މިހާރުގެ އަގަށް ދެގުނަ އިތުރު ކޮށްލަމުން ނާމީ އެ ނީލަން ކާމިޔާބު ކޮށްފި އެވެ. ދެން އޮތީ އެ އަގުބޮޑު ޖާފަތުން ރަހަ ބަލާލުމުވެ. މިހާރުވެސް ނާމީގެ ސިކުނޑި ތާޒާ ވެއްޖެ ހެން ހީވެ އެވެ.
ހޮސްޕިޓަލްގެ ކައިރި ހިސާބަކުން ރަނގަޅު ހޮޓަލެއް ހިފުމަށް ފަހު ލޫނާ އާއި އެކު ދާއިން އާއި މާހިން ވެސް އެތަނަށް ބަދަލު ވިއެވެ. ޔޫހާ ފެންނާނެ ކަމަށް އުއްމީދު ކުރި ހޮޓާ ދޫކޮށް އެހެން ތާކަށް ބަދަލު ވާން ޖެހުމުން ދާއިންގެ ހިތް ވަނީ ދަތިވެފަ އެވެ. އޭނާ އެނދުގައި އޮށޯވެ މަތި ބަލަން އޮތް އިރު އޭނާގެ ސިކުނޑީގައި ތަފާތު ހިޔާލު ތައް އެނބުރެމުން ދިއަ އެވެ. އެ ކޮޓަރީން މަރުވެފައި ވަނިކޮށް ނެރުނު މީހާއަކީ ޔޫހާ ކަމަކަށް އޭނާގެ ހިތް އަދިވެސް ޤަބޫލެއް ނުކުރެ އެވެ. އެހެން ނަމަވެސް ހާސްވާ ގޮތް ވަނީ އޭގައި އޮތް މީހަކާއި ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ދޭން ޕޮލިހުން ނުގުޅައިގެން ނެވެ. ދާއިން އޭނާގެ ފޯނަށް ބަލާލި އެވެ. ޕޮލިހުގައި ދާއިންގެ ނަންބަރު ނޯޓު ކުރިއަސް އެއިން މީހެއްގެ ނަންބަރެއް ދާއިން އަކަށް ނޭގެ އެވެ. ދާއިން ފޯނުގެ ނަންބަރު ތައް ހޯދަނިކޮށް ނާމީގެ ނަންބަރު ފެނިއްޖެ އެވެ. އެވަގުތު އޭނާއަށް ވިސްނާލެވުނެވެ. ނާމީ ކޮބައިބާ އެވެ! އޭނާއަށް ރަނގަޅު މައުލޫމާތެއް ލިބިފައި އޮވެދާނެ އެވެ. ދާއިން ތެދުވެ އިށީންދެލި އެވެ. ނާމީ ގެ ނަންބަރުން ނާމީ އާއި ގުޅޭނެކަން އޭނާ ހަނދާން ނެތުނީ ކީއްވެ ހެއްޔެވެ!
ނާމީގެ ފޯނަށް ދާއިން ގުޅާލުމާއި އެކު ނާމީ ފޯނު ނަގައިފި އެވެ. ދާއިން އެދުނީ ނާމީ އާއި ބައްދަލު ކުރުމަށެވެ. ނާމީގެ ހޮޓެލް ހުރީ ބައިގަޑިއިރު ދުއްވާފައި ދެވޭ ހިސާބުގަ އެވެ.
