ދާއިންގެ އަޑު އިވިފައި ޔޫހާއަށް ހުއްޓުމެއް އައިކަން އެނގުނެވެ. ޔޫހާގެ ކޮންމެވެސް އިޝާރާތަކަށް ދާއިން އިންތިޒާރު ކުރި އެވެ. އެ ލިބުނު ޝޮކްގައި ޔޫހާއަށް ރޮވުނަސް ދާއިންއަށް އުފަލެއް ލިބޭނެ އެވެ. އެފަދަ އަޑަކަށް ދާއިން ސަމާލު ވެލި އެވެ. އެހެނަސް އިވުނީ އުއްމީދު ކުރިފަދަ އެއްޗެއް ނޫނެވެ.

" އަހަރެން ވެސް މިއުޅެނީ އިންނަން!"
ޝޮކު ލިބުނީ ދާއިން އަށެވެ. ޔޫހާގެ އަޑު އިވިފައި ދާއިންގެ އަތުން ފޯނު ދޫނުވީ ކިރިޔާ އެވެ!
ޔޫހާގެ ލޮލުން އޮހޮރިގެން ކަރުނަތައް ފެނުނީ ލޫނާ އަށެވެ. ކޮޓަރީގެ ތެރޭގައި ހުރި ލޫނާ ޔޫހާއަށް ނުފެނުނު ނަމަވެސް އެ މަންޒަރު ލޫނާއަށް ރީތިކޮށް ފެންނަމުން ދިއައެވެ. އިރުކޮޅެއް ވަންދެން އަނގައިން ނުބުނެ ހުރެފައި ޔޫހާ ފޯނު ބޭއްވީ އެވެ. ޔޫހާ ފޯނު ބޭއްވުމަށް ފަހު ބެލްކަނީ ގެ ރެއިލިންގް ގައި ހިފަހައްޓާލައިގެން ހުރެ ސިއްރު ސިއްރުން އެރުއި ރުއިން ގިސްލުމަކަށް ބަދަލުވި ތަން ލޫނާ އަށް ފެނުނެވެ. 

ލޫނާ ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަން ފަށައިފި އެވެ. ދައްތަ ފޯނުން ދެއްކި ވާހަކަ އޭނާއަށް އަޑު އިވުނެވެ. ދާއިން ގެ އަޑު ނީވުނު ނަމަވެސް ދާއިން އެބުނި އެއްޗެއްވެސް އޭނާއަށް ވިސްނުނެވެ. އެއީ އެއްގޮތަކަށް ވެސް ވެގެން ވާނެ ގޮތެއް ނޫނެވެ. ދާއިން ދެރަވާ ކަހަލަ ކަމެއް ވެގެން ނުވާނެ އެވެ. ދައްތަ އާއި ދާއިން ފަހުން ނުގުޅޭހާ ދުރަށް ގޮސްގެން ނުވާނެ އެވެ. ދައްތަ އާއި ނާމީ އިންނަން އުޅޭ ކަމެއް ލޫނާ އަކަށް ވެސް ނޭގެ އެވެ. އިނގޭކަށް ބޭނުމެއްވެސް ނޫނެވެ. އެކަން ހުއްޓުވުމަށްޓަކައި ކުރެވެން އޮތް ކޮންމެ ކަމެއް ލޫނާ ކުރާނެ އެވެ.

ދާއިން އިސް ޖަހާލައިގެން އެތައް އިރަކު އިނެވެ. މިވަގުތު އޭނާގެ މޫނު އެއްވެސް މީހަކަށް ދައްކާކަށް ބޭނުމެއް ނޫނެވެ. ހައްޤު ނޫން އެއްޗަކަށް އެދެވުނު ކަން އެއީ އޭނާގެ މައްސަލަ އެކެވެ. އެކަމުގެ ސަބަބުން އެވަރަށް އޭނާއަށް އަސަރު ކުރުން އެއީ އޭނާގެ ފިނޑި ކަމެވެ. އެހެން ނަމަވެސް އަދިވެސް އޭނާ ޔާނާ އާ އިންނާކަށް ބޭނުމެއް ނޫނެވެ.

