުމާއި އެކުގަ އެވެ. 
" އަހަރެން މިއުޅެނީ.... މީހަކާ އިންނަން! "
ދާއިންގެ އަޑު އިވިފައި ޔޫހާއަށް ހުއްޓުމެއް އައިކަން އެނގުނެވެ. ޔޫހާގެ ކޮންމެވެސް އިޝާރާތަކަށް ދާއިން އިންތިޒާރު ކުރި އެވެ. އެ ލިބުނު ޝޮކްގައި ޔޫހާއަށް ރޮވުނަސް ދާއިންއަށް އުފަލެއް ލިބޭނެ އެވެ. އެފަދަ އަޑަކަށް ދާއިން ސަމާލު ވެލި އެވެ. އެހެނަސް އިވުނީ އުއްމީދު ކުރިފަދަ އެއްޗެއް ނޫނެވެ.

" އަހަރުން ވެސް މިއުޅެނީ އިންނަން!"
ޝޮކު ލިބުނީ ދާއިން އަށެވެ. ޔޫހާގެ އަޑު އިވިފައި ދާއިންގެ އަތުން ފޯނު ދޫނުވީ ކިރިޔާ އެވެ!

ކޮމެންޓް 0