ގާތް ގަޑަކަށް ސާޅީހަކަށް މިނެޓް ތެރޭގައި މާހިން އާއި ދާއިން ތިބީ ނާމީގެ ކޮޓަރީގަ އެވެ. ނާމީ ފެނުމުންވެސް އޭނައަށް ބޮޑު ބަދަލެއް އައިސް ފައި ވާކަން އެނގުނެވެ. ކުރީން ސްޓައިލް ކޮށްލާފައިވާ ހިމަ ތުބުޅީގެ ބޭރުން ފަޅާފައިވާ ކުދި އިސްތަށި ތަކުގެ ސަބަބުން ފަރުވާ ކުޑަ ގޮތެއް ދައްކަ އެވެ. އިހުނަށް ވުރެވެސް ދެލޯ ރަތްކަން ފާހަގަ ކުރެވެ އެވެ. ކޮޓަރި ތެރޭގައި ހިފާލާފައި ވަނީ ހުތް ވަސްގަނޑެކެވެ. މޭޒުމަތީގައި ހުރި ހުސް ފުޅި ތައް ފެނުމުން ސަބަބު ވިސްނުނެވެ.
ނާމީގެ އެ މާޔޫސް ހާލަތު ފެނިފައި ދާއިން ބިރު ގަތެވެ. ނާމީ އެޤައުމަށް އައިސްފައި އެވަނީ ޔޫހާ ސަލާމަތް ކުރަން ކަން އިނގޭތީ އެވެ.
" ކީއްކުރަނީ ބެންގަލޫރުގަ؟ "
ނާމީ ދާއިންމެންނާއި ސުވާލު ކުރި އެވެ.
މާހިން އޭނާގެ ބޭބެއަށް ބަލާލި އެވެ. ނާމީ އަކީވެސް ފާޑެއްގެ މީހެކެވެ. އޭނާއާ ވާހަކަ ދައްކަން ޖެހޭނީވެސް ވިސްނައިގެން ނެވެ.
" އަދި ނާންނަ ތަނެއް ވީމަ ޖައްސާލީ ނު... ނާމީ މިކޮޅަށް އައި ވާހަކަ އިވިގެން..."
ދާއިން ހިނިގަނޑެއް ޖަހާލަމުން ސަމާސާ ރާގެއްގައި ބުންޏެވެ.
ނާމީ އޭނާގެ އެނދަށް ވެއްޓި ގަންނަމުން ކައިރީގައި އޮތް ނޫސް ދުރަށް ޖައްސާލާ މާހިން މެންނަށް އެނދަށް އައުމަށް އިޝާރާތް ކުރި އެވެ.
" އަހަރެން މިތަނަށް އައީ ކުޑަ މިޝަން އެއްގަ...! އެނގޭދޯ! އެކަމު އެކަން ކާމިޔާބެއް ނުވި!"
ނާމީ ފޫހި ގޮތަކަށް ބުނެލި އެވެ. އެއްފަހަރާ އެތައް ސުވާލެއް ކުރަން ހިތަށް އެރި ނަމަވެސް ދާއިން ކޮންޓްރޯލް ކުރި އެވެ. އޭނާ އެނދުގައި އިށީންނަމުން ވާހަކަ ދެއްކި އެވެ.
" ކީއްވެ ކާމިޔާބު ނުވީ!"
" މަށަށް އިނގޭ ޕޮލިހަށް އެއް ކަމެއް ވެސް ނުވާނެކަން. އެހެންވެ މަ އަވަހަށް މިކޮޅަށް އައީ.... އެ ކުއްޖާ މަށާ ވާހަކަ ދެއްކީމަ އޭރުވެސް މަށަށް އެނގުނު ކަމުގެ ސީރިއަސް ކަން...! "
ނާމީ ވާހަކަ ދެއްކީ ފަރުވާ ކުޑަ ގޮތަކަށެވެ. ހީވާ ގޮތުން އަދިވެސް އޭނާގެ ހަށިގަނޑުގައި މަސްތުގެ އަސަރު ހުރީ އެވެ. ދާއިން އާއި އެއްވަރަށް މާހިންވެސް އިނީ ހިތް އަވަސް ވެފަ އެވެ.
" އަހަންނަށް ވީ ވަރުވެސް މިތާ ޕޮލިހަށް ނުވި. އަހަރެންވާ އެ މަންޖެއާ ދިމާވި ވިއްޔަ!"