ފަތިސް ނަމާދުން ފައިބައިގެން ޔޫހާ އާއި ލޫނާ ދިއައީ ހޮސްޕިޓަލަށެވެ. މިއަދަކީ އެމީހުންނާއި މަންމ ައާއި ބައްދަލު ކުރެވޭނެ ކަމަށް ޑޮކްޓަރ ބުނި ދުވަހެވެ. ދެ ދުވަސް ވަންދެން މަންމަ އޮތީ ނިންދަވާފަ އެވެ. ހީވާގޮތުން މިހާރު މަންމައަށް ވާނީ ހޭލެވިފަ އެވެ. 

އައިސީޔޫގެ ދޮރުމަތީގައި ކެތްމަދު ވެފައި ތިބޭތާ ދެ ގަޑިއިރު ފަހުން ޑޮކްޓަރ އައިސް އެތެރެއަށް ވަންތަން ފެނުނެވެ. އިރުކޮޅެއްގެ ފަހުން އެކުދީންނަށް އެތެރެއަށް ވަންނަން ހުއްދަ ލިބިއްޖެ އެވެ. މާތް ﷲގެ ކިބަފުޅަށް ޝުކުރު ކުރަމުން އަވަސް ވެފައިވާ ހިތަކާއި އެކު ދެކުދީން އެތެރެއަށް ވަނެވެ.

މަންމަގެ ދެލޮލުގެ އެތެރެ ފެނުމާއި އެކު އެކުދީންގެ ލޮލުގެ ތެރެއަށް ކަރުނަ ގިނަވެގެން ދިއައެވެ. ބޭރުގައި ތިބެގެން އެއްކުއްޖަކު އަނެއް ކުއްޖަކަށް ނުރޯން ކުރި ވައުދު ފުއްދޭ ގޮތެއް ނުވި އެވެ. ބަލާބެލުމަށް ދަރީންނާއި އެއްފުރައިގެ ޒުވާން ހައިފާ އޭނާގެ ލޯބިވާ ދެދަރީންނަށް ކަޅިޖަހާ ނުލާ ބަލަން އޮތެވެ. އެތައް ދުވަހަކަށް ފަހު އެކުދީން ދުށުމުގެ ނަސީބު އޭނާއަށް ލިބުމުން ހިތުގައި ރިއްސައި ގަތީ ކެތް ނުވާ ވަރަށެވެ. ދެލޮލުން ކަރުނަ އޮހިގަތީ ހިފެހެއްޓުމެއް ނެތި އެވެ. ޔޫހާ މަންމަގެ ގައިމަތީގައި ބޯއަޅާލިއިރު ލޫނާ މަންމަގެ މޫނުގެ އެތަން މިތަނުގައި ބޮސްދި ނެވެ. ލިބުނު އުފަލުގައި ހުރިހާ ހިތާމައެއް އެއްފަހަރާ ފިލައިގެން ހިނގައްޖެ ކަހަލަ އެވެ.

ގާތުގައި ތިބެގެން ޔޫހާއާއި ލޫނާ އެތައް ވާހަކައެއް ދެއްކި އިރުވެސް މަންމަ އޮތީ އަނގައިން ނުބުނެ އެވެ. އެކުދީން ދައްކާ ވާހަކަ އަޑު އަހާށެވެ. މަންމަގެ ކުޑަކުޑަ ބޭބީ ލޫނާ މަންމަގެ ގައިގައި ފިރުމަމުން މަންމަ އާއި ނުލާ އުޅުނު ހިތާމަވެރި ވަގުތު ތަކުގެ ވާހަކަ ދެއްކި އެވެ. ޔޫހާ އަށް ދިމާވި ކަންތަކުގެ ވާހަކަ ދައްކާކަށް ޔޫހާ ބޭނުމެއް ނުވި އެވެ. ޔޫހާ ބުނަމުން އައީ ﷲ އިރާދަފުޅުން މިހާރު އެހުރިހާ ކަމެއް ނިމުނީ ކަމަށެވެ. 