ދާއިންއަށް ނާމީއާ ގާތަށް ޖެހިލެވުނެވެ.
" އޭނަ ފެނުންތަ...؟ ކޮންތާކުން؟ މިހާރު ކޮބާ؟"
ދާއިން ތެޅިގެންތަނާ މާހިން އޭނާގެ މޫނު މައްޗަށް ހަދާލި ގޮތް ފެނިފައި ދާއިން މައިތިރި ވެލި އެވެ.
" ނުދެކެން...! އެމީހުން ހޯދަން ޕޮލިސް އުޅޭކަމަށް ޝައްކުވެގެން އެމީހުން ޔޫހާ އެހެން ތާކަށް ބަދަލު ކުރީ.... އެކަމު އޭގެ ފަހުގަވެސް އަހަރެން އޭނަޔާ ފޯނުން ވާހަކަ ދެއްކީން"
" ދެން؟"
އަނެއްކާވެސް ދާއިން އެހި އެވެ. އަވަސް އަވަހަށް އެވާހަކަތައް ނާމީ ކިޔާދޭނަމަ ކިހާ ރަނގަޅު ހެއްޔެވެ.
" ޔޫހާ ހުރި ތަނެއް ޔޫހާއަކަށް ވެސް ނޭގެ! އޭނަ ހުރިތަން ރަނގަޅަށް އަހަންނަށް ބުނެ ނުދެވި އުޅެނިކޮށް އެމީހުން އޭނައަށް އެހަދާ އެއްޗެއް ހަދައިފި. މަށާ ވާހަކަ ދައްކަން ހުއްޓާ ފަޅާއެރި ހިސާބުން ފޯނުގެ ދުވަސްވެސް ދިއައީ... އޭނައަށް ވީ ގޮތެއް ވެސް ދެން ނޭގެ!"
ބޯހޫރާލަމުން ނާމީ ބުނެލި އެވެ.
ދާއިން އެނދުގައި ލެނގިލި އެވެ. އޭނާ ވިސްނަން ފަށައިފި އެވެ. އެހެން ވީމައި ހޮޓެލް ގްރޭންޑްގެ ކޮޓަރީގެ ތެރެއިން މަރާލާފައި ވަނިކޮށް ކޮއްކޮއަށް އެފެނުނު މީހާ އަކީ ޔޫހާ އަކަށް ނުވާނެ އެވެ. މާހިންއަށް ވެސް ވިސްނުނީ އެގޮތަށެވެ.
" ދެން އެމީހުން އޭނައަށް ކިހިނެތް ހަދާނެ ހެން ހީވަނީ؟"
މާހިން އެހި އެވެ.
" ހަދާފާނެ ކޮންމެ ގޮތެއްވެސް.... ގައިމުވެސް ވަރަށް އަނިޔާކުރޭ.... "
ދާއިން މިހާރު އެވާހަކަޔަކާއި މާ ބޮޑު ޝައުގެއް ހުރިހެނެއް ހިއެއް ނުވެ އެވެ.
" މަދެން މިހާރު އެކަން މަށަށް ނުވާނެ ކަމަށް ނިންމައިފިން ..... ދެން އިތުރަށް ބޯ ގޮއްވުމަށް ވުރެ ރަނގަޅުވާނެ މަގޭ އަމިއްލަ ކަންތަކާ ވިސްނިއަސް!"
އެހެން ބުނަމުން ނާމީ އެއްކަލަ ނޫސް ނެގި އެވެ.
"މަ ދެންމެ ގަނެލައިފިން މިރެއަށް ސަޅި އެއްޗެއް.... ވަރަށް އަގުބޮޑު އަންހެނެއް!"
އިސްތިހާރު އިން ގަނޑު ހޯދަމުން ނާމީ ބުންޏެވެ.
" ބަލާލަން ބޭނުންތަ؟ ބްރޭންޑް ނިއު ހަމަ!"
ނާމީ އަކީ އަބަދުވެސް އޭނާ ކުރާ މޮޅު ކަންތަކުގެ ވާހަކަ ދައްކާ ހިތްވާ މީހެކެވެ. މާހިން އެއަޑު އަހާ ހިތެއް ނުވެ އެވެ. އެހެން ނޫނަސް އެފަދަ ކަންކަމަކީ އޭނާ ސަމާލުކަން ދޭ ކަންކަމެއް ނޫނެވެ. މާހިން ތެދުވި އެވެ.
" ލެޓްސް ގޯ.... ފަހުން އަންނާނީ!"
މާހިން ބޭބެއަށް އިޝާރާތްކޮށް ބުންޏެވެ.
" މަޑުކޮށްބަލަ މި މަންޖެ ބަލާލާފަ ދާން...! "
އެހެން ބުނިތަނާ ނާމީއަށް އެފޮޓޯ ފެނުނެވެ. އޭރު ދާއިންވެސް ދާން ހިނގައި ގަންނަނީ އެވެ.
" މީނީ! ވެއިޓް! 3000 ޑޮލަރސް އޭ މީ!"
ނޫސް ހިފައިގެން ނާމީ ދާއިންގެ ފަހަތުން ބާރަށް ހިނގައި ގަތެވެ.
" ބަލާބަލަ.... އެއީ އަދި މިރޭގެ އެކަނި އަގޭ...!"
ނާމީގެ ވާހަކަ އަކަށް އެކަކުވެސް ސަމާލު ކަމެއް ނުދެ އެވެ. ދާއިން ބޭރަށް ނުކުމެ ނާމީގެ މޫނު މައްޗަށް ދޮރު ލައްޕާލި އެވެ. ނާމީ ހިނިގަނޑެއް ޖަހާލަމުން ގޮސް އަނެއްކާވެސް އެނދު މައްޗަށް ވެއްޓި ގަތެވެ. މާހިންއާއި ދާއިން ގެ ބައެއް ހޯމޯނު މަދީ އެވެ. އެމީހުން އެއްގޮތަކަށް ވެސް އަންހެން ކުދީންނާއި ދިމާއަށް ބަލާލަންވެސް ބޭނުން ނުވެ އެވެ.
" ޔޫހާ ނުފެންނާނެ!"
ދާއިން ޓެކްސީއަށް އެރުމަށް ފަހު މާޔޫސް ކަމާއި އެކު ބުންޏެވެ. މާހިންވެސް އެއަށް އެއްޗެކޭ ނުބުނެ އެވެ. އޭނާވެސް މިހާރު މާޔޫސް ވާ ހިސާބަށް ހިނގައްޖެ އެވެ.
ލޯގަނޑުގެ ކުރިމަތީގައި ޔޫހާ އިނީ އޭނާގެ އަމިއްލަ ސޫރައަށް ބަލާށެވެ. އޭނާގެ ވަށައިގެން ޅަ ފުރައިގެ އަންހެން ކުދީން "ތުއި" ވަމުން ދިއަ އެވެ. އެކުދީންގެ މަސައްކަތަކީ ޔޫހާ ތައްޔާރު ކުރުމެވެ. ހީވަނީ އާ ކައިވެނީގެ ރެއަކަށް ތައްޔާރު ކުރާ ހެންނެވެ. އެކުދީންގެ ހިމަހިމަ އަޑުން ހެމުން އެދައްކާ ވާހަކައެއް ޔޫހާ އަކަށް ނޭގެއެވެ. އެހެން ނަމަވެސް އެކުދީން ވަރަށް އުފަލުން އުޅޭކަން އެނގެ އެވެ. މޭކަޕުން ފުރާލާފައި ޔޫހާ އިން އިރު ލޯގަނޑުން ފެންނަމުންދާ ޔޫހާގެ ސޫރަ ޔޫހާއަށް ވެސް ބީރައްޓެހި ސޫރައެއް ފަދަ އެވެ.