" ދެން އިރާދުކުރެއްވިއްޔާ އަނެއްކާވެސް އަހަރުމެންނަށް އުފަލުގަ އުޅެވޭނެ ދޯ މަންމާ!"
އެވަގުތު މަންމަގެ މޫނު މަތީން ފެނިގެން ދިއައީ އުފާވެރި އަސަރެއް ނޫނެވެ. ހިތް ދަތިކަން އިޙުސާސް ކުރެވިގެން ދިއައީ ހައިފާގެ ހިތަށް ވަން އެއްޗަކުންނެވެ.

" ދަރިފުޅާ!"
ހައިފާގެ ތުރުތުރު އަޅާއަތް ޔޫހާގެ އަތުގައި ޖައްސާލި އެވެ. ދުވަސް ގަނޑަކަށް ފަހު މަންމަގެ އަޑު އިވުމުން އެކުދީންގެ ހިތަށް ފިނިކަމެއް އިޙުސާސް ކުރެވުނެވެ. މަންމަގެ އަޑުގައި "ނިކަމެތި" ގޮތެއް ހުރި ނަމަވެސް އެއި ހަމަ އެއަޑެވެ. އޯގާތެރި އޮމާން އަޑެވެ.

" ބައްޕަ ކޮބާ؟"
މަންމަ އެ ސުވާލު ކޮށްލުމުން ޔޫހާއަށާއި ލޫނާ އަށް ލިބުނީ ސިހުމެކެވެ. އެތައް އިރެއް ވަންދެން އަނގައިން ނުބުނެ އޮވެފައި މަންމަ އެބުނީ ކީކޭ ހެއްޔެވެ! ޔޫހާގެ ހިތުގައި ބިރުވެރި ކަމެއް އުފެދިގެން ދިއަ އެވެ. މަންމަގެ ހަނދާނުން ބައެއް ފޮހެވުނީ ބާއެވެ! އަނގައިން ބުނަން ނޭނގިފައި ދެބޭން ތިއްބެވެ.

" ބައްޕަ މަރެއް ނުވޭ ދަރިފުޅާ!"
ޔޫހާ އާއި ލޫނާއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. އެދުވަސްތައްވެސް މަންމަ ހަނދާން އެބަހުއްޓެވެ. އެކަމަކު އެހެން އެބުނީ ކީއްވެ ހެއްޔެވެ!
" ކޮންމެސް ތަނެއްގަ ބައްޕަ ދިރި އެބަހުރި....ހަމަ ޔަޤީން!"
އަނެއްކާވެސް މަންމަގެ ލޮލުން ކަރުނަ އޮހެން ފަށައިފި އެވެ. އުމުރުން ސާޅީސް އަހަރުގެ މަންމައާއި ބައްޕަގެ ލޯތްބަކީ އަދިވެސް ޒުވާން ލޯތްބެކެވެ. 

" ބައްޕަ ހޯދާނީ ކިހިނެތް ދަރިފުޅާ؟"
މަންމަ ޔޫހާގެ އަތަށް ފިތާލަން މަސައްކަތް ކުރި އެވެ. ބުނާނެ އެއްޗެއް ޔޫހާއަކަށް ހަމަ ނޭގުނެވެ. ބައްޕަ ދުނިޔޭގައި ނެތްކަން އޭނާ އަށާއި ކޮއްކޮއަށް ރަނގަޅަށް އިނގެއެވެ. އަދި އެކަމާ މަންމައަށް ކުރާ އަސަރުވެސް އިނގެ އެވެ.

" އަހަރުމެން މިތިބީ އިންޑިއާގެ ބެންގަލޫރުގަ މަންމާ...!"
ލޫނާ ކޮންމެސް އެއްޗެއް ބުނެލި އެވެ. ހައިފާ އިރުކޮޅަކު ވިސްނާލި އެވެ. އޭނާ އެއްޗެއް ހަނދާން ކޮށްލީ އެވެ. ދެން އަނެއްކާވެސް ޔޫހާގެ މޫނަށް ބަލާލި އެވެ. 

" މާލެ ދާނީ ބައްޕަ ގޮވައިގެން....!"
މަންމަގެ އެވާހަކަތައް ގިނަވާން ފެށުމުން ޔޫހާއާއި ލޫނާވެސް ކަންބޮޑު ވިއެވެ. ދުވަސްގަނޑަކު ހޭނާރާ އޮވެފައި ހޭއެރުމުން މަންމަގެ ސިކުނޑިއަށް ގެއްލުމެއް ވީ ބާއެވެ. ބައްޕަ ގެއްލުނުތާ މިހާރު ކިހާ ދުވަހެއް ހެއްޔެވެ!