ސާރާ އައިސް ކޮޓަރީގެ ދޮރުމައްޗަށް ހުއްޓެމުން ޔޫހާ އާއި ދިމާއަށް ހިނިތުން ވެލި އެވެ. އެވަގުތުވެސް ޔޫހާގެ ދެލޯ ފެންކަޅި ވެގެން ދިއަ އެވެ. އޭނާ ސަލާމަތް ކޮށްދިނުމަށް އެދި އެންމެ ފަހު ފަހަރަށް ވެސް އެދެލޮލުން އާދޭސް ކޮށްލި އެވެ. އެހެން ނަމަވެސް ސާރާ އަށް އެ މެސެޖް ރައްދުވީހެން ހިއެއް ނުވެ އެވެ. ސާރާ އައިސް ޔޫހާގެ ކޮނޑުގައި ހިފާ އުފުލާލަމުން ގަޑި ގާތް ވެއްޖެ ކަމަށް ބުނެލި އެވެ.
ނާމީ ފެންވަރާ ތައްޔާރު ވެލިއިރު ވެސް މިއަދު އޭނާގެ ބޮލަށް ލުއި ވާގޮތެއް ނުވެ އެވެ. ވާނީވެސް އެހެންނެވެ. އޭނާއަށް ރޭގައި ބޭނުން ކުރެވުނީ މާވަރަކަށެވެ. މަސްތުގެ އަސަރު އަދިވެސް ނުކެނޑެނީ އެވެ. މިހާރު އޭނާ އެ ތައްޔާރު ވަނީ "ގޯ ބޭބީ ގޯ" އަށް ދާށެވެ. އެތަނަށް ވަދެލަނިކޮށް އޭނާގެ ހުރިހާ ބޮލުގަ ރިހުމެއް އެއްފަހަރުން ކެނޑިގެން ހިނގައި ދާނެ އެވެ.
" ގޯ ބޭބީ ގޯ" އިން ނާމީ އަށް ވަރަށް ހޫނު މަރުހަބާއެއް ކިއެވެ. އެތަނަށް އާ އަންހެން ކުއްޖަކު ލިބޭ ދުވަހަކީ އެތަނުގެ އެންމެން ވެސް ވަރަށް އުފާވާ ދުވަހެކެވެ. އަދި އެ ބީލަން ކާމިޔާބު ކޮށްގެން އަންނަ މެހުމާނަކަށް ދެނީ ވަރަށް މަތިވެރި ޝަރަފެކެވެ.
ރޫމް ނަންބަރ 7 ގެ ދޮރު ހުޅުވާލާފައި ނާމީ އެތެރެއަށް ވެއްދުމަށް ފަހު ސާރާ ދޮރު ލައްޕާލި އެވެ. ބޮޑު ކޮޓަރީގެ މެދުގައި ހުރި އެނދުގެ ވަށައިގެން ވައްޓާލެވިފައިވާ ތުނި ނެޓް ފަރުދާގެ އެތެރޭން އެނދުގައި އިން ޒުވާން އަންހެން ކުއްޖާ ފެނުނެވެ. ނާމީ ދުރުގައި މަޑުކޮށްލައިގެން އިރު ކޮޅަކު ހުއްޓެވެ. ހަށިގަނޑުގެ ލޭ ހިނގުން ކިތަންމެ އަވަސް ވިއަސް ކެތްތެރިވާން އޭނާ މަސައްކަތް ކުރި އެވެ. އެވަގުތު ނާމީގެ ކަންފަތުގައި ޖެހުނު އަޑަކުން ނާމީގެ މޫނުގެ ކުލަ ބަދަލު ވެގެން ދިއަ އެވެ. އޭނާ ޔަޤީން ކޮށްލުމުގެ ގޮތުން ގާތަށް ޖެހިލި އެވެ. ހީވީ ރަނގަޅަށެވެ.
އެކުއްޖާ ރޮނީ އެވެ.
ނާމީ އެއްޗެއް އަހާލަން ބޭނުން ވިއެވެ. އޭނާ އާއި ވާހަކަ ދައްކާނީ ކިހިނެތް ހެއްޔެވެ! ކޮން ބަހަކުން ހެއްޔެވެ!
ފަރުދާގެ އަނެއް ފަރާތުގައި ހުރެ ނާމީ އިނގިރޭސިން އެއްޗެއް ބުނެލި އެވެ. ރޮނީ ހެއްޔޭ އަހާލި އެވެ. އެކުއްޖާ ޖަވާބެއް ނުދެ އެވެ. އެހެން ނަމަވެސް އޭނާގެ ގިސްލުމުގެ އަޑު ގަދަވެގެން ދިއަ އެވެ.
ރޯ ސަބަބެއް ނާމީއަކަށް ނޭގުނެވެ. އެތަނަށް އަންނަ ކުދީންނަކީ އެކަމަށް އެދިގެން، ގިނަ ފައިސާ ބޭނުން ވެގެން އަންނަ ކުދީންނެވެ. އެކުދީންނަށް ފިރިހެނުން ހޭދަ ކުރާ ފައިސާގެ ބޮޑު ޕަސެންޓެއް އޮންނަނީ އެކުދީންނަށް ލިބޭ ގޮތަށެވެ. އެއީ ނާމީއަށް އެނގިފައި ވާ ގޮތެވެ. އެ ކުއްޖާ ބޭނުމިއްޔާ ނާމީ އަދިވެސް އެ ކުއްޖާއަށް އިތުރު ފައިސާ ދީފާނެ އެވެ. އެ ގޮތަށް މުޅި ރޭ ހަރާބު ކުރަން އުޅެގެން ނުވާނެ އެވެ. މިރޭ އެހާ ފޮނި އުއްމީދަކާއި އެކު އެތަނަށް އައުމުން އެޖެހުނު ކަންތައް ގަނޑަކާއި ހެދި ނާމީ ހިސާބަކަށް ހިތްހަމަ ނުޖެހުނެވެ. އެވަރުގެ ބޮޑު އަގެއް ދީފައި އޭނާ އެތަނަށް އެއައީ އެ ސަކަރާތް ޖަހާކަށް ނޫނެވެ.
ނާމީ އިތުރަށް ފައިސާ ދޭނެ ކަމުގައި ވެސް ބުނެލައިފި އެވެ. އެހެނަސް ރުއިމުގެ އަޑު ހިނދު ކޮޅަކަށް ވުރެ ހިނދު ކޮޅަކަށް ވީ ގަދަ އެވެ. ނާމީ ގެ ބޮލަށް އުނދަގޫ ވެއްޖެ އެވެ.
އޭނާ އެތަނަށް ގެނައީ ގަދަ ކަމުންތޯ ނާމީ އަހާލީ ނުރުހިފަ އެވެ. އެހެން ނަމަވެސް އެކުއްޖާ އަވަސް އަވަހަށް ބޯ ޖަހާލި ގޮތުން ނާމީގެ ހިތުގައި ޝައްކެއް އުފެދިގެން ދިއަ އެވެ. އަނެއްކާވެސް ނާމީ ސުވާލު ކޮށްލީ އެތަނަށް އެކުއްޖާ ގެނައީ ކާކު ތޯ އެވެ.
އެވަގުތު އެކުއްޖާ ރުއިން ކޮންޓްރޯލް ކޮށްލި އެވެ. އެއްޗެއް ބުނަން އުޅުނުހެން ހީވި އެވެ. ނާމީ އިންތިޒާރުގައި ހުއްޓެވެ.
" މައި ހަސްބަންޑް!"