އައިސީޔޫގެ ތެރެއަށް ވަދެގެން އައި ނާމީ ފެނުމުން ކަޅި ޖަހާނުލާ ހައިފާ ބަލަން ފަށައިފި އެވެ. އޭނާގެ ހަނދާނަށް ކޮންމެވެސް އެއްޗެއް އަންނަން އުޅޭހެން ހީވެ އެވެ. ނާމީ އައިސް ޔޫހާގެ ފަހަތުގައި ހުއްޓިލި އެވެ. އެވަގުތު ނާމީ އެތަނަށް އައުމުން އެކުދީން ހިތްހަމަ ޖެހުނެވެ. އެކުދީން ތިބީ މަންމަ އެ ދައްކަމުން ދިއަ ވާހަކަ މެދުކަނޑާލާނެ ފުރުސަތެއް ބޭނުން ވެފައެވެ.

މަންމަ ނާމީއާއި ދިމާއަށް އެވަރަށް ބަލަން ފެށުމުން ނާމީއަށް ވެސް އުނދަގޫ ވެއްޖެކަން ޔޫހާއަށް އެނގުނެވެ.
" ދާއިން!"
މަންމަގެ އަނގައިން އެބަސް ބޭރުވި ވަގުތު ޔޫހާގެ އިތުރުން ލޫނާގެ ގައިންވެސް ހީބިހި ނަގައިގެން ދިއަ އެވެ. ދާއިންގެ ނަން ކިޔަން މަންމައަށް އެނގެން ވީ ކީއްވެ ހެއްޔެވެ! މިހުރިހާ ދުވަހު މަންމަ އޮތީ ކޯމާ އެއްގަ އެވެ.

" މީ ނާމީ!" 
ނާމީ ކުރިއަށް ޖެހިލާ ޔޫހާގެ މަންމައާއި ސަލާމް ކޮށްލި އެވެ. ދާއިންގެ ނަން އިވުމުން ނާމީއަށް އުނދަގޫ ވިއެވެ. ޔޫހާމެންގެ މަންމަ ހޭއެރިތާ އަދި މާގިނަ އިރެއްވެސް ނުވެއެވެ. މިހާ އަވަހަށް ޔޫހާމެން މަންމައަށް ދާއިންގެ ވާހަކަ ކިޔައި ދިނީ ތާއެވެ. ހިތްހަމަ ނުޖެހުނު ނަމަވެސް އެކަން ދައްކާކަށް ނާމީ ބޭނުމެއް ނުވި އެވެ. ނާމީ އާއި ދިމާއަށް ބަލަން މަންމަ އަނގައިން ނުބުނެ އޮންނަން ފެށުމުން ނާމީއަށް ވިސްނުނީ ކަނނޭގެ އެވެ. އޭނާ އިރުކޮޅަކު ހުރެލާފައި ނުކުތީ ބޭރަށެވެ. 

" ކޮބާ ދާއިން؟ "
ނާމީ ދިއުމުން މަންމަ ޔޫހާއާއި ސުވާލު ކޮށްލި އެވެ. މަންމައަށް ދާއިން އެނގުނީ ކިހިނެތްތޯ ޔޫހާ ސުވާލު ކުރީ ޙައިރާން ކަމާއި އެކުގަ އެވެ. 

" ދަރިފުޅާ.... މަންމަ ކޯމާގަ އޮތް އިރު، އަނގައިން ނުބުނެވުނަސް، ހަރަކާތެއް ނުކުރެވުނަސް، އަޑުއިވޭ.... ދުރުން ދުއްވާފަދާ އެއްޗެހީގެ އަޑުވެސް ހީވަނީ ކަންފަތް ކައިރިން ދުއްވާފަދާ އެއްޗެހިހެން. އެހާ އަޑުގަދަ....! ދަރިފުޅުމެން ދެއްކި ހުރިހާ ވާހަކައެއް އަޑުއިވޭ....!"
ލޫނާއާއި ޔޫހާގެ ހިތަށް ކުރަމުން ދިއަ އަސަރުން މަންމަގެ ގައިގައި ބައްދައި ގަނެވުނެވެ. އެއީ އެކުދީންނަށް ނޭގޭ ވާހަކަ އެކެވެ. ކޯމާގައި އޮންނަ މީހަކަށް އަޑުއިވޭ ވާހަކަ އެކުދީންނަށް އެ އިވުނީ އަލަށެވެ. މަންމަ އެހާލުގައި އޮއްވާ މަންމަ ކައިރީގައި ތިބެ އެކުދީން ކިހާ ޝަކުވާއެއް ކުރި ހެއްޔެވެ! ކިހާ ވާހަކައެއް ދެއްކި ހެއްޔެވެ! ގޮތް ހުސްވެފައިވާ މަންމައަށް އެއަޑު އިވުމުން ހިތުގައި ޖެހޭނެ ވަރު އެކުދީންނަށް އިޙުސާސް ކުރެވުނެވެ. 

" ސޮރީ!" 
ޔޫހާ މަންމަގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ބުންޏެވެ. ދައްތަ ނެތް ދުވަސްތަކުގައި މަންމަ ކައިރީގައި ހުރެ ރުއި ރުއިމާ ކުރެވުނު ޝަކުވާ ހަނދާން ވުމުން ލޫނާ ވަރަށް ދެރަވި އެވެ. ހައިފާ އޭނާގެ އަތުން ލޫނާގެ ދެލޯ ފޮހެ ދިނެވެ. އެކުދީންގެ ދެލޮލުން ވެއްޓޭ އެންމެ ކަރުނަ ތިއްކެއްވެސް އޭނާގެ ފުރާނައަށް ވުރެ އަގު ބޮޑެވެ.

" ދެރަނުވޭ...!"
ހައިފާ އެކުދީންނަށް ހިތްވަރު ދިނެވެ.
" ދަރިފުޅުމެން ދެއްކި ވާހަކައާ... ދަރިފުޅުމެން ރުއި ރުއިން އަޑުއަހާފަ މަންމަ ހިތްވަރު ކޮށްގެން އެނބުރި މިއައީ.... ދަރިފުޅުމެން އެކަނި ދޫކޮށްލާފަ މަންމަ ކިހިނެތް ދާނީ....! "
ކަރުނައިގެ ތެރޭން ތުންފަތް މައްޗަށް ލުއި ހިނިތުން ވުމެއް ވެރިކުރުވަން ހައިފާ މަސައްކަތް ކުރި އެވެ.

ދާއިން އިނީ ޔާނާގެ އިންތިޒާރު ގައެވެ. އޭނާ އެގެއަށް އެއައީ ގޮތެއް ނިންމައި ގެންނެވެ. ޔާނާ އަކީ ކުޑައިރުއްސުރެ އޭނާގެ އެންމެ ގާތް އެކުވެރިޔާ އެވެ. އޭނާގެ ސިއްރުތައް ހިއްސާ ކުރި ބައިވެރިޔާ އެވެ. ޔާނާއަށް ސިއްރު ކުރަންޖެހޭ އެއްވެސް ކަމެއް އޭނާގެ ހަޔާތުގައި ދުވަހަކުވެސް ނާންނާނެ އެވެ.

ފެންވަރާލައިގެން ނުކުތް އިރު ޔާނާ ފެންނަނީ ވަރަށް ތަފާތު ގޮތަކަށެވެ. ތެމިފައިވާ ދިގު އިސްތަށި ގަނޑުގެ ތެރޭން ޔާނާގެ މޫނު ފެންނަ އިރު ވަރަށް ހިތްގައިމެވެ. ވަރަށް ލޯތްބެވެ. އެހެން ނަމަވެސް އެވަރުންވެސް ދާއިންގެ ހިތްކިޔާ ގޮތެއް ނެތެވެ. 