ފިރިމީހާއޭ ބުނުމުން ނާމީ ގެ ހިތުގައި ސުވާލުތައް ބޮނޑިވެގެން ދިއަ އެވެ. އޭނާއަށް އެ އާދެވުނީ ނުބައި ކޮޓަރިއަކަށް ބާއެވެ. އޭނާ އެއައީ މީހެއްގެ އަންބެއްގެ ކައިރިއަކަށް ނޫނެވެ. މީހަކާ ކައިރިވެސް ނުވާ ޒުވާން އަންހެން ކުއްޖެއްގެ ކައިރި އަށެވެ.
އިތުރު ސުވާލެއް ކޮށްލަން އަނގަ ހުޅުވާ ލުމާއިއެކު ނާމީ ހުއްޓުނުވެ. އޭނާ ގެ ސިކުނޑި ދިން ސިގްނަލް އަކުންނެވެ. އެ ކުއްޖާގެ އަޑުގައި ރައްޓެހި ގޮތެއް އެބަހުއްޓެވެ. ކޮންމެވެސް ތާކުން އޭނާ އެއަޑު ވަނީ އަހާފަ އެވެ. ނާމީ އިރުކޮޅަކު ހުރެފައި އަނެއްކާވެސް ސުވާލެއް ކޮށްލި އެވެ. ޖަވާބު ހޯދުމުގެ ނިޔަތަކު ނޫނެވެ. އަނެއްކާވެސް އެ އަޑު އަހާލުމުގެ މަޤުސަދު ގައެވެ. މިހާރު ފިރިމީހާ ކޮބާތޯ ނާމީ ސުވާލު ކުރި އެވެ. އެ ސުވާލުގެ ޖަވާބު ކުރެވެ.
" އައި ޑޯންޓް ނޯ! "
އެ އަޑު ކަންފަތުގައި ޖެހުމާއި އެކު ނާމީ ކުރިއަށް ޖެހިލާ އެނދުގެ ފަރުދާ ކަހާލި އެވެ. ޔޫހާވެސް ދިއައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ތެދުވެ ޔޫހާ ފަހަތަށް ޖެހިލި އެވެ. ކުރީން ޔޫހާ އާއި ދިމާއަށް ސިންގާއެއް ފަދައިން ފުންމައިގެން އައި އިންޑިއާ މީހާގެ މަތީން އޭނާ ހަނދާންވެގެން ދިއަ އެވެ. މޭ ތެޅިގަތެވެ. އެހެން ނަމަވެސް ނާމީގެ ސޫރަ ޔޫހާއަށް ފެނުނު ވަގުތު ޔޫހާގެ ހިތް ފިނިވެގެން ދިއައީ ކީއްވެ ކަމެއް ނޭގެ އެވެ.
ނާމީ ޔޫހާ އާއި ދިމާއަށް ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުއްޓެވެ. ޤަބޫލު ނުކުރެވިފަ އެވެ.
" ޔޫހާ؟"
ނާމީއަށް ބުނެވުނީ ޔަޤީން ނުވެފަ އެވެ. ޔޫހާގެ ނަން ކިޔާލި އަޑު އިވުނު ވަގުތު ޔޫހާގެ ގައިން ހީބިހި ނަގައިގެން ދިއަ އެވެ. އޭނާގެ ނޭވާ އަވަސްވެ އަނގަހުޅުވިގެން ދިއައީ ކުރެވުނު އިޙުސާސެއްގެ ސަބަބުން ނެވެ.
" ނާމީ!"
ޔޫހާއަށް ނާމީ އާއި ދިމާއަށް ދުއްވައި ގަނެވުނެވެ. އެދިއަ ގޮތަށް ގޮސް ނާމީގެ ހަށިގަނޑުގައި އޭނާއަށް ބައްދައި ގަނެވުނީ ދުވަހަކުވެސް ވަކިކޮށް ނުލެވޭހާ ބާރަށެވެ.