" މީ ކޮން ގަޑިއެއް؟"
ޔާނާ އައިސް ދާއިންގެ ކުރިމަތީގައި އިށީން ނަމުން ހިނިތުން ވެލި އެވެ.
" އަހަރެން ވާހަކައެއް ބުނަން ވެގެން.... އައި ވޯންޓު ބީ އޮނަސްޓް ވިތް ޔޫ!"
ދާއިންގެ މޫނުމަތީގައިވާ ސީރިއަސްކަން ޔާނާގެ ހިތް ބިރުގަންނަވާލައިފި އެވެ.
" އަހަރެން ބޭނުމެއް ނޫން ޔާނާ ނޭގުމެއްގެ ތެރޭގަ ބަހައްޓާކަށް...!"
ޔާނާއާއި ނަޒަރު ވަކި ކޮށްލަމުން ދާއިން ދުރުބަލާލި އެވެ.
" އަހަރެން... ޔާނާއާ ކައިވެނި ކުރާކަށް ބޭނުމެއް ނޫން!"
ޔާނާގެ މޫނުމަތީގައި ހީވީ ބާރު އެތިފަހަރެއް ޖެހި ހެންނެވެ. ދާއިން ކައިވެނި ލަސްކޮށްލަން ބޭނުން ވިއަސް، ކައިވެނި ނުކުރަން ނިންމާނެ ކަމަކަށް ޔާނާ ހީވެސް ނުކުރެ އެވެ. ދާއިންގެ މޫނަށް ބަލަހައްޓައިގެން ޔާނާ އިރު ކޮޅަކު އިނެވެ.

" ވައި؟"
ޔާނާގެ އަނގައިން އެ އަޑު ބޭރުވެގެން ދިއައީ ވައި ކޮޅެއްގެ ސިފައިގަ އެވެ. އެއަޑު ޖެހުމުން ޔާނާއަށް ކޮށްފައިވާ އަސަރު ކިތަންމެ ރަނގަޅަކަށް ވެސް ދާއިން އަށް އެނގުނެވެ. އެހެން ނަމަވެސް މިވަގުތު ދާއިން ބޭނުން ވަނީ ޔާނާވެސް ހިތްވަރު ކުރާށެވެ.
" އަހަރެންނަކަށް ޔާނާދެކެ ލޯތްބެއް ނުވެވޭނެ.... އަބަދުވެސް އަހަރެން ދުށީ ޔާނާ އަކީ އަހަރެންގެ ކޮއްކޮއެއްގެ ގޮތުގަ.... އެންޑް....!"
އަދި ދާއިންގެ ވާހަކަ ނުނިމެ އެވެ.
" އަހަރެން ލޯބިވާ އެހެން މީހަކު އެބަހުރި! "
ޔާނާއަށް ލޯ މަރާލެވުނީ ކުރި އަސަރުގައި ކެތް ނުވެގެންނެވެ. ދާއިންގެ އެ ވާހަކަތައް ބަލައިގަންނަން މިވަގުތު ޔާނާއަށް ދަތި ވިއެވެ. އޭނާ އެއްޗެއް ނުބުނެ އިރުކޮޅަކު އިނދެފައި ތެދުވި އެވެ. ދާއިންގެ ކުރިމަތީގައި ފަޅައިގެން ދާކަށް ވެސް އޭނާ ބޭނުމެއް ނުވި އެވެ. ޔާނާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަންތަން ދާއިން އަށް ފެނުނެވެ. ފަހަތުން ދާން ބޭނުން ވިއެވެ. މިހާތަނަށް ޔާނާއަށް ދިމާވި ކޮންމެ ހިތްދަތި ކަމެއްގައި ދާއިން ވާނީ ޔާނާއަށް އެހީ ވެދީފަ އެވެ. އޭނާގެ ދެއަތުގެ ހިމާޔަތް ވާނީ ޔާނާއަށް ދީފަ އެވެ. އެހެން ނަމަވެސް މިވަގުތު އެކަން ވާކަށް ނެތެވެ. 

އިރުކޮޅަކު އެތަނުގައި އިނދެފައި ދާއިން ނުކުމެގެން ދާން ހިނގައި ގަތެވެ. އޭރު އޭނާގެ ހިތަށް ތަދުވެފައި ވީނަމަވެސް ސިކުނޑިއަށް ވަނީ ލުއިވެފަ އެވެ.

ކޮމެންޓް 0